އަދުގެ ޚާއްސަ

Print

މަޢާފު (10)

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ވާހަކަ

އަސްމާ އަބޫބަކުރު، ހއ.ދިއްދޫ

(8 އެޕުރީލު 2020 ގައި ޝާއިޢުކުރި ބަޔާ ގުޅޭ)

"މަންމާ." މަޑުމަޑުން ނާހިޒަށް ގޮވައިލެވުނީ މަންމައަށެވެ. މިއަދު އެމަންމަ ނެތްކަމުގެ އިޙްސާސް މާބޮޑަށް ކުރެވެނީއެވެ. މަންމަ ދުނިޔޭގައި ހުރި އިރު އެ މަންމަ ހުރީ ކައިގެންތޯ ވެސް ބަލައިލެވިފައެއް ނުވެއެވެ. އެންމެ ކުޑަމިނުން ވަޒީފާ އަދާކޮށްފައި މަންމަ އަތަށް ބައިރުފިޔާއެއްގެ މިންވަރު ދިށްކޮށްލެވިފައި ނުވާތީ މިއަދު ނާހިޒު ދެރަވެއެވެ. ގޭގައި އެއްވެސް ހަމަޖެހުމެއް މިއަދު ނެތެވެ. މަންމަ އާއި ބައްޕައެއް ނެތެވެ. ލޯބިވާ ދަރިފުޅު ލޯމަތިން ގެއްލުނީއެވެ. ލީޒާއާއި މެދު ކަންތައް ކުރެވުނު ގޮތާއިމެދު ވެސް ނާހިޒު ވިސްނިއެވެ. 

"ބޯ ހަލާކުވާނެ. މިހެން ވިސްނައިވިސްނައި." އަމިއްލައަށް ކިޔައިލެވުނެވެ. އަނެއްކާވެސް ނާހިޒު އެކުވެރިންނަށް ގުޅައިގެން މަސްތުގެ ދުނިޔެއަށް ގޮސް ގެއްލިއްޖެއެވެ. ހުރިހާ ކަމެއް ހަނދާން ނެތިއްޖެއެވެ. 

 

ދުވަސްތައް ހިނގަމުން ދަނީ ހީނުކުރާހައި ހަލުވިމިނުގައެވެ. އެކިމީހުން ދުނިޔެ ސިފަކުރަނީ އެކިގޮތަށެވެ. އެއްބަޔަކަށް ހިތާމަވެރި ތަނެއްގެ ގޮތުގައެވެ. އަނެއްބަޔަކަށް އުފާވެރި ތަނެއްގެ ގޮތުގައެވެ. ބައެއްމީހުން ހިތްހަމަ ނުޖެހޭ ތަނެއްގެ ގޮތުގައި ދުނިޔެ ދެކޭއިރު އަނެއްބަޔަކު ދުނިޔެއަކީ މަޖާކުރަން އޮތްތަނެއްގެ ގޮތުގައި ސިފަކުރެއެވެ. ނާހިޒު ދެކޭގޮތުގައި ދުނިޔެއަކީ މަޖާކުރުމަށް އޮތްތަނެކެވެ. ވޭތުވެދިޔަ ހިތި މާޒީގެ ކަންކަން ހަނދާން ނައްތާލުމަށްފަހު އަނެއްކާވެސް ދުނިޔޭގެ މަޖަލަށް ގެއްލިއްޖެއެވެ.

 

ދެތިން އަހަރު މަސްތުވާ ތަކެތި ބޭނުންކުރަމުން އެވިޔަފާރީގައި ދެމިހުރުމުގެ ސަބަބުން އަތުގައި ވަރަށް ގިނަ ފައިސާ ރައްކާ ކުރެވިފައި ހުރީތީ ނާހިޒު އުފާވިއެވެ. 

ތަނަވަސްކަމާއެކު އުޅެމުން ދިޔަ ނާހިޒަށް ޓަކައި ޤުރުބާންވާން ގިނަ އަންހެން ކުދިން ފަހަކަށް ނުޖެހެއެވެ. އެތައްބައިވަރު އަންހެން ކުދީންތަކެއްގެ ތެރެއިން ނާހިޒަށް ކަމުދިޔައީ އަވަށްޓެރި އިންޑިޔާގައި ކިޔަވަން ގޮސް ހުރި ޒާލިމާ އެވެ. 

" އަހަރެން ވަރަށް އަވަހަށް އެބަދަން ތިކޮޅަށް." ޒާލިމާ އާއި ސްކައިޕް މެދުވެރިކޮށް ވާހަކަ ދައްކަމުން ނާހިޒު ބުންޏެވެ. ޒާލިމާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އުފަލުން ގޮހެވެ. އެކަމަކު ގަދަ ކޮށްލުމުގެ ގޮތުން ވާހަކަ ދެއްކިއެވެ.

"ތިޔައީ ހަމަ ބުނާ ވާހަކައެއް. އަންނާކަށް ނޫން." ޒާލިމާ ތުއިވެލާފައި ބުންޏެވެ. ނާހިޒު ބޭނުންވީ ޒާލިމާދެކެ ލޯބިވާކަން އަންގާށެވެ. ނާހިޒަށް އިންޑިޔާއަށް ދިއުމަކީ އެއްވެސް ކަމެއް ނޫނެވެ. ވާހަކައިގައި އޮއްވާ ޒާލިމާއަށް ނިދުނީއެވެ. އޭރު މެންދަމުން އަލިވެ ތިނެއް ޖަހައިފިއެވެ. 

ޒާލިމާއަށް ނިދާ ހޭލެވުނީ އަނެއްދުވަހުގެ އެގާރަ ޖެހިފަހުންނެވެ. އާދީއްތަ ދުވަސްކަން ނަސީބެކެވެ. އެހެން ނޫންނަމަ ދައްތަ ޒާލިމާއަށް އަޑުލާނެކަން އެނގެއެވެ. ޒާލިމާ ކޮޓަރިން ނިކުތީ ދޮރުގައި ދައްތަ އައިސް ތަޅައިގަތުމުންނެވެ. 

" ދެން ނިކުމެބަލަ ޒާލިމާ. ބަލާބަލަނިކަން ގަޑިންވީއިރެއް." ދައްތަގެ އަޑަށް ޒާލިމާ ކޮޓަރީގެ ދޮރު ހުޅުވާލުމާއެކު ސިއްސައިގެން ދިޔައީ ސިޓީންގ ރޫމްގައި އިން ނާހިޒު ފެނިފައެވެ. 

" ނާހިޒު. ކޮންއިރަކުއައީ." ޒާލިމާ ހުރީ ލޮލަށް ފެންނަށްހުރި ކަންކަން ޤަބޫލު ނުކުރެވިފައެވެ. 

" މިތާ އިންނަތާ ބަރާބަރު އެއްގަޑިއިރު." ނާހިޒު ފޯން ޖީބަށްލަމުން ބުންޏެވެ. 

އޭގެ ހަފްތާއެއްފަހުން ނާހިޒު މާލެ އައީ ޒާލިމާ ގޮވައިގެންނެވެ. ޒާލިމާ އައީ ހަދަމުން ގެންދިޔަ ނަރުސް ކޯސް ހުއްޓާލުމަށްފަހު ނާހިޒާއެކު އުފާވެރި ދިރިއުޅުމެއް ވޭތުކުރުމަށެވެ. ހުރިހާ އެއްޗަކަށްވުރެ ނާހިޒު މުހިއްމު ވީމައެވެ. ކައިވެނީގެ ފޮޓޯ ފޭސްބުކަށް ލުމާއެކު މުނާގެ މެސެޖެއް ލިބުނެވެ. 

" ކައިވެންޏަށް މަރުޙަބާ. ރަނގަޅުގޮތުގައި އުޅެވޭތޯ ބަލާތި." އެމެސެޖު ކިޔުމަށްފަހު ނާހިޒު އެއްމިޔަކަނުން ހީލިއެވެ. ނާހިޒަކީ ކޮންމެ ކަހަލަ މީހަކަށް ވިއަސް މުނާގެ ހިތަކުން އެނަމެއް ފޮހެލެވޭގޮތެއް ނުވިއެވެ. 

ކައިވެންޏަށްފަހު އެޕާޓްމެންޓެއް ހިފައިގެން ދެމީހުން ދިރިއުޅުން ފަށައިފިއެވެ. ވަރަށްވެސް އުފާވެރި ދިރިއުޅުމެކެވެ. ޒާލިމާގެ މައިންބަފައިންނަށް ނާހިޒުގެ ގޮތް އެނގުނީ ކައިވެންޏަށް ދެމަސް ފުރުނުފަހުންނެވެ. ނާހިޒު ހޯދާ ފައިސާ އަކީ ޙަލާލު ފައިސާތޯ ޒާލިމާއެއް ނުބަލައެވެ. އެއަށްވުރެ އެދިރިއުޅުން މާ ހިތްފަސޭހައެވެ. ނާހިޒަކީ ރަނގަޅު ފިރިއެއްގެ ގޮތުގައި ޒާލިމާ ޤަބޫލުކުރިއެވެ. ޒާލިމާ މަންމަ އާއި ބައްޕަ ދެއްކި ވާހަކަ ޤަބޫލު ކުރަން ބޭނުންނުވީ ނާހިޒު ދެކެވާ ލޯތްބަކުންނެވެ. ސޯޝަލް މީޑިއާ މެދުވެރިކޮށް ދެކެވިފައި ހުރި ވާހަކަތަކުން ނާހިޒަށް އިތުބާރު ކުރެވުނީ ޒާލިމާގެ އަމިއްލަ ނަފްސަށްވުރެ ބޮޑަށެވެ.

ޒާލިމާއަކީ މުއްސަނދި ދިރިއުޅުމަކަށް ލޯބިކުރާ އަންހެނެކެވެ. ގިނަވަގުތު ހޭދަކުރަނީ ރައްޓެހިންނާއެކީ ރެސްޓޯރެންޓްތަކުން ކެއުމާއި ވިޔަފާރިކުރުމުގައެވެ. 

" ޒާލިމާ ހުރެއްޖެނަމަ އަހަރެމެން ހާސްވާކަށް ނުޖެހޭނެ ދޯ ރިޝްމާ. އަދި އަހަރެމެން ބަނޑަށް ތިބޭކަށް ނުޖެހޭނެ. މިކަހަލަ ރަޙުމަތްތެރިން މަދުވާނެ" ނަޒުމާ ޢިޝާރާތްކުރީ ރިޝްމާއަށެވެ. ރިޝްމާ އުފަލުން ބޯޖަހާލިއެވެ. ޒާލިމާ ހުންނަނީ އެކަހަލަ ތަޢުރީފަށް އެދިއެދިއެވެ. ޒާލިމާ އެއްގޮތަކަށްވެސް ފައިސާއަކަށް ނުބަލައެވެ. ބޭނުން ގޮތަކަށް ޚަރަދު ކުރަމުން ދިޔައެވެ. 

 

މާގިނަ ދުވަސްތަކެއްނުވެ ނާހިޒުގެ އެކައުންޓުން ފައިސާ ހުސްވެއްޖެއެވެ. ފައިސާ ލިބޭ މަގު ކުއްލިއަކަށް ބަންދުވީއެވެ. އެޕާޓްމެންޓަށް ކުލި ދައްކާނެ ގޮތް ނެތިގެން އެތަން ދޫކޮށްލަން ޖެހިއްޖެއެވެ. އެކަމާ ނާހިޒު ގޮތްހުސްވާ ވަރުވިއެވެ. ކުޑަކޮޓަރިގަނޑެއް ކުއްޔަށް ހިފުންވީ ޒާލިމާ އަށް ކެތްނުކުރެވޭ ވަރުގެ ކަމަކަށެވެ. 

" އަހަރެންގެ މުޅި ދިރިއުޅުން ބަރުބާދު ކޮށްލި މީހަކީ ތިއީ. މުއްސަނދި މީހަކަށްވެގެން ހުރެ އަހަރެންގެ ބޮލަށް އެރުނީ. ކަލޭ ކަހަލަ މީހަކާ އިނދެގެން ދިރިއުޅުމެއް ނުފެންނާނެ ކަމުގައި މަންމަ ކިތަންމެ ވަރަކަށް ބުނުމުންވެސް އަހަރެން ޤަބޫލު ނުކޮށް އައީ. އެންމެފަހުން އަހަރެން ގެނެސް ތިވެއްދީ ޖަލަކަށް." ޒާލިމާ އަށް ރުޅިއައިސްގެން ކިޔޭ ނުކިޔޭ އެއްޗެއްވެސް ނޭނގެއެވެ. ކުޑަކޮޓަރިއަށް ބަދަލުވިފަހުން އެދެމަފިރިންގެ ކަމަކީ އަބަދު ޒުވާބު ކުރުމެވެ. 

" އަހަންނަށް ނޭނގި އަހަރެންގެ އެކައުންޓުން ކިހާ ފައިސާއެއް ޒާލިމާ ތިޚަރަދުކުރީ. ރައްޓެހިންނަށް ޚަރަދު ކުރިއަސް ތީ ބޮޑުވަރު. އަހަރެންގެ އަތްމަތި މުޅިން ހުސްވީ ޒާލިމާގެ ސަބަބުން." ނާހިޒު ހުރީ ޒާލިމާގެ އުޅުމަށް ހިތްހަމަ ނުޖެހިފައެވެ. ޒާލިމާ އުޅެންވީ ވަރަށް މިނިވަން އުޅުމެކެވެ. މީހަކާ އިނދެގެން އުޅޭ އަންހެނަކު އުޅޭހެން އުޅޭކަށް ބޭނުމެއް ނުވެއެވެ. ގޭތެރޭގެ މަސައްކަތް ކުރުމަކީ ޒާލިމާ އިސްކަން ދޭކަމެއް ނޫނެވެ. ރެސްޓޯރެންޓުން ކައިގެން ރައްޓެހިންނާއެކު ވަގުތު ހޭދަކުރުމާ، މޮޅު ފޯނު ހިފައިގެން ފޭސްބުކަށް ސެލްފީ ލުމުން ޒާލިމާ އަށް ނިމުނީއެވެ. ލިބޭ ތަޢުރީފްގެ ކޮމެންޓްތައް ފެނި ހިތްހަމަޖައްސައިގެން މުޅި ދުވަސް ހޭދަކުރުމަކީ ޒާލިމާ ކުރާ ހިތްވާ ކަންކަމެވެ. 

ދެމަފިރިންގެ ޒުވާބު ކޮންމެ ދުވަހަކު ކުރިއަށް ދެއެވެ. ފައިސާއަކީ ކިހާ މުހިއްމު އެއްޗެއްކަން އިޙްސާސް ކުރެވެނީ ފައިސާ އަތުގައި ނެތުމުންނެވެ. ޒާލިމާއަށް ފައިސާ ލިބޭނޭގޮތެއް ނެތުމުން ނާހިޒު  މަތިން ފޫހިވާން ފަށައިފިއެވެ. އަބަދު ވަރިއަށް އެދި ގޮވަން ފެށިއެވެ. އެންމެފަހުން ޒާލިމާ އެދޭގޮތް ނާހިޒު ހަދައިދީފިއެވެ. އެ ކައިވެނި ރޫޅިއްޖެއެވެ. ޒާލިމާ އެނބުރި އިންޑިޔާއަށް ހިނގައްޖެއެވެ. ނާހިޒު މާލެ ދޫކޮށް ދިޔައީ ރަށަށެވެ. ފާޑަކަށް މަޖުބޫރުވެގެންނެވެ. ރަށުގައި އަނެއްކާވެސް އެކަނިވެރި ދިރިއުޅުމެއް އުޅެން ޖެހުނީއެވެ. ފައިސާ ނެތުމުން އެއްވެސް މީހަކު މިއަދު ނާހިޒު ދަންނަކަމަކަށް ނުހަދައެވެ. އެންމެ ކުޑަމިނުން މަގުމަތިން ފެނުނަސް ގޮވައިވެސް ނުލައެވެ. 

"އަމިއްލަ ވަޒަނުގައި މިހުންނަނީ ބީރަށްޓެއްސަކަށްވެފައި." ނާހިޒު މަގުމަތީ ހިނގަމުން ދިޔައިރު އަމިއްލަ ނަފްސާ މުޚާތަބު ކުރިއެވެ.

"މިހާރަކަށް އައިސް ނުދަންނަ ނަންބަރުތަކަކުން އެބަގުޅާ. އަހަރެން ހިތަށްއަރާ ކިހިނެއްބާއޭ މީސްމީހުން ނަންބަރު ހޯދަނީ." މުނާ ފޯނުގެ ސްކުރީން ނީމާއަށް ދައްކާލަމުން ބުންޏެވެ. އަދި އެހާމެ އަވަހަށް ފޯނު ޔުނިފޯމްގެ ޖީބަށްލިއެވެ. 

(ނުނިމޭ)

އިދާރާ

އެނގޭތަ؟

ވާހަކަ