ކައު ރަސޫލާގެ ސީރަތުގެ މުތީތަކާއި ޝަޛާތަކުން (18)
އިބްރާހީމް ރަޝީދު މޫސާ
(އިއްޔެގެ ބަޔާ ގުޅޭ)
330. ހިޖްރައިން 8ވަނަ އަހަރުގެ ޖުމާދަލް އޫލާ މަހުގައި ޣަޒްވަތު މުއުތާ ( މުއުތާ ހަނގުރާމަ) ހިނގިއެވެ. ރަސޫލާ ﷺ މި ހަނގުރާމައިގައި ބައިވެރިވެ ވަޑައިނުގެންނެވިޔަސް މި ހަނގުރާމައަށް ޣަޒްވާ އޭ ކިޔުނެވެ.
331. މި ހަނގުރާމަ ހިނގަމުންދިޔައިރު މާތްﷲ އެކަލާނގެ ރަސޫލާއަށް މި ހަނގުރާމަ ހިނގަމުން ދިޔަގޮތް ވަގުތުން (ލައިވްކޮށް) ދެއްކެވިއެވެ.
332. މި ހަނގުރާމަ ހިގަން މެދުވެރި ސަބަބަކީ ޝާމުކަރައިގެ ބުޞްރާގެ ރަސްގެފާނަށް ރަސޫލާ ﷺ ފޮނުއްވި ފަތްކޮޅު ހިއްޕަވައިގެން ވަޑައިގެންނެވި އެކަލޭގެފާނުގެ މަންދޫބު އަލް ޙާރިޘް ބުންޢުމައިރު ދަތުރުފުޅު ކުރައްވަނިކޮށް ޝުރަޙްބީލު ބިން ޢަމްރުއް ޣައްސާނީ އެކަލޭގެފާނަށް ހުރަސްއަޅައި އެކަލޭގެފާނަކީ މުސްލިމެއްކަން އެނގުމުން އެކަލޭގެފާނު ޤަތުލުކުރުމެވެ.ސަފީރުންނާއި މަންދޫބުން ޤަތުލުކުރުމަކީ ވަރަށް ނުބައި ކަމެކެވެ. މިއީ އާދަކާދަޔާ ޢުރްފާ ޚިލާފު ޢަމަލެކެވެ. މިއީ ހަނގުރާމަ އިޢުލާން ކުރުންފަދަ ކަމެކެވެ.
333.މިހެންވެ ޣައްސާނީންނާ ހަނގުރާމަ ކުރެއްވުމަށް ޓަކައި 3 ހާސް ހަނގުރާމަވެރީންގެ ލަޝްކަރެއް ތައްޔާރު ކުރައްވައި މި ލަޝްކަރުގެ ވެރިއަކަށް ޒައިދު ބިން ޙާރިޘާ އިސްކުރެއްވިއެވެ. ޒައިދުގެފާނު ޝަހީދުވެއްޖެނަމަ ޖަޢުފަރު ބިން އަބީ ޠާލިބުގެފާނު ވެރިކަމަށް އިސްވެ ވަޑައިގަތުމަށް ވިދާޅުވިއެވެ. އަދި ޖަޢުފަރުގެފާނު ޝަހީދުވެއްޖެނަމަ ޢަބްދުﷲ ބިން ރަވާޙަތުގެފާނު ދިދައާ ޙަވާލުވެ ވަޑައިގަތުމަށް އެންގެވިއެވެ.ރަސޫލުﷲގެފާނު މި ހަނގުރާމައަށް ޓަކައި ހުދު ދިދައެއް ބަންނަވައި ޒައިދުގެފާނަށް ދެއްވިއެވެ.
334. މި ހަނގުރާމައިގައި ޚާލިދު ބުނުލްވަލީދު ބައިވެރިވެ ވަޑައިގަތެވެ. މިއީ އެކަލޭގެފާނު އިސްލާމްވެ ވަޑައިގަތުމަށްފަހު ބައިވެރިވެ ވަޑައިގެންނެވި ފުރަތަމަ ހަނގުރާމައެވެ.
335. ތިން ހާސް ހަނގުރާމަވެރީންގެ އިސްލާމީ ލަޝްކަރަށް މަޢާނި ސަރަޙައްދަށް ދެވުނު ހިނދު ޣައްސާނީން ވަނީ 2 ލައްކަ ހަނގުރާމަވެރީންގެ ލަޝްކަރެއް ތައްޔާރުކޮށްފައެވެ. މިއީ ޢަރަބީންނާއި ރޯމަން ނަޞާރާއިންގެ ލަޝްކަރެކެވެ. މުސްލިމުން މި ފަދަ ބޮޑު ލަޝްކަރަކާ ކުރިމަތިލާން ޖެހިދާނެ ކަމަކަށް ބަލައިފައެއް ނުވެއެވެ.
336. ދުޝްމަނުންގެ ލަޝްކަރު ބިޔަވިޔަސް މުސްލިމުން އެމީހުންނާ ކުރިމަތިލުމަށް ޖެހިލުމެއް ނުވިއެވެ. މުސްލިމުންނާ މި ލަޝްކަރާ ބައްދަލުވީ މުއުތާގައެވެ. މުއުތާއަކީ މިހާރުގެ އުރްދުންގެ ދެކުނު ސަރަޙައްދުގެ ރަށެކެވެ.
337. ޒައިދުގެފާނު މުސްލިމުންގެ ލަޝްކަރު ދެ ފައުޖަކަށް ބެއްސެވިއެވެ. އެއީ ކަނާތު ފަޅިއަށާއި ވާތުފަޅިއަށެވެ. ކަނާތުފަޅީގެ ވެރިއަކަށް ހަމަޖެއްސެވީ ޤުޠުބަތު ބިން ޤަތާދާއެވެ. ވާތުފަޅީގެ ވެރިއަކަށް ހަމަޖެއްސެވީ ޢަބާޔަތު ބިން މާލިކުލް އަންޞާރީއެވެ.
338. ދެ ލަޝްކަރު ބައްދަލުވުމުން މުސްލިމުން ވަރަށް ހިތްވަރާއި ކެތްތެރިކަމާއެކު ހަނގުރާމަކުރިއެވެ. ދުޝްމަނުންގެ ލަޝްކަރުގެ ބިޔަކަމާއެކުގައި ވެސް އެމީހުންނަށް ކުރިއަކަށް ނުޖެހެވުނެވެ.
339. ޒައިދުގެފާނު ޝަހީދުވުމުން މުސްލިމުންގެ ދިދަ އުފުއްލެވީ ޖަޢުފަރުގެފާނެވެ. އެކަލޭގެފާނު ޝަހީދުކޮށްލެވެންދެން ވަރަށް ކުޅަދާނަކަމާއެކު ހަނގުރާމަ ކުރެއްވިއެވެ. ޖަޢުފަރުގެފާނު ޝަހީދުވުމުން ދެން ދިދަ ނެންގެވީ ޢަބްދުﷲ ބިން ރަވާޙަތުގެފާނެވެ. އެކަލޭގެފާނު އެކަލޭގެފާނުގެ އަސްކޮޅުމަތީގައި ވަރަށް ވަރުގަދައަށް ހަނގުރާމަ ކުރެއްވިއެވެ. އެކަލޭގެފާނު ޝަހީދުވުމުން ދެން މުސްލިމުންގެ ދިދަ ނެންގެވީ ޘާބިތު ބިން އަޤްރަމެވެ.
340. މުއުތާ ހަނގުރާމައަށް އިސްކުރެއްވި ތިން އިސްވާރުން ޝަހީދުވުމުން ރަސޫލާ ﷺ ކީރިތިފުޅު ކުރައްވައި ޙަދީސްކުރެއްވިއެވެ. [އެބޭކަލުން އަހުރެމެންގެ ގާތުގައި ތިއްބަވަން އުފާފުޅެއް ނުވާނެތެވެ.] (ރިވާކުރެއްވީ އަލްބުޚާރީ). މިހެން ޙަދީސް ކުރެއްވީ މާތް ﷲ ޝަހީދުންނަށް ދެއްވާ މަތިވެރި ދަރަޖައާއި ސަވާބާ ހެދިއެވެ.
341. ޘާބިތުގެފާނު ލަޝްކަރީން ބައްދަލު ކުރައްވާ މަޝްވަރާކުރެއްވުމަށް ފަހު ޚާލިދު ބުނުލް ވަލީދާ ދިދަ ޙަވާލު ކުރެއްވިއެވެ. އެހިނދު ރަސޫލުﷲގެފާނު މަދީނާގައި މިސްކިތުގައި އިންނަވާފައި ވިދާޅުވިއެވެ. [أخذَ الرّايةَ سيفٌ من سيوفِ اللَّهِ خالدُ بنُ الوليدِ] - ([ﷲގެ ކަނޑިކޮޅުތަކުން ކަނޑިކޮޅެއް ކަމުގައިވާ ޚާލިދު ބުނުލް ވަލީދު ދިދައިގައި ހިއްޕަވައިފިއެވެ.]) (أخرجه أحمد (١٧٥٠)، والنسائي في «السنن الكبرى» (٨٦٠٤)
342. ޚާލިދުގެފާނު ލަޝްކަރު އަލުން ތަރްތީބު ކުރައްވައި އެ ދުވަހުގެ އިރު އޮއްސެންދެން ސާބިތުކަމާއެކު ހަނގުރާމަ ކުރެއްވިއެވެ. އެކަލޭގެފާނު ވިދާޅުވި ގޮތުގައި އެކަލޭގެފާނުގެ އަތްޕުޅުން އެ ދުވަހު 9 ކަނޑިކޮޅު ބިންދައިގެން ދިޔައެވެ. އެންމެފަހުން އެކަލޭގެފާނުގެ އަތްޕުޅުގައި ހަނގުރާމަ ކުރައްވަން އޮތީ ޖަސްތުފޮއްޗެއް ކަމަށް ވިދާޅުވިއެވެ. އެކަލޭގެފާނު މުސްލިމުންގެ ލަޝްކަރު ސަލާމަތް ކުރެއްވުމަށް ޓަކައި ވަރަށް މޮޅު އިސްތިރާތީޖީއެއް ރޭއްވެވިއެވެ. މި ރޭއްވެވުމާ އެއްގޮތްވާގޮތުގެ މަތިން އަނެއް ދުވަހު ހަނގުރާމަ ކުރައްވަމުން އިސްލާމީ ލަޝްކަރު ސަލާމަތް ކުރައްވައިގެން މަދީނާއަށް ވަޑައިގެންނެވިއެވެ. މުސްލިމުން ހަނގުރާމައިގެ މައިދާނުން ފަހަތަށް ޖެހެމުން ދިޔައިރު ކާފިރުންނަށް މި ލަޝްކަރު ފަހަތުން އަންނާކަށް ނުކެރުނެވެ. ކާފިރުންގެ ޢަދަދު ގިނަކަމާއެކުގައި ވެސް ހަނގުރާމައިގައި މުސްލިމުންގެ ތެރެއިން ޝަހީދުވެފައިވަނީ އެންމެ 12 މީހުންނެވެ. ކާފިރުންގެ ތެރެއިން 3350 މީހުން މަރުވިއެވެ.
343. މުއުތާ ލަޝްކަރު މަދީނާއަށް އައުމުން ބައެއް މީހުން އެ ލަޝްކަރަށް މަލާމާތް ކުރިއެވެ. ހަނގުރާމަ ކުރަން ނުކެރިގެން ފިލައިގެން އައީ އޭ ބުނެ ފުރައްސާރަ ކުރިއެވެ. އެހިނދު ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. [ليسُوا بالفُرَّار و لكنهم الكُرَّار إن شاء الله] - ([އެއީ ފިލައިގެންއައި ބައެއް ނޫނެވެ. އެހެނެއްކަމަކު އެއީ އިރާދަކުރެއްވިއްޔާ ޙަމަލާވެރީންނެވެ.])
344. ޖަޢުފަރުގެފާނު ޝަހީދުވުމުން އެކަލޭގެފާނުގެ އަހްލުންގެ ޙާލު ބައްލަވައިލައްވަން ރަސޫލާ ﷺ ވަޑައިގެންނެވިއެވެ. ރަސޫލާ ޙަދީސް ކުރެއްވިއެވެ. [ތިޔަބައިމީހުން ޖަޢުފަރުގެފާނުންގެ އަހްލުންނަށް މިއަދު ކާތަކެތި ހަދައިގެން ގެންގޮސްދޭށެވެ! އެމީހުން މިއަދު އެ ތިބީ މާބޮޑު ކަމެއްގައި އަވަދިނެތިވެފައެވެ.] (رواه أحمد بسند حسنه الألباني)
(ނުނިމޭ)