އަދުގެ ޚާއްސަ

Print

ދެވަނަ ފުރުޞަތު (2)

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ވާހަކަ

އަސްމާ އަބޫބަކުރު

(ކުރީ ދުވަހު ޝާއިޢުކުރެވުނު ބަޔާ ގުޅޭ) 

"މަންމާ. މިއަދު އޮފީހުގައި ހުރެފައި ޒަލާ ކުޅެންދާ ގަޑިއަށް އަންނާނަމޭ ބުނެފައި އޮތީމަ އަންނަން އުޅުނިން. އެކަމަކު ކުއްލިއަކަށް ބާއްވަން ޖެހުނު މީޓިންއެއް އޮވެގެން ނާދެވުނީ." ޒަހުވާ ކަންބޮޑުވެފައި ހުރެ ބުންޏެވެ.                  

[ގެއަށް ތިވަދެވެނީ ޒަލާ ނިދާފަހުން. ހެނދުނު އެމަންޖެ ހޭލާއިރު ދަރިފުޅުމެން އުޅޭނީ ގަޑި އަތްމައްޗަށް ލައިގެން އަވަސް އަރުވާލައިގެން. ޒަލާއަށް މަންމަ އާއި ބައްޕަ ފެންނާނީ ދުވާލެއްގެ ކުޑަ ހިނދުކޮޅަކު.] މަންމަގެ ވާހަކައަށް ފާހިމް ޖަވާބުދޭން އުޅެނިކޮށް ފޯން ރިންގ ވުމާއެކު ތެދުވެގެން ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. އެވަގުތު ލޯ އުނގުޅަމުން ޒަލާ ނިކުތްތަން ފެނުމުން ޒަހުވާ ގޮސް ޒަލާ އުރާލާ ލޯބިކޮށްލިއެވެ.               

[މަންމަގެ ބަސްއަހާ ދަރިފުޅަށް ހޭލެވުނީތަ؟ ހިނގާ އަވަހަށް ނިދާލަން ދާން.] ޒަލާ އުރާލުމަށްފަހު ޒަހުވާ ދިޔައީ ޒަލާގެ ކޮޓަރިއަށެވެ. ޒަލާއަށް މަންމަވެސް ފެންނަނީ މަދު ފަހަރަކުއެވެ. 

ޒަލާގެ ޢުމުރުން އައި އެންމެ ހިތާމަވެރި ދުވަހަކަށްވީ މާމަ ނިޔާވި ދުވަހެވެ. އޭރު ޒަލާ އުޅެނީ ގްރޭޑް ފަހެއް ގައެވެ. ޒަލާއަށް ހުރިހާ ގޮތަކުން އެހީތެރިވުމަށް ހުރި މާމަ މިދުނިޔެއާއި ވަކިވުމުން ޒަލާގެ ދިރިއުޅުން ބަދަލުވީއެވެ. ބޮޑާ ދެއްކުމާ ގޮތްދޫނުކުރުން އާދައަކަށް ވިއެވެ. ސްކޫލްގައި ޓީޗަރުންނާވެސް ޒުވާބު ކުރެއެވެ. ރައްޓެހި ކުދީންނަ މާބޮޑު ގުޅުމެއް ނޯވެއެވެ. ޙަޤީޤަތަށް ބުނާނަމަ ޒަލާއަށް މަގުދައްކާނެ ފަރާތެއް ނެތީއެވެ. މަންމަ އާއި ބައްޕަގެ ބިޒީ ޝެޑިއުލް އަކަށް މާބޮޑު ބަދަލެއް ނާދެއެވެ. ނަމަވެސް ޒަލާގެ ޝަކުވާއެއް އަތުވެއްޖެނަމަ އެކަމަށް ފިޔަވަޅު އަޅައެވެ. އެހެން ކަންތައް ކުރުމުން ޒަލާއަށް ޝަކުވާ ކުރުމަކީ އާދައަކަށް ވިއެވެ. ޓީޗަރުންގެ ޚާއްޞަ ސަމާލުކަން ހޯދުމަށް ޒަލާ ބޭނުންކުރި ހަތިޔާރަކަށް މަންމަ އާއި ބައްޕަ ވިއެވެ. އެހެން ކުދީން ކުރާ ކަންކަން ގޯސްވެ ޒަލާ ކޮޅަށް ގިނަފަހަރު ކާމިޔާބު ލިބެއެވެ.                                  

ޒަހުވާ އާއި ފާހިމް ޒަލާއަށް ވިސްނައި ދީފައިވަނީ، ޒަލާއަކީ މިނިވަނެއް ކަމެވެ. ބޭނުން ކަމެއް ކުރުމުގެ ފުރުޞަތު ޒަލާއަށް އޮންނާނެ ކަމެވެ. މަންމަ އާި ބައްޕަ ފައިސާ ހޯދަނީ ޒަލާ އުފަލުގައި ބަހައްޓަން ކަން އަބަދުވެސް ހަނދާން ކޮށްދެއެވެ. ފައިސާ ލިބޭނީ ގިނަވަގުތު މަސައްކަތް ކޮށްގެން ކަމުގައި ޒަހުވާ ވަނީ ޒަލާއަށް ވިސްނައިދީފައެވެ. ޒަލާއަށް ހޯދައިދޭ އަގުބޮޑު ހަދިޔާތަކުގެ ތަކުގެ ސަބަބުން ކުރީގެ ދިރިއުޅުންމަތީން ޒަލާ ހަނދާން ނެތޭން ފަށައިފިއެވެ. މާމަ އަޅައިދިން ބިންގާ ފުނޑު ފުނޑުވީއެވެ. ބޭނުންވާ އެއްޗެހި ލިބޭތީ ޒަލާވެސް މިހާރު މައްސަލައެއް ނުޖައްސައެވެ. 

ކުޑަކުޑަ ޒަލާ ފުރާވަރަށް އަޅައިފިއެވެ. ހަށިގަނޑަށް ބޮޑެތި ބަދަލު އައިސް ޒުވާން ކަމުގެ ކުލަވަރު ފެންނަން ފަށައިފިއެވެ. އެހެން ނަމަވެސް މައިން ބަފައިންނަކަށް ދަރީން ބޮޑެއް ނުވާނޭ ބުނާ އުޞޫލުން ޒަހުވާ އާއި ފާހިމްއަށް އެއީ އެމީހުންގެ ކުޑަ ދަރިފުޅެވެ. ޒަލާ ރޯދައަށް ހުރެފައިވެސް ބަނޑުހައިވެގެން ނުހުރެވޭނޭ ކަމަށް ބުނާއިރަށް ކާންދެއެވެ. އެއީ އެދަރިފުޅު ރޯދައަށް ބަހައްޓައިފިނަމަ ބަނޑަށް މަރުވެދާނެތީއެވެ. ޒަލާގެ ކިބައިން ބޮޑު އަންހެން ކުއްޖެއްގެ ޢަލާމާތް ފެންނަން ފެށިފަހުން ޒަހުވާގެ ރާގު އެހެން ގޮތަކަށް ބަދަލު ކުރިއެވެ. ޢުމުރުން އަށާރަ އަހަރު ނުވަންޏާ އަދި އެއީ ކުޑަކުދީން ކަމުގައި ޒަހުވާ ބުނަމުން ދިޔައެވެ. ޒަލާ ރޯދައަށް ހުންނާނީ ބޮޑުވުމުން ކަމަށާއި، އެއީ ޢުމުރުން އަށާރަ އަހަރު ފުރުމުން ކަމުގައި، ކަމަށް ބުނުމުން ރޯދަ ހިފުން އެއީ ޒަލާ ދަންނަ ކަމަކަށް ނުވިއެވެ. 

ގްރޭޑް ދިހައެއްގައި އުޅުނު ދުވަސްވަރަކީ ޒަލާގެ ގިނަ އެކުވެރީންވެސް ޒަލާގެ ރީތި ކަމަށް ތަޢުރީފް ކުރަމުން އައި ދުވަސްވަރެވެ. މުޅި ސްކޫލްގައި ޒަލާއާއި އެއްވަރުގެ އެހެން ކުއްޖެއް ނެތްކަމަށް ހުރިހާ ފިރިހެން ކުދީން އެއްބަސްވެއެވެ. ޒަލާއަށް ލިބޭ ގިނަ އެސް.އެމް.އެސް ތަކާއި ފޯން ކޯލްތަކުން، އިތުރަށް ފަރިބެލެން ފެށިއެވެ. އެކަމަށް މައިން ބަފައިންގެ ފަރާތުން ލިބުނީ އިތުރު ހިތްވަރެކެވެ. ރީތިވެގެންވާ ކުރު ހެދުންތަކާ އެއްވަރަށް މޭކަޕް ސާމާނާއި އަރަން ގެންގުޅޭ ފައިވާނާއި ބޫޓް ބޭރުން އެތެރެ ކޮށްދެއެވެ. ޒަލާގެ ރީތިކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނީ ރީތި ހެދުންތަކެވެ. އަޅާ ގަހަނާތަކެވެ. 

[މަންމާ މިއަަހަރު އަހަރެން ފިޒިކްސް އަށް ވަރަށް ދަށް. ޓީޗަރެއް ގެނެސްދޭންވީނުން އެމާއްދާ ކިޔަވަން.] ޒަލާ ފޯނުން މަންމަ އާއި ވާހަކަ ދެއްކިއެވެ. 

[މަންމަގެ ދަރިފުޅާ. މާދަމާއިން ފެށިގެން ޓީޗަރެއް ގެންނަން ބައްޕަ ގާތުގައި ބުނާނަން.] މަންމަގެ ޖަވާބު އަޑުއިވިފައި ޒަލާ އުފާވެއްޖެއެވެ.                                

ޚިޔާލު ތަކުގެ ތެރެއިން ނިކުންނަން ޖެހުނީ ޤުރުއާން ކިޔަވަން އިން އަންހެންމީހާ ޒަލާއަށް ގޮވާލުމުންނެވެ.                   

[އެގެނައީ ކާއެއްޗެހި. ތެދުވޭ ސައިބޯން.] އެމީހާގެ ވާހަކައަށް ކާންގެނައި ތަށްޓަށް ޒަލާ ބަލާލާފައި އަނގަ ހަދާލިއެވެ. ކޮންމެވެސް ވަރަކަށް ރޯފިލާފައި ހުރި ރޮށްޓާއި މުގު ރިހައެވެ. ޒަލާ ދުވަހަކު ކޭ އެއްޗެއްވެސް ނޫނެވެ.                          

[ނުކާނަން.] ޒަލާގެ ޖަވާބު އަޑު އިވުމުން އެއަންހެން މީހާ ޒަލާއާ ދިމާއަށް ބަލާލިއެވެ. އެވަގުުތު އެއަންހެންމީހާ އަށް ފެނުނީ ޒަލާގެ ލޮލުން ކަރުނަ ފައިބާ ތަނެވެ. އެހެން ޒުވާން ކުދިންނާ ޚިލާފަށް ނެގިމަޑުވެފައި އިންނަތަނެވެ.                       

[އަހަރެން ބޭނުމީ މަރުވާން. އަހަރެން ބޭނުމީ މަރުވާން.] ޒަލާ ރޮމުން ރޮމުން ދިޔައިރު އެއަންހެންމީހާ އިނީ ބަލަހައްޓައި ގެންނެވެ.                                   

[ކޮއްކޯ ރޮއިގެން އެއްވެސް ކަމަކަށް ޙައްލެއް ނުލިބޭނެ. އަދި މާޔޫސް ވާކަށްވެސް ނުވޭ. ﷲ އީ ތަޢުބާ ޤަބޫލު ކުރައްވާ ރަސްކަލާންގެ. ހެޔޮ ޢަމަލެއް ކުރެވޭތޯ ބަލާ.] އަންހެން މީހާގެ ވާހަކަ އަޑިއިވުމާއެކު ޒަލާ ރުއިން ހުއްޓާލުމަށްފަހު އޭނާއާ ދިމާއަށް ބަލާލިއެވެ. 

[ދައްތާ. އަހަންނަކީ މަޢާފު ޙައްޤުވާވަރުގެ އިންސާނެއް ނޫން. އަހަރެން އުޅުނީ ވަރަށް ވިޔާނުދާކޮށް. އެހެންވީމާ އަހަރެން ބޭނުމީ ޙައްޤު އަދަބު ލިބެން. އަހަރެން މަރާލުން އެއީ ޙައްޤު އަދަބު.] ބިރުވެރިކަން އެކުލެވިފައިވާ އަޑަކުން ޒަލާ ބުނަމުން ދިޔައެވެ. ދިރިއުޅުން ބައްޓަން ކުރެވިފައިވަނީ ރަނގަޅަށް ނޫންކަން ޒަލާއަށް އެނގެއެވެ.                                 

[ކުރެވުނު ކުށްތަކަށް ތަޢުބާވޭ. އެކަލާންގެއީ އެންމެ އޯގާވަންތަ ރަސްކަލާންގެ.] އަންހެން މީހާގެ އަޑުއިވުމާއެކު ޒަލާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ޒަލާ ކަހަލަ ދުވަހަކު ހެޔޮކަމެއް ކޮށްފައި ނުވާ މީހަކަށް ތަޢުބާ ވެވޭނެ ހެއްޔެވެ؟  އަނެއްކާވެސް ޒަލާއަށް ރޮވެން ފެށިއްޖެއެވެ. އަންހެން މީހާ ކާންގެނައި ތަކެތި ކައި ނިމިގެން އަނެއްކާވެސް ޤުރުއާން ކިޔަވަން ފެށިއެވެ. ޒަލާ އޮށޯވެ އޮންނަތާ އެތައް އިރެއްފަހުން ބަނޑުހައިކަން އިޙުސާސް ވާން ފަށައިފިއެވެ. އެންމެފަހުން ގޮސް އަނގަހަދާފައި ދުރުކުރި ކާއެއްޗެތި ކާން ފަށައިފިއެވެ. ކިރިޔާ ބަނޑަށް އެނގިލާވަރަށް ކެވުމާއެކު ޒަލާ އެތަށިތައް ދުރައްޖައްސައިފިއެވެ. އެއަށްފަހު އެއަންހެން މީހާ ކިޔަވަމުން ގެންދާ ޤުރުއާން ކިޔެވުން އަޑުއަހަން ފަށައިފިއެވެ. 

އެދުވަހު ހަވީރު ފުލުހުންގެ ދެމީހަކު އައިސް ޒަލާގެންގޮސް އެހެން ގޮޅިއަކަށް ލައިފިއެވެ. އެތަންފެނުމާއެކު ޒަލާގެ ހިތުގައި ބިރުވެރިކަން އުފެދޭން ފެށިއެވެ. އެހެންނަމަވެސް މިއަދު ކުރެވޭނެ ކަމެއް ނެތެވެ. ކުނާގަނޑުމަތީ އޮށޯވެ އެތައް އިރަކު އޮތީ ކުރެވުނު ކަންތަކާމެދު ވިސްނާށެވެ. އެއް އޮއްވާ އަނެއްކާވެސް ޚިޔާލީ ދުނިޔެއަށް ގޮސް ގެއްލިއްޖެއެވެ. 

ޒަލާ ތައްޔާރުވަމުން ދިޔައީ ޓިއުޝަން ނެގުމަށެވެ. މިއަދު ފިޒިކްސް ޓީޗަރު އަންނަންވާއިރަށް އާހެދުމެއްލާ ތައްޔާރުވެއްޖެއެވެ. ހީވަނީ އަލަތު ކައިވެންޏަކަށް ތައްޔާރުވި ހެންނެވެ. ގަޑިޖެހުމުގެ މަކުރީން ޒަލާ އިނީ ފިޒިކްސް ކިޔެވުމަށް ތައްޔާރުވެގެންނެވެ. 

[މެޑަމް. ސައި ތައްޔާރު ވަނީ. މެޑަމް ސައި ނުބޮނީތަ؟] ޒަލާއަށް ބަލާލަފައި ވިޝާކާ އެހިއެވެ. 

[އާން. ސައި ނުބޯނަން. އަހަރެން ޓިއުޝަން ގަޑި ފެށެނީ. ވިޝާކާދޭ އެފަރާތަށް. ޓިއުޝަން ނަގާ ވަގުތު މިކޮޅަށް ނާންނައްޗޭ.] ޒަލާގެ އޯޑަރ އައުމާއެކު ވިޝާކާ ގޮސް ގެއްލިއްޖެއެވެ. ޓިއުޝަން ޓީޗަރ ސިޓިންގރޫމް ކުރިމަތީ ހުރެ އިނގިރޭސި ބަހުން ސަލާމް ގޮވައިލީވެސް އެވަގުތެވެ. ޒަލާއަށް ބޭއިޚްތިޔާރުގައި ހުރެ ތެދުވެވުނީ ރީތި ޅަޒުވާން ޓީޗަރ ފެނުމުންނެވެ. ޒަލާގެ ސްކޫލްގައި ވެސް އެޓީޗަރުހާ ރީތި ފިރިހެނަކު ނޫޅެއެވެ. ފުރަތަމަ ދެދުވަހު މާގިނަ ވާހަކަ ތަކެއް ނުދެއްކި ނަމަވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޒަލާ އާއި ރާޖޭޝް ކުމާރު ގާތް ދެރަޙުމަތްތެރީންނަށްވެ ނިމިއްޖެއެވެ. ފިޒިކްސް ޓީޗަރަކީ ބޭރު މީހެއްކަމުގައި ވިއަސް ހުރިހާ ގޮތަކުން ޒަލާގެ ގޭގައި މިނިވަންކަން އޮތެވެ. ޒަލާގެ ހުރިހާކަމެއް މަޑުމަޑުން ޓީޗަރަށް އެނގެމުން ދިޔައެވެ.

ރާޖޭޝް ކުމާރު އޭނައަށް ވީވަރަކުން އިސްލާމްދީނާމެދު ޒަލާގެ ހިތުގައި ނަފްރަތުގެ އަލިފާން ރޯކުރުމަށް މަސައްކަތް ކުރަމުން ދިޔައެވެ. އަދި އެހިތުގައި ކްރިސްޓިއަން ދީނާމެދު ލޯބި ޖައްސަމުން ގެންދިޔައެވެ. ދުވަސްކޮޅެއްފަހުން ފެނުނީ ޓިއުޝަން ނަގާގަޑީގައި ޒަލާގެ ކޮޓަރި ތަޅުލައިފައި ހުއްޓައެވެ. ސިޓިންގ ރޫމުން ކޮޓަރިއަށް ޓިއުޝަން ބަދަލުވީއެވެ. ފުރަތަމަ އެ ކުރެވެނީ ކީއްކަން ނޭނގުނަސް ފަހުން ޒަލާއަށް އެކަމަށް އިންތިޒާރު ކުރެވެން ފެށިއެވެ. އަދި އޭގެފަހުން އެކަމަށް ދެވިހިފީއެވެ. މަންމަ އާއި ބައްޕަ ދިން މިނިވަންކަމުގެ ބޭނުން ޒަލާ ރަނގަޅަށްވެސް ހިފައިފިއެވެ. ޒުވާން ދެހިތެއް އެކަހެރި ތަނަކުން ބައްދަލު ކުރަން ވެއްޖެނަމަ ތިންވަނަ ފަރާތަކަށް ޝައިޠާނާ ހުންނާނޭ ބުނާ އުޞޫލުންނެވެ.

ގްރޭޑް ދިހައެއް ނިމުމާއެކު ޓިއުޝަން ޓީޗަރު ގެއްލިއްޖެއެވެ. އެ ފަހަރު ޗުއްޓީއަށް ޤައުމަށް ދިޔަ ގޮތަށް އޭނާ އެނބުރިއެއް ނާދެއެވެ. އަނެއްކާވެސް ޒަލާ ފޫހިވަން ފަށައިފިއެވެ. އޯލެވެލް ނިމި ގޭގައި ހުންނަންވާތީ އެވެ. 

ރޭގަނޑުގެ ވަގުތެވެ. ޒަލާ އިންތިޒާރު ކުރަމުން ދިޔައީ މަންމަ އާއި ބައްޕަ ގެއަށް އަންނާނެ ވަގުތަކަށެވެ. ފޫހި ފިލުވުމަށް އާކަމެއް ފެށުމުގެ ޚިޔާލު ހޯދުމަށް ވެސް މިރޭ މުހިއްމު ވީމައެވެ. ގާތްގަނޑަކަށް ދިހައެއް ޖަހަން އުޅެނިކޮށް މަންމަ އައިސް ގެއަށް ވަދެއްޖެއެވެ. 

[ޒަލާ ދަރިފުޅާ. ކޮޓަރީގަ ނޯވެ ހިނގާބަލަ މަންމަ އާއެކު ރޭގަނޑު ކެއުމުގައި ބައިވެރިވާން.] މަންމަގެ އަޑާއެކު ޒަލާއަށް ފުންމައިގެން ތެދުވެވުނެވެ. ބޭނުންވެފައި ހުރި ކަންތައް ބުނާން ފުރުޞަތު ލިބޭތީ ޒަލާހުރީ އުފަލުން ފުރިފައެވެ.

(ނުނިމޭ)

އިދާރާ

އެނގޭތަ؟

ވާހަކަ