ކައު ރަސޫލާގެ ސީރަތުގެ މުތީތަކާއި ޝަޛާތަކުން (13)

. ހިމެނޭބަޔަކީ ސިޔަރަތު

އިބްރާހީމް ރަޝީދު މޫސާ

(11 މެއި 2020 ގައި ޝާއިޢުކުރި ބަޔާ ގުޅޭ)

244. ޚަންދަޤު ހަނގުރާމައިން ނިމިވަޑައިގެން ރަސޫލާ  ގެކޮޅަށް ހަމަވަޑައިގަތުމުން ޖިބްރީލުގެފާނު ވަޑައިގެން ބަނީ ޤުރައިޡާގެ ޔަހޫދީންނާ ދެކޮޅަށް ހަނގުރާމައަށް ނުކުމެވަޑައިގަތުމަށް އަމުރުކުރެއްވިއެވެ. 

245. މި އަމުރުފުޅު އައުމުން ރަސޫލާ ހަނގުރާމައިގެ ހެދުންކޮޅު އަލުން ތުރުކުރައްވައިގެން ނުކުމެވަޑައިގެން އަޞްޙާބުންނަށް ޙަދީސް ކުރެއްވިއެވެ. [فلا يُصلِّينَّ العصرَ إلّا في بَني قُرَيْظةَ ] – ([ތިޔަބައިމީހުންކުރެ ހަމަ އެކަކު ވެސް  ބަނީ ޤުރައިޡާގައި މެނުވީ ޢަޞްރު ނަމާދު ނުކުރާހުށިކަމެވެ.]) (أخرجه البخاري ومسلم)

246. ރަސޫލާ  ބަނީ ޤުރައިޡާއަށް ވަޑައިގެން އެމީހުންގެ އަވަށް ޙިޞާރު ކުރެއްވިއެވެ. މި ޙިޞާރު ވަރުގަދަކުރެއްވުމާއެކު މާތް ﷲ އެމީހުންގެ ހިތްތަކަށް ބިރުވެރިކަން ވެއްދެވިއެވެ. އެކަމާވިދިގެން އެ އެންމެން އަމާން ދިނެވެ. 

247. ރަސޫލާ  ގެ އަމުރުފުޅަށް އެ ޤަބީލާގެ ފިރިހެނުން ހައްޔަރުކޮށް ބަނޫއެވެ. އެމީހުންގެ އެދުމުގެ މަތިން އެމީހުންނާމެދު ނިޔާ އިއްވުމަށް ޓަކައި ސަޢުދު ބިން މުޢާޛުގެފާނު އިސްކުރެއްވިއެވެ. އެކަލޭގެފާނު އޮންނެވީ ހަނގުރާމައިގައި ވަރަށް ބޮޑަށް ޒަޚަމުވެ ވަޑައިގަތްފައެވެ. ރަސޫލާ  ސަޢުދުގެފާނަށް ވިދާޅުވިއެވެ. [ބަނީ ޤުރައިޡާއާމެދު ނިޔާ އިއްވެވުން ތިމަންކަލޭގެފާނު ކަލޭގެފާނާ ޙަވާލު ކުރައްވައިފީމެވެ.] ސަޢުދު ބިން މުޢާޛުގެފާނު ވިދާޅުވިއެވެ. [އަޅުގަނޑު އެމީހުންގެ މައްޗަށް އިއްވާ ނިޔާއަކީ އެމީހުންގެ ތެރޭގައި ތިބި ހަނގުރާމަވެރިން ޤަތުލުކޮށް އެމީހުންގެ އަނބިދަރީން އަޅުން ކަމުގައި ހަދައި އެމީހުންގެ މުދާތައް ޣަނީމަ މުދަލުގެ ގޮތުގައި ބެހުމެވެ.] 

248. އެހިނދު ރަސޫލާ  ޙަދީސްކުރެއްވިއެވެ. [ހަމަކަށަވަރުން، ހަތް އުޑު މަތީގައިވާ ﷲގެ ޙުކުންފުޅުން ކަލޭގެފާނު ނިޔާ ކަނޑައަޅުއްވައިފީމުއެވެ.] މިހެން ވިދާޅުވެ މި ޙުކުން ތަންފީޒު ކުރެއްވިއެވެ. ރަސޫލުﷲގެފާނު ސަޢުދުގެފާނު ޙުކުން ތަންފީޒު ކުރައްވައި ނިމުމުން އެކަލޭގެފާނަށް ހިތްހަމަޖެހުން ލިބިވަޑައިގަތެވެ. އެހިނދު އެކަލޭގެފާނުގެ ފާރުގަނޑު ފަޅައިގެންގޮސް އެކަލޭގެފާނު އަވަހާރަވެއްޖެއެވެ. 

249. ސަޢުދުގެފާނު އަވަހާރަވުމުން ރަސޫލާ  ޙަދީސް ކުރެއްވިއެވެ. [ސަޢުދުގެފާނު އަވަހާރަވުމުން މާތް ﷲގެ ޢަރްޝި ތެޅިގަތްފިއެވެ.]  (متفق عليه)

250. ސަޢުދުގެފާނު ކަފުންކޮށްގެން އެކަލޭގެފާނުގެ ހަށިކޮޅު އުފުލައިލުމުން މަލާއިކަތް ބޭކަލުން ވެސް މި ހަށިކޮޅު އުފުލުމުގައި ބައިވެރިވެ ވަޑައިގަތެވެ. އަދި ރަސޫލާ  ޙަދީސްކުރެއްވިއެވެ. [ސަޢުދުގެފާނު އަވަހާރަވި ދުވަހު މި ބިންމައްޗަށް އެއްހާސް މަލާއިކަތުން ފައިބާވަޑައިގަތެވެ. އޭގެކުރިން އެހާ ގިނަ މަލާއިކަތުންތަކެއް ބިންމައްޗަށް ފައިބަވަޑައިގަތްފައެއް ނުވެއެވެ.]  (رواه البزار بإسناد جيد)

251. ސަޢުދުގެފާނު އަވަހާރަވުމުން މުސްލިމުން ވަރަށް ބޮޑަށް ހިތާމަކުރިއެވެ. ޢާއިޝަތުގެފާނު ވިދާޅުވިއެވެ. [ރަސޫލާއާއި އެކަލޭގެފާނުގެ ދެ އެކުވެރިން މި ދުނިޔެ ދޫކުރެއްވި ދުވަސް ނަގައިފާ މުސްލިމުން އެންމެ ބޮޑަށް ހިތާމަކުރި ދުވަހަކީ ސަޢުދު ބިން މުޢާޛު އަވަހާރަވި ދުވަހެވެ.]

252. ޚަންދަޤު ހަނގުރާމައިގެ ޛިކްރާ އައުވެއައުވެ އޮންނާނެ ގޮތަށް މާތް ﷲ ކީރިތި ޤުރްއާނުގައި ބަސް ވަޙީކުރައްވައިފައި ވެއެވެ. އަލްއަޙްޒާބު ސޫރަތުގެ 9 ވަނަ އާޔަތުން ފެށިގެން 22 ވަނަ އާޔަތާ ހަމައަށް އޮތީ މި ހަނގުރާމައިގެ ތަފާތު ވާހަކަތަކެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. [يَا أَيُّهَا الَّذِينَ آمَنُوا اذْكُرُوا نِعْمَةَ اللَّـهِ عَلَيْكُمْ إِذْ جَاءَتْكُمْ جُنُودٌ فَأَرْسَلْنَا عَلَيْهِمْ رِيحًا وَجُنُودًا لَّمْ تَرَوْهَا ۚ وَكَانَ اللَّـهُ بِمَا تَعْمَلُونَ بَصِيرًا ﴿٩﴾ إِذْ جَاءُوكُم مِّن فَوْقِكُمْ وَمِنْ أَسْفَلَ مِنكُمْ وَإِذْ زَاغَتِ الْأَبْصَارُ وَبَلَغَتِ الْقُلُوبُ الْحَنَاجِرَ وَتَظُنُّونَ بِاللَّـهِ الظُّنُونَا ﴿١٠﴾ هُنَالِكَ ابْتُلِيَ الْمُؤْمِنُونَ وَزُلْزِلُوا زِلْزَالًا شَدِيدًا ﴿١١﴾ وَإِذْ يَقُولُ الْمُنَافِقُونَ وَالَّذِينَ فِي قُلُوبِهِم مَّرَضٌ مَّا وَعَدَنَا اللَّـهُ وَرَسُولُهُ إِلَّا غُرُورًا ﴿١٢﴾ وَإِذْ قَالَت طَّائِفَةٌ مِّنْهُمْ يَا أَهْلَ يَثْرِبَ لَا مُقَامَ لَكُمْ فَارْجِعُوا ۚ وَيَسْتَأْذِنُ فَرِيقٌ مِّنْهُمُ النَّبِيَّ يَقُولُونَ إِنَّ بُيُوتَنَا عَوْرَةٌ وَمَا هِيَ بِعَوْرَةٍ ۖ إِن يُرِيدُونَ إِلَّا فِرَارًا ﴿١٣﴾ وَلَوْ دُخِلَتْ عَلَيْهِم مِّنْ أَقْطَارِهَا ثُمَّ سُئِلُوا الْفِتْنَةَ لَآتَوْهَا وَمَا تَلَبَّثُوا بِهَا إِلَّا يَسِيرًا ﴿١٤﴾ وَلَقَدْ كَانُوا عَاهَدُوا اللَّـهَ مِن قَبْلُ لَا يُوَلُّونَ الْأَدْبَارَ ۚ وَكَانَ عَهْدُ اللَّـهِ مَسْئُولًا ﴿١٥﴾ قُل لَّن يَنفَعَكُمُ الْفِرَارُ إِن فَرَرْتُم مِّنَ الْمَوْتِ أَوِ الْقَتْلِ وَإِذًا لَّا تُمَتَّعُونَ إِلَّا قَلِيلًا ﴿١٦﴾ قُلْ مَن ذَا الَّذِي يَعْصِمُكُم مِّنَ اللَّـهِ إِنْ أَرَادَ بِكُمْ سُوءًا أَوْ أَرَادَ بِكُمْ رَحْمَةً ۚ وَلَا يَجِدُونَ لَهُم مِّن دُونِ اللَّـهِ وَلِيًّا وَلَا نَصِيرًا ﴿١٧﴾  قَدْ يَعْلَمُ اللَّـهُ الْمُعَوِّقِينَ مِنكُمْ وَالْقَائِلِينَ لِإِخْوَانِهِمْ هَلُمَّ إِلَيْنَا ۖ وَلَا يَأْتُونَ الْبَأْسَ إِلَّا قَلِيلًا ﴿١٨﴾ أَشِحَّةً عَلَيْكُمْ ۖ فَإِذَا جَاءَ الْخَوْفُ رَأَيْتَهُمْ يَنظُرُونَ إِلَيْكَ تَدُورُ أَعْيُنُهُمْ كَالَّذِي يُغْشَىٰ عَلَيْهِ مِنَ الْمَوْتِ ۖ فَإِذَا ذَهَبَ الْخَوْفُ سَلَقُوكُم بِأَلْسِنَةٍ حِدَادٍ أَشِحَّةً عَلَى الْخَيْرِ ۚ أُولَـٰئِكَ لَمْ يُؤْمِنُوا فَأَحْبَطَ اللَّـهُ أَعْمَالَهُمْ ۚ وَكَانَ ذَٰلِكَ عَلَى اللَّـهِ يَسِيرًا ﴿١٩﴾ يَحْسَبُونَ الْأَحْزَابَ لَمْ يَذْهَبُوا ۖ وَإِن يَأْتِ الْأَحْزَابُ يَوَدُّوا لَوْ أَنَّهُم بَادُونَ فِي الْأَعْرَابِ يَسْأَلُونَ عَنْ أَنبَائِكُمْ ۖ وَلَوْ كَانُوا فِيكُم مَّا قَاتَلُوا إِلَّا قَلِيلًا ﴿٢٠﴾ لَّقَدْ كَانَ لَكُمْ فِي رَسُولِ اللَّـهِ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْجُو اللَّـهَ وَالْيَوْمَ الْآخِرَ وَذَكَرَ اللَّـهَ كَثِيرًا ﴿٢١﴾ وَلَمَّا رَأَى الْمُؤْمِنُونَ الْأَحْزَابَ قَالُوا هَـٰذَا مَا وَعَدَنَا اللَّـهُ وَرَسُولُهُ وَصَدَقَ اللَّـهُ وَرَسُولُهُ ۚ وَمَا زَادَهُمْ إِلَّا إِيمَانًا وَتَسْلِيمًا ﴿٢٢﴾] - މާނައީ : ([އޭ إيمان ވެއްޖެ މީސްތަކުންނޭވެ! لشكر ތަކެއް ތިޔަބައިމީހުންނާ ހަމަޔަށް އައިހިނދު، اللَّه ތިޔަބައިމީހުންނަށް ދެއްވި نعمة ތިޔަބައިމީހުން ހަނދާންކުރާށެވެ! ފަހެ، އެހިނދު އެއުރެންގެ މައްޗަށް ގަދަ ވަޔަކާއި، ތިޔަބައިމީހުންނަށް ނުފެންނަ لشكر ތަކެއް ތިމަންރަސްކަލާނގެ ފޮނުއްވީމެވެ. ތިޔަބައިމީހުން ކަންތައްކުރާގޮތް މޮޅަށް ބައްލަވާވޮޑިގެންވާ ކަލަކުކަމުގައި اللَّه ވޮޑިގެންވެއެވެ. (9) ތިޔަބައިމީހުންގެ މަތިންނާއި، ތިރިން (އެބަހީ: نجد ކަރަވީ ފަރާތާއި مكة ވީފަރާތުން) އެއުރެން އައިހިނދެވެ. އަދި ލޯތައް ބޮޑުވެ (ކަންބޮޑުވުމުގެ ސަބަބުން) ލަގޮނޑިވަޅުތަކާ ހަމަޔަށް ހިތްތައް އައިހިނދެވެ. އަދި ތިޔަބައިމީހުން اللَّه އާމެދު ހީތައް ކުޅަހިނދެވެ. (10) އެވަގުތު مؤمن ން امتحان ކުރެއްވިއެވެ. އަދި ގަދަވެގެންވާ ގުޑުމަކުން އެއުރެންނަށް ގުޑުން އަރައިގެން ދިޔައެވެ. (އެބަހީ: އެއުރެންގެ ސާބިތުކަން ގެއްލި، އެގޮތް މިގޮތް ވެގެންދިޔައެވެ.) (11) އަދި منافق ންނާއި، އެއުރެންގެ ހިތްތަކުގައި ބަލިމަޑުކަމެއްވާ މީހުން ބުނާހިނދެވެ. اللَّه އާއި، އެކަލާނގެ رسول އާ، ތިމަންމެންނަށް ކެހިވެރި وعد އަކުން މެނުވީ وعد އެއް ނުކުރައްވަތެވެ. (12) އަދި އެއުރެންގެ ތެރެއިން ބަޔަކު ބުނިހިނދު، ހަނދުމަކުރާށެވެ! އޭ يثرب ގެ (އެބަހީ: المدينة ގެ) أهل ވެރިންނޭވެ! ތިޔަބައިމީހުންނަކަށް ތިބުމުގެ ތަނެއް ނެތެވެ. ފަހެ، ތިޔަބައިމީހުން އެނބުރި ހިނގައިދާށެވެ! އަދި އޭގެތެރެއިން ބަޔަކު ނަބިއްޔާގެ އަރިހުން إذن އަށް އެދެތެވެ. އެއުރެން ބުނެތެވެ. ހަމަކަށަވަރުން، ތިމަންމެންގެ ގެތަކަކީ ނިވަލެއްނެތް ތަނެކެވެ. އެއީ ނިވަލެއްނެތް ތަނެއްނޫނެވެ. ފިލައިގެންދިޔުން މެނުވީ އެއުރެން ނޭދެތެވެ. (13) އެއުރެންގެ ކައިރިޔަށް އެރަށުގެ ހުރިހާ ފަރާތަކުން عدوّ ން އަރައި، ދެން އެއުރެންގެ ކިބައިން ފިތުނަވެރިކަމަށް އެދުނުނަމަ، އެކަން އެއުރެން ގެނެސްގަތީހެވެ. އަދި އެއުރެން އެރަށުގައި ކުޑަހިނދުކޮޅަކަށް މެނުވީ ލަސްވެ ނުތިބީހެވެ. (14) އަދި ހަމަކަށަވަރުން، އެއުރެން ފުރަގަސްދީ ނުދާނެކަމަށް މީގެކުރިން اللَّه ގެ حضرة އަށް عهد ކޮށްފައިވިއެވެ. އަދި اللَّه އަށް ކުރާ عهد އަކީ (އެއާމެދު) سؤال ކުރައްވާނެ ކަމެއްކަމުގައި ވެއެވެ. (15) ކަލޭގެފާނު ވިދާޅުވާށެވެ! ފިލައިދިއުމަކުން ތިޔަބައިމީހުންނަކަށް މަންފާއެއް ނުކުރާނެތެވެ. ތިޔަބައިމީހުން މަރުން ނުވަތަ قتل ވުމުން ފިލިޔަސް، ކުޑަހިނދުކޮޅަކަށް މެނުވީ ދުނިޔޭގައި އަރާމެއް ނުކުރެވޭނެތެވެ. (16) ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންނަށް ނުބައިގޮތެއް މެދުވެރިކުރެއްވުމަށް اللَّه އިރާދަކުރައްވައިފިނަމަ، ނުވަތަ ތިޔަބައިމީހުންނަށް رحمة އެއް ލެއްވުމަށް އެކަލާނގެ އިރާދަކުރައްވައިފިނަމަ، އެކަލާނގެ حضرة ން ތިޔަބައިމީހުން ރައްކާތެރިކޮށް މަނާކުރާނެ މީހަކީ ކާކުހެއްޔެވެ؟ އަދި اللَّه ފިޔަވައި އެއުރެންނަށް ވާގިދޭނެ މީހަކު ނުވަތަ نصر ދޭނެމީހަކުވެސް އެއުރެންނަކަށް ނުފެންނާނެތެވެ. (17) ހަމަކަށަވަރުން، ތިޔަބައިމީހުންގެ ތެރެއިން ހުރަސްއަޅާ މީހުންނާއި، އަދި އެއުރެންގެ أخ ންގެ ގާތުގައި ތިމަންމެންގެ ކައިރިޔަށް އަންނާށޭ ބުނާ މީހުން اللَّه ދެނެވޮޑިގެންވެތެވެ. އަދި އެއުރެން ވަރަށް މަދުން މެނުވީ ހަނގުރާމަޔަކަށް ނާންނާނެތެވެ. (18) (އެއީ) ތިޔަބައިމީހުންގެ މައްޗަށް (ހޭދައެއް ކުރުމަށް، ނުވަތަ އެހީއެއް ވުމަށް) بخيل ވުމަށްޓަކައެވެ. ފަހެ، އެއުރެންނަށް ބިރުވެރިކަމެއް އަންނަހިނދު، މަރުގެ ސަކަރާތުގައި ހޭނެތިފައިވާ މީހަކު ފަދައިން، އެއުރެންގެ ލޯތައް އެނބުރި އެނބުރި ހުންނަ حال ގައި، ކަލޭގެފާނާ ދިމާޔަށް އެއުރެން ބަލާތީ ކަލޭގެފާނަށް ފެނިވަޑައިގަންނަވާނެތެވެ. އަދި ބިރުވެރިކަން ފިލައިދިއުމުން (ޖެއްސުމާއި މަލާމާތުގެ) ތޫނު ދޫތަކަކުން ތިޔަބައިމީހުންނަށް އެއްޗެހި ގޮވާނެތެވެ. (غنيمة މުދަލާއި، އެހެނިހެން) މުދަލަށް ދަހިވެތިވާ حال ގައެވެ. އެއުރެން إيمان އެއް ނުވެތެވެ. ފަހެ، اللَّه އެއުރެންގެ عمل ތައް باطل ކުރެއްވިއެވެ. އަދި އެކަމަކީ، اللَّه އަށް ދާދިފަސޭހަކަމެއް ކަމުގައިވެއެވެ. (19) (كافر ންގެ) جماعة ތައް އެނބުރި (مكة އަށް) ނުދާކަމަށް އެއުރެން (އެބަހީ: منافق ން) ހީކުރެތެވެ. އަދި އެ جماعة ގެ މީހުން އަތުވެއްޖެނަމަ، أعرابى ންގެ ތެރޭގައި ސަހަރާގައި އެއުރެންވީނަމަ، ކިހާރަނގަޅުވީސްހޭ ބުނެ، އެއުރެން އުންމީދުކުރެއެވެ. އެއުރެން ތިޔަބައިމީހުންގެ خبر ތައް އަހައި އޮޅުންފިލުވަތެވެ. އަދި ތިޔަބައިމީހުންގެ ތެރޭގައި އެއުރެންވީނަމަ، ވަރަށްމަދުން މެނުވީ، އެއުރެން ހަނގުރާމައެއް ނުކުރީހެވެ. (20) ހަމަކަށަވަރުން، اللَّه ގެ رسول އާގެ ކިބައިގައި، ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއްވެއެވެ. (އެއީ) اللَّه ގެ ދަރުމައާއި، آخرة ގެ ثواب އަށް އެދޭ، އަދި ގިނަގިނައިން اللَّه ހަނދުމަކުރާ ކަމުގައިވާ މީހަކަށެވެ. (21) އަދި (كافر ންގެ) جماعة ތައް مؤمن ންނަށް ފެނުނުހިނދު، އެއުރެން ބުނޫއެވެ. މިއީ ތިމަންމެންނަށް اللَّه އާއި، އެކަލާނގެ رسول އާ وعد ކުރެއްވި ކަންތަކެވެ. އަދި اللَّه އާއި، އެކަލާނގެ رسول އާ އިއްވެވީ ތެދުބަހެވެ. އަދި އެއުރެންނަކަށް އެކަމުގެ ސަބަބުން إيمان ކަމާއި، ކިޔަމަންތެރިކަން މެނުވީ އިތުރެއް ނުވެތެވެ.(22)])

253. އަޙްޒާބު ހަނގުރާމައަށްފަހު މި ހަނގުރާމައިގައި ބައިވެރިވި ޢަރަބި ޤަބީލާތަކަށް އަދަބު ދެއްވުމުގެ ޙަމަލާތަކެއް ފެށްޓެވިއެވެ. އެ ޤަބީލާތަކާ ދެކޮޅަށް ސަރިއްޔާތައް ފޮނުއްވަން ފެށްޓެވިއެވެ.

254. ހިޖްރައިން 6 ވަނަ އަހަރުގެ ރަބީޢުލްއައްވަލު މަހުގައި ރަސޫލުﷲގެފާނު ބަނޫ ލިޙްޔާނާ ދެކޮޅަށް ނުކުމެ ވަޑައިގެން ޙަމަލާތަކެއް ދެއްވުމުން އެ ޤަބީލާގެ މީހުން ވިއްސިވިހާލިވެގެން ގޮސް ބައިބައިވިއެވެ. 

255. ހިޖްރައިން 6ވަނަ އަހަރުގެ ރަބީއުލްއައްވަލު މަހުގެ ތެރޭގައި ބަނީ އަސަދު ވަންހަޔާ ދެކޮޅަށް ސަރިއްޔާއެއް ފޮނުއްވިއެވެ. މި ސަރިއްޔާގެ އިސްވާރަކީ ޢުކާޝާ ބިން މުޙްޞަނެވެ. މި ޙަމަލާގެ ސަބަބުން އެ ޤަބީލާގެ މީހުން ވެސް ބައިބައިވެގެން ދިޔައެވެ. 

256. ހިޖްރައިން 6 ވަނަ އަހަރުގެ ރަބީޢުލްއާޚިރު މަހުގައި މުޙައްމަދު ބިން މަސްލަމާގެ އިސްވާރުކަމުގައި ޣަޠުފާން ޤަބީލާގެ ބަނީ ޘަޢުލަބާ ވަންހައިގެ އަވަށަށް ފޮނުއްވިއެވެ. މި އަވަށުގައި ކުރިމަތިލުންތަކެއް ހިނގިއެވެ.  

257. ހިޖްރައިން 6ވަނަ އަހަރުގެ ރަބީޢުލްއާޚިރު މަހުގައި އަބޫ ޢުބައިދަތު ޢާމިރު ބުނުލް ޖައްރާޙުގެ އިސްވާރުކަމުގައި ޛުލް ޤައްޞާއަށް ސަރިއްޔާއެއް ފޮނުއްވިއެވެ. މި ޙަމަލާގައި މުސްލިމުންނަށް އެތައް ޣަނީމާތަކެއް ލިބުނެވެ.

258. ހަމަ އެ އަހަރުގެ ރަބީޢުލްއާޚިރު މަހުގެތެރޭގައި ރަސޫލުﷲގެފާނު ޒައިދު ބިން ޙާރިޘާގެ އިސްވާރުކަމުގައި ބަނީ ސުލައިމާ ދެކޮޅަށް ސަރިއްޔާއެއް ފޮނުއްވިއެވެ. އެކަލޭގެފާނު މި ސަރިއްޔާއަށް ފަހު ސަރިއްޔާގެ އެންމެހާ ބޭކަލުންނާއިގެން ސަލާމަތުން އެނބުރި ވަޑައިގަތެވެ. 

259. ހިޖްރައިން 6 ވަނަ އަހަރުގެ ޖުމާދަލް އޫލާ މަހުގެތެރޭގައި ޒައިދު ބިން ޙާރިޘާގެ އިސްވާރުކަމުގައި ޤުރައިޝުންގެ ޤާފިލާއަކަށް ހުރަސްއަޅަންވެގެން ސަރިއްޔާއެއް ފޮނުއްވިއެވެ. މި ޤާފިލާގައި ހިމެނޭ އެންމެން ހައްޔަރުކުރައްވައިގެން މަދީނާއަށް ގެންނެވިއެވެ. މި ޤާފިލާގައި ރަސޫލާ ގެ ދަރިކަނބަލުން ޒައިނަބުގެފާނުގެ ފިރިކަލުން  އަބުލްޢާޞް ބިނުއް ރަބީޢު ހިމެނިވަޑައިގެންނެވިއެވެ. އެކަމަނާ އެކަމަނާގެ ފިރިކަލުންނަށް ޙިމާޔަތް ދެއްވުމުން ރަސޫލާ  އެ ހުރިހާ އެންމެންނާއި ޤާފިލާގެ މުދާތައް ދޫކޮށްލެއްވިއެވެ. 

260. އަބުލްޢާޞް މައްކާއަށް އެނބުރި ވަޑައިގެން މައްކާގެ މީހުންނާ އެމީހުންގެ މުދާތައް ޙަވާލު ކުރައްވައިފައި އިސްލާމްވެ ވަޑައިގެން މަދީނާއަށް ހިޖްރަކުރެއްވިއެވެ.  

(ނުނިމޭ)

ހަމަމިގަލަމުން

އިދާރާ

ވާހަކަ