އަދުގެ ޚާއްސަ

Print

ދެވަނަ ފުރުޞަތު (3)

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ވާހަކަ

އަސްމާ އަބޫބަކުރު، ހއ. ދިއްދޫ

(16 މެއި 2020 ގައި ޝާއިޢުކުރި ބަޔާ ގުޅޭ)

"ޒަލާ ދަރިފުޅާ. ކޮޓަރީގަ ނޯވެ ހިނގައިބަލަ މަންމަ އާއެކު ރޭގަނޑު ކެއުމުގައި ބައިވެރިވާން." މަންމަގެ އަޑާއެކު ޒަލާއަށް ފުންމައިގެން ތެދުވެވުނެވެ. ބޭނުންވެފައި ހުރި ކަންތައް ބުނުމަށް ފުރުޞަތު ލިބޭތީ ޒަލާހުރީ އުފަލުން ފުރިފައެވެ. 

"މަންމާ. މިދުވަސްކޮޅު ވަރަށް ފޫހި. އެބަ ހިތަށް އަރައި، ކަމެއް ކުރަންފަށާން." އައިސްއަލަމާރީން ފެންފުޅިއެއް ނަގަމުން ޒަލާ ބުންޏެވެ. 

"ކޮންކަހަލަ ކަމެއް. ދަރިފުޅު މަސައްކަތް ކުރާ ވަރެއް އަދި ނުވޭ. ކިޔަވައި ނިމުނީކީ ނޫން. މި ވަގުތު ބްރޭކެއްގައި ހުއްޓަސް." ޒަހުވާ ބަތް ސުވަލެއް އަނގަޔަށްލަމުން ބުންޏެވެ. 

"މާބޮޑު މަސައްކަތެއް ނޫނޭ. ބޭނުންވަނީ ސެލޫން އެއް ހިންގަން. މީހުން ޙަފްލާތަކަށް މޭކަޕް ކޮށްދީ ހަދާހިތްވޭ ވަރަށް. އަނެއްކާ އެހާ ބުރަކަމަކަށް ނުވާނެ މިކަމެއް. ދެތިން ބިދޭސީން ގެނައިމާ އުނދަގުލެއް ނުވާނެ." ޒަލާ ކުރާހިތްވާ ކަމަކަށް ޒަހުވާ ދެކޮޅު ހަދާކަށް ބޭނުމެއް ނޫނެވެ. އެ ކަމަށް އެއްބަސްވީ ޒަލާގެ އާހުނަރެއް އިތުރުވާނެތީއެވެ. މަންމަގެ ވާހަކަ އަޑުއިވުން ޒަލާ އުފަލުން ގޮސް ފޮޅިއްޖެއެވެ. 

"ޒަލާ އަންނަ މަހު މިގެއަށް ކިޔަވަން އެބަގެނޭ ބައްޕަގެ ވަރަށްބޮޑު ރައްޓެއްސެއްގެ ދަރިއެއް. ޒަލާވާނެ އެހީވާން އޭނާގެ ކިޔެވުމަށް. ރަށްރަށުން އަންނަ ކުދީން ފުރަތަމަ ކޮޅު ކިޔެވުމަށް ދަށްވާނެ." މަންމަގެ އެވާހަކަ އަށް ޒަލާ ހިތްހަމަ ނުޖެހުނަސް އާއެނކޭ ބުންޏެވެ. ޒަލާ ކިޔެވީ އޯލެވެލް އާ ހަމައަށެވެ. އޭލެވެލްއަށް ކިޔަވަން އަންނަ ކުއްޖަކަށް ޒަލާއަށް ކިޔަވައި ދެވޭނީ ކިހިނެއް ހެއްޔެވެ؟

ސެލޫން ހުޅުވުމަށް ކުރަންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ކުރެވެމުން ދިޔައެވެ. ޒަލާއަށް މަންމަ އާއި ބައްޕަގެ ފަރާތުން ބޭނުން ވަރަކަށް ފައިސާ އޮތީ ލިބިފައެވެ. އެންމެ ބޭނުންވާ ގޮތަށް ތަން ދިޔައީ ތައްޔާރު ކުރަމުންނެވެ. އަންހެނުންނާ ފިރިހެންންނަށް ވެސް ޚާއްޞަ ކޮށްފައިވާ އެ ސެލޫންގެ މަޤުޞަދު އެނގެނީ ހަމައެކަނި ޒަލާއަށެވެ. ސެލޫގެ ނަމަކަށް ދިނީ "ޒަލާ ސެލޫން" އެވެ. ޒަލާ ދެކޭ ގޮތުގައި ތައިލެންޑްގެ ޒުވާން އަންހެން ކުދީން ނުލާހިކު ހުނަރު ހުންނާނެއެވެ.

އިރު އޭގެ ވާޖިބު އަދާކުރުމަށްފަހު ދުނިޔެއާ އަލްވަދާޢު ކިޔައިފިއެވެ. ދޫނިތައް އެސޮރުމެންގެ ހާއްޔަށް ވަދެ ނިމިއްޖެއެވެ. ދުނިޔެއަށް ހަމަހިމޭންކަން ވެރިވާން ފަށައިފިއެވެ. ނަމަވެސް މާލޭގެ މަގުތައް ހަލަބޮލިވުމަށް ބަދަލެއް ނާދެއެވެ. މުޅިމަގުތައް ދިއްލައިލައިފައި ވަނީ ދުވާލުގެ އަލިކަން ފަދައިންނެވެ. ޒަލާ ތައްޔާރު ވަމުންދަނީ ފުރަތަމަ ރޭގެ މެހެމާނުންނާ ކުރިމަތި ލުމަށެވެ. ޒުވާން ކަމުގެ ދެވަނައެއް ނުވާ ފަދަ ރީތިކަމެކެވެ. ރަތް ލޭކޮޅެއް ކަހަލަ ތުންފަތް އިތުރަށް ރަތްކަން ގެނައީ ލިޕްސްޓިކްގެ ސަބަބުންނެވެ. ކޮށްފައިވާ މޮޅު މޭކަޕްގެ ސަބަބުން ޒަލާގެ ރީތިކަން އެތައް ގުނައަކަށް އިތުރުވެއްޖެއެވެ. ސެންޓުގެ ވަހުން މުޅިހިސާބު ގަނޑުގައި މީރުވަސް ހިއްޕާލިއެވެ. ޒަލާ ބޭރަށް ނިކުތްއިރު ކާރުގެ ޑްރައިވަރު ހުރީ ތައްޔާރުގައެވެ. ސެލޫންއަށް ވަދެވުމާއެކު ޒަލާއަށް ޚާއްޞަ ކޮޓަރިއަށް ވަދެއްޖެއެވެ. ރޭވިފައިވާ ގޮތާ އެއްގޮތަށް ރީތި ޒުވާން ފިރިހެނަކު އަތުވެއްޖެނަމަ ޒަލާކޮޓަރިއަށް ފޮނުވުމަށް އަންގާފައިވާތީ ރޭގެ ފުރަތަމަ މެހެމާން އެ ކޮޓަރިއަށް ވަނެވެ. 

ސެލޫންގެ ނަމުގައި ފެށި މަސާޖު ޕާރލް އަކީ ވަރަށް ކާމިޔާބު ވިޔަފާރި އެކެވެ. ޒަލާގެ އިތުރުން ބިދޭސީ ކުދީންނަކީ ވެސް މަސާޖު ކުރުމުގެ ދެވަނައެއް ނެތް ބަޔެކެވެ. އެމީހުން އެކަން ކުރަނީ ލިބޭ ފައިސާއަށެވެ. ޒަލާ އެކަންކުރަނީ ހިތްހަމަ ޖެހުމަށެވެ. އެކަމުގައި ދުވަސްކޮޅެއް ފާއިތުވީއިރު ޒަލާ ދަންނަ އެތައް ވިޔަފާރި ވެރީންނާ ސަރުކާރުގެ އިސްވެރީން ތިއްބެވެ. ޒުވާން ފުރައިގެ ގިނަކުދީންނަށް ވެސް ޒަލާ ވަރެއްނެތެވެ. 

"ކެރޭނެތަ މަށާއެކު ރިޒޯރޓަކަށް ޖައްސައިލާން؟" ރިސޯރޓެއްގެ އޯނަރ އައި ރެޔަކު ޒަލާއާ ވާހަކަދެއްކިއެވެ. އެވަގުތު ޒަލާވެސް ބޭނުންވީ ކެރޭކަން ދައްކައިލާށެވެ. 

"ކީއްވެ ނުކެރޭންވީ؟" ޒަލާގެ ހިނިތުންވުން ފެނިފައި ސައިމް ހުރިހާ ކަމެއްގެ މަތީން ހަނދާން ނެތިއްޖެއެވެ. މަންމަ އާއި ބައްޕަ ދަސްކޮށްދީފައިވާ ފަދައިން ދުނިޔޭގައި އުޅޭއިރު މަޖާކުރަންވާނެއެވެ. އޭގެ އަނެއްދުވަހު ޒަލާ ގޮވައިގެން ސައިމް ރިޒޯރޓަށް ދިޔައެވެ. 

ރިޒޯރޓް މާޙައުލުން ޒަލާއަށް ފެނުނީ އަނެއްކާވެސް އާކަންތައް ތަކެކެވެ. ރޭގަނޑު ޑީޖޭ ޖައްސައިގެން ނެށުމެވެ. ރަލުގެ ކޯވަރުތައް ދިރުވަނީ ހަމައެކަނި ގެސްޓުންނެއް ނޫނެވެ. ރިޒޯރޓަށް އައިސް ތިބި ދިވެހީން ވެސް އެހާ ކުޅަދާނައެވެ. ޒަލާއަށް ފުރަތަމަ އާކަމަކަށް ވިޔަސް ސައިމްގެ އެދުމަށް ތަށްޓެއްގައި ތުންޖަހައިފިއެވެ. މާގިނައިރުތަކެއްނުވެ ޒަލާއަކީ އެތަނަށް އަލަށް އައި ކުއްޖެކޭ ބުނާވަރެއް ނޫނެވެ. 

"ހިނގާ ދާން ކޮޓަރިއަށް." ޒަލާގެ އަޑުގައި ނިދީގެ އަސަރު ހުއްޓެވެ. އެރެއަށްފަހު ޒަލާއަށް ރިޒޯރޓް ދަސްވެއްޖެއެވެ. ކުރަމުން އައި ފާފަތަކުގެ ތެރެއަށް ބޮޅެއް ވެސް އިތުރުވީއެވެ. 

ދެ ދުވަސް ފަހުން މާލެ އައި އިރު، ޒަލާ ހުރީ ވަރުބަލި ވެފައެވެ. ގެއަށް ގޮސް ކޮޓަރިއަށް ވަނުމާއެކު އަރާމު ނިންޖަކަށް ގެނބިއްޖެއެވެ. އާ ދުވަހަކަށް އިރުއެރީ ޒަލާގެ ވަރުބަލިކަން ކެނޑި ތާޒާ ކަމާއެކުއެވެ. ސިޓިންގ ރޫމަށް ނިކުތީ ފެންވަރައިގެން ނިކުމެ ބަނޑުހައިކަން އިޙްސާސް ވުމުންނެވެ. އެ ވަގުތު އަލަށް އެ ގެއަށް ގެނައި ކުއްޖާ ސިޓިންގ ރޫމްގައި ޓީވީ ބަލާން އިންދައި ފެނުނެވެ. 

"ކޮންނަމެއް ކިޔަނީ." ޒަލާގެ އަޑަށް އޭނާ ސިހިފައި ބަލައިލިއެވެ. "މުނާ" ޓީވީ ނިއްވައިލަމުން މުނާ ޖަވާބު ދިނެވެ. 

"މަށަށް ކިޔަނީ ޒަލާ." ޒަލާގެ ތަޢާރަފު ފެށުމުގެ ގޮތުން ބުނެލިއެވެ. އަދި ކުޑައިރުކޮޅަކު މުނާ އާއި ވާހަކަ ދައްކަން ޒަލާ އިނެވެ. 

ގިނަ ދުވަސްތަކެއް ނުވެ މުނާ އާއި ޒަލާ އެކުވެރި ވެއްޖެއެވެ. އެކަމަކު ދެކުދީން އުޑާ ބިމާހާ ތަފާތެވެ. މުނާ އެގެއަށް އައީ އޭލެވެލް އަށް ރަށުން ކިޔެވެން ނެތިގެންނެވެ. ޒަލާ ނުކިޔަވައި ހުރީ ކިޔަވާން ބޭނުން ނުވެގެންނެވެ. ކިޔެވެން ނެތިގެންނެއް ނޫނެވެ.

"މުނާ ތިޔަ ހުންނަނީ ޅަ ޢުމުރުގައި މުސްކުޅިވެފައި. ތިޔަ ކަހަލަ ހެދުމުގެ ބަދަލުގައި ނިކަން ފެޝަންވެލައިބަލަ!" ޒަލާގެ ވާހަކަ އަޑުއިވުމުން މުނާ ހިނިތުންވެލިއެވެ.

"އަހަރެމެންނަކީ މުސްލިމުން. ހަމައެކަނި ނަމުގައި މުސްލިމެކޭ ބުނުމަކުން ނުފުދޭނެ. ބަހާއި ޢަމަލުން ވެސް މުސްލިމެއްކަން ސާބިތު ކޮށްދެވޭން ވާނެ. ނިކަން ބަލައިބަލަ މި މާލޭގެ މަގުމައްޗަށް ނިކުމެފައި. ގިނަ އަންހެނުން ތިބެނީ ބުރުގާ އަޅާއިރު ވެސް އޮރިޔާން ޙާލުގައި" މުނާގެ ވާހަކައަށް ޒަލާ ޗޮކެއް ކަނޑައިލުމަށްފަހު ކޮޓަރިއަށް ހިނގައްޖެއެވެ. ޒަލާ ވިސްނަމުން ދިޔައީ ރޭގަނޑުގެ ޕްރޮގްރާމާމެދުއެވެ. މުނާކަހަލަ ކަޓު ޚިޔާލުގެ ވާހަކަދައްކާ ކުދީންގެ ވާހަކަ އަޑުއަހާކަށް ޒަލާއަކަށް ވަގުތެއްނެތެވެ. އަދި އެކަހަލަ ވާހަކަތައް ކަމަކު ވެސް ނުދެއެވެ.

ހުކުރު ދުވަހުގެ މެންދުރު ވަގުތެވެ. ޒަހުވާ އާއި ޒަލާ އަދި މުނާ އުޅެނީ ބަދިގޭގައި ކެއްކުމުގެ މަސައްކަތުގައެވެ. އެމީހުން ހަމައެކަނި ކައްކާ ދުވަހަކީ ހުކުރު ދުވަހުގެ މެންދުރުގެ ކެއްކުމެވެ. އެހެން ދުވަސް ދުވަހު ކައްކަނީ އެގޭގެ ނޯކަރުންނެވެ. ހުރިހާ ގޭގޭގައި ކައްކާ ފަދައިން އެގޭގައި ވެސް ތަފާތު ބާވަތް ބާވަތުގެ ކާނާ ކެއްކުމުގައި ޒަހުވާ ހުރީ އިސްކޮށެވެ. ކެއްކުމުގެ ތެރޭގައި ތަފާތު ވާހަކަތައް ދައްކަމުން ދިޔައެވެ. ޒަލާ ސެލޫނާ ބެހޭ ގޮތުންނެވެ. އަދި މުނާގެ ކިޔެވުމާ ބެހޭ ގޮތުން ވެސް ވާހަކަ ދެއްކިއެވެ. މެންދުރު ބަންގި ގޮވުމާއެކު މުނާ ކުރާންހުރި މަސައްކަތް ބަހައްޓައިފައި  ޒަހުވާގެ ހުއްދަ ހޯދައިގެން ނަމާދު ކުރާން ހިނގައްޖެއެވެ. 

"މުނާ އަކީ ހާދަ ބަސްއަހާ ދީންވެރި ކުއްޖެކޭ. ކިޔެވުންވެސް ރަނގަޅުހެން ހީވޭ." ޒަހުވާގެ ވާހަކައަށް ޒަލާ އެއްޗެކޭ ނުބުނެއެވެ. ޒަލާގެ ކުޑަ ޢާއިލާ އަކީ ހަމައެކަނި ދުނިޔޭގެ އުފަލާ މަޖަލަށް ލޯބި ކުރާ ބަޔެކެވެ. އާޚުރަތް ދުވަސް މަތީން އެމީހުން ކުޑަކޮށް ވެސް ހަނދާނެއް ނެތްކަހަލައެވެ. 

މުނާ އަށް އެދުވަހު ފާހަގަވީ ކަމަކީ ފާހިމް ބޭބެ ހުކުރަށް ނުގޮސް ނިދަން އޮތްކަމެވެ. މުނާގެ ރަށުގައި ހުކުރު ދުވަހު ހުކުރަށް ނުދާ ފިރިހެނަކު ނޫޅެއެވެ. ހަމަ އެ ގޮތަށް ކެއްކުމުގައި އުޅުނަސް ވަގުތަށް ނަމާދު ކުރަން އެންމެންވެސް އަވަސްވެ ގަނެއެވެ. އެހެންނަމަވެސް މިގޭގައި އެއާ ޚިލާފެވެ. މުނާ ނަމާދުކޮށް ނިމިގެން ދުޢާކުރިއެވެ. މަންމަ އާއި ބައްޕައަށް ފާގަތި ދުވަސްތަކެއް ދެއްކެވުމަށާއި، މިހާރު އުޅޭ ގޭގެ އެންމެންނަށް ހެޔޮވިސްނުން ދެއްވުމަށް އެދިއެވެ. 

"ދައްތާ! ތިމަސައްކަތް އަޅުގަނޑު ކޮށްފާނަން. ނަމާދު ވަގުތު ފާއިތުވުމުގެ ކުރީން ނަމާދުކޮށްލަންދޭ." މުނާ އެހެން ބުނުމުން ޒަހުވާ އާއި ޒަލާ އެކަކު އަނެކެއްގެ މޫނަށް ބަލައިލިއެވެ. މުނާއަށް އެގޭގައިވީ ކުޑަ ދުވަސްކޮޅު ތެރޭގައި އެގޭ މީހުންގެ ގޮތް އެނގޭން ފަށައިފިއެވެ. އަދި އެމީހުން ގިނަ ވަގުތު ގެއިން ބޭރުގައި ހޭދަކުރުމުގެ ސަބަބުން ނަމާދަށް ސަމާލުކަން ނުދޭކަން އެނގެއެވެ. އަދި މިއަދު ވެސް އެއްވެސް މީހަކު ނަމާދަށް ސަމާލުކަމެއް ނުދޭނެކަން އެނގިއްޖެއެވެ. 

(ނުނިމޭ)

އިދާރާ

އެނގޭތަ؟

ވާހަކަ