އަދުގެ ޚާއްސަ

ކައު ރަސޫލާގެ ސީރަތުގެ މުތީތަކާއި ޝަޛާތަކުން (16)

. ހިމެނޭބަޔަކީ ސިޔަރަތު

 

އިބްރާހީމް ރަޝީދު މޫސާ

(15 މެއި 2020 ގައި ޝާއިޢު ކުރެވުނު ބަޔާ ގުޅޭ)

294. ރަސޫލުالله صلى الله عليه وسلم  ޔަމާމާގެ ރަސްގެފާނު ހައުޛަތު ބިން ޢަލިލް ޙަނަފީގެ ގާތަށް  ސަލީޠު ބިން ޢަމްރުލް ޢާމިރީގެފާނު ފޮނުއްވިއެވެ. ރަސުލާގެ ފަތްކޮޅު ކިޔައިފައި އޭނާ އިސްލާމެއް ނުވެއެވެ.  

295. މިއީ ރަސޫލާ صلى الله عليه وسلم ރަސްރަސްކަލުންނަށް ފޮނުއްވި ފަސް ފަތްކޮޅުގެ ވާހަކައެވެ. މި ފަސް ފަތްކޮޅު ފޮނުއްވީ ހިޖްރައިން 7 ވަނަ އަހަރުގެ މުޙައްރަމު މަހުގެ ތެރޭގައެވެ.  ހިޖްރައިން 8ވަނަ އަހަރު ރަސޫލާ صلى الله عليه وسلم އިތުރު ފަތްކޮޅުތައް އިތުރު ރަސްރަސްކަލުންނަށް ފޮނުއްވިއެވެ. 

296. ޚައިބަރު ހަނގުރާމައިގެ ތިން ދުވަސް ކުރިން [ޛޫ ޤަރަދު]  ހަނގުރާމަ ހިނގިއެވެ. މި ހަނގުރާމައަށް [ޣަޒްވަތުލް ޣާބަތި] ވެސް ކިޔެއެވެ. މި ހަނގުރާމައިގެ ބަޠަލަކީ ސަލަމަތު ބުނުލް އަކްވަޢެވެ. ރަސޫލާ صلى الله عليه وسلم އެކަލޭގެފާނަށް ޣަނީމަ މުދަލުން ދެ ބައި ދެއްވިއެވެ. މި ހަނގުރާމަ ހިނގީ ޣަޠުފާން ވަންހައިގެ ބަޔަކާއެކު  ޢުޔައިނަތު ބިން ޙިޞްނުލް ފަޒާރީ  މަދީނާގެ ރަށްބޭރުގެ ހިސާބަކަށް ޙަމަލާދީ ރަސޫލާގެ ޖަމަލުކޮޅުތަކުން ވިހި ޖަމަލު ފޭރިގަނެ މި ޖަމަލުތައް ބަލަހައްޓާ މީހާ މަރައިލައި އޭނާގެ އަންހެނުން އަޅުވެތިކުރުމުންނެވެ. ސަލަމަތު ބުނުލްއަކްވަޢަށް މި މަންޒަރު ފެނިވަޑައިގެންނެވުމުން ދުނިދަނޑިއާއި ލޮންސި ހިއްޕަވައިގެން ފައިންޕުޅު މަތީގައި ދުވެފައި ވަޑައިގެން އެމީހުންނަށް ޙަމަލާ ދެއްވިއެވެ. އެކަލޭގެފާނު އެ ޖަމަލުކޮޅުތަކުގެ ތެރެއިން ބައެއް ސަލާމަތް ކުރެއްވުމަށް ފަހު އެހީއަށް އެދިވަޑައިގެން ގޮވައިލެއްވިއެވެ. މި ޚަބަރު ރަސޫލާއަށް ލިބިވަޑައިގަތުމުން އެހީ ފޮނުއްވިއެވެ. ރަސޫލާ ﷺ ސަލަމަތުގެފާނުގެ ގޮވައިލެއްވުމަށް އިޖާބަ ދެއްވުމުގެ ގޮތުން 500 ޞަޙާބީން ފޮނުއްވިއެވެ. އެބޭކަލުންނަށް ވަޑައިގެންނެވުމުގެ ކުރިން ސަލަމަތުގެފާނު ވަނީ ރަސުލާގެ ހުރިހާ ޖަމަލުކޮޅުތަކެއް ފޭރޭމީހުންގެ އަތުން އަނބުރާ ހޯއްދަވައިފައެވެ. އިބްނު ޢުޔައިނާ ބިން ޙިޞްނު ފިލަން އުޅެނިކޮށް އޭނާ ޤަތުލު ކުރެއްވީ އަބޫ ޤަތާދަތުލް ޙާރިޘީއެވެ. މި ހަނގުރާމަޔާ ބެހޭގޮތުން ރަސޫލާ  ﷺ  ޙަދީސް ކުރެއްވިއެވެ. [ސަލަމަތު ބުނުލް އަކްވަޢެވެ.]  (رواه مسلم). މި ހަނގުރާމައިގައި ރަސޫލާ ﷺ އެކަލޭގެފާނުގެ އަޞްޙާބުންނާއިގެން ފުރަތަމަފަހަރަށް [صلاة الخوف] ނަމާދު ކުރެއްވިއެވެ. (رواه أحمد بسندٍ صحيح).  އެއަށްފަހު ރަސޫލާ ޞަޙާބީންނާއެކު އިށީނދެވަޑައިގެން ސަމާސާ ބަސްފުޅުތައް ވިދާޅުވެ ޖަމަލު ކަތިލުއްވަވާ ފަރިއްކުޅުއްވިއެވެ. 

297. ރަސޫލާ ﷺ  މަދީނާއަށް އެނބުރިވަޑައިގެންނެވީ އެކަލޭގެފާނުގެ ހުރިހާ ޖަމަލުކޮޅުތައް ފޭރޭމީހުންގެ މީހުންގެ އަތުން އަތުލުއްވައިގެންނެވެ. 

298. މަޝްހޫރު ޚައިބަރު ހަނގުރާމަ ހިނގީ ހިޖްރައިން 7ވަނަ އަހަރުގައެވެ.  ޚައިބަރަކީ ޔަހޫދީން ވަޒަންވެރިވެގެން ތިބި މަދީނާއ  153  ކީލޯމީޓަރު އިރު އުތުރުގައި އޮތް ބިމެކެވެ. މި ބިމުގައި ޔަހޫދީން ތިބެގެން ރަސޫލާއާއި މުސްލިމުންނާ ދެކޮޅަށް މުއާމަރާތައް ރާވަމުން ގޮސްފައި ވެއެވެ.

299. މުސްލިމުންނާ ދެކޮޅަށް ހިނގި އަޙްޒާބު ހަނގުރާމައިގެ މޭސްތެރިންނަކީ ޚައިބަރުގެ ޔަހޫދީންނެވެ. ﷲ ސުބްޙާނަހޫ ވަ ތަޢާލާ ވަނީ ޚައިބަރު ފަތަޙަ ކުރެވޭނެ ކަމުގެ ހެޔޮ ޚަބަރު ރަސޫލާއަށް ދެއްވައިފައެވެ. އަލްފަތުޙު ސޫރަތުގައި ، މާތް ﷲ ވަޙީ ކުރެއްވިއެވެ. [وَعَدَكُمُ اللَّـهُ مَغَانِمَ كَثِيرَةً تَأْخُذُونَهَا فَعَجَّلَ لَكُمْ هَـٰذِهِ وَكَفَّ أَيْدِيَ النَّاسِ عَنكُمْ وَلِتَكُونَ آيَةً لِّلْمُؤْمِنِينَ وَيَهْدِيَكُمْ صِرَاطًا مُّسْتَقِيمًا ﴿٢٠﴾ وَأُخْرَىٰ لَمْ تَقْدِرُوا عَلَيْهَا قَدْ أَحَاطَ اللَّـهُ بِهَا ۚ وَكَانَ اللَّـهُ عَلَىٰ كُلِّ شَيْءٍ قَدِيرًا ﴿٢١﴾ وَلَوْ قَاتَلَكُمُ الَّذِينَ كَفَرُوا لَوَلَّوُا الْأَدْبَارَ ثُمَّ لَا يَجِدُونَ وَلِيًّا وَلَا نَصِيرًا] – ([މާނައީ:  އަދި އެއުރެންނަށް ލިބޭނެ ގިނަ غنيمة މުދާތައްވެސްމެއެވެ. عزيز ވަންތަ، حكيم ވަންތަ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ. (19)  ތިޔަބައިމީހުންނަށް ލިބޭނެ ގިނަ غنيمة މުދާތަކެއް، ތިޔަބައިމީހުންނަށް اللَّه وعد ކުރައްވާފައިވެއެވެ. ފަހެ، މިކަންތައް ތިޔަބައިމީހުންނަށް އެކަލާނގެ އަވަސްކޮށްދެއްވިއެވެ. އަދި ތިޔަބައިމީހުންގެ ކިބައިން މީސްތަކުންގެ އަތްތައް (އެބަހީ: އުނދަގޫތައް) ދުރުކުރެއްވިއެވެ. އަދި (مؤمن ންނަށް نصر ލިބޭނެކަމުގެ) ހެތްކެއްކަމުގައި އެކަން ވުމަށްޓަކައެވެ. އަދި ތިޔަބައިމީހުންނަށް ސީދާވެގެންވާ ތެދުމަގަކަށް މަގުދެއްކެވުމަށްޓަކައެވެ. (20)  އަދި އެކަމުގެ މައްޗަށް ތިޔަބައިމީހުން ކުޅަދާނަވެގެންނުވާ އެހެންކަމެއްވެއެވެ. ހަމަކަށަވަރުން، اللَّه އެކަން ދެނެވޮޑިގެންވެއެވެ. ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ކަލަކުކަމުގައި اللَّه ވޮޑިގެންވެއެވެ. (21) كافر ވިމީހުން، ތިޔަބައިމީހުންނާ ހަނގުރާމަކުރިނަމަ، އެއުރެން ފުރަގަސްދީ އެނބުރި ހިނގައްޖައީސްކަން ކަށަވަރެވެ. ދެން އެއުރެންނަކަށް އެހީތެރިޔަކުވެސް، އަދި نصر ވެރިޔަކުވެސް ނުފެންނާނެތެވެ.])

300. ޚައިބަރަކީ ޙުދައިބިއްޔާގެ އަހްލުވެރީންނަށް މާތް ﷲ ދެއްވި ޣަނީމާއެކެވެ. އެކަލޭގެފާނުގެ އަރިހުގައި ޙުދައިބިއްޔާއަށް ވަޑައިގެންނެވި 1400 ބޭކަލުންގެ ތެރެއިން ދުނިޔޭގައި ތިއްބެވި ހުރިހާ ބޭކަލުންނަށް ރަސޫލާ މި ހަނގުރާމައިގައި ބައިވެރިވެ ވަޑައިގަތުމަށް  ދަޢުވަތު ދެއްވިއެވެ. 

301. ރަސޫލާ ﷺ ޚައިބަރަށް ވަޑައިގެންނެވުމުން ޔަހޫދީންގެ ހިތަށް ބިރުވެރިކަން ވަދެ ރަށުގެ ކިއްލާތަކުގެ ދޮރޯށިތައް ވަރުގަދައަށް ތަޅުލިއެވެ. އަދި މުޙައްމަދުގެފާނާއި  އެކަލޭގެފާނުގެ ލަޝްކަރު އަތުވެއްޖެ ކަމަށް ގޮވައި އިޢުލާނު ކުރިއެވެ.

302. ރަސޫލާ ﷺ އަށް މި މަންޒަރު ފެނިވަޑައިގަތުމުން ހަރުއަޑުފުޅުން ތަކްބީރު ވިދާޅުވެ ޚައިބަރު ހަލާކުވެއްޖެކަމަށް ވިދާޅުވިއެވެ. އަދި ވެސް ވިދާޅުވިއެވެ. [އަހުރެމެން ބައެއްގެ މައިދާނަށް ފައިބައިފިނަމަ އެބައެއްގެ ހެނދުން ނުބައިވާނެތެވެ.] 

303. ޚައިބަރުގެ ޙިޞާރުގެ ތެރޭގައި ޞަޙާބީންގެ ބުޠޫލަތްތައް ފާޅުވެގެން ދިޔައެވެ. އޭގެތެރޭގައި ޢަލީގެފާނާއި ޒުބައިރުގެފާނާއި އަބޫ ދުޖާނަތުގެފާނާއި ސަލަމަތު ބިނުލްއަކްވަޢު ފަދަ ބޭބޭކަލުންގެ ފަރްދީ ބުޠޫލަތްތައް ފާހަގަ ކުރެވެއެވެ. ޔަހޫދީންގެ މަޝްހޫރު ހަނގުރާމަވެރިޔާ  މަރްޙަބު ޤަތުލުކުރެއްވީ ޢަލީގެފާނެވެ. އޭނާގެ އަޚު ޔާސިރު  ޤަތުލު ކުރެއްވީ ޒުބައިރުގެފާނެވެ. 

304. ޔަހޫދީންނަށް އެމީހުންނަށް އެހެން ގޮތެއް ނެތްކަން ކަށަވަރުވުމުން އަމާންދީ ވާހަކަދައްކަން ހުށައެޅިއެވެ. ރަސޫލާ ﷺ އެމީހުންނަށް އެމީހުންގެ އަނބިދަރީންއެކު ޚައިބަރުން ނުކުތުމުގެ ހުއްދަ ދެއްވިއެވެ. އެމީހުން ޚައިބަރުން ނުކުންނަން ވާނީ ހުރިހާ ހަތިޔާރުތަކެއް ބަހައްޓައިފައިކަމަށް ވިދާޅުވިއެވެ. އެހެން ކޮންމެ އެއްޗެއް ގެންދިޔުމުގެ ހުއްދަ އެމީހުންނަށް ދެއްވިއެވެ. 

305. ޚައިބަރުން ނުކުތުމުގެ ބަދަލުގައި އެމީހުން އެ ބިމުގައި ކުލީމީހުންގެ ގޮތުގައި ދަނޑުތަކުގައި މަސައްކަތް ކުރުމަށް ބައިތިއްބަވާ ދެއްވާތޯ ރަސުލާގެ އަރިހުން އެދުމުން ރަސޫލާ އެކަމަށް އެއްބަސްވެވަޑައިގެންނެވިއެވެ. އެ މީހުން ހައްދާ އެއްޗެއްގެ ދެ ބައި ކުޅަ އެއްބައި އެމީހުންނަށް ދެއްވާ ގޮތަށެވެ. ރަސޫލާ އެކަމަށް އެއްބަސްވެވަޑައިގަތީ ޚައިބަރަކީ ވަރަށް ބޮޑު ބިމަކަށް ވާތީއާއި މަދީނާގައި މި ފަދަ ބޮޑު ބިމެއްގައި ދަނޑުވެރިކަން ކުރާނެ މީހުން ނެތީތީއެވެ.

306. މުސްލިމުން ޚައިބަރު ފަތަޙަ ކުރުމަށް ވަރަށް ޚާއްޞަ ޢިނާޔަތެއް ދިނެވެ. މާތް ﷲ ރުއްސުންލެއްވި އިބްނު ޢުމަރު ވިދާޅުވިއެވެ. [ޚައިބަރު ފަތަޙަކުރެވިއްޖައުމަށްދާންދެން ތިމަން ބޭކަލުން ބަނޑުފުޅު ބޮޑުވާވަރަށް ފަރީއެއްނުކުޅުއްވަމުއެވެ.]  ( رواه البخاري)

307. މާތް ﷲ ރުއްސުންލެއްވި ޢާއިޝަތުގެފާނުގެ އަރިހުން އިމާމުލް ބުޚާރީ ރިވާކުރެއްވިއެވެ. އެކަމަނާ ވިދާޅުވިއެވެ. [ޚައިބަރު ފަތަޙަވުމުން އަހުރެމެން ބުނީމެވެ. މީގެފަހުން އަހުރެމެން ކަދުރުން ބަނޑުބޮޑުވާނެތެވެ.] އެއީ ޚައިބަރުގައި ކަދުރު ރުއްތައް ހުރިލެއް ގިނަކަމުންނެވެ. 

(ނުނިމޭ)

ހަމަމިގަލަމުން

އިދާރާ

ވާހަކަ