ކޮރޯނާ ވައިރަސްގެ މެސެޖު
އިބްރާހީމް ރަޝީދު މޫސާ
_____________________________________________________________________________
މިއީ މުސްލިމު ޢިލްމުވެރީންގެ ބައިނަލްއަޤްވާމީ އިއްތިޙާދުގެ އަމީނު ޢާއްމު ޕްރޮފެސަރ ޢަލީ އަލްޤުއްރާ ކޮރޯނާ ވައިރަހާ ބެހޭ ގޮތުން ލިޔުއްވައިފައި ލިޔުމެއްގެ ކުރު ތަރުޖަމާއެކެވެ.
_____________________________________________________________________________
މަށަކީ ކާކުކަން ތިޔަބައިމީހުންނަށް އެނގޭނެހެނެއް ހީއެއްނުވެއެވެ. މިހެންވެ، އެންމެ ފުރަތަމަ މަށަކީ ކާކުކަން ތަޢާރުފުކޮށްލައިދޭނަމެވެ.
މަށަކީ ތިޔަބައިމީހުންގެ ދުނިޔޭގައި ހިނގަމުން ދިޔަ ހުރިހާ ކަންތައްތަކެއްގެ ޗާޓު ބަދަލުކޮށްލި ވައިރަހެވެ. އަހުރެން ބައިނަލްއަޤްވާމީ އިޖްތިމާޢީ، އިޤްތިޞާދީ، ސިޔާސީ، ސަޤާފީ، ދީނީ ނިޒާމު ގަނޑުބަޑުކޮށްލީމުއެވެ. އަހުރެން އަދިވެސް މި ކުރިއަށް ދަނީ މަގޭ މޮޅުކަމާއި، ވަރުގަދަކަމާއި، ޝާނާއި ޝައުކަތުގެ މަތީގައި މުޅި ދުނޔެ ހަވަރަށް ދެމުންނެވެ. މަގޭ ލަޝްކަރުތައް އޭޝިޔާއާއި ޔޫރަޕާއި އެމެރިކާގައި ދަނީ ރަށްތައް ފަތަޙަކުރަމުންނެވެ. އަހުރެން އުފަންވީ ޞީނު ކަރައިގައެވެ. މަށަކީ ވަރަށް ވިސްނުން ތޫނު ވަރަށް ކުރިއަރައިފައިވާ ވައިރަހެކެވެ. ތިޔަބައިމީހުންގެ ކުރިއަރައިފައިވާ މުވާޞަލާތީ ވަސީލަތްތަކުގެ ސަބަބުން މަށަށް ވަރަށް ބޮޑު އެހީއެއް ލިބުނެވެ. މަށަށް މިހާރު މި ވަނީ އެތައް މަފްހޫމުތަކަކަށް ލޮޅުން އަރުވައިލެވިފިއެވެ. އިސްތިހްލާކީ އައު ނިޒާމުތަކެއް ޤާއިމު ކުރެވިފައެވެ. އައު ސަޤާފަތެއް އެކުލަވައިލެވިފައެވެ.
މަށަކީ ޙަޤީޤަތް ނޭނގޭ މަޖްހޫލު ވައިރަހެކެވެ. ބައެއްފަހަރަށް ސާރސް ގެ ނަމުގައި އަނެއްބައިފަހަރަށް ޠާޢޫނުގެ ނަމުގައެވެ. މިފަހަރު ތިޔަބައިމީހުން މަށަށް ދިން ނަމަކީ ކޮރޯނާއެވެ. ނުވަތަ ކޯވިޑް – 19 އެވެ.
- އަހުރެން ތިޔަބައިމީހުންގެ ދުނިޔެ ބިރުވެރި، ހާސްކަން ބޮޑު، ފިކްރު ބޮޑު، ބިރާސްވެރި ތަނަކަށް ހަދައިފީމުއެވެ. ވެރިއެއް ރައްޔިތެއް ، އިރުމައްޗެއް ހުޅަނގެއް ތަފާތު ނުކޮށެވެ.
- އަހުރެން ދުނިޔޭގެ ބޭއިންސާފުވެރި އިޤްތިޞާދީ ނިޒާމާ ދެކޮޅަށް ތެދުވީމެވެ. އޭގެ އިމުގެ ތެރޭގައި ބަންދުކޮށްފީމެވެ. ހަ ޓްރިލިއަން ޑޮލަރުގެ ގެއްލުން އެއަށް ދީފީމެވެ.
- އަހުރެން ދުނިޔޭގެ ޙީއްޞާ ބާޒާރު ވީރާނާކޮށްލައިފީމެވެ. މިހާރު އެ ބާޒާރު ރަތްވެއްޖެއެވެ.
- އަހުރެން ދުނިޔޭގެ އެންމެ މުއްސަނދި 500 ބިލިއަނޭރުންގެ މުއްސަނދިކަމުން 500 ބިލިޔަން މަދުކޮށްލައިފީމެވެ.
- އަހުރެން ދުނިޔޭގެ ތެލުގެ އަގުން 50 % ދަށްކޮށްފީމެވެ.
- ދުނިޔޭގެ މަތިންދާބޯޓުފަހަރާއި އާގުބޯޓުފަހަރާއި ފަސިންޖަރު އުޅަނދުފަހަރުގެ ދަތުރުތައް ހުއްޓުވައިލީ މަށެވެ. ތިޔަބައިމީހުން ގޭގޭގައި ބަންދު ކުރީ މަށެވެ. ރަށްތަކާއި ޤައުމުތައް ފުރަބަންދު ކުރީ މަށެވެ. ރާޚާނާތަކާއި ، ނާސިގެތަކާއި ، ނައިޓްކްލަބްތަކާއި، މިޔުޒިކް ޝޯތައް ވެސް ހުއްޓުވައިލީ މަށެވެ.އަދި ކިއެއްހެއްޔެވެ؟ ތިޔަބައިމީހުންގެ ރަސްރަސްކަލުންނާއި ރައީސުންނާއި ވަޒީރުންގެ ބައްދަލުކުރެއްވުންތައް އޮންލައިންކޮށް ބާއްވަން މަޖްބޫރު ކުރުވީ މަށެވެ.
- ތިޔަބައިމީހުންގެ ތެރެއިން އެތައް ލައްކަ ބަޔަކު އަހުރެން މިދަނީ މަރަމުންނެވެ. އަދި މި ޢަދަދު ކޮންމެ ދުވަހަކު އިތުރުވަމުންދާނެއެވެ.
ތިޔަބައިމީހުންނަށް އެނގޭ ހެއްޔެވެ؟ އަހުރެން އެއްވެސް ކަމެއް އަމިއްލައަކަށް ނުކުރަމެވެ. މަށަކީ ﷲ ތަޢާލާގެ ސިފައިންގެ ތެރެއިން ސިފައިންގެ މީހެކެވެ. އަހުރެންގެ ތިޔަބައިމީހުންނާ ހަމައަށް ގެނެސްދޭ މެސެޖްތަކަކީ :-
1- ތިޔަބައިމީހުންގެ ތެރެއިން ގިނަ މީހުންނަކީ ދޮގުވެރިންކަން ހަނދާންކޮށްދެމެވެ. އިންސާނީ ޙައްޤުތަކަށް ތިޔަބައިމީހުން ވަނީ އަރައިގެންފައެވެ. ތިޔަބައިމީހުންގެ އަތްތަކުން ހޯދައިގެންފައިވާ ކަންތައްތަކުން ތިޔަބައިމީހުން ވަނީ އަނިޔާވެރިކަމާއި ފަސާދައިން ދުނިޔެ ފުރާލައިފައެވެ. އަނިޔާވެރީންނާއި ޚުދްމުޚްތާރު ވެރިން އަނިޔާވެރިކަމުގައި ބާރުން ، މީސްތަކުން މަރައި މީސްތަކުންނަށް އަނިޔާކުރަމުންދާ އިރު، ތިޔަބައިމީހުން އެބައިމީހުން ނުހުއްޓުވަމުއެވެ. އަދި ކިއެއްހެއްޔެވެ؟ ތިޔަބައިމީހުން އެމީހުންނަށް ތާއީދުކޮށް އެމީހުންގެ ޝަޚްޞީ އަދި އިޤްތިޞާދީ މަޞްލަޙަތުތަކަށް ތާއީދު ކުރީމުއެވެ.
މި ކަމުގެ ސަބަބުން މާތް ﷲ ހެއްދެވި އެންމެ މާތް މަޚްލޫޤުގެ ކަރާމަތާއި މިނިވަންކަން މި ވަނީ ގެއްލި ނިކަމެތި މީހަކަށް އޭނާ ވެފައެވެ.
2- އިންސާނުންގެ ތަފާތު ގިންތިތަކުގެ މެދުގައި ތަފާތު ބޮޑުކުރުވީ ތިޔަބައިމީހުންނެވެ. އަހުރެން ހަނދާންކޮށްދެން ބޭނުންވަނީ ބިލިޔަނެއްހާ މީހުން ބަނޑުފުރާނަ މުއްތި ކުރެވޭނެ ވަރުގެ ކާއެތިކޮޅެއް ނުލިބި ދުނިޔޭގައ މިއަދު އެބަ ތިބިކަމެވެ. އެމީހުންގެ ކިބައިގައި އުނުއޮރިޔާން ނިވާކުރެވޭނެ ތަނަވަސް ކަމެއް ނެތެވެ. ބޯހިޔާވަހިކަމެއް ނެތެވެ. އަހުރެންގެ ސަބަބުން ތިޔަބައިމީހުންނަށް ލިބުނު މާލީ ގެއްލުމުގެ ދިހަ ބައިކުޅަ އެއްބައި އެ ފަޤީރުންނަށް ހޭދަކުރިނަމަ އެމީހުން މުއްސަނދީންކަމުގައި ވާނެތެވެ.
3- އަނިޔާ ލިބިފައިވާ މީހުންނަށް ނަޞްރު ދިނުމުގައި ތިޔަބައިމީހުން ވަނީ ފަސްޖެހިފައެވެ. އެބައިމީހުންގެ އިންޞާފުވެރި ޤަޟިއްޔާތަކަށް އިންސާފެއް ހޯދައިނުދީ ތިޔަބައިމީހުން ވާގިވެރިވީ އަނިޔާވެރި ޤާތިލު ޙާކިމުންނަށެވެ. އަހުރެން ތިޔަބައިމީހުންނަށް އެމީހުންގެ ބިމާއި ވަޒަން ގެއްލިފައިވާ ރެފުޖީންގެ މަތިން ހަނދާންކޮށްދެމެވެ. އެމީހުން ބަތް ސުވައެއް ލިބޭތޯ ކުރި ދަތުރުތަކުގައި އެމީހުން ވަނީ މިޔަރުތަކުގެ ކާއެތިކޮޅަކަށް ވެފައެވެ. އަހުރެންގެ ސަބަބުން ތިޔަބައިމީހުންނަށް ގެއްލުނު ތަނަވަސްކަމުގެ 5 % އެމީހުންނަށް ދިންނަމަ އެމީހުންނަށް ކަރާމަތްތެރި ދިރިއުޅުމެއްގައި އުޅެވުނީހެވެ.
4- ތިޔަބައިމީހުން ވަނީ ތިޔަބައިމީހުންގެ އަމްނާއި އަމާންކަން ތަރައްޤީކޮށް ތިޔަބައިމީހުންގެ ނަފްސުތަކަށް އަމާންކަން ހޯދައިފައެވެ. އެހެނަސް ދުނިޔޭގައި ކާއެތިކޮޅާއި ދުޅަހެޔޮކަމުގެ އަމާންކަން ނެތިފައި އެތައް މިލިޔަން ޔަތީމުންނަކާއި ކުޑަކުދީންނެއް އެބަ ތިއްބެވެ. ބަނޑަށްޖެހިގެންނާއި ބަލިމަޑުކަމުގެ ސަބަބުން އެތައް މިލިޔަން ބަޔަކު ބިންމައްޗަށް ވެއްޓެމުން އެބަދެއެވެ. އަހުރެންގެ ސަބަބުން ތިޔަބައިމީހުންނަށް ގެއްލުނު މުއްސަނދިކަމުގެ 3 % ހޭދަކުރިނަމަ އެމީހުންނަށް ކާބޯތަކެތީގެ އަމާންކަމާއި ބޭސްފަރުވާކުރެވޭނެ މަގާއި އުނގެނުމުގެ ދޮރު ތަނަވަސްވެގެންދާނެއެވެ.
5- ތިޔަބައިމީހުން ބާޒާރުތަކާއި މަސައްކަތުގެ ފުރްޞަތުތައް ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށްޓަކައި ބައްކުރީމުއެވެ. ދުނިޔޭގައި މަސައްކަތެއް ލިބިފައިނުވާ އެތައް މިލިޔަން ޒުވާނުންތަކެއް ތިބިކަން އަހުރެން ހަނދާންކޮށްދެމެވެ.އަހުރެންގެ ސަބަބުން ތިޔަބައިމީހުންނަށް ގެއްލިގެން ދިޔަ މުއްސަނދިކަމުން 2.5 % ހޭދަކުރިނަމަ އެ ޒުވާނުންގެ އުއްމީދުތައް ޙާޞިލުކޮށްދެވުނީހެވެ.
6- އަނިޔާ ލިބިފައިވާ ޤައުމުތަކުގެ ރައްޔިތުންގެ މުއްސަނދިކަން ދަވާލިއިރު ތިޔަބައިމީހުން ހަނުހިމޭނުންލައިގެން ތިބިތިބުންމަތިންނާއި އެމީހުންނާއެކު ތިޔަބައިމީހުން ކުރަމުންދާ މުޢާމަލާތުތަކުގެ މަތިން ހަނދާންކޮށްދެމެވެ.
7- ނިކަމެތި ޤައުމުތަކުގެ މީހުންގެ ޙައްޤުތަކަށް އަރައިގަނެ އެމީހުންގެ ބިންތައް ހިފައިގެން އުޅޭމީހުންނަށް ތާއީދުކޮށް އެފަދަ މީހުންނަށް ޙައްޤުނުވާ ރަށްތައް (ޤުދުސްފަދަ ރަށްތައް) އެމީހުންނަށްދީ ޙައްޤު ބާޠިލަށް ހެދިއިރު ތިޔަބައިމީހުން ބަހެއް ނުބުނެ ތިބީތީ އެކަން ހަނދާންކޮށްދެމެވެ. އެފަދަ ބާޠިލު ކަންކަމަށް ބިލިޔަނުން ބިލިޔަނުން އެހީވި މީހުންގެ ބިލިޔަންތައް މިއަދު ކޮބައިހެއްޔެވެ؟
8- ތިޔަބައިމީހުންގެ ތެރެއިން ގިނަބަޔަކު ﷲ ތަޢާލާގެ މަތިން ހަނދާންނެތިފައިވާކަން ހަނދާންކޮށްދެމެވެ. ތިޔަބައިމީހުން ކޮންމެ ކަމެއް ވެސް ރައްދު ކުރަނީ މާއްދާއަށެވެ. ތިޔަބައިމީހުން މާއްދާއަށް އަޅުކަން ކުރާ ފަދައެވެ. ތިޔަބައިމީހުންގެ ޚާލިޤުގެ މަތިން ހަނދާން ނެތިއްޖެއެވެ. އަހުރެން މިއައީ ކުޅަދުންވަންތަ ޚާލިޤު ﷲގެ މަތިން ހަނދާންކޮށްދިނުމަށެވެ. [فَلَوْلَآ إِذْ جَآءَهُم بَأْسُنَا تَضَرَّعُوا۟ وَلَـٰكِن قَسَتْ قُلُوبُهُمْ وَزَيَّنَ لَهُمُ ٱلشَّيْطَـٰنُ مَا كَانُوا۟ يَعْمَلُونَ] - ([ފަހެ، ތިމަންރަސްކަލާނގެ عذاب އެއުރެންނާ ހަމަޔަށް އައިހިނދުވެސް، އެއުރެން ކިޔަމަންވެ މަޑުމޮޅިނުވީ ކީއްވެގެންބާވައެވެ؟ އެހެނެއްކަމަކު އެއުރެންގެ ހިތްތައް ހަރުކަށިވެފައިވެއެވެ. އަދި އެއުރެން ކޮށްއުޅުނު ކަންތައް އެއުރެންނަށް شيطان އާ ޒީނަތްތެރިކޮށް ދެއްކިއެވެ.]) (سورة الأنعام:43)
މަގޭ ދައުރު އަދާކޮށް ނިމުމުން އަހުރެން ދާނަމެވެ. އެހެނަސް ތިޔަބައިމީހުންގެ ނަފްސުތައް އިޞްލާޙުނުކޮށްފި ނަމަ، އައު ނަންނަންނަމުގައި އަހުރެން އަދިވެސް ފާޅުވާނަމެވެ.
______________________________