އަދުގެ ޚާއްސަ

Print

ކީރިތި ޤުރުއާނުގައި ذوالكفلގެފާނު (عليهِ السّلام)

ޝާޢިއުކުރީ އިދާރާ . ހިމެނޭބަޔަކީ އިސްލާމީ ތާރީޚް

عبدالعزيزجمال أبوبكر

މި ލިޔުން ވިދާޅުވަމުން ގެންދަވާއިރު ތިޔަ ބޭފުޅުންގެ ހިތްޕުޅަށް އެރުން އެކަށީގެންވާ ސުވާލަކީ ސަލާމްލެއްވި ޛުލްކިފްލިގެފާނަކީ ނަބީ ބޭކަލެއްތޯ ރަސޫލު ބޭކަލެއްތޯ ނުވަތަ ނޫންތޯ އެވެ. އަޅުގަނޑުގެ ހިތުގައިވެސް ފުރަތަމަ އުފެދުނީ ތިޔަ ސުވާލެވެ.

ތިޔަ ސުވާލުގެ ޖަވާބުގައި އާނއެކޭ ނުވަތަ ނޫނެކޭ ދަންނަވަން ނޭނގުނުކަމަށް ވިޔަސް ކަށަވަރުވާ ކަމެއް އެބަ އޮތެވެ. އެއީ ކީރިތި ޤުރުއާނުގައި ޛުލްކިފްލިގެފާނުގެ ނަންފުޅު އައިސްފައިވަނީ ނަބީ ބޭބޭކަލުންގެ ނަންފުޅުތަކުގެ ތެރޭގައި އެ ބޭބޭކަލުންގެ ނަންފުޅުތަކާ ވިދިގެންކަމެވެ. އަދި ފިޤުހު ފޮތްފޮތާއި މި ނޫނަސް ދީނީ ފޮތްފޮތުގައި މި ނަންފުޅު ޛިކުރުކުރައްވައިފައިވަނީ ނަބީބޭކަލުންގެ ގިންތީގައިކަމެވެ.

މި ދެންނެވި ސަބަބުތަކަށްޓަކައި ބައެއް ޢިލްމުވެރީން، އަދި ގިނަ ޢިލްމުވެރީން، ޛުލްކިފްލިގެފާނު ހިމަނުއްވައިފައިވަނީ ނަބީބޭކަލުންގެތެރޭގައެވެ. އެއީ ނަބީބޭކަލެއްކަމާ މެދަކު އެ ފަދަ ޢިލްމުވެރީން ޝައްކެއް ވެސް ނުކުރައްވައެވެ. ބައއް ޢިލްމުވެރީން ވިދާޅުވާ ގޮތުގައި ޛުލްކިހްލިގެފާނަކީ ﷲ ފޮނުއްވި އެއް ލައްކަ ފަންސަވީސް ހާސް ނާބީބޭކަލުންކުރެ ބޭކަލެކެވެ. އެކަލޭގެފާނު ފޮނުއްވުނީ ސުލައިމާނުގެފާނުގެ ފަހުންނެވެ. އެކަލޭގެފާނުގެ އުފަން ރަށަކީ ޙަޟަރަމައުތުކަމަށް ވެސް ތާރީޚީ ބައެއް ލިޔުންތަކުގައި އެބަހުއްޓެވެ. އެކަލޭގެފާނަކީ މިޒާޖުފުޅުގައި ވަރަށް މަޑުމައިތިރި ޝަޚުޞިއްޔަތެކެވެ.

ބައެއް ޢިލްމުވެރީން ވިދާޅުވާ ގޮތުގައި ذوالكفلގެފާނު އެއީ ސަލާމްލެއްވި އައްޔޫބުގެފާނުގެ ދަރިކަލެކެވެ. އައްޔޫބުގެފާނު ދިރިއުޅުއްވި ކަމަށް ބެލެވެނީ މިއަދުގެ ސީރިޔާގެ ދިމިޝްޤުގެ ރަށްބޭރު ސަރަޙައްދުގައެވެ. މިކަމާ ގުޅުވައިލެވޭ އެންމެ ޝައުޤުވެރި، އެއް ކަމަކީ ސީރިޔާގެ ޤާސިޔޫން ފަރުބަދައިގެ މަތީގައި "ޛުލްކިފްލި"ގެ ނަންފުޅުން ނަންދެވި މަޝްހޫރުވެފައިވާ ސަރަޙައްދެއް މިއަދު ވެސް އޮތްކަމެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން ސީރިޔާއާއި ޢިރާޤު ސަރަހައްދަކީ ކުރީން ޝާމުކަރައޭ ކިޔާ ސަރަޙައްދެވެ.

އަދި އެކަލޭގެފާނު ފޮނުއްވުނީ ޢިސާގެފާނުގެ 600 އަހަރު ކުރީން މި ޒަމާނުގެ ޢިރާޤު ސަރަޙައްދަށްކަމަށާއި އެކަލޭގެފާނު 75 އަހަރު ދީނަށް ގޮވައިލައްވާން އުޅުއްވި ކަމަށް ވެސް ބައެއް ލިޔުންތަކުގައި ބަޔާންކޮށްފައި އެބަހުއްޓެވެ. އަދި މި ޒަމާނުގެ ތުރުކީވިލާތުގެ ދިޔަރްބާކިރު ޕްރޮވިންސްގެ އުރުޣާނީ (Ergani) ގައި ހުންނަ މަހާނައަކީ ޛުލްކިފްލްގެފާނުގެ މާހަނަކަށް ވެސް ލިޔެވިފައި އެބަހުއްޓެވެ. މި މަހާނަ ހުންނަ ކަމަށްވަނީ މި ސިޓީގެ މެދުތެރެއިން ފެށިގެން 5 ކިލޯމީޓަރުގެ ދުރުމިނުގައި ހުންނަ ފަރުބަދައެއް ކަމުގައިވާ "މަޤާމް ދާޣީ"ގައި ކަމަށްވެއެވެ. އެ ބިނާއަށް ވަންނަ ދިމާ ކުރިމަތީގައި ހުންނަ ގަހެއްގައި ހަރުކޮށްފައިވާ ފިލާގަނޑެއްގައި ބޮޑުއަކުރުން "ޙަޟުރަތު ޛުލްކުފުލް ނަބީ ޢަލައިހިއްސަލާމް" ލެޓިމްއަކުރުން ލިޔެފައި ވެއެވެ. (އެތާގެ ފޮޓޯއެއް މި މަޒުމޫނުގެ މަތީ ވާތް ފަރާޓުގައި އެވަނީއެވެ.)

އެހެންނަމަވެސް ބައެއް ޢިލްމުވެރީން ޤަބޫލުކުރައްވަނީ އެއީ ޞާލިޙު މާތް ބޭކަލެއް ކަމަށެވެ. ނަބިއްޔެއް އަދި ރަސޫލެއް ނޫންކަމުގައެވެ. އަދި އެއީ ޙިކުމަތްތެރި ފަނޑިޔާރެއް ކަމަށް ވެސް ބައެއް ޢިލްމުވެރީން ބަޔާންކުރައްވައިފައި ހުރެއެވެ. (ޙަޤީޤަތް ދެނެވޮޑިގަތުން ބޮޑީ މާތް ﷲއެވެ.)

ކޮންމެއަކަސް ކީރިތި ޤުރުއާނުގައި ނަބީބޭކަލުންގެ ނަންފުޅުތަކުގެ ތެރޭގައި ނުވަތަ ނަންފުޅުތަކާ ގުޅިގެން  ذالكفل މި ނަންފުޅު ދެ ފަހަރެއްގެ މަތީން ޛިކުރުކުރައްވައިފައި އެބަ އޮތެވެ. އެއީ އަލްއަންބިޔާ ސޫރަތުގެ 85 ވަނަ އާޔަތުގައްޔާއި ޞާދު ސޫރަތުގެ 48 ވަނަ އާޔަތުގައެވެ.

މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. "وَإِسْمَاعِيلَ وَإِدْرِيسَ وَذَا الْكِفْلِ كُلٌّ مِّنَ الصَّابِرِينَ. وَأَدْخَلْنَــىـهُمْ فِي رَحْمَتِنَا إِنَّهُم مِّنَ الصَّالِحِينَ." ("އަދި إسماعيلގެފާނާއި، إدريسގެފާނާއި، ذوالكفلގެފާނު ހަނދުމަކުރާށެވެ! އެއިން ކޮންމެ ބޭކަލަކުވަނީ، ކެތްތެރިންގެ ތެރެއިންނެވެ. އަދި އެބޭކަލުން ތިމަންރަސްކަލާނގެ رحمةގެ ތެރެޔަށް ވެއްދެވީމެވެ. ހަމަކަށަވަރުން، އެބޭކަލުންވަނީ، صالحންގެ ތެރެއިންނެވެ.") (سورة الأنبياء:85، 86)

އަދިވެސް މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. "وَاذْكُرْ إِسْمَاعِيلَ وَالْيَسَعَ وَذَا الْكِفْلِ وَكُلٌّ مِّنْ الْأَخْيَارِ." ("އަދި إسماعيلގެފާނާއި، اليسعގެފާނާއި، ذوالكفلގެފާނު ހަނދުމަކުރައްވާށެވެ! އެހުރިހާ ބޭކަލުންވަނީ ހެޔޮ ލަފާ މީހުންގެ ތެރެއިންނެވެ.") (سورة ص:48)

އިސްވެ ދިޔަ އާޔަތްތަކަށް މަތިމަތީން ހަމައެކަނި ބަލައިލިޔަސް ذوالكفلގެފާނަކީ މާތް ﷲ ރަޙުމަތްލައްވައިފައިވާ، ކެތްތެރި ޞާލިޙު ބޭކަލެއްކަން އެއްވެސް އޮޅުމެއް ނެތި ހާމަވެއެވެ. އަލި ذوالكفلގެފާނު ވެސް ހިމެނިވަޑައިގަންނަވާ ގޮތުން إسماعيلގެފާނާއި، اليسعގެފާނުވަނީ ހެޔޮލަފާ މީހުންގެތެރެއިން ކަމަށް އަންގަވައިފައިވުމުން ތަންކޮޅެއް ފުންކޮށް ވިސްނައިލާން އެބަޖެހެއެވެ. އިސްމާޢިލްގެ ފާނާއި އިދްރީސްގެފާނާއި އަލްޔަސަޢުގެފާނާ އެއް ގިންތިއެއްގައި ހިމަނުއްވައި، ކީރިތި ޤުރުއާނުގައި ذوالكفلގެފާނުގެ ނަންފުޅު ޛިކުރުކުރެވިފައިވާތީ އެއީ ނަބީ ބޭކަލެއް ކަމަށް ގިނަ ޢިލްމުވެރީން ބުރަވެވަޑައިގަންނަވަނީ އެވެ. މުޙައްމަދުއްތަޤިއްޔު ވިދާޅުވަނީ ޛުލްކިފުލިގެފާނަކީ ނަބިއްޔެއްކަމުގައެވެ. އައްޠަބަރީ ވިދާޅުވަނީ ذوالكفلގެފާނަކީ ނަބިއްޔެއްކަން ރަސޫލެއްކަން ނުވަތަ ނޫންކަން ކަށަވަރުނުވާކަމުގައެވެ. (ޥަﷲ އަޢުލަމް ބިއްޞަވާބި) 

ކޮންމެއަކަސް ނަބީބޭކަލުންގެ ލިސްޓްގައި ذوالكفلގެފާނުގެ ނަންފުޅު އަޅުގަނޑު މި ހިމަނައިލީ ކީރިތި ޤުރުއާނުގައި ވެސް އެ ނަންފުޅު ނަބީބޭކަލުންނާއެކު ޛިކުރުކުރައްވައިފައިވާތީ އެވެ. އަދި އެއީ، ކެތްތެރި، ޞާލިޙު، ހެޔޮލަފާ ބޭކަލެއްކަމަށް ކީރިތި ޤުރުއާނުގައި ބަޔާންކުރައްވައިފައިވާތީ އެވެ.

މީގެ އިތުރަށް ޖީލުލްއުސްތާޛު އައްޝައިޚު މުޙައްމަދު ޖަމީލު ދީދީ ލިޔުއްވައިފައިވާ "ތަޢުލީމުއްދިޔާނާ"ގެ ދެ ވަނަ ބައިގައި "ރަސޫލުބޭކަލުންކުރެ ދެނެގަތުން ވާޖިބު ބޭކަލުން"ގެ ލިސްޓުގައި ވެސް ذوالكفلގެފާނުގެ ނަންފުޅު ހިމަނުއްވައިފައިވާކަން ވެސް އަޅުގަނޑު ފާހަގަކޮށްލަމެވެ. (ޞަފުޙާ 9)

ކޮންމެއަކަސް ޤުރުއާނުގައި ذوالكفلގެފާނުގެ ނަންފުޅު ގެންނަވައިފައިވާ މަޤާމުތަކާއި އެ ކަލޭގެފާނަށް ދެއްވައިފައިވާ ސިފަފުޅުތަކަށް ބަލާއިރު އެއީ ނަބީބޭކަލެއްކަމަށް ބުރަވެވެއެވެ. އަދި ގިނަ ޢިލްމުވެރީން އެ ގޮތަށް ބުރަވެވަޑައިގަންނަވައިވެސްމެއެވެ. ނަމަވެސް ޤުރުއާނުގައި ذوالكفلގެފާނަކީ ކަނޑައެޅިގެން ނަބީއްޔެކޭ ނުވަތަ ރަސޫލެކޭ ވަޙީކުރައްވައިފައި ނެތީއެވެ. (ވަﷲ އަޢުލަމް)

_______________________________

ޙަވާލާ:

ކީރިތި ޤުރުއާން

ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ

ތަޢުލީމުއްދިޔާނާ 2

އަޠުލަސް  އަލްޤުރުއާނުލްކަރީމް

https://www.al-islam.org/hayat-al-qulub

https://islam101.net/index.php/history/48-earlier-prophets/170-prophet-dhul-kifl-isaia

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ