އަދުގެ ޚާއްސަ

Print

ދެވަނަ ފުރުޞަތު (1)

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ވާހަކަ

އަސްމާ އަބޫބަކުރު، ހއ. ދިއްދޫ

ޒަލާގެ މޭ ނެގިނެގިފައި ޖެހެމުންދާ އަޑު އަމިއްލަ ކަންފަތަށް އިވެމުންދަނީ ބިރުވެރި ހޮނު ގުގުރިއެއްގެ ގޮތުގައެވެ. އަތުގައި އޮތް މާޖަހާ ވާސް ކުއްލިއަކަށް އެއްލައިލެވުނީ ޒަލާއަށް ގޮވައިލި ބާރު އަޑު އިވުމުންނެވެ.                                 

"ޒަލާ..... އޭނާ މަރައިލީ ކީއްވެ؟" ސައުނާ އަޑު ޒަލާއަށް އިވުނީ ބިރުވެރި އަޑެއްގެ ގޮތުގައެވެ. އެ ވަގުތު ޒަލާއަށް ހުރެވުނީ ފާރާ ކައިރީގައެވެ. އެ ހިސާބުން ހުރި ގޮތަށް ތިރިވެ ދެފައި ދަމައިލައިގެން އިށީނދެ ރޯންފަށައިފިއެވެ. ޒަލާގެ ޙަރަކާތް ހުރި ގޮތުން ސައުނާ ކަންބޮޑު ވިއެވެ. ސައުނާއަށް ފެނުނީ އެ ކޮޓަރީގެ ތަށިމުށިތަކުގައި ލޭގެ ކޯރެއް ދެމެމުންދާ މަންޒަރެވެ. ހަސީންގެ ޙަރަކާތްވަނީ ހުއްޓިފައެވެ.   

[އަހަރެން ޤަޞްދުގައި ކުރި ކަމެއް ނޫން. އަހަރެން އަތުން އޭނާ މަރުވީ. އަހަރެން އަތުން އޭނަ މަރުވީ.] ޒަލާ ރޮމުން ރޮމުން ކިޔަމުން ދިޔައީ އެއްޖުމްލައެކެވެ. މިއަދު ޒަލާގެ ހިތްވަރު ހުސްވެއްޖެއެވެ. ކެރުމެއް ވެސް ނެތެވެ. ކަންބޮޑުވުން އިންތިހާއެވެ. ސައުނާ ފޯނު ނަގައި ކަންފަތުގައި ޖަހައިލުމާއެކު ބޭރަށް ނިކުމެއްޖެއެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ފުލުހުން އައިސް ވަދެގެންފިއެވެ. ޒަލާ ބޭނުންވީ މަންމަ ނޫނީ ބައްޕައަށް ގުޅައިގެން ގެންނާށެވެ. އެކަކު ވެސް ފޯނެއް ނުނަގައެވެ. ފުލުހުން ޒަލާގެ އަތުގައި ބިޑިއަޅުވައިގެން ގެންގޮސް ވޭނަށް އަރުވައިފިއެވެ. ޒަލާގެ ފޯން ނެގޭވަރަށްވުރެ މައިންބަފައިން ބިޒީއެވެ.                     

"މަންމައަކަށް އަހަންނެއް މުހިއްމެއް ނުވާނެ. އެއަށްވުރެ ބޮޑަށް މަންމައަށް މުހިއްމީ އޮފީސް. ޒަލާ ހިތާހިތުން މަންމައަށް ކުދި ކިޔަމުން ގެންދިޔައެވެ. ނަމަވެސް ޒަލާއަށް ނޭނގޭ ކަމެއް އެ ވަގުތު ހިނގައިފިއެވެ. ޒަލާގެ ބައްޕަ ހިންގާ ބޮޑު ސުޕަރމާރޓްގައި އަލިފާން ރޯވެ އަނދައި ހުލިވީ ވެސް އެރޭގައެވެ. އެ ޢާއިލާގެ ތެރެއަށް ރިހޭ ފައި މައްޗަށް ފޮއެ ވެއްޓުނު ކަހަލައެވެ. އެއީ ހަމަ އިއްތިފާޤަކުން ވީ ކަންތައްތައް ބާވައެވެ؟ ނޫނީ ބަޔަކު ރާވައިގެން ހިންގި ކަންތައް ގަނޑެއް ބާވައެވެ؟ ޖަވާބު ނެތް ސުވާލުތަކެކެވެ. ޒަލާއަށް ބައްޕަގެ ފިހާރައިގައި އަލިފާން ރޯވިކަން ނޭނގޭފަދައިން ފާހިމަށް ވެސް އޭނާގެ ހުރި ހަމަ އެކަނި ދަރިފުޅު މީހަކު މަރައިލައިގެން ފުލުހަށް ޙާޒިރު ކުރެވުނު ކަމެއް ނޭނގެއެވެ.

އާ ދުވަހަކަށް އިރުއަރައިފިއެވެ. އެތައް ބަޔަކު ދުވަހުގެ އުފާވެރި ކަމާއެކު މަސައްކަތް ފަށައިފިއެވެ. ހިނިތުންވުމާއެކުއެވެ. ޒަލާގެ މަންމަ ޒަހުވާ އާއި ބައްޕަ ފާހިމަށް އެ ދުވަސްވީ ޙަޔާތުގެ އެންމެ އަނދިރި ދުވަހަށެވެ. ލޯބިވާ ދަރިފުޅާ ވަކިވާން ޖެހުނު ދުވަހަކަށް ވީމައެވެ. މިއަދު ދަރިފުޅު ނެތްކަން އިޙްސާޞް ކުރެވެން ފެށީއެވެ. ކުރިން ގޭގައި ދަރިއަކު ހުންނަކަން ހަނދާނެއް ނުވެއެވެ.

[ޒަހުވާއަށް ޒަލާ އުޅޭނޫޅޭ ގޮތް ނުބެލޭކަން އެނގިގެން މި ދިޔައީ. މައިންނަށް ބޮޑަށް ދަރީން އުޅޭނޫޅޭ ގޮތް ބެލޭނީ. އަހަރެން އުޅުނީ އަބަދު ބޭރުގައި ވިޔަފާރި ކަންތަކުގައި. ގިނަ ފަހަރަށް ރަށުން ބޭރުގައި. .] ފާހިމް ކުރެހިފައިވާ އަޑަކުން ބުންޏެވެ. އެ ވާހަކައަށް ޒަހުވާ ރައްދެއް ނުދިނެވެ. އެއަށްވުރެ ބޮޑަށް އެ މަންމަގެ ހިތަށްވަނީ ތަދުވެފައެވެ. ޒަހުވާއަށް ރުއިން ނޫން ކަމެއް ނުކުރެވެއެވެ. ފާހިމަކީ ޤައުމުގައި ވެސް ބަސްވިކޭ މީހެކެވެ. މީގެ ކުރީން މަޖުލިސްގެ ގޮނޑިއެއް ފުރައިފައިވާ ފާހިމަކީ އެންމެން ދަންނަ އެންމެން ޤަދަރުކުރާ މީހެކެވެ. ވީއިރު އެމީހުންގެ ހުރި ހަމައެކަނި ދަރިފުޅު ޖަލުން މިނިވަން ކުރަން ކުރެވޭނެ ކިތަންމެ ކަމެއް ހުންނާނެއެވެ. އެކަމަކު މިއަދު ފާހިމަކީވެސް ކުރާނެ ކަމެއް ނެތް މީހެކެވެ. ލިބިފައިވާ މުއްސަނދި ކަމަކުން ނުވަތަ އަތުގައިވާ ބާރަކުން ކުރެވުނު ކަމެއް ނެތެވެ. ކަމެއްޖެހުނީމާ ބާރުގެ ބޭނުމެއް ނުހިފުނުތާ ފައިސާގެ ބޭނުމެއްވެސް ނުހިފުނެވެ. މީގެ ކުރީން ފާހިމަށް ފައިސާއިން ހުރިހާ ކަމެއްވެއެވެ. މި ވަގުތު ފާހިމްއަށް ކުރެވެން އޮތް ކަމަކީ ވަކީލަކު ހަމަޖެއްސުމެވެ. ވަރަށް ފަސޭހައިން ވަކީލަކު ހަމަޖެހޭ ގޮތް ވެއްޖެއެވެ. 

***       

ޒަލާއަށް ހޭލެވުނީ ޤުރުއާނުގެ އަޑަށެވެ. އިރުކޮޅަކު އެ އަޑަށް ވިސްނަން އޮތުމަށްފަހު ރަނގަޅަށް ލޯހުޅުވައިލިއެވެ. ޖަލުގައި އިން އަންހެނަކު ޤުރުއާނުގެ އާޔަތްތައް މަޑުމޮޅިކަމާއެކު ކިޔަވަމުން ދަނީއެވެ. އެއަޑަށް ޒަލާއަށް ކަންފަތް ދެވުނީ އެތައް ޒަމާނަކަށް ފަހުއެވެ. ޒަލާ ވެސް ކުޑައިރު ޤުރުއާން ކިޔެވިއެވެ. ޢުމުރުން ދިހަ އަހަރާ ހަމައަށެވެ. އެއީ ވެސް މާމަ ދުނިޔޭގައެވެ. މާމަ އަނގައިން އަނގަޔަށް އަޅައި ދިނީމައެވެ. ކިރިޔާ ޤުރުއާން ކިޔަވައި ލެވޭވަރުވި އިރަށް މާމައާ ވަކިވާން ޖެހުނީއެވެ. އެ މާމަ މިދުނިޔެއިން ވަކިވުމާއެކު ޒަލާގެ ދިރިއުޅުން ބަދަލުވީއެވެ. މަޑުމަޑުން ޒަލާއަށް ޚިޔާލީ ދުނިޔެއަށް ދެވުނެވެ.                            

ޒަލާ އިސްކޫލް ނިމިގެން ގެއަށް އައީ އާދައިގެ މަތީން ކާރުގައެވެ. ގޭތެރެއަށް ވަނުމާއެކު މާމަގެ އަޑުއައެވެ.               

[ދަރިފުޅާ! މާމައަށް ދައްކާލަބަލަ ގެނައި ރިޕޯރޓް ފޮތް.] މާމަގެ އަޑާއެކު ޒަލާ ދުވެ ގޮސް މާމަގެ އަތުތެރެއަށް ވަނެވެ.         

[ކޮބާ މަންމަ އާއި ބައްޕަ.]  ޒަލާގެ ލޯބި އަޑުން މުޅިގޭތެރެ ފަޅުފިލުވައިލައިފިއެވެ. އެ ވަގުތު ކުޑަކުޑަ ޒަލާ ހުރީ މަންމަ ދެކޭ ހިތުން ކެތްމަދުވެފައެވެ. އެހެންވެ މާމަބެލީ ޒަލާއަށް ވިސްނައި ދެވޭތޯއެވެ. މަންމަ އަކީ އޮފީހެއްގެ ވެރިއެކެވެ. ޒަލާގެ ބައްޕައަކީ ވިޔަފާރިވެރިއެކެވެ. މި ވަގުތުވީ ރައްޔިތުން މަޖްލީހަށް ކުރިމަތި ލައިފައިވާތީ ކެމްޕޭނަށް ކުރާ ދަތުރުގައި ރަށުން ބޭރުގައެވެ. މާމަގެ ވާހަކަތަކުން ޒަލާ ހިތްހަމަ ޖައްސައިދިނެވެ. މާމަ އޮތީ މާކުރިން ރިޕޯރޓް ދޭދުވަހަށް ތައްޔާރުވެ ހަދިޔާ ތައްޔާރު ކޮށްފައެވެ. އެ ދުވަހު ޒަލާއަށް ލިބުނު ހަދިޔާގެ ސަބަބުން މަންމަ އާއި ބައްޕަގެ މަތީން ހަނދާން ނެތިއްޖެއެވެ.                           

އޭގެ އެހެން ދުވަހެކެވެ. ޒަލާ ބައިވެރިވި މިނީ ނެޓްބޯޅަ މުބާރާތުގެ ފައިނަލް ކުޅުނު ދުވަހެވެ. ހުރިހާ ކުދީންގެ މަންމަ އާއި ބައްޕަ ކުޅޭ ތަން ބަލާލަން ދިޔައެވެ. ޒަލާގެ ފަރާތުން ހުރީ ގޭގައި އުޅޭ ނޯކަރު ވިޝާކާ ފޮނުވާފައެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ޒަލާއެވެ. ޓްރޮފީ ލިބުނު ވަގުތު ޒަލާގެ ހިތަށް އެރިއެވެ.                           

[ހުރިހާ ކުދީންގެ މަންމަ އާއި ބައްޕަ އެކުދީންނާ އެކީ އައިސް އެތިބީ. އަޅުގަނޑުގެ މަންމަ އާއި ބައްޕަވެސް މިތަނުގައި ތިބި ނަމަ..........] ނަމައަކުން ކުރާނެކަމެއް ނެތެވެ. މަޑުމަޑުން ޒަލާއަށް ބަދަލު ތަކެއް އަންނަކަން މާމައަށް ފާހަގަ ކުރެވެން ފެށިއެވެ.                         

[ދަރިފުޅާ. ކީއްވެތަ މާމަޑުން ތިއިންނަނީ. މިއަދު މާމައާ ރުޅީތަ] މާމައަށް ޒަލާގެ އެކަނިވެރިކަން ފާހަގަ ކުރެވިގެން އެހިއެވެ.                     

[ހުރިހާ ކުދީންގެ މަންމަ އާއި ބައްޕަ ސްކޫލަށް ދޭ އެކުދިން ބަލައި. އަޅުގަނޑުގެ މަންމަ އާއި ބައްޕަ އަށް ދުވަހަކުވެސް ވަގުތެއް ނުވޭ. އެކަމާ ވަރަށް ދެރަވޭ.] ޒަލާގެ ލޮލުން ކަރުނައިގެ އަސަރު ފެންނަން ހުއްޓެވެ. ދަރިން ތަރުބިއްޔަތު ކުރުމަކީ މައިންބަފައިން އަދާކުރަން ޖެހޭ ޒިންމާއެއްކަން ޒަހުވާ އާއި ފާހިމް  ވަނީ ހަނދާން ނައްތާލާފައެވެ. ނޯކަރުން ތިބީތީއެވެ. 

ގަޑިން ރޭގަނޑު އެގާރަ ޖެހީއެވެ. ފާހިމް އާއި ޒަހުވާ އެކީގައި ގެއަށް އައިސް ވަނެވެ. ދެމީހުންގެ މޫނުމަތީން ވަރުބަލި ކަމުގެ އަސަރު ފެންނަން ހުއްޓެވެ.

[މަންމާ. އަދިވެސް ނުނިދަނީތަ؟" ފާހިމަށް މަންމަ ފެނުމާއެކު އަހާލެވުނީ އެހެންރޭރޭ މިހާއިރުވަންދެން މަންމަ ހޭލާ އިންނަ ތަނެއް ނުފެންނާތީއެވެ. 

[ދަރިފުޅުމެން އައިސް މިތާ އިށީނދެބަލަ. މަންމަ އެބޮތް ވާހަކައެއް ބުނަންވެފަ.] ޒަހުވާ އާއި ފާހިމް ސިޓިންރޫމްގައި މަންމަގެ ގާތުގައި އިށީނެވެ. 

[މަންމަ އަށް އެނގޭ ދަރިފުޅުމެން އުޅެނީ ނުލާހިކު ބުރަކޮށްކަން. އަދި ގޭގައި މަސައްކަތް ކުރާނެ ކިތަންމެ ނޯކަރުންނެއް ތިބިކަން ވެސް. އެކަމަކު ހުރި އެންމެ ދަރިއެއްގެ ޒިންމާ ތިޔަ އަޅުވަނީ އެހެން މީހުންގެ ބޮލުގައި. މިއަދު ވެސް ޒަލާ މުބާރާތަށް ގޮސް އައިސް ދެރަވެގެން އުޅުނީ ލިބުނު ޓްރޮފީ މަންމަ އާއި ބައްޕައަށް ނުދެއްކިގެން. އެންމެ ފަހުން ނިދީވެސް ވަރަށް ދެރަވެގެން އޮވެ. ކުޑަމިނުން އެ މަންޖެއާއި އެކު ދުވާލެއްގެ ދެތިން ގަޑިއިރު ހޭދަކޮށްލާނަމަ! ކީއްކުރަން ހޯދާ ފައިސާތަކެއްތީ؟ ޒަލާއަށް ޓަކައެއް ނޫންތަ؟ ތިޔަ މުއްސަނދިކަމާއި ފައިސާއަށް ވުރެ މާމުހިއްމު ވާނެ އެދަރިފުޅަށް ޓަކައި ލޯބިން ކުޑަ ވަގުތުކޮޅެއް ހުސްކުރާނަމަ.]  

[މަންމާ. މިއަދު އޮފީހުގައި ހުރެފައި ޒަލާ ކުޅެންދާ ގަޑިއަށް އަންނާނަމޭ ބުނެފައި އޮތީމަ އަންނަން އުޅުނިން. އެކަމަކު ކުއްލިއަކަށް ބާއްވަން ޖެހުނު މީޓިންއެއް އޮވެގެން ނާދެވުނީ.] ޒަހުވާ ކަންބޮޑުވެފައި ހުރެ ބުންޏެވެ.                  

(ނުނިމޭ)

އިދާރާ

އެނގޭތަ؟

ވާހަކަ