އަދުގެ ޚާއްސަ

Print

ދިވެހި އަދަބުގައި ތަމްސީލު (1945 - 2003މ.) (1)

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ މާދަރީބަސް

މުޙަންމަދު ޝާހިދު ޙަލީމް  

އިދާރީ ނޯޓެއް:

މި މަޒުމޫނަކީ 2003 ވަނަ އަހަރު މުޙަންމަދު ޝާހިދު ޙަލީމް ލިޔުއްވައި، އެކަމަކު އަދި މިހާތަނަށް ޝާއިޢުނުކުރައްވައި އޮތް، ވަރަށް ޢިލްމީ ލިޔުމެކެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން ޝާހިދު ޙަލީމަކީ އަދީބެކެވެ. ލިޔުންތެރިއެކެވެ. މުތަރުޖިމެކެވެ. ޝާޢިރެކެވެ. ބަހުގެ އެދުރެކެވެ. އަދި ވަރަށް ޚާއްޞަ ގޮތެއްގައި އެއީ އެތައް އިސްޓޭޖު ތަމްސީލުތަކެއް ކުޅުއްވައިފައިވާ ކުޅަދާނަ މުމައްޘިލެކެވެ. މި މުހިންމު ލިޔުން ފަންވަތުގައި ފުރަތަމަ ފަހަރަށް ޝާއިޢުކުރުމުގެ ފުރުޞަތު ދެއްވި ކަމަށްޓަކައި ފަންވަތުގެ ކިޔުންތެރީންނާއި އެޑިޓޯރިއަލް ޓީމުގެ ފަރާތުން ޝުކުރުދަންނަވަނީ ޝާހިދަކީ ފަންވަތަށް ވަރަށް ގިނަ ލިޔުންތައް ހަދިޔާކުރައްވައިފައިވާ ލިޔުންތެރިއެއްކަން އުފަލާއެކު ފާހަގަކުރަމުންނެވެ. ދަރުމަހުއްޓެވެ!

 

1. ފެށުން

ދިވެހި އަދަބުގެ އެކި ބައިތައް ދިވެހި އަދަބުގެ ތެރެއަށް ވަދެ، ކުރިއަރަމުން އައި ގޮތާއި އެ ބާވަތްތަކުގެ ތަފުސީލުތައް އެނގޭ ލިއުންތަކަކީ މަދު ލިއުންތަކެކެވެ. އެހެންކަމުން ދިވެހި އަދަބުގެތެރެއަށް ތަމްސީލު ނޭވާލީ އިރަކާއި، ދިވެހި އަދަބުން ފެންނަން ހުރި ތަމްސީލުތަކަކީ ކޮބައިކަން އެނގޭނޭ ލިއުންތައް ވެސް މަދެވެ. ވުމާއެކު، މި ދިރާސީ މަޒުމޫނަކީ ދިވެހި އަދަބުގެ ތެރެއަށް ތަމްސީލު އުފަންވެ ކުރިއަރަމުން އައި ގޮތާއި ދިވެހި އަދަބުން ފެންނަން ހުރި ތަމްސީލުތަކަކީ ކޮބައިކަން ހޯދާން ކުރެވުނު މަސައްކަތެކެވެ. 

ދިވެހި ބަހުން ލިއެވިފައި ހުރި ހުރިހައި ތަމްސީލެއްގެ މަޢުލޫމާތު، މި ދިރާސާއަށް މަޢުލޫމާތު ހޯދާން ކުރެވުނު މަސައްކަތުން ލިބޭ ގޮތް ނުވި ކަމީ މި ދިރާސާއަށް ލިބުނު ވަރަށް ބޮޑު އުނިކަމެކެވެ. އެހެން ދިމާވީ ދިވެހި ބަހުން ލިއެފައި ވާ ގިނަ ތަމްސީލުތަކުގެ އިސްކިރިޕްޓު ޗާޕުކުރެވިފައި ނެތުމުގެ ސަބަބުންނެވެ. އަދި އިސްކިރިޕްޓު ޗާޕުކުރެވިފައި ހުރި ބައެއް ތަމްސީލުތަކުގެ ވެސް އެ ތަމްސީލު ކުޅުނު އަހަރު، ތަމްސީލުގެ ޑައިރެކްޓަރަކީ ކާކު ކަން ފަދަ މަޢުލޫމާތު އެނގެން ނެތުމުންނެވެ. އަދި ނޫސްނޫހުން ފެނުނު ޚަބަރާއި އިޝްތިހާރު ފަދަ އެއްޗެހިން ވެސް ބައެއް ތަމްސީލު ޝޯތަކުގައި ކުޅުނު ވަކިވަކި ތަމްސީލުތަކުގެ ނަން އެނގެން ނެތުމުގެ ސަބަބުންނެވެ. 

ދިވެހި ރާއްޖޭގެ ތަމްސީލުގެ ދުނިޔޭގައި ވަރަށް ގިނަ ތަމްސީލުތަކަކީ އެކިއެކި އިސްކޫލުތަކުގެ ދަރިވަރުން ކުޅެފައި ހުރި ތަމްސީލެވެ. މީގެ ތެރޭގައި ޓިކެޓު ވިއްކައިގެން އާންމުކޮށް ދައްކައިފައި ނެތް ތަމްސީލު ވެސް ހިމެނެއެވެ. ނަމަވެސް މި ފަދަ ތަމްސީލުތަކުގެ މަޢުލޫމާތު ވެސް މި ކަހަލަ ދިރާސާއެއްގައި ބޭނުންކުރުމަކީ އެ މަޢުލޫމާތު ގެއްލުނަ ނުދީ އެއްކުރާން ކުރެވޭނެ ކަމަކަށް ވާތީ، ލިބުނު ވަރަކަށް އެ މަޢުލޫމާތު ވެސް މި މަޒުމޫނުގައި ހިމަނައިފައި ހުންނާނެއެވެ. އެކަމަކު، އެކިއެކި އިސްކޫލުތަކުން ކުޅެފައި ހުރި މި ފަދަ ކުރު ތަމްސީލުތަކުގެ ފުރިހަމަ މަޢުލޫމާތު ވެސް، މި މަޒުމޫނު ލިއާން ހޭދަކުރެވުނު ކުރު މުއްދަތުގައެއް ނުހޯދުނެވެ. އަދި ރާއްޖެތެރޭގައި ކުޅެފައި ހުރި ތަމްސީލުތަކުގެ މަޢުލޫމާތު ވެސް ލިބުނީ ވަރަށް މަދު މިންވަރަކަށެވެ.

އެހެންކަމުން މި ދިރާސާއަކީ ކުރު މުއްދަތެއްގެ ތެރޭގައި ހޯދުނު މަޢުލޫމާތުގެ މައްޗަށް ބިނާކޮށްފައި އޮތް ދިރާސާއެކެވެ. އަދި ކުރިއަށް އޮތް ތާނގައި، ޝައުޤުވެރިކަން ހުރި ފަރާތްތަކުން އިތުރަށް ފުރިހަމަ ކުރާނެ ފުރުޞަތު އޮތް ދިރާސާއެކެވެ.

ދިވެހި އަދަބުގައި ތަމްސީލުގެ މި ދިރާސާގައި  އަޅުގަނޑު ބަލައިލައިފައި މި ވަނީ 1945 އިން 2003 އާ ދެމެދަށެވެ. 1945 އަކީ ދިވެހި ރާއްޖޭގައި އެންމެ ފުރަތަމަ ކުޅެވުނު ކަމަށް މިހައިތަނަށް ފެނުނު ތަމްސީލު "އަބަދަށް ފެހި އޯކިޑުމަލެއްގެ މަންޒަރެއް" ކުޅެވުނު އަހަރެވެ. 2003 އަކީ މި ދިރާސާއަށް މަޢުލޫމާތު ހޯދި އިރު ފެނުނު އެންމެ ފަހުގެ ދެ ތަމްސީލު "މާފަނި ބިރާ"އި "ކުޅަނދުރާއި ޖުޕިޓަރު" ކުޅެވުނު އަހަރެވެ.

މި މަޒުމޫނު އަޅުގަނޑު ބައިކޮށްފައި ވާނީ ފަސް ބައަކަށެވެ. އެއީ: 1- ފެށުން، 2- ދިވެހި އަދަބުގެ ފެށުމާއި ކުރިއެރުން، 3- ދިވެހި އަދަބުގައި ތަމްސީލު، 4- ތަމްސީލާއި އިސްޓޭޖު، 5- ދިރާސާގެ ނަތީޖާ މި ފަސް ބައަށެވެ.

މީގެ ތެރެއިން ދިވެހި އަދަބުގެ ފެށުމާއި ކުރިއެރުން މި ބައިގައި ބަލައިލައިފައި ވާނީ ދިވެހި އަދަބު ފެށިގެން އައި ދުވަސްވަރާއި، ދިވެހި އަދަބު ފެށިގެން އައި އިރު އަދަބުން ފެނުނު ބާވަތްތަކާއި، ދިވެހި އަދަބުގެ ދައުރުތަކާއި، ދިވެހި އަދަބު ކުރިއަރަމުން އައި ގޮތާއި، ދިވެހި އަދަބަށް ފަހުން އިތުރުވީ ބާވަތްތަކުގެ މައްޗަށެވެ.

ދިވެހި އަދަބުގައި ތަމްސީލު މި ބައިގައި ބަލައިލައިފައި ވާނީ ތަމްސީލަކީ ކޮބައިކަމާއި، ދިވެހި އަދަބުގައި ތަމްސީލު އުފަންވެގެން އައި ދުވަސްވަރާއި އެންމެ ފުރަތަމަ ލިއެވުނު ކަމަށް ފެންނަން އޮތް ތަމްސީލުގެ މައްޗަށެވެ. އަދި ދިވެހި އަދަބުން ފެނުނު ތަމްސީލު ލިއުންތެރީންނާއި، އެ ލިއުންތެރީންގެ ތަމްސީލުތަކާއި، އެ ތަމްސީލުތައް ލިއުއްވި އަހަރާއި، ބޭރުގެ އެކިއެކި ތަމްސީލު ތަރުޖަމާކުރެއްވި ލިއުންތެރީންނާއި، އެ ލިއުންތެރީން ތަރުޖަމާކުރެއްވި ތަމްސީލުތަކާއި، އެ ތަމްސީލުތައް ތަރުޖަމާކުރެއްވި އަހަރު ވެސް މި ބައިގައި ހިމަނައިފައި ވާނެއެވެ.

ތަމްސީލާއި އިސްޓޭޖު މި ބައިގައި ބަލައިލައިފައި ވާނީ ދިވެހި ރާއްޖޭގައި ފުރަތަމަ ކުޅެވުނު ތަމްސީލަށާއި، މި ދިރާސާގެ މުއްދަތުގެ ތެރޭގައި ކުޅެފައި ހުރި ތަމްސީލުތަކަށެވެ.

ދިރާސާގެ ނަތީޖާގައި ބަލައިލައިފައި ވާނީ މި ތަޙްލީލީ ދިރާސާގައި ހޯދުނު މަޢުލޫމާތުތަކަށް ބަލާ އިރު ފަންނީ ގޮތުންނާއި މައުޟޫޢުގެ ގޮތުން ދިވެހި ތަމްސީލުތަކުން ފާހަގަކުރެވޭ ކަންކަމަށާއި މި ފަންނު ކުރިއަރުވާން ސަމާލުކަން ދޭންޖެހޭނެ ކަމަށް ފެންނަ ކަންކަމަށެވެ.

2- ދިވެހި އަދަބުގެ ފެށުމާއި ކުރިއެރުން

ދިވެހި ރާއްޖޭގައި ބައަކު ވަޒަންވެރިވީއްސުރެން އެ ބައަކު ކޮންމެވެސް ބަހަކުން ވާހަކަދައްކައި މުވާސަލާތުކުރާނެއެވެ. ނަމަވެސް ބައަކު ބަހަކުން މުވާސަލާތުކުރިއަކަސް އެ ބަހަކީ އަދި އަދަބީ ބަހަކަށް ނުވެއެވެ. ބަހެއް އަދަބީ ބަހަކަށް ވާނީ އެ ބަހަކުން އަދަބީ އުފެއްދުންތައް އުފެދި އެ ބަހަކަށް އަދަބީ ހައިސިއްޔަތު ލިބުމުންނެވެ. ބަހަކުން މުވާސަލާތުކުރަން ހަމަ ފަށާ އިރަކަށް އެ ބަހަކުން ތަފާތު ބާވަތްބާވަތުގެ އަދަބީ އުފެއްދުންތަކެއް ނުއުފެދެއެވެ. އެ ބަހަކަށް އަދަބީ ހައިސިއްޔަތެއް ނުލިބެއެވެ. ދިވެހި ބަސް ވެސް މި އުސޫލުން އިސްތިސްނާއެއް ނުވެއެވެ.

ދިވެހި އަދަބުގައި އެންމެ ކުރީގެ އަދަބީ އުފެއްދުންތަކަކީ ކޮބައިކަމެއް ކަނޑައެޅިގެން އެނގޭކަށް ނެތެވެ. އެއީ ބޯދާ ޒަމާނުގައި މީހަކު އަދަބީ އުފެއްދުމެއް ފަހަރެއްގައި އުފައްދައިފައި ވީ ނަމަވެސް، ޗާޕުކުރުމުގެ ވަސީލަތް ވެސް ނެތުމާ އެކު، ޗާޕުކޮށްގެން، ނުވަތަ އަތުން ލިއެގެން ނަމަވެސް އެ އުފެއްދުމެއް ފަހުގެ ޖީލުތަކަށް ރައްދުވެފައި ނެތީމައެވެ.

(ނުނިމޭ)

 

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ