އަދުގެ ޚާއްސަ

Print

ފިޠުރު ޒަކާތް އަގުން ދެއްކުން

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ފިޤުހު

އިބްރާހީމް ރަޝީދު މޫސާ

الله سبحانه وتعالى ފިޠުރު ޒަކާތް ޝަރްޢުކުރެއްވީ ހިޖްރައިން ދެވަނަ އަހަރުގެ ޝަޢުބާން މަހުގައެވެ. އެއީ ރޯދަ ފަރްޟުކުރެއްވި އަހަރެވެ. އަދި އޭރު މުދަލުޒަކާތް ފަރްޟެއް ނުކުރައްވައެވެ. އިބްނު ޢުމަރުގެ އަރިހުން ރިވާވެގެންވެއެވެ. [فَرَضَ رَسولُ اللَّهِ صَلّى اللهُ عليه وسلَّمَ زَكاةَ الفِطْرِ صاعًا مِن تَمْرٍ، أوْ صاعًا مِن شَعِيرٍ على العَبْدِ والحُرِّ، والذَّكَرِ والأُنْثى، والصَّغِيرِ والكَبِيرِ مِنَ المُسْلِمِينَ، وأَمَرَ بها أنْ تُؤَدّى قَبْلَ خُرُوجِ النّاسِ إلى الصَّلاةِ] - ([ރަސޫލާ صَلّى اللهُ عليه وسلَّمَ މުސްލިމުންގެ ތެރޭގައި ހިމެނޭ ކޮންމެ މިނިވަން އަންހެނަކާއި ފިރިހެނެއްގެ މައްޗަށާއި، ކޮންމެ އަޅުފިރިހެނަކާއި އަންހެނެއްގެ މައްޗަށް، ކޮންމެ ބޮޑުމީހަކާއި ކުޑަކުއްޖެއްގެ މައްޗަށް ފިޠުރުޒަކާތް ކަދުރުގެ ޞާޢެއްގެ މިންވަރުން ނުވަތަ ހިމަގޮދަނުގެ ޞާޢެއްގެ މިންވަރުން ފަރްޟު ކުރެއްވިއެވެ.])

މި ޙަދީޘުން އެނގޭގޮތުގައި ފިޠުރުޒަކާތަށް ނެރޭ ންޖެހޭނީ ޞާޢެއްގެ މިންވަރެވެ. އެއީ ގާތްގަނޑަކަށް 2.4 ކީލޯ ގްރާމެވެ. ޙަނަފީންގެ ރައުޔުގައި އެއީ 3.8 ކީލޯގްރާމެވެ. 

ފިޠުރު ޒަކާތުގެ ޙިކްމަތް

މާތްﷲ ފިޠުރުޒަކާތް ފަރްޟުކުރެއްވީ މަތިވެރި މަޤްޞަދުތަކަކަށް ޓަކައެވެ. އޭގެ ތެރޭގައި މިއަންނަ ހިކްމަތްތައް ވެއެވެ.

1. ފަޤީރުންނަށް ތަނަވަސް ކޮށްދިނުމާއި، އެމީހުންގެ ބޭނުންތައް ފުއްދައި ދިނުން. ރަސޫލުﷲގެފާނު ޙަދީޡްކުރައްވަނީ [أَغْنُوهُم عَنْ المَسْألَةِ فِى هَذَاالْيَوْمِ] - ([ތިޔަބައިމީހުން މިއަދު އެބައިމީހުން ސަލާން ޖެހުމުން ފުދުންތެރިކޮށްދޭށެވެ.]) 

2. ރަމަޟާންމަހު ހިފި ރޯދައިގައި ޖެހިފައިވާ ލައްތައް ފިލުވުން. މާތްﷲ ރުއްސުންލެއްވި އިބްނު ޢައްބާސް ވިދާޅުވިއެވެ. [فرض رسولُ اللهِ ﷺ زكاة الفطرِ طُهرَةً للصائمِ من اللغوِ والرفثِ وطُعْمَةً للمساكينِ من أدّاها قبلَ الصلاةِ فهي زكاةٌ مقبولَةٌ ومنْ أدّاها بعدَ الصلاةِ فهيَ صدقةٌ منَ الصدقاتِ]  - ([ﷲގެ ރަސޫލާ ފިޠުރުޒަކާތް ފަރްޟުކުރެއްވީ ރޯދަވެރިޔާ ރޯދަހިފިއިރު ދައްކާފައިވާ ބޭކާރު ވާހަކަތަކުންނާއި ހަޑިހުތުރު ބަސްތަކުން އޭނާގެ ރޯދަ ޠާހިރުކޮށްދެއްވުމަށާއި ، މިސްކީނުންނަށް ހަމްދަރްދީވެ އެހީތެރި ވުމަށްޓަކައެވެ.ޢީދު ނަމާދުގެ ކުރިން އެ ޒަކާތް އަދާކޮށްފިނަމަ އެއީ ޤަބޫލުވެވިގެންވާ ޒަކާތެކެވެ. ޢީދު ނަމާދަށްފަހު އެ ޒަކާތް އަދާކުރިނަމަ ފަހެ އެއީ ޞަދަޤާތްތަކުގެތެރެއިން ޞަދަޤާތެކެވެ.])  

3. އަތްމަތި ދަތި ޙާލުގައިވެސް ހޭދަކުރުމަށް މުސްލިމުންނަށް ތަމްރީނު ދިނުން. އެއީ އޭނާގެ އަތަކީ އަބަދުވެސް ހޭދަކުރާ އަތަކަށް ވުމަށްޓަކައެވެ. އަހަރު ތެރޭގައި އެންމެ ދުވަހަކުވެސް ހޭދަކުރާ މީހަކަށްވުމުގެ ފޮނިކަން ޙާޞިލު ކުރުމަށްޓަކައެވެ. އިބްނު ޢުމަރުގެ އަރިހުން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ صَلّى اللهُ عليه وسلَّمَ ޙަދީސް ކުރެއްވިއެވެ. [اليَدُ العُلْيا خَيْرٌ مِنَ اليدِ السُّفْلى]  - ([ދަށުގައި އޮންނަ އަތަށްވުރެ މަތީގައި އޮންނަ އަތުގެ ހެޔޮކަން ބޮޑުވެގެން ވެއެވެ.]) އިބްނު ޢުމަރު މާނަކޮށްދެއްވި ގޮތުގައި ދަށުގައި އޮންނަ އަތަކީ ސަލާންޖަހާ އަތެވެ. މަތީގައި އޮންނަ އަތަކީ ސަލާންޖަހާ މީހާއަށް އެއްޗެހި ދިއްކޮށްލައި އަތެވެ. 

4. ރަމަޟާން މަހުގައި ހިފަން އެންގެވި ރޯދަ ހިފުމުގައި ތައުފީޤު ދެއްވިކަމަށް ޓަކައި މާތްﷲއަށް ޝުކްރު ދެންނެވުން. މާތްﷲ ވަޙީ ކުރެއްވިއެވެ. [ يُرِيدُ ٱللَّـهُ بِكُمُ ٱلْيُسْرَ وَلَا يُرِيدُ بِكُمُ ٱلْعُسْرَ وَلِتُكْمِلُوا ٱلْعِدَّةَ وَلِتُكَبِّرُوا۟ ٱللَّـهَ عَلَىٰ مَا هَدَىٰكُمْ وَلَعَلَّكُمْ تَشْكُرُونَ]  – ([اللَّه، ތިޔަބައިމީހުންނަށް ލުއިފަސޭހަގޮތް އިރާދަކުރައްވަތެވެ. އަދި ދަތި އުނދަގޫގޮތް ތިޔަބައިމީހުންނަކަށް އިރާދައެއް ނުކުރައްވަތެވެ. (މިކަންތައްތައް މިގޮތަށް ކަނޑައަޅުއްވާފައިވަނީ) ތިޔަބައިމީހުން އެ މައްސަރުގެ ދުވަސްތަކުގެ عدد ފުރިހަމަ ކުރުމަށްޓަކައެވެ. އަދި ތިޔަބައިމީހުންނަށް ތެދުމަގު ދެއްކެވިކަން މައްޗަށް اللَّه އަށް تكبير ކިޔައި އުޅުމަށްޓަކައެވެ. އަދި ތިޔަބައިމީހުން (އެކަލާނގެއަށް) شكر ވެރި ވުމަށްޓަކައެވެ. ]) 

5. މީސްތަކުންގެ ޚާޢްޞަކޮށް މިސްކީނުންނާއި ފަޤީރުންގެ ހިތްތަކަށް އުފާވެރިކަން ވައްދައިދިނުމާއި ޢީދުގެ އުފަލުގައި އެމީހުން ބައިވެރިކުރުން. ޢީދަކީ އުފާފާޅުކުރުމުގެ ދުވަހަކަށް ވާތީ ފަޤީރުން އެ ދުވަހު ބޭރަށް ނުކެމެ ސަލާންޖަހަން އުޅުމަކީ މި އުފާވެރިކަމާ އަރާރުންވާނެ ކަމެކެވެ. ރަސޫލާ އިރްޝާދު ދެއްވައިފައި ވަނީ އެދުވަހު ފަޤީރުން ފުދުންތެރި ބަޔަކަށް ހަދައިދިނުމަށެވެ. އެމީހުން ސަލާންޖަހަން ގޭގެއަށް ނުދާވަރު ކޮށްދިނުމަށެވެ. ރަސޫލާ صَلّى اللهُ عليه وسلَّمَ ޙަދީސް ކުރެއްވިއެވެ. [أغنوهُمْ عن الطَّوافِ في هذا اليومِ] - ([ތިޔަބައިމީހުން މިއަދު އެބައިމީހުން ސަލާންޖަހަން ނުކުމެއުޅުމުން ފުދުންތެރިކުރާށެވެ!]) 

6. ރަމަޟާން މަހު ހިފި ރޯދައިގައި ހުރި އުނިކަންކަން ފޫބެއްދުން : ވަކީޢު ބުނުލް ޖައްރާޙު ވިދާޅުވިއެވެ. ރޯދަވެރިޔާ ފިޠުރުޒަކާތް ދިނުމަކީ  ނަމާދު ކުރާމީހާ  ކުށު ސަޖިދަ ކުރުންފަދަ ކަމެކެވެ. ނަމާދުގައި ހެދޭ ކުށް ރަނގަޅު ކުރުމަށް ޓަކައި ކުރަން އަންގަވައިފައިވާ ކަމަކީ ކުށުސަޖިދަ ޖެހުމެވެ.  ރޯދަހިފާއިރު ކުރެވޭ ކުށްތައް ރަނގަޅުކޮށް އިޞްލާޙު ކުރުމަށް  ލިބިގެންވަނީ ފިޠުރު ޒަކާތެވެ.  

ފިޠުރުޒަކާތް ވާޖިބުވުމުގެ ޝަރްޠުތައް

(1) މުސްލިމަކު ކަމުގައިވުން.  ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މި ކަމުގައި ކިރުބޯ ކުއްޖެއް ، ކުޑަކުއްޖެއް ،ބާލިޣުވެފައިވާ މީހެއް ، ބާލިޣުނުވާ މީހެއް،  ބޮޑުމީހެއް، އަންހެނެއް ، ފިރިހެނެއް ، ރޯދަ ހިފި މީހެއް ، ނުހިފާ މީހެއް ތަފާތެއް ނުވެއެވެ. އަންހެނުން ޙައިޟުވުމުގެ ސަބަބުން ނުވަތަ ނިފާސްކަމުގެ ސަބަބުން ރޯދައެއް ނުހިފޭނެއެވެ. ކުޑަކުދިންގެތެރޭގައި ރޯދަ ނުހިފޭވަރުގެ ކުދިން ތިބޭނެއެވެ. އަދި ރޯދަ ނުހިފޭވަރުގެ މުސްކުޅީން ވެސް ތިބޭނެއެވެ މާތް ﷲ ވަޙީ ކުރެއްވިއެވެ. [وَعَلَى الَّذِينَ يُطِيقُونَهُ فِدْيَةٌ طَعَامُ مِسْكِينٍ فَمَنْ تَطَوَّعَ خَيْرًا فَهُوَ خَيْرٌ لَهُ وَأَنْ تَصُومُوا خَيْرٌ لَكُمْ إِنْ كُنْتُمْ تَعْلَمُونَ]  – ([އަދި އުނދަގޫކަމާއެކު އެކަމަށް ކުޅަދާނަވާ މީހުންގެ މައްޗަށްއޮތީ، (ރޯދަ ދޫކޮށްލުމާއެކު) فدية ދިނުމެވެ. (فديةގެ މިންވަރަކީ) مسكينއަކަށް ކާންދޭ މިންވަރެވެ. ފަހެ، تطوّعގެ ގޮތުން އިތުރު ހެޔޮކަމެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެކަންތައް އެމީހަކަށް ހެޔޮކަން ބޮޑެވެ. އަދި ތިޔަބައިމީހުން ރޯދަހިފުން ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. އެކަން ތިޔަބައިމީހުން ދަންނާނެ ނަމައެވެ.]) ބަލިމީހުންނާއި ދަތުރުވެރިން ރޯދަ ހިފުން މަޖްބޫރެއް ނުވާނެއެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. (( فَمَنْ كَانَ مِنْكُمْ مَرِيضًا أَوْ عَلَى سَفَرٍ فَعِدَّةٌ مِنْ أَيَّامٍ أُخَرَ -  އަދި ތިޔަބައިމީހުންގެ ތެރެއިން ބަލިވެއުޅޭ މީހާ ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ، (އެ މައްސަރުގެ ރޯދަ ދޫކޮށްލައިފިނަމަ) އެހެންދުވަސްތަކަކުން އެ عدد ހަމަކުރުން ހުށްޓެވެ.))   ކޮންމެ މުސްލިމެއްގެ މައްޗަށް ފިޠުރު ޒަކާތް ވާޖިބުވާނެ ކަމުގެ ދަލީލަކީ ކީރިތި ރަސޫލާ  ގެ ބަސްފުޅުގެ ޢާއްމު ކަމެވެ. އެކަލޭގެފާނު ޞަޙާބީންނަށް އަމުރު ކުރެއްވީ ފިޠުރު ޒަކާތް ދެއްވުމަށެވެ. ތަފްޞީލެއް ނުކުރައްވައެވެ. އެކަލޭގެފާނުގެ ބަސްފުޅުގައި ރަމަޟާން މަހު ރޯދަ ނުހިފާ މީހާ ޒަކާތް ދޭން ނުޖެހޭނެ ކަމަކަށް ވިދާޅެއް ނުވެއެވެ. އެހެންކަމުން ރަސޫލާގެ އިސްވެ ބަޔާންކުރި ޙަދީސުގެ މާނަ އޮންނާނީ މުޠުލަޤުކޮށް ޝާމިލުކޮށްނެނެވެ. 

(2) ރަމަޟާންމަހުން ބަޔަކާއި ޝައްވާލުމަހުން ބަޔެއް ލިބުން.ރަމަޟާންމަހުގެ އެންމެ ފަހުދުވަހު އިރުނޯއްސެނީސް މަރުވި މީހާއަށާއި، ޢީދުވިލޭރޭ އުފަންވި ކުއްޖާއަށް ފިޠުރުޒަކާތް ދޭކަށް ނުޖެހޭނެއެވެ.

(3) ތިމާއާއި ތިމާ ޚަރަދުދީ ބެލެހެއްޓުން ވާޖިބުވެފައިވާ މީހުން ޢީދު ދުވަހާއި ޢީދު ވިލޭރޭ ކައިބޮއެ ހަދާނެ އެއްޗެއްސަށްވުރެ އިތުރު އެއްޗެއް ހުރުން.

ކުޑަކުއްޖާއާއި މޮޔަމީހާގެ މުދަލުންވެސް ފިޠުރު ޒަކާތް ނެރުން ވާޖިބުވާނެއެވެ. އެކަމަކު މިކަން ކުރަންޖެހޭނީ އެމީހުންގެ ބެލެނި ވެރީންނެވެ. އިބްނު ޚުޒައިމާ ރިވާކުރައްވާ ގޮތުގައި [قَدْ أَفْلَحَ مَن تَزَكَّىٰ] - ([ހަމަކަށަވަރުން ޒަކާތްދޭމީހާ ކާމިޔާބު ހޯދައިފިއެވެ.]) މި އާޔަތް ބާވައިލެއްވީ ފިޠުރުޒަކާތާ ބެހޭގޮތުންނެވެ. 

ޝާފިޢީންނާއި މާލިކީން  ވިދާޅުވާގޮތުގައި އަޅުންގެ ކިބައިން ފިޠުރުޒަކާތް ދައްކާކަށް ނުޖެހޭނެއެވެ. 

ޙަންބަލީން ވިދާޅުވާގޮތުގައި އެމީހުންގެ ކިބައިން ޒަކާތް ދައްކަން ޖެހޭނެއެވެ. އެއީ އިސްވެދިޔަ ޙަދީޘުގައި އެކަން ޢާއްމު ކުރައްވާފައިވާތީއެވެ. ކުޑަކުދިން ބާލިޣުވަންދެން އެކުދިންނަށްޓަކައި ޒަކާތް ދެއްކުން ބައްޕަގެ މައްޗަށް ވާޖިބުވާނެއެވެ. އަންހެންކުދިން ބާލިޣުވިޔަސް މީހަކާ އިންނަންދެން ފިޠުރުޒަކާތް ދައްކާނީ ބައްޕައެވެ. 

މާލިކީންނާއި ޙަންބަލީން ވިދާޅުވާ ގޮތުގައި ފަޤީރު ބައްޕަގެ އަނބިމީހާއަށާއި ނޯކަރުމީހާއަށްވެސް ފިޠުރު ޒަކާތް ދައްކައިދިނުން ވާޖިބުވާނެއެވެ. އެކަމަކު ޝާފިޢީން ވިދާޅުވާގޮތުގައި ފަޤީރު ބައްޕަގެ އަނބިމީހާއަށް ޒަކާތް ދައްކާދޭކަށް ނުޖެހޭނެއެވެ. 

ޖުމްހޫރުން ވިދާޅުވާގޮތުގައި  ފިޠުރު ޒަކާތް ވާޖިބުވެފައިވާ މީހަކު އެ އަދާކުރުމުގެ ކުރިން މަރުވެއްޖެނަމަ އޭނާގެ ތަރިކައިން އެ އަދާކުރަން ޖެހޭނެއެވެ. އޭނާ މަރުވުމަކުން އެޒިންމާ ކެނޑިގެނެއް ނުދާނެއެވެ. އެހެނަސް ޙަނަފީން ވިދާޅުވާގޮތުގައި އެ ޒަކާތް އަދާކުރަން ޖެހޭނީ އެކަމަށް ވަޞިއްޔަތްކޮށްފައިވާ ނަމައެވެ. އަދި އެކަންކުރާނީ އޭނާގެ މުޅި މުދަލުގެ ތިންބައިކުޅަ އެއްބައިގެ ތެރެއިންނެވެ. އެކަމަށް ވަޞިއްޔަތް ނުކުރާނަމަ އެ އަދާކުރެވޭނީ ވާރުތަވެރިންގެ ރުހުމާ ލައިގެންނެވެ.  

ޒަކާތް ވާޖިބުވާ ވަގުތު

ޙަނަފީން ވިދާޅުވާގޮތުގައި ފިޠުރު ޒަކާތް ވާޖިބުވާނީ ޢީދުވިލޭރޭ ފަތިސްވުމުންނެވެ. އެހެނީ އެއަށް ނަންދެވިފައި މިވަނީ ފިޠުރުންނެވެ. ފިޠުރަކީ ދުވާލުގެ ކަމެކެވެ. އެހެންކަމުން ފަތިސްވުމުގެ ކުރިން މަރުވި މީހާގެ މައްޗަށް ފިޠުރުޒަކާތް ވާޖިބެއް ނުވާނެއެވެ.  ޙަނަފީން ވިދާޅުވާ ގޮތުގައި ރަމަޟާން މަސް އައުމުން ފިޠުރު ޒަކާތް ނެރެވިދާނެއެވެ. އަދި ފިޠުރު ޢީދުދުވަހުގެ ފަހުންވެސް އެޒަކާތް އަދާކުރެވިދާނެއެވެ. ރަމަޟާންމަސް އައުމުގެ ކުރިން ފިޠުރު ޒަކާތެއް ނުދެއްކޭނެއެވެ. 

އެހެނަސް ޖުމްހޫރުން ވިދާޅުވާ ގޮތުގައި، ޢީދު ވިލޭރެއަށް އިރުއޮއްސުމުން ފިޠުރުޒަކާތް ވާޖިބުވާނެއެވެ. ޢީދު ވިލޭރެއަށް އިރުއޮއްސުމުން ރޯދަހިފުމެއް ނޯންނާނެއެވެ. ޢީދު ވިލޭރެއަށް އިރުއޮއްސުނު ފަހުން އުފަންވާ ކުއްޖާގެ ފަރާތުން ފިޠުރުޒަކާތް ދޭކަށް ނުޖެހޭނެއެވެ. އެހެނަސް އެރޭ މަރުވިމީހާގެ ފަރާތުން ޒަކާތް ދައްކަން ޖެހޭނެއެވެ. 

ޝާފިޢީން ވިދާޅުވާގޮތުގައި ރަމަޟާންމަހަށް ހަނދުބެލުމުން ފިޠުރުޒަކާތް ނެރެވިދާނެއެވެ. އެހެނަސް ރަމަޟާންމަސް އައުމުގެ ކުރިން ފިޠުރު ޒަކާތެއް ނުދެއްކޭނެއެވެ. ޝާފިޢީން ވިދާޅުވާގޮތުގައި، ޢީދު ނަމާދަށްވުރެ ފިޠުރުޒަކާތް ދިނުން ލަސްނުކުރުން ސުންނަތްވެގެން ވެއެވެ. އެއަށްވުރެ ލަސްވެއްޖެނަމަ، ޢީދުދުވަހުގެ ކުރީކޮޅުގައި ނެރުން އިތުރު ވެގެންވެއެވެ. ޢުޛުރަކާނުލައި، ޢީދުދުވަހަށްވުރެ ލަސްކުރުމަކީ ފާފަވެރިވާނެ ކަމެކެވެ. އޭރުން އޭނާ އެކަން ޤަޟާކުރަން ޖެހޭނެއެވެ. ފިޠުރުޒަކާތް ނެރުން ލަސްކުރުމުގެ މަސްއަލާގައި ޙަންބަލީންވެސް ވިދާޅުވަނީ  ހަމަމިގޮތަށެވެ. އެންމެ އިތުރުވެގެންވަނީ ޢީދުނަމާދު ކުރުމުގެ ކުރިން ޒަކާތް ދިނުމެވެ. 

މާލިކީންނާއި ޙަންބަލީން ވިދާޅުވާގޮތުގައި ޢީދުގެ ދެދުވަސް ކުރިން ފިޠުރުޒަކާތް ނެރެވިދާނެއެވެ. ފިޠުރުޒަކާތް ނެރުން ލަސްކުރުމުގެ މަސްއަލާގައި ޙަންބަލީންގެ ރައުޔަކީވެސް މިއެވެ. 

މާލިކީން ވިދާޅުވާގޮތުގައި ޢީދުނަމާދުގެ ފަހުން ޒަކާތް ނެރުމަކީ ހުއްދަކަމެކެވެ. ވަގުތު ފާއިތުވިޔަސް އެޒަކާތް އަދާކުރަން ޖެހޭނެއެވެ. 

މި ބަސްފުޅުތަކުން އެނގޭގޮތުގައި ހުރިހާ ޢިލްމުވެރިން ވެސް ވިދާޅުވާ ގޮތުގައި މުސްތަޙައްބު ވެގެން ވަނީ ޢީދު ނަމާދު ކުރުމުގެ ކުރިން ފިޠުރު ޒަކާތް ނެރުމެވެ. ނަބިއްޔާ صَلّى اللهُ عليه وسلَّمَ އަމުރުކުރައްވައިފައި ވަނީ އެ ގޮތަށެވެ. ފަޤީރުން ޢީދު ދުވަހު ފުދުންތެރިކުރެވޭނީ އޭރުންނެވެ. ޢީދު ނަމާދަށްފަހު އެ ޒަކާތް ދެއްކުމަކީ މަކްރޫހަ ކަމެކެވެ.

ފިޠުރު ޒަކާތް ނެރެންޖެހޭ މީހުން

ތިމާގެ އަމިއްލަ ނަފްސުގެ މަތިން ފިޠުރުޒަކާތް ނެރުން ވާޖިބުވާ ފަދައިން، ތިމާ ޚަރަދުދީ ބެލެހެއްޓުން ވާޖިބުވެފައިވާ މީހުންގެ މަތިން ފިޠުރުޒަކާތް ނެރުމަކީ ތިމާގެ މައްޗަށް ވާޖިބުކަމެކެވެ.

އެމީހުންނަކީ، އަނބީންނާއި ދަރީންނާއި މައިން ބަފައިންނާއި، އަދި މިނޫންވެސް މިފަދަ މީހުންނެވެ. މި އެންމެންގެ މަތީން ފިޠުރުޒަކާތް ދެވެންނެތްނަމަ، ދިނުމަށް ކުޅަދާނަވެގެންވީ ބަޔަކުގެ މަތީން ފިޠުރު ޒަކާތް ދިނުން ވާޖިބު ވާނެއެވެ. ފިޠުރު ޒަކާތް ދިނުމުގައި އެންމެ އިސްކުރާނީ އަމިއްލަ ނަފްސެވެ. ދެން އަނބީންނެވެ. ދެން ޅަދަރީންނެވެ. ދެން ބައްޕައެވެ. ދެން މަންމައެވެ. ދެން ބޮޑެތި ދަރީންނެވެ. ދެން މިނޫން މީހުންނެވެ.

ޢީދުވިލޭރޭ ވިހޭކުއްޖާގެ ކިބައިން ފިޠުރުޒަކާތް ނެރޭކަށް ނުޖެހޭނެއެވެ. ބަނޑުގައިވާ ދަރިފުޅުގެ ފަރާތުންވެސް ފިޠުރު ޒަކާތް ދޭކަށް ނުޖެހޭނެއެވެ.

ފިޠުރުޒަކާތް ދެވޭނީ ކޮން ބަޔަކަށް

ފިޠުރުޒަކާތް ދެވޭނީ މުދަލުޒަކާތް ދިނުން ހުއްދަ މީހުންނަށެވެ. އެހެނީ އެއީވެސް ޒަކާތެކެވެ. މާލިކީ މަޛްހަބާއި ޝާފިޢީ މަޛްހަބާއި ޙަންބަލީ މަޛްހަބު ބުނާގޮތުގައި ފިޠުރު ޒަކާތް ކާފިރަކަށް ނުދެވޭނެއެވެ. އެކަމަކު ޙަނަފީ މަޛްހަބު ބުނާ ގޮތުގައި ޒިންމީއަކަށް ދެވިދާނެއެވެ. އެއީ މަކްރޫހަ ކަމެކެވެ. ހާޝިމީވަންހައިގެ މީނުންނަށް ފިޠުރުޒަކާތެއް ނުދެވޭނެއެވެ.  (މިޒަމާނުގައި ބައިތުލްމާލިން އެމީހުންނަށް އެއްޗެއް ނުލިބޭތީ ފިޠުރު ޒަކާތް ހުއްދަވާނެކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ. އަލްފިޤްހުލް އިސްލާމީ ވަ އަދިއްލަތުހޫގެ 2048 ވަނަ ޞަފްޙާ ބައްލަވާ!)

އެތައް މީހެއްގެ ފިޠުރުޒަކާތް އެއްފަޤީރަކަށް ދެވިދާނެއެވެ. ހަމަ އެފަދައިން އެކެއްގެ ފިޠުރު ޒަކާތް އެތައް ފަޤީރުންނަކަށްވެސް ދެވިދާނެއެވެ.  (މިއީ ޝާފިޢީ މަޛްހަބުގެ ރައުޔާ ތަފާތު ރައުޔެކެވެ. ޝާފިޢީ މަޛްހަބުގެ ބައެއް ޢިލްމުވެރިން ވިދާޅުވާގޮތުގައި ފިޠުރުޒަކާތްވެސް މުދަލުޒަކާތް ދޭންޖެހޭ މީހުންގެ 6 ބާވަތަކަށް ދޭން ޖެހޭނެއެވެ.)

ފިޠުރުޒަކާތަށް ނެރުން ވާޖިބުވާ ތަކެތި

ފިޠުރުޒަކާތަށް ނެރުން ވާޖިބުވެގެންވަނީ އޮއްޓަރުހުރި ގޮވާމުގެ ތެރެއިން އެ މީހަކު  އެ އަހަރު އާދަވެގެން ކާން ގެންގުޅުނު އެއްޗަކުންނެވެ. އެއީ، ހަނޑޫ، ގޮދަން، ބިންބި، ކުދިބަތް ފަދަ ތަކެއްޗެވެ. ޒަކާތަށްނެރެވޭ ތަކެއްޗަކީ ޢައިބުތަކުން ސަލާމަތް ވެގެންވާ ތަކެތި ކަމުގައިވުން ލާޒިމެވެ. މިތަކެތި އަގުކޮށް އޭގެ އަގަށްވާ ފައިސާވެސް ޒަކާތަށް ނެރެވިދާނެއެވެ.  (ޙަނަފީ މަޛްހަބު)

ޙަނަފީން ވިދާޅުވާގޮތުގައި ފިޠުރު ޒަކާތަށް ނެރެވޭނީ ގޮދަނާއި ހިމަގޮދަނާއި ކަދުރާއި ހިކިމޭބިސްކަދުރެވެ. ޒަކާތަށް ދޭންޖެހޭނީ ބައި ޞާޢެވެ. އެއީ ގާތްގަނޑަކަށް 3.8 ކީލޯގްރާމެވެ. ޙަނަފީން ވިދާޅުވާގޮތުގައި އޭގެ އަގު ނެރުންވެސް ހުއްދަވާނެއެވެ. އެހެނީ ރަސޫލުﷲގެފާނު ޙަދީޘްކުރައްވަނީ [ أَغْنُوهُم عَنْ المَسْألَةِ فِى هَذَا الْيَوْمِ ] - ([ތިޔަބައިމީހުން މިއަދު އެބައިމީހުން ސަލާން ޖެހުމުން ފުދުންތެރި ކޮށްދޭށެވެ.] (رواه البيهقى والدارقطنى). އަގުދިނުމުންވެސް ފުދުންތެރި ކުރުވޭނެއެވެ. 

މާލިކީން  ވިދާޅުވާ ގޮތުގައި ފިޠުރުޒަކާތަށް ނެރެންޖެހޭނީ، އެ ރަށެއްގެ ބަޔަކު ޢާއްމުގޮތެއްގައި އެ އަހަރު ކައިއުޅުނު އެއްޗެކެވެ. އެއީ ނުވަ ބާވަތެކެވެ. އެއީ ގޮދަން ނުވަތަ ހިމަގޮދަން ނުވަތަ ޒުވާރި ނުވަތަ ކުދިބަތް ނުވަތަ ދުކުން ނުވަތަ ބިންބި ނުވަތަ ކަދުރު ނުވަތަ ހިކި މޭބިސްކަދުރު ނުވަތަ ހިކި ޗީޒެވެ. މި ބާވަތްތަކުގެ ތެރެއިން ޒަކާތަށް ނެރޭނީ ޢާއްމުކޮށް ކައިއުޅުނު އެއްޗެކެވެ. މިބާވަތްތައް ހިމެނޭނަމަ އޭގެތެރެއިން އެންމެ ރަގަނޅު އެއްޗެކެވެ. ފިޠުރުޒަކާތުގެ މިންވަރަކީ ޞާޢެކެވެ. އެއީ ހަތަރު މުއްދެވެ. 

ޝާފިޢީން ވިދާޅުވާގޮތުގައި ޒަކާތަށް ނެރެންޖެހޭނީ އެރަށެއްގެ ބަޔަކު އެއަހަރު ތެރޭގައި ކައިއުޅުނު އެއްޗެހީގެ ތެރެއިން އެންމެ ރަނގަޅު އެއްޗެކެވެ. ހިމަގޮދަނަށްވުރެ ގޮދަނަށް އިސްކަންދެވޭނެއެވެ. ކަދުރަށްވުރެ ބޮޑަށް އިސްކަންދެވޭނީ ހިމަގޮދަނަށެވެ. ފިޠުރު ޒަކާތުގެ މިންވަރަކީ ޞާޢެކެވެ.  

ޙަންބަލީން ވިދާޅުވާގޮތުގައި ޒަކަތް ދޭންޖެހޭނީ ގޮދަނުން ނުވަތަ ހިމަގޮދަނުން ނުވަތަ ކަދުރުން ނުވަތަ ހިކިމޭބިސްކަދުރުން ނުވަތަ ހިކި ޗީޒުންނެވެ. މިބާވަތްތައް ނެތްނަމަ އެރަށުގެ ބަޔަކު ކައިއުޅޭ އެއްޗެކެވެ. 

ފިޠުރު ޒަކާތް އަގުކޮށް ފައިސާ ދެއްކުން

ފިޠުރުޒަކާތް ފައިސާއިން ދެއްކުމުގެ ޙުކްމަކީ ކޮބައިހެއްޔެވެ؟ ޒަކާތަށް ނެރެން ޖެހޭނީ ފުށާއި، ހަނޑުލާއި ގޮދަންފަދަ އޮއްޓަރުހުރި ކާއެއްޗެހި ހެއްޔެވެ؟ ޑރ. ޔޫސުފުލް ޤަރްޟާވީ ވިދާޅުވިއެވެ. [ރަސޫލާ صَلّى اللهُ عليه وسلَّمَ ފިޠުރިޒަކާތް ފަރްޟުކުރެއްވިއިރު ކާތަކެތި ނެރެން އަމުރުކުރެއްވީ މީސްތަކުންނަށް ލުއިފަސޭހަކޮށް ދެއްވުމަށް ޓަކައެވެ. އެ ދުވަސްވަރު ގެންގުޅެނީ ރަނުގެ ނުވަތަ ރިހީގެ ފައިސާއެވެ. އެއީ މީސްތަކުންގެ ގާތުގައި ވަރަށް ލޮބުވެތި އެއްޗެކެވެ. ގިނަ ބަޔެއްގެ އަތުގައި ނަޤްދު ފައިސާ ނުވެސް ހުރެއެވެ. އެ ދުވަސްވަރު ފަޤީރުންނާއި މިސްކީނުން ނަޤްދު ފައިސާ ހޯދާކަށް ބޭނުމެއް ވެސް ނުވެއެވެ. އެމީހުން ބޭނުން ވަނީ ކާއެތިކޮޅެކެވެ. ރަސޫލާ ޖަމަލާއި ބަކަރި ގެންގުޅޭ މީހުންނަށް ޗީޒު ނެރުން ހުއްދަކުރެއްވީ އެމީހުންނަށް އެކަން ކުރަން ފަސޭހަވާނެތީއެވެ. ނަޤްދު ފައިސާއިން ޒަކާތްދައްކަން އެންގެވިނަމަ އޭގެ އަގަށް އަންނަ ބަދަލާއެކު ޒަކާތުގެ މިންވަރު އުނިވެއިތުރުވާނެއެވެ. މިއާ ޚިލާފަށް ޞާޢެއްގެ މިންވަރު ކަމަށް ހަމަޖެއްސެވުމުން އޭގެ މިންވަރަކަށް ބަދަލެއް ނާންނާނެއެވެ. ޢަދްލުވެރިކަމާ ގާތީ މި ގޮތެވެ.]

ޑރ. ޙުސާމުއްދީން ޢައްފާނާ ވިދާޅުވިއެވެ.

ޖުމްހޫރުން (މާލިކީންނާއި ޝާފިޢީންނާއި ޙަންބަލީން) ވިދާޅުވާ ގޮތުގައި ފިޠުރު ޒަކާތަށް ނެރޭން ޖެހޭނީ (ހަނޑޫ، ގޮދަން، ގޮދަން ފުށް، ޒުވާރި ފަދަ ) ކާއެއްޗެއްސެވެ. އޭގެ އަގަށް ޖެހޭ މިންވަރު ނެރުން ހުއްދަވެގެންނެއް ނުވެއެވެ. 

އެހެނަސް ޙަނަފީން ވިދާޅުވާ ގޮތުގައި އޭގެ އަގު ނެރުން ހުއްދަވާނެއެވެ. ޝާފިޢީންގެ ރައުޔުތަކުގެ ތެރޭގައި ވެސް މި ރައުޔު ހިމެނެއެވެ. މިއީ އަލްޙަސަނުލް ބަޞްރީއާއި ،ޢުމަރު ބިން ޢަބްދުލްޢަޒީޒާއި، އައްޘައުރީއާއި  ބައެއް ޞަޙާބީންގެ ރައުޔެވެ. މި ބޭކަލުންގެ ދަލީލުތަކަކީ :-  

1- ޒަކާތުގައި އަޞްލަކީ މުދަލެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. [خُذْ مِنْ أَمْوَالِهِمْ صَدَقَةً]  – ([އެއުރެންގެ މުދަލުން ކަލޭގެފާނު  ޞަދަޤާތް ނަންގަވާށެވެ!]) (التوبة : 103). އަޞްލުގައި މުދަލަކީ މީހެއްގެ އަތުގައި ހުންނަ ފައިސާއެވެ. މީހެއްގެ އަތުގައި ހުންނަ އެއްޗެއްސަށް މުދަލޭ ކިޔަނީ މަޖާޒީކޮށެވެ. ރަސޫލާ صَلّى اللهُ عليه وسلَّمَ އެ ގޮތަށް ޙަދީސް ކުރެއްވީ މީސްތަކުންނަށް ލުއިފަސޭހަ ކޮށްދެއްވުމަށެވެ. ބުރަ ދުރަށް ލެއްވުމަށް ޓަކައެވެ. 

2- ރަސޫލާއާއި އެކަލޭގެފާނުގެ ޞަޙާބީން ވަނީ އަގު ނަންގަވައިފައެވެ. ޠާވޫސްގެ އަރިހުން ރިވާވެގެންވާ ގޮތުގައި މުޢާޛުގެފާނު ޔަމަނުގެ މީހުންނަށް ވިދާޅުވިއެވެ. [ޒުވާރިއާއި ހިމަގޮދަނުގެ ބަދަލުގައި ތިޔަބައިމީހުންގެ ފޭރާންވެސް ގެންނާށެވެ. އެކަން ތިޔަބައިމީހުންނަށް ލުއި ފަސޭހަވާނެއެވެ. އަދި މަދީނާގެ މުހާޖިރުންނަށް އެ ތަކެތި މާ ރަނގަޅުވާނެއެވެ.]  (رواه يحيى بن آدم في كتاب الخراج.). އިމާމު އަލްބުޚާރީ އެކަލޭގެފާނުގެ ޞަޙީޙުގައި باب العرض في الزكاة ގެ ދަށުގައި މި ވާހަކަ ބަޔާން ކުރައްވައިފައި ވެއެވެ. މުޢާޛުގެފާނު އެ ގޮތަށް ޢަމަލު ކުރެއްވިކުރެއްވުން ރަސޫލާ صَلّى اللهُ عليه وسلَّمَ ވަނީ ޤަބޫލުކުރައްވައި ތަޤްރީރުކުރައްވައިފައެވެ. 

3- ރަސޫލާ صَلّى اللهُ عليه وسلَّمَ ވަނީ އަގަށް ރިޢާޔަތް ކުރައްވައިފައެވެ. އެކަލޭގެފާނު ޙަދީސްކުރައްވައިފައިވަނީ ކަދުރުގެ ޞާޢެއް ނުވަތަ ހިމަގޮދަނުގެ ޞާޢެއްގެ ވާހަކައެވެ. އެހެނަސް ގޮދަނާ ބެހޭ ގޮތުން ޙަދީސް ކުރެއްވީ ގޮދަނުގެ ބައި ޞާޢެވެ. އެއީ އެ ޒަމާނުގައި ގޮދަނުގެ އަގު ބޮޑުކަމުންނެވެ. މިއިން އެނގެނީ އެކަލޭގެފާނު އަގަށް ބައްލަވައިފައިވާ ކަމެވެ. [ގޮދަނުގެ ބައި ޞާޢު] މިއީ ވަރަށް ގިނަ ޙަދީސްފުޅުތަކުގައި އައިސްފައިވަ  ޞީޣާއެކެވެ. އެހެންކަމުން އެއީ ޟަޢީފު ބަހެކޭ ނުބުނެވޭނެއެވެ. 

ފިޠުރު ޒަކާތުގެ މަޤްޞަދަކީ ފަޤީރުން ފުދުންތެރި ކޮށް ދިނުމެވެ. މި ޒަމާނަށް ބަލާއިރު ފަޤީރުން ފުދުންތެރިކޮށް ދެވޭނީ ފައިސާއިންނެވެ. މި ޒަމާނަށް ބަލާއިރު ފަޤީރުންނަށް ފައިދާ ބޮޑުވާނީ ފައިސާދިނުމުންނެވެ. މިއަދު ފަޤީރު މީހާއަށް ޒަކާތުގެ ގޮތުގައި ލިބޭ ހަނޑޫކޮޅު ވިއްކައިލަން ބާޒާރަށް ދިޔުމުން ވިޔަފާރިވެރިޔާ އެއަށް  ރަނގަޅު އަގެއް ވެސް ނުދޭނެއެވެ. (އިތުރަށް ބައްލަވަން ބޭނުންފުޅުވާ ބޭފުޅުން كتاب الإمام المحدث أحمد بن محمد الغماري ގެ ފޮތް (تحقيق الآمال في إخراج زكاة الفطر بالمال) ބެއްލެވުން ރަނގަޅުވާނެ )  

4- މި ދުވަސްވަރަށް ބަލާއިރު އަޅުގަނޑުމެން މި ތިނބީ ކޯވިޑް- 19ގެ ސަބަބުން  ފުރަބަންދުގައި ގޭގައެވެ. އެހެންވީމާ ހަނޑުލާއި ފުށް ހިފައިން ފަޤީރުންގެ ގާތަކަށް ނުދެވޭނެއެވެ. އަދި ކަމާބެހޭ ސަރުކާރުގެ އިދާރާއަކަށް ވެސް ނުދެވޭނެއެވެ. ކަމާބެހޭ އިދާރާގެ މުވައްޒަފުންނެއް ވެސް އެކަންކުރުމަށް ޓަކައި އޮފީހަކަށް ނުނެރެވޭނެއެވެ. ކަމާބެހޭ އިދާރާއިން ވަނީ ގޭގައި އެމީހަކު ހުރެގެން ފައިސާއިން މި ޒަކާތް ދެއްކޭނެ މަގު ތަނަވަސްކޮށް ދެއްވައިފައެވެ. އެހެންވީމާ ބޮޑެތި ޖާއިޙާތަކުގެ ދުވަސްވަރަށް ބަލާއިރު ވެސް އެންމެ ރަނގަޅު ގޮތަކަށް ވާނީ ފައިސާ ދެއްކުމެވެ. 

ފިޠުރު ޒަކާތް އަގުކޮށް ފައިސާ ދެއްކުން

ފިޠުރުޒަކާތަށް ނެރުން ވާޖިބުވެގެންވަނީ، ކޮންމެ ފަރުދެއްގެ މަތީން ޞާޢެއްގެ މިންވަރެވެ. އެއީ،  ގާތްގަނޑަކަށް 2.4 ކިލޯގްރާމެވެ. (ބައެއް ޤައުއުމުތަކުގައި މިމިންވަރަކީ 2.25 ކީލޯ ކަމަށްވެސް ބަލައެވެ.) އޭގެ އަގުނެރުނަސް ފުދޭނެއެވެ. (މިއީ ޙަނަފީ މަޛްހަބާއި މިޒަމާނުގެ ޢިލްމުވެރިންގެ ރައުޔެވެ. ޖުމްހޫރުންގެ ބަހަކީ ފިޠުރު ޒަކާތަށް ދޭންޖެހޭނީ އަންގަވާފައިވާ ފަދައިން ކާއެއްޗެއްސެވެ. މި ބަޙުސް  މަތީގައި ވާނީ ކުރެވިފައެވެ.)

ފިޠުރުޒަކާތް ނެރުން ވާޖިބުވުމުގެ ވަގުތަކީ، ފިޠުރު ޢީދު ވިލޭރެއަށް އިރު އޮއްސުމެވެ. ޢީދުނަމާދުގެ ކުރިން އެ ޒަކާތް ނެރުން ސުންނަތްވެގެން ވެއެވެ. ގިނަ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ޢީދުދުވަހުގެ ކޮންމެ ވަގުތެއްގައި ކުރިއަސް ރަނގަޅުވާނެއެވެ. ޢުޛުރަކާނުލައި ޢީދު ނަމާދަށްވުރެ ފަސްކުރުމަކީ މަކްރޫހަ ކަމެކެވެ. ޢީދު ދުވަހުގެ އިރުއޮއްސިއްޖެއުމަށް ދާނދެން ފަސްކުޅައުމަކީ ޙަރާމް ކަމެކެވެ. އެކަމަކު އެއީ ވާޖިބެއްކަމުގައިވާތީ ޤަޟާކުރާން ޖެހޭނެއެވެ. 

ރަމަޟާންމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ފިޠުރުޒަކާތް ނެރުން ހުއްދައެވެ. މިއީ މި ޒަމާނުގެ ގިނަ ފަތުވާ ވިދާރާތަކުގެ ރައުޔެވެ.

_____________________________

ހަމަމިގަލަމުން

އިދާރާ

ވާހަކަ