ކައު ރަސޫލާގެ ސީރަތުގެ މުތީތަކާއި ޝަޛާތަކުން (9)
އިބްރާހީމް ރަޝީދު މޫސާ
(2020 މެއި 6 ވަނަ ދުވަހު ޝާއިޢޫކުރެވުނު ބައާ ގުޅޭ)
171. އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅުގައި ފަރްޟު ފަސް ނަމާދު ފަރްޟު ކުރެއްވިއިރު މަޣްރިބު ނަމާދުނޫން ކޮންމެ ނަމާދެއްގައި އޮތީ ދެ ރަކްޢަތެވެ. މަޣްރިބު ނަމާދުގައި އޮތީ ތިން ރަކްޢަތެވެ. ރަސޫލާ މަދީނާއަށް ހިޖްރަކުރެއްވުމުން މެންދުރު ނަމާދާއި ޢަޞްރުނަމާދާއި ޢީޝާ ނަމާދުގެ ރަކްޢަތުގެ ޢަދަދު ހަތަރަކަށް އިތުރު ކުރެއްވިއެވެ.
172. އަލްމަސްޖިދުއްނަބަވީއާ ދުރުގައި މަދީނާގެ ދުރު ހިސާބެއްގައި ބަނޫ ސަލަމަތު ވަންހައިގެ މީހުން ދިރިއުޅޭ އަވަށް އޮންނާތީ އެމީހުންގެ އަވަށް ދޫކޮށް މިސްކިތާ ކައިރީގައި ވަޒަންވެރިވުމަށް ގަސްތުކުރިއެވެ. މި ޚަބަރު ރަސޫލާއަށް ލިބިވަޑައިގަތުމުން އެމީހުންނަށް އެ ކަން މަނާކުރެއްވިއެވެ.
173. ރަސޫލާއާއި މުހާޖިރުން މަދީނާގައި ހަމަޖެހިވަޑައިގަތުމުން ޖިހާދު ކުރުމުގެ ހުއްދަ މާތް ﷲ ދެއްވައިފިއެވެ. އެކަމާ ބެހޭގޮތުން މާތް ﷲ ވަޙީ ކުރެއްވިއެވެ. [أُذِنَ لِلَّذِينَ يُقَـٰتَلُونَ بِأَنَّهُمْ ظُلِمُوا] – ([ހަނގުރާމަވެވެމުންދާ މީހުންނަށް، ހަނގުރާމަ ކުރުމުގެ إذن ދެއްވައިފިއެވެ. އެއީ ހަމަކަށަވަރުން، އެއެރުންނަށް އަނިޔާ ލިބުނުކަމަށްޓަކައެވެ.])(سورةاالحج : 39)
174. ރަސޫލާ ﷺ ބައިވެރިވެ ވަޑައިގަތް ހަނގުރާމަތަކަށް ދެވިފައިވާ ނަމަކީ [ޣަޒްވަތު] އެވެ. ހަނގުރާމައެއް ނުހިނގިޔަސްވެހެވެ. މިއާ ޚިލާފަށް ރަސޫލާ ބައިވެރިވެ ވަޑައިނުގަންނަވާ ހަނގުރާމަތަކަށް ދެވިފައިވާ ނަމަކީ [ސަރިއްޔާ] އެވެ.
175. ޣަޒްވަތްތަކުގެ ޢަދަދަކީ 27 ކަމަށް ބުނެވެއެވެ. މީގެ ތެރެއިން 9 ޣަޒްވަތެއްގައި ހަނގުރާމަ ހިނގިއެވެ. އެހެން ޣަޒްވަތްތަކުގައި ސީދާ ކުރިމަތިލުންތަކެއް ނުހިނގައެވެ. ރަސޫލާ ﷺ ކުރެއްވި ފުރަތަމަ ހަނގުރާމައަކީ [ވައްދާން] ހަނގުރާމައެވެ. މި ހަނގުރާމަ ހިނގީ ހިޖްރައިން ދެވަނަ އަހަރުގެ ޞަފަރު މަހުގައި ވައްދާން ކިޔާ ހިސާބުގައެވެ. ރަސޫލާ ﷺ ކުރެއްވި އެންމެ ފަހު ހަނގުރާމައަކީ ހިޖްރައިން 9 ވަނަ އަހަރުގެ ޞަފަރު މަހުގައި ހިނގި ތަބޫކު ހަނގުރާމައެވެ.
176. ރަސޫލާ ﷺ ފޮނުއްވި އެންމެ ފުރަތަމަ ސަރިއްޔާއަކީ ޙަމްޒަތުގެފާނުގެ އިސްވާރުކަމުގައި ފޮނުއްވި ސަރިއްޔާއެވެ. މި ސަރިއްޔާގެ އަމާޒަކީ ޤުރައިޝުންގެ ޤާފިލާއަކަށް ހުރަސްއެޅުމެވެ.
177. އެއަށްފަހު ފޮނުއްވި ސަރިއްޔާގެ އިސްވާރަކީ ޢުބައިދަތު ބުނުލްޙާރިޘް ބުނުއް މުއްޠަލިބެވެ. މި ސަރިއްޔާގެ ވެސް އަމާޒަކީ ޤުރައިޝުންގެ ޤާފިލާއަކަށް ހުރަސްއެޅުމެވެ.މި ހަނގުރާމައިގައި ދެ ފަރާތުގެ ދެމެދުގައި ދުނިދަނޑީގެ ޙަމަލާތައް ބަދަލު ކުރެވުނެވެ.
178. އެއަށްފަހު ރަސޫލާ ﷺ ޤުރައިޝުންގެ ޤާފިލާއަކަށް ހުރަސްއެޅުއްވުމަށް ޓަކައި ސަޢުދު ބިން އަބީ ވައްޤާޞުގެފާނުގެ އިސްވާރުކަމުގައި ސަރިއްޔާއެއް ފޮނުއްވިއެވެ. މި ޤާފިލާއަށް މި ޚަބަރު ލިބިގެން އެހެން މަގަކުން ލައިފައި ފިލައިގެން ދިޔައެވެ.
179. ރަސޫލާ މަދީނާއަށް ހިޖްރަކުރެއްވި ފަހުން މުސްލިމުންގެ ތެރެއިން އެންމެ ފުރަތަމަ އަވަހާރަވި ޞަޙާބީއަކީ [ކުލްޘޫމު ބިނުލް ހިދްމު] އެވެ. އެއީ ވަރަށް މުސްކުޅިފުޅު ބޭކަލެކެވެ.
180. ރަސޫލާ ﷺ ހިޖްރައިން 2 ވަނަ އަހަރުގެ ޞަފަރުމަހުގައި ޤުރައިޝުންގެ ޤާފިލާއަކަށް ހުރަސްއެޅުއްވުމުގެ ގަސްތުގައި އަލްއަބްވާއި [ނުވަތަ ވައްދާން] އަށް ވަޑައިގެންނެވިއެވެ. މިއީ ރަސޫލާގެ ފުރަތަމަ ޣަޒްވަތެވެ. މި ޣަޒްވަތުގައި އެއްވެސް ކުރިމަތިލުމެއް ނުހިނގައެވެ.
181. އެއަށްފަހު ރަސޫލާ ﷺ ހިޖްރައިން 2 ވަނަ އަހަރުގެ ރަބީޢުއްއައްވަލު މަހު ދެވަނަ ޣަޒްވަތަށް ނުކުމެވަޑައިގަތެވެ. މިއީ ބުވާޠު ޣަޒްވަތެވެ. މިއީ ވެސް ޤުރައިޝުންގެ ޤާފިލާއަކަށް ހުރަސައެޅުއްވުމަށް ޓަކައި ނުކުމެވަޑައިގެން ނުކުމެވަޑައިގަތުމެކެވެ.
182. ރަސޫލާ ﷺ ނުކުމެވަޑައިގެންނެވި ތިންވަނަ ޣަޒްވަތަކީ ހިޖްރައިން 2 ވަނަ އަހަރުގެ ޖުމާދަލްއޫލާ މަހުގައި ނުކުމެވަޑައިގެންނެވި ޣަޒްވަތެވެ. މިއީ ޣަޒްވަތުލް ޢުޝަޔިރެވެ.
183. ޢުޝަޔިރާ ޣަޒްވަތުގެ ހައެއްކަ ރޭ ފަހުން ރަސޫލާ ﷺ ސަފްވާން ޣަޒްވަތަށް ނުކުމެވަޑައިގަތެވެ. މި ޣަޒްވަތަށް ފުރަތަމަ ބަދްރު ހަނގުރާމައޭ ކިޔެއެވެ.
184. ޤުރައިޝުންގެ ޤާފިލާއަކަށް ހުރަސްއެޅުއްވުމަށް ޓަކައި ރަސޫލާ ﷺ މާތް ﷲ ރުއްސުންލެއްވި ޢަބްދު ﷲ ބިން ޖަޙްޝުގެފާނުގެ ވެރިކަމުގައި ސަރިއްޔާއެއް 'ނަޚްލާ' ސަރަޙައްދަށް ފޮނުއްވިއެވެ. މުސްލިމުންގެ އަތުން މަރުވި ފުރަތަމަ ކާފިރު ޢަމްރު ބިނުލް ޙަޟްރަމީ މަރުވީ މި ކުރިމަތިލުމުގައެވެ. މި ކުރިމަތިލުމުގައި ޢުޘްމާނު ބިން ޢަބްދުﷲއާއި އަލްޙަކަމު ބިން ކީސާން ހައްޔަރު ކުރެވުނެވެ. އަދި މުސްލިމުންނަށް އެތައް ޣަނީމާތަކެއް ލިބުނެވެ.
185. ހިޖްރައިން 2 ވަނަ އަހަރުގެ ރަޖަބު މަހުގައި ޤިބްލަ ބަދަލު ކުރެއްވިއެވެ. އަލްމަސްޖިދުލްއަޤްޞާއަށް ކުރިމަތިލުމުގެ ބަދަލުގައި އަލްމަސްޖިދުލް ޙަރާމަށް ކުރިމަތިލުމަށް މާތްﷲ އެންގެވީ މި ބަސްފުޅުންނެވެ. [قَدْ نَرَىٰ تَقَلُّبَ وَجْهِكَ فِى ٱلسَّمَآءِ فَلَنُوَلِّيَنَّكَ قِبْلَةً تَرْضَىٰهَا فَوَلِّ وَجْهَكَ شَطْرَ ٱلْمَسْجِدِ ٱلْحَرَامِ وَحَيْثُ مَا كُنتُمْ فَوَلُّوا۟ وُجُوهَكُمْ شَطْرَهُۥ وَإِنَّ ٱلَّذِينَ أُوتُوا۟ ٱلْكِتَـٰبَ لَيَعْلَمُونَ أَنَّهُ ٱلْحَقُّ مِن رَّبِّهِمْ وَمَا ٱللَّـهُ بِغَـٰفِلٍ عَمَّا يَعْمَلُونَ] - ([އަދި ކަލޭގެފާނު (ދަތުރުފުޅަކަށް) ނުކުމެވަޑައިގަތް ކޮންމެ ތަނަކުންވިޔަސް (ނަމާދު ކުރައްވާއިރު) حرمة ތެރިވެގެންވާ މިސްކިތާ ދިމާޔަށް ކަލޭގެފާނުގެ މޫނުފުޅު ކުރިމަތިކުރައްވާށެވެ! ހަމަކަށަވަރުން، އެއީ ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން އައިސްފައިވާ حق ގޮތްކަން ކަށަވަރެވެ. އަދި ތިޔަބައިމީހުން ކުރާ عمل ތަކާމެދު غافل ވެވޮޑިގެންވާ ކަލަކު ކަމުގައި اللَّه ނުވެއެވެ.]) (سورةالبقرة : 144)
186. ޤިބްލަ ބަދަލު ކުރެއްވުނުކަމުގެ އަމުރުފުޅު އައީ ރަސޫލާ ﷺ ބަނީ ސަލަމަތު ވަންހައިގެ އަވަށު މިސްކިތުގައި މެންދުރު ނަމާދުކަރައްވަން ހުންނަވަނިކޮށްނެވެ. އެކަލޭގެފާނު ދެވަނަ ރަކްޢަތުގެ ރުކޫޢުގައި އޮންނަވަނިކޮށްނެވެ. މިއަދު މި މިސްކިތަށް މަސްޖިދުލް ޤިބްލަތައިނި (އެބަހީ: ދެ ޤިބްލައިގެ މިސްކިތް) އޭ ކިޔެއެވެ.
187. ރަމަޟާން މަހުގެ ރޯދަ ފަރްޟުކުރެއްވީ ހިޖްރައިން 2 ވަނަ އަހަރުގެ ޝަޢުބާން މަހުގައެވެ. ރަސޫލާ ﷺ ހިޖްރައިން 11 ވަނަ އަހަރު ސުވަރުގެ ވަޑައިގަތީތީ، އެކަލޭގެފާނު ރޯދަފުޅު ހިއްޕެވީ 9 އަހަރު އެވެ.
188. ހިޖްރައިން 2 ވަނަ އަހަރުގެ ޝަޢުބާން މަހު ފިޠުރި ޒަކާތް ފަރްޟު ކުރެއްވިއެވެ. މުދަލުގެ ޒަކާތުގެ ކުރިން ފަރްޟު ކުރެއްވީ ފިޠުރި ޒަކާތެވެ.
189. ހިޖްރައިން 2 ވަނަ އަހަރުގެ ރަމަޟާން މަހުގެ 17 ވަނަ ދުވަހު ބަދްރު ހަނގުރާމަ ހިނގިއެވެ. އެ ދުވަހަށް މާތް ﷲ [يوم الفرقان] ގެ ނަން ދެއްވިއެވެ. އެއީ އެ ދުވަހު ޙައްޤާއި ބާޠިލު ވަކިވެގެން ދިޔުމުންނެވެ.
190. ބަދްރު ހަނގުރާމައަކީ ޚާއްޞަ ހަނގުރާމައެކެވެ. އެ ހަނގުރާމައިގެ ނަން ކީރިތި ޤުރްއާނުގައި އައިސްފައިވެއެވެ. އެހެން އެއްވެސް ހަނގުރާމައަކަށް ލިބިގެންނުވާ ޚާއްޞަ މީޒާތަކެއް މި ހަނގުރާމައަށް ލިބިގެންވެއެވެ. މި ހަނގުރާމައިގެ ބައިވެރީންނަށް [ބަދްރިއްޔު'ގެ ލަޤަބު ދެއްވައިފައިވެއެވެ. މި ހަނގުރާމައިގައި މަލާއިކަތުން ބައިވެރިވެ ވަޑައިގަތެވެ.
191. މާތް ﷲ ބަދްރު ހަނގުރާމައިގައި މުސްލިމުންނަށް މަތިވެރި ނަޞްރެއް ދެއްވިއެވެ. މި ނަޞްރުގެ ސަބަބުން މުސްލިމުންގެ އާރާއި ބާރު ގަދަވެ، މުޝްރިކުން ބަލިކަށިވެގެން ދިޔައެވެ. މުޝްރިކުން އިސް ވެރިންތަކެއް ނިކަމެތިކަމާއެކު މަރުވެގެން ދިޔައެވެ.
192. މި ހަނގުރާމައިގައި މުސްލިމުންގެ ލަޝްކަރުގައި ތިބީ އެންމެ ތިންސަތޭކަ އެތައް މީހެކެވެ. މުޝްރިކުންގެ ލަޝްކަރުގައި ހާހެއްހާ މީހުން ތިއްބެވެ. މުޝްރިކުން އައީ ހަނގުރާމައަށް ރަނގަޅަށް ތައްޔާރުވެގެންނެވެ. އެމީހުންގެ ތެރޭގައި އައްޑަނައިން ޙިމާޔަތް ލިބިގެން ތިބި 600 މީހުން ތިއްބެވެ. އަދި އެމީހުންގެ އަތުގައި 700 ޖަމަލާއި ސަތޭކަ އަސް އޮތެވެ. މިއާ ޚިލާފަށް މުސްލިމުންގެ ލަޝްކަރުގައި އޮތީ އެންމެ ދެ އަހާއި ހަތްދިހަ ޖަމަލެވެ.
193. ބަދްރު ހަނގުރާމައިގައި ޝަހީދުވި މުސްލިމުންގެ ޢަދަދަކީ 14 ބޭކަލުންނެވެ. އެއީ މުހާޖިރުންގެ 6 ބޭކަލަކާއި އަންޞާރުންގެ 8 ބޭކަލެކެވެ. މުޝްރިކުންގެ ތެރެއިން 70 މީހުން މަރުވިއެވެ. އެމީހުންގެ ތެރޭގައި އަބޫޖަހްލާއި އުމައްޔަތު ބުނު ޚަލަފު ފަދަ ބޮޑުން ހިމެނެއެވެ. މީގެ އިތުރަށް މުޝްރިކުންގެ ތެރެއިން 70 މީހަކު އަސީރުވިއެވެ.
(ނުނިމޭ)