އަދުގެ ޚާއްސަ

Print

ރޭތަކުގެ ސާހިބާ ކަމަނާ (ފަހުބައި)

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ޢަޤީދާ

އިބްރާހީމް ރަޝީދު މޫސާ

(އިއްޔެގެ ބާކީ ބައި)

ލައިލަތުލް ޤަދްރިވިލޭރެއަކީ ރަމަޟާންމަހުގެ ކޮން ރެއެއް

މާތް ﷲ ވަނީ ލައިލަތުލްޤަދްރި ވިލޭރޭ ވަންހަނާ ކުރައްވައިފައެވެ. އެހެނަސް އެކަމަށް ޝަވްޤުވެރި ކުރެއްވުމަށްޓަކައި އެއީ ރަމަޟާން މަހުގައިވާ ރެއެއްކަން ކަށަވަރު ކޮށްދެއްވިއެވެ. އެރޭ ވަނީ ރަމަޟާން މަހުގެ ފަހު ދިހައިގެ އޮނަހިރި ރެއެއްގައި ކަމަށް ވެސް އިޝާރާތް ކުރެއްވިއެވެ. މާތްﷲ މިފަދަ ވަގުތުތަކާއި ކަންތައްތައް ވަންހަނާ ކުރައްވަނީ އެކަމަށް އަޅުގަނޑުމެން ޝަވްޤުވެރި ކުރެއްވުމަށް ޓަކައެވެ. 

މިކަމާ ބެހޭގޮތުން ހުރި ރަސޫލާގެ ބަސްފުޅުތައް އައްސަވާށެވެ! 

1- رسول الله صلى الله عليه وسلم ޙަދީސް ކުރެއްވިއެވެ. [تَحَرَّوْا لَيْلَةَ الْقَدْرِ فِي الْوِتْرِ مِنْ الْعَشْرِ الْأَوَاخِرِ مِنْ رَمَضَانَ]   - ([ރަމަޟާންމަހު ފަހުދިހައިގެ އޮނަހިރި ރެއެއްގައި ލައިލަތުލްޤަދްރި ލިބިގަތުމަށް ތިޔަބައިމީހުން މަސައްކަތް ކުރާށެވެ.]) (رواه البخارى وأحمد والبيهقى). އެހެންކަމުން އެއީ ރަމަޟާންމަހުގެ 21 ނުވަތަ 23 ނުވަތަ 25 ނުވަތަ 27 ނުވަތަ 29 ވިލޭރެއެވެ. 

2- ނަބިއްޔާ صلى الله عليه وسلم ޙަދީސް ކުރެއްވިއެވެ. [التَمِسوها في العَشرِ الأواخِرِ] - ([ފަހު ދިހައިގައި އެ ރޭ ލިބޭތޯ ތިޔަބައިމީހުން މަސައްކަތް ކުރާށެވެ!]) (أخرجه النسائي في «السنن الكبرى» (٣٤٢٧)، وأحمد (٢١٤٩٩)، وابن خزيمة (٢١٧٠) واللفظ له).

3- ރަސޫލާ  صلى الله عليه وسلم ޙަދީސް ކުރެއްވިއެވެ. [التَمِسُوها في السَّبْعِ الأواخِرِ] - ([ރަމަޟާންމަހުގެ އެންމެ ފަހު ހަތްރޭގައި  އެ ރޭ ލިބޭތޯ  ތިޔަބައިމީހުން މަސައްކަތްކުރާށެވެ!]) (أخرجه النسائي في «السنن الكبرى» (٣٤٢٧)، وأحمد (٢١٤٩٩)، وابن خزيمة (٢١٧٠) واللفظ له).

4- ރަސޫލާ صلى الله عليه وسلم ގެ ބައެއް ބަސްފުޅުތަކުގައި އެއީ 27 ވިލޭރޭ ކަމަށް އައިސްފައިވެއެވެ. މާތް ﷲ އެ ދެބަފައިކަލުންނަށް ރުއްސުންލެއްވި އިބްނު ޢުމަރުގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލާ صلى الله عليه وسلم ޙަދީސް ކުރެއްވިއެވެ. [مَن كانَ متحرِّيَها فليَتحرَّها ليلةَ سبعٍ وعشرينَ وقالَ تحرَّوها ليلةَ سَبعٍ وعشرينَ يعني ليلةَ القدرِ]  -  ([އެ ރޭ ހޯދަން އެދޭ މީހާ 27 ވިލޭރޭ އެ ރޭ ހޯދުމަށް މަސައްކަތް ކުރާށެވެ! އެކަލޭގެފާނު ވިދާޅުވިއެވެ: ތިޔަބައިމީހުން 27 ވިލޭރޭ އެ ރޭ ލިބިގަނެވޭތޯ މަސައްކަތްކުރާށެވެ!]) (أخرجه أحمد (٤٨٠٨) واللفظ له، والطيالسي في «المسند» (٢٠٠٠)).

5- މީގެ އިތުރަށް ބައެއް ބޭފުޅުން، އަމިއްލަފުޅު އިޖްތިހާދުގެ މައްޗަށް ބައްލަވައި ލައިލަތުލްޤަދްރި ވިލޭރެއަކީ ރަމަޟާން މަހުގެ 27 ވިލޭރޭ ކަމަށް ވިދާޅުވެއެވެ. އެބޭފުޅުން ވިދާޅުވާ ގޮތުގައި ލައިލަތުލްޤަދްރި މި ދެކަލިމާގައި އޮތީ  9 އަކުރެވެ. މިދެކަލިމަ ކީރިތި ޤުރްއާނުގައި ވާރިދުވެފައިވަނީ 3 ފަހަރުއެވެ. އެހެންކަމުން އެއީ 3 ގުނަ 9 އެއް  27 އެވެ. މީގެއިތުރަށް، އަލް ޤަދްރު ސޫރަތުގައި ليلة القدر އައިސްފައި ވަނީ ތިން ހިސާބެއްގައެވެ. ފުރަތަ ފަހަރު އައިސް ވަނީ 5 ވަނަ އަށެވެ. ދެވަނަ ފަހަރު އައިސްވަނީ 10 ވަނައަށެވެ. ތިންވަނަ ފަހަރު އައިސްފައިވަނީ 12 ވަނައަށެވެ. ވީމާ އެއީ ( 5+10+ 12 ) 27  އެވެ. އެބޭފުޅުން އަދި ވެސް ވިދާޅުވާ ގޮތުގައި އަލްޤަދްރު ސޫރަތުގައި އޮތީ 30 ކަލިމައެވެ. މި ތިރީސް ކަލިމައިގެ ތެރޭގައި ހިމެނޭ ބަސްފުޅު [سَلاَمٌ هِىَ] ގައި އޮތް  [هِىَ] އައިސްފައި އޮތީ  27 ވަނަ ކަލިމަ އަށެވެ. هِىَ (އެއީ) އިޝާރަތް ކުރަނީ ލައިލަތުލް ޤަދްރި ވިލޭރެއަށެވެ. 

މާތް ﷲ މި ރޭ ވަންހަނާ ކުރެއްވީ އެކަމަށް އަޅުގަނޑުމެން ޝައުޤުވެރި ކުރައްވާށެވެ. ރަމަޟާން މަހުގެ ހުރިހާ ރޭތަކެއްގައި އަޅުކަންކޮށް އެ ރޭތައް އިޙްޔާއުކޮށް ދިރުވުމަށް ޓަކައެވެ.ﷲ ސުބްޙާނަހޫ ވަ ތަޢަލާ ވަނީ ފަރްޟު ފަސް ނަމާދުގައި ހިމެނޭ މެދުނަމާދު ވަންހަނާ ކުރައްވައިފައެވެ. އެކަލާނގެ ވަނީ ހުކުރުދުވަހުގައި ލައްވައިފައިވާ ދުޢާ އިޖާބަ ކުރައްވާ ވަގުތު ވަންހަނާ ކުރައްވައިފައެވެ. އެކަލާނގެ ވަނީ މަރުވާނެ ވަގުތާއި ޤިޔާމަތްވާނެ ވަގުތު ވަންހަނާ ކުރައްވައިފައެވެ. އެ ކަލާނގެ ވަނީ އެކަލާނގެ މަތިވެރި އިސްމުފުޅު ވެސް ވަންހަނާ ކުރައްވައިފައެވެ. 

ރަމަޟާން މަހުގެ ފަހު ދިހަ ފެށުމުން މި އަގު ބޮޑު ޖަވާހިރު ހޯދުމުގެ ދަތުރު ފެށުނީއެވެ. ފުރަތަމަ ތިން ރޭގައި  ލޮޑުވެ، ވަރުބަލިވެ، ކަންނެތްވި  މީހާ ބާކީ އޮތް ހަތް ދުވަހުގައި ގަދައަޅައި މަސައްކަތް ކުރާށެވެ. އިބްނު ރަޖަބު ވިދާޅުވިއެވެ. [ޢުމަރުގެފާނު، އިބްނު ޢައްބާސުގެފާނު މާ އަރިސްކުރައްވައިގެން ގެންގުޅުއްވާތީ މުހާޖިރީންގެ ބައެއް ބޭކަލުން ފާޑުވިދާޅުވިއެވެ. މި ކަން އެކަލޭގެފާނަށް އެނގިވަޑައިގަތުމުން އެބޭކަލުން އެއްކުރެއްވިއެވެ. ޢުމަރުގެފާނު ލައިލަތުލްޤަދްރިއާ ބެހޭ ގޮތުން އެބޭކަލުންނާ ސުވާލު ކުރެއްވިއެވެ. ބައެއް ބޭކަލުން އެއީ މެދު ދިހައިގައި ރެއެއްކަމަށް ، އަނެއްބައި ބޭކަލުން އެއީ ފަހު ދިހައިގެ ރެއެއް ކަމަށް ވިދާޅުވިއެވެ. ބައެއް ބޭކަލުން އެއީ 21 ކަމަށް އަދި 23 ކަމަށް އަދި 27 ކަމަށް ވިދާޅުވިއެވެ. ދެން ޢުމަރުގެފާނު އިބްނު ޢައްބާސުގެފާނަށް ވާހަކަފުޅު ދައްކަވަން ވިދާޅުވިއެވެ. އެހިނދު އިބްނު ޢައްބާސުގެފާނު ދެންނެވިއެވެ. އެ ރޭ މޮޅަށް ދެނެވޮޑިގަންނަވަނީ ﷲއެވެ. ޢުމަރުގެފާނު ވިދާޅުވިއެވެ. އަހަރެމެން އެންމެން ތިޔަކަން ޤަބޫލު ކުރަމެވެ. އެހެނަސް އަހުރެމެން މި ސުވާލު ކުރަނީ ކަލޭގެފާނަށް އެ ރެއާމެދު އެނގިވަޑައިގެންފައިވާ އެއްޗަކާ ބެހޭ ގޮތުންނެވެ. އެހިނދު އިބްނު ޢައްބާސުގެފާނު ވިދާޅުވިއެވެ. ﷲއީ އޮނަހިރިވަންތަ ރަސްކަލާނގެއެވެ. އެކަލާނގެ އޮނަހިރިކަމަށް ލޯބިވެވޮޑިގަންނަވައެވެ. އެކަލާނގެ ހަތް އުޑު ހެއްދެވިއެވެ. ހަތް ބިން ހެއްދެވިއެވެ. ހަފުތާގެ ދުވަސްތަކުގެ ޢަދަދު ހަތެކެވެ. ޖަމްރާއަށް އުކަން ޖެހެނީ ހަތް ހިލައެވެ. އިންސާނާ ހެއްދެވީ ހަތް ފިޔަވައްސެއްގައެވެ. އޭނާގެ ރިޒްޤު ލެއްވީ ހަތް ކަމެއްގައެވެ. ފަހެ ޢުމަރުގެފާނު ވިދާޅުވިއެވެ. [ތިމަންކަލޭގެފާނަށް "އިންސާނާ ހެއްދެވީ ހަތް ފިޔަވައްސެއްގައި ކަމެއް، އަދި  އޭނާގެ ރިޒްޤު ލެއްވީ ހަތް ކަމެއްގައި ކަމެއް" އެނގިވަޑައިގެންފައެއް ނުވެއެވެ.]  (އިބްނު ރަޖަބުގެ لطائف المعارف 364).

ލައިލަތުލް ޤަދްރި ވިލޭރޭގެ ޢަލާމާތްތައް

ލައިލަތުލްޤަދްރި ވިލޭރޭގެ ޞިފަތަކާ ބެހޭގޮތުން ކީރިތި ރަސޫލާގެ ބަސްފުޅުތައް ވަރަށް ގިނައެވެ. މި ބަސްފުޅުތައް ބުނާގޮތުގައި ލައިލަތުލްޤަދްރި ވިލޭރެއަކީ ހޫނު ރެއެއް ނޫނެވެ. އަދި ފިނި ބާރު ރެއެއް ވެސް ނޫނެވެ. އެއީ މެދު މިންވަރުގެ ރެއެކެވެ. އެއީ ވައިރޯޅި މަޑު އުޑުމަތި  އަލި ރެއެކެވެ. އެދުވަހަށް އިރުއަރާއިރު އިރުގައި ދޯއްޖެއް ނުހުންނާނެއެވެ.  (الهيثمي في مجمع الزوائد  3/ 178)

މި ރޭ ދިރުވާނީ ކިހިނެއް؟

ލައިލަތުލްޤަދްރި ވިލޭރެއަކީ މާތްﷲ ހާމަކުރައްވާފައިވާ ރެއެއް ނޫނެވެ. އެ ރޭ ވަނީ ރަމަޟާން މަހުގެ ތެރޭގައި ކަން ކަށަވަރެވެ.  އެރޭ ވަނީ ފަހު ދިހާގައިކަން ވަރަށްގިނަ ބަސްފުޅުތަކުން އެނގެއެވެ. ފަހު ދިހައިގެ  ރޭތަކުގައި އަޅުކަން ކުރެއްވުމަށް ޓަކައި ރަސޫލާ صلى الله عليه وسلم އެކަލޭގެފާނުގެ ހުރިހާ ވަގުތުތަކެއް ހުސްކޮށްލެއްވިއެވެ. އެކަލޭގެފާނުގެ ރިދާކޮޅު ވެއްޓިދާނެތީ ބާރަށް ބެންނެވިއެވެ. މާނައަކީ ގަދައަޅައި މަސައްކަތްކުރެއްވިއެވެ.  އެކަލޭގެފާނު އެކަލޭގެފާނުގެ އަނބިއަނބިކަނބަލުން ފަހު ދިހައިގެ ރޭތައް އިޙްޔާ ކުރެއްވުމަށްޓަކައި އަވަހާރަފުޅުން ނެންގެވިއެވެ. 

މި ނަމޫނާއަށް ބަލައިގެން ލައިލަތުލްޤަދްރި ވިލޭރޭ ލިބޭތޯ ރަމަޟާންމަހުގެ ރޭތައް އިޙްޔާކުރުމަށް މަސައްކަތް ކުރުން ލާޒިމުވެގެންނެވެ. އެރޭތަކުގައި ކީރިތި ރަސޫލާ ޢާއިޝަތުގެފާނަށް އުގަންނާ ދެއްވި ދުޢާއިން ދުޢާކުރުން ގިނަކުރުން ހުއްޓެވެ. އެއީ [اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي]  އެވެ. މާނައީ: [ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ! ހަމަކަށަވަރުން އިބަރަސްކަލާނގެއީ މާފު ދެއްވާ މާފުދެއްވުމަށް ލޯބިވެ ވޮޑިގަންނަވާ ރަސްކަލާނގެއެވެ. ފަހެ މި އަޅާގެ ކުށްތަކަށް މާފު ދެއްވާނދޭވެ!] (رواه ابن ماجه وأحمد والنسائى والحاكم والبيهقى).

މި ރޭ ހުރިހާ ބާވަތެއްގެ އަޅުކަންތަކަކުން ދިރުވިދާނެއެވެ.  ޤުރްއާން ކިޔެވުމާއި،  ﷲ ހަނދުމަކޮށް ޛިކްރު ކުރުމާއި،  ނަމާދު ކުރުމާއި، އިޢުތިކާފަށް އިނުމާއި، ޞަދަޤާތް ކުރުމާއި،  ހެޔޮ ފޯރުވުމާއި، ގާތްތިމާގެ މީހުންނަށް ރަޙިމުގެ ގުޅުން ވާޞިލު ކުރުންފަދަ ކޮންމެ ޢަމަލަކުންނެވެ. މި ކަމުގައި އޮތް އެންމެ ކުޑަ މިންވަރަކީ  ޢިޝާ ނަމާދު ޖަމާޢަތުގައި ކުރުމާއި ފަތިސްނަމާދު ޖަމާޢަތުގައި ކުރުމެވެ. ނަބިއްޔާ  صلى الله عليه وسلم  ޙަދީސް ކުރެއްވިއެވެ. [ من صلّى العشاءَ في جماعةٍ كان كقيامِ نصفِ ليلةٍ ومن صلى العشاءَ والفجرَ في جماعةٍ كان كقيامِ ليلةٍ]  – ([ޢިޝާނަމާދު ޖަމާޢަތުގައި ކުރުން ރޭގަނޑުގެ ދެބައިކުޅަ އެއްބައިގައި ޤިޔާމު ކުރުންފަދަ އެވެ. ޢިޝާނަމާދާއި ފަތިސްނަމާދު ޖަމާޢާތުގައި ކުރުން މުޅި ރޭ ޤިޔާމުކުރުންފަދައެވެ.]) (أخرجه مسلم (٦٥٦)، والترمذي (٢٢١) باختلاف يسير، وأبو داود (٥٥٥)، وأحمد (٤٩١) واللفظ لهما.).

މިއަދު މުއުމިނުންގެ ހިތްތައް ވަނީ ރަމަޟާން މަހުގެ ބަރަކާތާއި ﷲގެ ނަފްޙާތުތަކުގެ ވަސްމީރު ޢަބީރުން ފުރިފައެވެ. ވިސްނުން ތޫނު ވިޔަފާރިވެރިއަކީ މި މޫސުމުގެ ބޭނުން ރަނގަޅަށް ހިފާމީހާއެވެ. ދުރު ވިސްނޭ ވުނޭރަކީ އެންމެ މޭވާ ގިނައިން އަޅާ ވިޔަފާރިއަކަށް ބަލައި އެކަމަށް ވުނަކުރާ މީހާއެވެ. މި ގޮތުން ބަލާއިރު އެންމެ މޮޅު ވިޔަފާރިއަކީ ﷲއަށް ކިޔަމަންގަތުމެވެ. އެއީ ގެއްލުމެއް ނެތް ވިޔަފާރިއެކެވެ. މާތްﷲ ވަޙީ ކުރައްވަނީ [يَا أَيُّهَا الَّذِينَ آمَنُوا هَلْ أَدُلُّكُمْ عَلَى تِجَارَةٍ تُنْجِيكُمْ مِنْ عَذَابٍ أَلِيمٍ، تُؤْمِنُونَ بِاللَّهِ وَرَسُولِهِ وَتُجَاهِدُونَ فِي سَبِيلِ اللَّهِ بِأَمْوَالِكُمْ وَأَنْفُسِكُمْ ذَلِكُمْ خَيْرٌ لَكُمْ إِنْ كُنْتُمْ تَعْلَمُونَ]  – ([އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ވޭންދެނިވި عذاب އަކުން ތިޔަބައިމީހުން މިންޖުކޮށްދޭނޭ ވިޔަފާރިއެއް ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ދައްކަވަން ހެއްޔެވެ؟ (އެއީ) ތިޔަބައިމީހުން اللَّه އަށާއި، އެކަލާނގެ رسول އާއަށް إيمان ވުމެވެ. އަދި ތިޔަބައިމީހުންގެ މުދާތަކުންނާއި، ތިޔަބައިމީހުންގެ نفس ތަކުން اللَّه ގެ މަގުގައި ތިޔަބައިމީހުން جهاد ކުރުމެވެ. ތިޔަބައިމީހުން ދަންނަނަމަ، އެގޮތް ތިޔަބައިމީހުންނަށް މާ ހެޔޮކަން ބޮޑެވެ.]) (الصف : 10~11).  ރޯދަވެރިން ވިޔަފާރި ކުރަނީ ވަރަށް  އަގު ބޮޑު މުދަލަކަށް ޓަކައެވެ. އެއީ ސުވަރުގެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. [مَنْ خَافَ أدْلَجَ، وَمَنْ أدْلَجَ بَلَغَ المَنْزِلَ، أَلاَ إنَّ سِلعَةَ اللهِ غَالِيَةٌ، أَلاَ إنَّ سِلْعَةَ اللهِ الجنَّةُ]  – ([ރޭގަނޑު ދަތުރުކުރާ އިރު ފޭރުމުގެ ބިރު އޮތްމީހާ ހިއްމަތާއެކު ބާރަށް ދަތުރު ކުރާނެތެވެ. ހިއްމަތާ އެކު ބާރަށް ދަތުރުކުރާ މީހާއަށް ރައްކައުތެރިކަމާ އެކު މަންޒިލަށް ވާސިލުވެވޭނެތެވެ. ފަހެ ދަންނާށެވެ! ހަމަކަށަވަރުން ﷲގެ މުދަލަކީ އަގު ބޮޑު އެއްޗެކެވެ. ފަހެ ދަންނާށެވެ! ހަމަކަށަވަރުން ﷲގެ މުދަލަކީ ސުވަރުގެއެވެ.]) (رواه الحاكم والترمذى وصححه الألبانى) 

(ނިމުނީ)

ހަމަމިގަލަމުން

އިދާރާ

ވާހަކަ