Print

ރޭތަކުގެ ސާހިބާ ކަމަނާ (1)

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ޢަޤީދާ

އިބްރާހީމް ރަޝީދު މޫސާ

އަޅުގަނޑުމެން ފާއިތުކުރަމުން މިދާ ދުވަސްތަކަކީ މަތިވެރި ދުވަސްތަކެކެވެ. ބަރަކާތްތެރި ރޭތަކެކެވެ. ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކެވެ. ރަމަޟާންމަހަކީ އެ މަހުގެ ފުރަތަމަ ދިހައިގައި ﷲގެ ރަޙްމަތް، މެދު ދިހައިގައި ﷲގެ ފުއްސެވުން، އަދި ފަހު ދިހައިގައި ނަރަކައިން މުއްތިކުރެއްވުން ލައްވައިފައިވާ މަހެވެ. ރަސޫލުﷲގެފާނު ޙަދީޘްކުރެއްވިއެވެ.  [وَهُوَ شَهْرٌ أوَّلُهُ رَحْمَةٌ، وَأَوْسَطُهُ مَغْفِرَةٌ، وَآخِرُهُ عِتْقٌ مِنَ النَارِ] – ([އެމަހުގެ ކުރީކޮޅުގައި އޮތީ ރަޙްމަތެވެ. މެދުތެރޭގައި އޮތީ ފުއްސެވުމެވެ. ފަހުކޮޅުގައި އޮތީ ނަރަކައިން މުއްތި ކުރެއްވުމެވެ.]) (رواه البيهقى وابن خزيمة)ރަމަޟާންމަހުގެ ކުރީކޮޅުގައި އޮތީ ރަޙްމަތޭ އެންގެވި ބަސްފުޅުގެ މުރާދަކީ ރަމަޟާންމަސް އަންނައިރު އަންނަނީ އެތައް ގިނަގުނަ ހެވަކާއި ލާބަޔަކާ އެކުގައެވެ. އެއީ އަޅުކަމުގެ މޫސުމެކެވެ. ރޯދަވެރީންނަށް މާތްﷲ އެ ކަމުގެ ސަވާބާއި އުޖޫރަ ދެއްވަނީ އެހެން ފަރާތެއް މެދުވެރި ނުކުރައްވައެވެ. 

މަހުގެ މެދުތެރޭގައި އޮތީ ފާފަފުއްސަވާ ދެއްވުމޭ އެންގެވި ބަސްފުޅުގެ މުރާދަކީ  ރޯދަވެރިންނަށް މާތްﷲގެ ފުއްސެވުމާއި ރުއްސެވުން ލިބެމުންދާނެ ވާހަކައެވެ. މާތްﷲ ރަމަޟާންމަހުގެ   ކޮންމެ ދުވަހަކު ރޯދަވެރިންގެ ފާފަ ފުއްސަވާ ދެއްވައެވެ. ފާފަފުއްސަވާ ދެއްވުމަކީ ރަޙްމަތެކެވެ. އެހެންކަމުން ރަމަޟާންމަހަކީ ރަޙްމަތުގެ މަހެވެ. 

ރަމަޟާންމަހުގެ ފަހުކޮޅުގައި އޮތީ ނަރަކައިން މުއްތިކުރެއްވުމެވެ. ރަޙްމަތާއި ފުއްސެވުމުން ޙާޞިލުކުރަން އެދޭ ލަނޑުދަނޑިއަކީ ނަރަކައިން ސަލާމަތްވުމެވެ. މިއަށްވުރެ ބޮޑު ރަޙްމަތެއް ނުވެއެވެ. މާތްﷲއަށް އީމާންވެ، އެކަލާނގެ ވަޖްހުފުޅު އަދައިގެން ރޯދަހިފާ މީހާއަށް ފާފަފުއްސެވުން ޖާމިނު ކޮށްދެއްވައެވެ. ރަޙްމަތް އިތުރުވުމުންނެވެ. ރަމަޟާންމަސް މިޙާލުގައި ނިމޭއިރު  އޭނާގެ ކުށްފާފަތައް ފުހެވި ސަވާބުގެ އަރަނި އޮންނާނީ އިތުރުވެފައެވެ.

ރަމަޟާން މަހުގެ ރޭތަކުގެތެރޭގައި މާތް ﷲ ވަރަށް މަތިވެރި ރެއެއް ލައްވައިފައިވެއެވެ. މި ރޭ ވަނީ ރަމަޟާން މަހުގެ ފަހު ދިހައިގެ ރޭތަކުގެ ތެރޭގައި ކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ. މި ރޭ ހޯދުމަށް ޓަކައި ފަހު ދިހައިގައި މަސައްކަތް ކުރުމަށް ލޮބުވެތި ރަސޫލާ އިރްޝާދު ދެއްވައިފައި ވެއެވެ.އެއީ ލައިލަތުލްޤަދްރި ނަމަކަށްކިޔާ ބަރަކާތްތެރި، ޝަރަފުވެރި ރެއެވެ.

ލައިލަތުލްޤަދްރި ވިލޭރޭގެ ނަން 

މި ރެއަށް ލައިލަތުލްޤަދްރި މި ނަން ދެއްވީ ﷲ ސުބްޙާނަހޫ ވަ ތަޢާލާއެވެ. އެ ރީތި،  ލޮބުވެތި ނަން މާތްﷲ  މި ރެއަށް ދެއްވީ ކީއްވެގެން ހެއްޔެވެ؟ މިއީ ޢިލްމުވެރިން ބަޙުސު ކުރައްވައިފައިވާ އަދި މިހާރުވެސް ކުރައްވަމުން ގެންދަވާ ބަޙުސެކެވެ. މި ބޭކަލުން ވިދާޅުވާ ގޮތުގައި މި ރެއަށް އެ ނަން ދެއްވީ ސަބަބުތަކަކަށް ޓަކައެވެ.

1- މާތްﷲ ކުރިއަށް އޮތް އަހަރަށް މިންވަރުކުރައްވަން އިރާދަކުރައްވައިފައިވާ ހުރިހާކަމެއް މިންވަރު ކުރައްވާ ކަނޑައަޅުއްވާ ރޭކަމުގައި ވުން.  ޤަދަރުގެ މާނައަކީ މިންވަރެވެ.  މާތް ﷲ މި ރެއާ ބެހޭގޮތުން ވަޙީ ކުރެއްވިއެވެ. [فِيهَا يُفْرَقُ كُلُّ أَمْرٍ حَكِيمٍ]  - ([އެ ރޭ، ކަނޑައެޅިގެންވާ ކޮންމެކަމެއް ބަޔާންކުރައްވަތެވެ.]) (الدخان : 4). ކުރިއަށް އޮތް އަހަރަށް މާތް ﷲ މިންވަރު ކުރައްވާފައިވާ  ކަންތައްތައް  މި ރޭ ލިޔުއްވާނެތެވެ. 

2- މަތިވެރި ރެއަކަށް ވުން.  [القدر]ގެ މާނައަކީ މަތިވެރި، ޤަދަރުވެރިއެވެ.  މާތް ﷲ މި ރެއަށް މި ނަމުން ނަންދެއްވުމުން ﷲގެ ޙަޟްރަތުގައި މި ރޭގެ މަތިވެރިކަމާއި މާތްކަން އެނގިގެން ދެއެވެ.

3- [ليلة المغفرة] ރޭ ކަމުގައި ވުން . މާތް ﷲ މީސްތަކުންގެ ފާފަތައް މި  ރޭ ފުއްސަވާ ދެއްވައި، މީސްތަކުންގެ ދުޢާތައް އިޖާބަ ކުރައްވާނެތެވެ. ހަމައެފަދައިން ﷲ އަށް  އިޚްލާސްތެރި ވަފާތެރި  އަޅުންގެ ޢައިބުތައް މި ރޭ  ވަންހަނާކޮށް ދެއްވާނެތެވެ.  

4- ޤަދަރު އައިސްފައިވަނީ ތަޟްޔީޤުންނެވެ.  މާނައަކީ ނުތަނަވަސްކަމެވެ. މި  ރޭ ﷲގެ އަމުރުފުޅަށް ބިމަށް ފައިބާ ވަޑައިގަންނަވާ މަލާއިކަތުން ގިނަކަމުން ބިން ނުތަނަވަސް ވެގެންދާނެތެވެ. 

5- ޝަރަފުވެރި ރެއަކަށް ވުން. މިރޭ ޝަރަފުވެރި ރެއަކަށްވީ މި ރޭގައި ކީރިތި ޤުރްއާން ބާވައި ލައްވައިފައިވާތީއެވެ. މާތްﷲ ވަޙީކުރެއްވިއެވެ. [إِنَّآ أَنزَلْنَـٰهُ فِى لَيْلَةِ ٱلْقَدْرِ] - ([ހަމަކަށަވަރުން ތިމަން ރަސްކަލާނގެ ލައިލަތުލްޤަދްރި ވިލޭރޭ ޤުރްއާން ބާވައި ލެއްވީމެވެ.]) (القدر: 1). ދަންނަ ބޭކަލުން ވިދާޅުވާ ގޮތުގައި ކީރިތި ޤުރްއާން ދުނިޔޭގެ އުޑަށް ބާވައިލެއްވީ ރަމަޟާންމަހުގެ ލައިލަތުލްޤަދްރި ވިލޭރޭގައެވެ. މާތް ﷲ ދުނިޔޭގެ އުޑުގައިވާ އެކަލާނގެ  ގެފުޅު ބައިތުލް ޢިއްޒާއަށް މުޅި ޤުރްއާން ބާވައިލެއްވީ އެއް ފަހަރާ މި ރޭގައެވެ.

6- އުޑުތަކާއި ބިމުގައި އިޙްތިފާލު ކުރެވޭ ރެއަކަށް ވުން.ލައިލަތުލްޤަދްރި ވިލޭރޭގެ އިޙްތިފާލުތަކުގައި މަލާއިކަތުން ބައިވެރިވެވަޑައި ގަންނަވާނެއެވެ. އެބޭކަލުން ބިމަށް ފައިބާވަޑައިގެން މުއުމިނުންނަށް މާތްﷲ ލައްވާފައިވާ ހެޔޮކަންތައް ދެކެވަޑައި ގަންނަވާނެއެވެ. ރަސޫލުﷲގެފާނު ޙަދީޘް ކުރެއްވިއެވެ. [ލައިލަތުލްޤަދްރި ވިލޭރޭ ޖިބްރީލުގެފާނު މަލާއިކަތުންގެ ޖަމާޢަތްތަކާއެކު ބިމަށް ފައިބާ ވަޑައިގަންނަވާނެއެވެ. އަރަހުށި މާތްﷲއަށް އަޅުކަންކުރަން ހުރި ކޮންމެ މީހަކަށާއި އަޅުކަން ކުރަން އިން ކޮންމެ މީހަކަށް އެބޭކަލުން ހެޔޮ ދުޢާ ކޮށްދެއްވާނެއެވެ.] ލައިލަތުލްޤަދްރި ވިލޭރޭގެ އިޙްތިފާލުތަކުގައި މަލާއިކަތުން ބައިވެރިވެ ވަޑައިގަންނަވާ ވަޑައިގެންނެވުމުން އެނގެނީ މި ރެއަކީ އުޑުތަކާއި ބިމުގައި ވެސް މަތިވެރި ރެއެއް ކަމެވެ. މި އިޙްތިފާލުތަކުގައި ބައިވެރި ނުވާނީ މާތްﷲއަށް ޝަރީކުކުރާ މީހުންނާއި އުރެދޭ މީހުންނެވެ. އެމީހުންނަކީ އެރޭގެ ހެވާއި ޘަވާބުން މާތްﷲ މަޙްރޫމް ކުރައްވާފައިވާ ބައެކެވެ.

7- އަމާންކަމުގެ ރެއެއް  ކަމުގައި ލެއްވުން. ލައިލަތުލްޤަދްރި ވިލޭރެއަކީ އަމާންކަމުގެ ރެއެވެ. އެއީ ޞުލްޙަ މަސަލަސްކަމުގެ ރެއެވެ. އެ ރޭގައި ކޯފާ ލެއްވުމެއް ނެތެވެ. ޢަޛާބު ދެއްވުމެއް ނެތެވެ. އެއީ އަޅުކަމާއި އަމާންކަމުގެ ރެއެވެ. މި އަމާންކަން ފަތިސް ވެއްޖައުމަށް ދާންދެން މިބިމުގައި އޮންނާނެއެވެ. މާތްﷲ ވަޙީކުރެއްވިއެވެ. [سَلَـٰمٌ هِىَ حَتَّىٰ مَطْلَعِ ٱلْفَجْرِ] – ([އެއީ ފަތިސް ވެއްޖައުމަށް ދާންދެން އަމާންކަމާއި ސަލާމަތްކަން ލިބިގެންވާ ރެއެކެވެ.]) (القدر :5).

8- މި ރޭ އިޙްޔާކުރާ މީހާގެ ޤަދަރުވެރި ކުރެއްވުން . މި ރޭ އިޙްޔާކޮށް ދިރުވާ މީހަކީ ﷲގެ ޙަޟްރަތުގައި ޤަދަރުވެރި މީހެކެވެ. އެއީ ﷲގެ ރުއްސެވުމާއި ފުއްސެވުން ލިބިގެންވާ މީހެކެވެ. ކީރިތި ރަސޫލާ ޙަދީސް ކުރެއްވިއެވެ. [من قامَ لَيلةَ القَدرِ إيمانًا واحتِسابًا، غُفِرَ لَهُ ما تقدَّمَ مِن ذنبِهِ]  – ([މާތް ﷲއަށް އީމާންވެ އެކަލާނގެ ވަޖްހުފުޅު އަދައިގެން ލައިލަތުލް ޤަދްރި ވިލޭރޭ ދިރުވި މީހާގެ އިސްވެދިޔަހާ ފާފަތް ފުހެވިގެންވެއެވެ.]) (أخرجه النسائي (٢١٩٣)، وإسحق بن راهويه في «المسند» (٨٢٧)، وابن حبان (٢٥٤٣)).

ލައިލަތުލް ޤަދްރިވިލޭރޭގެ މާތްކަން 

ލައިލަތުލްޤަދްރި ވިލޭރޭގެ މާތްކަން ބަޔާން ކޮށްދެއްވަމުން މާތްﷲ އެންގެވިއެވެ. [ لَيْلَةُ ٱلْقَدْرِ خَيْرٌ مِّنْ أَلْفِ شَهْرٍ]   - ([ليلة القدر ވިލޭރޭ، އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑެވެ.]) (القدر : 3). މި އިން އެނގެނީ އެރޭ ނުހިމެނޭ އެއްހާސް މައްސަރުގައި އަޅުކަންކުރުމާ އެރޭގައި އަޅުކަން ކުރުމާ އެއްވަރު ކަމެވެ. ޘަވާބާއި އަޖްރުގެ ގޮތުންނެވެ. އެހެންކަމުން ލައިލަތުލްޤަދްރި ވިލޭރޭގައި އަޅުކަން ކުރުމަކީ 30 ހާސް ރޭގައި އަޅުކަން ކުރުމަށްވުރެ ޘަވާބު މަތިވެރި ކަމެކެވެ. 30 ހާސް ދުވަހަކީ 83 އަހަރާއި 4 މަސް ދުވަހެވެ. މީގެ މާނައަކީ ލައިލަތުލްޤަދްރި ވިލޭރޭގައި އަޅުކަން ކުރެވިއްޖެނަމަ މުޅި ޢުމުރުގައި އަޅުކަންކުރުމާ އެއްފަދައެވެ.

މުޖާހިދު ވިދާޅުވާ ގޮތުގައި ބަނީއިސްރާއީލު ބާގައިގެ މީހަކު  ހަތިޔާރު އަޅައިގެން ﷲގެ މަގުގައި އެއްހާސް އަހަރު ޖިހާދު ކުރި ވާހަކަ ރަސޫލުﷲގެފާނު އެކަލޭގެފާނުގެ ޞަޙާބީންނަށް ވިދާޅުވެ ދެއްވުމުން ރަސޫލާގެ ޞަޙާބީން އެކަމާ ޙައިރާންފުޅުވެ އެ ފަދަ ސަވާބާއި ދަރުމަ ހޯދޭނީ ކިހިނަކުންތޯ ރަސޫލާއަށް ދެންނެވިއެވެ. މިކަމާ ވިދިގެން اللهُ عزَّ وجلَّ މި އާޔަތްތައް ބާވައިލެއްވިއެވެ.  [إِنَّا أَنْزَلْنَاهُ فِي لَيْلَةِ الْقَدْرِ وَمَا أَدْرَاكَ مَا لَيْلَةُ الْقَدْرِ لَيْلَةُ الْقَدْرِ خَيْرٌ مِنْ أَلْفِ شَهْرٍ] (القدر : 3~1).  ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ލައިލަތުލް ޤަދްރި ވިލޭރޭ ކުރާ ހެޔޮ ޢަމަލުތަކުގެ ސަވާބު އެހެން އެއްހާސް މަހުގައި ކުރާ ހެޔޮ ޢަމަލުތަކަށްވުރެ އިތުރުވެގެން ވެއެވެ. (البيهقي في السنن الكبرى4/306). ޤުރްޠުބީ ވިދާޅުވާ ގޮތުގައި އެ ރޭ ﷲ ބައްސަވާ ހެޔޮކަން އެހެން އެއްހާސް މަހުގައި ބައްސަވާ ހެޔޮކަމަށްވުރެ އިތުރުވެގެން ވެއެވެ. ޢިލްމުވެރިން ވިދާޅުވާ ގޮތުގައި އެއްހާސް މަހުގެ މުރާދަކީ ހުރިހާ ވަގުތުތަކަކާއި ޒަމާންތަކެވެ. ޢަރަބީންގެ ބަސްމޮށުމަށް ބަލާއިރު އެއްހާހޭ ބުނަނީ ހިސާބަށްވުރެ ގިނަވީމައެވެ. މިސާލަކަށް ކީރިތި ޤުރްއާނުގައި މާތް ﷲ ވަޙީ ކުރެއްވިއެވެ. [يَوَدُّ أَحَدُهُمْ لَوْ يُعَمَّرُ أَلْفَ سَنَةٍ]  - ([ އެއުރެންކުރެ ކޮންމެ މީހަކުމެ، އެއްހާސް އަހަރަށް عمر ދިގުވާނެނަމައޭ ހީކޮށް، އެކަމަށް އެދޭނެތެވެ.]) (البقرة: 96). ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި، ކުރީ ޒަމާންތަކުގައި މީހަކާ ދިމާއަށް [އަޅުވެރިއެކޭ] ބުނެވެނީ އެ މީހަކަށް އެއްހާސް މައްސަރުގައި އަޅުކަން ކުރެވުނީމައެވެ. މިހެންވެގެން  ﷲ ތަޢާލާ މުޙައްމަދުގެފާނުގެ އުއްމަތުގެ މީހުންނަށް އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑު ރެއެއް ދެއްވީއެވެ.  އަބޫބަކްރުލް ވައްރާޤު ވިދާޅުވިއެވެ. ސުލައިމާނުގެފާނުގެ ރަސްކަން އޮތީ 500 މަހުގެ މުއްދަތަށެވެ. އަދި ޛުލް ޤަރްނައިނިގެ ރަސްކަން ވެސް އޮތީ ހަމަ 500 މަހުގެ މުއްދަތަށެވެ. މި ދެވެރިކަމުގެ މުއްދަތަކީ  އެއްހާސް މަހެވެ. ލައިލަތުލް ޤަދްރި ވިލޭރޭ ހެޔޮ ޢަމަލުތައް ކުޅަ މީހާގެ ހެޔޮކަން މި ދެ ރަސްކަމުގެ ހެޔޮކަމަށްވުރެ އިތުރުވެގެން ވެއެވެ. އިބްނު ޢައްބާސުގެފާނުގެ އަރިހުން ރިވާކުރެވުނެވެ. (( ބަނީ އިސްރާއީލު ބާގައިގެ ހަތަރު ބޭކަލަކު އެސްފިޔަ ޖަހައިލެވޭހާ މިންވަރަށް ވެސް މާތް ﷲ އުރެދިވަޑައިނުގެން 80 އަހަރު މާތްﷲއަށް އަޅުކަން ކުރެއްވިއެވެ. )) މި ހަތަރު ބޭކަލުންނަކީ އައްޔޫބުގެފާނާއި، ޒަކަރިއްޔާގެފާނާއި, ޙަޒްޤީލުގެފާނާއި ޔޫޝަޢު ބިން ނޫނުގެފާނެވެ.ރަސޫލާގެ ޞަޙާބީން މި ކަމާ އަޖައިބުފުޅުވިއެވެ. އެހިނދު ޖިބްރީލުގެފާނު ވަޑައިގެން ރަސޫލާ  އަށް ދެންނެވިއެވެ. މާތްﷲ އެއަށްވުރެ ހެޔޮކަން ބޮޑު ރެއެއް ކަލޭގެފާނަށް ދެއްވައިފިއެވެ. އެއީ ލައިލަތުލް ޤަދްރި ވިލޭރެއެވެ. 

ލައިލަތުލްޤަދްރި ވިލޭރޭގައި ކުރެވޭ އަޅުކަމުގެ ޘަވާބު މިހާ މަތިވެރި ކުރެއްވީ ކީއްވެގެން ބާވައެވެ؟ އާދެ! މިއީ އެކަމާ އަޅުގަނޑުމެން ޙައިރާންވެންޖެހޭ ކަމެއް ނޫނެވެ. އަޅުގަނޑުމެން ދުނިޔޭގައި ގެންގުޅޭ އަމިއްލަ މިންގަނޑުތަކަށް ބަލާއިރުގައިވެސް މިއީ އަޖައިބުވާން ޖެހޭކަމެއް ނޫނެވެ. މާތްﷲ ބައެއް ތަންތަނާއި ބައެއް ވަގުތުތައް މާތްކުރައްވާ މަތިވެރި ކުރައްވާފައިވެއެވެ.

މައްކާގެ ޙަރަމްފުޅުގައި ކުރެވޭ ކޮންމެ ނަމާދަކީ އެޙަރަމްފުޅުން ބޭރުގައި އެހެން ތަނެއްގައި ކުރެވޭ އެއްލައްކަ ނަމާދާ އެއްފަދަ ކަމެކެވެ.

މަދީނާގެ އަލްމަސްޖިދުލް ނަބަވީގައި ކުރެވޭ ކޮންމެ ނަމާދަކީ އެނޫން ތަނެއްގައި ކުރެވޭ ދިހަހާސް ނަމާދުގެ ޘަވާބާ އެއްވަރު ކަމެކެވެ.

ޖަމާޢަތުގެ ނަމާދަކީ އެކަހެރިކޮށް ކުރާ ނަމާދަށްވުރެ 27 ދަރަޖަ އިތުރުވެގެންވާ ނަމާދެކެވެ.

ލައިލަތުލް ޤަދްރިވިލޭރެއަކީ ރަމަޟާންމަހުގެ ކޮން ރެއެއް

މާތް ﷲ ވަނީ ލައިލަތުލްޤަދްރި ވިލޭރޭ ވަންހަނާ ކުރައްވައިފައެވެ. އެހެނަސް އެކަމަށް ޝައުޤުވެރި ކުރެއްވުމަށްޓަކައި އެއީ ރަމަޟާން މަހުގައިވާ ރެއެއްކަން ކަށަވަރު ކޮށްދެއްވިއެވެ. އެރޭ ވަނީ ރަމަޟާން މަހުގެ ފަހު ދިހައިގެ އޮނަހިރި ރެއެއްގައި ކަމަށް ވެސް އިޝާރާތް ކުރެއްވިއެވެ. މާތްﷲ މިފަދަ ވަގުތުތަކާއި ކަންތައްތައް ވަންހަނާކުރައްވަނީ އެކަމަށް އަޅުގަނޑުމެން ޝައުޤުވެރި ކުރެއްވުމަށް ޓަކައެވެ. 

މި ކަމާ ބެހޭގޮތުން ހުރި ރަސޫލާގެ ބަސްފުޅުތައް އައްސަވާށެވެ.

(އަދި ނުނިމޭ)

ހަމަމިގަލަމުން

އިދާރާ

ވާހަކަ