އަދުގެ ޚާއްސަ

Print

ބާވެފައިވާ މައުޟޫޢެއް: ދެންނެވުމާއި ވިދާޅުވުން

ޝާޢިއުކުރީ އިދާރާ . ހިމެނޭބަޔަކީ ދިވެހި

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ކަންކަމާމެދު ވިސްނޭނީ އެކަމެއް އެނގޭނަމައެވެ. ކަމެއް އެނގިފައި އޮތުމަކީ ބައެއް ފަހަރު ހާދަހާ ހިތަށް ތަދުވާކަމެކެވެ. ކަމެއްގެ އެކޮޅުމިކޮޅު އެނގިފައިވާ މީހަކަށް އެކަމެއް ނުބައިކޮޅަށް ދާން ފެށީމާ ވަރަށް ދެރަވާނެއެވެ. ބޮލަށް އުނދަގޫވާނެއެވެ. ހިތަށް ތަދުވާނެއެވެ. ނޭނގޭނަމަ ދެރަވާކަށް ވެސް ލަދުގަންނާކަށް ވެސް ނޭނގޭނެތާއެވެ. މިއަދު އަޅުގަނޑު މި އުޅޭނީ އެފަދަ ވާހަކައަކަށް އިންސާފުކުރެވޭތޯއެވެ.

"ފަންވަތު"ގެ އަހުލުވެރިއަކު އަދި ރައްޓެއްސަކު ފޭސްބުކުން ބައްދަލުވެގެން މިއަދު ވިދާޅުވިއެވެ. ދެންނެވުމާއި ވިދާޅުވުގެ މައްޗަށް އަޒީ އަދި ލިޔެފައެއް ނެތެވެ. އަޅުގަނޑު ދެންނެވީމެވެ. ކިތަންމެ ފަހަރަކު ތިޔަ މައުޟޫޢަށް ލިޔެފީމެވެ. (އަޅުގަނޑު އެހެން ދެންނެވީ އެ މައުޟޫޢަކީ އަޅުގަނޑު ވަރަށް ގިނައިން ވާހަކަދައްކައި ބަހުސްކޮށްފައިވާ މައުޟޫޢަކަށްވާތީއެވެ. އެކަމަކު އެއީ، ލިޔެވުނީ ކަމެއް ކިޔަވައިދެވުނީ ކަމެއް މާ ރަނގަޅަކަށް ހަނދާނެއް ނެތެވެ.) އެ ބޭފުޅަކު ވިދާޅުވިއެވެ. ތިމަން ތިޔަ ލިޔުމެއް ދެކެވަޑައެއް ނުގަންނަވަމެވެ. 

މިއީ މީހުން މާ ޢާއްމުކޮށް ނުބައިކޮށް ބޭނުންކުރާ ދެ ލަފުޒުކަމަށް ވާތީ އަޅުގަނޑު މި ދެންނެވި ފަންވަތުގެ އަހުލުވެރިޔާގެ އިސްތަށިފުޅަށް އުނދަގޫފުޅުވީ، މާ ވަރަކަށެވެ. އަދި ގާތް މީހަކު ނުވަތަ ތިމާ އިޙުތިރާމްކުރާ މީހަކު އެ ލަފުޒުތައް ނުބައިކޮށް ބޭނުންކުރާ ނަމަ އެހާ ވަރަށް ލަދުފުޅު ވެސް ގަންނާނެތާއެވެ. އެއީ އެ ކަމުގެ ރަނގަޅާއި ނުބައި އެނގިވަޑައިގަންނަވާ ބޭފުޅަކަށްވާތީއެވެ. ނުދަންނަ މީހާއަށް ލަދުގަންނާކަށް ނޭނގޭނެތާއެވެ. 

ކޮންމެއަކަސް މިއަދު އެ މައުޟޫޢާށް ލިޔާން އަޅުގަނޑު ވަޢުދުވީމެވެ. އެހެންވެ ރޯދަ ވީއްލައިގެން ނަމާދުކޮށްލައިގެން އައިސް މި އިށީނީއެވެ. ވަޢުދު ފުއްދުމަށްޓަކައެވެ.

ދެންނެވުމާއި ވިދާޅުވުމަކީ ދިވެހިބަހުގެ އެންމެ މާތް ދަރަޖައިން ވާހަކަދެއްކުމުގައި ބޭނުންކުރާ ދެ ލަފުޒެވެ. ފުރަތަމަ އަންނަނިވި ތާވަލަށް ބައްލަވައިލައްވާށެވެ!

އެންމެ މާތް ދަރަޖައިން ވާހަކަދެއްކުމުގައި މި ދެ ލަފުޒާއި، މި ދެ ލަފުޒުން އުފެދޭ އެހެން ލަފުޒުތައް ބޭނުންކުރަނީ އާދައިގެ ދަރަޖައިން ވާހަކަދެއްކުމުގައި ބުނުމާއި، ކިޔުމާއި، އެންގުމާއި، ގޮވުމާއި، މި ލަފުޒުތަކުން އުފެދޭ ލަފުޒުތައް ބޭނުންކުރާ ތަންތާނގައެވެ. އަދި މާތް ދަރަޖައިން ވާހަކަދެއްކުމުގައި ބުނުއްވުމާއި، ކިއުއްވުމާއި، ގޮވައިލެއްވުމާއި، ނަންގަތުމާއި، މި ފަދަ ލަފުޒުތަކުން އުފެދޭ ލަފުޒުތައް ބޭނުންކުރާ ތަންތާނގައެވެ.

އެންމެންނާ ވެސް އެންމެ މާތް ދަރަޖައިން ވާހަކަދައްކާ އިރު، މި ދެ ލަފުޒުގެ ތެރެއިން، ދެންނެވުން  ބޭނުންކުރާނީ، ތިމާ ދައްކާ ވާހަކައަށް ނިސްބަތްކޮށެވެ. ހަނދުމަފުޅުބަހައްޓަވާންވީ އަބަދުވެސް ތިމާ މުޚާޠަބުކުރާ ދެވަނަ މީހާއަށް ތިމާ އަބަދު ވެސް ދަންނަވާނީ ކަމެވެ. ތިމާއާ މުޚާޠަބުކުރާ މީހާ އަބަދުވެސް ތިމާއާ މުޚާޠަބުކޮށް ވިދާޅުވާނީ ކަމެކެވެ. ހަމަ އެކަނި މި މިންވަރަށް ހަނދުމަފުޅު ބެހެއްޓެވިޔަސް ދެންނެވުމާއި ވިދާޅުވުން އޮޅިވަޑައެއް ނުގަންނަވާނެއެވެ. އާދޭހެވެ! ވިދާޅުވުން ބޭނުންފުޅުކުރައްވާނީ، ކަންކުރާ (ބުނާމީހާ، ނުވަތަ ކިޔާމީހާ، ނުވަތަ ގޮވާމީހާ) އަކީ ދެވަނަމީހާ (އިނބަ، ކަލޭ، ) ނުވަތަ ތިންވަނަމީހާ (އޭނާ / މީނާ) ކަމަށް ވާ ނަމައެވެ. 

އަނެކާއާ މުޚާޠަބުކޮށް ތިޔަ ދެންނެވީއޭ ވިދާޅުވީމާ ހަގީގަތުގައި އެ ކުރެއްވޭ ކަމަކީ އަނެކާއަށް އަދަބުކުޑަކޮށް ތިމާ އަމިއްލަޔަށް ތިމާއަށް މާތްކޮށް ވާހަކަދެއްކެނީއެވެ. މި ކަމުގެ ސަބަބުން މީސްތަކުންގެ މަލާމާތް ތިމާއަށް ރައްދުވާނެއެވެ. މިސާލަކަށް ދެންމެ އަޅުގަނޑު ދެންނެވީ މިވެނިހެންނޭ، އެކަމަކު މަނިކުފާނު ވިދާޅުވީ އެހެންނެއް ނޫނޭ ފަދަ ގޮތަކަށް ބޭނުންފުޅުކުރައްވާށެވެ! އަނެކާ ތިމާއަށް އަބަދުވެސް ވިދާޅުވާނީކަން ދަންނަވާނީ ފުރަތަމަ މީހާ (ތިމާ) ކަން އަބަދުވެސް ހަނދުމަފުޅުބެހެއްޓެވީމާ މައްސަލަ ހައްލުވީއެވެ. ވަރަށް ސާދާ ހަމައެކެވެ. 

އަދި އެއް ކަމެއް ފާހަގަ ކޮށްލާނަމެވެ. ގިނަ ބަޔަކު ތިބި ތަނެއްގައި ތިމާ ނޫން އެހެން ދެމީހުންނާ ނިސްބަތްކޮށް ވެސް އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ވިދާޅުވާނީއެވެ. (މިސާލަކަށް: ދެންމެ ހަސަން ވިދާޅުވި ގޮތާއި ޢަލީ ވިދާޅުވި ގޮތާ ވެސް ވަރަށް އެއް ގޮތް.) ވާހަކަދެކެވޭ ފަރާތް (ދެވަނަ މީހުން) ތަކުގެ ތެރެއިން އެއްވެސް ބޭފުޅަކު އަނެއް ބޭފުޅަކަށް ދަންނަވަނީއްޔޭ ވިދާޅުވެއްޖެ ނަމަ، އެކަކު އަނެކަކަށްވުރެ ދަރަޖަ ދަށްކުރެވެނީއެވެ. މިސާލަކަށް: މަތީފެންވަރުގެ ބޭފުޅުން ތިއްބަވާ ޖަލްސާ އެއްގައި ނަމަ، އެކަކު އަނެކަކަށް ވިދާޅުވާނެއެވެ. ދަންނަވާނީ ތިމާ އެކަންޏެވެ.

މިއީ ވާހަކަދައްކާން އެއްވެސް ޝައުޤުވެރިކަމެއް ނެތް ފޫހި މައުޟޫޢެކެވެ. މައުޟޫޢުގެ ބާ ކަމުންނެވެ. ދެންނެވުމާއި ވިދާޅުވުމަކީ ދިވެހިބަހުގެ ހަމަތަކާއި އުޞޫލުތަކަށް ލޯބިކުރައްވާ ބޭފުޅަކަށް އޮޅިވަޑައިގަންނަވާންޖެހޭ ވަރަށް ވުރެ މާ ޢާއްމު، މާ ސާދާ، ހާމަކަންބޮޑު އުޞޫލެކެވެ. ހަމައެކެވެ. ނަމަވެސް މި މައުޟޫޢުގައި ކޮންމެވެސް އެއްޗެއް ލިޔެލާން ވަޢުދުވެވުނީތީ ލިޔެލީއެވެ.

_________________________________

 

ހަމަމިގަލަމުން

އިދާރާ

ވާހަކަ