އަދުގެ ޚާއްސަ

Print

قربان އާއި أضحية (2)

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ފިޤުހު

އިބްރާހީމް ރަޝީދު މޫސާ

(ކުރީގެ ޢަދަދާ ގުޅޭ)

އުޟްޙިޔާގެ ޙުކުން:

1- އަބޫޙަނީފާ ވިދާޅުވާ ގޮތުގައި އުޟްޙިޔާ ކަތިލުމަކީ ވާޖިބު ކަމެކެވެ. އެކަމަކު އަބޫ ޔޫސުފާއި މުޙައްމަދު ވިދާޅުވާ ގޮތުގައި އެއީ ގަދަވެގެންވާ ސުންނަތެކެވެ. (فتح القدير : 8 / 67  ، اللباب :3 / 232 ، البدائع : 5 / 65   ޙަނަފީންގެ ދަލީލަކީ ކީރިތި ރަސޫލާގެ ބަސްފުޅު " مَنْ وَجَدَ سَعَةً فَلَمْ يُضَحِّ فَلَا يَقْرَبَنَّ مُصَلَّانَا   - ތަނަވަސްކަން ލިބި އުޟްޙިޔާ ކަތި ނުލި މީހާ ފަހެ އަހުރެމެންގެ ނަމާދު ކުރާ ތަންތަނާ ގާތްނުވާ ހުށިކަމެވެ!]) (فتح القدير : 8 / 67  ، اللباب :3 / 232 ، البدائع : 5 / 65 ޙަނަފީން ވިދާޅުވާ ގޮތުގައި މި ފަދަ ވަޢީދުގެ ބަސްފުޅެއް ޙަދީޘް ކުރައްވާނީ އެއީ ވާޖިބު ކަމަކަށް ވާތީއެވެ. 

2- ޖުމްހޫރުން ވިދާޅުވާ ގޮތުގައި އެއީ ގަދަވެގެންވާ ސުންނަތެކެވެ. އެކަމަށް ކުޅަދާނަވެގެންވާ މީހާ އެކަން ނުކޮށް ދޫކޮށްލުމަކީ މަކްރޫހަ ކަމެކެވެ.ޖުމްހޫރުންގެ ދަލީލަކީ އިބްނު ޢައްބާސުގެފާނު އަރިހުން ވަރިދުވެފައިވާ މި ޙަދީޘްފުޅެވެ. ރަސޫލުﷲގެފާނު ޙަދީޘް ކުރައްވަނީ [ثَلَاثٌ هُنَّ عَلَيَّ فَرَائِضُ وَهُنَّ لَكُمْ تَطَوُّعٌ الْوَتْرُ وَالنَّحْرُ وَصَلَاةُ الضُّحَى]  - ([ތިންކަމެއް ތިމަންކަލޭގެފާނުގެ މައްޗަށް ފަރްޟުކުރެއްވިގެން ވިޔަސް އެއީ ތިޔަބައިމީހުންގެ މައްޗަށް ތަޠައްވުޢީ ކަންތައްތަކެކެވެ. އެއީ، ވިތުރިއާއި ، އުޟްޙިޔާއާއި، ޟުޙާ ނަމާދެވެ.]) (رواه أحمد). އައްތިރްމިޛީ ރިވާ ކުރައްވާ ގޮތުގައި ކީރިތި ރަސޫލާ ޙަދީޘް ކުރެއްވިއެވެ. [أًمِرْتُ بِالنَحْرِ وَهُوَ لَكُمْ سُنًّةٌ ] - ([ތިމަންކަލޭގެފާނަށް އުޟްޙިޔާ ކަތިލުމަށް އަމުރުކުރެވުނެވެ. އެކަމަކު އެއީ ތިޔަބައިމީހުންގެ މައްޗަށް އޮތް ސުންނަތް ކަމެކެވެ.]) (شرح صحيح مسلم للقاضى عياض). ޖުމްހޫރުން ޙަނަފީންނަށް ރައްދު ދެއްވަމުން ވިދާޅުވަނީ ޙަނަފީން ދަލީލެއްކަމުގައި ދައްކަވާ ޙަދީޘަކީ ޞައްޙަ ޙަދީޘެއް ނޫނެވެ. މީގެ އިތުރަށް އަބޫބަކްރުގެފާނާއި ޢުމަރުގެފާނު ކޮންމެ އަހަރަކު އުޟްޙިޔާ ކަތިލައްވައިފައެއް ނުވެއެވެ. އެ ބޭކަލުން ކޮންމެ އަހަރަކު އުޟްޙިޔާ ކަތި ނުލެއްވީ ޢާއްމުންނަށް އެއީ ވާޖިބު ކަމެއްކަމުގައި ހީވެދާނެތީއެވެ.   (رواه أحمد وابن ماجه والترمذى)

3- ޝާފިޢީން ވިދާޅުވާ ގޮތުގައި ކޮންމެ މީހެއްގެ މައްޗަށް ވެސް ، ޢުމުރުން އެއްފަހަރު އުޟްޙިޔާ ކަތިލުން ސުންނަތް ވާނެއެވެ. ގޭގެ އެކަކު އެ ކަން ކުރުމުން އެ ގޭގެ އަހްލުންގެ ކިބައިން އެކަން ފުދިގެންދާނެއެވެ. އެކަލޭގެފާނުގެ ދަލީލަކީ މިޚްނަފު ބުނު ސުލައިމުގެ އަރިހުން ރިވާވެގެންވާ ބަސްފުޅެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. [އަހުރެމެން ރަސޫލާގެ އަރިހުގައި ތިއްބާ ރަސޫލުﷲގެފާނު ޙަދީޘްކުރެއްވިއެވެ. އޭ މީސްތަކުންނޭވެ! ކޮންމެ ގެއެއްގެ އަހްލުންގެ މައްޗަށް ކޮންމެ އަހަރަކު އުޟްޙިޔާ ކައތިލުން ވާޖިބުވެގެންވެއެވެ.] (رواه أحمد وابن ماجه والترمذى).   

4- އުޟްޙިޔާއަށް ކަތިލުމަށްޓަކައި ގަނެފައިވާ އެއްޗެއް ވިހައިފި ނަމަ އެ ދަރި ވާނީ އުޟްޙިޔާއަށް ގަތް އެއްޗަށް ތަބާވާ އެއްޗަކަށެވެ. އޭތި އޭތީގެ މައިއެއްޗާ އެކު ކަތިލަންވާނެއެވެ. ކަތި ނުލައި ވިއްކައިލި ނަމަ އޭގެ އަގު ޞަދަޤާތް ކުރަން ޖެހޭނެއެވެ. 

އުޟްޙިޔާގެ ޝަރްޠުތައް

ޙަނަފީންގެ އަރިހުގައި އުޟްޙިޔާ ވާޖިބުވާނީ، އެހެން މަޛްހަބުތަކުގައި އުޟްޙިޔާ ސުންނަތް ވާނީ މިއަންނަ ޝަރްޠުތަކުގެ މަތިންނެވެ. 

1- އެކަމަށް ކުޅަދާނަކަން ލިބިގެންވާ މީހެއް ކަމުގައި ވުން . ޙަނަފީން  ވިދާޅުވާ ގޮތުގައި އެއީ ތަނަވަސް މީހާއެވެ. (تبيين الحقائق : 6 / 3). ތަނަވަސް މީހަކީ ޒަކާތުގެ ނިޞާބު އަތުގައި އޮތްމީހާއެވެ. ނުވަތަ އޭނާގެ މުދަލުގައި އެ މިންވަރު ހުރި މީހާއެވެ. އެއީ އޭނާއާއި އޭނާއަށް ބަލާބަލަހައްޓަން ޖެހިފައިވާ މީހުންގެ ބޯހިޔާވަހިކަމާއި، ކެއުން ބުއިމާއި، އުނުއޮރިއާން ނިވާކޮށްދިނުމަށް ބޭނުންވާ މިންވަރުގެ އިތުރަށެވެ. މާލިކީން  ވިދާޅުވާ ގޮތުގައި އެއީ އުޟްޙިޔާގެ އަގަށް ބޭނުން ޖެހިފައި ނުވާ މީހާއެވެ. ޝާފިޢީން  ވިދާޅުވާ ގޮތުގައި ކުޅަދާނަކަން ލިބިގެންވުމުގެ މާނައަކީ އޭނާއާއި އޭނާ ބަލާބަލަހައްޓަން ޖެހިފައިވާ މީހުންނަށް ޢީދުދުވަހާއި އައްޔާމުއްތަޝްރީޤުގެ ދުވަސްތަކުގައި ބޭނުންވާ ޢާޢްމު ކަންތައްތަކަށް ހޭދަކޮށްފައި އުޟްޙިޔާ ގަނެވޭ ވަރުގެ ތަނަވަސްކަން ލިބިގެންވުމެވެ.  ޙަންބަލީން  ވިދާޅުވާ ގޮތުގައި ، އެއީ ދަރަނިވެރިވެގެން ވިޔަސް އެ މިންވަރު ލިބިގަތުމުގެ ޤާބިލުކަން ލިބިފައިވާ މީހާއެވެ. (كشاف القناع : 3 / 18).

2- އެ ކަމަށް ޚާއްޞަ ވެގެންވާ ވަގުތުގައި އެ ކަތިލުން . ޙަނަފީން ވިދާޅުވާ ގޮތުގައި މި ވަގުތަކީ ބޮޑު ޢީދު ދުވަހާއި ޙައްޖުމަހުގެ 11 ވަނަ ދުވަހާއި 12  ވަނަ ދުވަހާއި 13 ވަނަ ދުވަހެވެ. 10 ވަނަ ރެއާއި ސާދަ ވިލޭރޭ އުޟްޙިޔާ ކަތިލުން ހުއްދަވެގެން ނުވެއެވެ. އެކަމަކު ރޭގަނޑުގެ ވަގުތެއްގައި އުޟްޙިޔާ ކަތިލުން މަކްރޫހަވާނެއެވެ. މާލިކީން ވިދާޅުވާ ގޮތިގައި ރޭގަނޑު ކަތިލައިގެން އެ ކަތިލުން ޞައްޙައެއް ނުވާނެއެވެ.

3- އުޟްޙިޔާ ކަތިލާ މީހާ މުސްލިމެއް ކަމުގައި ވުން : މިއީ މާލިކީންގެ ޝަރްޠެކެވެ. މާލިކީން ވިދާޅުވާ ގޮތުގައި ކިތާބީއަކު ކަތިލައި އެތީގެ މަސް ކެއުން ހުއްދަ ވިޔަސް އޭނާ ކަތިލާ އުޟްޙިޔާ ޞައްޙައެއް ނުވާނެއެވެ. ޖުމްހޫރުން ވިދާޅުވާ ގޮތުގައި މުސްލިމަކު ކަތިލުމަކީ މުސްތަޙައްބު ކަމެކެވެ. ކިތާބީއަކު ކަތިލުމަކީ މަކްރޫހަ ކަމެކެވެ. 

4- އުޟްޙިޔާގެ އަގުގައި އިތުރު މީހަކު ބައިވެރި ނުވުން : މިއީ ވެސް މާލިކީންގެ ޝަރްޠެކެވެ. އުޟްޙިޔާގެ އަގު އަދާ ކުރުމުގައި އެތައް ބަޔަކު ބައިވެރިވި ނަމަ ނުވަތަ އުޟްޙިޔާއަށް ކަތިލި އެތީގެ މިލްކުވެރިކަމުގައި އެތައް ބަޔަކު ބައިވެރިވި ނަމަ މި އުޟްޙިޔާ ހުއްދައެއް ނުވާނެއެވެ. ޖުމްހޫރުން ވިދާޅުވާ ގޮތުގައި ޖަމަލެއް ނަމަ ނުވަތަ ގެރިއެއް  ނަމަ ނުވަތަ މީގޮނެއް ނަމަ އޭގައި ހަތް މީހަކަށް ބައިވެރި ވެވިދާނެއެވެ. ހަތްމީހުންނަށް ވުރެ ގިނަ ބަޔަކު ބައިވެރިވުމަކީ މަކްރޫހަ ކަމެކެވެ. 

5- އުޟްޙިޔާގެ ވެރިއާ މުސްލިމަކަށް ވުން: ޣައިރު މުސްލިމުންގެ މައްޗަށް އުޟްޙިޔާ ވާޖިބެއް ވެސް އަދި ސުންނަތެއް ވެސް ނުވާނެއެވެ. 

6- އުޟްޙިޔާގެ ވެރިޔާ ބާލިޣުވެ ބުއްދި ސަލާމަތުން ހުރި މީހެއް ކަމުގައި ވުން: އެހެން ކަމުން ކުޑަކުދިންނާއި މޮޔައިންގެ މައްޗަށް އުޟްޙިޔާ ކަތިލުން ވާޖިބު ވެގެން ނުވެއެވެ. މިއީ ޝާފިޢީންނާއި ޙަންބަލީންގެ ރައުޔެވެ. މާލިކީން ވިދާޅުވާ ގޮތުގައި ކުޑަކުއްޖާއަށް އުޟްޙިޔާ ކަތިލުން ސުންނަތް ވެގެން ވެއެވެ. ޙަނަފީ މަޛްހަބުގައި މަޝްހޫރުވެގެންވާ ގޮތުގައި ކުޑަކުއްޖާގެ މައްޗަށް އުޟްޙިޔާ ވާޖިބެއް ނުވާނެއެވެ. އެކަމަކު އެއީ އޭނާގެ މައްޗަށް ސުންނަތް ވެގެންވާ ކަމެކެވެ. އޭނާގެ ބައްޕަ އެ ކުއްޖާގެ މުދަލުން މި ކަން ކޮށްގެން ނުވާނެއެވެ. އަބޫ ޙަނީފާ އާއި އަބޫ ޔޫސުފު ވިދާޅުވާ ގޮތުގައި ކުޑަ ކުއްޖާގެ މުދަލުން އުޟްޙިޔާ ކަތިލުން ވާޖިބު ވާނެއެވެ. އޭނާގެ ފަރާތުން މި ކަން ކުރާނީ އޭނާގެ ބައްޕައެވެ. ނުވަތަ އޭނާގެ ވަޞިއްޔެވެ. 

7- އުޟްޙިޔާ ކަތިލުން ވާޖިބު ވާނީ ރަށުގައި ޤާއިމުވުހުރި މީހާގެ މައްޗަށެވެ. އެހެން ކަމުން ދަތުރުވެރިއާގެ މައްޗަށް އުޟްޙިޔާ ކަތިލުން ވާޖިބެއް ނުވާނެއެވެ.ޙަނަފީން ވިދާޅުވާ ގޮތުގައި އަބޫބަކްރުގެފާނާއި އުމަރުގެފާނު ދަތުރުމަތީގައި އުޟްޙިޔާ ކަތިލައްވާފައެއް ނުވެއެވެ. ޢަލީގެފާނު ވިދާޅުވެފައިވަނީ [ދަތުރުވެރިއާގެ މައްޗަށް ހުކުރު ކުރުމެއް އަދި އުޟްޙިޔާ ކަތިލުމެއް ނެތެވެ.] (އައްޒައިލަޢީ ވިދާޅުވާ ގޮތުގައި މި ދެ އަޘަރަކީ ޣަރީބު ދެ އަޘަރެވެ. ނުޞްބުއް ރާޔާ : 4 / 211  ބަލާ!).  މާލިކީން ވިދާޅުވާ ގޮތުގައި ޙައްޖުވެރިން ނޫން އެންމެންގެ މައްޗަށް އުޟްހިޔާ ކަތިލުން ސުންނަތް ވެގެން ވެއެވެ.  ޙައްޖުވެރިއާއަށް އޮތީ ހަދްޔު ކަތިލުމެވެ. ޝާފިޢީންނާއި ޙަންބަލީން ވިދާޅުވާ ގޮތުގައި އުޟްޙިޔާއަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ސުންނަތް ވެގެންވާ ކަމެކެވެ. ދަތުރުވެރިއަކާއި  ރަށުގައި ޤާއިމުވެ ހުރިމީހަކާ ދެމެދުގައި  ތަފާތެއް ނެތެވެ. މިކަމުގެ ދަލީލަކީ ރަސޫލުﷲގެފާނު މިނާގައި އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންގެ ފަރާތްޕުޅުން ގެރިއެއް ކަތިލައްވާފައިވާތީއެވެ. (رواه الشبخان). މިއީ ޙައްޖުވެރިންނަށް އުޟްޙިޔާކަތިލުން ސުންނަތް ވެގެން ނުވާ ކަމަށް ވިދާޅުވާ ބޭކަލުންނަށް ދެއްވާ ރައްދެކެވެ.  

8- އުޟްޙިޔާ ކަތިލާއިރު ﷲގެ ނަންފުޅު ގަނެގެން ކަތިލުން. 

9- އުޟްޙިޔާގެ ގޮތުގައި ކަތިލަން ގެނެސްފައި  އޮންނަ ސޫފީގެ ގައިން ކެހެރި ނޫފުރުމާއި އޭގެ ނިޔަފަތި ނުކެނޑުން . ޙައްޖުމަހަށް ހަނދު ބެލުމަށްފަހު އެ ފަދަ ކަމެއް ނުކުރުން ސުންނަތްވެގެން ވެއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީސް ކުރެއްވިއެވެ. [مَن كانَ له ذِبْحٌ يَذْبَحُهُ فإذا أُهِلَّ هِلالُ ذِي الحِجَّةِ، فلا يَأْخُذَنَّ مِن شَعْرِهِ، ولا مِن أظْفارِهِ شيئًا حتّى يُضَحِّيَ]  - ([އުޟްޙިޔާއަށް ކަތިލުމަށް އެއްޗެއް ގެނެސްފައިވާ މީހާ ފަހެ ޙައްޖުމަހަށް ހަނދުބެލުމަށްފަހު އޭތި ކަތިލެވެންދެން އޭތިން ކެހެރިއެއްނޫފުރާ ހުށިކަމެވެ. އަދި އޭތީގެ ނިޔަފަތި ނުކަނޑާހުށިކަމެވެ.]) (أخرجه مسلم (١٩٧٧)، وأبو داود (٢٧٩١) باختلاف يسير، والترمذي (١٥٢٣)، والنسائي (٤٣٦١)، وابن ماجه (٣١٥٠)، وأحمد (٢٦٦٥٤)).

އުޟްޙިޔާއަށް ކަތިލެވޭ އެތީގެޝަރްޠުތައް

1- އުޟްޙިޔާއަށް ކަތިލެވޭ އެއްޗަކީ އުޟްޙިޔާ ވެރިޔާގެ މިލްކެއް ކަމުގައި ވުން. ވަގަށް ނަގައިގެން ނުވަތަ ފޭރިގަނެގެން ކަތިލާ އުޟްޙިޔާ ﷲ ޤަބޫލުފުޅެއް ނުކުރައްވާނެއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީސް ކުރެއްވިއެވެ. (( إنَّ اللَّهَ طَيِّبٌ لا يَقْبَلُ إلَّا طَيِّبًا] (صحيح مسلم ١٠١٥و  صحيح الترمذي ٢٩٨٩)  - 

2- އުޟްޙިޔާއަށް ކަތިލެވޭ އެތި ނަޢަމުސޫތްޕަކަށް ވުން: ނަޢަމުސޫތްޕަކަށް ވާނީ ޖަމަލާއި ގެރިއާއި މީގޮނާއި ބަކަރިއާއި ކަންބަޅިއެވެ. މުސަޅެއް ކުކުޅެއް ހާލެއް، ސީނުކުކުޅެއް، ކަނޑުމަހެއް ނަޢަމުސޫތްޕަކަށް ނުވާނެތެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. [لِكُلِّ أُمَّةٍ جَعَلْنَا مَنسَكًا لِّيَذْكُرُوا۟ ٱسْمَ ٱللَّـهِ عَلَىٰ مَا رَزَقَهُم مِّنۢ بَهِيمَةِ ٱلْأَنْعَـٰمِ]  – ([نعم ސޫފީގެތެރެއިން އެކަލާނގެ އެއުރެންނަށް ދެއްވި ތަކެތީގެ މައްޗަށް (އެބަހީ: އެތަކެތި ކަތިލެވޭހިނދު) اللَّه ގެ اسم ފުޅު ނަންގަތުމަށްޓަކައި، ތިމަންރަސްކަލާނގެ ކޮންމެ أمّة އަކަށްވެސް قربان ކުރުމެއް ލެއްވީމެވެ.]) (الحج : 34).

3- އުޟްޙިޔާއަށް ކަތިލެވޭ އެއްޗަކީ ޝަރްޢު ކަނޑައަޅުއްވައިފައިވާ ޢުމުރު ފުރިހަމަވެފައިވާ އެއްޗެއް ކަމުގައި ވުން. ކަންބަޅިއެއް ކަމުގައިވާނަ އޭތީގެ ޢުމުރަކަށް ވާންޖެހޭނީ އޭތީގެ ޢުމުރުން 6 މަސް ފުރިފައިވާ އެއްޗަކަށް ވާން ޖެހޭނެއެވެ. ޖަމަލެއްނަމަ އޭތީގެ ޢުމުރުން ފަސްއަހަރު ފުރިފައިވާ އެއްޗެއް ކަމުގައި ވާން ޖެހޭނެއެވެ.  . ގެރިއެއްނަމަ އޭތީގެ ޢުމުރުން 2 އަހަރު ފުރިފައިވާ އެއްޗަކަށް ވާންޖެހޭނެއެވެ.  ބަކަރިއެއްނަމަ އެއް އަހަރު ފުރިފައިވާ އެއްޗަކަށް ވާންޖެހޭނެއެވެ. ޝަރްޢު ކަނޑައަޅުއްވައިފައިވާ ޢުމުރަށްވުރެ ދޮށިވުމުން އެކަމުގައި މަސްއަލައެއް  ނެތެވެ. ރަސޫލާ صلى الله عليه وسلم ޙަދީސް ކުރެއްވިއެވެ. [لا تَذْبَحُوا إلّا مُسِنَّةً]  - ([ދަތްފަޅައިފައިވާ އެއްޗެއް މެނުވީ ތިޔަބައިމީހުން ކަތިނުލާށެވެ!]) (أخرجه أحمد 3/312، وفي 3/327، و"مسلم" 6/77، و"أبو داود" 2797، و"النَّسائي" 7/218 ، وفي "الكبرى" 4452 ، و"ابن ماجة" 3141، و"ابن خزيمة" 2918). 

4- އުޟްޙިޔާއަށް ކަތިލެވޭ އެތި ހުރިހާ އުނި ޢައިބުތަކަކުން ސަލާމަތްވެގެންވާ އެއްޗަކަށް ވުން . މަޝްހޫރު އުނި ސިފަތަކަކީ ، އަވަރުކަމާއި ، ކޮރުކަމާއި ، ބަލިމަޑުކަމާއި ކަމީނާކަމެވެ. ރަސޫލާ صلى الله عليه وسلم ގެ މި ޙަދީސްފުޅުގައި މި ސިފަތައް ބަޔާންކޮށްދެއްވައިފައިވެއެވެ.  [أربعٌ لا تجوزُ في الأضاحيِّ العَوراءُ البَيِّنُ عَورُها والمريضةُ البَيِّنُ مرضُها والعرجاءُ البَيِّنُ ضلعُها والكسيرُ الَّتي لا تنقى]  – ([ހަތަރު ބާވަތެއްގެ ނަޢާމުސޫފި އުޟްޙިޔާއަށް ކަތިލުން ހުއްދަވެގެން ނުވެއެވެ. ފާޅުކަން ބޮޑު  އަވަރު އެއްޗެއްސާއި، ފާޅުކަން ބޮޑު ބަލި އެއްޗެއްސާއި. ފާޅުކަންބޮޑު ކޮރު އެއްޗެއްސާއި ކަމީނަކަން ބޮޑު އެއްޗެއްސެވެ.]) (أخرجه أبو داود (٢٨٠٢)، والنسائي (٤٣٦٩)، وابن ماجه (٣١٤٤)، وأحمد (١٨٥١٠)).

އުޟްޙިޔާގެ ވަގުތު

 ޢިލްމުވެރިން އެއްބަސްވެ ވަޑައިގަންނަވާ ގޮތުގައި އުޟްޙިޔާ ކަތިލުމުގެ އެންމެ މާތް ވަގުތަކީ ޢީދު  ދުވަހުގެ އިރުމެދުން ފިލުމުގެ ކުރިންނެވެ. ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައިވާ ގޮތުގައި [އަހުރެމެން މި ދުވަސް ފަށާނީ  ނަމާދު ކުރުމުންނެވެ. ދެން އެނބުރި ގޮސް އުޟްޙިޔާ ކަތިލާނީއެވެ. ހަމަކަށަވަރުން އެ ފަދައިން ޢަމަލު ކުރިމީހާ ތިމަންކަލޭގެފާނުގެ ސުންނަތާ އެއްގޮތަށް ޢަމަލު ކޮށްފިއެވެ.] ހަމަ އެ ފަދައިން ޢިލްމުވެރިން އެއްބަސްވެ ވަޑައިގަންނަވާ ގޮތުގައި ޢީދު ވިލޭރޭ ނުވަތަ ޢީދު ނަމާދުގެ ކުރިން އުޟްޙިޔާ ކަތިލުން ހުއްދަ ވެގެން ނުވެއެވެ، 

1- ޙަނަފީ މަޛްހަބު: އުޟްޙިޔާ ކަތިލުމުގެ ވަގުތު ފެށޭނީ ޢީދު ދުވަހަށް ފަތިސް ވުމުންނެވެ. މި ވަގުތު ނިމޭނީ ތިންވަނަ ދުވަހުގެ އިރު އޮއްސުމުގެ ތަންކޮޅެއް ކުރިންނެވެ. ނަމަވެސް ޢީދު ނަމާދު ޤާއިމު ކުރެވޭ ސަހަރުތަކުގައި ޢީދު ނަމާދު ކުރަން ޖެހޭ މީހުން ޢީދު ނަމާދު ކުރުމުގެ ކުރިން އުޟްޙިޔާ ކަތިލައިގެން ނުވާނެއެވެ. ޢީދު ނަމާދު ކުރުމަށް ފަހު ، ޚުޠުބާ ކިޔުމުގެ ކުރިން ވެސް އުޟްޙިޔާ ކަތިލެވިދާނެއެވެ. ޢީދު ނަމާދު ނުކުރާ ރަށްރަށުގެ މީހުންނަށް ޢީދު ދުވަހަށް  ފަތިސް ވުމުން އުޟްޙިޔާ ކަތިލެވިދާނެއެވެ. އުޟްޙިޔާއަށް ކަތިލުމަށް ގަނެފައިވާ ބަކަރި ގެއްލުނު ނަމަ ނުވަތަ ވަގަށް ނެގި ނަމަ އަލުން ބަކަރިއެއް ގަތުން މޮޅު އިތުރު ވެގެންވެއެވެ. ބަކަރި ގަތްފަހުން ގެއްލުނު ބަކަރި ފެނުނު ނަމަ އިތުރު ވެގެންވަނީ އެ ދޭތި ކަތިލުމެވެ. ނުވަތަ ފުރަތަމަ އެތި ކަތިލުމެވެ. އަގުގެ ގޮތުން ދޭތި އެއްވަރު ނަމަ ދެވަނަ އެތި ވެސް ކަތި ލެވިދާނެއެވެ.ޢީދު ދުވަސް ކަނޑައެޅުމުގައި އެރި އޮޅުމެއްގެ ސަބަބުން ޙައްޖުމަހުގެ ނުވަވަނަދުވަހު ޢީދުކޮށް އުޟްޙިޔާ ކަތިލި ފަހުން އެއީ ޢަރަފާތު ދުވަސްކަން އެނގުނު ކަމުގައި ވިޔަސް ޢީދު ނަމާދުވެސް އަދި އުޟްޙިޔާ ވެސް ޞައްޙަވާނެއެވެ. އުޟްޙިޔާ ކަތިލުމުގެ ދުވަސްތަކަކީ ޢީދު ދުވަހާއި ޢީދު ދުވަހާ ވިދިގެން އަންނަ ދެ ދުވަހެވެ. ރޭގަނޑުގެ ވަގުތެއްގައި އުޟްޙިޔާ ކަތިލުން މަކްރޫހަ ވާނެއެވެ. ޙަނަފީންގެ ދަލީލަކީ އަލްބަރާއު ބުނު ޢާޒިބުގެ އަރިހުން ރިވާވެގެންވާ ޙަދީޘެވެ. ކީރިތި ރަސޫލާ ޙަދީޘް ކުރެއްވިއެވެ. [ނަމާދުގެ ކުރިން އުޟްޙިޔާ ކަތިލި ނަމަ އެއީ އޭނާގެ އަމިއްލަ ނަފްސަށްޓަކައި ކަތިލި އެއްޗެކެވެ. ޢީދު ނަމާދުގެ ފަހުން ކަތިލި މީހާ ފަހެ ، ހަމަކަށަވަރުން ސުންނަތް އަދާކޮށްފިއެވެ.] ( قال الزيلعى عنه : غريب جدا). މި ބަސްފުޅުގައި ރަސޫލުﷲގެފާނު އުޟްޙިޔާ ތަރްތީބު ކުރައްވާފައި މިވަނީ ނަމާދާ ވިދިގެންނެވެ. ޚުޠުބާއަކާ ގުޅުއްވާފައެއް ނެތެވެ. މީގެ އިތުރަށް އިބްނު ޢުމަރުގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲގެފާނު ޙަދީޘް ކުރެއްވިއެވެ. [އަޟްޙާއަކީ (އެބަހީ އުޟްޙިޔާގެ ދުވަސްތަކަކީ) އަޟްޙާ ޢީދުދުވަހުގެ ފަހުން ދެ ދުވަހެވެ.]  ( رواه مالك).

2- މާލިކީން ވިދާޅުވާ ގޮތުގައި، ޢީދު ނަމާދުގެ އިމާމުގެ ޙައްޤުގައި ނަމަ އުޟްޙިޔާ ކަތިލުމުގެ ވަގުތު ފެށޭނީ ނަމާދުކޮށް ޚުޠުބާ ކިޔުމަށް ފަހުގައެވެ. އޭނާ އޭގެ ކުރިން އުޟްޙިޔާ ކަތިލި ނަމަ މި އުޟްޙިޔާ ޞައްޙައެއް ނުވާނެއެވެ. އެހެންމީހުން އުޟްޙިޔާ ކަތިލަން ވާނީ ޢީދު ނަމާދުގެ އިމާމު ކަތިލުމުންނެވެ. އިމާމާގެ ކުރިން ކަތިލި އުޟްޙިޔާ ޞައްޙައެއް ނުވާނެއެވެ. އެހެންކަމުން ޢީދު ނަމާދުގެ ކުރިން ކަތިލެވޭ އުޟްޙިޔާ އުޟްޙިޔާއަކަށް ނުވާނެއެވެ. މި ބޭކަލުންގެ ދަލީލަކީ ޖާބިރުގެފާނު އަރިހުން ވާރިދުވެފައިވާ ޙަދީޘެވެ. އެކަލޭގެފާނު ވިދާޅުވާ ގޮތުގައި ރަސޫލުﷲގެފާނު އުޟްޙިޔާ ކަތިލެއްވުމުގެ ކުރިން އުޟްޙިޔާ ކަތިލި މީހންނަށް އަލުން އުޟްހިޔާ ކަތިލުމަށް ރަސޫލާ އަމުރު ކުރެއްވިއެވެ. (رواه أحمد ومسلم). 

3- ޢިލްމުވެރީންގެ ޞަޙީޙު ރައުޔުތަކަށް ބަލާއިރު އުޟްޙިޔާ ރޭގަނޑުގައި ވެސް އަދި ދުވާލުގައި ވެސް ކަތިލުން ހުއްދަވެގެންވެއެވެ. ކުރީ ޒަމާނާ ޚިލާފަށް މި ޒަމާނުގައި ރޭގަނޑުގައި ވެސް އަނދިރިކަމެއް ނެތެވެ. އެހެންކަމުން ރޭގަނޑުގައި އުޟްޙިޔާ ކަތިލުމަކީ މިއަދު އެކަމުގައި އެއްވެސް ބުރަކަމެއް އޮތް ކަމެއް ނޫނެވެ.

_____________________________

 

(ނިމުނީ)

ހަމަމިގަލަމުން

އިދާރާ

ވާހަކަ