އަދުގެ ޚާއްސަ

Print

ދެވަނަ ފުރުޞަތު (4)

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ވާހަކަ

އަސްމާ އަބޫބަކުރު، ހއ. ދިއްދޫ

(17 މެއި 2020 ގައި ޝާއިޢުކުރި ބަޔާ ގުޅޭ)

"ދައްތާ! ތިޔަ މަސައްކަތް އަޅުގަނޑު ކޮށްފާނަން. ނަމާދު ވަގުތު ފާއިތުވުމުގެ ކުރީން ނަމާދުކޮށްލަންދޭ." މުނާ އެހެން ބުނުމުން ޒަހުވާއާއި ޒަލާ އެކަކު އަނެކެއްގެ މޫނަށް ބަލައިލިއެވެ. މުނާއަށް އެގޭގައިވީ ކުޑަ ދުވަސްކޮޅު ތެރޭގައި އެގޭ މީހުންގެ ގޮތް އެނގޭން ފަށައިފިއެވެ. އަދި އެމީހުން ގިނަ ވަގުތު ގެއިން ބޭރުގައި ހޭދަކުރުމުގެ ސަބަބުން ނަމާދަށް ސަމާލުކަން ނުދޭކަން އެނގެއެވެ. އަދި މިއަދު ވެސް އެއްވެސް މީހަކު ނަމާދަށް ސަމާލުކަމެއް ނުދޭނެކަން އެނގިއްޖެއެވެ. 

ކައްކައި ނިމުމުން މުނާ ކޮޓަރިއަށްވަދެ ގަލަމާއި ފޮތް ނެގިއެވެ. އަދި ކީރިތި ރަސޫލާ މުޙައްމަދު ﷺ ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނަ އެ ފޮތުގައި ލިޔުނެވެ. އެއީ "ނަމާދަށް ރައްކާތެރި ނުވެއްޖެ މީހާއަށް ޤިޔާމަތް ދުވަހުން އަލިކަމެއް، ހެކިވެރިކަމެއް އަދި ސަލާމަތްކަމެއް ނުވެއެވެ. އެފަދަމީހުން ޤިޔާމަތް ދުވަހުން ވާހުށީ ޤާރޫނާއި ފިރްޢައުނާއި ހާމާނާއި އުބައްޔު ބުން ޚަލަފާ އެކުގައެވެ." މި ހަދީޘް ލިޔުމަށްފަހު ފޮތް ހުޅުވައިފައި ސިޓިންރޫމުގައި ބޭއްވިއެވެ. އޭގެ އިތުރަށް، ކިޔަވަން ގެންގުޅޭ ދެ ފޮތް ވެސް އެ ފޮތުގެ ކައިރިގައި ބޭއްވިއެވެ. ބަލާ މީހަކަށް އެއީ ކިޔާން ހުޅުވައިފައި އޮތް ފޮތެއްގެ ގޮތުގައެވެ. މުނާ ބޭނުންވަނީ ކޮންމެވެސް ގޮތަކުން ނަމަވެސް އެގޭ މީހުން ދީނުގެ ކަންކަމަށް ފަރުވާތެރިވާނެ ގޮތް ހެދުމެވެ.

މެންދުރުކައި ނިމިގެން ފާހިމް ސިޓިންގ ރޫމުގައި އިށީނީ ޚަބަރު ބަލާށެވެ. އެވަގުތު މުނާ އުޅުނީ ކޮޓަރީގައެވެ. މުނާ ހުޅުވާފައި ބޭއްވި ފޮތް ފާހިމް ބަލައިލިއެވެ. އަދި އެހާމެ އަވަހަށް އެފޮތް ލައްޕައިލައިފިއެވެ. ފާހިމް ދެކޭ ގޮތުގައި މުނާ ގަސްތުގައި އެ މީހުންނަށް އެ އޮތީ މަލާމަތް ކޮށްފައެވެ. އޭނާގެ މޫނުމަތީން ނުރުހުމުގެ އަސަރު ފާޅުވާން ހުއްޓެވެ. 

"މުނާ. ފޮތްތައް ނަގައިގެން ކޮޓަރިއަށް ގެންދޭ. ހުރިހާ ތަނަކަށް ފޮތް އުކައިފައި ނުބަހައްޓާތި!" ފާހިމްގެ އަޑުގައި ހުރި ނުރުހުން މުނާއަށް ފާހަގަވިއެވެ. އިސްޖަހައިގެން ހުރެ މުނާ އައިސް ފޮތްތައް ހިފައިގެން ކޮޓަރިއަށް ވަދެއްޖެއެވެ. އަދި އެ ވަރަކުން މުނާ ގޮތް ހުސްވެގެންނެއް ނުހުއްޓުނެވެ. މުނާގެ ޚިޔާލުގައިވަނީ ހަފުތާއެއްގެ ތެރޭގައި މުޅި ގޭގައި ރަސޫލާގެ ޙަދީޘް ބަސްފުޅުތައް ލޔުމެވެ. ކުޑަ ނަމަވެސް ފައިދާއެއް އެގޭ މީހުންނަށް ކުރޭތޯއެވެ. މުނާ އެ ކަން ކުރިއެވެ. އަދި މުނާގެ ކޮޓަރީގެ ފާރުތަކުގައި ތަފާތު އާޔަތްތަކުގެ މާނަ ލިޔެ ހަރުކުރިއެވެ. 

" މުނާ! ގޭގެ ފާރުތައް ހަޑިކުރަން ފެށީތަ؟" ޒަހުވާއަށް މުނާ ކުރާކަންތައް ފެނިގެން ބުންޏެވެ. އަދި އެހުރިހާ ކަރުދާސްތައް ނެއްޓުމަށް ބުންޏެވެ. މުނާ އެކަމާ ދެރަވެގެން ހުރެ އަނެއްކާވެސް އާކަމެއް ކުރުމަށް ޚިޔާލު ކުރަމުން ކޮޓަރިއަށް ވަނުމާއެކު ފޯން ރިންގުވާތީ ފެނުނެވެ. 

" މަންމާ! ޙާލު ކިހިނެއް؟" މުނާ ފޯނު ކަންފަތުގައި ޖަހައިލުމާއެކު އެހިއެވެ. 

"މަންމަމެން ރަނގަޅު. ދަރިފުޅު މަތީން ހަނދާންވާވަރުން މިގުޅީ. ކިހިނެއްތަ ތިގޭގެ ކަންތައްތައް؟" މަންމަގެ ސުވާލުތަކަށް މުނާ ޖަވާބުދޭން ފެށިއެވެ. 

"މިގޭ އެންމެންވެސް ވަރަށް ރަނގަޅު. އެކަމަކު..." މުނާ ވާހަކަ ހުއްޓުން އެރިއެވެ. 

"އެކަމަކު ކިހިނެއްވީ. ކަމެއް ގޯސްވީތަ؟" މަންމަގެ ހިތް ނުތަނަވަސް ވެފައި އަހާލެވުނެވެ. މުނާ މަންމަ އަށް މުނާ ހުންނަ ގޭ މީހުންގެ އުޅުން ހުންނަ ގޮތް ކިޔައިދިނެވެ. ޢާއިލާ ތެރޭގައި ދީނަށް ލޯބި ކުރާ އެކަކުވެސް ނެތްކަމާއި، ޢާއިލީ ގުޅުން މާރަނގަޅު ނޫން ވާހަކައެވެ. ފާހިމްބޭ ހުކުރު ނުކުރާ ވާހަކަ ވެސް ބުންޏެވެ. މި ކަހަލަ ގެއެއްގައި ހުރުމަކީ ރަނގަޅު ކަމެއް ބާއޭ މުނާ މަންމަ ކުރެން އެހިއެވެ. 

"ނޫން. ދަރިފުޅާ. ތިގޭގައި ހުރުމަކީ އެހާ ރަނގަޅު ކަމެއްކަމަކަށް މަންމައަކަށް ނުފެނޭ. މިއަދު ބައްޕަ އާއި ވާހަކަ ދައްކައިގެން އެހެން ގެއަކަށް ބަދަލު ކުރެވޭތޯ ބަލާނަން." މަންމަގެ ވާހަކައިން މުނާ ހިތްހަމަ ޖެހިއްޖެއެވެ. ހިލައަށް ފެން ނުވަންނަ އުޞޫލުން މުނާ ކުރި އެއްވެސް ކަމަކުން އެގޭ މީހުންނަށް ކުރި ފައިދާއެއް ނެތެވެ.

ދަންވަރު ވަގުތެވެ. ޒަހުވާ ނިދާހާ އިރުވުމުން ފާހިމް މަޑުމަޑުން ނިކުތެވެ. މުނާގެ ކޮޓަރި ޑަބަލް ތަޅުދަނޑި ހިފައިގެންނެވެ. އެވަގުތަކީ ޒަލާ ނިދަން އޮށޯތުމުގެ ކުރީން ފެންތަށްޓެއް ބޯލުމަށް ސިޓިންރޫމަށް ނިކުންނަން އެ ކޮޓަރީގެ ދޮރުވެސް ހުޅުވާލި ވަގުތެވެ. ޒަލާއަށް ބައްޕަ ގޮސް މުނާގެ ކޮޓަރި ދޮރުގައި އަތްލަނިކޮށް ފެނުމާއެކު ކޮޓަރީގެ ދޮރާ ނިވައިވެގެން ބަލަން ހުއްޓެވެ. ފާހިމް ސިއްރުސިއްރުން މުނާގެ ކޮޓަރީގެ ދޮރު ހުޅުވައިލުމަށްފަހު ފަރާތް ފަރާތް ބަލައިލިއެވެ. އެއްވެސް މީހަކު ފެންނަން ނެތުމުން ކޮޓަރި ތެރެއަށް ދެމިގެންފިއެވެ. ފާހިމްގެ ސިކުނޑިއަށްވަނީ ޝައިޠާނާ ވެރިވެފައެވެ. ދަރިއެއްފަދަ ކުއްޖަކާ މެދު ޢަމަލު ކުރަން ބޭނުންވީ ކޮންފަދަ މުޑުދާރު ގޮތަކަށް ހެއްޔެވެ؟

" ހާދަ އަނދިރިއޭ. " ސްވިޗު ބޯޑުގައި ހަތްހާކާލަމުން ފާހިމް އަށް ބުނެވުނެވެ. ކޮޓަރީގެ ބޮކި ދިއްލާލުމާއެކު ފާހިމް ދިޔައީ ސިއްސައިގެންނެވެ. 

" ދަރިފުޅާ. ޒަ...ލާ" އާގަންނަމުން ކަހަލަ ގޮތަކަށް ފާހިމް އަށް ބުނެވުނެވެ. ކޮޓަރި ދޮރުމަތިން ޒަލާ ފެނުމުންނެވެ. ހަމައެވަގުތު ފާހިމްއަށް ކޮޓަރީގެ އެނދާ ދިމާއަށް ބަލައިލެވުނެވެ. އެނދުމަތީގައި އޮތީ މުނާއެއް ނޫނެވެ. ރީތިކޮށް ތަންމަތި އަޅާފައި ހުރި އެނދު ފެނުމުން މިރޭ މުނާ އެ އެނދުގައި ނިދާފައި ނުވާކަން ފާހަގަވިއެވެ. އަދި އެނދުގައި އޮތް ނޯޓް ފެނުނެވެ. 

"އަޅުގަނޑު މިގެއިން ބަދަލުވަނީ ޢާއިލާގެ އެހެން މީހަކު މާލެ ބަދަލުވުމުން އެމީހުން ކައިރިއަށެވެ. ބައްޕަ ވަރަށް ގިނައިން މިއަދު ފާހިމްބެއަށް ގުޅިއެވެ. އަދި ޒަހުވާ ދައްތަ އަށްވެސް ގުޅިއެވެ. ފޯނު ނުނަންގަވާތީ ބައްޕަގެ އެދުމަށް މިނޯޓް ލިޔުނީއެވެ. ތިޔަ ޢާއިލާގެ މީހުންނަށް މާތްﷲ ތެދުމަގު ދައްކަވާށިއެވެ!" މުނާގެ ނޯޓް ފެނުމުން ފާހިމް ކުރަން އައި މުޑުދާރު ކަންތަކާ މެދު ލަދުގަނެ ދެރަވެއްޖެއެވެ. 

ރަނގަޅަށް އުޅޭ މީހަކަށް މާތްﷲ ދެރަގޮތެއް މެދުވެރިއެއް ނުކުރައްވާނެއެވެ. މުނާގެ ޢަބުރު މިރޭ ސަލާމަތްވީއެވެ. 

"ޒަލާ! މިވާހަކަ މަންމަ ގާތު ނުބުނާތި!" ފާހިމް މުނާގެ ކޮޓަރިން ނިކުންނަމުން ޒަލާއަށް ބުންޏެވެ. 

ދެތިން ދުވަސްފަހެވެ. ޒަލާއަށް މާރަނގަޅު ރައްޓެއްސެއް ލިބިއްޖެއެވެ. ދުވާލު ގިނަވަގުތު ޖަޒުލާން އާއި ވައިބަރ ކުރުމުގައި ޒަލާ އަވަދި ނެތި އުޅެއެވެ. ފޭސްބުކަށް  ޒަލާގެ ފޮޓޮއެއް އަޕްލޯޑް ކުރާއިރަށް ފުރަތަމަ ލައިކް ދެނީ ޖަޒުލާން އެވެ. ސްޓޭޓަސްއެއް އަޕްޑޭޓް ކުރުމާއެކު ހެޕީ ފޭސްއެއް ނޫނީ ކޮންމެވެސް ކޮމެންޓެއް ފުރަތަމަ ކުރަނީވެސް ޖަޒުލާންއެވެ. 

" ކޮފީއަކަށް ދެވިދާނެތަ؟" ޖަޒުލާންގެ ފުރަތަމަ ހުށައެޅުން އައެވެ. އެހާރީތި ފިރިހެން ކުއްޖަކު ކަމަކަށް އެދުމުން ޒަލާ ދެކޮޅު ހަދާކަށް ބޭނުމެއް ނޫނެވެ. 

"މިވަގުތު މިއުޅެނީ ސެލޫންގަ ވަރަށް ބިޒީކޮށް." ޒަލާ ވައިބަރ ކޮށްލިއެވެ. 

"ދެން ތިޔަ އުޅެނީ ނުދާންވެގެން." ޖަޒުލާން ގަދަކޮށްލުމުގެ ގޮތުން ބުންޏެވެ. 

" ނޫނޭ. ރައްޓެހި ކުއްޖަކާއެކު ދެވިދާނެ." ޒަލާ ހިނިތުންވުމަކާއެކު މެސެޖު ފޮނުވަލިއެވެ. 

ޖަޒުލާންގެ ދަޢުވަތު ލިބުމާއެކު ޒަލާ ދިޔައީ ސައުނާ ގޮވައިގެންނެވެ. 

"ޒަލާ އަށް ލިބުނު ދަޢުވަތަކަށް ކީއްވެ އަހަރެން ތިޔަ ގެންދަނީ؟" ސައުނާ ބުންޏެވެ. 

"ސައުނާ ތިހެން އެކަނި ހުންނާތީ، މީހަކު ހޯދައިދޭންވެގެން މިގެންދަނީ. ދެން ފޮނިނުވެ ހިނގާބަލަ!" ޒަލާ ސައުނާގެ އަތުގައި ހިފައި ދަމަމުން ކަހަލަ ގޮތަކަށް ގެންގޮސް ކާރަށް އެރުވިއެވެ. ކޮފީޝޮޕްގައި މާގިނަ މީހުންނެއް ނެތެވެ. ޖަޒުލާން ފެނުމާއެކު ޒަލާގެ ގޮސް އެމޭޒު ކައިރީ އިށީނދެއްޖެއެވެ. 

"މީ އަހަރެންގެ ފްރެންޑް ސައުނާ" ޖަޒުލާން އަށް ސައުނާ ތަޢާރަފް ކޮށްދެމުން ޒަލާ ބުންޏެވެ. އެދުވަހު ކޮފީގައި ތިބެ މަޖާ ވާހަކަ ދައްކާ ހެދުމުގެ ސަބަބުން ޖަޒުލާން އާއި ޒަލާގެ ރައްޓެހިކަން އިތުރުވިއެވެ. ވާހަކަ ދެއްކުމުގެ ތެރޭގައި ސައުނާ އަށް ކުއްޖަކު ހޯދައިދިނުމަށް ޒަލާ ބުންޏެވެ. 

"ތިޔައީ އެއްވެސް ކަމެއް ނޫން." ޖަޒުލާން ތެދުވަމުން ބުނެލިއެވެ. " މިހެން ތަންތަނަށް އަންނައިރު މަޖާވާނީ ޖޯޑު ހަމަކޮށް ތިބުމުން." ޒަލާ ހިނިގަނޑަކާއެކު ބުންޏެވެ. އޭގެ ފަހުން އެގްރޫޕަށް ހަމްދާން އިތުރުވިއެވެ. ގްރޫޕް ހަމަވުމާއެކު ދެން ފެށުނީ މަޖާ ކުރުމުގެ ޕްރޮގްރާމްތަކެވެ. ގިނައިން ރާވައިފައިވަނީ ރިޒޯރޓް ދަތުރު ތަކެވެ. ބައެއް ހަފްތާ ބަންދުތަކުގައި ބޭރު ޤައުމު ތަކަށް ޖައްސާލުންވެސް އޮވެއެވެ. 

"ހަމްދާނަށް އެނގޭތަ. ޒަލާ އަކީ މުއްސަނދި ބައްޕައެއްގެ ހުރި ހަމައެކަނި ދަރިކަން." ޖަޒުލާން ފޯނުން ވާހަކަ ދައްކަމުން އެހިއެވެ. 

"ދެން ކިހިނެއްވީ؟" ހަމްދާން އަށް އެއީ މާޚާއްޞަ ކަމަކަށް ނުވިއެވެ. ޖަޒުލާންގެ ވާހަކަތައް އަޑުއަހަމުން ދިޔައިރު ހަމްދާން ހުރި ޖަޒުލާންގެ މޮޅު ޚިޔާލު އަޑުއިވިފައި ޙައިރާން ވެފައެވެ. 

"މިގޮތަށް ކަންތައް ކުރެވިއްޖިއްޔާ އަހަރެމެންނަށް ފައިދާވާނީ." ޖަޒުލާންގެ ވާހަކައަށް ހަމްދާން އެއްބަސްވިއެވެ. އޭރުން އެމީހުންނަށް ވެސް ކޮންމެވެސް ވަރަކަށް ފައިސާ ލިބޭނެއެވެ. މީހުން އަތުން ދަރަންޏަށް ފައިސާ ނެގުމުގެ ބަދަލުގައި ދުވަސްކޮޅަކު ނުދަރާ އުޅެވިދާނެއެވެ. 

ޖަޒުލާން އާއި ހަމްދާން ރައްޓެހިވީ ސްކޫލްގައި އުޅުނު ދުވަސްވަރުން ފެށިގެންނެވެ. ކްލާހުގައި ނުކިޔަވައި، ޓީޗަރުންނަށް އުނދަގޫ ކުރުމުގައި އެންމެ ކުރީގައި އުޅުނު ބަޔަކަށް އެމީހުން ވާނެއެވެ. މައިން ބަފައިން ސްކޫލަށް ފޮނުވީތީ ޔުނީފޯމް ލައިގެން ދަނީއެވެ. ގްރޭޑް ހަތަކަށް ދިޔަފަހުން ރިޕީޓްވާން ފެށީ ބޭރުތެރޭގައި އުޅެން ފެށުމުންނެވެ. ގްރޫޕް ހަދައިގެން ސިނގިރެޓް ބުއިން އާދައަކަށް ހެދީވެސް އެދުވަސްވަރުއެވެ. އޭގެ ފަހުން ރިޒޯރޓަކަށް ދިޔައީވެސް ދެމީހުން އެކީގައެވެ. ޢުމުރުން އެންމެ ފަނަރަ އަހަރުގައެވެ. މިހާރު ރިޒޯރޓުންވެސް ކެނޑިގެން އައިސް މައިންބަފައިން ދިނީމަ ކައިގެން އުޅޭ ބަޔެކެވެ. ފައިސާ ހޯދުމަށް ދޭތެރެ ދޭތެރެއިން މުއްސަނދީންގެ ދަރީން އަތުއަޅުވާލުމަކީ މިހާރު އެމީހުންގެ ފެޝަނެވެ. އަދި ބައެއްފަހަރު މަންމަ ނުވަތަ މާމަ ހޮސްޕިޓަލްގައި ބާއްވައިގެން ކަމަށް ބުނެ މީހުން އަތުން ލާރި ހޯދަމުން ދިޔައެވެ.

***

ޙަސީންގެ ޢާއިލާ މާލެ ބަދަލުވީ ރަށުގައި ދެވޭނެ މާބޮޑު ތަޢުލީމެއް ނެތިގެންނެވެ. ތިންކުދިން ތިބި އެޢާއިލާގެ އެންމެ ދޮށީ ޙަސީން އެވެ. ދެންތިބީ ދެއަންހެން ކުދިންނެވެ. ޙަސީންގެ މައިން ބަފައިންނަކީ ދީނަށް ލޯބި ކުރާ ބަޔެކެވެ. ދަރީން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަކީ އެމީހުންގެ އެންމެ ބޮޑު ޒިންމާއެވެ. މާލޭގައި އުޅޭތާ ދެތިން އަހަރު ވީއިރު ޙަސީންގެ ކިޔެވުން ނިމިއްޖެއެވެ. 

"ދަރިފުޅު ދާނީ ކޮންކަހަލަ ވަޒީފާއަކަށް؟" ޙަސީންގެ މަންމަ ޙާމިދާ އެއްދުވަހު އެހިއެވެ. 

"މިހާރު ވަރަށްގިނަ ތަންތަނަށް އެޕްލައި ކޮށްފިން. އަދި ވަޒީފާއެއް ލިބޭގޮތެއް ނުވޭ. ލިބޭ ކޮންމެ ވަޒީފާއަކަށްވެސް މިހުރީ ދާން ތައްޔާރަށް." ޙަސީން މަންމަ އާއި ވާހަކަ ދައްކަމުން ބުންޏެވެ.  " ދޮންބޭ. މިއޮތީ ނޫހުގައި ބައިވަރު ވަޒީފާ އޮތްކަމަށް. ނިކަން އެޕްލައި ކޮށްބަލަ. ދޮންބެއަށް ނޫސްވެރިއަކަށް ވެވިދާނެ." ހައުލާ

ނޫސް ހިފައިގެން އައިސް ޙަސީން އަށް ދިއްކޮށްލިއެވެ. 

"އެގޮވަނީ މެންދުރު ނަމާދު ބަންގި. ހައުލާ ބަލައިބަލަ ކޮއްކޮ ކޮޓަރީގަ ކީއްތޯ ކުރަނީ. ބުނޭ އަވަހަށް ވުޟޫ ކޮށްގެން މަންމަ އާއެކު ނަމާދު ކުރަން އަންނާށޭ." އެވަގުތު ޙަސީންވެސް ދިޔައީ މިސްކިތަށެވެ. 

ރޭގަނޑު ކާމޭޒުމަތި ތައްޔާރު ކުރުމުގައި ޙާމިދާ އާއިއެކު އޭނާގެ ދެއަންހެން ދަރީން ވެސް އުޅެއެވެ. ސަމީން އަށް ޢާއިލާ އާއި އެކު ކޮންމެ ދުވަހަކު ކެއުމުގައި ބައިވެރި ވެވެނީ ރޭގަނޑުއެވެ. ސަމީން މަސައްކަތް ކުރަނީ މާރުކޭޓް ގޮޅިއެއް ހިފައިގެން އެތަނުގައެވެ. ދުވާލުދާ ހަތަރުދަމު ކުރާ މަސައްކަތުން ކިރިޔާ ގޭކުލި ދައްކާފައި ކައިބޮއި ހެދެނީއެވެ. އަހަރަކު އެއްފަހަރުހެން ކަހަލަ ގޮތަކަށް ގޭކުލި އިތުރުވަމުންދާތީ ސަމީން އާއި ޙާމިދާ ހުންނަނީ ބޮލުގެ ރިހުމަކަށްވެފައެވެ. އެނޫން ގޮތެއް އަދި ނެތެވެ. 

" ދަރިފުޅުމެން އާދޭ އަވަހަށް ކާން." ސަމީން ޢިޝާ ނަމާދުކޮށްގެން އަންނަންދެން އެންމެން ތިބީ ޚަބަރު ބަލާށެވެ. ސަމީން ގޮވާލުމާއެކު ބާރަ އަހަރުގެ ހައިމާ ދުވެފައި އައިސް ބައްޕަގެ އަތުގައި ހިފައިފިއެވެ.

(ނުނިމޭ)

އިދާރާ

އެނގޭތަ؟

ވާހަކަ