އަދުގެ ޚާއްސަ

Print

ކަނބުލޮ (2)

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ވާހަކަ

އަސްމާ އަބޫބަކުރު، ހއ. ދިއދޫ

(ވާހަކައިގެ ނުނިމި އޮތް ބައި)

ޙައްވަ ހުން ރަނގަޅުވިއަސް، ކާހިތްނުވުމުގެ ސަބަބުން ކުރިއަށްވުރެ ވާހަކަދެއްކުން މަދުވުމާއި، ގައިގެ ވަރުދެރަކަމުން ގިނަފަހަރު އޮންނަނީ ކޮޓަރީގައެވެ. ކަނބުލޮ ކިތަންމެ ވަރަކަށް ބަގީޗާއަށް ދާން ހިނގާށޭ ބުންޏަސް ޙައްވަ އެކަމަށް ޝައުޤެއް ނެތެވެ. ޙައްވައަށް އައި ބަދަލުގެ ސަބަބުން ކަނބުލޮ މުޅިން އެކަނި ވެއްޖެއެވެ. އެ ދަނޑިވަޅުގައި ކަނބުލޮ އެކަނި ވާނެތީ، ޙައްވަ އެދުމުގެ މަތިން ކޮންމެ ދުވަހަކު ކަނބުލޮގެ ދެބެންގެ ދެދަރި ފާތުމަ އެގެއަށް ގެންނަން ފަށައިފިއެވެ. ކަނބުލޮ އާއި އެއްޢުމުރެއްގެ ފާތުމަ އައުމުން ކަނބުލޮ ފޫހިވެފައި ހުންނާކަށް ނުޖެހެއެވެ. ދެވެރިން އެކުގައި ގިނަވަގުތު ބަގީޗާގައި ހޭަދަކުރެއެވެ. އެވަގުތުތަކުގައި ފާތުމަ ރަށުގެ ޚަބަރުތައް ކަނބުލޮއަށް ގެނެސްދެއެވެ. ފާތުމަގެ މަޖާ ވާހަކަތަކުން ކަނބުލޮ ހުންނަނީ ހީނލަހީނލައެވެ.

އެއްދުވަހެއްގެ އިރުފެނުން ތޮޅިލުމާއެކު ފާތުމަ ގެނައި ޚަބަރަކުން ކަނބުލޮ ވަރަށް ޝައުޤުވެރި ވެއްޖެއެވެ. ކަނބުލޮ ހިތުގައި އަޅައިގެން ހުރީ، ކަނބުލޮ އިންނާނީ ވަރަށް މަސައްކަތްތެރި ރީތި ފިރިހެނަކާއެވެ. އެކަހަލަ ފިރިހެނެއް ހޯދުން އެއީ ކުޑަކަމެއް ނޫނެވެ. 

"ފާތުމާ. ތިޔަ މީހަކަށް ކިޔަނީ ކޮންނަމެއްތަ؟" ކަނބުލޮ ސުވާލު ކުރިއެވެ. 

"އެއީ ޢުމަރު." ފާތުމަ އޮޅުން ފިލުވައި ދިނެވެ. 

"ކަނބުލޮއަށް އެނގޭތަ. ޢުމަރު ދަނޑުހައްދާ، ރުކަށްއަރާ، ވަޑާންކުރަން ޖެހުނަސް ، މަސްވެރިކަމަށްވެސް އެވަރެއްނެތް." ފާތުމަގެ ވާހަކަ ކަނބުލޮ އަޑުއަހަން އިނެވެ. 

"މިރަށު އަންހެންކުދީން ޢުމަރު ފެންނައިރަށް މަށަށް، މަށަށް ކިޔާލަ ކިޔާލާ އެތިބެނީ." ފާތުމަގެ ވާހަކަތައް އަޑުއިވުމުން ކަނބުލޮ ހިތުގައި އައު ވިންދެއް ޖަހަން ފަށައިފިއެވެ. 

އިރުއޮއްސުމާއެކު ޢުމަރު ދަނޑުގެ މަސައްކަތް ހުއްޓައިލައިފައި ގެއާ ދިމާއަށް މިސްރާބު ޖަހައިފިއެވެ. މަގުމަތީ ހިނގާފައި ދާއިރު ޒުވާން އަންހެން ކުދިން ޢުމަރާ ދިމާއަށް ބަލަމުން ދިޔަކަމުގައި ވިއަސް، ޢުމަރު އެއިން ކުއްޖަކާ ދިމާއަށް ބަލައިވެސް ނުލައެވެ. 

ތައްޚާނުބޭގެ ގޭގެ ދޮރުމަތީން ރަށުގެ ޒުވާން އަންހެން ކުދިން މުގޯލި އަޅަމުން ގެންދެއެވެ. ފަރި ރީތި އަންހެން ކުދީންނެވެ. ޢުމަރު ޖޯލިފަތީގައި އިނދެއްޖެ ނަމަ ބައެއްކުދީން ހިނގާފައި ދާއިރު ފައިއޮޅޭ ގޮތްވެއެވެ. ޢުމަރު ނުދެނެހެރިކަމަށް ހަދައިގެން އިނަސް ބައެއް ފަހަރު އެ ކުދިން އުޅޭ ގޮތުން ހިނިވެސް އާދެއެވެ. 

"ޢުމަރާ. ތިހިރީ މިހާރު މީހަކާ އިންނަވަރަށް ބޮޑުވެފައި. މިރަށުގައި ނުލާހިކު ރީތި ކުދިން އެތިބަގެން މުގޯލި އަޅަނީ. ޢުމަރުގެ ހިތުގައި އެއިން ކުއްޖަކަށް ޖާގައެއް ނެތްތަ؟" ތައްޚާނުބޭ ފެށި ވާހަކައަކުން ޢުމަރު ކަންބޮޑުވެއްޖެއެވެ. 

"އަދި މީހަކާ އިނުމުގެ ޚިޔާލެއް ނެތް، ބޭބޭ." ޢުމަރުގެ ޖަވާބު އަޑުއިވުމުން ތައްޚާނުބޭ އިތުރަކަށް އެ ވާހަކައެއް ނުދެއްކިއެވެ. ޙަޤީޤަތުގައި ތައްޚާނުބޭ ބޭނުމީ ޢުމަރު ކަހަލަ ޒުވާން ފަހުލަވާނަކު ރަށުގައި ބަހައްޓާށެވެ. ރަށުގައި ދާއިމީ ގޮތެއްގައި ބެހެއްޓޭނީ މީހަކާ އިނުމުންނެވެ.

ޢުމަރު ވިސްނަމުން ދިޔައީ ބައްޕަ އެބުނި ކަނބުލޮ އަކާއި ދިމާވާނެ ގޮތެކެވެ. އެކަނބުލޮއެއްގެ ވާހަކަ މިރަށުގެ މީހަކު ދައްކާ އަޑެއް ޢުމަރަކަށް ނީވެއެވެ. އެގެއަށް ދާން ކިތަންމެ ފަހަރަކު ޢުމަރުގެ ހިތަށް އެރިއެވެ. އެހެން ނަމަވެސް ޢުމަރަކަށް އެގެއާ ހަމައަކަށް ދެވޭ ވަރެއްނުވިއެވެ. ދާނެ ބަހަނާއެއްވެސް ނެތެވެ.

***

"އަހަރެމެންގެ ކަނބުލޮ އެހުރީ މީހަކާ އިންނަ ޢުމުރަށް އަޅައިފައި. މުޙައްމަދު އެކަމާ ވިސްނާހެނެއް ހިއެއްނުވޭ." ޙައްވަ ނިދަން އޮށޯވެއޮވެ މުޙައްމަދާ ވާހަކަ ދެއްކިއެވެ. 

"އެ ކަމާ ވިސްނާތާ ދުވަސްކޮޅެއް ވެއްޖެ. ކަނބުލޮ އާއި މިވާހަކަ ދައްކަންވީ. އަހަރެމެން ބުނިހާ ގޮތެއް ހަދައިގެން އެކަނބުލޮ އެ އިންނަނީ. މި ފަހުން މި ރަށަށް އައިސް ހުރި ޢުމަރު ކިޔާ ނިކަން ހީވާގި ރީތި ސޮރެއް ފެންނަތާ ދުވަސްކޮޅެއް ވެއްޖެ. ކަނބުލޮއަށް ކަމުދާނެހެން ހީވަނީ. ކަނބުލޮ ބޭނުމޭ ބުނަނީ ހީވާގި މީހެއްނު." މުޙައްމަދުގެ ވާހަކައިން ޙައްވަ ހިތްހަމަ ޖެހިއްޖެއެވެ. މާދަން ހެނދުނު ކަނބުލޮ ގާތުގައި ކައިވެނީގެ ވާހަކަ ދައްކާން ނިންމައި ޙައްވަ ނިދައިފިއެވެ. 

ފަތިހު ހޭލާ، ކަނބުލޮގެ އާދައަކަށްވެފައިވަނީ ފަތިސްނަމާދަށްފަހު ޤުރުއާން ކިޔެވުމެވެ. ބަގީޗާއަށް ނިކުތީ އޭގެ ފަހުގައެވެ. ގަސްތަކަށް ފެންދޭން ހުއްޓާ ހެނދުނުގެ ސައި ހިފައިގެން ޙައްވަ އައިސް ބަގީޗާގެ އުނދޯލީގައި އިށީންދެއްޖެއެވެ. މަންމަ ފެނުމުން ކަނބުލޮ ދުވެފައި އައިސް މަންމަގެ ގާތުގައި އިށީނެވެ. މަންމަގެ ސިއްޙަތު މިއަދު ރަނގަޅުވެފައި މޫނުމަތިން އުފާވެރިކަން ފެންނާތީ ކަނބުލޮ އަށްވެސް ހިނިތުންވެވުނެވެ. 

"މަގޭ ކަނބުލޮ މީހަކާ އިންނަ ޢުމުރަށް އަޅައިފި. ކަނބުލޮ ކައިވެންޏަށް ތައްޔާރުވާންވީ." މަންގެ ވާހަކައަށް ކަނބުލޮ ލަދުގަނެއްޖެއެވެ. މޫނުމަތީ ދެއަތްއަޅައިފައި ހީނލީ ޢުމަރުގެ ޚިޔާލު ހިތަށް އައުމުންނެވެ.  

ހަމަ އެދުވަހު އަތޮޅުވެރިޔަކަށްހުރި ޢަލީ ޙުސައިންގެ ސިޓީއެއް ހިފައިގެން މުޙައްމަދާއި ބައްދަލުކުރަން ބަޔަކު އަތުވެއްޖެއެވެ. 

"ސިޓީގެ ޖަވާބު މިއަދު ގެނައުމަށް އަތޮޅުވެރިޔާ ވިދާޅުވި." ސިޓީ ޙަވާލުކުރި މީހާ ބުންޏެވެ. އެސިޓީ ކިޔައި ނިމުމާއެކު މުޙައްމަދު ރުޅިއަތުވެއްޖެއެވެ. ކޮޓަރިތެރޭގައި ދެކޮޅަށް ހިނގަންފަށައިފިއެވެ. 

"އެއީ މިހާރު ވެސް ތިންއަނބިން ހުރި ފިރިހެނެއް. މަގޭ ކަނބުލޮ އޭނަޔަކަށް ނުދޭނަން." މުޙައްމަދުގެ ވާހަކަޔަށް ޙައްވަ ޙައިރާން ވެއްޖެއެވެ.

"ކަނބުލޮ މިހާ ފޮރުވައިގެން އުޅޭއިރު އަތޮޅުވެރިޔާއަށް އެނގުނީ ކިހިނެއްބާ؟" އަދި އަވަހަށް ޖަވާބު ތައްޔާރުކޮށްފައި މެދު ގޯތިތެރޭގައި ތިބި މީހުންނާ ސިޓި ޙަވާލުކުރުމަށް ޙައްވަ އެދުނެވެ. 

ޢުމަރާ ބައްދަލުކުރާން މުޙައްމަދު އައީ ޢުމަރުގެ ދަނޑު ކައިރިއަށެވެ. ޢުމަރު އެ ގެއަށް ދާން އެއްބަސްވީ މުޙައްމަދު ވަރަށް ކިޔައިގެންނެވެ. ޢުމަރަށް ކަނބުލޮގެ ބައްޕައަކީ މުޙައްމަދުކަން ވާހަކައިން އެނގުނު ނަމަވެސް ތެޅިގަނެފި ނަމަ، ހިތުގައި އޮތް އެއްޗެއް އެނގިދާނެތީ މަޑުން ހުރީއެވެ. 

ފުރަތަމަ ފެނިލުމުން ކަނބުލޮއަށް ޢުމަރު ކަމުހިނގައްޖެއެވެ. ޢުމަރު ގައިގައި ހުރީ ބޭރުކަރައިގެ ރަތްދޮންކަމެވެ. ކަނބުލޮއަށް އިވިފައި ހުރި ވާހަކަތަކުން ޢުމަރަކީ އަތްނބަކު ގޮވައިގެން އުޅެވޭނެ ހީވާގި ފިރިހެނަކަށްވީތީ ކަނބުލޮ ހުރީ ހިތްހަމަޖެހިފައެވެ. ޢުމަރަށް ކަނބުލޮ ފެނުމާއެކު އެސްފިޔަ ޖަހާލަން ވެސް ހަނދާނެއް ނުވިއެވެ. ތުނިކަމާ އެއްވަރަށް ދޮންރީތި ކަނބުލޮއެކެވެ. ކަނބުލޮގެ އަސަރުގަދަ ދެލޯ ފެނުނަސް މީހަކު ޤުރުބާން ވާނެއެވެ. ކަނބުލޮ ލަދުރަކި ހިނިތުންވުމާއެކު ހީނލި ތަން ފެނިފައި ޢުމަރު އިނީ އާޝޯހު ވެފައެވެ. ބަގީޗާތެރެއަށް ދެކުދިން ވާހަކަ ދައްކާލުމަށް ލިބުނު ފުރުޞަތުގައި އެކަކު އަނެކަކަށް ތަޢާރަފް ވިއެވެ. ޢުމަރަކީ އެދުރުބެގެ ހަގުދަރިކަން އެނގުމުން ކަނބުލޮ އުފާވިއެވެ. އެދުރުބެމަތިން ހަނދާންވާ ކަމަށް ކަނބުލޮ ބުންޏެވެ. ހަފުތާއެއްވީއިރު ކަނބުލޮ އާއި ޢުމަރަށް އެކަކު އަނެކަކާ ވަކި ނުވެވޭވަރަށް ލޯބި ވެވިއްޖެއެވެ. 

އަތޮޅު ވެރިޔާގެ ދެވަނަ ސިޓީ ލިބުމުން، މުޙައްމަދު ޖަވާބު ފޮނުވީ މުޙައްމަދުގެ ހުރި ހަމައެކަނި ކަނބުލޮ ތިޔަ ކައިވެންޏާ ޤަބޫލު ނުވާތީ އެކަން ކޮށްދެވެން ނެތްކަމަށެވެ. އެސިޓީތަކުގެ ސަބަބުން މުޙައްމަދުގެ ހިތުގައި ބިރުވެރިކަމެއް އުފެދިއްޖެއެވެ. ވީހާވެސް އަވަހަށް ކަނބުލޮގެ ކައިވެނި ޢުމަރާ ކުރުމުގެ ކަންކަން ފެށިއްޖެއެވެ. 

ކައިވެނީގެ ރަސްމިއްޔާތަށްފަހު ކަނބުލޮ އާއި ޢުމަރުގެ ކައިވެނި ޕާޓީ ރަށުގެ އަތިރިމަތީ ބޭއްވުނެވެ. ހަނދުވަރު މޫސުމުގެ ރިހިއަލިން މުޅިތަން އޮތީ ފަނޑު އަލިކަމެއްގައެވެ. ރައްޔިތުން ތިބީ ކަނބުލޮ ދެކިލާހިތުން ކެތްތެރިކަން ކުޑަވެފައެވެ. ޒުވާން އަންހެންކުދީން ކަނބުލޮ އާއި މެދު ޙަސަދަވެރިވެފައި ތިއްބެވެ. ކުއްލިއަކަށް ޢުމަރު ގާތަށް އައިސް ހުއްޓުނީ އެދުރުބެއެވެ. އެދުރުބެ ބުނި ސިއްރު ވާހަކައަކުން ޢުމަރާއި ކަނބުލޮ ހިނިތުންވުން ފިލައިފިއެވެ. މުޙައްމަދު އެންމެންނާ ދިމާއަށް އަޑުމަޑުކޮށް ވާހަކައެއް އަޑުއެހުމަށް އެދުނެވެ. 

"ރައްޔިތުންނޭ! މިއަތޮޅު އަތޮޅުވެރިޔާ މަގޭ ކަނބުލޮ ބޭނުންވެގެން މިރަށަށް އެބައާދޭ. އަތޮޅުވެރިޔާ އަށް ކަނބުލޮ ދޭކަން އަހަރެން ބޭނުމެއްނުވޭ. ކަނބުލޮ ކައިވެނި ކުރީ ކަނބުލޮ ހިތްއެދޭ ޢުމަރާ. ރައްޔިތުންގެ އެހީތެރިކަން މިވަގުތު އަހަރެމެން ބޭނުން." މުޙައްމަދުގެ ވާހަކައަށް ރަށުގެ ރައްޔިތުން ދަންމަރުތަކާއި ލަޓިބުރިތައް ހިފައިގެން އަތިރިމަތީ އެތުރުނެވެ.

"އަތޮޅުވެރިޔާ ކީއްކުރަން ރަސްކަލަކަށްވެސް މިރަށަކަށް ނޭރޭނެ. އަހަރެމެން މިތިބީ މުޙައްމަދާއެކު." ރަށުގައި އެންމެ ބަސްވިކޭ އާދަނު ގޮވައިލިއެވެ. 

"ރަށަށް ލެފި ދޯނިން އެއްވެސް މީހަކު ފައިބައިފި ނަމަ ތަޅައި ބޭރުކުރާނަން. އަތޮޅުވެރިޔެއް ކަމަކު އެއްވެސް މީހެއްގެ ނުޤަބޫލުގައި ނުގެންދެވޭނެ. ކަނބުލޮއަކީ މީހެއްގެ ޙައްޤެއް. ތިޔަ ދޯނި އައިކޮޅަށް އަވަހަށްދޭ. އެހެންނޫނީ..." އާދަނުގެ ވާހަކަ ނުނިމެނީސް ދޯނީގައި ތިބި މީހުން ބިރުގަނެއްޖެއެވެ. އެހާމެ އަވަހަށް ދޯނި އަނބުރައި އައި ކޮޅަށް ހިނގައްޖެއެވެ. ރަށުގެ ރައްޔިތުންގެ ޙިމާޔަތް ކަނބުލޮގެ ދެމަފިރިންނަށް ލިބިއްޖެއެވެ.

"ކަނބުލޮ އާއި ޢުމަރަށް އުފާވެރި ކައިވެންޏަކަށް މަރުޙަބާ." އާދަނުގެ ވަރުގަދަ އަޑުން އެންމެން ހެއްވައިލައިފިއެވެ. 

(ނިމުނީ)

އިދާރާ

ވާހަކަ