Print

މަޢާފު (9)

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ވާހަކަ

އަސްމާ އަބޫބަކުރު (ހއ.ދިއްދޫ)

"މަންމާ. މަންމާ." ނާހިޒު މަންމައަށް ގޮވަމުން ދިޔައެވެ. މަންމަގެ ޚަބަރެއް ނެތެވެ. 

"މަންމާ. އަހަންނަށް މަޢާފުކުރޭ. މަންމަގައިގައި ޖެހުނީ ހަމަހޭވެރިކަން ނެތުމުން. އެހެން ނޫންނަމަ އަހަރެން މަންމަގައިގައި ޖަހާނެތަ؟ މީގެފަހުން އަހަރެން ރިސޯޓަކަށް ނުދާނަން. ދެން ހުންނާނީ އަބަދުވެސް މަންމަގެ ގާތުގައި." ނާހިޒު ލޮލުން ކަރުނަ އަތުވެއްޖެއެވެ. މަންމަ އަނގައިން ނުބުނުމުންނެވެ. އެންމެފަހުން ހަދާނެގޮތް ހުސްވެގެން ނާހިޒު މަންމަގެ އަތުގައި ހިފިއެވެ. އެވަގުތު ނާހިޒު ލޯބޮޑުވެގެން ދިޔައީ މަންމަގެ އަތުގައި އެއްވެސް ބާރެއްނެތުމުންނެވެ. ދެންބެލީ މަންމަ ނޭވާލާތޯއެވެ. 

"މަންމާ. މަންމާ." ނާހިޒުއަށް ރޮއިގަނެވިއްޖެއެވެ. މަންމަ ނޭވާއެއް ނުލައެވެ. އެއްވެސް ޙަރަކާތެއް ނެތެވެ. އެވަގުތު ގޭތެރެއަށް ވަނީ ޒައިނަބެވެ. 

" ދައްތާ. މަންމައަށް ކިހިނެއްވީ. ބަލާބަލަ. މަންމަ ނޭވާއެއްނުލާ. ހޮސްޕިޓަލަށް ގެންދަންވީތަ؟" ނާހިޒު ރޮމުން ރޮމުން ބުނަމުން ދިޔައެވެ. ޒައިނަބު އައިސް ޖަހުޒާގެ ފައިގައި އަތްޖައްސާލިއެވެ. ފައިވަނީ ފިނިވެފައެވެ. ލޯހުޅުވާ ބަލައިލިއެވެ. ކަޅިވަނީ ހުއްޓިފައެވެ. އަތުގައި އަތްލިއެވެ. އެއަތުގައި އެއްވެސް ބާރެއް ނެތެވެ. 

" ކޮއްކޯ. ކޮންމެ މީހަކަށްވެސް އަންނާނެ ދުވަހެއްމީ. މަންމަ ދެން އެނބުރި މިދުނިޔެއަކަށް ނާންނާނެ. إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعون" ޒައިނަބު އެބުނި ވާހަކައެއް ނާހިޒަށް ޤަބޫލެއް ނުކުރެވުނެވެ. 

" ނުވާނެ ތިހެނެއް. މަންމަ ނުވާނެ މަރެއް. މަންމާ. މަންމަ މިދަރިފުޅަށް މަޢާފް ނުކުރާނަންތަ؟ ދެންދުވަހަކުވެސް މަސްތުވާ އެއްޗެއްގައި އަތްވެސް ނުލާނަން. މަންމާ. އެއްފަހަރު ނަމަވެސް ލޯހުޅުވައިލަބަލަ. އިއްޔެ މަންމަގެ ގައިގައި މިދެއަތުން ޖެހީ. އެކަމަކު ދެންދުވަހަކުވެސް މަންމަގެ ގައިގައި ނުޖަހާނަން." ނާހިޒު ރޮމުން ދިޔައިރު ހީވަނީ އެންމެ ފަސްއަހަރުގެ ކުއްޖަކު މަންމަ ގާތުގައި ކާއެތިކޮޅަކަށް އެދި ރޮމުން ދިޔަހެންނެވެ. 

" ކޮއްކޯ. ތިހެން ރޯން އިނުމުގެ ބޭނުމެއްނެތް. އަވަހަށް މަންމަގެ ކަށުކަމާކެމީގެ ކަންތަކާ އުޅެންވީ." ޒައިނަބު އެހެން ބުނެފައި މަގުމައްޗަށް ނިކުތްތަނާ ހުޖޫދު އަންނަތަން ފެނުނެވެ. ޒައިނަބަށް ރޭގައި ލީޒާ ފުރުވަން އެއަރޕޯޓަށް ދިޔަ ހުޖޫދަށް އާދެވުނީކަން އެނގުނެވެ. އެހިތާމަވެރި ވާހަކަ ބުނާނެ ގޮތަކާމެދު ވިސްނަން ހުއްޓާ ހުޖޫދު ގޭތެރެއަށް ވަނެވެ. އެވަގުތު ނާހިޒު ރުއިމުގެ އަޑު ހުޖޫދަށް އިވިއްޖެއެވެ. 

"އުޅޭނެ ގޮތަކަށް އުޅެފަ މިއަދު ދެން ކީއްކުރަން ތިރޮނީ. މާދަންވެސް މަރުވީމާ، އެމީހަކު ޒުވާންދުވަސްވަރު އުޅުނުގޮތާ ބެހޭގޮތުން ސުވާލުކުރެވޭނެ. އޭރުން ދޭނީ ކޮންޖަވާބެއްބާ. ހެޔޮލަފާ އަތްނބަކާ ލޯބި ދަރިއަކު ލިބުނީމާ ވެސް ރަނގަޅަށް އުޅެން ނޭނގުނު. އަނެއްކާ މިގެއަކު ކަލޭމެން ދެމަފިރިންނަށް އުނދަގޫ ކުރާނެ އިތުރު ބަޔަކު އުޅެނީކީ ނޫން. އަހަރެން ކިހާދެރަވާނެ ކާފަ ދަރިފުޅު ލޯމަތީން ގެއްލުނީމާ! މިއަދު މަންމައަށް ގޮވާނެކަމެއް ނެތް." ހުޖޫދު ރުޅިވެރިކަމާއެކު ނާހިޒަށް އެއްޗެހި ގޮވަމުންދިޔައެވެ. ނާހިޒު އަށް ބައްޕަގެ އަޑުއިވުމުން ކުރިއަށްވުރެ ބޮޑަށް ރޮވެން ފެށިއެވެ. ނަމަވެސް ގަދަކަމުން ކަރުނަތައް ފޮހެލާފައި މަންމަގެ ވާހަކަ ބުނަން އަނގަ ހުޅުވާލިއެވެ. 

"ބައްޕާ! ރުޅިމަޑުކޮށްބަލަ! މަންމަ.." ނާހިޒަށް ޖުމްލަ ފުރިހަމަ ނުވެ އުޅެނިކޮށް ހުޖޫދު ވާހަކަދައްކަން ފެށިއެވެ. 

"ބައްޕާއޭ ކިޔާފަ ގޮވާނެ ކަމެއްނެތް. ދީނުން ބޭރުވެފައި ތިބި ދަރިންނަކީ އަހަރެމެންގެ ކުރިމަތީގައި މަރުވެފައި ތިބި ބައެއް." ހުޖޫދުގެ ވާހަކަ އެ ހިސާބަށް ދިޔައިރަށް ޒައިނަބު އައީ ރަށުގައި ހުންނަ ޑޮކްޓަރ ގޮވައިގެން މަރު ސާބިތު ކުރުމަށެވެ. 

" ހުޖޫދު." ޒައިނަބު ގޮވައިލުމާއެކު ހުޖޫދު ދޮރާދިމާއަށް ބަލާލިއެވެ. އޭރު ޑޮކްޓަރު އެކޮޓަރިއަށް ވަންނަނީއެވެ. ހުޖޫދަށް ހުރެވުނީ ވާނުވާ ނޭނގިފައެވެ. އައިސްހުރި ރުޅީގައި ޖަހުޒާއާ ދިމާއަށްވެސް ކަޅިއެއް އެއްލެވިފައެއް ނުވެއެވެ. ޑޮކްޓަރު ޖަހުޒާގެ ވިންދު ބެލުމަށްފަހު ނޭވާލައިތޯ ސްޓެތެސްކޯޕްމޭގައި ޖެއްސިއެވެ. ޑޮކްޓަރުގެ ފަހުބަސް އިއްވި ވަގުތު ހުޖޫދު ލޯމަރައިލިއެވެ. 

"ޖަހުޒާ ނިޔާވެފައިވަނީ ހާޓްއެޓޭކެއް ޖެހިގެން. އަވަހަށް ކަށުކަމާކެމީގެ މަސައްކަތް ކުރިއަށް ގެންދޭ." އެހެން ބުނުމަށްފަހު ޑޮކްޓަރު އެގެއިން ނިކުމެއްޖެއެވެ. ހުޖޫދު ދެއަތުން ބޮލުގައި ހިފަހައްޓާލުމާއެކު ކޮޓަރީގައި ހުރި ގޮނޑިއެއްގައި އިށީނދެއްޖެއެވެ. ހިފެހެއްޓުމެއްނެތި އެދެލޮލުން ކަރުނަ ފައިބާން ފަށައިފިއެވެ. ނާހިޒު ރޮމުން ދިޔައިރު، ހުޖޫދުވެސް ރޮމުން ދިޔައެވެ. އިރުކޮޅަކު ރުއިމަށްފަހު ކަރުނަތައް ފުހެލާފައި ހުޖޫދު ގޮނޑިން ތެދުވެއްޖެއެވެ. ލޯބިވާ އަނބިމީހާއަށް އެންމެ ފަހުގެ އިޙްތިރާމް އަދާކުރުމަށް ޓަކައެވެ. 

"ބައްޕާ." ނާހިޒު އެއްޗެކޭ ބުނުމަށް ޓަކައި އަނެއްކާ ވެސް އަނގަހުޅުވައިލައިފިއެވެ. 

"ހަމަ މިހާރު މިގެއިން ނިކުމޭ. މިއަދުން ފެށިގެން މަގޭ ކުރިމައްޗަށް ތިޔަ ސޫރަ ފެނިގެން ވެސް ނުވާނެ. މަންމައަށް ޓަކައިވެސް ތިޔަ ނުބައި ޢަމަލު ހުއްޓާނުލެވުނު އިރު ކޮންރުއިމެއް ތިޔަ ރޮނީ! އެމަންމަ މިއަދު މިދުނިޔެ ދޫކުރީ ތިޔަފަދަ ނުބައި ނުލަފާ ދަރިއަކަށް ހެޔޮމަގު ދެއްކެވުން އެދި އެތައް ފަހަރަކު ދުޢާކޮށްފައި." ހުޖޫދު އައިސްހުރި ރުޅީގައި ނާހިޒުގެ އަތުގައި ހިފައި ބޭރަށް ނެރެފިއެވެ. ނާހިޒު ރޮމުން ގިސްލަމުން ހިނގަމުން ގޮސް ތުނޑިމަތީގައި ހުރި ގަސްދޮށުގައި އިށީނދެއްޖެއެވެ. އެވަގުތު ނާހިޒުގެ ސިކުނޑިއަށް އެތައް ބައިވަރު ޚިޔާލުތަކެއް ވެރިވަމުން ދިޔައެވެ. 

"ތީ މަންމަގެ ޤާތިލު. އެމަންމަ ދުނިޔެއާ ވަކިވީ ކަލޭގެ ސަބަބުން. މަންމަ ކިހާ އާދެހެއްކުރި. ކަލޭ އެމަންމައަށް ކިތައްފަހަރު ދޮގުހެދީ. އެމަންމަގެ ހިތުގައި ޖެއްސީ ކިތައްފަހަރު؟ ލޯބިވި އަނބިމީހާއަށް އޮޅުވާލީ ކިތައްފަހަރު؟ ހިލޭ އަންހެންކުދީން ގޮވައިގެން މަސްތުގެ ޙާލަތުގައި ދުނިޔޭގެ އުފާ ޙާޞިލް ކުރުމުގައި އަވަދިނެތި އުޅުނުއިރު ދަރިފުޅުގެ ޙާލު ބެލުނުތަ؟  ޢާއިލާއަށް ނުދޭ ހިތާމައެއް ކޮބާ؟ ތީ އިންސާނިއްޔަތަށް ހުރި، ނުރައްކަލެއްގެ ވަބާގައި ޖެހިފައިވާ އަޅެއް. ހެޔޮ ޢަމަލެއް މީންދުވަހަކު ކުރިންތަ؟ ކިތައް ހުކުރު އެޅިންތަ؟ ރޯދަމަހުވެސް ރޯދަޔަށް ހުރިކަމަށް ހެދިގެން މަސްތުވާތަކެތި ބޭނުން ނުކުރަންތަ؟" ނާހިޒު ރޮމުން ރޮމުން ބޮލުގައި ދެއަތުން ހިފެހެއްޓީ ސިކުނޑި ފަޅައިގެން ހިނގައިދާނެހެން ހީވާތީއެވެ. ނާހިޒުގެ ޟަމީރު މަލާމާތްކޮށް މުޅި ކައުނު މަލާމާތުގެ ހުނުމެއް ހޭހެން ހީވިއެވެ. އެކިދުވަސް ދުވަހު އުޅެވުނު ގޮތް ސިކުނޑީގެ ރާޑަރަށް އަރަމުން ދިޔައެވެ. އެންމެ ފުރަތަމަ ކިޔަވަން މާލެގޮސް ހުރެ ސިނގިރެޓް ބުއި ދުވަހެވެ. ގްރޫޕް ހަދައިގެން ގެއެއްގެ ޓެރަސްމަތީގައި މަސްތުވާތަކެތި ބޭނުންކުރި ދުވަހެވެ. އެތައްފަހަރަކު ރައްޓެހިންނާއެކު ރަށުގެ ތުނޑިމަތީގައި އުޅެވުނު ގޮތެވެ. އަމިއްލަ ކޮޓަރީގެ ފާޚާނާގައި އުޅުނު ގޮތެވެ. ރިސޯޓްގައި އުޅުނު ގޮތެވެ. އެވަގުތު އުޑުމަތި ބަނަކޮށްލާފައިވާތަން ނާހިޒަށް ފެނުނެވެ. ކަލުވިލާތަކުން އުދަރެސް ބައްދާލައިފިއެވެ. މާގިނައިރުތަކެއްނުވެ ވާރޭ ވެހެންފެށިއެވެ. ވާރޭގެ ތެރޭގައި އެތައް އިރެއް ވަންދެން ނާހިޒު އިނެވެ. ކުރެވިފައިވާ ފާފަތަކާމެދު ހިތާމަކުރުމުގައެވެ. އަލަތު ދަރިފުޅާ އެދަރިފުޅުގެ މަންމައަށް ކުރެވުނު އަނިޔާއާއި މެދު ވިސްނުމުގައެވެ. މަންމަގެ ނަޞޭޙަތް ކަންފަތުގައި ގުގުމަމުން ދިޔައެވެ. 

" ދަރިފުޅާ މާލޭގައި އުޅޭއިރު ބަސްއަހައިގެން އުޅޭތި. ކޮންމެތާކު އުޅުނަސް މުސްލިމެއްކަން ހަނދާން ކުރާތި.... މުސްލިމެއްކަން ހަނދާން ކުރާތި... މުސްލިމެއްކަން ހަނދާން ކުރާތި." މަންމަގެ އެޖުމްލަ އެތައްފަހަރަކު ފަޒާގެ ތެރެއިން އިވޭ އަޑެއްގެ ގޮތުގައި އެދެކަންފަތުގައި ހަރުލައިފިއެވެ. އުޅެވުނު ގޮތާމެދު ދެރަވެ ރޮއިރޮއި އެތައް އިރަކު އިނުމަށްފަހު ވިނަތަކު މަތީ އޮށޯވެއްޖެއެވެ. ވެހޭ ވާރޭގެ ތެރޭގައި ގިނައިރު ތަކެއްވަންދެން އޮށޯވެ އޮތުމުން ހީކަރުވައި ގަނެއްޖެއެވެ. އެކަމަކު ނާހިޒު އޮތްތަނުން ތެދުވާ ޚިޔާލެއް ނުކުރެއެވެ. އެންމެފަހުން އެހެން އޮއްވާ ނިދުނީއެވެ. ކޮންމެ ދުވަހަކު ކޮންމެވެސް މީހަކު މިދުނިޔެއިން ވަކިވެދެއެވެ. ދިރިތިބީންނަށް މަރުގެ ހަނދާން ކޮށްދެމުންނެވެ.

"ބައްޕާ. މަންމަގެ ކަށުކަމާކެމީގެ ކަންކަން ނިމުނުފަހުން މި އާދެވުނީ. ވިއްސާރަކަމުން އަންނަން އޮތް ފުލައިޓް ކެންސަލްވުމުން ދިމާވި ގޮތް. ބައްޕަ ހިނގާ މާލެދާން. މި ކޮޅުގައި އެކަނި ހުރުމުގެ ބޭނުމެއްނެތް." ނާހިލްގެ ވާހަކަ އަޑުއިވުމުން ހުޖޫދު ވަރަށް ދެރަވެއްޖެއެވެ. ލޮބުވެތި އަނބިމީހާ ވަޅުލެވިފައިވާ ފަސްގަނޑާ ދުރަށް ދާކަށް އެއްގޮތަކަށް ވެސް ބޭނުމެއް ނުވެއެވެ. އަމުދުން އަމިއްލަ ވަޒަން ދޫކޮށް އެހެން ތާކަށް ހިޖުރަކުރުމުގެ ޚިޔާލު ވެސް މީގެކުރިން ކޮށްފައި ނެތުމުން ނާހިލްގެ ބަހަށް ހުޖޫދު ޖަވާބެއް ނުދިނެވެ. 

އެވަގުތަކީ ޒައިނަބު ދެބަފައިންނަށް ސައި ހިފައިގެން އައި ވަގުތެވެ. 

"ކޮންތާކަށް ދާވާހަކަ ތިދައްކަނީ." ނާހިލާ ދިމާއަށް ބަލައިލަމުން ޒައިނަބު އެހިއެވެ. 

"ބައްޕަ ގާތު މިކިޔަނީ މާލެދާން ހިނގާށޭ. ދާދިފަހުން ވަޒީފާ ލިބުނީ. ބައްޕަ މިތާ ބަހައްޓާފައި ގޮސްގެން ހިތްހަމައެއް ނުޖެހޭނެ. އަނެއްކާ ބައްޕަ ދާން ބޭނުން ނުވިއަސް ވަޒީފާ ދޫކޮށްލާފައި މި ކޮޅަށް އައިސްގެން އަހަރެން ކުރާނެ މަސައްކަތެއް ނޯންނާނެ." ނާހިލް ވެގެން އުޅޭގޮތް ޒައިނަބަށް ކިޔައިދިނެވެ. 

"އެތެދެކޭ ހުޖޫދު. މިތާ ހުރުމުން ލިބޭނެ އުފަލެއް ނެތް. ނާހިލް ކިޔެވީ ޕައިލެޓްކަން. އެހެންވީމާ ނާހިލަށް މިރަށުގައި އަދާކުރެވޭނެ ވަޒީފާއެއް ނޯންނާނެ. މާލެގޮސް ދުވަސްކޮޅެއްވީމާ ހަމަޖެހިދާނެ." ޒައިނަބު އާއި ނާހިލްގެ ވާހަކައަށް ހުޖޫދު އެއްބަސްވީ އެހެން ގޮތެއް ނެތިގެންނެވެ. ނާހިލާ އެކު މާލެދިޔުމަށް ހުޖޫދު ފޮށްޓަށް އެއްޗެތި އަޅަންފަށައިފިއެވެ. 

ނާހިޒުއަށް ހޭލެވުނުއިރު އިރު އޮއްސި އަނދިރިކަން ރަށުތެރެއަށް ވެރިވެއްޖެއެވެ. ބަނޑުހައިވެފައި ވާކަން އިޙުސާސް ކުރެވުނީ ދެނެވެ. މަޑު ހިނގުމެއްގައި ގެއާދިމާއަށް ހިނގައިގަތީ ދެފިކުރުމަތީ ހުރެގެންނެވެ. ބައްޕަގެ ރުޅި މަޑުވެފައިވާނަމަ ހާދަ ރަނގަޅޭ ހިތަށް އަރައި ހުރެގެންނެވެ. ގެއާ ހަމައަށް ދެވުމުން މަޑުމަޑުން ގެއަށްވަދެ ނާހިޒުގެ ކޮޓަރިއަށް ވަނެވެ. ޢިޝާނަމާދު ބަންގި ގޮވުމުން ބަދިގެއަށް ވަދެ ސައިތައްޓެއް ހަދައިގެން އަލަމާރިން ބިސްކޯދު ނަގައިގެން ކެއުމަށްފަހު ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. އެވަގުތު ޒައިނަބުގެ އަޑުއިވުނެވެ. 

" ނާހިޒު. ބައްޕަ ހިނގައްޖެ މާލެއަށް." ނާހިޒަށް ބަލައިލެވުނީ ސުވާލުގެ ނަޒަރަކުންނެވެ. 

" ނާހިލް އައިސް ބައްޕަ ގޮވައިގެން ހިނގައްޖެ. މިއޮތީ ފިހާރައިގެ ތަޅުދަނޑި." ޒައިނަބު ދިއްކޮށްލި ތަޅުދަނޑީގައި ހިފިއިރު ނާހިޒުގެ ލޮލުން ކަރުނައިގެ އަސަރު ފާޅުވިއެވެ. ކޮޓަރިއަށް ގޮސް ޙަޔާތަށް އައި އެކަނިވެރިކަމާމެދު ނާހިޒަށް ވިސްނާލެވުނެވެ. 

 

އިދާރާ

ވާހަކަ