އަދުގެ ޚާއްސަ

Print

އަދުގެ ޖީލު: ކުޑަކުދީންނަށް އެންމެ ބޮޑަށް އިހުމާލުވި ޖީލު

ޝާޢިއުކުރީ އިދާރާ . ހިމެނޭބަޔަކީ އެނގޭތަ

އަންވަރު އިބްރާހީމް

ކޮންމެ އަހަރެއްގެ މެއި މަހުގެ 10 ވަނަ ދުވަހަކީ ބައިނަލްއަގުވާމީ ކުޑަކުދީންގެ ދުވަހެވެ. މި ދުވަސް ފާހަގަކުރުމަށް ޓަކައި، ތަފާތު އެތައް ހަރަކާތެއް މުޅި ދުނިޔޭގައި ހިންގައެވެ. ކުޑަކުދީން ހިތްހަމަ ޖައްސައިދީ އުފާކޮށްދިނުމަށް ޓަކައި މުޅި ދުނިޔެ ފޫގަޅައެވެ. މީޑިއާ މެދުވެރިކޮށް އެ ކުދީންގެ މުހިންމުކަމާއި އެއީ މި ދުނިޔޭގެ މާދަމާކަން އިޢުލާންކުރެއެވެ. ނަމަވެސް އުފެދޭ ސުވާލަކީ ދޭންވާ ލޯތްބާއި ކުލުނު އެންމެ ފުރިހަމައަށް ދެވެނީ ކިތައް ކުދީންނަށް ހެއްޔެވެ؟ ހައްގުތަކާއި ރައްކާތެރިކަން ދެވެނީ އެ ކަމަށް އެދި އާދޭސްކުރަމުންދާ ކިތައް ކުދީންނަށް ހެއްޔެވެ؟  ކާނާއި ބޯހިޔާވަހިކަން ދެވެނީ އެ ކަމަށް އެދި ސަލާންޖަހަމުންދާ ކިތައް ކުދީންނަށް ހެއްޔެވެ؟ ބައެއް ކުދީން ހިތްހަމަ ޖައްސައިދީ އުފާކޮށްދެމުން މިއަދު ދާ އިރު އެ ކުދީންގެ ލޯތަކުން ފައިބައި އުފަލުގެ ކަރުނަ ތިކީން ފެންނަ މާދަމާ އެހައި އުފާވެރި ނޫންކަން އެބަ އިޙުސާސް ކުރެވޭ ހެއްޔެވެ؟ 

ކޮންމެ ތިން ކުއްޖަކުން އެއް ކުއްޖަކު ބަނޑުހައި ހޫނުކަމުގައި: 

އިންސާނަކު ދުނިޔޭގައި ހުރުމަށް ބޭނުންވާ އެންމެ އަސާސީ ކަންކަމުގެ ތެރޭގައި ހިމެނޭ އެއް ކަމަކީ ސާފު ބޯފެނާއި ކާނާއެވެ. ދިރިހުރުމުގެ ހިތަކީ މި ދެންނެވި ދެ އަސާސްކަމަށްވާ އިރު މި އަސާސީ ބޭނުންތައް ފުއްދައިދެވިފައި ނުވާ އެތައް ކުދީންނެއް ދުނިޔޭގައި އެބަ އުޅެއެވެ. ކުއްޖާ އުފަންވުމާ އެކު އެ ކުއްޖާއަށް ދެވޭ އެންމެ ފައިދާ ހުރި ކާނާއަކީ މައިމީހާގެ ކިރެވެ. އެއީ ހަމައެކަނި ކާނާއެއް ނޫނެވެ. އެއީ މަރުވުމުގެ ހިރާސް ފާހަގަކުރެވޭ މިންވަރަކަށް ކުޑަކޮށްދޭ އެފަދަ ދެވަނައެއްނުވާ ބޭހެކެވެ. (އޮލީވިއާ ބެލޯޑް، އާދީތް މޯރޯ، 2013). އެހެންކަމުން އުފަންވާ ކޮންމެ ކުއްޖަކަށް ވެސް ފުރަތަމަ ހަ މަހު، ގާތުން ދިނުމަށް ބާރުއަޅައެވެ. އަދި ދެ އަހަރު ވަންދެން ގާތުން ދިނުމަށް ޔުނައިޓެޑް ނޭޝަންސް އިންޓަނެޝަނަލް ޗިލްޑްރެންސް ފަންޑް) ޔުނިސެފް، 2019) ލަފާދެއެވެ. ނަމަވެސް ހިތާމައަކީ ހަ އަހަރުން ދަށުގެ ކޮންމެ ފަސް ކުއްޖަކުން ތިން ކުއްޖަކަށް އެންމެ އެކަށީގެންވާ ގޮތުގައި ގާތުން ބުއިމުގެ ނަސީބު ލިބިފައި ނުވާކަމެވެ. އަދި ދުނިޔޭގެ 43 އިންސައްތަ ތުއްތު ކުދީންނަށް މައިމީހާގެ ގާތުން ނޫން ތަފާތު ބުއިންތައް ފުރަތަމަ ތިން ދުވަހުގެ ތެރޭގައި ބޯން މަޖުބޫރުވެފައި ވާކަމެވެ. (ޔުނިސެފް 2018). މިއީ އެންމެ ފުރަތަމަ މަރުހަލާގައި ތުއްތު އެތައް ކުދީންނެއް އުޅެންޖެހިފައިވާ ހާލެވެ. 

އަލަށް އުފަންވާ ކުދީންނަށް އެންމެ ބޭނުންވާ ކާނާއިން އެތައް ކުދީންނެއް މަހުރޫމުވީ ފަދައިން އެ ކުދީންގެ މުޅި ހަޔާތް ހޭދަކުރާން ޖެހެނީ ވެސް ހަށިގަނޑަށް ބޭނުންވާ ގިނަ މާއްދާތަކަކުން މަހުރޫމު ވެގެންނެވެ. މިކަމުގެ މައިގަނޑު ސަބަބަކީ ރަނގަޅު ކާނާ ނުލިބުމެވެ. ޔުނިސެފް (2019) ހާމަކުރާ ގޮތުގައި ދުނިޔޭގެ އާބާދީގެ ފަސް އަހަރުން ދަށުގެ ކޮންމެ ތިން ކުއްޖަކުން އެއް ކުއްޖަކީ ބަނޑުހައި ހޫނުކަމާއި ކާނާ ނުލިބުމުގެ މައްސަލަ ދިމާވެފައިވާ ކުއްޖެކެވެ. 340 މިލިއަން ކުޑަކުދީން އުޅެމުންދަނީ މި ދެންނެވި ބަނޑުހައި ހޫނުކަމުގެ ވޭނުގައެވެ. މި މުއްސަނދި ދުނިޔެއިން އެކަށީގެންވާ ރަނގަޅު ޑައިޓެއް ދެވެނީ ކޮންމެ ހަ ކުއްޖަކުން އެންމެ ކުއްޖަކަށެވެ. މި ހާލަތުގައި އެތައް ކުދީންނެއް އުޅެމުން ދާއިރު ކާނާ ހޯދުމަށް މަގުފަހިވެފައި ކުދީންގެ ހާލަތު ވަކި ރަނގަޅެއް ނޫނެވެ. އެ ކުދީންނަށް ދެވެނީ އެ ކުދީންގެ ހަށިގަނޑަށް އެންމެ ބޭނުވާ ކާނާތޯ މިއީ މިއަދު ކުރާންޖެހޭ ސުވާލެކެވެ. އެ ކުދީންގެ ސިއްހަތު ހުރީ އެންމެ ފުރިހަމައަށްތޯ ވެސް އަހާން ޖެހެއެވެ. ދުނިޔޭގެ ކުޑަކުދީންގެ އާބާދީގެ ފަސް އަހަރަން ދަށުގެ 40 މިލިއަން ކުދީންގެ ބަރުދަން ހުރީ ހުންނަންވީ މިންވަރަށް ވުރެ މަތީގައެވެ (ޔުނިސެފް، 2019). މިއީ ހަގީގަތުގައި ވެސް އިހުމާލެކެވެ. ކުޑަކުދީންނަށް އަޅައިލާންވީ މިންވަރަށް އަޅައިލެވިފައި ނުވާކަމުގެ ސާފު ހެތްކެކެވެ. 

މޫސުން ދަށުވެ އެތައް ކުދީންނެއް ހާލުގައި: 

ބަނޑުހައިހޫނުކަމުގެ ފަހަތުގައިވާ އެންމެ ބޮޑު ސަބަބަކީ މޫސުމަށް އަންނަ ބަދަލުތައްކަމަށް ފުޑް އެންޑް އެގްރިކަލްޗަރަލް އޮގަނައިޒޭޝަން (އެފްއޭއޯ، 2019) ހާމަކުރެއެވެ. މި ކަމުގެ ގެއްލުން ބަރުދާސްތުކުރާން ތިބީ މާދަމާގެ ކުޑަކުދީންނެވެ. ދުނިޔޭގެ ފިނިހޫނުމިން މަތިވެ، ފެން ލިބުން ދަތިވެ، ހަނަފަސްކަމުގައި ހަނާވަމުން ދަނީ ވެސް އާރެއް ބާރެއް ނެތް ކުޑަކުދީންނެވެ. ޔުނިސެފް (2020) ހާމަކުރާ ގޮތުގައި 160 މިލިޔަން ކުޑަކުދީންގެ ޖިފުޓިއަކީ މި ދެންނެވި ހަނަފަސްކަން ކުރިމަތިވެފައިވާ ސަރަހައްދުތަކެވެ. މި ހަނަފަސް ސަރަހައްދުތަކަށް ވާރޭ ވެހޭނެކަމަށް ބެލެވޭ މުއްދަތު އަހަރަކަށް ވުރެ އަހަރެއް ކުރުވަމުން އަންނަ އިރު މި ސަރަހައްދު ހޫނުވަމުން ދަނީ ކަންބޮޑުވާން ޖެހޭ މިންވަރަކަށެވެ. އެއީ ދުނިޔޭގެ އެހެން ސަރަހައްދުތައް ހޫނުވަމުން އަންނަ ވަރަށް ވުރެ ދެ ގުނަ އަވަސްމިނެއްގައެވެ. އޭގެ ނަތީޖާއަކީ ވައިގެ ނުސާފުވުމާއި ބިމުގެ ފެން ވިހަވުން ފަދަ މައްސަލަތަކުގެ ހާއްޔަކަށް އެ ސަރަހައްދުތައް ވުމެވެ. 

ޔުނިސެފް (2017) ހާމަކުރާ ގޮތުގައި 2017 ވަނަ އަހަރު 300 މިލިޔަން ކުޑަކުދީން ދިރިއުޅެމުން ދިޔައީ ވައި އެންމެ ނުސާފު ސަރަހައްދުތަކުގައެވެ. އެ ސަރަހައްދުތަކުގެ ވައިގެ ނުސާފުކަން ހުރީ ބައިނަލް އަގުވާމީ ގޮތުން ބަލާ މިންގަނޑުތަކަށް ވުރެ ހަ ދަރަޖަ މަތިކޮށެވެ. މި ދެންނެވި ވައިނުސާފުވުން ވެފައިވަނީ އުމުރުން ފަސް އަހަރު ނުވަނީސް މަރުވި ކުދީންގެ މަރުގެ މައި ސަބަބަށެވެ. އޭގެ އިތުރުން އެތައް ކުދީންނެއްގެ ފުއްޕާމެޔަށާއި ސިކުނޑިއަށް ދެމި ހުންނަނިވި ގެއްލުންތައް ލިބުމުގެ ސަބަބަކަށް ވެސް އެ ކަން ވެފައިވެއެވެ. ނަމަވެސް އެ ކުދީންގެ ހައްގުގައި ކުރެވުނީ ކޮން ކަމެއްތޯއެވެ؟ ކޮށްދެވޭނީ ކޮން ކަމެއްތޯއެވެ؟ ޔުނިސެފް (2017) އަންދާޒާ ކުރާ ގޮތުގައި 2040 ވަނަ އަހަރު އަންނަ އިރު ދުނިޔޭގެ ކޮންމެ ހަތަރު ކުއްޖަކުން އެއް ކުއްޖަކު ދިރިއުޅޭނެ ކަމަށް ބެލެވެނީ ފެނުގެ ދަތިކަން އިންތިހާއަށް ބޮޑު ސަރަހައްދުތަކުގައެވެ. ކުޑަކުދީންނަށް މި ހާލު ޖެހޭނެކަން އެނގޭ އިރު ވެސް ކުރެވޭނީ އަދި ކޮށްދެވެނީ ކޮން ކަމެއްބާއެވެ؟ 

ނަފްސާނީ ދުޅަހެޔޮކަން - އަތްނުލެވި އޮތް ބާބެއް:

ކުޑަކުދީންގެ ވާހަކަ ދައްކާ އިރު އެންމެ ފަސޭހައިން ހިތަށް އަރަނީ އެ ކުދީންގެ ޖިސްމާނީ ހާލަތެވެ. އެ ކުދީންގެ ނަފުސާނީ ހާލަތާ މެދު އޮންނަ ކަންބޮޑުވުން ގިނަ ފަހަރަށް ފެންނަނީ ވަކި ޢުމުރަކަށް ވުރެ ކުއްޖާ ބޮޑުވުމުން އެ ކުއްޖާގެ ކިބައިން ފެންނަ ނޭދެވޭ ޢަމަލުތަކުންނެވެ. ހަގީގަތުގައި ވެސް ކުޑަކުދީންގެ ލޮލުން ފެންނަ ނިކަމެތިކަމަކީ އެ ކުދީންގެ ނަފުސާނީ ހާލަތުގެ ކުޑަ ތަސްވީރެކެވެ. ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިއުއެޗްއޯ، 2019) ހާމަކުރާ ގޮތުގައި ފާއިތުވި 30 އަހަރުގެ ތެރޭގައި ވެސް 18 އަހަރުން ދަށުގެ ކުދީންނަށް ނަފުސާނީ މައްސަލަ ކުރިމަތިވާ މިންވަރު އައީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. މި އިތުރުވުމާ އެކު މިއަދުގެ މުޖުތަމަޢުގައި ޑިޕްރެޝަންއަކީ އެންމެ ގިނަ ކުދީންނަށް ކުރިމަތިވެފައިވާ ނުކުޅެދުންތެރިކަމެވެ. މި ނުކުޅެދުންތެރިކަމަށް ކެތް ނުކުރެވުމުގެ އެއް ނަތީޖާއަކީ އަމިއްލަ ނަފުސަށް ގެއްލުން ދިނުމާއި މި ދުނިޔެއަކީ ބޭނުމެއް ނެތްތަނެއްކަމުގެ އިހުސާސް އެތައް ކުދީންނަކަށް ކުރެވުމެވެ. 2016 ވަނަ އަހަރު އެކަނި ވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަމިއްލަ ނަފުސަށް ގެއްލުން ދީގެން 62 ހާސް ކުދީން މި ދުނިޔެއާ ވަކިވެފައިވެއެވެ (ޑަބްލިއުއެޗްއޯ، 2019). އެކުދީންގެ މައިންބަފައިން ނުވަތަ ބެލެނިވެރީން ކޮބައި ހެއްޔެވެ؟ އާއިލާއާއި މުޖުތަމަޢު ކޮބައި ހެއްޔެވެ؟ 

ކުޑަކުދީންނަށް ދިމާވެފައިވާ ނަފުސާނީ މައްސަލައަކީ ހަމައެކަނި ފަގީރު ގައުމުތަކަށް ދިމާވެފައި ވާ މައްސަލައެއް ނޫނެވެ. މެދު އާމްދަނީ ލިބޭ ގައުމުތަކުގެ ކުޑަކުދީންނަށް ވެސް މި މައްސަލައާ ކުރިމަތިލާން ޖެހިފައިވެއެވެ. ޑަބްލިއުއެޗްއޯ (2018) ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2016 ވަނަ އަހަރު އަމިއްލައަށް މަރުވި ފުރާވަރުގެ އުމުރުގެ 90 އިންސައްތަ ކުދީންނަކީ މަދު އާމްދަނީ ނުވަތަ މެދު އާމްދަނީގެ ގައުމުތަކުގެ ކުދީންނެވެ. މި ކަމުގައި އޮތް އެންމެ ބޮޑު ނުތަނަސްކަމަކީ އެ ކުދީންނަށް އެކަށީގެންވާ ފަރުވާއެއް ނުދެވުމެވެ. އެ ފަރުވާ ދިނުމަށް އެކަށީގެންވާ ޚަރަދެއް ނުކުރުމެވެ. ނުވަތަ ނުކުރެވުމެވެ. ފަގީރު ގައުމެއް ނަމަވެސް މުއްސަނދި ގައުމެއް ނަމަވެސް ކަން އޮތީ މިފަދަ ގޮތަކަށެވެ. އެހެންވެ ޝޭކާރް ސަކްސެނާ (2016) ވިދާޅުވެފައި ވަނީ "ނަފްސާނީ ދުޅަހެޔޮކަމުގެ މައްސަލައާ ޖެހުމުން ކޮންމެ ގައުމަކީ ވެސް ތަރައްގީވަމުން އަންނަ ގައުމެކެވެ. މަދު އަދި މެދު އާމްދަނީ ލިބޭ ގައުމުތަކުގައި ނަފުސާނީ ދުޅަހެޔޮކަމަށް ބޮލަކަށް ހޭދަކުރަނީ ޑޮލަކަށް ވުރެ ވެސް މަދު މިންވަރެކެވެ. އެ ގައުމުތަކުން ސިއްހަތަށް ކުރާ ހޭދައިގެ އެންމެ ޕަސެންޓެއް ވެސް ނަފުސާނީ ދުޅަހެޔޮކަމަށް ހޭދައެއް ނުކުރެއެވެ (ޑަބްލިއުއެޗްއޯ، 2018). މިއިން އެނގި ޔަގީންވަނީ މިއީ މުޅި ދުނިޔެ ވެސް އިހުމާލުވެފައި އޮތް ބޮޑު މައްސަލައެއްކަމެވެ. ކުޑަކުދީންގެ މުސްތަގުބަލާ މެދު އިހުމާލުވެފައިވާ މިންވަރެވެ. 

ކޮންމެ ފަސް ކުއްޖަކުން އެއް ކުއްޖަކަށް އުނގެނުމުގެ ފުރުޞަތެއް ނެތް: 

ދުނިޔެ ދެކެމުންދާ އެންމެ ތައުލީމީ ޖީލަކީ އަދުގެ ޖީލޭ ބުނުމުން އެއީ ކުށަކަށް ނުވާނެއެވެ. ތައުލީމު އާއްމުވެ ފެތުރެމުންދާ މި ޒަމާނުގައި އެތައް ހާސް ކުދީންނެއް، އެ އަސާސީ ޚިދުމަތުން ވަނީ މަހުރޫމުވެފައެވެ. ޔުނިސެފް (2019) ހާމަކުރާ ގޮތުގައި ކޮންމެ ފަސް ކުއްޖަކުން އެއް ކުއްޖަކަށް އުނގެނުމުގެ ފުރުޞަތު ހޯދައިދެވިފައެއް ނުވެއެވެ. އަދި ކުޑަކުދީންގެ އާބާދީން 420 މިލިއަން ކުޑަކުދީންނަށް އެންމެ އަސާސީ ހުނަތުތައް ދަސްކޮށްދެވިފައި ނުވާ އިރު 825 މިލިއަން ކުދީންނަށް ސާނަވީ ތަޢުލީމުގެ އަސާސީ ހުނަރު ވެސް ދަސްވެފައެއް ނުވެއެވެ. މި ހުރިހާ ކަންބޮޑުވުމެއް އޮތް ދުނިޔޭގައި މި ދެންނެވި ފުރުޞަތުތަކުން މަހުރޫމުވެފައިވާ ކުދީން މުސްތަގުބަލަށް ދެމިގަންނާނީ ކިހިނެއް ބާއެވެ؟ އެ ކުދީންގެ މުސްތަގުބަލު އޮންނާނެ ގޮތް ތަސައްވަރު ކުރެވޭބާއެވެ؟ 

ކުޑަކުދީންގެ ތަޢުލީމު އާއްމު ކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތަފާތު ހަރަކާތްތަކާއި މަޝްރޫޢުތައް ހިންގާފައިވެއެވެ. އަދި މިހާރު ވެސް ދަނީ ހިންގަމުންނެވެ. ނަމަވެސް އެންމެ އެދެވޭ ގޮތުގައި ބައެއް މަޝްރޫޢޫތައް ކުރިއަށް ގެންދެވިފައި ނުވުމުގެ މައިގަނޑު އެއް ސަބަބަކީ އެ ކަމަށް އޮތް މާލީ ދަތިކަމެވެ. އެކަމަށް ބޭނުންވާ ފަންޑު ލިބިފައި ނެތުމެވެ. މުޅި ދުނިޔޭގެ އިންސާނިއްޔަތަށް އެތައް ހޭދައެއް ކުރަންޖެހޭ އިރު ތަޢުލީމަކީ ވެސް އެ ބޯކިބާގެ ފޮއްޗެކެވެ. މި ފޮއްޗަށް ޚަރަދު ކުރެވެނީ ކިހައި ވަރެއްތޯ މިއީ އުފައްދަން ރަނގަޅު ސުވާލެކެވެ. ފައިނޭޝންސިއަލް ޓްރެކިން ސަރވިސަސް (2019) ހާމަކުރާ ގޮތުގައި އިންސާނިއްޔަތުގެ ފަންޑުން ތައުލީމަށް ޚަރަދުކުރަނީ އެ ފަންޑުންގެ އެންމެ 2.6 އިންސައްތައެވެ. މިއީ ކުޑަކުދީންގެ މުޅި ހަޔާތް އެޔާ ގުޅިފައިވާ ކަމަކަށް ހޭދަކުރެވެން އޮތް އެންމެ އެކަށީގެންވާ މިންވަރުތޯ ސުވާލު ނުކުރެވޭނެތޯއެވެ؟ 

ރައްކާތެރިކަމެއް  ނެތް މާހައުލާއި ހިޖުރައިގެ ވެށި: 

ކުޑަކުދީން އަބަދުވެސް ވެފައި ވަނީ ހަނގުރާމައިގެ ފުރަތަމަ ޝިކާރަޔަށެވެ(ހެންރިއެޓަރ ހޯސްމަން ފޯރ، 2020). ނަމަވެސް މިއަދުގެ ޖީލު މި ދެކޭ ބިރުވެރިކަމާއި ނާމާންކަން ތަހައްމަލުކުރި މިހާ ގިނަ ކުޑަކުދީންގެ އާބާދީއެއް ދުނިޔެ ދެކެފައެއް ނުވެއެވެ. ކުޑަކުދީންގެ ހައްގުތަކުގެ މުއާހަދާ 1989 ވަނަ އަހަރު ވުޖޫދަށް އައި ފަހުން، އެއް ފަހަރާ އެންމެ ގިނަ ގައުމުތަކުގައި ހަމަނުޖެހުންތައް ހިނގަމުންދަނީ މި ޖީލުގައެވެ.  ކޮންމެ ހަތަރު ކުއްޖަކުން އެއް ކުއްޖަކު މިއަދު ދިރިއުޅެމުން އަންނަނީ ވަރުގަދައަށް ހަނގުރާމަ ހިނގާ ނުވަތަ ކާރިސާތަކާ ކުރިމަތިވެފައިވާ ސަރަހައްދުތަކުގައެވެ. ބޮމާއި ބަޑިއާއި ޓޭންކަރުގެ މައިދާނެއްގައެވެ. ހަނގުރާމައާއި އެހެނިހެން ނުރައްކާތަކުގެ ސަބަބުން 28 މިލިޔަން ކުޑަކުދީންގެ ގެދޮރު މިހާރު ވެސް ވަނީ ގެއްލިފައެވެ (ޔުނިސެފް، 2016). ވިސްނަވާށެވެ. މިއިން އެއްވެސް ކުއްޖެއްގެ ތައުލީމީ ހަޔާތެއް ނެތެވެ. އަމިއްލަ މިނިވަންކަމެއް ނެތެވެ. ހިތްހަމަ ޖެހުމާއި އުފާވެރިކަމެއް ނެތެވެ. އެކުދީންނަށް އޮތީ ޒާތީ ބޮޑު ހިތާމައެކެވެ. ބިރުވެރިކަމާއި ނާމާންކަމުގެ އަނދިރިކަމެވެ. ޅަ ޖީލެއްގެ ފޮނިފޮނި އުއްމީދު މިފަދަ ހިތި ގޮތަކަށް ބަރުބާދުވުމަކީ އިންސާނީ ގާބިލުކަމުން ފެންނަން އޮތް އެންމެ ބޮޑު ފޭލުވުމެވެ. ހިތްހަމަ ނުޖެހުމާއި، ނުތަނަވަސްކަމާއި ރުޅިވެރިކަމާއި ނުދަތުމުގައި ޖީލެއް ބޮޑުވުމަކީ ކިހައި ބޮޑު ނުރައްކަލެއް ތޯއެވެ؟ އެކަމުގެ އަގު ދައްކަން ޖެހެނީ ކިހިނެއް ކޮން ގޮތަކުންކަން އެނގޭނީ އެ ޖީލު ބޮޑުވެ އޭގެ ވޭނީ ތޫނު ހަންޖަރު ދުނިޔޭގެ ބުރަކަށްޓަށް ހެރުމުންނެވެ. 

ހިޖުރަކުރުމަކީ އިންސާނީ ތަޖުރިބާގެ ބައެކެވެ. މި ތަޖުރިބާ އެންމެ ހިތިކަމާއެކު ކުރަމުން ދަނީ މިއަދުގެ ކުޑަކުދީންނެވެ. މިފަދަ 30 މިލިއަން ކުޑަކުދީން އުފަން ގައުމުގެ ސަރަހައްދީރޮނގު ހުރަސްކޮށް އެހެން ކަންކޮޅުތަކަށް ހިޖުރަކޮށްފައި ވެއެވެ (ޔުނިސެފް، 2016). މިއީ ކޮންމެވެސް އުންމީދަކަށް ނުވަތަ އުފާވެރި މުސްތަގުބަލަކަށް އެދި އެ ކުދީން ނުވަތަ އެ ކުދީންގެ ބެލެނިވެރީން އެޅި ފިޔަވަޅެކެވެ. ބައެއް ކުދީންނަށް އެއީ އީޚުތިޔާރެއް ނެތް މަޖުބޫރެކެވެ. އުފަން ފަސްގަނޑުން ރައްކާތެރިކަމާއި ހިމާޔަތް ނުލިބޭނެކަން ޔަގީންވުމުން ނިންމި ނިންމުމެކެވެ. ނަމަވެސް ހިޖުރައިގެ ދަތުރަކީ ކިހައި ނުރައްކާތެރި، ކިހައި ވޭންދެނިވި ދަތުރެއްކަން ގިނަ ކުޑަކުދީންނަކަށް އިހުސާސެއް ނުކުރެވޭނެއެވެ. ކަނޑުތަކާއި ސަހަރާތަކާއި ހަތިޔާރު އެޅި ބޯޑަރުތައް ހުރަސްކޮށް އެ ކުދީން ކުރާ ދަތުރުގެ ފަހު މަންޒިލަކީ ހަމަނުޖެހުމާއި ނާޖާއިޒު ފައިދާ ނެގުން ފަދަ އަނިޔާތަކާ ތުރާތައްކަމެއް އެ ކުދީންނަކަށް މި ޢުމުރަކު ނުވިސްނޭނެއެވެ. މި ނޫން ގޮތެއް ނެތުމުން އެ ގޮތް ވެސް އެންމެ ރަނގަޅު ކަމަށް ވަކީލުކުރުން ނޫންގޮތެއް އެކުދީންނަށް އެބަ އޮތް ހެއްޔެވެ؟  

ހިޖުރަކުރުމުގެ އެންމެ ބޮޑު ހަރަކާތެއް ހިނގަނީ ސަރަހައްދީ ރޮނގުތައް ހުރަސްކޮށްގެންނެއް ނޫނެވެ. ސަރަހައްދީ ރޮނގުގެ އެތެރޭގައި ކުރެވޭ ހިޖުރައަކީ ވެސް ކުޑަކުދީންނަށް ކުރިމަތިލާންޖެހޭ ނުރައްކަލެކެވެ. އެގޮތުން ގައުމުތަކުގެ އެތެރޭގައި ރަށްފުށު ހިސާބުތަކުން ރަށްވެހި ސަރަހައްދުތަކަށް އެތައް މިލިޔަން މީހުންނެއް ކޮންމެ އަހަރަކު ވެސް ހިޖުރަކުރެއެވެ (ޔުނިސެފް، 2018). ގިނަ ޚިދުމަތްތަކަށް އަތް ފޯރަނީ ރަށްވެހި ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންނަށް ކަމަށް ވިޔަސް، ޚިދުމަތް ލިބުމުގައި ހަމަހަމަކަން ނެތުމުގެ މައްސަލަ އެ ސަރަހައްދުތަކުގައި އިންތިހާއަށް ބޮޑެވެ. އެގޮތުން ރަށްފުށު ހިސާބުތަކުގައި އުޅޭ ކުޑަކުދީންނަށް ވުރެ ރަށްވެހި ސަރަހައްދުތަކުގައި އުޅޭ ކުދީންގެ ހާލަތު މާ ގޯހެވެ. ކޮންމެ ހަތަރު ގައުމަކުން އެއް ގައުމެއްގައި، ރަށްވެހި ސަރަހައްދުތަކުގައި އެންމެ ފަގީރު ހާލަތުގައި އުޅޭ ކުދީންގެ ތެރެއިން ގިނަ ކުދީން މަރުވަނީ އެ ކުދީންގެ ފަސް ވަނަ އުފަންދުވަސް އައުމުގެ ކުރީންނެވެ (ޔުނިސެފް، 2016). މިއީ ގައުމުތަކުން އުފެއްދި ހާލަތެކެވެ. އެތެރޭގެ ހަމަނުޖެހުމާއި ތަޅާފޮޅުމާއި ދެކޮޅުވެރިކަމުން އުފަންވި ހާލަތެކެވެ. މި ހާލަތުން ވެސް ބުނެދެނީ މިއަދުގެ ޖީލުގެ އިހުމާލެވެ. 

ކޮންމެ ތިން ކުއްޖަކުން އެއް ކުއްޖެއްގެ އުފަންދުވަހުގެ ސެޓްފިކެޓެއް ނެތް:

ކުއްޖާ އުފަންވުމާ އެކު އެ އުފަންވުން ރަޖިސްޓްރީ ކުރުމާއި ގާނޫނީ ގޮތުން ގައުމަކަށް ނިސްބަތްވުމަކީ ކޮންމެ ކުއްޖަކަށް ލިބިގެންވާ ހައްގެކެވެ. އެ ކުއްޖަކަށް ލިބިގެންވާ އެހެނިހެން ހައްގުތައް ގިނަ ފަހަރަށް ގުނިގެންދަނީ ރަޖިސްޓްރީވުމުގެ ހައްގާ ހަމައިންނެވެ. ޔުނިސެފް (2019) ހާމަކުރާ ގޮތުގައި ދުނިޔޭގެ ކުޑަކުދީންގެ އާބާދީގެ ފަސް އަހަރުން ދަށުގެ 166 މިލިއަން ކުޑަކުދީންގެ އެއްވެސް ރެކޯޑެއް ބެލެހެއްޓިފައެއް ނެތެވެ. ފަސް އަހަރުން ދަށުގެ ކޮންމެ ހަތަރު ކުއްޖަކުން އެއް ކުއްޖަކީ ރަސްމީ ހައިސިއްޔަތު ލިބިފައި ނުވާ ކުއްޖެކެވެ. ގާތްގަނޑަކަށް ކޮންމެ ތިން ކުއްޖަކުން އެއް ކުއްޖަކީ އުފަންދުވަހުގެ ސެޓްފިކެޓް ނެތް ކުއްޖެކެވެ. މިކަންކަމުން މަހުރޫމުވަނީ ހަމައެކަނީ ރަށްވެހިކަމެއް ނޫނެވެ. އޭގެ ސަބަބުން ތަޢުލީމާއި ބޭސްފަރުވާއާއި ބޯހިޔާވަހިކަން ވެސް މަހުރޫމުވެއެވެ (ހެންރިއެޓަރ ހޯސްމަން ފޯރ، 2020). މިއަށް ވުރެ ބޮޑު އިހުމާލެއް ކޮބައި ތޯއެވެ؟ މިއަށް ވުރެ ބޮޑު ދެރައެއް ކުޑަކުދީންނަށް ލިބޭނެ ތޯއެވެ؟ 

އެތައް ނުރައްކަލެއްގެ ޝިކާރައަކަށް: 

ކުޑަކުދީންނަށް އެންމެ ބޮޑު ހިމާޔަތަކާއި ރައްކާތެރިކަމެއް ދެވޭނެ އެއް ބަޔަކީ އެ ކުދީންގެ މައިންބަފައިންނެވެ. އެކަން ކުރަންޖެހޭ އެންމެ މުހިންމު ފަރާތަކީ ވެސް އެއީއެވެ. ނަމަވެސް ކަންކަން ހިނގާ ގޮތަށް ބަލާ އިރު ދުނިޔެއަށް ލިބެނީ ހައިރާންކަމެވެ. ގެވެށި އަނިޔާއާއި ހާނިއްކައިގައި އެތައް ކުދީންނެއް މި ދުނިޔެއާ ވަކިވެފައިވާ އިރު ގަނާގެ ޝިކާރައަށް ހުށަހެޅިފައި އެތައް ކުއްޖަކު ގިސްލަމުން ރޮމުން އެބަ ދެއެވެ. ޔުނައިޓެޑް ނޭޝަންސް އެޑިއުކޭޝަނަލް، ސައިންޓިފިކް އެންޑް ކަލްޗަރަލް އޮގަނައިޒޭޝަން (ޔުނެސްކޯ، 2019) ހާމަކުރާ ގޮތުގައި ކުޑަކުދީންގެ އާބާދީގެ ކޮންމެ ތިން ކުއްޖަކުން އެއް ކުއްޖަކީ ގަނާގެ ޝިކާރައަކަށް ވެފައިވާ ކުއްޖެކެވެ. މި ހާލަތުގައި އެތައް ކުއްޖަކު އުޅެމުންދާ އިރު ކުޑަކުދީންގެ އާބާދީގެ އެއް އަހަރާއި ހަތަރު އަހަރުން ދަށުގެ 75 އިންސައްތަ ކުދީންނަކީ މައިންބަފައިން ނުވަތަ ގޭގައި އުޅޭ އެހެން މީހެއްގެ ފަރާތުން ނަމަވެސް އަނިޔާއާއި ބިރާ ކުރިމަތިލަމުންދާ ކުދީންނެވެ. މި ކަންކަމުން ބުނެދެނީ އެންމެ ކަމެކެވެ. އެއީ މައިންބަފައިން ނުވަތަ ބެލެނިވެރީންގެ ބޮޑު އިހުމާލެވެ. 

ދެން ވެސް އޮތީ އެފަދަ އިހުމާލެކެވެ. އިންޓަނެޓުގެ ވާހަކައެވެ. ގަބޫލުކުރަމެވެ. މިއަދު އިންޓަނެޓަކީ އަސާސީ ކަންކަން ފުރިހަމަވުމުގެ މަސްދަރެކެވެ. އެއާ ނުލައި ކަންކަން ކުރަން އުނދަގޫ ޒަމާނެއްގައި އެއަށް ކުޑަކުދީން އަހުލުވެރިކުރުވުމަކީ ކޮންމެހެން ވެސް ބޭނުން ކަމެކެވެ. އޭގެ ނަތީޖާއަކީ ދުނިޔޭގެ ކޮންމެ ތިން ކުއްޖަކުން އެއް ކުއްޖަކީ، މިއަދު ގަވައިދުން އިންޓަނެޓް ބޭނުންކުރާ ކުއްޖަކަށް ވުމެވެ (ހެންރިއެޓަރ ހޯސްމަން ފޯރ 2020). މި ޢަދަދުގެ ރޮނގު މުސްތަގުބަލުގައި އަރާނީ ދިމާ މައްޗަށެވެ. ނަމަވެސް ބައެއް މައިންބަފައިންނަށް ނުވިސްނި އޮތް ކަމަކީ އިންޓަނެޓަކީ ހުޅުވާލެވިފައިވާ މުޖުތަމަޢެއްކަމެވެ. ވަކި ޢުމުރެއް، ވަކި ގިންތިއެއް ވަކި ފަންތިއެއް ނެތް މަންސައެއްކަމެވެ. އެ މަންސާގައި އަމާންކަމާއި ރައްކާތެރިކަން ހޯދަން އެނގެނީ ވިސްނުމާއި ފިކުރުކުރާން އެނގި ބުއްދި ބޭނުންކުރާން އެނގުނު މިންވަރަކުންނެވެ. ޔުނިސެފް (2017) ހާމަކުރާ ގޮތުގައި އިންޓަނެޓް ބޭނުންކުރާ ކޮންމެ ތިން އެކައުންޓަކުން 1 އެކައުންޓަކީ 18 އަހަރުން ދަށުގެ ކުއްޖެއްގެ އެކައުންޓެކެވެ. ކޮންމެ ދުވަހަކު އަލަށް 175  ހާސް ކުޑަކުދީން އޮންލައިންވާ އިރު އެއީ ކޮންމެ ބައި ސިކުންތަކުން އާ ކުއްޖެކެވެ (ޔުނިސެފް، 2020). މި ތަފާސްހިސާބުތަކުން ބުނެނީ ކުދީންނަށް ދެވިފައިވާ މިނިވަންކަމެވެ. ކޮންމެ މީހަކާ ކޮންމެ ބަޔަކާ ވާހަކަދައްކައި މުޢާމަލާތު ކުރުމަށް ހުޅުވިފައިވާ ފުރުޞަތުގެ ބޮޑުކަމެވެ. މިއާއެކު މައިންބަފައިންގެ އިހުމާލު އޮތް މިންވަރު ވެސް މެއެވެ. ހިތާމައަކީ ސައިބަރ ގަނާގެ ދަންތުރައިގައި ޖެހި އެތައް ކުދީންނެއް ތާށިވެފައިވުމެވެ. އޮންލައިން މެދުވެރިކޮށް ޖިންސީ ފުރައްސާރައަށް މަގުފަހިވާކަން 18 އަހަރުގެ 80 އިންސައްތަ ކުދީން ގަބޫލުކުރި ނަމަވެސް އެއާ ދުރުވާން އެ ކުދީންނަށް މަސައްކަތް ނުކުރެވޭކަމެވެ. އޮންލައިންގެ އަޅަކަށް ކުޑަކުދީންވެ އެ ހަނގުރާމައިން ބަލިވި އަސީރުންނަށް މައިންބަފައިންވި ކަމެވެ. މި ކަންކަމުން ވެސް ހާމަވަނީ އިހުމާލެވެ. 

ހައްތަހާ ވެސް އިހުމާލެވެ. ކުޑަކުޑަ އިހުމާލެއް ނޫނެވެ. ދުނިޔެ ވަރުގެ ބޮޑެތި އިހުމާލެވެ. މުޅި ދުނިޔެއަށް އަސަރުކުރާ ޒާތުގެ އިހުމާލު ވެސް މެއެވެ. ބަނޑުހައި ހޫނުކަމުގެ ތަވާގައި އެތައް ކުދީންނެއް ފިހޭން ޖެހުމުގެ އިހުމާލެވެ. މޫސުމީ ރާޅު ދަށުވެ އެތައް ކުދީންނެއް ގެނބިގެންދާކަމުގެ އިހުމާލެވެ. ނަފުސާނީ ބަލިމަޑުކަމުގެ ޝިކާއަރަކަށް އެތައް ކުދީންނެއް ވުމުގެ އިހުމާލެވެ. އުނގެނުމުން މަޙުރޫމުކުރެވި ކުދީންގެތަކެއްގެ ކުރިމަގު ބަނަކުރިކަމުގެ އިހުމާލެވެ. ހޯދައި ނުދެވުނު ރައްކާތެރިކަމާއެކު ގައުމެއްގެ މިލްކުވެރިކަން ނިގުޅައިގަތުމުގެ އިހުމާލެވެ. އަނިޔާއާއި ގަނާގެ ވޭނުން ކުދިބަޔަކު ހަނާވާން ޖެހުމުގެ އިހުމާލެވެ. މި ހުރިހާ އިހުމާލަކާ އެކު މި ޖީލަކީ ކުޑަކުދީންނަށް އެންމެ ބޮޑަށް އިހުމާލުވި ޖީލުކަމަށް ނުބުނެވޭނެ ހެއްޔެވެ؟ 

__________________________________

ހަވާލާ ލިސްޓު:

ހެންރިއެޓަރ ހޯސްމަން ފޯރ. (2020). އެން އޯޕެން ލެޓަރ ޓު ދަ ވޯލްޑްސް ޗިލްޑްރެން: 8 ރީސަންސް ވައި އަ އޭމް ވޮރީޑް، އެންޑް ހޯޕްފުލް، އެބައުޓް ދަނެކްސްޓް ޖެނެރޭޝަން. ނިއުޔޯކް: ޔުނައިޓެޑް ނޭޝަންސް ޗިލްޑްރެންސް ފަންޑު. ނެގީ

https://www.unicef.org/media/59891/file/Open-letter-to-worlds-children-2019.pdf

އޮލީވިއާ ބެލޯޑް، އާދީތް މޯރޯ. (2013). "ހިއުމަން މިލްކް ކޮންޕޮޒިޝަން ނިއުޓްރިއެންޓްސް އެންޑް ބައޯއެކްޓިވް ފެކްޓަރސް" ޕެޑިއެޓްރިކް ކްލިނިކްސް އޮފް ނޯތު އެމެރިކާ، 60(1)، ޞ.49-74.

ވޯލްޑް ހެލްތު އޮގަނައިޒޭޝަން. (2018). މެންޓަލް ހެލްތު އެޓްލަސް 2017. ޑަބްލިއު އެޗްއޯ: ނެޖީވާ.

https://apps.who.int/iris/bitstream/handle/10665/272735/9789241514019-eng.pdf?ua=1

ވޯލްޑް ހެލްތު އޮގަނައިޒޭޝަން. (2019). ސެޑޮލްސެންޓް މެންޓަލް ހެލްތް. 

https://www.who.int/newsroom/fact-sheets/detail/adolescent-mental-health.

ފައިނޭޝންސިއަލް ޓްރެކިން ސަރވިސަސް (2019) ހިއުމެނިޓޭރިއަން އެއިޑް ކޮންޓްރިބިއުޝަންސް، އެފްޓީއެސް. ނެގީ

< https://fts.unocha.org/>,

ފުޑް އެންޑް އެގްރިކަލްޗަރަލް އޮގަނައިޒޭޝަން. (2019). ދަ ސެޓޭޓް އޮފް ފުޑް ސެކިއުރިޓީ އެންޑް ނިއުޓްރިޝަން އިން ދަ ވޯލްޑް 2019. ސެފްގާޑިންގ އެގެއިންސްޓް އިކޮނޮމިކް ސްލޯޑައުންސް އެންޑް ޑައުންޓައުންސް. ރޯމް. އެފްއޭއޯ.  ނެގީ http://www.fao.org/3/ca5162en/ca5162en.pdf

ޝޭކާރް ސަކްސެނާ (2016). ޗެލެންޖަރސް އެންޑް އޮޕޮޗުނިޓީސް އިން ގްލޯބަލް މެންޓަލް ހެލްތު: އަ ޕާސްޕެކްޓިވް ފްރޮމް ޑަބްލިއު އެޗްއޯ. އެޕިޑެމިއޮލޮޖީ އެންޑް ސައިޗިއޭޓްރިކް ސައިންސް 25، 495-498. doi:10.1017/S2045796016000536

ޔުނައިޓެޑް ނޭޝަންސް އިންޓަނެޝަނަލް ޗިލްޑްރެންސް ފަންޑް.(2016) އަޕްރޫޓެޑް: ދަ ގްރޯވިންގް ކްރައިސިސް ފޮރ ރެފިއުޖީ އެންޑް މައިގްރެންޓް ޗިލްޑްރެން. ނިއުޔޯކް: ޔުނެސެފް. ނެގީ  https://www.unicef.org/videoaudio/PDFs/Uprooted.pdf

ޔުނައިޓެޑް ނޭޝަންސް އިންޓަނެޝަނަލް ޗިލްޑްރެންސް ފަންޑް.(2017). އަ ފެމިލިއަރ ފޭސް ވައިލެންސް އިންދަ ލިވްސް އޮފް ޗިލްޑްރެން އެންޑް އެޑޮލެސެންޓްސް. ނިއުޔޯކް: ޔުނިސެފް. ނެގީ https://www.unicef.org/publications/files/Violence_in_the_lives_of_children_and_adolescents.pdf

ޔުނައިޓެޑް ނޭޝަންސް އިންޓަނެޝަނަލް ޗިލްޑްރެންސް ފަންޑް.(2017). ދަ ސްޓޭޓްސް އޮފް ދަ ވޯލްޑްސް ޗިލްޑްރެން 2017 ޗިލްޑްރަން އިން އަ ޑިޖިޓަލް ވޯލްޑް. ނިއުޔޯކް: ޔުނިސެފް. ނެގީ https://www.unicef.org/publications/files/SOWC_2017_ENG_WEB.pdf އިން

ޔުނައިޓެޑް ނޭޝަންސް އިންޓަނެޝަނަލް ޗިލްޑްރެންސް ފަންޑް.(2017). ތަރސްޓިން ފޮރ އަ ފިއުޗަރ ވޯޓަރ އެންޑް ޗިލްޑްރެން އިން އަ ޗެންޖިންގ ކްލައިމޭޓް. ޔުނިސެފް. ނިއުޔޯކް. https://www.unicef.org/publications/files/UNICEF_Thirsting_for_a_Future_REPORT.pdf

ޔުނައިޓެޑް ނޭޝަންސް އިންޓަނެޝަނަލް ޗިލްޑްރެންސް ފަންޑް.(2018). އެޑްވާންޓޭޖް އޯރް ޕެރެޑޮކްސް؟ ދަ ޗެލެންޖް ފޮރް ޗިލްޑްރެން އެންޑް ޔަންގ ޕީޕަލް އޮފް ގްރޯވިންގ އަޕް އަރބަން. ޔުނިސެފް. ނިއުޔޯކް. ނެގީ: https://data.unicef.org/resources/urban-paradox-report/

ޔުނައިޓެޑް ނޭޝަންސް އިންޓަނެޝަނަލް ޗިލްޑްރެންސް ފަންޑް.(2018). ފްރޮމް ދަ ފަސްޓް އަވާސް އޮފް ލައިފް، ޔުނިސެފް، ނިއުޔޯކް. ނެގީ

https://www.unicef.org/media/49801/file/From-the-first-hour-of-life-ENG.pdf އިން

ޔުނައިޓެޑް ނޭޝަންސް އިންޓަނެޝަނަލް ޗިލްޑްރެންސް ފަންޑް.(2019). ބަރތު ރަޖިސްޓްރޭޝަން ފޮރ އެވްރީ ޗައިލްޑް ބައި 2030. އާ ވީ އޮން ޓްރެކް؟ ޔުނިސެފް. ނިއުޔޯކް، 2019. ނެގީ  https://www.unicef.org/media/62981/file/Birth-registration-for-every-child-by-2030.pdf

ޔުނައިޓެޑް ނޭޝަންސް އިންޓަނެޝަނަލް ޗިލްޑްރެންސް ފަންޑް.(2019). އެވްރީ ޗައިލްޑް ލަރންސް ޔުނިސެފް އެޑިއުކޭޝަން ސްޓްރެޓެޖީ 2019-2030. ނިއުޔޯކް: ޔުނިސެފް. ނެގީ  https://www.unicef.org/media/59856/file/UNICEF-education-strategy-2019-2030.pdf އިން 

ޔުނައިޓެޑް ނޭޝަންސް އިންޓަނެޝަނަލް ޗިލްޑްރެންސް ފަންޑް.(2019). ދަ ސްޓޭޓް އޮފް ވޯލްޑްސް ޗިލްޑްރެން 2019. ޗިލްޑްރެން، ފުޑް އެންޑް ނިއުޓްރިޝަން: ގްރޯވިންގ ވެލް އިން އަ ޗޭންޖިންގ ވޯލްޑް. ނިއުޔޯކް: ޔުނިސެފް. ނެގީ https://www.unicef.org/media/63016/file/SOWC-2019.pdf

ޔުނައިޓެޑް ނޭޝަންސް އިންޓަނެޝަނަލް ޗިލްޑްރެންސް ފަންޑް.(2020). އިންޑް ވައިލެންސް އޮންލައިން. ނެގީ https://www.unicef.org/endviolence/endviolenceonline/

ޔުނައިޓެޑް ނޭޝަންސް އިންޓަނެޝަނަލް ޗިލްޑްރެންސް ފަންޑް.(2020). ޔުނިސެފް ހިއުމެނިޓޭރިއަން އެކްޝަން ފޮރ ޗިލްޑްރެން 2020 އޯވަވިއު. ޔުނިސެފް. ނިއުޔޯކް. ނެގީ https://www.unicef.org/mena/media/6806/file/UNICEF_HAC_OVERVIEW_ENG_2020_V16_WEB.pdf%20.pdf އިން

ޔުނައިޓެޑް ނޭޝަންސް އެޑިއުކޭޝަނަލް، ސައިންޓިފިކް އެންޑް ކަލްޗަރަލް އޮގަނައިޒޭޝަން. (2019). ބިހައިންޑް ދަ ނަންބަރސް: އެންޑިންގ ސްކޫލް ވައިލެންސް އެންޑް ބްލީންގ. ޕެރިސް: ޔުނެސްކޯ. ނެގީ

https://unesdoc.unesco.org/ark:/48223/pf0000366483/PDF/366483eng.pdf.multi

އިދާރާ

އެނގޭތަ؟

ވާހަކަ