އަދުގެ ޚާއްސަ

Print

މަޢާފު (8)

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ވާހަކަ

އަސްމާ އަބޫބަކުރު، ހއ. ދިއްދޫ

"ހައި. މުނާ ކިހިނެއްތަ؟" އެފް.ބީ ހުޅުވައިލުމާއެކު މުނާ އަށް ފެނުނު މެސެޖުން ހައިރާންވިއެވެ. ނުދަންނަ މީހަކު މެސެޖުކޮށްފައި އޮތުމުންނެވެ. 

"މުނާ ރަނގަޅު. ތީކާކު؟" މުނާ ބޭނުންވީ ވާހަކަ ދައްކަނީ ކާކުތޯ ބަލާށެވެ. ވާހަކަ ދައްކާހިތްނުވިއަސް އަނެއް ކޮޅުން މެސެޖުކުރާ މީހަކު ދެނެގަންނަން ބޭނުންވިއެވެ.

" މުނާ ޑިއުޓީގައި؟" އަނެއްކާ ވެސް އެ ކުރީ މުނާ ދަންނަ މީހަކު ކުރާ ކަހަލަ ސުވާލެކެވެ. 

" ތީ ކާކުހޭ؟ އަހަރެންގެ މަޢުލޫމާތު ދިނީ ކާކު؟" އަނެއްކާ ވެސް މުނާކުރީ ސުވާލެކެވެ. 

"މީގެ ދެތިން މަސް ކުރިން އަހަރެމެން އެފް.ބީ އިން ވާހަކަ ދެއްކިން. އޭރު މުނާ އުޅެނީ ނާރސިން ކޯހެއްގައި. އަހަރެމެން މީ ރައްޓެހިން. މިހާރު ހަނދާން ނެތުނީ؟" ސާހިލްގެ ވާހަކައަށް މުނާ ސިކުނޑިއަށް ބާރުލާފައި ވިސްނިއެވެ. އެހެންނަމަވެސް ހަނދާނަކަށް ނައެވެ. މުނާ ޤަބޫލުކުރި ގޮތުގައި ސާހިލްއަށް އެ މަޢުލޫމާތު އެނގޭނީ މުނާއަށް ބުނެވުމުންނެވެ. 

"އިންސާނިޔަތަށް ޚިދުމަތް ކުރުމުގައި އުޅޭ ހީވާގި ކަނބަލެއް ތީ." ސާހިލްގެ ބަސްތައް އަޑުއިވުމުން މުނާ ވާހަކަ ދައްކާން ފެށިއެވެ. 

"ހަނދާނުގައި ހަރުލައިފައެއް ނެތް ތިޔައީ ކާކުކަމެއް. ބުނެދެވިދާނެތަ؟" މުނާ ބޭނުންވީ ކާކުކަން ދެނެގަންނާށެވެ. 

"ތީ އެއްވެސް ކަމެއް ނޫނެއްނު. މީ އަޙުމަދު ސާހިލް. މަސައްކަތް ކުރަނީ ސަންއައިލެންޑްގެ ޑައިވިން އިންސްޓްރަކްޓަރެއްގެ ގޮތުގައި." މުނާ އަށް ހިނިތުންވެވުނީ ނާހިޒާ އެއްރިސޯޓެއްގައި ސާހިލް ނޫޅޭތީއެވެ. އެހެން ނޫންނަމަ ވާހަކަ ދެއްކިއަސް އޮންނާނީ ނާހިޒަށް އެނގިފައެވެ. މި ފަހަކަށް އައިސް މުނާ އާއި ނާހިޒު އެއްގޮތަކަށް ވެސް ވާހަކައެއް ނުދައްކައެވެ. ނާހިޒު މުނާއަށް އޮޅުވައިލީއެވެ. މީހަކާ އިނދެގެން އުޅޭކަން ފަޅައިއެރީއެވެ. އަދި ދަރިއަކު ހުންނަ ވާހަކަ ވެސް ސިއްރުކޮށްގެން ނާހިޒު އުޅުނުކަން މުނާއަށް އެނގުނީއެވެ. އެކަމާ ރުޅިއައިސްގެން މުނާ، ނާހިޒާ ދިމާއަށް އެއްޗެހި ގޮވިއެވެ. އެހާ ހިސާބުން އެގުޅުން ނިމުމަކަށް އައީއެވެ. އެހެންނަމަވެސް މުނާއަށް ނާހިޒުއާ ވާހަކަ ނުދައްކައި ހުރުންވީ ވޭނަކަށެވެ. ނާހިޒުދެކެ މުނާއަށް ވެވުނީ މާވަރުގަދަ ލޯތްބެކެވެ. 

ސާހިލާއި މުނާގެ އެކުވެރިކަން ފެށިއްޖެއެވެ. ސާހިލަށް ހުސް ވަގުތެއް ވާއިރަށް މުނާއާ ޗެޓް ކުރުމުގައި ގިނަ ވަގުތު ހޭދަކުރެއެވެ. މަޑުމަޑުން ނާހިޒުގެ ހަނދާންތަކާ ދުރުވުމަށް ޓަކައި ސާހިލްގެ އެކުވެރިކަން މުނާއަށްވީ ރަނަގަޅު ފަރުވާއަކަށެވެ. 

ހުކުރުދުވަހު ލީޒާ އުޅުނީ ބަދިގޭގައި އަވަދިނެތި މީރުކެއުމެއް ހެދޭތޯއެވެ. ކޮންމެ ހުކުރު ދުވަހަކީ ކުކުޅުގެ ބާވަތްތަކުން މޭޒުމަތި ފަޅުފިލުވާލުމަށް ލިބޭ ދުވަހެވެ. ލީމް ނިދައިފައި އޮތުމުން ބާރަ ޖަހަންވާއިރަށް ކައްކައި ނިންމައިލުމަކީ ލީޒާގެ އާދައެވެ. ލީޒާގެ މަންމަ އެދުމާއެއްގޮތަށް ޒިންމާދާރު ކަމާއެކު ލީޒާ ބަލަމުންދަނީ ރަނގަޅު ދިރިއުޅުމެއް އުޅެވޭތޯއެވެ. މަންމަގެ ޚިޔާލުގައި ހުރެގެން ލީޒާ ކައްކާ ނިންމާލައިފިއެވެ. 

"ނާހިޒު.. ފާޚާނާގައި ހާދައިރެއް ތިވަނީ. މިހާރު އެހެރަ ހުކުރު ޚުތުބާ ކިޔަންފެށީ." ލީޒާ ކޮޓަރީގައި ހުރެގެން ނާހިޒަށް ގޮވަމުން ދިޔައެވެ. ބާރަ ޖެހިއިރު ފާޚާނާއަށް ވަން ގޮތަށް އަދިވެސް ނުނިކުމެއެވެ. ލީޒާގެ ހިތަށް ބިރުވެރިކަން ވަދެއްޖެއެވެ. އަނެއްކާ ނާހިޒު... ލީޒާ މަޑުމަޑުން ގޮސް ފާޚާނާގެ ދޮރުގައި އަތްޖައްސާލިއެވެ. ދޮރުހުރީ ތަޅުނުލައެވެ. މަޑުމަޑުން ދޮރު ހުޅުވާލުމާއެކު ލީޒާގެ ދެލޯ ބޮޑުވެއްޖެއެވެ. ނާހިޒު އޮތީ ފާޚާނާގެ ކަނުގައި ކުރުގެޅިފައެވެ. މުޅިމީހާ ތުރުތުރުއަޅާ ޙާލުގައެވެ. މަސްތުވާތަކެތި ބޭނުންކުރަނީއެވެ. ވީދެރައާއި އައި ރުޅިން ލީޒާގެ ނަފްސު ތުރުތުރު އަޅަމުން ދިޔައެވެ. 

" ނާހިޒު.." ރުޅިއައިސްގެން ހުރެ ލީޒާ ގޮސް ނާހިޒު ވަސްބަލަން އިން ކަރުދާސްގަނޑު އަތުލައިފިއެވެ. އެ ވަގުތު ނާހިޒު ގާތަށް ވެސް ރުޅިއަތުވެއްޖެއެވެ. ދެލޯރަތްކޮށްގެން ހުރެ ލީޒާއާ ދިމާއަށް އަންނަން ފެށުމުން ލީޒާ ދުއްވައިގެންފިއެވެ. 

"މަންމާއއއއއއ" ލީޒާ ބާރަށް ގޮވާލިއެވެ. އެވަގުތު ޖަހުޒާ ދުވެފައި ލީޒާގެ އަޑަށް ކޮޓަރިން ނިކުމެއްޖެއެވެ. ނާހިޒު ހުރީ ހަމަހެއަކު ނޫނެވެ. މަސްތުވެފައެވެ. ނާހިޒަށް ހެދޭ ނުހެދޭއެއް ނޭނގުނެވެ. ދިޔަ ގޮތަށް ގޮސް ލީޒާގެ ގައިގައި ޖަހައިފިއެވެ. 

"ގެނޭ. ހަމަ..މިހާރު... ގެނޭ.... ކަލޭތީކާކު... އަހަރެން ގެންގުޅޭ.. އެއްޗެހި... އަތުލަން." ނާހިޒު ދެލޯ ވަށްކޮށްލައިފައި ހުރެގެން ލީޒާގެ އަތުގައި ޖަހައިފިއެވެ. އަދި މޫނުމަތީގައި ވެސް ޖެހިއެވެ. ޖަހުޒާއަށް އެވަގުތު ލީޒާ ޙިމާޔަތް ކުރެވޭތޯ މަސައްކަތްކުރި ނަމަ ވެސް ރުޅިގަދަ ސިންގާއެއްގެ އަތްދަށުވެފައި ހުރި ލީޒާ ދުރެއް ނުކުރެވުނެވެ. ނާހިޒުގެ އަތުގައި ހިފައި ޖަހުޒާ ދަމައިގަތެވެ. ނާހިޒު ބަލާކަށް ނުހުރެ ޖަހުޒާގެ ގައިގައި ޖަހައިފިއެވެ. 

"ލީޒާ ދޫކޮށްލާ! ހެޔޮނުވާނެ. އެފަކީރަށް އެހެން ނުހަދާބަލަ ނާހިޒޫ." ޖަހުޒާގެ އަޑެއް ނާހިޒަކަށް އިވޭހެނެއް ހިއެއްނުވެއެވެ. ލީޒާއާ ޖަހުޒާ ރޮމުން ދިޔައެވެ. ނާހިޒު ހީކުރީ ލީޒާގެ އަތުގައި ކަރުދާސްކޮޅު އޮތްކަމަށެވެ. އޭރު ލީޒާގެ އަތުގައި އެކައްޗެއް ވެސް ނެތެވެ. ލީޒާ އެތިކޮޅު އެއްލާލި ކަމެއް ނާހިޒަކަށް ނޭނގެއެވެ.

ހުޖޫދު ހުކުރުން އައިސް ގެއަށް ވަންއިރު ގޭގެ ޙާލަތު އޮތީ މުޅިން ގޯސްވެފައެވެ. ޖަހުޒާ އާއި ލީޒާ ރޮމުން ގެންދިޔައެވެ. ލީޒާގެ މޫނުމަތި ހުރީ ދުޅަވެފައެވެ. ނާހިޒު އެ ވަރަށް ލީޒާގެ ގައިގައި ތަޅައިފިއެވެ. މީގެ ކުރިން ދުވަހަކު ވެސް ނާހިޒު ޖަހައިފައެއް ނުވެއެވެ.  ވެގެން އުޅޭ ގޮތް ހުޖޫދަށް ޖަހުޒާ ކިޔައިދިނެވެ. ނާހިޒު ގޮސް ފާޚާނާއަށް ވަދެ ދޮރު ތަޅުލައިފިއެވެ. 

"ދަރިފުޅާ. ލީޒާ. އަވަހަށް ހިނގާ ޑޮކްޓަރަށް ދައްކަން ދާން. މުޅިމޫނުމަތި ތިހިރީ ދުޅަވެފައި." ޖަހުޒާގެ ވާހަކައަށް ލީޒާ ނޫނެކޭ ބުނުމުގެ ގޮތުން ބޯހޫރައިލިއެވެ. 

އެދުވަހުގެ ހަވީރުވަގުތެވެ. ލީޒާ ފޮށްޓަށް އެއްޗެތި އަޅަމުން ދިޔައީ އެނބުރި ރަށަށް ދިއުމަށް ޓަކައެވެ. އަބަދުގެ އަބަދަށެވެ. ނާހިޒު ހޭވެރިކަން ވެގެން އައިސް ލީޒާ ކުރާކަމެއް ފެނުމުން ޙައިރާން ވެއްޖެއެވެ. 

"ކޮންތާކަށް ދާން ތިޔަ ތައްޔާރުވަނީ؟" ނާހިޒުގެ ވާހަކައަށް ލީޒާ ޖަވާބު ނުދިނުމުން ލީޒާގެ މޫނާ ދިމާއަށް ބަލައިލިއެވެ. އެ ވަގުތު ލީޒާގެ ލޮލުން ކަރުނަ ފައިބާ ތަން ނާހިޒުއަށް ފެނުނެވެ. ލީޒާގެ އަތުގައި ހިފައި ނާހިޒުގެ ގާތަށް ލީޒާ ގެނެސް މޫނު ނާހިޒު އާ ދިމާއަށް އަނބުރާލުމާއެކު ލީޒާގެ މޫނުމަތި ދުޅަވެފައި ހުއްޓައި ފެނިއްޖެއެވެ. ނާހިޒަށް ލީޒާގެ މޫނު ފެނުމުން ޖަހާފައި ހުރި ނިޝާންތައް ފެނުނެވެ. 

"ކާކު ޖެހީ. މޫނަށް ކީއްވެފައި ތިހުރީ. ކިހިނެއްވެގެން ތިއުޅެނީ. ވެގެން އުޅޭ ގޮތް ކިޔައިދީބަލަ." އެވަގުތު ޖަހުޒާ އާއި ހުޖޫދު އެ ކޮޓަރިއަށް ވަދެއްޖެއެވެ. 

"ކާކުހޭ ޖެހީ އެބަ އަހައެއްނު. ތީ މަގޭ ދަރިއެކޭ ބުނަން މިހާރު ލަދުގަނޭ.  ކުރެވޭ ނުކުރެވޭ ކަމެއް ނާހިޒަށް އެބަ އެނގޭތަ؟ މިއަދު ހުކުރަށް ދާން ފެންވަރާން ވަދެ މަސްތުވާތަކެތި ބޭނުންކުރާން ފެށުމުން ލީޒާ އަތުލީމަ ކޮށްފައިހުރި ވަރު ތިހުރީ ފެންނަން. މިހާރު އެނގިއްޖެ؟ މާތްﷲ ޙަރާމް ކުރެއްވި އެއްޗެތީގެ ބޭނުން ތިޔަ ކުރަނީ ނަރަކައިގެ ޢަޒާބަށް ބިރުވެތި ވުމެއް ނެތީތަ؟ ކޮބައިތަ އަހަރެމެން ދަސްކޮށްދިން އިސްލާމީ ރިވެތި އުޞޫލްތައް؟ ބޮޑުވެ ތަޞައްރަފް ފުދިގެން މީހުނާ އިންނައިރު ރަނގަޅާއި ނުބައި ވަކިނުވާންވީ ކީއްވެ؟" ހުޖޫދު ރުޅިވެރިކަމާއެކު ބުނަމުން ދިޔައެވެ. 

" ލީޒާ އެދަނީ އަބަދުގެ އަބަދަށް މިރަށް ދޫކޮށްފައި ދާން. ތިޔަކަހަލަ މީހަކު އިސްލާޙް ކުރަން އުޅެއުޅެ އެކަމެއްނުވި. ކިތައް ފަހަރު ބުނިންތަ މަންމަ ގާތު ދެން އެކަހަލަ ކަމެއް ނުކުރާނަމޭ. އެކަމަކު އެކަން ހުއްޓުނުތަ؟ ދަރިޔަކު ލިބުނީމާ ދެން ވެސް ރަނގަޅު ދިރިއުޅުމެއް އުޅެން ނާހިޒު ވިސްނިންތަ؟" ޖަހުޒާ ބުނަމުން ދިޔައެވެ.

"އަހަރެން.. ބޭނުމެއް.. ނޫން.. ނާހިޒުއާ އެކީ އުޅޭކަށް.. އަހަރެން.. ދޫކޮށްލާ.. މަންމަ އަންގައިފި.. ރަށަށް އަންނަން.." ލީޒާ ރޮމުން ގިސްލަމުން ވާހަކަ ދެއްކިއެވެ. ވީގޮތް އެނގުމުން ނާހިޒު އަމިއްލަ ނަފްސު ދެކެ ރުޅިއަތުވެއްޖެއެވެ. ހަމަހޭގައި ނުހުރެ ލީޒާއާއި މަންމައަށް އަނިޔާ ކުރެވުނީތީއެވެ. މަސްތުވާތަކެތީގެ ވަބާޖެހި މުޅި މީހާ ހަލާކުގެ ތެރެއަށް ވެއްޓުނީތީއެވެ. ނާހިޒު ހިތާ ދެކޮޅަށް ނަމަވެސް ލީޒާ މިނިވަންކޮށްދީފިއެވެ. 

އާ ދުވަހަކަށް އިރުއެރީ އާ ޢަޒުމަކާއެކުއެވެ. މަސްތުގެ ވަބާއިން ދުރުވުމަށް ނާހިޒު ނިންމިއެވެ. އެކަމަށްޓަކައި ހިތްވަރު ހޯދުމަށް ފަސްވަގުތު ނަމާދުކުރުމަށް ޢަޒުމު ކަނޑައެޅިއެވެ. އެހެންނަމަވެސް ކުއްލިއަކަށް ލީމް އާއި ލީޒާ ނެތުމުން ގޭތެރެ ފަޅުވެއްޖެއެވެ. މަންމަ އެނދުން ނުތެދުވާކަން އެނގުނީ މެންދުރުވީއިރު ވެސް ގޭގައި އެއްޗެއް ކައްކާފައި ނެތުމުންނެވެ. 

"ހުރިހާ ކަމެއް ދިމާވަނީ އަހަރެން އުޅުނު ގޮތުން. މަންމަ ހިތާމަ ކުރަނީ އަހަރެންގެ ސަބަބުން. ނާހިލް މަންމަ ބޭނުންވި ގޮތަށް ކިޔަވައި ނިންމައިފި. އަހަރެން ނުވި އެއްވެސް މީހަކަށް. އަނބިމީހާއަށް ހެޔޮ މީހަކަށް ވެސް ނުވެވުނު. ދަރިފުޅަށް ރަނގަޅު ބައްޕައަކަށް ނުވެވުނު." ނާހިޒު އަމިއްލަ ނަފްސާ ވާހަކަ ދައްކަމުން ދިޔައެވެ. ކިތަންމެ ވަރަކަށް މަސައްކަތް ކުރިއަސް އަތުގައި އެންމެ ރުފިޔާއެއް ނޯވެއެވެ. ބަނޑުހައިވުމުން ނާހިޒު ކޮޓަރިން ނިކުމެގެން ގޮސް ބަދިގެއަށްވަދެ ކޮފީތަށްޓެއް ހަދައިގެން ބޯފަށައިފިއެވެ. ބޯން އުޅުނު ކޮފީތަށި ނުބޮއެ ބަހައްޓައިފިއެވެ. ބައްޕަ ދިޔައީ ލީޒާ ގޮވައިގެންކަން ހަނދާންވިއެވެ. 

" މަންމަ އޮންނާނީ އެއްވެސް އެއްޗެއް ނުވެސް ކައި. ޖޫސްތަށްޓެއް ހަދަންވީ. މިއަދު ގޮސް މަންމަ ގާތު މަޢާފަށް އެދިފައި މަންމަ ގޮވައިގެން ނާހިލް ގާތަށް އެންމެން ބަދަލުވާން ބުނާނީ. އޭރުން އަހަރެން އިސްލާހް ވާނެކަމަށް މަންމައަށް ޤަބޫލު ކުރެވޭނީ." ނާހިޒު ޖޫސްތަށި ގިރަމުން ވިސްނަމުން ދިޔައެވެ. މަންމަގެ ކޮޓަރީގައި ދެފަހަރަކު ޓަކި ޖަހާލުމުންވެސް އެއްވެސް ޚަބަރެއް ނުވިއެވެ. މަޑުމަޑުން ދޮރު ހުޅުވާލާފައި ނާހިޒު އެތެރެއަށް ވަނެވެ. 

" މަންމާ. މަންމާ." ނާހިޒު މަންމައަށް ގޮވަމުން ދިޔައެވެ. މަންމަގެ ޚަބަރެއް ނެތެވެ. 

 (ނުނިމޭ)

އިދާރާ

ވާހަކަ