އަދުގެ ޚާއްސަ

ކައު ރަސޫލާގެ ސީރަތުގެ މުތީތަކާއި ޝަޛާތަކުން (17)

. ހިމެނޭބަޔަކީ ސިޔަރަތު

އިބްރާހީމް ރަޝީދު މޫސާ

308.ރަސޫލުﷲ ﷺ  ޚައިބަރުގައި ހުންނަވަނިކޮށް ޙަބަޝާއަށް ހިޖްރަކުރެއްވި މުސްލިމުން ރަސޫލާގެ އަރިހަށް ވަޑައިގެންނެވިއެވެ. އެބޭކަލުންގެ ތެރޭގައި ޖަޢުފަރު ބިން އަބީ ޠާލިބުގެފާނު ވެއެވެ. އެބޭކަލުން މަދީނާއަށް ވަޑައިގެންނެވީތީ ރަސޫލުﷲ ﷺ  ވަރަށް އުފާފުޅުކުރެއްވިއެވެ. މިކަމާ ބެހޭގޮތުން ރަސޫލުﷲ ﷺ  ޙަދީސް ކުރެއްވިއެވެ. [ތިމަންކަލޭގެފާނަށް ބޮޑަށް އުފާފުޅުކަން ލިބިވަޑައިގަތީ  ޚައިބަރު ފަތަޙަކުރެވުނީތީ ކަމެއް ނޫނީ ޖަޢުފަރު ބިން އަބީ ޠާލިބުގެފާނު ވަޑައިގަތީމާ ކަމެއް އެނގިވަޑައެއް ނުގަންނަވައެވެ.]  ( رواه الحاكم وقوّاه الألباني في فقه السيرة)

309.އަޝްޢަރީ ޤަބީލާގެ  53 މީހަކު  ރަސޫލާގެ އަރިހަށް އައީ ރަސޫލުﷲ ﷺ  ޚައިބަރުގައި ހުންނަވަނިކޮށްނެވެ. އެމީހުންގެ ތެރޭގައި އަބޫ މޫސަލް އަޝްޢަރީ ހިމެނިވަޑައިގަންނަވައެވެ. އެމީހުން އައުމުގެ އެއް ދުވަސް ކުރިން އެ ޚަބަރު ރަސޫލުﷲ ﷺ އެކަލޭގެފާނުގެ ޞަޙާބީންނަށް ދެއްވިއެވެ. އެކަލޭގެފާނު ޙަދީސްކުރެއްވިއެވެ. [އިސްލާމްކަމުގައި ތިޔަބައިމީހުންނަށްވުރެ އޯގާވެރި ބަޔަކު ތިޔަބައިމީހުންގެ ގާތަށް މާދަމާ އަންނާނެތެވެ.] އަނެއް ދުވަހު އަޝްޢަރީން އައެވެ. 

310.ރަސޫލުﷲ ﷺ  ޚައިބަރުގައި ހުންނަވަނިކޮށް ދައުސް ވަންހައިގެ ވަފްދެއް ވެސް  އައެވެ. އެ ވަފްދުގެ ވެރިއަކަށް ވަޑައިގަތީ އައްޠުފައިލު ބިން ޢަމްރުއް ދައުސީއެވެ. މި ވަފްދުގެ ތެރޭގައި އަބޫ ހުރައިރަތުގެފާނު ވިއެވެ. 

311.ޚައިބަރު މީހުން އަމާންދީ ޞުލްޙަވުމުގެ ކުރިން ޞަފިއްޔާ ބިންތު ޙުޔައްޔު ބިން އަޚްޠަބު މުސްލިމުން ހައްޔަރު ކުރިއެވެ. ރަސޫލުﷲ ﷺ  އެކަމަނާއަށް އިސްލާމްދީން ހުށައެޅުއްވުމުން އެކަމަނާ އިސްލާމްވެ ވަޑައިގަތެވެ. އެކަމަނާ އިސްލާމްވެވަޑައިގަތުމުން އެކަމަނާ މިނިވަން ކުރައްވައި އެކަމަނާއާ ރަސޫލުﷲ ﷺ ކާވެނިފުޅު ބައްލަވައިގަތެވެ. އެކަމަނާގެ ރަނެއް ކަމުގައި ލެއްވީ އެކަމަނާގެ މިނިވަންކަމެވެ. 

312.ޚައިބަރު ހަނގުރާމައިގެ އެންމެހާ ކަންތައްތައް ނިމުމުން ޔަހޫދީ އަންހެނެއް ކަމުގައިވާ ޒައިނަބު ބިންތުލް ޙާރިޘް  ވިހަލައިގެން ކަންބަޅިއެއް ފިހެގެން ރަސޫލާއަށް ވެދުމަށް އެރުވިއެވެ. ޞަޙާބީން މި ކަންބަޅި ފަރިއްކުޅުއްވަނިކޮށް ރަސޫލުﷲ ﷺ  އެއީ ވިހަލައިފައި އޮތް ކަންބަޅިއެއް ކަމަށާއި އެއިން  ނުކެއުމަށް ވިދާޅުވިއެވެ. މި ކަންބަޅިން ފަރިއްކުޅުވުމުގެ ސަބަބުން ބިޝްރު ބިނުލް ބަރާއު ބިން މަޢުރޫރު އަވަހާރަވިއެވެ. ރަސޫލުﷲ ﷺ ގެފާނު ވިދާޅުވިއެވެ. މި އެތީގެ ފައި މިއީ ވިހަލައިފާ އޮތް އެއްޗެއް ކަމަށް ތިމަންކަލޭގެފާނަށް ދަންނަވައިފިއެވެ.  ތިޔަ ބޭކަލުން މިއިން ފަރިއްނުކުޅުއްވާށެވެ! އެއަށްފަހު މި އަންހެނާ ގެންނަވައި ވިދާޅުވިއެވެ. [މާތްﷲ ތިމަންކަލޭގެފާނުގެ މައްޗަށް ތިބާ ވެރިއެއް ނުކުރައްވާނެތެވެ.]

313.ޢުމަރުގެފާނުގެ ވެރިކަމާ ޖެހެންދެން ޔަހޫދީން ޚައިބަރުގެ ދަނޑުތަކުގައި މަސައްކަތް ކުރަން ތިއްބެވެ. އެމީހުން މުސްލިމަކު މަރައިލުމުން ޢުމަރުގެފާނު އެ ޤާތިލު ޙަވާލުކުރުމަށް އަމުރުކުރެއްވިއެވެ. އެމީހުން އެކަމާ ދެކޮޅު ހެދުމުން ޚައިބަރުން ނެރެލެއްވިއެވެ. އެކަލޭގެފާނު ޔަހޫދީން ޢަރަބިކަރައިން ބޭރަށް ނެރުއްވާ ޝާމުކަރައަށް ފޮނުވައިލެއްވިއެވެ. 

314.ރަސޫލުﷲ ﷺ   މަތިވެރި ނަޞްރަކާއިގެން މަދީނާއަށް ވަޑައިގަތެވެ. އެކަލޭގެފާނަށް އުޙުދު ފަރުބަދަ ފެނިވަޑައިގަތުމުން ޙަދީސް ކުރެއްވިއެވެ. [هذا جبل يُحبُّنا ونُحبُّه] – ([މިއީ އަހުރެމެން ދެކެ  ލޯބިވާ އަދި އަހުރެމެން އޭތި ދެކެ ލޯބިވާ ފަރުބަދައެކެވެ.]) (متفق عليه)

315.ޚައިބަރު ހަނގުރާމައަށް ފަހު [ޛާތުއް ރިޤާޢު] ހަނގުރާމަ ހިނގިއެވެ. މި ހަނގުރާމައަށް މި ނަން ދެވުނީ އެމީހުންނަކީ ހުސްފަޔާ އުޅޭ ބަޔަކަށް ވާތީ ފައިގައި ފޮތި އޮޅައިގެން ހަނގުރާމައަށް ނުކުތީމައެވެ. 

316.ޣަޠުފާން ވަންހައިގެ ބަޔަކު މަދީނާއަށް ޙަމަލާ ދިނުމަށް އުޅޭ ޚަބަރު ލިބިވަޑައިގަތުމުން 400 ޞަޙާބީންނާއެކު ރަސޫލުﷲ ﷺ   ނުކުމެވަޑައިގަތެވެ. ޣަޠުފާނު ވަންހައިގެ މީހުންނަށް ރަސޫލާ ނުކުމެވަޑައިގެންނެވި ޚަބަރު ލިބުމުން އެމީހުން ބައިބައިވެ ގަތުމަށްފަހު ވިއްސިވިހާލިވެ ފިލިއެވެ. ރަސޫލާ އެ ހިސާބަށް ވަޑައިގެންނެވިއިރު އެ ތާނގައި އެކަކުވެސް ނެތެވެ. 

317.ޛާތުއް ރިޤާޢު ހަނގުރާމައިގައި ރަސޫލާ ﷺ ނަމާދު ކުރެއްވީ ޚައުފު ނަމާދު ކުރާ ގޮތަށެވެ. 

318.ހިޖްރައިން 7 ވަނަ އަހަރުގެ ޛިލްޤައިދާ މަހުގައި ރަސޫލުﷲގެފާނު  ޞުލްޙުލް ޙުދައިބިއްޔާގެ އެއްބަސްވުމާ އެއްގޮތަށް ޢުމްރާއަށް ވަޑައިގަތުމަށް މަދީނާއިން ފުރައިވަޑައިގަތެވެ.މި ޢުމްރާގެ ނަމަކީ (( عمرة القَضَاء )) އެވެ. އެއީ ޞުލްޙުލް ޙުދައިބިއްޔާގެ ސަބަބުން ހިޖްރައިން 6ވަނަ އަހަރު ފާއިތުވި ޢުމްރާގެ ބަދަލުގައި ކުރެއްވި ޢުމްރާއަކަށް ވީތީއެވެ. 

319.ރަސޫލާ ﷺ ގެ އަރިހުގައި ޞުލްޙުލް ޙުދައިބިއްޔާ ދަތުރުފުޅުގައި ބައިވެރިވެ ވަޑައިގެންނެވި ހުރިހާ ޞަޙާބީން ގެންދެވިއެވެ. އެކަލޭގެފާނާއެކު ގެފުޅަށް ހަދިޔާ ކުރެއްވުމަށް 60  ޖަމަލު ގެންދެވިއެވެ. ޤުރައިޝުން ޚިޔާނަތްތެރިވެދާނެތީ އެކަލޭގެފާނު ހަތިޔާރުވެސް ގެންދެވިއެވެ. 

320.ޢުމްރާއަށް އިޙްރާމު ބެންނެވީ ޛުލްޙުލައިފާއިންނެވެ. އެއީ މަދީނާ މީހުންގެ މީޤާތެވެ. 

321.ރަސޫލާ ﷺ  އަލްމަސްޖިދުލް ޙަރާމަށް ވަދެވަޑައިގަތީ ބަނޫ ޝައިބާ ދޮރުކޮޅުންނެވެ. 

322.7 އަހަރު ފަހުން މައްކާއަށް ވަޑައިގެންނެވުނީތީ ރަސުލާ ﷺ އާއި އެކަލޭގެފާނުންގެ ޞަޙާބީން ވަރަށް އުފާފުޅުވިއެވެ. 

323.ރުކުނަށް އިސްތިލާމުކުރެއްވުމަށްފަހު  ގެފުޅު ވަށައިގެން 7 ފަހަރު ޠަވާފު ކުރެއްވިއެވެ. އެއަށްފަހު މަޤާމު އިބްރާހީމުގައި ދެ ރަކްޢަތް ކުރެއްވިއެވެ. އެއަށްފަހު މަސްޢާއަށް ވަޑައިގެންނެވިއެވެ. ދެން ރަސޫލާ ﷺ އެކަލޭގެފާނުގެ ހަދްޔު ގެންނަވައި ކަތިލެއްވިއެވެ.  އެއަށްފަހު ރަސޫލާ ﷺ ގެ އިސްތަށިފުޅު ތުރުކުރެއްވިއެވެ. އިސްތަށިފުޅު ތުރުކޮށްދެއްވީ  މަޢުމަރު ބިން ޢަބްދުﷲ އަލްޢަދަވީއެވެ. ދެން ޞަޙާބީން ވެސް މި މޭރުމުން ކަންތައްތައް ކުރެއްވިއެވެ. 

324.ރަސޫލާ ﷺ އާއި އެކަލޭގެފާނުގެ ޞަޙާބީން މައްކާގައި  3 ދުވަހު ތިއްބެވިއެވެ. 

325.މި ދަތުރުފުޅުގައި ރަސޫލާ ﷺ ގެފުޅުތެރެއަކަށް ވަދެވަޑައެއް ނުގަންނަވައެވެ. އެއީ ގެފުޅުތެރޭގައި ބުދުތައް ހުރީމައެވެ. 

326.ރަސޫލާ މައްކާއިން ފުރާވަޑައިގެން ސަރްފު ސަރަޙައްދުގައި މަޑުކޮށްލެއްވިއެވެ. އެއީ މައްކާގެ ހުޅަނގު އުތުރުގައި 12 ކީލޯމީޓަރު ދުރުގައި އޮންނަ ރަށެކެވެ. މިއީ މައްކާ ސަރަޙައްދުގައި ހިމެނޭ ރަށެކެވެ.

327. ރަސޫލާ ﷺ މި ރަށުގައި  މައިމޫނާ ބިންތުލް ޙާރީޘާ ކާވެނިފުޅު ބައްލައިގަތެވެ. ހިޖްރައިން 5ވަނަ އަހަރު އެކަމަނާ އަވަހާރަވީ ވެސް ހަމަ މި ރަށުގައެވެ.  މިއީ ރަސޫލާގެ އެންމެ ފަހު ކާވެނިފުޅެވެ. 

328.ހިޖްރައިން 8ވަނަ އަހަރު ރަސޫލާ ﷺ ގެ އެންމެ ދޮށީ ދަރިކަނބަލުން ޒައިނަބުގެފާނު އަވަހާރަވިއެވެ. އެކަމަނާ ފަސްދާނުލެވުނީ ބަޤީޢުގައެވެ. 

329.ހިޖްރައިން 8ވަނަ އަހަރު ރަސޫލާ ﷺ ގެ އަރިހަށް މަދީނާއަށް 

ހ- ޚާލިދު ބިނުލް ވަލީދާއި

ށ- ޢަމްރު ބުނުލް ޢާޞާއި

ނ- ޢުޘްމާނު ބިން ޠަލްޙަތު އިސްލާމްވެ ވަޑައިގަތުމަށް ފަހު ވަޑައިގެންނެވިއެވެ. ރަސޫލާ ﷺ މި ކަމާ ވަރަށް އުފާފުޅުވިއެވެ. އެކަލޭގެފާނު ޙަދީސް ކުރެއްވިއެވެ. [މައްކާ، އެ ރަށުގެ ލޯބިވާ ދަރިންތައް އަހުރެމެންނާ ޙަވާލުކޮށްފިއެވެ.] 

(ނުނިމޭ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ