އަދުގެ ޚާއްސަ

Print

މައްކާ ފަތަޙަކުރެއްވުން: ރޭވުމުގެ މޮޅުކަމާއި ތަންފީޒުކުރުމުގެ ކުޅަދާނަކަން

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ އިސްލާމީ ތާރީޚް

އިބްރާހީމް ރަޝީދު މޫސާ

މައްކާ ފަތަޙަކުރެއްވުމުގެ ޙާދިސާއަކީ ރަމަޟާން މަހުގެ ރޫޙާނީ ޖައްވުގެ ތެރޭގައި ހިނގައިފައިވާ ތާރީޚީ ބޮޑު ޙާދިސާއެކެވެ. އިސްލާމީ ދައުލަތުގެ ޝާނާއި ޝައުކަތު ބަދަލުކޮށްލި ޙާދިސާއެކެވެ. ޝިރްކުގެ ކިއްލާތައް ކުދިކުދިވެގެން ގޮސް ތައުޙީދުގެ ކަލިމަފުޅު މަތިވެރިވެގެން ދިޔަ ޙާދިސާއެކެވެ. ހިޖްރައިން 8 ވަނަ އަހަރުގެ  20ވަނަ ދުވަހު (މީލާދީން 630 ވަނައަހަރުގެ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހު) މާތްﷲ އެކަލާނގެ ލޮބުވެތި ރަސޫލާގެ އަތްޕުޅު މައްޗަށް މި ދެއްވި ފަތަޙައަކީ ވަރުގަދަ ރޭވުމަކާއި ހަރުދަނާ ފިޔަވަޅުތަކެއްގެ ތެރެއިން ލައިފައި ވުޖޫދަށް ނެރުއްވައިދެއްވި ފަތަޙައެކެވެ.  

މައްކާ ފަތަޙަކުރެއްވުމުގެ ކުރި: 

ޙަޤީޤަތުގައި މައްކާ ފަތަޙަކުރުމުގެ މަސައްކަތް ފެށުނީ ހިޖްރައިން ފަސްވަނަ އަހަރުގައި ހިނގި "ޚަންދަޤު ހަނގުރާމަ"އަށް ފަހުގައެވެ. ރަސޫލުﷲގެފާނު މި ކަން އިޢުލާންކުރެއްވީ "الآن نغزوهم ولا يغزوننا -  މާނައަކީ: މިއަދުން ފެށިގެން އެބައިމީހުންނާ ހަނގުރާމަ ކުރާނީ އަހުރެމެންނެވެ. އަހުރެމެންނާ ހަނގުރާމަ ކުރާނީ އެބައިމީހުންނެއް ނޫނެވެ." މި މަޝްހޫރު ބަސްފުޅުންނެވެ. މި ފަދައިން އެ ކަލޭގެފާނު ޙަދީޘް ކުރެއްވީ ޚަންދަޤު ހަނގުރާމައިގެ ސަބަބުން މައްކާގެ މުޝްރިކުންނާ ޔަހޫދީންނާ ދެމެދުގައި އޮތް އެއްބާރުލުން ރޫޅިގެން ދިޔުމުންނެވެ. މި ފަދަ އެއްބާރުލުމެއް އެކުލަވައިލުމުގެ ޤާބިލުކަން އެމީހުންގެ ކިބައިން ނެތިގެން ދިޔުމުންނެވެ. އިސްލާމީ ދައުލަތާ އޭގެ ޅަފަތުގައި ކުރިމަތިލާން ޖެހުނު ދާޚިލީ އަދި ޚާރިޖީ ދުޝްމަނުންގެ ކިބައިން އަމާންކަން ލިބިގެން ދިޔުމުންނެވެ.

ކީރިތި ރަސޫލާގެ ނަބަވީ މި ވިސްނުންފުޅު، ސިޔާސީ ގޮތުންނާއި ޢަސްކަރީ ގޮތުން ތަޙްލީލުކުރައްވާ ބޭކަލުން ވިދާޅުވާ ގޮތުގައި އެއީ އޭގައި ވަރަށް އިސްތިރާތީޖީ ދުރުމިންތަކެއް ހިމެނޭ ތަޞައްވުރެކެވެ. އެހެނީ ޚަންދަޤު ހަނގުރާމައަށް ފަހު އިސްލާމްދީން އައީ ފެތުރެމުންނެވެ. މުޝްރިކުންގެ ބާރުތައް ދިޔައީ ހުލިވަމުންނެވެ. ޔަހޫދީންނަށް ޚައިބަރުގައި މެނުވީ  ފައިތިލަ ސާބިތުކޮށްލާނެ ބިމެއް ލިބިފައެއް ނުވެއެވެ. އަދި މުޝްރިކުންގެ ބާރުތައް  މައްކާގެ ތެރޭގައި ހަނިވެގެން ދިޔައެވެ. 

ޚަންދަޤު ހަނގުރާމައާ މައްކާ ފަތަޙަކުރެއްވުމާ ދެމެދުގައި ފާއިތުވެ ދިޔަ ތިން އަހަރުގެ ތެރޭގައި ކީރިތި ރަސޫލާ ގެންގުޅުއްވި ސިޔާސީ އަދި ޢަސްކަރީ އިސްތިރާތީޖީގެ ސަބަބުން މުސްލިމުންނަށް މުހިއްމު ދެ އަރުތައެއް ޙާޞިލުވެގެން ދިޔައެވެ. 

ހ-  ޢަރަބި ކަރައިގައި އޮތް ޔަހޫދީ ބާރު ނެތިގެން ދިޔުން . އިސްލާމްދީނަކީ ޙައްޤު ދީން ކަން ޔަހޫދީންނަށް އެނގުނުކަމުގައި ވިޔަސް އެމީހުން އެ ދީން ޤަބޫލެއް ނުކުރިއެވެ. އެމީހުން ދިޔައީ އެ ދީން ނައްތައިލުމަށްޓަކައި ނުބައި ރޭވުންތައް ރާވަމުންނެވެ. މިހެންވެ ކީރިތި ރަސޫލާގެ އަމާޒަކަށް ވީ ޔަހޫދީންގެ މޫތައް ޢަރަބިކަރައިން އުފުރާލެއްވުމެވެ. އެ މީހުންގެ މަކަރާއި ނިފާޤާއި ނުނިޔަތްލުންތަކުން އިސްލާމްދީން ރައްކައުތެރިކުރެއްވުމަށް ޓަކައި މި ނޫން ޙައްލެއް ނެތްކަން ރަސޫލާއަށް ކަށަވަރުވެވަޑައިގަތެވެ. އެ ކަލޭގެފާނު އެޅުއްވި ފިޔަވަޅުތަކުގެ ސަބަބުން މަދީނާގައި ތިބި ޔަހޫދީންގެ ތިން ޤަބީލާ  ކަމުގައިވާ بني قينقاع އާއި، بني قريظةއާއި، بني النضير މަދީނާއިން ބޭރު ކުރެވުނެވެ. ޙިޖާޒު ކަރައިގައި އޮތް ޔަހޫދީންގެ ވުޖޫދުގެ  ނިމުން ފެނިގެން ދިޔައީ ހިޖްރައިން ހަތްވަނަ އަހަރު ހިނގި ޚައިބަރު ހަނގުރާމައިގައެވެ.

ށ- ދެވަނަ ފިޔަވަޅަކީ މުޝްރިކުން ޙީޞާރުކޮށް އެމީހުންގެ ފައިތިލަތަކުގެ ދަށުން މަޑުމަޑުން ދޫލަ ދަމައި ނެގުމެވެ. މިކަމުގެ ތެރޭގައި އިސްލާމްދީނަށް ވަންނަން ބޭނުންވި މުޝްރިކުންނަށް މި ފުރްޞަތު ދެވުނެވެ. ޔަހޫދީންނާ ޚިލާފަށް މުސްލިމުންގެ އަޑިގަނޑު ނުބައެއް ނޫނެވެ. މުޝްރިކުންގެ ބޯހަރުކަން ނައްތައިލުމަށްޓަކައި މުސްލިމުންނަށް ބޭނުންވީ ވަގުތަށެވެ. އެއީ ފަރުމާކުރުމަށްޓަކައި ލިބިފައިވާ ރޯ މާއްދާއެކެވެ. އެއީ މުސްލިމުން ބޭނުންވާ ތާހުގެ ތެރެއަށް ލައިގެން ވިރުވައި ބައްޓަންކުރެވޭގޮތަށް ތިބި ބަޔެކެވެ. މި ކަމުގައި  ކީރިތި ރަސޫލާގެ އިސްތިރާތީޖީއަކީ  ދީނަށް ގޮވައިލުމާއި ނަފްސާނީ ގޮތުންނާއި ޢަސްކަރީ ގޮތުންނާއި ސިޔާސީ ގޮތުން އެމީހުން ސިއްސުވުމާއި ކޮންމެހެން ބޭނުން ވެގެން މެނުވީ އެމީހުންނާ ދެކޮޅަށް ހަނގުރާމަ ނުކުރުމެވެ. މުޝްރިކުންނަށް މުސްލިމުންގެ ހައިބަތާއި އާރާއި ބާރު ދައްކުވައިގެން އެމީހުންނާ އިސްލާމްދީނާ ދެމެދުގައިވާ ހުރަސްތައް ނައްތައިލުމެވެ. މިހެންވެ ކީރިތި ރަސޫލާ އެމީހުންނަށް ދީލަތި މާފަކުން މާފުދެއްވިއެވެ. ނަތީޖާއަކަށް ވީ އެމީހުންގެ ހިތްތަކުގެ ލޯބި ލިބިވަޑައިގެން އެމީހުންގެ ހިތްތައް ރަސޫލާއަށް ލެބެން ފެށުމެވެ.  

ކީރިތި ރަސޫލާގެ މި އަނާދިރު ސިޔާސަތުގެ ސަބަބުން  މުޝްރިކުންގެ ޒަޢީމުންގެ ހިތްތައް އިސްލާމްދީނަށް ލެބިގެން ދިޔައެވެ.މި ގޮތުން ފާހަގަކޮށްލެވޭ އެއްކަމަކީ ޚާލިދު ބުނުލް ވަލީދަށް ނުސީދާކޮށް ފޮނުއްވި މެސެޖެވެ. ޚާލިދުގެފާނުގެ އަޚު އަލްވަލީދު މެދުވެރިކުރައްވައި ފޮނުއްވި މި މެސެޖަށް ބަލައިލަމާތޯއެވެ. އަލްވަލީދު ޚާލިދުގެފާނަށް މެސެޖެއް ފޮނުއްވިއެވެ. މި މެސެޖްގައި ވިދާޅުވިއެވެ. " ކަލޭގެފާނާ ބެހޭގޮތުން ރަސޫލުﷲގެފާނު އަޅުގަނޑާ ސުވާލުކުރެއްވިއެވެ. ކަލޭގެފާނުފަދަ ބޭކަލަކު އިސްލާމްދީނުގެ މަތިން ޖާހިލުވެވަޑައިގަނެގެން ނުވާނެ ކަމަށް ރަސޫލުﷲގެފާނު އަޅުގަނޑު ގާތުގައި ވިދާޅުވިއެވެ. ކަލޭގެފާނުގެ ހިތްވަރާއި ފަންވަރު މުސްލިމުންނާ އެކުގައި ވުން މާ ރަގަނޅުވާނެ ކަމަށް ރަސޫލާ ވިދާޅުވިއެވެ. އަދި ކަލޭގެފާނަށް އިސްކަން ދެއްވާނެކަމަށް ވެސް ވިދާޅުވިއެވެ. " މި ބަސްފުޅުތަކުގެ ސަބަބުން ޚާލިދުގެފާނުގެ ހިތްޕުޅު އިސްލާމްދީނަށް ހުޅުވިގެންދިޔައެވެ. މުސްލިމުންނާ ދެކޮޅަށް ވިއްސަކަށް އަހަރުވަންދެން ގަދަފަދަ ހަނގުރާމަތަކެއް ކުރެއްވުމުގައި އިސް ދައުރެއް އަދާކުރެއްވި މުޝްރިކުންގެ އިސް މި ފަހުލަވާނު  އިސްލާމްވެވަޑައިގަތީ ހިޖްރައިން 8ވަނަ އަހަރުގެ ކުރީކޮޅުގައެވެ. ހަމަ އެ އަހަރުގެ ތެރޭގައި މުޝްރިކުންގެ އިސް ހަނގުރާމަވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޢަމްރު ބުނުލް ޢާޞުގެފާނާއި،  ޢުޘްމާނު ބުނު ޠަލްޙަތުގެފާނު ވެސް އިސްލާމްވެ ވަޑައިގަތެވެ. 

މީގެ މާނައަކީ މައްކާގެ މުޝްރިކުންގެ ހަނގުރާމަތީ ބާރުގެ އިސް ފަހުލަވާނުންނާއި އިސްވާރުން  އެ ލަޝްކަރު ދޫކުރައްވައި އިސްލާމީ ލަޝްކަރާ ގުޅިވަޑައިގަތުމެވެ. މީގެ މާނައަކީ މައްކާގައި އޮތް ކުފްރުގެ ކިއްލާގައި ރެދުއަޅައި ބޮޑެތި ބައުގަނޑުތަކެއް ހެދެން ފަށައިފިއެވެ. މި ކަމާ ބެހޭގޮތުން رسول الله صلى الله عليه وسلم: " ޙަދީޘް ކުރައްވަނީ " لقد رمتكم مكة بأفلاذ أكبادها –މާނައަކީ :  މައްކާގެ އެންމެ ނިޔަނެތި ދަރިން އޭގެ ބަނޑުން ނެރެލައި ތިޔަބައިމީހުންގެ ގާތަށް ލައްގުވައިފިއެވެ. " 

ޞުލްޙުލްޙުދައިބިއްޔާ:

މައްކާ ފަތަޙަކުރެއްވުމުގެ ފަހު ފިޔަވަހީގެ ފެށުމަކީ ޞުލްޙުލް ޙުދައިބިއްޔާއެވެ. ނުވަތަ ޙުދައިބިއްޔާގެ ޞުލްޙައިގެ އެއްބަސްވުމެވެ. މިއީ މުސްލިމުންނާ މުޝްރިކުންނާ ދެމެދުގައި ހިގަނމުންދިޔަ ކުރިމަތިލުންތައް ވަގުތީގޮތުން ހުއްޓައިލުމާ ބެހޭ ދިހަ އަހަރުގެ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގައި ހިމެނޭ މާއްދާއެއް ބުނާ ގޮތުގައި " މުޙައްމަދުގެފާނުގެ ފޭލިގެއަށް ވަންނަން އެދޭ ބަޔަކަށް  އެ ފޭލިގެއަށް ވަދެ އެކަލޭގެފާނާ އެއްބައިވެވިދާނެއެވެ. އަދި ޤުރައިޝުންގެ ފޭލިގެއަށް ވަންނަން އެދޭ ބަޔަކަށް އެ ފޭލިގެއަށް ވަދެ އެމީހުންނާ އެއްބައިވެވިދާނެއެވެ. " މި އެއްބަސްވުމާ އެއްގޮތްވާ ގޮތުގެ މަތިން ޚުޒާޢަތު ވަންހައިގެ މީހުން މުސްލިމުންނާ ގުޅި އެއްބައިވިއެވެ. އަދި ބަކްރު ވަންހައިގެ މީހުން މައްކާގެ މުޝްރިކުންނާ ގުޅި އެ މީހުންނާ އެއްބައިވިއެވެ. 

ކީރިތި ރަސޫލާގެ ދުރު ވިސްނުންފުޅާއި ނިމުތު ކުރެއްވުމާ އެއްގޮތްވާ ގޮތުގެ މަތިން، ފެނިގެން ދިޔައީ  ގުރައިޝުން މި އެއްބަސްވުމާ ޚިލާފުވި ތަނެވެ. އެއީ ބަކްރު ވަންހައިގެ މީހުން ޚުޒާޢަތު ވަންހައިގެ މީހުންނަށް ދިން ޙަމަލާއެއްގައި ޤުރައިޝުން މުދަލާއި ހަތިޔާރުން ބަކްރު ވަންހައިގެ މީހުންނަށް އެހީ ވުމުންނެވެ. ޚުޒާޢަތު ވަންހައިގެ މީހުން މައްކާގެ ޙުރްމަތްތެރިވެގެންވާ ޙަރަމްފުޅުގެ ތެރޭގައި ތިއްބާ ދިން ޙަމަލާގައި އެމީހުންގެ ވިއްސަކަށް މީހުންވަނީ މަރާލައިފައެވެ. މި ކަމުގެ ޝަކްވާ ކީރިތި ރަސޫލާއަށް ދެންނެވުމުން ޝަކްވާގެ ވަފްދުގެ ރައީސާ މުޚާޠަބު ކުރައްވާ ރަސޫލުﷲގެފާނު ޙަދީޘް ކުރެއްވިއެވެ.  "نُصرت يا عمرو بن سالم" – މާނައަކީ: އޭ ޢަމްރު ބުނު ސާލިމޭވެ! ތިބާއަށް ނަޞްރު ލިބިއްޖެއެވެ. "   

މި ހިސާބަށް ކަންތައް ދިޔުމުން ޤުރައިޝުންނަށް އެމީހުންނަށް މި އެޅުނު ޅަ އެތީގެ ޙަޤީޤަތް އެނގި އެކަން ރަނގަޅުކުރުމަށްޓަކައި މަސައްކަތް ފަށައިފިއެވެ. އެމީހުންގެ ޒަޢީމު އަދި އެންމެ އިސް ސިޔާސީ ވެރިއާ އަބޫ ސުފްޔާނު ބިން ޙަރްބު މި ކުށް ރަނގަޅު ކުރެއްވޭތޯ  މަދީނާއަށް ވަޑައިގަތެވެ. މި ކުށަށް މާފަށް އެދިވަޑައިގެން ޞުލްޙައިގެ އެއްބަސްވުން އުވައިނުލައްވައިތޯ ރަސޫލާއަށް ދެންނެވުމަށްޓަކައެވެ. އަބޫ ސުފްޔާނު، އަބޫބަކްރުގެފާނާއި ޢުމަރުގެފާނާއި ޢަލީގެފާނާއި ފާޠިމަތުގެފާނު ފަދަ ރަސޫލާގެ އަރިހުގައި މަތިވެރިކަމާއި ޤަދަރު ލިބިވަޑައިގެންފައިވާ ބޭބޭކަލުންގެ އަރިހަށް ވަޑައިގެން ރަސޫލާއާ ބައްދަލު ކުރެއްވޭތޯ މަސައްކަތް ކުރެއްވިއެވެ. ޢަލީގެފާނު ޙާލަތު އޮތް ގޮތް އަބޫ ސުފްޔާނަށް ވަރަށް ކުރުގޮތަކަށް ވިދާޅުވެ ދެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "އޭ އަބޫ ސުފްޔާނޭވެ! ތިބާއަށް ހަލާކުހުށްޓެވެ! މާތްﷲ ގަންދެއްވާ ވިދާޅުވަމެވެ. ރަސޫލުﷲގެފާނު ވަނީ ކަމަކަށް ޢަޒްމު ކަނޑައަޅުއްވައިފައެވެ. އެކަމާ ބެހޭ ގޮތުން އަހުރެމެންނަށް ވާހަކަދެއްކުމުގެ ބާރެއް ނެތެވެ."  އެހެންކަމުން އަބޫ ސުފްޔާނަށް މައްކާއަށް އެނބުރި ވަޑައިގަންނަވަން ޖެހިވަޑައިގަތީ ހުސް އަތާއެވެ. 

ސިއްރުވެރިކަމާއި ކުއްލިވެރިކަން: 

އަބޫ ސުފްޔާނުގެ މިޝަން ނާކާމިޔާބުވުމުގެ މާނައަކީ ހަނގުރާމަނޫން އެހެން ޚިޔާރެއް ނެތެވެ. ކީރިތި ރަސޫލާ ދިހަ ހާސް ހަނގުރާމަވެރިންގެ ބޮޑު ލަޝްކަރެއް އެކުލަވައިލެއްވިއެވެ. މި ކަމުގައި ރަސޫލުﷲގެފާނު ސިއްރުވެރިކަމާއި ކުއްލިވެރިކަން ބޭނުން ކުރެއްވިއެވެ. މުސްލިމުންގެ ލަޝްކަރުގެ މިސްރާބާއި އަމާޒު އަބޫބަކްރުގެފާނު ފަދަ އެންމެ އަރިސް ބޭކަލުންނަށް ވެސް  އެނގިވަޑައިގެންފައެއް ނުވެއެވެ. އަބޫ ބަކްރުގެފާނު އެކަލޭގެފާނުގެ ދަރިކނބަލުން ޢާއިޝަތުގެފާނާ ސުވާލު ކުރެއްވުމުން އެކަމަނާ ވިދާޅުވީ "މާތް ﷲ ގަންދެއްވައި ވިދާޅުވަމެވެ. ތިމަން ކަމަނާއަށް އެނގިވަޑައެއް ނުގަންނަވައެވެ. ރަސޫލުﷲގެފާނު ވަނީ މި ކަމުގެ ސިއްރުތައް ހިފަހައްޓަވައި ދެއްވުމަށް އެދި ﷲއަށް ދުޢާފުޅު ކުރައްވައިފައެވެ." 

މި ޙަމަލާގެ ސިއްރު ހިފެހެއްޓެވުމަށް މަސައްކަތް ކުރެއްވުމުގެ އިތުރަށް މުޝްރިކުންނަށް އޮޅުވައިލެއްވުމަށްޓަކައި ވެސް ފިޔަވަޅުތަކެއް އެޅުއްވިއެވެ. ކީރިތި ރަސޫލާ އަބޫ ޤަތާދާ ބުނު ރުބަޢިއްޔުގެ އަމުރުވެރިކަމުގެ ދަށުގައި  " ބަޠުނު އިޟްމު " ނަމަކަށް ކިޔާ ވަންހަޔަކާ ދެކޮޅަށް ސަރިއްޔާއެއް ( ރަސޫލުﷲގެފާނު ބައިވެރިވެ ވަޑައިނުގަންނަވާ ހަނގުރާމަތަކަށް ސަރިއްޔާ އޭ ކިޔެއެވެ. ) ފޮނުއްވިއެވެ. މި ޙަމަލާގައި ހިމެނެނީ އަށް ބޭކަލެކެވެ.  މި ޙަމަލާގެ ޙަޤީޤީ މަޤްޞަދަކީ މައްކާގެ މުޝްރިކުންނަށް އޮޅުވައިލެއްވުމެވެ. 

މީގެ އިތުރަށް މަދީނާއަށް ވަދެ ނުކުމެވާ މީހުންގެ މަޢުލޫމާތު ހޯއްދެވުމަށްޓަކައި ޢުމަރުގެފާނުގެ އަމުރުވެރިކަމުގައި ކުދިކުދި ޔުނިޓްތަކެއް އުފެއްދެވިއެވެ. މި ކަމުގެ ސަބަބުން، މުޝްރިކުންނަށް ވަނީ، މުސްލިމުން ވަމުންދާ ތައްޔާރީތަކާ ބެހޭގޮތުން އެއްވެސް މަޢުލޫމާތެއް ލިބޭނެ މަގު ތަނަވަސް ނުވެފައެވެ. 

މައްކާ ފަތަޙަކުރެއްވުމަށްޓަކައި ރަސޫލުﷲގެފާނު މަދީނާއިން ނުކުމެ ވަޑައިގަތީ ރަމަޟާން މަހުގެ ދިހަ ވަނަ ދުވަހުއެވެ. އެއީ ހިޖްރައިން 8ވަނަ އަހަރެވެ. 

މާތްﷲ ކީރިތި ރަސޫލާގެ ދުޢާ އިޖަބަކޮށްދެއްވައި މުޝްރިކުންނަށް މުސްލިމުންގެ ޚަބަރުތައް ވަންހަނާކޮށްދެއްވިއެވެ. މި ވަގުތާ ދިމަވާ ގޮތަށް އައްބާސުގެފާނު މަދީނާއަށް ހިޖްރަކުރެއްވުމަށް މއްކާއިން ނުކުމެވަޑައިގެންނެވިއެވެ. ކީރިތި ރަސޫލާ މަދީނާއަށް ހިޖްރަ ކުރެއްވި ދުވަހުން ފަށައިގެން މުޝްރިކުންގެ ޚަބަރުތައް ރަސޫލާއަށް ފޮނުއްވާ ދެއްވަމުން ގެންދެވި ބޭކަލަކީ ޢައްބާސުގެފާނެވެ. 

މުޝްރިކުން ޞުލްޙުލް ޙުދައިބިއްޔާއާ ޚިލާފުވުމާ ވިދިގެން މުސްލިމުން ޤުރައިޝުންނާ ދެކޮޅަށް ފިޔަވަޅެއް އަޅައިފާނެތީ ޤުރައިޝުންގެ އޭރުގެ  ޒަޢީމު އަބޫ ސުފްޔާން  މުސްލިމުންގެ ޚަބަރުތައް ހޯއްދެވުމަށްޓަކައި މައްކާއިން ނުކުމެވަޑައިގަތެވެ. މައްކާއާ ކައިރި ހިސާބަކުން މުސްލިމުން އަބޫ ސުފްޔާނު ހައްޔަރުކުރިއެވެ. ނަމަވެސް ޢައްބާސުގެފާނުގެ ޙިމާޔަތް ހޯއްދަވައިގެން އަބޫ ސުފްޔާނު ރަސޫލާގެ އަރިހަށް ވަޑައިގެންނެވިއެވެ. ޢައްބާސުގެފާނުގެ އެދިވަޑައިގަތުމުގެ މަތިން ރަސޫލުﷲގެފާނު އަބޫ ސުފްޔާނަށް ކަމޭހިއްތެވިއެވެ. ނަތީޖާއަކަށް ވީ އަބޫ ސުފްޔާނު އިސްލާމްވެ ވަޑައިގަތުމެވެ. އަދި އެކަލޭގެފާނު އަބޫ ސުފްޔާނަށް މުސްލިމުންގެ ލަޝްކަރުގެ އާރާއި ބާރު ފެނިވަޑައިގަންނަވާނެ ހިސާބެއްގައި ބޭންދެވިއެވެ. ކީރިތި ރަސޫލާގެ މި މާތް މުޢާމަލާތުގެ ސަބަބުން އަބޫ ސުފްޔާން މުޅިން އެހެން މީހަކަށް ބަދަލުވެގެން ދިޔައެވެ. އަދި މުސްލިމުންނަށްޓަކައި ޤުރައިޝުންގެ ތެރޭގައި ނަފްސާނީ ހަނގުރާމައެއް ކުރައްވަން އަބޫ ސުފްޔާނަށް  ޖެހިވަޑައިގަތެވެ. އަބޫ ސުފްޔާނަށް މުސްލިމުންގެ ލަޝްކަރުތައް ފެނިވަޑައިގަތުމުން މައްކާއަށް ވަޑައިގެން ހަރުއަޑުން ގޮވައިލެއްވިއެވެ. އޭ ޤުރަޝީންނޭވެ! ތިޔަބައިމީހުންނާ ކުރިމަތި ނުލެވޭ ވަރުގެ ބާރަކާ އެކު ތިޔަބައިމީހުންގެ ގާތަށް މުޙައްމަދުގެފާނު ވަޑައިގެންފިއެވެ. އަބޫ ސުފްޔާނުގެ ގެއަށް ވަން މީހަކަށް އަމާންކަން ލިބިއްޖެއެވެ. އެމީހެއްގެ ގޭގެ ދޮރު ލައްޕައިގެން އިން މީހަކަށް އަމާންކަން ލިބިއްޖެއެވެ. މިސްކިތަށް ވަދެ އިން މީހަކަށް އަމާންކަން ލިބިއްޖެއެވެ."     

ކުރިމަތިލުމާ ދުރުހެލިވެ ވަޑައިގަތުން: 

ކީރިތި ރަސޫލާ މި އެޅުއްވި ފިޔަވަޅުގެ ސަބަބުން މުސްލިމުން މައްކާ ފަތަޙަކުރީ ނަފްސާނީ ހަނގުރާމައަކުންނެވެ. ލޭ އޮހޮރުވުމެއް ނެތް ހަނގުރާމައަކުންނެވެ. މި ޒަމާނުގައި މި ކިޔާ ގެއިން ބޭރަށް ނުކުތުން މަނާ ކުރުމުގެ ސަބަބުން މުސްލިމުންނަށް، އެމީހުންގެ ރޭވުމާ އެއްގޮތްވާ ގޮތުގެ މަތިން، އެމީހުންގެ ލަނޑުދަނޑި ޙާޞިލު ކުރެވުނެވެ. ކީރިތި ރސޫލާ އެޅުއްވި މުހިއްމު ފިޔަވަޅުތަކުގެ ތެރޭގައި މި ދަންނަވާ ކަންތައްތައް ފާހަގަ ކުރެވެއެވެ.

1- ކީރިތިރަސޫލާ މުސްލިމުންގެ ލަޝްކަރުގެ ކޮންމެ މީހަކަށް އަލިފާންގަނޑެއް ރޯކުރާން އެންގެވިއެވެ. މި ކަމުގެ ސަބަބުން މައްކާގެ ވަށައިގެން އެ ރޭ ދިހަ ހާސް އަލިފާން ގަނޑު ރޯ ކުރެވުނެވެ. ނަތީޖާއަކަށް ވީ  މައްކާގެ މުޝްރިކުންގެ ހިތްތަކަށް ބިރުވެރިކަން ވަދެ އެ ރޭގެ ނިދިން މަޙްރޫމް ވެގެން ދިޔުމެވެ. މިހެންވެ،  މުސްލިމުންނާ އަނެއް ދުވަހު ކުރިމަތިލެވޭ ވަރަށް ތައްޔާރުވުމުގެ ފުރްޞަތު މުޝްރިކުންނަށް ގެއްލިގެން ދިޔައެވެ. 

2- މުސްލިމުންގެ ލަޝްކަރުތައް މައްކާއަށް ވަނުމުގެ ކުރިން އޯގާތެރިކަމާއި މާފުކުރުމުގެ ދޮރު ހުލުވައިލެއްވުމުގެ ސަބަބުން ޤުރައިޝުންގެ ކިބައިން ކުރިމަތިލުމުގެ ފޯރި ކެނޑިގެން ދިޔައެވެ. ސީރަތު ފޮތްތައް ބުނާ ގޮތުގައި މުސްލިމުންގެ ލަޝްކަރުތަކުގެ ތެރެއިން ލަޝްކަރެއްގެ ކޮމާންޑަރެއް ކަމުގައިވާ ސަޢުދު ބުނު ޢުބާދަތުގެފާނު "މިއަދަކީ ކުރިމަތިލުމުގެ ދުވަހޭ،  މިއަދަކީ ލޭ އޮހޮރުވުން ހުއްދަވެގެންވާ ދުވަހެކޭ" ވިދާޅުވި އަޑުފުޅު ރަސޫލާއަށް އިވިވަޑައިގަތުމުން ސަޢުދުގެފާނު އެ ލަޝްކަރުގެ ވެރިކަމުން ވަކިކުރައްވައި އެކަލޭގެފާނުގެ ދަރިކަލުންނަށް މި ލަޝްކަރުގެ ވެރިކަން ދެއްވިއެވެ. 

3- މުސްލިމުން ރާވައިފައިވަނީ ހަތަރު ފަރާތަކުން އެއްފަހަރާ މައްކާއަށް ވަނުމަށެވެ. މިއީ މުޝްރިކުންގެ ލަޝްކަރު ބައިބައިކޮށް  ނިކަމެތިކޮށްލުމަށްޓަކައި ރަސޫލުﷲގެފާނު އެޅުއްވި ފިޔަވަޅެކެވެ. 

ކާމިޔާބުގެ ވަގުތުގައި ހިތްތިރިކުރުން: 

ކީރިތި ރަސޫލާގެ އިސްތިރާތީޖީގެ ސަބަބުން މުސްލިމުންނަށް މާ ބޮޑު ކުރިމަތިލުންތަކަކާ ނުލައި މައްކާއަށް ވަދެވުނެވެ. އަދި މައްކާގެ ގިނަ ބޮޑުން އިސްލާމްދީނަށް ވަދެ ރަސޫލާގެ ޒަޢާމަތު ޤަބޫލު ކުރިއެވެ. ކީރިތި ރަސޫލާ މައްކާއަށް ވަދެވަޑައިގަތީ އެކަލޭގެފާނުގެ ބަޣަލުކޮޅު މަތީގައި އިންނަވައި سورة الفتح ވިދާޅުވަމުންނެވެ. މާތް ﷲއަށް ޝުކްރު ދެންނެވުމަށްޓަކައި އިސްތަށިފުޅު ތިރިކުރައްވައިގެން އިންނެވިލެއް ބޮޑުކަމުން ސަވާރީކޮޅުގައި އިސްތަށިފުޅު ބީހެމުން ދިޔައެވެ. މި ގޮތަށް ވަޑައިގެން ކަޢުބާގެ ދޮރުކޮޅާ ހަމަވުމުން "لا إله إلا الله وحده لا شريك له، صدق وعده، ونصر عبده، وهزم الأحزاب وحده". އޭ ވިދާޅުވިއެވެ. 

މި ބޮޑު ފަތަޙަ ހަނދާނަށް ގެނެސްދެނީ ރަސޫލާގެ ރިސާލަތުގެ ދިގު މާޟީއެވެ. މައްކާއިން ފައްސައިލެވުނު ގޮތާއި، ޢިއްޒަތްތެރިކަމާއި ޤަދަރުވެރިކަމާ އެކު މައްކާއަށް އެބުރިވަޑައިގަތުމެވެ. މާތް ﷲ އެކަލާނގެ ރަސޫލާއަށް މި ދެއްވީ ކޮން ފަދަ ބޮޑު ކަރާމަތެއްތޯއެވެ؟ 

ކީރިތި ރަސޫލާގެ ކިބައިން ބަދަލު ހިފުމުގެ އެއްވެސް ރޫޙެއް ފެނިފައެއް ނުވެއެވެ. މައްކާއަށް ވަދެވަޑައިގެން މައްކާގެ މީސްތަކުންނަށް ދެއްވީ ބޮޑު ޢަފޫޢާއްމެކެވެ. އެކަލޭގެފާނުގެ ބަސްފުޅަކީ "ތިޔަބައިމީހުންނަކީ މިނިވަނުންނެވެ. ތިޔަބައިމީހުން ބޭނުން ތަނަކަށް ދާށެވެ!" އެކަލޭގެފާނުގެ މި ޢަފޫޢާއްމުން އިސްތިސްނާ ކުރައްވާފައިވަނީ "ހަނގުރާމައިގެ މުޖްރިމުންކޮޅެކެވެ."  ނަމަވެސް މި މަދު މީސްކޮޅުންގެ ތެރެއިން ވެސް ގިނަ ބަޔަކު އިސްލާމްދީނަށް ވަނުމުން ރަސޫލުﷲގެފާނު ވަނީ އެމީހުންނަށް މާފުދެއްވައިފައެވެ. މި ޒަމާނުގައި އިންސާނީ ޙައްޤުތަކުގެ އަޑު އުފުލާމީހުން ޤައުމުތަކަށް އަރައި ލޭ އޮހޮރުވައި މީހުން މަރައި ތަންތަން ލޫޓުވާ ގޮތަށް ރަސޫލުﷲގެފާނު ޢަމަލެއް ނުކުރައްވައެވެ. ޞަލީބީން ޤުދްސު ހިފި ދުވަހު ޢަމަލު ކުރިގޮތަށް ރަސޫލުﷲގެފާނު ޢަމަލެއް ނުކުރައްވައެވެ. ތަތާރުން ބަޣްދާދު ހިފި ދުވަހު ޢަމަލުކުރި ގޮތަށް ރަސޫލުﷲގެފާނު ޢަމަލެއް ނުކުރައްވައެވެ. 

ކިހާ މަތިވެރި ފިލާވަޅުތަކެއްތޯއެވެ؟ ކިހާ މަތިވެރި ނަމޫނާއެއްތޯއެވެ؟ މާތްﷲ ވަޙީ ކުރައްވަނީ [لَّقَدْ كَانَ لَكُمْ فِى رَسُولِ ٱللَّـهِ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْجُوا۟ ٱللَّـهَ وَٱلْيَوْمَ ٱلْـَٔاخِرَ وَذَكَرَ ٱللَّـهَ كَثِيرًا- الأحزاب : 21 - ހަމަކަށަވަރުން، اللَّه ގެ رسول އާގެ ކިބައިގައި، ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއްވެއެވެ. (އެއީ) اللَّه ގެ ދަރުމައާއި، آخرة ގެ ثواب އަށް އެދޭ، އަދި ގިނަގިނައިން اللَّه ހަނދުމަކުރާ ކަމުގައިވާ މީހަކަށެވެ.]

______________________________

ހަމަމިގަލަމުން

އިދާރާ

ވާހަކަ