އަދުގެ ޚާއްސަ

Print

ދުޢާކުރުމުގައި ޙައްދުފަހަނަޅައި ދިޔުން

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ދީން

އިބްރާހީމް ރަޝީދު މޫސާ

އިސްލާމްދީނުގައި ދުޢާ ކުރުމަށް އަދަބުތަކެއް ވެއެވެ. މި އަދަބުތަކާ ޚިލާފުވެދާނެ ގޮތަކަށް ދުޢާކުރުމަކީ މަނާ ކުރައްވައިފައިވާ ކަމެކެވެ. މި ލިޔުމުގައި ބަލާލާނީ ދުޢާކުރުމުގެ އަދަބުތަކަކަށްނޫނެވެ. އެހެނަސް ދުޢާ ކުރުމުގައި ޙައްދުފަހަނަޅައިދިޔުމަށެވެ. ﷲ ޢައްޒަ ވަ ޖައްލަ ވަޙީ ކުރެއްވިއެވެ. [ٱدْعُوا۟ رَبَّكُمْ تَضَرُّعًا وَخُفْيَةً ۚ إِنَّهُۥ لَا يُحِبُّ ٱلْمُعْتَدِينَ]  - ([މަޑުމޮޅިކަމާއި، ވަންހަނާ ގޮތުގައި، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް دعاء ކުރާށެވެ! ހަމަކަށަވަރުން، ހައްދުފަހަނަޅައިދާ މީހުންދެކެ އެކަލާނގެ ލޮބުވެތިވެ ވޮޑިގެންނުވެތެވެ.])  ރަސޫލާ  ޙަދީސް ކުރެއްވިއެވެ. [إنَّهُ سيَكونُ قومٌ يعتدونَ في الدُّعاءِ ] – ([ހަމަކަށަވަރުން ދުޢާކުރުމުގައި ހައްދުފަހަޅައިދާ ބަޔަކު އަންނާނެތެވެ.]) 

ދުޢާކުރުމުގައި ޙައްދުފަހަނަޅައި ދިޔުމުގެ މާނަ

1. އަލްޤުރްޠުބީ ވިދާޅުވެފައިވާ ގޮތުގައި : ދުޢާ ކުރުމުގައި ޙައްދުފަހަނަޅާއި ދިޔުމަކީ އެ ކަމަށް ކަނޑައެޅިފައިވާ އިން ފަހަނަޅައިދިޔުމެވެ. އަދި ކުރަން މަނާކުރައްވައިފައިވާ ކަމެއް ކުރުމެވެ. އެ ކަން އެތައް ގޮތަކަށް ކުރެވިދާނެއެވެ. މިސާލަކަށް ހަޅޭއްލަވައި ދުޢާކުރުން ނުވަތަ މުސްތަޙީލު ކަމަކަށް އެދި ދުޢާކުރުން ނުވަތަ އުރެދުމަކަށް އެދި ދުޢާކުރުމެވެ. 

2. އިބްނު ޖަރީރު ވިދާޅުވިއެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއީ ޙައްދުފަހަނަޅައިދާ މީހާދެކެ ލޯބިވެވޮޑިގަންނަވާ އިލާހެއްނޫނެވެ. މާތް ﷲ ކޮންމެ ކަމަކަށް ވެސް އިމެއް ކަނޑައަޅުއްވައިފައިވެއެވެ. މި އިން ހުރަސްކޮށް ދިޔުމަކީ ޙައްދުފަހަނަޅައި ދިޔުމެވެ.

3. އައްޠަރްޠޫޝީ ވިދާޅުވިއެވެ: ދުޢާކުރުމުގައި ޙައްދުފަހަނަޅައި ދިޔުމަކީ އަމުރުކުރައްވައިފައިވާ ގޮތާ ޚިލާފަށް ދުޢާކުރުމެވެ.  

4. އިބްނުލް ޤައްޔިމު ވިދާޅުވިއެވެ. ﷲގެ  ޙިކްމަތާ އަރާރުންވާ ނުވަތަ ﷲގެ ޝަރްޢާ ޚިލާފުވާފަދަ ގޮތަކަށް ދުޢާ ކުރުމަކީ ޙައްދުފަހަނަޅައިދިޔުމެވެ. 

މިއީ ބައެއް މީހުން އެނގިގެންނާއި ނޭނގިތިބެ ކުރާ ކަމެކެވެ. މިއީ އާފަތެކެވެ. އެހެންކަމުން މި އާފަތުން އަރައިގަތުމަށް ޓަކައި މި އާފަތުގެ ޢަލާމާތްތަކާއި އޭގެ މަލަތައް ސާފުކޮށް އެނގެން ޖެހެއެވެ.

އެއްވެސް ޝައްކެއް ނެތްގޮތުގައި ﷲގެ ޙަޟްރަތަށް އިންސާނާ ދިޔުމަކީ ފިޠުރީކަމެކެވެ. ﷲގެ އަޅުންގެ ފިޠުރަތުގައިވާ ކަމެކެވެ. އޭނާއަށް ބޮޑު ކަމެއް ކުރިމަތިވެއްޖެނަމަ އެކަމަކުން ސަލާމަތްކޮށްދެއްވުން އެދި އަތް ދިއްކޮށް ލެވޭނީ ﷲގެ ޙަޟްރަތަށެވެ. މިހެންވެ ދުޢާއަކީ އޭގެ ޒާތުގައި އަޅުކަމެކެވެ. އެއީ ﷲގެ ޙަޟްރަތާ އޭނާ ކުއްތަން ކުރުވާ އެންމެ ވަރުގަދަ ވަސީލަތެވެ. ނަބިއްޔާ  ބަޔާންކޮށް ދެއްވައިފައިވާ ގޮތުގައި އަޅުކަމަކީ ދުޢާއެވެ. [ الدُّعاءُ هو العبادةُ] – ([ދުޢާއަކީ ހަމަ އަޅުކަމެވެ.]) މާތް ﷲ ވަޙީ ކުރެއްވިއެވެ. [ ٱدْعُونِىٓ أَسْتَجِبْ لَكُمْ ۚ] – ([ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް دعاء ކުރާށެވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ دعاء އިޖާބަކުރައްވާހުށީމެވެ. ]) 

މާތް ﷲ އެންގެވިގޮތާ ޚިލާފަށް ދުޢާކުރުމުން އޭގެ ނަތީޖާ ނައްސިވެގެން ހިނގައިދާނެއެވެ. ﷲގެ ރުއްސެވުމާއި ފުއްސެވުން ލިބުމުގެ ބަދަލުގައި ﷲގެ ކޯފާއާއި ނުރުއްސެވުން ލިބުމަށް ދޮރު ހުޅުވިދާނެއެވެ. ދުޢާ ކުރުމުގައި ޙައްދުފަހަނަޅައިދިޔުމުގެ ބާވަތްތައް :- 

1. ޝިރްކުގެ ތެރޭގައި ހިމެނޭ ކަމެއް ދުޢާގައި ހިމެނުން. މިއީ ޙައްދުފަހަނަޅައި ދިޔުމުގެ އެންމެ ނުބައި ބާވަތެވެ. ދުޢާ އަޅުކަމަކަށް ވާތީ މި އަޅުކަމުގައި އެހެން ފަރާތެއް ބައިވެރިކުރުމަކީ ޝަރީކު ކުރުމުގެ ތެރޭގައި ހިމެނޭކަމެކެވެ. މިފަދަ ދުޢާގެ ނަތީޖާ ފައްސިއެއް ނުވާނެއެވެ. ވާނީ ނައްސިއެވެ.

2. ދީނުގައި ސާބިތުވެފައިވާ ކަމަކާ ޚިލާފު ކަމަކަށް އެދި ދުޢާ ކުރުން. މިސާލަކަށް ކާފިރަކަށް ރަޙްމަތް ލެއްވުމަށް ނުވަތަ ކާފިރަކަށް ޢަޒާބު ނުދެއްވުމަށް އެދި ދުޢާކުރުން. ނުވަތަ ޤިޔާމަތް ދުވަސް ނުގެންނެވުމަށް އެދި ދުޢާކުރުން. ނުވަތަ އޭނާއަށް އެއްވެސް ބާވަތެއްގެ ބައްޔެއް ނުޖެއްސެވުމަށް އެދި ދުޢާ ކުރުން ނުވަތަ މުސްލިމުންކުރެ އެއްވެސް މީހަކު ނަރަކައަށް ނުވެއްދެވުމަށް އެދި ދުޢާކުރުން.

3. ދީނުގައި ނުވާނެ ކަމެއްކަމަށް އަންގަވައިފައިވާ ކަމަކާ  ޚިލާފު ކަމަކަށް އެދި ދުޢާ ކުރުން. މިސާލަކަށް މުއުމިނަކު ތާއަބަދަށް ނަރަކައިގައި ދެމެހެއްޓެވުމަށް ދުޢާކުރުން. ނުވަތަ ކާފިރަކު ސުވަރުގެ ވެއްދެވުމަށް އެދި ދުޢާކުރުން. ނުވަތަ އެންމެ ފުރަތަމަ ސުވަރުގެ ވައްދަވާ މީހާ ކަމުގައި އޭނާ ލެއްވުމަށް ދުޢާކުރުން. ޞައްޙަ ޙަދީސްފުޅުތަކުން އެނގޭގޮތުގައި އެންމެ ފުރަތަމަ ސުވަރުގެ ވައްދަވާނީ ކީރިތި ރަސޫލާ  صلى الله عليه وسلم އެވެ. ނުވަތަ އޭނާއަކީ ކުށްނުކުރެވޭ މަޢުޞޫމު މީހެއް ކަމުގައި ލެއްވުމަށް އެދި ދުޢާކުރުން. ނުވަތަ ޤިޔާމަތާ ޖެހެންދެން މަރުނުގަންނަވާ ދުނިޔޭގައި ލެހެއްޓެވުމަށް  އެދި ދުޢާކުރުން.  މާތް ﷲ އިބްލީސް ފިޔަވައި އެހެން އެއްވެސް މަޚްލޫޤަކަށް ދުނިޔޭގައި ޤިޔާމަތާ ޖެހެންދެން ދެމިހުރުން ދެއްވައިފައިނުވާ ކަން ޤުރްއާނުން އެނގެއެވެ. މާތް ﷲ އިބްލީހާ ބެހޭ ގޮތުން ވަޙީ ކުރެއްވިއެވެ. [ قَالَ أَنظِرْنِىٓ إِلَىٰ يَوْمِ يُبْعَثُونَ ﴿١٤﴾ قَالَ إِنَّكَ مِنَ ٱلْمُنظَرِينَ] – ([އެކަލޭގެ ދެންނެވިއެވެ. އެއުރެން ދިރުއްވައި، އަލުން ފޮނުއްވާނޭ ދުވަހާ ހަމަޔަށް ތިމަން ލަހައްޓަވާނދޭވެ! އެކަލާނގެ وحى ކުރެއްވިއެވެ. ހަމަކަށަވަރުން، ކަލޭވަނީ، ލަހައްޓަވާފައިވާ މީހުންގެ ތެރެއިންނެވެ.]) އިންސާނުންނާ ބެހޭގޮތުން މާތްﷲ ވަޙީ ކުރެއްވިއެވެ. [وَمَا جَعَلْنَا لِبَشَرٍ مِّن قَبْلِكَ ٱلْخُلْدَ ۖ أَفَإِي۟ن مِّتَّ فَهُمُ ٱلْخَـٰلِدُونَ ﴿٣٤﴾ كُلُّ نَفْسٍ ذَآئِقَةُ ٱلْمَوْتِ ۗ] – ([ތިމަންރަސްކަލާނގެ، ކަލޭގެފާނުގެ ކުރިޔަކުންވެސް آدم ގެދަރިޔަކަށް (މަރުނުވެ) ދެމިހުރުމެއް ނުލައްވަމެވެ. ފަހެ، ކަލޭގެފާނު އަވަހާރަވެއްޖެނަމަ، އެއުރެންނީ ފަހެ، ދެމިތިބޭނޭ ބަޔެއް ހެއްޔެވެ؟ ކޮންމެ نفس އަކީވެސް މަރުގެރަހަ ލިބިގަންނާނޭ އެއްޗެކެވެ.])

4. ބުއްދިއަށް ޤަބޫލު ނުކުރެވޭ ކަމަކަށް އެދި ދުޢާކުރުން . މިސާލަކަށް: އެއް ވަގުތެއްގައި ދެ ތަނެއްގައި އޭނާ ލެއްވުމަށް އެދުން. މިސާލީ ޙައްޖުގެ ފަރީޟާ އަދާކުރަމުންދާއިރު ޖިހާދުގެ މަގުގައި ސަރަޙައްދީ ރޮނގު ބެލެހެއްޓުމުގައި ލެހެއްޓެވުން. 

5. އާދަކޮށް މުސްތަޙީލު ކަމަކަށް  އެދި ދެންނެވުން. މިސާލަކަށް ކެއުންބުއިން ބޭނުންނުވާ  މީހެއްކަމުގައި އޭނާ ލެއްވުމަށް އެދި ދުޢާކުރުން. މިއީ އިންސާނީ ޠަބީޢަތާ ޚިލާފު ކަމެކެވެ. އިންސާނާ މާތް ﷲ ހައްދަވައިފައިވަނީ ދިރިއުޅުމަށް ޓަކައި އޭނާގެ ހަށިގަނޑަށް ކާބޯތަކެއްޗާއި ފެން ބޭނުންވާ ގޮތަށެވެ. ނުވަތަ އޭނާއަށް ރަން ފަރުބަދައެއް ދެއްވުމަށް އެދުން. އެކަމަށް ބޭނުންވާ ކަންކަމަށް ތައްޔާރުނުވެ ދުޝްމަނުންގެ މައްޗަށް ނަޞްރު ދެއްވުމަށް އެދުން. ނުވަތަ މީހަކާ ކާވެނިނުކޮށް ދަރިއެއް ދެއްވުމަށް އެދި ދުޢާކުރުން.

6. ﷲގެ އިރާދަފުޅާ ގުޅުވައި ކަމަކަށް އެދި ދުޢާކުރުން. ރަސޫލާ   ޙަދީސް ކުރެއްވިއެވެ. [ لا يَقولَنَّ أحدُكمْ: اللهُمَّ اغفِرْ لِي إنْ شِئْتَ، اللهُمَّ ارْحمْنِي إنْ شِئْتَ، اللهُمَّ ازقْنِي إنْ شِئْتَ]- ([ތިޔަބައިމީހުންކުރެ އެއްވެސް މީހަކު ދުޢާކުރާއިރު މިފަދައިން ނުބުނާށެވެ. : އިބަރަސްކަލާނގެ އިރާދަކުރައްވައިފިނަމަ މި އަޅާއަށް ފާފަފުއްސަވާނދޭވެ! އިބަރަސްކަލާނގެ އިރާދަކުރައްވައިފިނަމަ މި އަޅާއަށް ރަޙްމަތް ލައްވާނދޭވެ! އިބަރަސްކަލާނގެ އިރާދަކުރައްވައިފިނަމަ މި އަޅާއަށް ރިޒްޤު ދެއްވާނދޭވެ!]) 

7. އެކަށީގެންނުވާ ކަމެއް ކޮށްދެއްވުމަށް އެދި ދުޢާކުރުން. މިސާލަކަށް ރަޙިމުގެ ގުޅުން ކެނޑުމަށް ނުވަތަ އެހެންވެސް ފާފައެއް ކުރުމަށް އެދި ދުޢާކުރުން : ކީރިތި ރަސޫލާ  ޙަދީސް ކުރެއްވިއެވެ. [لا يَزالُ يُسْتَجابُ لِلْعَبْدِ، ما لَمْ يَدْعُ بإثْمٍ، أَوْ قَطِيعَةِ رَحِمٍ، ما لَمْ يَسْتَعْجِلْ  قيلَ: يا رَسُولَ اللهِ، ما الاسْتِعْجالُ؟ قالَ: يقولُ: قدْ دَعَوْتُ وَقَدْ دَعَوْتُ، فَلَمْ أَرَ يَسْتَجِيبُ لِي، فَيَسْتَحْسِرُ عِنْدَ ذلكَ وَيَدَعُ الدُّعاءَ] – ([ﷲގެ އަޅާ ފާފައަކަށް ނުވަތަ ރަޙިމުގެ ގުޅުން ކެނޑުމަކަށް ނުވަތަ އަވަސްއަރުވައިގަތުމަކަށް ނުވާ ކަމަކަށް އެދި ދުޢާކުރާނަމަ އޭނާގެ ދުޢާ އިޖާބަކުރެއްވުން މަތިން ފިލައިގެން ނުދާނެތެވެ. ދެންނެވުނެވެ. އޭ ﷲގެ ރަސޫލާއޭވެ! އަވަސްއަރުވައިގަތުމަކީ ކޮބައިތޯއެވެ؟ ޙަދީސް ކުރެއްވިއެވެ. އެ މީހާ ބުނާނެތެވެ. އަހުރެން ދުޢާކޮށްފީމެވެ. އަހުރެން ދުޢާކޮށްފީމެވެ. މަށަށް އިޖާބަދެއްވާތަނެއް ނުފެނެއެވެ. އެހިނދު އޭނާ އެކަމަށް ދެރަވެ ދުޢާކުރުން ހުއްޓައިލައިފާނެއެވެ.]) 

8. ﷲގެ ރަޙްމަތް ހަނިކޮށް ދުޢާ ކުރުން. މިސާލަކީ އެއްދުވަހަކު ރަށްފުށުގެ އަރަތްބަކު ނަމާދު ކުރަމުން ކުރި ދުޢާއެވެ. އޭނާ ބުންޏެވެ. [اللَّهُمَّ ارْحَمْنِي ومُحَمَّدًا، ولا تَرْحَمْ معنا أحَدًا. فَلَمّا سَلَّمَ النبيُّ ﷺ قالَ لِلْأَعْرابِيِّ: لقَدْ حَجَّرْتَ واسِعًا يُرِيدُ رَحْمَةَ اللَّهِ] – ([އަޅުގެވެރިރަސްކަލާކޮ! މި އަޅާއަށާއި މުޙައްމަދުގެފާނަށް ރަޙްމަތް ލައްވާނދޭވެ! އަޅަމެންނާއެކު އެހެން މީހަކަށް ރަޙްމަތް ނުލައްވާނދޭވެ! އޭނާ ސަލާންދިނުމުން ނަބިއްޔާ  ޙަދީސް ކުރެއްވިއެވެ. ﷲގެ ރަޙްމަތަށް އެދުނުއިރު ތިބާ ތަނަވަސް އެއްޗެއް ގައުކޮށްލައިފީމުއެވެ.])  

9. ޝަރްޢުގައި ޙަރާންކުރައްވައިފައިވާ ކަމެއް ކުރުމަށް މަގުފަހިކޮށްދެއްވުމަށް އެދި ދުޢާކުރުން . މިސާލަކަށް ރާބުއިމަށް ނުވަތަ އޫރު މަސް ކެއުމަށް ނުވަތަ ޒިނޭކުރުމަށް މަގުފަހިކޮށް ދެއްވުމަށް އެދުން.

10. ބޭނުންނުވާ މިންވަރަށް އަޑު އުފުލާ ދުޢާކުރުން. މާތް ﷲ ވަޙީކުރެއްވިއެވެ. [ٱدْعُوا۟ رَبَّكُمْ تَضَرُّعًا وَخُفْيَةً ] – ([މަޑުމޮޅިކަމާއި، ވަންހަނާ ގޮތުގައި، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް دعاء ކުރާށެވެ!]) އޭނާ ދުޢާ ކުރަނީ އޭނާގެ އަމިއްލަ ނަފްސަށްނަމަ އަޑުހަރުކޮށް ދުޢާކޮށްގެން ނުވާނެއެވެ. އޭނާއަކީ އިމާމުނަމަ މައުމޫންނަށް އިވޭ  މިންވަރަށް އަޑުހަރުކުރާނީއެވެ. އަޑުހަރުކޮށް ދުޢާ ކުރުމަކީ ﷲގެ ޙަޟްރަތުގައި ރިވެތި އަދަބެއް ނޫނެވެ. ތިބާ ޙާކިމާގެ ގާތަށް ގޮސް ކަމަކަށް ދަންނަވާއިރު ދަންނަވާގޮތާމެދު ވިސްނާލާށެވެ! އެތާނގައި ތިބާ ހުންނަނީ ކިހާ މަޑުމަޑުން ހެއްޔެވެ؟    

11. މަޑުމޮޅިކަމެއްނެތި ދުޢާކުރުން . އެކަމަށް ބޭނުންޖެހިފައިނުވާ މީހެއް ގޮތަށް ނިކަމެތިކަމެއް ދެރަވުމެއް ހިތްތިރިކަމެއްނެތި ދުޢާކުރުމަކީ ޙައްދުފަހަނަޅައިދިޔުމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އިބްނުލް ޤައްޔިމު ވިދާޅުވެފައިވާ ގޮތުގައި ދުޢާކުރަންވާނީ  ނިކަމެތި މީހެއްގެ ގޮތުގައެވެ. 

12. ﷲ ސުބްޙާނަހޫ ވަ ތަޢާލާގެ ޒާތުފުޅަށް އެކަލާނގެ ދެއްވައިފައިނުވާ ނަމަކުން އެކަލާނގެއާ މުޚާޠަބުކޮށް ދުޢާ ކުރުން. 

13. ބޭނުންނުވާ ވާހަކަތައް ގިނަކުރުން. ﷲ ތަޢާލާއަށް ތަފްޞީލުތައް ދަންނަވާކަށް ނުޖެހޭނެއެވެ. އަދި ދިގު އަދަބީ ޢިބަރާތްތަކުން ވެސް ދަންނަވައިގެން ނުވާނެއެވެ.  ސަޢުދު ބިން އަބީ ވައްޤާޞުގެފާނުގެ ދަރިކަލުންގެ އަރިހުން ރިވާވެގެންވެއެވެ. މި ދަރިކަލުން އެއް ދުވަހަކު ދުޢާކުރެއްވި އަޑު ބަފައިކަލުންނަށް  އިވިވަޑައިގެންނެވިއެވެ. އެކަލޭގެފާނު މި ދުޢާ ގައި ވިދާޅުވިއެވެ " މިއަޅާއަށް ސުވަރުގެއާއި ސުވަރުގޭގެ ނިޢުމަތްތަކާއި އެތަނުގެ ފާގަތިކަމާއި އުފާވެރިކަން ދެއްވާނދޭވެ! އަދި މި އަޅާ ނަރަކައިގެ ޢާޒާބުތަކުންނާއި ކަސްތަޅުތަކުންނާއި، ގިލަންތަކުން ޙިމާޔަތް ކުރައްވާނދޭވެ! " އެހިނދު އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ދަރިފުޅާއެވެ! ރަސޫލާ   ޙަދީސްކުރެއްވި އަޑުފުޅު ބައްޕަ އެހީމެވެ. [إنَّهُ سيَكونُ قومٌ يعتدونَ فِى الطُهُوْرِ وَ في الدُّعاءِ]  - ([ހަމަކަށަވަރުން ޠާހިރުވެގަތުމުގައްޔާއި  ދުޢާކުރުމުގައި ހައްދުފަހަޅައިދާ ބަޔަކު އަންނާނެތެވެ.])  އެމީހުންގެ ތެރޭގައި ދަރިފުޅުނުވޭތޯ މަސައްކަތް ކުރާށެވެ! ތިބާއަށް ސުވަރުގެ ދެއްވައިފިނަމަ އެތާނގައި ހުރި އެއްޗެއް ވެސް ދެއްވާނެތެވެ. އަދި ތިބާ ނަރަކައިން ރައްކައުތެރިކޮށް ދެއްވަން އެދުމުން އެ ތަނުންނާއި އެތަނުގެ ނުބައި ކަމުން ވެސް ރައްކައުތެރިކޮށް ދެއްވުމުން އެދެވުނީއެވެ.  ޢާޢިޝަތުގެފާނު އަރިހުން އަބޫ ދާވޫދު ރިވާކުރެއްވިއެވެ. ([ރަސޫލާ  ދުޢާފުޅު ކުރައްވަނީ ޖުމްލަކޮށްނެވެ. ތަފްޞީލުތައް ދޫކޮށްލައްވައެވެ.]) އަބޫ ޤަތާދަތުގެފާނު މަތްﷲ ރުއްސުންލެވި އަނަސުގެފަނާ ސުވާލު ކުރެއްވިއެވެ. ރަސޫލާ  އެންމެ ގިނައިން ވިދާޅުވަނީ ކޮން ދުޢާއެއް ހެއްޔެވެ؟ އެކަލޭގެފާނު ވިދާޅުވިއެވެ. [ربنا آتنا في الدنيا حسنة وفي الآخرة حسنة وقنا عذاب النار ]

14. ބުރަ އުދަނގޫ ބަސްތައް ހޯދައިގެން ވަޒަނަށް ފައްތައިގެން ދުޢާކުރުން: އިބްނު ޢައްބާސުގެފާނު އަރިހުން ޢިކްރިމާ ރިވާކުރެއްވިއެވެ. ދުޢާކުރާއިރު ސަޖަޢު ނުކުރާށެވެ! ރަސޫލާ ވެސް އަދި އެކަލޭގެފާނުގެ ޞަޙާބީން ވެސް ދުޢާ ކުރައްވާއިރު ސަޖަޢެއް ނުކުރައްވައެވެ. ޙުއްޖަތުލްއިސްލާމި އަލްޣަޒާލީ ވިދާޅުވިއެވެ. ކީރިތި ޤުރްއާނުގައި އައިސްފައިވާ ދުޢާތަކަށް ބަލާއިރު އެއިން އެއްވެސް ދުޢާއެއްގައި އެއްވެސް ސަޖަޢެއް ނެތެވެ. އެ ދުޢާތަކުގައި ހުރީ ވަރަށް ސާދާ ބަސްތަކެކެވެ. 

15. ދުޢާކުރާއިރު ދަމަދަމާފައި ސޯރުކޮށްގެން ދުޢާ ކުރުން. އިބްނުލް ހުމާމު ވިދާޅުވާގޮތުގައި އެއީ ހަޅޭއްލެވުމެކެވެ. މީސްތަކުން އޭނާގެ އަޑުގެ ރީތިކަން ދައްކަން ކުރާ ކަމެއް ނަމަ މާތް ﷲ އެކަމެއް ޤަބޫލެއް ނުކުރައްވާނެތެވެ. 

_________________________________

ހަމަމިގަލަމުން

އިދާރާ

ވާހަކަ