އަދުގެ ޚާއްސަ

ކައު ރަސޫލާގެ ސީރަތުގެ މުތީތަކާއި ޝަޛާތަކުން (12)

. ހިމެނޭބަޔަކީ ސިޔަރަތު

އިބްރާހީމް ރަޝީދު މޫސާ

(10 އެޕްރީލް 2020 ގައި ޝާއިޢުކުރި ބަޔާ ބެހޭ) 

226. ހިޖްރައިން 5 ވަނަ އަހަރު ބަނުލް މުޞްޠަލިޤު ހަނގުރާމަ ހިނގިއެވެ. މި ހަނގުރާމައަށް [ޣަޒްވަތުލް މުރައިސީޢު] އޭ ކިޔެއެވެ. މި ހަނގުރާމަ ހިނގީ އަލްޙާރިޘް ބިން އަބީ ޟިރާރު މަދީނާއާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ލަޝްކަރެއް ޖަމާކުރުމުންނެވެ.

227. ރަސޫލާ ﷺ މިމީހުންނާ ކުރިމަތިލެއްވުމަށް ޓަކައި 700 ޞަޙާބީންނާއިގެން ނުކުމުވަޑައިގެންނެވިއެވެ. އެމީހުންނަށް ޙަމަލާދެއްވައި އެމީހުންގެ ހަނގުރާމަވެރިން ޤަތުކުރައްވައި އެމީހުންގެ އަނބިދަރީން އަޅުންގެ ގޮތުގައި ހައްޔަރު ކުރެއްވިއެވެ. 

228. މި ހަނގުރާމައިގައި ހައްޔަރުކުރެވުނު މީހުންގެ ތެރޭގައި ބަނުލްމުޞްޠަލިޤު ވަންހައިގެ ވެރިޔާގެ ދަރިކަނބަލުން ޖުވައިރިޔާ ބިންތުލް ޙާރިޘް ވެއެވެ. ރަސޫލާ އެކަމަނާއަށް އިސްލާމްދީން ހުށައެޅުއްވުމުން އިސްލާމްދީން ޤަބޫލުކުރައްވައި އިސްލާމްވެ ވަޑައިގަތެވެ. މިކަމަށް ޓަކައި ރަސުލާ ﷺ އެ ކަމަނާއާ ކާވެނިފުޅު ބައްލަވައިގަތެވެ. 

229. ރަސޫލާ އެކަމަނާއާ ކާވެނިފުޅު ބައްލަވައިގަތުމުން ބަނުލްމުޞްޠަލިޤު ވަންހައިން އަޅުވެތިކުރެވުނު އެންމެން މިނިވަންކުރެވުނެވެ. އެއީ ރަސޫލާއާ ޅިޔަންވުމުން އެމީހުން އަޅުންގެ ގޮތުގައި ބޭތިއްބުން އަދަބީ ކަމަކަށް ޞަޙާބީން ދެކެވަޑައި ނުގަންނަވާތީއެވެ. މިކަމާ ބެހޭގޮތުން ޢާއިޝަތުގެފާނު ވިދާޅުވިއެވެ.[ޖުވައިރިޔަތުގެފާނަށްވުރެ އޭނާގެ ބަރަކާތް އޭނާގެ ޤައުމުގެ މައްޗަށް ބޮޑު އަންހެނަކު ތިމަން ކަމަނާ ދެކެވަޑައި ނުގަންނަވަމެވެ.] ޖުވައިރިޔަތުގެފާނަކީ މާތް ﷲގެ މަތީން ވަރަށް ގިނައިން ހަނދުމަކުރެއްވި ބޭކަނބަލެކެވެ. އެކަމަނާ އަވަހާރަވީ ޢުމުރުފުޅުން 65 އަހަރުގައި ހިޖްރައިން 56ވަނަ އަހަރުގައެވެ. 

230. ރަސޫލާ ﷺ ގެ އަރިހުގައި ބަނުލްމުޞްޠަލިޤު ހަނގުރާމައަށް މުނާފިޤުންގެ ވަރަށް ގިނަ ބަޔަކު ނުކުތެވެ. އޭގެތެރޭގައި އެމީހުންގެ ޒަޢީމު ޢަބްދުﷲ ބިން އުބައްޔު ބިން ސަލޫލު ވެއެވެ.  އެމީހުން މި ހަނގުރާމައަށް ނުކުތުމުގެ އަމާޒަކީ މުސްލިމުންގެ މެދުގައި ފިތުނަ ފަސާދަ އުފެއްދުމެވެ.

231. މި ހަނގުރާމައިގެ ތެރޭގައި ވަރަށް ބޮޑު ދެ ފިތުނައެއް އުފެއްދުނެވެ. ފުރަތަމަ ފިތުނައަކީ މުހާޖިރުންނާ އަންޞާރުންގެ މެދުގައި  ދޭތެރެޖެއްސުމަށް ކުރެވުނު މަސައްކަތެވެ. ދެވަނަ ފިތުނައަކީ ޢާއިޝަތުގެފާނުގެ ޢިއްފަތްތެރިކަމާ ބެހޭގޮތުން އުފެއްދި ދޮގު ވާހަކައެވެ. މި ހާދިސާއަށް (( އިފްކުގެ ހާދިސާ)) އޭ ކިޔުނެވެ. 

232. އިބްނު ސަލޫލާއި އޭނާގެ ވަށައިގެން އުޅުނު މުނާފިޤުން ޢާއިޝަތުގެފާނާ ބެހޭގޮތުން ހަދައިގެން ފެތުރި ވާހަކަތަކަކީ ރަސޫލާ  އަށާއި ޢާއިޝަތުގެފާނަށާއި ރަސޫލާގެ އެންމެ އެކުވެރި މިތިރު ޞަޙާބީންނަށް ގިލަންތަކެއް ޖެއްސުވި ވާހަކަތަކެކެވެ. 

233. ﷲ ސުބްޙާނަހޫ ވަ ތަޢާލާ ޢާއިޝަތުގެފާނުގެ ކުށެއް ނެތްކަން ބަޔާންކުރައްވައި ހަތް އުޑު މަތިން ވަޙީބަސްފުޅު ބާވައިލެއްވިއެވެ. އެ ވާހަކަތައް ޤިޔާމަތާ ޖެހެންދެން ކިޔެވޭ އާޔަތްތަކެއްކަމުގައި ލެއްވިއެވެ. މާތް ﷲ، النور ސޫރަތުގައި  ވަޙީކުރެއްވިއެވެ. [إِنَّ الَّذِينَ جَاءُوا بِالْإِفْكِ عُصْبَةٌ مِّنكُمْ ۚ لَا تَحْسَبُوهُ شَرًّا لَّكُم ۖ بَلْ هُوَ خَيْرٌ لَّكُمْ ۚ لِكُلِّ امْرِئٍ مِّنْهُم مَّا اكْتَسَبَ مِنَ الْإِثْمِ ۚ وَالَّذِي تَوَلَّىٰ كِبْرَهُ مِنْهُمْ لَهُ عَذَابٌ عَظِيمٌ ﴿١١﴾ لَّوْلَا إِذْ سَمِعْتُمُوهُ ظَنَّ الْمُؤْمِنُونَ وَالْمُؤْمِنَاتُ بِأَنفُسِهِمْ خَيْرًا وَقَالُوا هَـٰذَا إِفْكٌ مُّبِينٌ ﴿١٢﴾ لَّوْلَا جَاءُوا عَلَيْهِ بِأَرْبَعَةِ شُهَدَاءَ ۚ فَإِذْ لَمْ يَأْتُوا بِالشُّهَدَاءِ فَأُولَـٰئِكَ عِندَ اللَّـهِ هُمُ الْكَاذِبُونَ ﴿١٣﴾ وَلَوْلَا فَضْلُ اللَّـهِ عَلَيْكُمْ وَرَحْمَتُهُ فِي الدُّنْيَا وَالْآخِرَةِ لَمَسَّكُمْ فِي مَا أَفَضْتُمْ فِيهِ عَذَابٌ عَظِيمٌ ﴿١٤﴾ إِذْ تَلَقَّوْنَهُ بِأَلْسِنَتِكُمْ وَتَقُولُونَ بِأَفْوَاهِكُم مَّا لَيْسَ لَكُم بِهِ عِلْمٌ وَتَحْسَبُونَهُ هَيِّنًا وَهُوَ عِندَ اللَّـهِ عَظِيمٌ ﴿١٥﴾ وَلَوْلَا إِذْ سَمِعْتُمُوهُ قُلْتُم مَّا يَكُونُ لَنَا أَن نَّتَكَلَّمَ بِهَـٰذَا سُبْحَانَكَ هَـٰذَا بُهْتَانٌ عَظِيمٌ ﴿١٦﴾ يَعِظُكُمُ اللَّـهُ أَن تَعُودُوا لِمِثْلِهِ أَبَدًا إِن كُنتُم مُّؤْمِنِينَ ﴿١٧﴾ وَيُبَيِّنُ اللَّـهُ لَكُمُ الْآيَاتِ ۚ وَاللَّـهُ عَلِيمٌ حَكِيمٌ ﴿١٨﴾ إِنَّ الَّذِينَ يُحِبُّونَ أَن تَشِيعَ الْفَاحِشَةُ فِي الَّذِينَ آمَنُوا لَهُمْ عَذَابٌ أَلِيمٌ فِي الدُّنْيَا وَالْآخِرَةِ ۚ وَاللَّـهُ يَعْلَمُ وَأَنتُمْ لَا تَعْلَمُونَ ﴿١٩﴾ وَلَوْلَا فَضْلُ اللَّـهِ عَلَيْكُمْ وَرَحْمَتُهُ وَأَنَّ اللَّـهَ رَءُوفٌ رَّحِيمٌ] ﴿٢٠﴾ - މާނައީ : ([ހަމަކަށަވަރުން، ބޮޑުވެގެންވާ ދޮގުވާހަކައާއިގެން އައި މީހުންނަކީ، ތިޔަބައިމީހުންގެ ތެރެއިންވާ ބަޔަކު މީހުންނެވެ. އެއީ ތިޔަބައިމީހުންނަށްހުރި ނުބައެއްކަމުގައި ތިޔަބައިމީހުން ހީނުކުރާށެވެ! އަދި ކިއެއްތަ! އެއީ ތިޔަބައިމީހުންނަށްހުރި ހެވެކެވެ. އެއުރެންކުރެ ކޮންމެމީހަކަށްމެ، ފާފައިގެ ތެރެއިން އެމީހަކު ހޯދައިގަތްކަމެއް ވެއެވެ. އަދި އެއުރެންގެ ތެރެއިން އެކަމުގެ ބޮޑުބައި ލިބިގަތްމީހާ (ދަންނާށެވެ!) އޭނާއަށް ބޮޑުވެގެންވާ عذاب ހުށްޓެވެ. (11) އެވާހަކަ އިވުނުހިނދު، مؤمن ފިރިހެނުންނާއި، مؤمن އަންހެނުން އެއުރެންގެ އަމިއްލަ نفس ތަކާމެދުގައި ހެޔޮކޮށް ހީނުކުޅައީ ކީއްވެގެން ބާވައެވެ؟ އަދި މިއީ، بيان ވެ ފާޅުވެގެންހުރި ބޮޑުދޮގެކޭ ނުބުނީ ކީއްވެގެން ބާވައެވެ؟ (12) އެކަމުގެ މައްޗަށް އެއުރެން ހަތަރުހެކިން ނުގެނައީ ކީއްވެގެން ހެއްޔެވެ؟ ފަހެ، އެއުރެން (އެކަން ދެނެހުރި) ހެކިން ނުގެނައިހިނދު، ފަހެ، اللَّه ގެ حضرة ގައި އެއުރެންނީ ހަމަ ދޮގުހަދާ މީހުންނެވެ. (13) ދުނިޔެއާއި، آخرة ގައި ތިޔަބައިމީހުންގެ މައްޗަށް اللَّه ގެ فضل ވަންތަކަމާއި، އެކަލާނގެ رحمة ވަންތަކަން ނެތްނަމަ، ތިޔަބައިމީހުން ދައްކަމުން ގެންދިޔަ ވާހަކަތަކާމެދު، ބޮޑުވެގެންވާ عذاب އެއް، ތިޔަބައިމީހުންގައި ބީހިއްޖައީސްކަން ކަށަވަރެވެ. (14) ތިޔަބައިމީހުންގެ ދޫތަކުން އެ ވާހަކަތައް ލިބިގަންނަމުންދިޔަ ހިނދުގައެވެ. އަދި ތިޔަބައިމީހުންނަށް އެކަމާމެދު އެނގުމެއްނުވާ ކަންތަކުގެ ވާހަކަ، ތިޔަބައިމީހުންގެ އަނގަތަކުން ބުނަމުއެވެ. އަދި اللَّه ގެ حضرة ގައި އެކަންތައް ބޮޑުކަމެއްކަމުގައިވާ حال، އެއީ ކުޑަ ކަމެއްކަމުގައި ތިޔަބައިމީހުން ހީކުރަމުއެވެ. (15) ތިޔަބައިމީހުންނަށް އެވާހަކަ އަޑުއިވުނުހިނދު (މިހެން) ތިޔަބައިމީހުން ނުބުނީ ކީއްވެގެން ހެއްޔެވެ؟ މިވާހަކަ ދެއްކުމަކީ ތިމަންމެން ކޮށްގެންވާނެ ކަމެއްނޫނެވެ. އިބަރަސްކަލާނގެ ހުސްطاهر ވަންތަކަމާއެވެ! މިއީ ބޮޑުވެގެންވާ بهتان ދޮގެކެވެ. (16) ތިޔަބައިމީހުންނީ مؤمن ން ކަމުގައިވާނަމަ، އެފަދަކަމަކަށް ދުވަަހަކުވެސް އެނބުރި ނުދިއުމަށް اللَّه ތިޔަބައިމީހުންނަށް وعظ އިއްވަވަތެވެ. (17) އަދި اللَّه ތިޔަބައިމީހުންނަށްޓަކައި آية ތައް بيان ކޮށްދެއްވަތެވެ. اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ، حكيم ވަންތަ ރަސްކަލާނގެއެވެ. (18) ހަމަކަށަވަރުން، إيمان ވި މީހުންގެ ތެރޭގައި ހުތުރުކަންބޮޑު ފާފައިގެ ވާހަކައާއި، عمل، ފެތުރިގެންދިއުމަށް ލޯބިކުރާމީހުން (ދަންނާށެވެ!) ދުނިޔެއާއި آخرة ގައި ވޭންދެނިވި عذاب އެމީހުންނަށް ހުށްޓެވެ. اللَّه ދެނެވޮޑިގެންވެތެވެ. އަދި ތިޔަބައިމީހުންނަކަށް ނޭނގެތެވެ. (19) ތިޔަބައިމީހުންގެ މައްޗަށް اللَّه ގެ فضل ވަންތަކަމާއި، އެކަލާނގެ رحمة ވަންތަކަން ނުވާނަމަ، އަދި ހަމަކަށަވަރުން، اللَّه އީ، ނުހަނު އޯގާވަންތަ، رحيم ވަންތަ ކަލާނގެކަމުގައި ނުވާނަމަ (ތިޔަބައިމީހުންގެ މައްޗަށް ވަގުތުން ކޯފާ ފޮނުއްވައިފީހެވެ.]) (20) (سورة النور:11~20)

234. އިފްކުގެ ޙާދިސާއަކީ މުސްލިމުންނަށް ވަރަށް މަތިވެރި ، ޢިބްރަތްތެރި ފިލާވަޅުތަކެއް ނަގައިދިން ހާދިސާއެކެވެ. އިސްލާމްދީނުގައި ޙަޤީޤަތަށް ނުބަލައި މީހުންގެ އަބުރަށް އެރުމަކީ ޙަރާންކުރައްވައިވާ ކަމެކެވެ. މި އާޔަތްތަކުގައި ޤަޛްފުގެ ޙައްދު ބަޔާން ކުރައްވައިފައި ވެއެވެ.އިބްނު ޙަޖަރު ، އެކަލެގެފާނުގެ މަޝްހޫރު ފޮތް ( ފަތުޙުލް ބާރީ)) ގައި މި ވާހަކައިން 70 ޢިބްރަތް ދައްކަވައިފައިވެއެވެ.

235. ހިޖްރައިން 5ވަނަ އަހަރުގެ ޝައްވާލު މަހުގެ ތެރޭގައި ޚަންދަޤު ހަނގުރާމަ ހިނގިއެވެ. މި ހަނގުރާމައަށް އަޙްޒާބު ހަނގުރައޭ ވެސް ކިޔެއެވެ. މިއީ އަބޫ ސުފްޔާނު ބުނު ޙަރްބުގެ ޒަޢާމަތުގެ ދަށުގައި ވަރަށް ގިނަ ޖަމާޢަތްތަކެއް ބައިވެރިވެގެން ކުރަން އުޅުނު ހަނގުރާމައެވެ. މި ހަނގުރާމައަކީ  މަދީނާގައި އުޅުނު  ޔަހޫދީންގެ ދައުރު ވަރަށް ބޮޑު ހަނގުރާމައެކެވެ. މި ހަނގުރާމައަށް ޓަކައި އަބޫ ސުފްޔާން 10 ހާސް ހަނގުރާމަވެރިން ޖަމާކުރިއެވެ.

236.މަދީނާ ރައްކައުތެރިކުރެއްވުމަށް ޓަކައި މަދީނާގެ ވަށައިގެން ބޮޑު ޚަންދަޤެއް ކޮނުމަށް ސަލްމާނުލް ފާރިސީ ރަސޫލާއަށް މަޝްވަރާ އެރުއްވިއެވެ. މިއީ އެކަލޭގެފާނު ބައިވެރިވެ ވަޑައިގެންނެވި ފުރަތަމަ ހަނގުރާމައެވެ. 

237. ރަސޫލާ ﷺ މި ހަނގުރާމައަށް ޓަކައި 3 ހާސް ހަނގުރާމަވެރީން ޖަމާކުރެއްވިއެވެ. މި ޚަންދަޤު ކޮންނެވުމަށް ޓަކައި އެކަލޭގެފާނު ކޮންމެ 10 ބޭކަލަކުން 10 ބޭކަލަކުން ބައި ބައްސަވައި ، އެއިން ކޮންމެ 10 ބޭކަލެއްގެ މައްޗަށް  އިސްވާރަކު އިސްކުރެއްވިއެވެ. އަދި ކޮންމެ ދިހަ ބޭކަލަކަށް 10 މުށުގެ ތަންކޮޅެއް ކޮންނެވުމުގެ މަސައްކަތް ޙަވާލު ކުރެއްވިއެވެ.

238. ކާފިރުންގެ ލަޝްކަރު އައުމުގެ ކުރިން ރަސޫލާ ޚަންދަޤު ކޮންނަވައި މަދީނާ ޙިމާޔަތް ކުރެއްވުމަށް ޓަކައި އަޅުއްވަން ބޭނުންފުޅުވި ފިޔަވަޅުތައް އެޅުއްވިއެވެ. މުޝްރިކުން މަދީނާއަށް އާދެވުނު ހިނދު އެމީހުންނަށް ޚަންދަޤު ފެނި ސިހުމެއް ލިބުނެވެ. މި ޚަންދަޤާހެދި އެމީހުންނަށް މަދީނާއަކަށް ނޭރުނެވެ. 

239. ޚަންދަޤު ކޮނުނުއިރު ރަސޫލާގެ އަތްޕުޅުމަތިން އެތައް މުޢުޖިޒާތްތަކެއް ފެނުނެވެ. އޭގެތެރޭގައި

     ހ- މަދު ކާއެތިކޮޅު ގިނަވެ އެންމެންނަށް ފުދިގެން ދިޔުން

     ށ- ވަރުގަދަ ބޮޑެތި ހަރު ހިލަތައް ތިން ފަހަރު ޖެއްސެވުމުން ކުދިކުދިވެގެން ދިޔުން

     ނ- ފާރިސްކަރައާއި ރޯމުކަރަ މުސްލިމުންނަށް ފަތަޙަކޮށްދެއްވާނެ ކަމުގެ އުފާވެރި ޚަބަރު ދެއްވުން

240. ބަނޫ ޤުރައިޡާ ވަންހައިގެ ޔަހޫދީން ރަސޫލާއާއެކު ވެފައިވާ އެއްބަސްވުން އުވާލައި ކާފިރުންނަށް އެހީވާން ފެށިއެވެ. މިކަމުގެ ސަބަބުން މުސްލިމުންނަށް ވަރަށް ބޮޑު ހާސްކަމެއް ލިބުނެވެ. އެހިނދު ރަސޫލާ ﷺ މާތް ﷲ އަށް ދުޢާކުރައްވައި މި މުޞީބާތުން ސަލާމަތްކޮށް ދެއްވުމަށް ދެންނެވިއެވެ.

241. ރަސޫލާގެ ދުޢާފުޅަށް މާތް ﷲ އިޖާބަ ދެއްވައި ބާރުގަދަ ވައެއް އަޙްޒާބުންގެ މައްޗަށް ފޮނުއްވިއެވެ. މީގެއިތުރަށް މަލާއިކަތުން ފޮނުއްވައި މުޝްރިކުންގެ ހިތްތަކަށް ބިރުވެރިކަން ވެއްދެވިއެވެ. 

242. މުޝްރިކުން ނާއުއްމީދުވެ އެމީހުން ރަށަށް އެބުރި ދިޔައެވެ. 

243. މާތް ﷲ އަޙްޒާބުގެ ޖަމާޢަތްތައް ވަޔާއި ބިރުވެރިކަމުން ބަލިކުރެއްވިއެވެ. އަދި ނުޢައިމު ބިން މަސްޢޫދު  މެދުވެރިކުރައްވައި އަޙްޒާބުގެ ޖަމާޢަތްތަކުގެ މެދުގައި ޝައްކު އުފެއްދެވިއެވެ.(އެކަމަކު މި ވާހަކައަކީ ޞައްޙަ ސަނަދުން ސާބިތުވާ  ވާހަކައެއް ނޫނެވެ.) މިކަމުގެ ސަބަބުން އެއް ބަޔަކު އަނެއް ބަޔަކަށް ކުރި  އިތުބާރު ގެއްލިގެން ދިޔައެވެ. 

(ނުނިމޭ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ