އަދުގެ ޚާއްސަ

Print

ބައިނަލްއަޤުވާމީ މަންމައިންގެ ދުވަސް ނުވަތަ މަންމައިންގެ އީދު

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ އިޖުތިމާޢީ

ޢަބްދުالله ފާރޫޤު ޙަސަން

އިންސާނުންނާއި ޖަނަވާރުންނާ ތަފާތުކުރާ ސިފަތަކާއި އާދަކާދަޔާއި ނަކަލުކުރުންތަކުގެ ތެރެއިން ފާޅުކަންބޮޑު އެއް ކަމަކީ ތިމާގެކަމުގެ ގުޅުމަށް ރިޢާޔަތްކުރުމެވެ. ނުވަތަ އެގުޅުންތަކާމެދު ބަލައިލައިގެން އުޅުމެވެ. ތިމާގެ މީހުންގެ މެދުގައި އޮންނަ ހިތުގެ އެކުވެރިކަމާއި ލޯތްބާއި އަޅައިލުމެވެ. ޤަދީމީ ޒަމާނުއްސުރެ އިންސާނީ ނަސްލުތަކާއެކު އެ ކަންކަން އަންނަނީ ދެމިގެންނެވެ. އިންސާނާގެ ޢަޤީދާއަށާއި ފިކުރިއްޔާތަށް އަންނަ ތަފާތުތަކާއެކުވެސް އާއިލީ ގުޅުންތަކުގެ ހުރުމަތް ކޮންމެވެސް މިންވަރަކަށް އަންނަނީ ދެމެހެއްޓެމުންނެވެ. ޚާއްޞަކޮށް މައިންދެކެ ލޯބިވުމާއި މައިންނަށް ހުރުމަތްތެރިކޮށް ހިތުން އިންސާނުންގެ ކިބަޔަކުން ފިލައިގެނެއް ނުދެއެވެ. ޝައްކެއްނެތެވެ. މި ކަމުގައި ވެސް ބައެއްފަހަރު އިންސާނުންވަނީ އެދާ އަތަކަށް ގޮސް ބޮލާއަޅައިފައެވެ. ދީލިކަޑަވެފައެވެ. ނުވަތަ ނެގިމަޑުވެފައެވެ. ބައެއްފަހަރު މައިންގެ ހުރުމަތްތެރިކަން ބޮޑުކުރަމުންގޮސް ޝިރުކުގެ ޢަޤީދާ ގެންގުޅޭ ބައެއް ފަރާތްތަކުންވަނީ މައިންނަކީ އަޅުކަންކުރެވޭ ފަރާތްތަކުގެ ތެރެއިން ފަރާތަކަށް ހަދައިފައެވެ. އަނެއްބަޔަކުވަނީ މައިންނަކީ ބައްޕަ މަރުވަމުން ގުޅި ރުނބައާއި އެނދު އަށިފަދަ ތަކެތި ބަހާ ގޮތަށް ބަހައިލެވޭ ތަރިކަ މުދަލަކަށް ހަދައިފައެވެ.

ހުރިހައި ހައިސިއްޔަތަކުންނާއި ހުރިހައި ނަޒަރަކުން އަންހެނުންނަށް ޙައްޤު މަގާމު ހޯދައިދީ އެބައިމީހުންގެ މަގާމު މަތިވެރިކުރީ އިސްލާމްދީނެވެ. އިސްލާމްދީން އަންހެނުންނަށް ބޭނުންވާ ޙިމާޔަތާއި ރައްކައުތެރިކަން ހޯދައިދިނެވެ. ގުނައި އަދަދު ނުވާހައި ގިނަގުނަ ޙައްޤުތަކެއް ހޯދައިދިނެވެ. ޚާއްޞަކޮށް އެ ދީން ވަނީ މައިންގެ ޢިއްޒަތާއި މާތްކަމާއި ޝަރަފު މަތިވެރިކޮށްފައެވެ. މަޚުލޫޤުންގެ ތެރެއިން ނަބީ، ރަސޫލުން ފިޔަވައި އެހެން އެއްވެސް ބަޔަކަށް ލިބިގެން ނުވާފަދަ ފުރަކީރިތި މަގާމެއް މައިންނަށް ހޯދައިދީފައެވެ.

ޝައްކެއްނެތެވެ. ޙަޤީޤަތަށް އިޢުތިރާފުވާއިރު މަންމަގެ އުނގަކީ އިންސާނާގެ އެންމެފުރަތަމަ މަދަރުސާއެވެ. ތެދުވެރިކަމާއި، ވަފާތެރިކަމާއި، އީމާންކަމާއި، ހިތްވަރާއި ފަންވަރާއި، ސާބިތުކަމާއި މިފަދަ ފުރިހަމަ ސިފަތައް ލިބިގެންވާ ޤާއިދުން އެ ސިފަތަކުން ޒީނަތްވެ ބައްޓަންވެ ތަރުބިޔަތުވެގެން ނުކުންނަނީ މައިންގެ އުނގުންނެވެ. އިންސާނީ އައު ނަސްލުތަކުގެ ސީރަތުގެ އޮފުގަދަކަމާއި ވިދައި ބެބުޅުމަކީ މައިންގެ ބުރަ މަސައްކަތުގެ ނަތީޖާއެވެ.

ހިތާމަހުރިކަމެކެވެ. މިހާރަކަށް އައިސް އިންސާނީ ނަސްލުގައި ދުވަހެއްދުވަހަކަށް އިތުރުވަމުންދަނީ މައިންގެ މުޤައްދަސްކަމާއި، މަތިވެރިކަމާއި، މާތްކަން ރޭކައިނުލާ މީހުންނެވެ. މާއްދިއްޔަތުގެ ބާރު ދުވެލީގައި ޒަމާން ވަނީ ތިމާގެކަމުގެ ގުޅުމާއި ލޭގެ ގާތްކަމަކީ ފަރުވާލެއް ބަހައްޓާން ނުޖެހޭ ކަންކަން ކަމުގައި ހަދައިފައެވެ. ޚާއްޞަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގައި މައިންބަފައިންގެ ހުރުމަތްވަނީ އިންތިހާއަށް ކުޑަވެފައެވެ. އެއްބަނޑުއެއްބަފާކަމާއި އާއިލީ ލޯބިވަނީ ދެކެފަރިތަކަމުގެ މިންގަނޑަށްވުރެ ވެސް ދަށަށް ވެއްޓިފައެވެ. މީގެ އެންމެ ބޮޑު އެއް ހެއްކަކީ ދަރީންގެ ގެދޮރު އެއްކިބާގައި އޮއްވައި މައިންބަފައިންގެ ތަރިކައިން ދަރީން ލިބިގެންފައިވާ ގެދޮރުން ވެސް މުސްކުޅި މައިންބަފައިންނަށް ބޯހިޔާކޮށްލާނެ ތަންފުކެއް ނުލިބޭކަމެވެ. ތަރައްޤީވެފައިވާ ޤައުމުތަކުގައި ސުމާރެއްނެތި އިތުރުވަމުންދާ "ހޯމް ފޮރ އޭޖް" (އުމުރުން ދުވަސްވީ މީހުންގެ އިގާމާ) ތަކެވެ. ތަރައްޤީވެފައިވާ މުޖުތަމަޢުތަކުގައި އާއިލީ މުޤައްދަސް ލޭގެ ގުޅުމުގެ ކަންފުޅެއް ހުރިކަމުގައިވިޔަސް ހުންނަނީ ވަރަށްވެސް ރަސްމީ ސިފައެއްގައެވެ. އެގޮތުން ހިތާ ދެކޮޅަށް ކުރާ އެއްކަމަކީ އަހަރަކު އެއްފަހަރު މައިންގެ ދުވަސް ފާހަގަކުރުމެވެ. އާދެ، މިއީވެސް މުޖުތަމަޢުގެ އަޑިއަޑީގެ ޝުޢޫރުގެ ސަބަބުން މަޖުބޫރުވެގެން އީޖާދުކޮށްފައިވާ ކަމެކެވެ. އަހަރަކު އެއްފަހަރު އެކަން ކޮށްލުމަކީ އާއިލީ ކުލުނަށްވުރެ ބޮޑަށް ހުޅަނގުން ދެވިހިފައިފައިވާ "ޕާޓީ ކަލްޗަރުގެ" ނަތީޖާ ކަމުގައިވެސް ވެދާނެއެވެ. މިއީ ތަރައްޤީވެފައިވާ ޤައުމުތަކުގައި ފޯދިގެން އުތުރި އަރައިގަންނަ ފެޝަންތަކުގެ ތެރެއިން ފެޝަނެއް ކަމުގައިވެސް ވެދާނެއެވެ. ހުޅަނގުގެ ޤައުމުތަކުގެ ކުންފުނިތަކުން އިޝްތިހާރުގެ ޒަރީޢާއިން ފަތުރަމުންގެންދާ ޞާރިފިއްޔަތު (ކޮންސިއުމަރިޒަމް) ގެ ނަތީޖާކަމުގައިވުމަކީ އެންމެ ގާތްގޮތެވެ.

 

މައިންގެ ދުވަހުގެ ތާރީޚު:

ދުނިޔޭގެ އެކި ޤައުމުތަކުގައި މައިންގެ ދުވަސް ފާހަގަކުރަނީ އެކި ތާރީޚުތަކުގައެވެ. މައިންގެ ދުވަހާ ގުޅުވަން މަސައްކަތްކުރަނީ ތަފާތު ފަސްމަންޒަރުތަކެކެވެ. ނަމަވެސް އެންމެ ގިނަބަޔަކު އެއްބަސްވާގޮތުގައި މިއީވެސް ޔޫނާނީ އަދި މަސީހީ ސަގާފަތުގެ ވިހަ "ހަދިޔާ" ތަކުގެ ތެރެއިން "ހަދިޔާ" އެކެވެ. ފިކުރީ މަޒުހަބުތަކުގެ ތެރެއިން އެއް މަޒުހަބެއްގެ ބަޔަކު ދަޢުވާކުރާ ގޮތުގައި މައިންގެ ދުވަހުގެ ތަޞައްވުރު އުފެދިގެންއައީ ޔޫނާނުގެ ޤަދީމީ ޝިރުކުގެ ޢަޤީދާގެ ތެރެއިންނެވެ. އެވޭލާ ޒަމާނުގެ ޔޫނާނީންގެ ތެރޭގައި އަހަރުގެ ވަކިދުވަސްތަކެއްވަނީ މައިންނަށް އަޅުކަންކުރަން ޚާއްޞަކޮށްފައެވެ. އެމީހުން އެދުވަހު އަޅުކަންކުރަނީ "Cybele-great mother of Gods" ސައިބަލް ކަލާނގެތަކުގެ މަތިވެރި މަންމަޔަށެވެ. އެކަމަށްޓަކައި ޚާއްޞަކުރަނީ މާރިޗުމަހުގެ ފަނަރައިން އަށާރަޔަށެވެ.

އިނގިރޭސިވިލާތުގައި މި ސަމާ ބާއްވަނީ "ޢީސާގެފާނު އުޑަށް އުފުއްލެވި" ތާރީޚުގެ ތިން ހަފްތާ ކުރިޔަށެވެ. އެއީ ސާދަވަނަ ސައްތައިގައި ފެށުނު މަސީހީ އާދަކާދައިގެ ސިލްސިލާ ވުމެކެވެ. އެ އާދައިގައިވާގޮތުން އަހަރަކު އެއްދުވަހު އެންމެންވެސް އެބައެއްގެ އާއިލީ ފައްޅިޔަށް (މަދަރ ޗާޗަށް) އެއްވުމަށް ބާރުއަޅައެވެ. ހައްޔަރުވެފައިތިބޭ މީހުންނާއި، ނޯކަރުންނާއި، އަންހެނުންނާއި ކުޑަކުދީންނަށްވެސް އެބައިމީހުންގެ ގޭގޭގެ އަހުލުވެރީންނާ ބައްދަލުވުމުގެ ފުރުސަތު ލިބިދިނުމުގެ ގޮތުންނެވެ. އެދުވަސް ވަނީ ނިކަމެތީންގެ ޗުއްޓީ ދުވަހަކަށެވެ. އެކަމަކު މިހާރު މައިންގެ ދުވަހަކީ މައިންނަށް ހަދިޔާ ފޮނުވުމުގެ ރަސްމަށް ޚާއްޞަވެފައިވާ ދުވަހެކެވެ.

އެމެރިކާގައި އެންމެފުރަތަމަ މައިންގެ ދުވަސް ފާހަގަކުރެވުނީ މެއިމަހުގެ ދިހަވަނަ ދުވަހުއެވެ. އެއީ 1908 ވަނަ އަހަރެވެ. އެމެރިކާގެ ސްޓޭޓެއްކަމުގައިވާ ވާޖީނިޔާގައެވެ. އެދުވަހުގެ ފަހުން މިކަންވަނީ ބޯކެޔޮވަލަކަށް އަލިފާންގަޑު ފެތުރިގެންދާ ފަދައިން މުޅި އެމެރިކާގައި އާއްމުވެފައެވެ. 1914 ގައި އެދުވަހަށްވަނީ ޤައުމީ އީދެއްގެ ދަރަޖަ ލިބިފައެވެ. ދުނިޔޭގެ އެންމެފުރަތަމަ ބޮޑުހަނގުރާމައިގައި އެބައެއްގެ ވާވެރީން މަރުވެފައިވާ އަންހެނުންގެ ފަރާތުން އެ ވާވެރީންނަށް އިޙުތިރާމު ކުރުންވެސް އެދުވަހަށް ޚާއްޞަކުރެވުނެވެ. އެންމެ ނުވައަހަރު ދުވަހުގެ ތެރޭގައި މި ރަސްމު ވަނީ އެމެރިކާގެ ކުންފުނިތަކުން ވިޔަފާރީގެ ވަރަށް ފަހި ފުރުސަތަކަށް ހަދައިފައެވެ. އެދުވަހާ ގުޅުވައިލެވުނު މާނައެއްނެތް ކަންބޮޑުކުރުމާއި ނިކަމެތީންގެ ބޮލަށް ހުތްފިތައިގެން މަންފާ ހޯދުމުގެ ކަންތައްގަނޑު ފަލަކަމުން ޚުދު އަންނާ ޖާވިސް ވެސް ވަނީ އެކަމާ ކަންބޮޑުވެގެން އެ ވިޔަފާރިޔާ ދެކޮޅަށް ތެދުވެފައެވެ. އެމެރިކާގައި މި ރަސްމު ފެށި މީހަކީ އޭނާއެވެ. ކޮންމެއަކަސް އެމެރިކާގައި މައިންގެ ދުވަހަކީ ވިޔަފާރީގެ ވަރަށް މަންފާހުރި ދުވަހެކެވެ. ވިޔަފާރީގެ މޫސުމެކެވެ. މުހިންމު ބަންދެކެވެ.

މެދުއިރުމަތީގެ ޤައުމުތަކާއި ޢަރަބި އިސްލާމީ ޤައުމުތަކުގައިވެސް މިހާރުވަނީ މައިންގެ ދުވަސް ފާހަގަކުރާން ފަށައިފައެވެ. އެ ޤައުމުތަކުގައިވެސް ކިޔަވައިގެންތިބޭ މީހުންނާއި، ތަނަވަސްކަމުގެ އަހުލުވެރީން އެދުވަސް ކުލަގަދަކޮށް ފާހަގަކުރެއެވެ. ޢަރަބި ޤައުމުތަކުގެ ތެރެއިން ގިނަ ޤައުމުތަކުގައި އެދުވަސް ފާހަގަކުރަނީ މާރިޗުމަހުގެ އެކާވީސްވަނަ ދުވަހުއެވެ. ބަހާރުމޫސުން ފެށޭ ދުވަހުއެވެ. ޢަރަބީން އެދުވަހަށް ދީފައިވާ ނަމަކީ އީދުލްއުއްމި (މައިންގެ އީދު) އެވެ. އިންޑިޔަން ސަބް ކޮންޓިނެންޓާއި ތުރުކީގައި އެދުވަސް ފާހަގަކުރަނީ އެމެރިކާއަށް ތަބާވެގެންނެވެ. މެއިމަހުގެ ދެވަނައަށް އަންނަ އާދީއްތަ ދުވަހަކީ މައިންގެ ދުވަހެވެ.

އީރާނު މީހުންނާއި އެނޫން ޤައުމުތަކުގެ ޝީޢީ ބައެއް ޖަމާޢަތްތަކުން ވަނީ އެދުވަހުން "މަސީހީ ކުލަ ފިލުވައިލައި އިސްލާމީ ކޮށްފައެވެ." އައުކޮށްފައެވެ. "ދީނީ ޣީރަތާ" ގުޅުވައިފައެވެ. އެބައިމީހުން އެދުވަސް ފާހަގަކުރަނީ ޖުމާދަލްއޫލާމަހުގެ ވިހިވަނަ ދުވަހުއެވެ. އެމީހުން އެދުވަސް ގުޅުވަނީ سيّـدة النِّـساء فـاطمـةالـزّهــراء رضى اللّـه عنــهاء އާއެވެ.

އިސްލާމްދީނާއި ހުޅަނގުގައި މައިންގެ ހައިސިއްޔަތު:

އިސްލާމްދީނުގެ މަޝްހޫރު ދާޢީ عـلاّمــة يـوسف الـقــرضــاوى ވަނީ "އީދުލްއުއްމު" ފާހަގަކުރުމާ ބެހޭގޮތުން ފަތުވާއެއް ނެރުއްވައިފައެވެ. ޢައްލާމާގެ ވެބްސައިޓުގެ ފަތުވާއާއި އަޙްކާމުގެ ބާބުގައި އެފަތުވާ ހުރެއެވެ. ތިރީގައިމިވަނީ އެ ފަތުވާއިން ޚުލާޞާކޮށްފައިވާ އަވަސް ތަރުޖަމާއެކެވެ.

 

އިސްލާމްދީން މަންމައެއްގެ ހައިސިއްޔަތުން އަންހެނުންނަށް ދީފައިވާ މަގާމަކީ އިންސާނީ ތާރީޚުގައި އެހެން އެއްވެސް ޤައުމަކުން ދީފައިނުވާފަދަ މަތިވެރި މަގާމެކެވެ. އިސްލާމްދީން ވަނީ މައިންގެ މާތްކަމާއި ދަރަޖަމަތިވެރިކަން އެދީނުގެ އަހުލުވެރީންނަށް ރަނގަޅަށް ބަޔާންކޮށްދީފައެވެ. އެދީން ނުހަނު ވަރުގަދަޔަށް ގޮވައިލަނީ މައިންގެ ޙައްޤު އަދާކުރުމަށެވެ. އެބައިމީހުންނަށް ކިޔަމަންވުމަށެވެ. އެބައިމީހުންނަށް ހެޔޮކޮށް ހިތުމަށެވެ. އިސްލާމްދީން އެކަންކަމަށް ބާރުއަޅައިފައިވަނީ އިންތިހާދަރަޖައަށެވެ. އިސްލާމީ އުނގަންނައިދިނުންތަކުގައި އެއްކައުވަންތަކަމާއި މާތް اللّـه އަށް އަޅުކަންކުރުމުގެ ޙުކުމްތަކާ ޖެހިގެން ދެން އަންނަނީ މައިންނަށް ހެޔޮކޮށް ހިތުމުގެ މާތްކަމުގެ ވާހަކައެވެ. އިސްލާމްދީން ވަނީ ބައްޕަގެ ޙައްޤަށްވުރެ މަންމަގެ ޙައްޤު މަތިވެރިކޮށްފައެވެ. މަންމަގެ ޙައްޤަށް އިސްކަންދީފައެވެ. ހަމައެޔާއެކު އެކަމުގެ ސަބަބުވެސް ބަޔާންކޮށްފައެވެ. މަންމައަކީ އޭނާގެ މާބަނޑުގައި ދަރިފުޅު އުފުލި މީހާއެވެ. ވޭނާއި ދަތި އުނދަގޫކަމުގެ މައްޗަށް ވޭނާއި އުނދަގޫ އުފުލައިގެން އޭނާ ވިހެއި މީހާއެވެ. އޭނާގެ މޭމަތީން ދަރިފުޅަށް ކާންދީ ރޭދުވާ އެއްކޮށްލައިގެން އޭނާގެ ތަރުބިޔަތުގެ ބަރު އުފުލި މީހާއެވެ. އާދެ މިހުރިހައިކަމެއްގެ ޒަރީޢާއިން ދަރިފުޅުގެ މައްޗަށް އިޙުސާންތެރިވި މީހާއެވެ. ކީރިތި ޤުރުއާނުގައިވަނީ އެއްފަހަރަށްވުރެ ގިނަފަހަރު މިވާހަކަތައް ތަކުރާރުކުރައްވައިފައެވެ. އަޅުގަނޑުމެންގެ ސިކުނޑިތަކުގައި މަންމަގެ މަތިވެރިކަމާއި އިޙުސާންތެރިކަމުގެ ވާހަކަ ތާޒާކޮށްދެއްވައިފައެވެ. لقمان ސޫރަތުގެ ސާދަވަނަ އާޔަތުގައި ވަޙީކުރައްވައިފައިވެއެވެ.

"އިންސާނާއަށް އޭނާގެ މައިންބަފައިންނަށް (ހެޔޮކޮށް ހިތުމަށް) ތިމަންރަސްކަލާނގެ ވަޞިއްޔަތް ކުރެއްވީމެވެ. އޭނާގެ މައިމީހާ ބަލި ނިކަމެތިކަމުގެ މައްޗަށް، ބަލި ނިކަމެތިކަމާއެކު މާބަނޑުގައި އޭނާ އުފުލިއެވެ. އަދި އޭނާގެ ކިރުތުނބުން ވީއްލުންވަނީ ދެއަހަރުގައެވެ. (ތިމަންރަސްކަލާނގެ އަމުރުކުރެއްވީމެވެ.) ތިމަންރަސްކަލާނގެއަށާއި ތިބާގެ މައިންބަފައިންނަށް ޝުކުރު ކުރާށެވެ." (لقمان: 14)

އަނެއްކާ الأحقــاف ސޫރަތުގެ ފަނަރަވަނަ އާޔަތުގައިވެސް ވަޙީކުރައްވައިފައިވެއެވެ.

"އިންސާނާއަށް އޭނާގެ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ތިމަންރަސްކަލާނގެ ވަޞިއްޔަތް ކުރެއްވީމެވެ. އޭނާގެ މައިމީހާ އުނދަގުލާއި، ތުރާލާއެކު މާބަނޑުގައި އޭނާ އުފުލިއެވެ. އަދި އުނދަގުލާއި ތުރާލާއެކު އޭނާ ވިހެއެވެ. އަދި އޭނާއާއިގެން މާބަނޑުވުމާއި، ކިރުތުނބުން ވީއްލުމުގެ މުއްދަތަކީ ތިރީސްމަސް ދުވަހެވެ." (الأحقــاف: 15)

ކައުސާހިބާ صلّى اللّـه عليه وسلّم ގެ އަރިހަށް މީހަކު އައިސް ދެންނެވިއެވެ.

"އޭ މާތް اللّـه ގެ ރަސޫލާއެވެ. އަޅުގަނޑު ހެޔޮކޮށްހިތައި ޚިދުމަތްކުރުން އެންމެ ޙައްޤުކަން ބޮޑީ ކާކަށްތޯއެވެ؟" އިތުރު ސާހިބާ صلّى اللّـه عليه وسلّم ޙަދީޘު ކުރެއްވިއެވެ. "ތިބާގެ މަންމައަށެވެ." އެމީހާ ދެންނެވިއެވެ. "ދެން ކާކަށްތޯއެވެ؟" ޙަދީޘު ކުރެއްވިއެވެ. "ތިބާގެ މަންމަޔަށެވެ." އޭނާ ދެންނެވިއެވެ. "ދެން ކާކަށްތޯއެވެ." ޙަދީޘު ކުރެއްވިއެވެ. "ތިބާގެ މަންމަޔަށެވެ." އޭނާ ހަތަރުވަނަ ފަހަރު ސުވާލުކުރުމުން ޙަދީޘު ކުރެއްވިއެވެ. "ތިބާގެ ބައްޕަޔަށެވެ." (ބުޚާރީ، މުސްލިމު - ބިރިވާޔަތި އަބޫހުރައިރާ)

ޠަބަރާނީއާއި އަލްބައްޒާރުގައި ނަކަލުވެފައިވެއެވެ. "މީހަކު އޭނާގެ މަންމަ ކޮނޑަށްލައިގެން كعبة اللّـه ގައި ޠަވާފުކުރަމުން ގެންދިޔައެވެ. އޭނާ އެގޮތުގައި ޠަވާފުކުރަނިކޮށް އޭނާއާ ކައުސާހިބާ صلّى اللّـه عليه وسلّم އާ ބައްދަލުވިއެވެ. އޭނާ ސުވާލު ދެންނެވިއެވެ. އޭ މާތް اللّـه ގެ ރަސޫލާއެވެ. މިހާރު އަޅުގަނޑަށް އަޅުގަނޑުގެ މަންމަގެ ޙައްޤު އަދާކުރެވިއްޖެތޯއެވެ؟" އިތުރު ސާހިބާ ޙަދީޘު ކުރެއްވިއެވެ. "ނޫނެކެވެ. ތިބާގެ މަންމަ ތިބާ ވިހެއިއިރު އުފުލި ބުރައިގެ ބައިކުޅަބަޔެއްވެސް އަދައެއް ނުކުރެވެއެވެ. "(އެޅި ވޭންވަރުގެ ތެރެއިން އެންމެ ވޭންވަރެއްގެ ޙައްޤުވެސް އަދައެއް ނުވެއެވެ.)

އިސްލާމްދީން ވަނީ މަންމަޔަށް ހެޔޮކޮށް ހިތުމަށާއި ވީހައިވެސް ބޮޑެއްކޮށް މަންމަޔަށް ޚިދުމަތްކުރުމަށް އަމުރުކޮށްފައެވެ. އިސްލާމްދީން އަމުރުކޮށްފައިވަނީ މަންމަޔަށް ކަމޭހިތައި ޙުރުމަތްތެރިކޮށް ހިތުމަށެވެ. އޭނާއަށް އަދަބުވެރިވުމަށެވެ. އުރެދުމަކަށްނުވާ ކޮންމެ ކަމެއްގައި އޭނާގެ ބަސްއަހައި ކިޔަމަންވުމަށެވެ. އޭނާގެ ރުހުން ހޯދުމަށާއި އޭނާ އުފަލުގައި ބެއިންދުމަށެވެ. އެކިކަންކަމުގައި އޭނާގެ ރުހުމާއި ހުއްދަ ހޯދުމަށެވެ. ޖިހާދުގެ މަރުޙަލާއަކީ މުސްލިމު ފިރިހެނުންގެ މައްޗަށް ކިފާޔަތުގެ ފަރުޟެކެވެ. ނަމަވެސް ޖިހާދަށް ދާންވެސް މަންމަގެ އަމުރު ހޯދާންޖެހެއެވެ. އެހެނީ މަންމަޔަށް ކިޔަމަންވުމާއި ޚިދުމަތްކުރުމަކީ ކިފާޔަތުގެ ފަރުޟެއްކަމުގައިވާ، ޖިހާދުކުރުމަށްވުރެވެސް އައިތަވެރިކަމެކެވެ.

معـاويـة بـن جـاهمـه رضى اللّـه عنــه ގެ އަރިހުން ރިވާވެފައިވެއެވެ. إبـن جـاهمـه ކައުސާހިބާ صلّى اللّـه عليه وسلّم ގެ އަރިހަށް ވަޑައިގެން ދެންނެވިއެވެ. އޭ މާތް اللّـه ގެ ރަސޫލާއެވެ. އަޅުގަނޑު ޖިހާދަށް ދާންބޭނުމެވެ. އަޅުގަނޑު މިއައީ އެކަމާގުޅޭގޮތުން ސާހިބާގެ ލަފާފުޅެއް ހޯދާށެވެ. އިތުރު ސާހިބާ ޙަދީޘު ކުރެއްވިއެވެ. ތިބާގެ މަންމަ ދުނިޔޭގައި އެބައިންހެއްޔެވެ؟ އަޅުގަނޑު އާދޭހެވެ ދެންނެވުމުން ޙަދީޘު ކުރެއްވިއެވެ. "ތިބާ މަންމަޔަށް ޚިދުމަތްކުރާށެވެ. އެހެނީ ސުވަރުގެވަނީ މައިންގެ ފައިތިލަދަށުގައެވެ." (އަޙްމަދު، ނަސާއީ)

ބައެއް ދީންތަކާއި ޝަރީޢަތްތަކުގައި މަންމަޔަށް ޚާއްޞަ އަހަންމިއްޔަތެއްދީ، މަންމަގެ ހުރުމަތް ބަޔާންކޮށްފައެއް ނުވެއެވެ. ނަމަވެސް އިސްލާމްދީން އަމުރުކޮށްފައިވަނީ ހަމައެކަނި މަންމަޔަށް އިޙުތިރާމުކޮށް ކިޔަމަންވާކަށެއް ނޫނެވެ. އަދި ކީއްތޯއެވެ؟ މަންމަޔާއެކު މައިފުށުގެ ތިމާގެ މީހުންނަށް (މައިފުށުގެ ބޮޑުދައިތައިންފަދަ) ވެސް ކަމޭހިތައި އިޙުތިރާމުކުރުމަށްވަނީ އަމުރުކޮށްފައެވެ.

عبد اللّـه بـن عمـر رضى اللّـه عنــهما ގެ އަރިހުން ރިވާވެފައިވެއެވެ. رسـول اللّـه صلّى اللّـه عليه وسلّم ގެ އަރިހަށް މީހަކު ހާޒިރުވިއެވެ. އޭނާ ދެންނެވިއެވެ. "އޭ މާތް ﷲ ގެ ރަސޫލާއެވެ! އަޅުގަނޑަށް ވަރަށްބޮޑު ފާފަޔަކަށް އަރައިގަނެވިއްޖެއެވެ. އެފާފައިން ތައުބާވެވޭނެ މަގަކީ ކޮބައިތޯއެވެ؟" އިތުރު ސާހިބާ ޙަދީޘު ކުރެއްވިއެވެ. "ތިބާގެ މަންމަ ކޮބައިހެއްޔެވެ؟" އޭނާ ދެންނެވިއެވެ. "މަންމަ ވަނީ ނިޔާވެފައެވެ." އިތުރު ސާހިބާ ޙަދީޘު ކުރެއްވިއެވެ. "ތިބާގެ މައިފުށުގެ ބޮޑުދައިތަ ދުނިޔޭގައި އެބައިންހެއްޔެވެ؟" އޭނާ އާދޭހެވެ ދެންނެވުމުން ޙަދީޘު ކުރެއްވިއެވެ. "ތިބާ އޭނާޔަށް ހެޔޮކޮށް ހިތާށެވެ." (އަޙްމަދު، ތިރުމިޒީ، އަލްބައިހަޤީ)

އިސްލާމްދީން މައިންނަށް ހެޔޮކޮށް ހިތުމަށް ބާރުއަޅައިފައިވަނީ ހައިރާންވާފަދަ ދަރަޖަޔަކަށެވެ. އެހެނީ މުޝްރިކު މައިންބަފައިންނަށްވެސް ހެޔޮކޮށް ހިތަން އިސްލާމްދީން ވަނީ އިރުޝާދު ދީފައެވެ. ބާރުއަޅައި އަމުރުކޮށްފައެވެ.

 

السّيّدة أسماء بنت أبـى بكـر رضى اللّـه عنـها ގެ އަރިހުން ރިވާވެފައިވެއެވެ. ކައުސާހިބާ صلّى اللّـه عليه وسلّم ގެ ބަރަކާތްތެރި ދައުރުގައި އަހަރެންގެ މަންމަ އަހަރެންގެ ގާތަށް އަތުވެއްޖެއެވެ. މަންމަޔަކީ އޭރު މުޝްރިކާއެކެވެ. މަންމަ އެދޭ ބޭނުންތައް ފުއްދައިދީ މަންމަޔަށް އެހީތެރިވުމާ ބެހޭގޮތުން އަހަރެން ކައުސާހިބާ صلّى اللّـه عليه وسلّم ގެ ލަފާފުޅަކަށް އެދުނީމެވެ. އިތުރު ސާހިބާ ޙަދީޘު ކުރެއްވިއެވެ. "ކަމަނާގެ މަންމަޔާ ރަޙިމުގެ ގުޅުން ބާއްވަމުން ގެންދާށެވެ." (ބުޚާރީ)

 

އިސްލާމްދީން ވަނީ މައިންނަށް ޚާއްޞަ ޙައްޤުތަކެއް ދީފައެވެ. ދެމަފިރިޔަކު ވަކިވިއިރު އެދެމީހުންގެ ދަރީން ތިބިކަމުގައިވާނަމަ ދަރީން ބެލުމުގައި ބައްޕަޔަށްވުރެ މަންމަގެ ޙައްޤު އިސްކޮށްފައެވެ.

އަންހެނެއް އެއްދުވަހަކު ކައުސާހިބާ صلّى اللّـه عليه وسلّم ގެ އަރިހަށް ދިޔައެވެ. އޭނާ ދެންނެވިއެވެ. އޭ މާތް اللّـه ގެ ރަސޫލާއެވެ. އަޅުގަނޑުގެ ފިރިހެން ދަރިޔަކު ހުރެއެވެ. އޭނާ އަށަގަނެ ސޫރަވީ އަޅުގަނޑުގެ ބަނޑުގައެވެ. އޭނާ ކާނާ ހޯދަނީ އަޅުގަނޑުގެ މޭމަތީންނެވެ. އޭނާއަށް ހިތްހަމަޖެހުން ލިބެނީ އަޅުގަނޑުގެ އުނގުގައެވެ. އޭނާގެ ބައްޕަ އަޅުގަނޑު ވަރިކޮށްފިއެވެ. އޭނާ އުޅެނީ އަޅުގަނޑުގެ އަތުން ދަރިފުޅު ފިރުކައިގަންނާންވެގެންނެވެ. އިތުރު ސާހިބާ ޙަދީޘު ކުރެއްވިއެވެ. ކަނބުލޭގެ ޙައްޤުވަނީ އިތުރުވެގެންނެވެ. ކަނބުލޭގެ އެހެން ކާވެންޏެއް ނުކުރާހައި ހިނދަކުގައެވެ." (އަޙްމަދު، އަބޫދާއޫނު، އަލްޙާކިމް)

عمـر رضى اللّـه عنــه އެކަލޭގެފާނުގެ ދަރިކަލުން عاصم ގެ މަންމަ ވަރިކުރެއްވުމަށްފަހު عاصم އަތުލައްވައި އަމިއްލަފުޅަށް عاصم ގެންގުޅުއްވައި ބޮޑުކުރެއްވުމުގެ މައްސަލައިގައި أميـرالمؤمنـين أبوبكر الصّدّيق رضى اللّـه عنــه ގެ އަރިހަށް ވަޑައިގެންނެވިއެވެ. أبوبكر رضى اللّـه عنــه ޖަވާބު ދެއްވިއެވެ. عاصم އަށްޓަކައި އޭނާގެ މަންމަގެ އުނގުފުޅާއި އަޑުފުޅު ކަލޭގެފާނަށްވުރެ ހެޔޮކަން ބޮޑެވެ. (އިބްނު އަބީ ޝައިބާ)

އިސްލާމްދީން މައިންނަށް މިފަދަ އިސްކަމަކާއި ޙައްޤުތަކަކާއި ޢިނާޔަތްތަކެއް ދީފައިވާތީ އެދީން ވަނީ އަންހެނުންގެ ބޮލުގައި ޒިންމާތަކެއްވެސް އަޅުވައިފައެވެ. ކުދީން ހެޔޮގޮތުގައި ބަލައި ބޮޑުކޮށް ތަރުބިޔަތުކުރުމެވެ. އެކުދީންގެ ހިތްތަކުގައި ދީނާއި އަޚުލާޤާއި ހެޔޮ ޚުލުޤުތަކުގެ އޮށް އިންދުމެވެ. ބަދުއަޚުލާޤާއި ހަޑިހުތުރު އާދަތައް އެކުދީންގެ ކިބައިގައި އަށަގަތަނުދިނުމެވެ. އަރަހުށި މާތް اللّـه އަށް ބޯލަނބައި ކިޔަމަންވުމަށް އެކުދީންގެ ހިތްތައް ޝައުޤުވެރިކުރުވުމެވެ. މައިވަންތަކަމުގެ ލޯތްބަށްވުރެ މާތް اللّـه ވާޖިބުކުރައްވައިފައިވާ ކަންކަމުގެ މަގަށް އިސްކަންދޭން ޖެހޭނެކަން ވިސްނައިދިނުމެވެ.

ޤާދިސިއްޔާގެ މައުރިކާއަކީ މުއުމިން މަންމައެއްގެ ޝަޚުޞިއްޔަތުގެ ނަމޫނާއެއް ދުނިޔޭގެ ލޯތަކަށް ފެނިގެންދިޔަ މައުރިކާއެކެވެ. السّيّدة خـنسـاء رضى اللّـه عنـها އެކަމަނާގެ ހަތަރު ބޭފުޅުން އެކަމަނާގެ އަތްޕުޅުން ހެދުންކޮޅު ލައްވައިދެއްވައިފައި ހަނގުރާމައިގެ މައިދާނަށް ފޮނުއްވިއެވެ. ހަނގުރާމައިގެ މައިދާނުގައި ސާބިތުވެ ތިއްބެވުމަށާއި، މުސްލިމު މަންމައިންނަށް ހުތުރު ނޭރުއްވުމަށް ވަޞިއްޔަތް ކުރެއްވުމާއެކުގައެވެ. އެކަމަނާގެ ހަތަރު ބޭފުޅުން އެދުވަހުގެ މައުރިކާގައި ޝަހީދުވިއެވެ. އިސްލާމީ ލަޝްކަރުގެ ބައެއް ބޭކަލުން އެކަމަނާއަށް ތަޢުޒިޔާ ވިދާޅުވާން ވަޑައިގެންނެވިއިރު އެކަމަނާ އިންނެވީ ނުހަނު ހިތްޕުޅު ހަމަޖެހިވަޑައިގެންނެވެ. އެކަމަނާއަކީ ޢަރަބީންގެ މަރްޘިއްޔާގެ ޝާޢިރިއްޔަތުގެ ރަނިކަމަނާއެވެ. އެކަމަކު ޝަކުވާގެ އެންމެ ބައިތެއްވެސް ނުހައްދަވައެވެ. އެކަމަނާ ވިދާޅުވިއެވެ. އެކަލާނގެ ވަނީ އަޅުގަނޑަށް ވަރަށް މަތިވެރި ޝަރަފެއް ދެއްވައިފައެވެ. އެއީ އެކަލާނގެ މަގުގައި އަޅުގަނޑުގެ ހަތަރު ކުދީން ޤުރުބާންކުރުމުގެ ޝަރަފެވެ.

 

ހުޅަނގުގެ ޤައުމުތަކުގައި މައިންގެ ހައިސިއްޔަތު:

ކުރީންވެސް ދަންނަވައިފައިވާނޭ ފަދައިން، ހުޅަނގުގެ ޤައުމުތަކުގައި ވަނީ މައިންނަށްޓަކައި އަހަރަކުން އެއްދުވަސް ޚާއްޞަކޮށްފައެވެ. އެދުވަހަކީ މައިންގެ ދުވަހެވެ. ހުޅަނގުގައި ކުދީން ބާލިޣުވުމާއެކު ގޭގެ ވެށީން ވީއްލިގެން ހިނގައިދެއެވެ. ކޮންމެ ކުއްޖެއްގެވެސް ވިސްނުމުގެ ނާރެހަކީ ޚުދު އެކުއްޖެއްގެ އަމިއްލަ ނަފުސެވެ. ގެއާ ދޭތެރެޔަކު ފިކުރެއް ނުކުރެއެވެ. މައިންބަފައިންނާއި އާއިލާއާވެސް ދުވަހުން ދުވަހަކަށް ގުޅުމެއް ނުބާއްވައެވެ. ކޮންމެ ފިރިހެންކުއްޖަކުވެސް ހިޔަމިތުރަކު ހޯދައެވެ. ކޮންމެ އަންހެންކުއްޖަކު ފުރަމިތުރަކު ޚިޔާރު ކުރެއެވެ. މި ލަޢުނަތް މިހާރުވަނީ އެއްޖިންސުގެ ޖިންސީ ކުޅިޔާ ހަމަޔަށް ތަރައްޤީވެފައެވެ. މައިންބަފައިންނަކަށް ކުދީންނަށް ގޮތްކިޔައި ތަރުބިޔަތުކުރުމުގެ އިޚުތިޔާރެއް ނޯވެއެވެ. ޚުދު އެކުދީންވެސް މައިންބަފައިން އެކުދީންގެ މައްޗަށް ބަސްކިޔާކަށެއް ބޭނުމެއް ނުވެއެވެ.

މައިންނަށް ހެޔޮކޮށް ހިތުމަކީ ހުޅަނގުގައި އޮންނަ ތަޞައްވުރެއް ނޫނެވެ. ހުޅަނގުގައި އާއިލީ ގުޅުން އޮންނަގޮތާ އިރުމަތީގައި (ޚާއްޞަކޮށް މުސްލިމުންގެ މެދުގައި) އެ ގުޅުން އޮންނަގޮތާ އުޑާއި ބިމާހައިވެސް ތަފާތެވެ. އަޅުގަނޑުމެންގެ ތެރޭގައި އަންހެންކުދީންވެސް ފިރިހެންކުދީންވެސް ތިބެނީ އާއިލީ ގުޅުމުން ގުޅިފައެވެ. އަޅުގަނޑުމެންގެ ތެރޭގައި ކޮންމެ ދުވަހަކީވެސް މައިންނަށް ދަރީންގެ އަޅައިލުން ލިބޭ ދުވަހެކެވެ. ލޯބި ލިބޭ ދުވަހެކެވެ. މައިންނަށްޓަކައި އީދުދުވަހެއްފަދަ ދުވަހެކެވެ. އިރުމަތީގެ ޤައުމުތަކުގައި ދަރީން މައިންގެ މަތީން ހަނދާންވަނީ "އަހަރަކުން އެއްފަހަރު ހިޔަރަކާތެއް އަންނަ" ގޮތަކަށެއް ނޫނެވެ.

ހުޅަނގުގައި މައިންބަފައިން ތިބެނީ އެބައިމީހުންގެ ދަރީން ދެކެލާހިތުން ދެކަޅިއަރައިފައެވެ. އެހެންކަމުން މުޖުތަމަޢުގެ ފިއްތުންތަކާހުރެ ދުނިޔެދެކެ ލަދުން ދަރީން އަހަރަކު އެއްފަހަރު މައިންބަފައިންނަށް ފެނިލަނީއެވެ. ރަސްމީ ކަމެއްގެ ގޮތުގައި ކޮންމެވެސް ހަދިޔާއެއް ކޮށްލަނީއެވެ. ހަދިޔާ ވިއްކާ ކުންފުނިތަކުގެ ރަންދަޅައިގެ އަސަރާވެސް އެކުގައެވެ. ޙަޤީޤަތަކީ މިއީކަމަށްވާއިރު އިރުމަތީގެ ޤައުމުތަކުގައި ޚާއްޞަކޮށް އިސްލާމީ މުޖުތަމަޢުތަކުގައި މައިންގެ ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ ކޮބައިބާވައެވެ؟ ކަނު ކޮޕީކުރުމެކޭ ނޫން އެހެން ނަމެއް އިސްލާމީ މުޖުތަމަޢުތަކުގައި އެކަމަށް ދެވިދާނެ ބާވައެވެ؟

ފިޠުރުޢީދާއި އަޟްޙާޢީދު ނޫން އެހެން އީދެއް ނުވެއެވެ:

އީދުލްއުއްމު ނުވަތަ މައިންގެ އީދު ފާހަގަކުރުމަކީ ހަރާންކަމެކޭ އަޅުގަނޑެއް ނުބުނާނަމެވެ. އެހެނީ ހަރާމް ކަންތައް ކަނޑައެޅޭނީ ޞަރީޙު ނައްޞަކުން ބާރު ލިބިގެންނެވެ. އެކަމަކު މިބާވަތުގެ ނަކަލުކުރެވޭ ރަސްމުތައް އިސްލާމީ މުޖުތަމަޢުތަކަކަށް އެއްގޮތަކަށްވެސް ބޭނުމެއް ނޫނެވެ. އެދުވަހަކީ ކޮންމެހެން ފާހަގަކުރާންޖެހޭ ދުވަހެއްކަމުގައިވިޔަސް އީދުގެ ނަން ދިނުމަކީ ކުޑަކޮށްވެސް މުނާސަބުކަމެއް ނޫނެވެ. އެހެނީ އިސްލާމްދީނުގައި ވަނީ ދެ އަޅުކަމަކާ ވިދިގެން ދެ އީދެއް ކަނޑައެޅިފައެވެ. އެދެ އީދުގައި މައިންބަފައިންނާއި ގާތްތިމާގެ މީހުންނާ ބައްދަލުކޮށް ހަދިޔާދީ އެކަމުގެ އިސްލާމީ އާދަ މިހާރަށްވުރެވެސް ވަރުގަދަކުރެވިދާނެއެވެ.

މައިންބަފައިންގެ ހިޔާވަހިކަމުން މަޙުރޫމުވެފައިވާ ޔަތީމު ކުދީންނަށްވެސް މިފަދަ މުނާސަބާތަކުގައި ޚާއްޞަގޮތެއްގައި އަޅައިލެވިދާނެއެވެ. ހަމައެފަދައިން ކާވެނިތައް ރޫޅުމުގެ ސަބަބުން މައިންގެ އުނގުތަކުން މަޙުރޫމުވެފައިވާ ކުޑަކުދީންގެ މަތީންވެސް ހަނދާންކުރެވިދާނެއެވެ. އޭގެތެރެއިން ގިނަކުދީން ތިބެނީ ދޮންނިޔަނދުރެއްފަދަ ދޮންމަންމައިން ހެދިހައި ގޮތެއް ހެދޭކަހަލަ ގޮތަކަށެވެ. މިހިރީ ހައްތާވެސް އިސްލާމީ އަޚުލާޤިއްޔާތުގެ ތަރަހައިގައި ކުރެވޭންހުރި ކަންކަމެވެ. ބައިނަލްއަޤުވާމީ މައިންގެ ދުވަސް ފާހަގަނުކުރިކަމުގައި ވިޔަސްވެހެވެ.

________________________________

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ