އަދުގެ ޚާއްސަ

ކައު ރަސޫލާގެ ސީރަތުގެ މުތީތަކާއި ޝަޛާތަކުން (11)

. ހިމެނޭބަޔަކީ ސިޔަރަތު

 

އިބްރާހީމް ރަޝީދު މޫސާ

211. ހިޖްރައިން 4 ވަނަ އަހަރު ޠުލައިޙަތު ބިން ޚުވައިލިދު މަދީނާއަށް ޙަމަލާދިނުމަށް ޓަކައި ތައްޔާރުވަމުންދާ ޚަބަރު ލިބިވަޑައިގަތުމުން ރަސޫލުﷲ ﷺ 50 މީހުންގެ ސަރިއްޔާއެއް އަބޫ ސަލަމަތުގެފާނުގެ އިސްވާރުކަމުގައި ފޮނުއްވިއެވެ. އަބޫ ސަލަމަތުގެފާނު މި ޙަމަލާއަށް ނުކުމެވަޑައިގެންނެވިއިރު އުޙުދު ހަނގުރާމައިގެ ޒަޚަމުތަކުން އަދި ފަސޭހަފުޅެއް ނުވެއެވެ. މި ޙަމަލާއިން އެނބުރި ވަޑައިގެންތަނާ އެކަލޭގެފާނުގެ ޒަޚަމުތައް ފަޅައިގެންގޮސް އެކަލޭގެފާނު އަވަހާރަވިއެވެ. އެހިނދު ރަސޫލާﷺ އަބޫ ސަލަމަތުގެފާނަށް ހެޔޮ ދުޢާކޮށްދެއްވިއެވެ. 

212. ހިޖްރައިން 4 ވަނަ އަހަރުގެ މުޙައްރަމު މަހުގައި މަދީނާއާ ދެކޮޅަށް ހަނގުރާމަކުރުމަށް ޓަކައި ތައްޔާރީތައް ވަމުން ދިޔަ ޚާލިދު ބިން ސުފްޔާނުލް ހުޛަލީ މަރައިލުމަށް ރަސޫލާ ﷺ ޢަބްދު ﷲ ބިން އުނައިސުގެފާނު ފޮނުއްވިއެވެ. އެކަލޭގެފާނު ޚާލިދު ބިން ސުފްޔާނު ޤަތުލުކުރެއްވުމުން އޭނާގެ ލަޝްކަރު ބައިބައިވެގެން ފިލައިގެން ދިޔައެވެ. ޢަބްދު ﷲ ބިން އުނައިސް އެބުރި ވަޑައިގަތުމުން ރަސޫލާ ޙަދީސް ކުރެއްވިއެވެ. [ކަލޭގެފާނަށް ކާމިޔާބު ލިބިވަޑައިގެންފިއެވެ.] މިކަމުގެ އިނާމަކަށް ރަސޫލުﷲގެފާނު އެކަލޭގެފާނުގެ އަސާކޮޅު ޢަބްދު ﷲ ބިން އުނައިސުގެފާނަށް ދެއްވިއެވެ. އަދި ޙަދީސް ކުރެއްވިއެވެ. މިއީ ޤިޔާމަތް ދުވަހު ތިމަންކަލޭގެފާނާ ކަލޭގެފާނާ ދެމެދުގައިވާނެ ޢަލާމަތެކެވެ. އެކަލޭގެފާނު އަވަހާރަވުމުން އެކަލޭގެފާނާއެކު މި އަސާކޮޅު ވެސް ވަޅުލެވުނެވެ. 

213. ހިޖްރައިން 4 ވަނަ އަހަރުގެ ޞަފަރު މަހުގައި ބަޢުޘުއް ރަޖީޢު ޙާދިސާ ހިނގިއެވެ. މި ޙާދިސާގައި ބަނޫ ލިޙްޔާން ވަންހައިގެ މީހުން ޚިޔާނަތްތެރިވުމުގެ ސަބަބުން 10 ޞަޙާބީއަކު ޝަހީދުވިއެވެ.  ރަސޫލާ  ﷺ މިކަމާ ވަރަށް ހިތާމަކުރެއްވިއެވެ. 

214. ހިޖްރައިން 4 ވަނަ އަހަރުގެ ޞަފަރު މަހުގައި ބިއުރު މަޢޫނާ ޙާދިސާ ހިނގިއެވެ. މި ޙާދިސާގައި ރިޢުލާއި ޛަކަވާން ޤަބީލާގެ މީހުން ޚިޔާނަތްތެރިވުމުގެ ސަބަބުން އަންޞާރީންގެ 40 ޤާރީވެރިއަކު ޝަހީދުވިއެވެ. މިއީ މުސްލިމުންނާ ކުރިމަތިވި ވަރަށް ބޮޑު މުޞީބަތެކެވެ. ޚިޔާނަތްތެރިވި ޤަބީލާތަކުގެ މައްޗަށް ރަސޫލާ އެއް މަސް ދުވަސްވާންދެން ދުޢާކުރައްވައި ޤުނޫތު ވިދާޅުވިއެވެ.  

215. ހިޖްރައިން  4ވަނަ އަހުރުގެ ރަބީޢުލްއައްވަލު މަހު ބަނިއްނަޟީރު ހަނގުރާމަ ހިނގިއެވެ. ބަނިއްނަޟީރަކީ މަދީނާގައި އުޅުނު ޔަހޫދީ ޤަބީލާއެކެވެ. މިއީ ޔަހޫދީންނާ ދެކޮޅަށް ރަސުލާއަށް ކުރައްވަން ޖެހިވަޑައިގެންނެވި ދެވަނަ ހަނގުރާމައެވެ. 

216. ރަސޫލާ އެ ހިސާބަށް ވަޑައިގެން އެ އަވަށް ޙިޞާރު ކުރެއްވިއެވެ. މާތް ﷲ އެމީހުންގެ ހިތަށް ބިރުވެރިކަން ވެއްދެވުމުގެ ސަބަބުން ހަނގުރާމައެއް ކުރައްވާކަށް ޖެހިވަޑައެއް ނުގެންނެވިއެވެ. އެމީހުން އަމާންދީ މަދީނާއިން ނުކުމެގެން ދިޔުމަށް އެއްބަސްވިއެވެ. ހަތިޔާރުނޫން ކޮންމެ އެއްޗެއް ގެންދިޔުމުގެ ހުއްދަ އެމީހުންނަށް ދެއްވިއެވެ.

217. ބަނިއްނަޟީރު ހަނގުރާމައާ ބެހޭގޮތުން މާތް ﷲ އަލްޙަޝްރު ސޫރަތް ބާވައިލެއްވިއެވެ. މި ހަނގުރާމަ ހިނގިގޮތް ރަނގަޅަށް ދިރާސާނުކޮށް އެ ސޫރަތް ދޭހައެއް ނުވާނެއެވެ. 

218. ހިޖްރައިން 4ވަނަ އަހަރުގެ ޝަޢުބާން މަހު އަބޫ ސުފްޔާން ދެ  ހާސް މީހުންނާއިގެން ރަސޫލާއާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ނުކުތެވެ. ރަސޫލާ ﷺ 1500 ޞަޙާބީންނާއިގެން އަބޫ ސުފްޔާނުގެ ލަޝްކަރާ ކުރިމަތިލެއްވުމަށްޓަކައި ނުކުމެވަޑައިގަތެވެ. މި ހަނގުރާމައަށް ކުޑަ ބަދްރު ހަނގުރާމައޭ ކިޔުނެވެ. އެއީ މި ކުރިމަތިލުމުގައި ހަނގުރާމައެއް ނުހިނގާތީއެވެ. މި ހަނގުރާމައިގެ ސަބަބަކީ އުޙުދު ހަނގުރާމައިގައި އަބޫ ސުފްޔާނަށް އޭނާގެ މަޤްޞަދު ޙާޞިލުނުވުމުން އަންނަ އަހަރު ބަދްރުގައި ބައްދަލު ކުރާނަމޭ ކިޔައިފާ ދިޔުމެވެ . ރަސޫލާ ﷺ ބަދްރަށް ވަޑައިގެންނެވި ޚަބަރު އަބޫ ސުފްޔާނަށް ލިބުނީ ޢުސްފާނު ސަރަޙައްދުންނެވެ. އެހިނދު އޭނާގެ ހިތަށް ބިރުވެރިކަން ވަދެ މައްކާއަށް ދިޔުމަށް އަނބުރައިލިއެވެ. އަދި އޭނާއާއެކުގައި ތިބި މީހުން ބައިބައިވެ ވިއްސިވިހާލިވެގެން ދިޔައެވެ. ރަސޫލާއާއި މުސްލިމުން 8 ދުވަހު ބަދްރުގައި މަޑުކުރައްވައި ގެންނެވި މުދާތައް ވިއްކަވާފައި މަދީނާއަށް އެނބުރި ވަޑައިގަތީއެވެ. މި ހަނގުރާމައަށް [ޣަޒްވަތު ބަދްރިލް މަވްޢިދު] އާއި [ޣަޒްވަތު ބަދްރުއްޞުޣްރާ] އާއި [ޣަޒްވަތު ބަދްރުލް އާޚިރަތި] އާއި ]ޣަޒްވަތު ބަދްރިއްޘާނިޔަތި] ކިޔުނެވެ. 

219. ހިޖްރައިން 4 ވަނަ އަހަރުގެ ޝައްވާލު މަހު ރަސޫލާ  ﷺ  އުއްމު ސަލަމާއާ ކާވެނިފުޅު ބައްލަވައިގަތެވެ. އެކަމަނާގެ އަޞްލު ނަންފުޅަކީ: ހިންދު ބިންތު އަބީ އުމައްޔަތު ބިނުލް މުޣީރަތެވެ. އުއްމު ސަލަމާއަކީ ވަރަށް ވިސްނުންފުޅު ތޫނު ، ޙިކްމަތްތެރި ބޭކަނބަލެކެވެ. އެކަމަނާއަކީ ރަސޫލާގެ އަނބިއަނބިކަނބަލުންގެ ތެރެއިން އެންމެފަހުން މި ދުނިޔެ ދޫކުރެއްވި އަނބިކަނބަލުންނެވެ. އެއީ ހިޖްރައިން 60 ވަނަ އަހަރުގައެވެ. އެކަމަނާ ފަސްދާނު ލެވުނީ ބަޤީޢުގައެވެ. އެ ކަމަނާގެ މައްޗަށް އިމާމުވެ ކަށުނަމާދު ކޮށްދެއްވީ އަބޫ ހުރައިރަތުގެފާނެވެ.

220. ހިޖްރައިން 4 ވަނަ އަހަރު ރަސޫލާ ﷺ އެކަލޭގެފާނުގެ ބޮޑުދައިތާފުޅުގެ ދަރިކަނބަލުން ޒައިނަބު ބިންތު ޖަޙްޝާ ކާވެނިފުޅު ބައްލަވައިގަތެވެ. މިއީ މާތްﷲގެ އަމުރުފުޅަށް ކުރެއްވި ކާވެނިފުޅެކެވެ. އެ ކަމަނާއާ ކާވެނިފުޅު ބައްލަވައިގަތީ ރަސޫލާ ބަލާބޮޑުކުރެއްވި ޒައިދު ބިން ޙާރިޘަތުގެފާނު އެކަމަނާ ވަރިކުރެއްވުމުންނެވެ. ޖާހިލީ ޒަމާނުގައި ދަރިއެއްގެ ގޮތުގައި ބަލާބޮޑުކުރި މީހާއަކީ ދަރިއަކާ އެއްފަދަ މީހެކެވެ. އޭނާ ކާވެނިކުރި އަންހެނަކާ އޭނާ ބަލާބޮޑުކުރި މީހާއަކަށް ކާވެންޏެއް ނުކުރެވޭނެއެވެ. ރަސޫލާގެ މި ކާވެނިފުޅުގެ ސަބަބުން ޖާހިލީ ޒަމާނުގެ މި އާދަ އިސްލާމްދީނުގައި  މަންސޫޚު ކުރައްވައިފައިވާ ކަން އެނގިގެން ދިޔައެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. [فَلَمَّا قَضَىٰ زَيْدٌ مِّنْهَا وَطَرًا زَوَّجْنَاكَهَا لِكَيْ لَا يَكُونَ عَلَى الْمُؤْمِنِينَ حَرَجٌ فِي أَزْوَاجِ أَدْعِيَائِهِمْ إِذَا قَضَوْا مِنْهُنَّ وَطَرًا ]-  [ފަހެ، زيد، އެކަމަނާގެ ކިބައިން ބޭނުމެއް ފުއްދައިފިހިނދު (އެބަހީ: އަނތްބެއްގެ ގޮތުގައި ބޭނުންކުރުމަށްފަހު ވަރިކޮށް عدّة ހަމަވުމުން) ތިމަންރަސްކަލާނގެ، ކަލޭގެފާނާ އެކަމަނާއާ ކާވެނިކޮށްދެއްވީމެވެ. އެއީ مؤمن ންނަށް، އެއުރެން ދަރިންކަމަށް ހަދައިގެންއުޅޭ މީހުންގެ އަނބިންގެ ކިބައިން، އެއުރެންގެ ބޭނުމެއް ފުއްދައި (ވަރިކޮށް) ފިހިނދު، އެއުރެންނާ ކާވެނި ކުރުމުގައި ފާފައެއް ނެތްކަން އެންގެވުމަށްޓަކައެވެ.] (تفسير سورة الأحزاب:37) 

221. މިކަމާ ހެދި ޒައިނަބުގެފާނު ފަޚްރުވެރިވެ ވަޑައިގެން ވިދާޅުވިއެވެ: ތިޔަކަނބަލުންނާ ރަސޫލާއާ ކާވެނިކޮށްދެއްވީ ތިޔަކަނބަލުންގެ އަހްލުންނެވެ. އެހެނެއްކަމަކު ތިމަންކަމަނާއާ ރަސޫލާއާ ކާވެނިފުޅުކޮށް ދެއްވީ ހަތް އުޑުމަތިން މާތް ﷲ އެވެ.   

222. ޒައިނަބުގެފާނަށް ޓަކައި ރަސޫލާ  ﷺ  ބޮޑު ވަލީމާއެއް ބޭއްވެވިއެވެ. މީސްތަކުންނަށް ބަނޑުބޮޑުވަންދެން ގެރި މަހާއި ރޮށި ދެއްވިއެވެ.

223. ޒައިނަބު ބިންތު ޖަޙްޝަކީ ވަރަށް ވަރަޢުވެރި، ވަރަށް ދީލަތި ވަރަށް ދީންވެރި ، މީސްތަކުންނަށް ވަރަށް ހެޔޮކޮށް ހިއްތެވި ބޭކަނބަލެކެވެ. ޢާއިޝަތުގެފާނު ވިދާޅުވިއެވެ. ޒައިނަބުގެފާނުފަދަ ދީންވެރި މީހުންނަށް ހެޔޮ ބޭފުޅަކު ތިމަންކަމަނާ ދެކެވަޑައެއްނުގަންނަވަމެވެ.

224. ކީރިތި ރަސޫލާ  ﷺ އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންނަށް ވިދާޅުވިއެވެ. [ތިޔަބައިމީހުންގެ ތެރެއިން ތިމަންކަލޭގެފާނާ އެންމެ އަވަހަށް ބައްދަލުވާނީ އެންމެ  އަތް ދިގު މީހާއެވެ.] ރަސޫލާގެ ބަސްފުޅުގައި އައިސްފައިވާ ބަސްފުޅު [އެންމެ އަތް ދިގު]ގެ މާނައަކީ އެންމެ ގިނައިން ޞަދަޤާތް ކުރާ މީހާއެވެ. މި ކަމުގައި އެންމެ އަތް ދިގު ބޭކަނބަލެއް ކަމުގައި ވެފައި ވަނީ ޒައިނަބުގެފާނެވެ. 

225. ޒައިނަބުގެފާނު އަވަހާރަވީ ޢުމަރުގެފާނުގެ ޚަލީފާކަމުގައި ހިޖްރައިން 20ވަނަ އަހަރުގައެވެ. ރަސޫލާއަށްފަހު އެންމެ ފުރަތަމަ އަވަހާރަވި އަނބިކަނބަލަކީ ޒައިނަބުގެފާނެވެ. އެކަމަނާ ފަސްދާނު ލެވުނީ ބަޤީޢު ޤަބްރުސްތާނުގައެވެ. 

(ނުނިމޭ)

ހަމަމިގަލަމުން

އިދާރާ

ވާހަކަ