އަދުގެ ޚާއްސަ

Print

ކަނބުލޮ (1)

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ވާހަކަ

އަސްމާ އަބޫބަކުރު، ހއ. ދިއްދޫ

ޙައްވަ އާއި މުޙައްމަދަށް ލިބުނު ދެދަރިންގެ ތެރެއިން ދޮށްޓަށް ހުރީ ޙަސަނެވެ. ހަގަށްހުރީ އާމިނަތެވެ. އެ ދެމަފިރިންގެ ލޯބިވާ ކަނބުލޮއެވެ. ކަނބުލޮ އާއި ޙަސަނުގެ ތަފާތަކީ ދެއަރުގެ ތަފާތެވެ. ކަނބުލޮގެ ބައްޕަ މުޙައްމަދަށް މައިންބަފައިންގެ މުދަލުން ބަހައިގެން ލިބުނު ތަނަވަސްކަން އިތުރުވީ ޙައްވަގެ ބުރަމަސައްކަތުންނެވެ. ޙައްވައަކީ މުރާލި އަންހެނެކެވެ. ދެދަރިން ބެލުމުގައި އެހާފަރުވާތެރިއެވެ. ދަރިންދެކެ ލޯބިވާ ދެމަފިރިންނެވެ. ރަށުގައި ތިބި ނަމޫނާ ދެމަފިރިންނެވެ. 

ދުވަސްވަރަކީ ރަށުގައި ބޮޑުރޯގާ އާއި ހުން އެންމެ ބާރަށް ފެތުރުނު ދުވަސްވަރެވެ. އެރޯގާއަށް ޝިގެއްލާއޭ ކިޔާ ނަންދީފައިވާ ރޯގާއެވެ. އެދުވަސްވަރު އައި ގަދަ ހުމެއްގައި ޙަސަނު މަރުވީއެވެ. އެކަމުގެ ހިތާމައިގައި ޙައްވަ އާއި މުޙައްމަދު ކަނބުލޮ އަށް ޚާއްޞަ ސަމާލުކަމެއް ދިނެވެ. ދެންހުރި ދަރި ދުނިޔެއިން ވަކިވެދާނެ ކަމުގެ ބިރަށްޓަކައެވެ. ކަނބުލޮ ކުޑައިރު ހުންނަލެއް ލޯބިކަމުން ގިނަބަޔަކު ޙައްވައާއި ދިމާއަށް " ތިހިރީ ޙައްވައަށް ލިބިފައިހުރި ފަންމިންޏެކޭ " ބުނެއެވެ. 

ކަނބުލޮ ފޮރުވުމުގެ ސަބަބެއް ކަމުގައި ރީތިކަންވެސް ވިއެވެ. އެދަރި ބޮޑުކުރަނީ ދެމަފިރިންގެ ލޮލުގެ "ކޮއި" ފަދައިންނެވެ.  ކަނބުލޮގެ ޢުމުރުން ހަތް އަހަރުވީއިރު މުޅިންހެން ތަންތަނަށް ގެންދިޔުން ހުއްޓާލިއެވެ. ކަނބުލޮއަށް ޚާއްޞަ ކޮޓަރިއެއް ތައްޔާރުކުރީ އެޒަމާނުގައި އެޅޭ އެންމެ ފެންވަރު ރަނގަޅުކޮށެވެ. ކަނބުލޮއަށް ކިޔަވައި ދިނުމަށް ރަށުގައި ރަނގަޅު މީހަކު ހުރި ކަމަކަށް މުޙައްމަދު ނުދެކެއެވެ. 

އޭރުގެ ފެންވަރަށް ކިޔަވައިގެން ހުރި މުޙައްމަދާ ޙައްވައަކީ ތަންދޮރު ދަންނަ ދެމަފިރިންނެވެ. ޤުރުއާން ކިޔެވުމާއި ނަމާދަށް އަރަން އެނގޭވަރަށް ދީނުގެ ކަންކަން ދަސްކޮށްގެން ތިބި ދެމީހުންނެވެ. ހިސާބު ޢިލްމަށް ޙައްވައަކީ ކުޅަދާނަ މީހެކެވެ. އެދެމަފިރިން ކަނބުލޮއަށް އެއަށްވުރެ މޮޅަށް ކިޔަވައިދޭން ބޭނުންވިއެވެ. ޙައްވަގެ މަޝްވަރާގެ މަތިން ފުރަތަމަ ގެނެވުނީ ނޮޅިވަރަމް އެދުރުބެއެވެ. 

ކަނބުލޮ ރީތިކަމާ އެއްވަރަށް ހިތްވެސް އަލިކަމަށް އެދުރުބެ ބުނެއެވެ. ތިންމަސްވީއިރު ކަނބުލޮ އެކަނި ނަމާދުކޮށް އުޅޭވަރަށް އެއްޗެހި ދަސްކޮށްފިއެވެ. އެހިސާބުން އެދުރުބެގެ މަސައްކަތް ނިމުނީއެވެ. ދެންގެނެވުނީ ކުޅުދުއްފުށީ ޙުސޭނުބެއެވެ. އެއީ އޭރު ހިސާބުގެ ޢިލްމަށް މޮޅު ބޭބެއެއްގެ ގޮތުގައި މަޝްހޫރުވީ މީހެކެވެ. ހުސޭނުބެ ހިސާބު ނަންބަރުތައް ޖަހައިދީފައި ކިޔައިދިނުމާއެކު ކަނބުލޮއަށް އެއީ މެޓައެއްފަދައެވެ. 

" ކަނބުލޮ ކަހަލަ ހިތްއަލި ކުއްޖެއް އަހަރެން އަދި ނުދެކެން." ޙުސޭނުބޭ ފުރަތަމަ ދުވަހުގެ ތަޖުރިބާ ކިޔައިދިން އިރު ޙައްވަ އިނީ ކަނބުލޮ ފެންނަ ހިސާބުގައެވެ. ޙައްވައަށްވެސް ޙުސޭނުބޭ ބުނި ވާހަކަ ޤަބޫލުކުރެވުނެވެ. މަސްދުވަސް ވީއިރު އެއްކޮށް، ކަނޑާ، ގުނަކޮށް، ގެއްލަން ކަނބުލޮ ދަސްކުރިއެވެ. ޙުސޭނުބޭގެ މަސައްކަތް ނިމުނީ ދޮޅުމަސްދުވަސް ތެރޭގައެވެ. 

" މުޙައްމަދާ. ކަނބުލޮ މިހާރު ނަމާދުކުރާށާ، ހިސާބުގެ އިލްމަށް ވަރަށް މޮޅުވެއްޖެ. އަދި ޤުރުއާން ހިތުދަސްކުރެވޭ ވަރު ކުރުމަށް މީހަކު ގެންސްދޭންވީނުން." ޙައްވަގެ ބަހަކީ މުޙައްމަދަށް ވިދާޅުބަސްފުޅެކޭ އެއްގޮތެވެ. 

" އަންނަ ހަފްތާއިން ފެށިގެން ތިކަމަށް މީހަކު ގެންނާނަން. މަގޭ ކަނބުލޮއަކީ މިއަތޮޅުގައި ހުރި އެންމެ މޮޅު ކުއްޖާއަށް ހަދާނަން." މުޙައްމަދުގެ ބަސް އިއްވިއެވެ.  

މިހާރަކަށް އައިސް ޙައްވަގެ މަސައްކަތަކީ ކަނބުލޮ ބެލުމެވެ. ކަނބުލޮއަށް ޓަކައި ޙައްވަގެ އެތައްރެއްގެ ނިދި މަޙްރޫމްކުރިއެވެ. ކަނބުލޮ ކަމަކަށް އެދޭއިރަށް ދެމަފިރިން އެކަމެއް ވަގުތުން ކޮށްދެއެވެ.

އަތޮޅުގައި ތިބި އެންމެ މޮޅު މީހުން ގެނެސް ކިޔަވައިދީގެން ކަނބުލޮއަށް އޭރުގެ އެންމެ ރަނގަޅު ފެންވަރަށް ކިޔަވައިދީފިއެވެ. ކަނބުލޮ ފޫހިވެގެން އުޅޭނަމަ ޙައްވަ ކޮންމެވެސް ވާހަކައަކުން އެކަން ހަމަޖައްސައެވެ. ކަނބުލޮ ބޭރަށް ނިކުންނަށް ބޭނުންވެގެން އުޅެން ފެށުމާއެކު ޙައްވަގެ ދެމަފިރިން ގޯތީގެ ހުސްބައި ރާނައި ގެއާ ގުޅުވައިލިއެވެ. އަދި އެކިވައްތަރުގެ މާމެލާމެލި ހައްދައި ރީތި ބަގީޗާއަކަށް ހެދިއެވެ. އެ ބަގީޗާގައި އެކި ވައްތަރުގެ އުނދޯލި އެލުވިއެވެ. އެކިވައްތަރުގެ ދޫނި ކޮށިތައް ހެދިއެވެ. ރީތި މަސްފެންގަނޑު ހެދިއެވެ. 

ކަނބުލޮ ފޫހިވާ ކޮންމެ ވަގުތަކު އެހިތްގައިމު ބަގީޗާގައި ދޫނިތަކާއެކު ވަގުތު ހޭދަކުރެއެވެ. ރާއްޖޭގެ އެކި ހިސާބުން ގެެނެސްހުރި މާގަސްތަކުގެ ރީތި މާތަކުގެ ތެރޭގައި ކަނބުލޮ މުޅި ދުވަސް ހޭދަކުރަމުން ދާއިރު ވަގުތު ހޭދަވާ ގޮތްވެސް ނޭނގެއެވެ. ކަނބުލޮގެ ޢުމުރުން ސާދައަހަރުވީއިރު ރީތިކަން އެތައް ގުނައެއް އިތުރުވިއެވެ. އެކަމުގެ އެއްސަބަބަކީ  ފަތްޕިލާވެލީގެ އެކިވައްތަރުގެ ބޭސް ހަދަން ޙައްވަ ގެނެސްދިން ފޮތުގެ ބޭނުންކުރުމެވެ. ކަނބުލޮގެ މޫނުގައި ކޮންމެ ދުވަހަކު ފަތްޕިލާވެލިން ހަދާފައިވާ މޮޅު ބޭސްތައް އުނގުޅައެވެ. އަދި ރީނދޫ ބޭނުންކޮށްގެން ހަދާ ބޭހަކީ ކަނބުލޮގެ މޫނަށް ޚާއްޞަފަރުވާއެކެވެ. ކަނބުލޮ ގިނަ ވަގުތު ހޭދަކުރަނީ ލޯގަނޑު ކައިރީ ފަރިބެލުމުގައެވެ. 

އެއް ދުވަހެއްގެ ހެނދުނު ކަނބުލޮ ނިދައި ހޭލައިގެން އެތައް އިރެއްވީއިރު ވެސް ޙައްވަގެ ޚަބަރެއް ނުވިއެވެ. ކަނބުލޮ ޙައްވައަށް ގޮވަމުން ޙައްވަގެ ކޮޓަރިއަށް ވަނެވެ. އޭރު ޙައްވައޮތީ ހުންއައިސްގެން ރަތްވެފައެވެ. 

"މަންމާ. ކީއްވެތަ ނުބުނީ ހުންއައި ވާހަކަ. މަންމަގެ މި ދަރިފުޅަށް ތިޔަ ކަމުގެ ޙައްލު އެނގެޔޭ." ކަނބުލޮ އަތްމަތި އަވަސްކޮށްލައިފައި ޙައްވަގެ ގައިގައި ފެން އުނގުޅާން ފެށިއެވެ. ގޭގައި އުޅޭ ނޯކަރުން ޙައްވައަށް ބަތްޕެން ކައްކައިގެން ގެނެސްދިނެވެ. ކަނބުލޮ އިނީ މަންމަގެ ޚިދުމަތުގައެވެ. ދެދުވަހެއްގެ ތެރޭގައި ޙައްވަގެ ހުން މުޅިން ފިލައިގެން ހިނގައިޖެއެވެ. ކަނބުލޮ ތުނަފަތަށް ހިނިތުންވުން ވެރިވެއްޖެއެވެ. ޙައްވަ ބަލިވުމުން ކަނބުލޮގެ މިލައި މޯޅިވެފައިވާ މޫނަށް ދިރުން އަތުވެއްޖެއެވެ. 

އެދުރުބޭގެ ހަތް ދަރިންގެ ތެރެއިން އެންމެ ހަގަށް ހުރި ޢުމަރަކީ ރަށުގެ ހުރިހާ އަންހެންކުދީން ހިތްކިޔާ ޒުވާނެކެވެ. ޢުމަރުގެ ރީތިކަމަށް އަންހެންްކުދިން ކަޅިއަޅާ މަންޒަރު ފެނުނަސް، ޢުމަރަށް ކަމުދާ ކަހަލަ ކުއްޖަކު ފެނުނު ކަމަކަށް ނުވެއެވެ. 

" ދަރިފުޅާ ޢުމަރާ! ތިހެން ރަތްދަކަ އަވީގައި އަބަދު މަސައްކަތްކުރާން އުޅުމުގެ ބޭނުމެއްނެތް. ޢުމަރު ތިޔަހާ ވަރަށް މަސައްކަތް ނުކުރިއަސް އަހަރެމެން ކައިބޮއި އުޅޭ ވަރަށް ލިބޭ. ގައިގެ ހަންގަނޑު ތިޔަހާ ވަރަށް އަނދާން ފެށިމާ ޢުމަރާ ދިމާއަށް ބަލައިލާނެ އަންހެންކުއްޖަކު ވެސް ނުވާނެ." އެދުރުބޭ ސަމާސާ ރާގެއްގައި ބުންޏެވެ. 

"މިރަށުގައި މަށަށް ކަމުދާ އެކަކުވެސް ނެތް ބައްޕާ." ޢުމަރު ކަރުއެލުވައިލައިފައި ޖަވާބު ދިނީ ބައްޕައާ ސަމާސާކުރުމުގެ ގޮތުންނެވެ. 

"ތިހެން ވިއްޔާ މަގޭ ޢުމަރަށް ކަމުދާނީ މި އަތޮޅު ވައިކަރަދޫ ކަނބުލޮ ތޯއްޗެ." އެދުރުބޭގެ ދުލުން އެބުނެވުނު ޖުމްލައެއް އަޑުއިވުމާއެކު ފޭރާ ކައިރީގައި ކާށި ހެހެން އޮތް ޢުމަރު ދުވެފައި އެދުރުބެ ގާތަށް އަތުވެއްޖެއެވެ. 

" ވައިކަރަދޫ ކަނބުލޮ އަކީ ކާކު؟" ޢުމަރުގެ ޝައުޤުވެރިކަމާއެކު ދެންމެ އެއިވުނު ކަނބުލޮއެއްގެ ވާހަކައެއް އަޑުއަހާ ހިތްވެއްޖެއެވެ. އެހެންނަމަވެސް އެދުރުބޭ އެ ވާހަކައެއް ދައްކާކަށް ނޫޅުނެވެ. ޢުމަރުވެސް ހުރީ ދޫދޭ އުޞޫލަކުން ނޫނެވެ. ޢުމަރު އެތައް އާދޭހެއް ކޮށްގެން ލިބުނީ ވަރަށް ކުޑަ މަޢުލޫމާތު ކޮޅެކެވެ. ވައިކަރަދޫގައި ރީތި ކަނބުލޮއެއް އެރަށު މުއްސަނދި މުޙައްމަދާއި ޙައްވައަށް ލިބިފައިވާ ކަމެވެ. ކަނބުލޮ ގެންގުޅެނީ ފޮރުވައިގެން ކަން އެދުރު ބެނެދިނެވެ. އަދި އެ ކަނބުލޮ އެހާ ފަސޭހައިން ނުފެންނާނޭކަމަށް އެދުރުބޭ ބުންޏެވެ. 

ޢުމަރު ތައްޔާރުވަމުން ދަނީ ވައިކަރަދޫގައި ދުވަސްކޮޅަކު ހުރުމަށެވެ. އެދުރުބެގެ ވަރަތްގާތް ރަޙުމަތްތެރިއެއް ކަމަށްވާ ތައްޚާނުބޭ ގޭގައި ހުރެވިދާނެކަން ޢުމަރަށް އޮތީ އެނގިފައެވެ. އެދުރުބޭ ޢުމަރަށް ވަރަށް ނަޞޭޙަތް ދިނެވެ. އެހެން ރަށެއްގައި އުޅޭއިރު ކަންކަން ބަހައްޓާންވީ ގޮތާއި، އިސްލާމްދީނުގައި އަންގަވައިފައިވާ ކަންކަމަށް ފަރުވާތެރި ވުމަށެވެ. އަދި ކޮންމެ މަހަކު އެއްފަހަރު ރަށަށް އަންނާން އެދުރުބެ އެދުނެވެ. 

ޙައްވަ ހުން ރަނގަޅުވިއަސް، ކާހިތްނުވުމުގެ ސަބަބުން ކުރިއަށްވުރެ ވާހަކަދެއްކުން މަދުވުމާއި، ގައިގެ ވަރުދެރަކަމުން ގިނަފަހަރު އޮންނަނީ ކޮޓަރީގައެވެ. ކަނބުލޮ ކިތަންމެ ވަރަކަށް ބަގީޗާއަށް ދާން ހިނގާށޭ ބުންޏަސް ޙައްވަ އެކަމަށް ޝައުޤެއް ނެތެވެ. ޙައްވައަށް އައި ބަދަލުގެ ސަބަބުން ކަނބުލޮ މުޅިން އެކަނި ވެއްޖެއެވެ. އެ ދަނޑިވަޅުގައި ކަނބުލޮ އެކަނި ވާނެތީ، ޙައްވަ އެދުމުގެ މަތިން ކޮންމެ ދުވަހަކު ކަނބުލޮގެ ދެބެންގެ ދެދަރި ފާތުމަ އެ ގެއަށް ގެންނަން ފަށައިފިއެވެ. ކަނބުލޮ އާއި އެއްޢުމުރެއްގެ ފާތުމަ އައުމުން ކަނބުލޮ ފޫހިވެފައި ހުންނާކަށް ނުޖެހެއެވެ. ދެވެރިން އެކުގައި ގިނަ ވަގުތު ބަގީޗާގައި ހޭަދަކުރެއެވެ. އެ ވަގުތުތަކުގައި ފާތުމަ ރަށުގެ ޚަބަރުތައް ކަނބުލޮއަށް ގެނެސްދެއެވެ. ފާތުމަގެ މަޖާ ވާހަކަތަކުން ކަނބުލޮ ހުންނަނީ ހީނލަހީނލައެވެ.

(ނުނިމޭ)

 

އިދާރާ

އެނގޭތަ؟

ވާހަކަ