އަދުގެ ޚާއްސަ

Print

ދެވަނަ ފުރުޞަތު (5)

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ވާހަކަ

އަސްމާ އަބޫބަކުރު، ހއ. ދިއްދޫ

(18 މެއި 2020 ގައި ޝާއިޢުކުރި ބަޔާ ގުޅޭ)

"ދަރިފުޅުމެން އާދޭ އަވަހަށް ކާން." ސަމީން ޢިޝާ ނަމާދުކޮށްގެން އަންނަންދެން އެންމެން ތިބީ ޚަބަރު ބަލާށެވެ. ސަމީން ގޮވާލުމާއެކު ބާރަ އަހަރުގެ ހައިމާ ދުވެފައި އައިސް ބައްޕަގެ އަތުގައި ހިފައިފިއެވެ.

ކެއުމުގެ ތެރޭގައި ދުވަހުގެ ކަންތައްތައް ހިނގައި ދިޔަ ގޮތް ހުރިހާ ކުދީން ވެސް ބައްޕައާ ޙިއްޞާކުރިއެވެ. އެޢާއިލާގެ އުފާވެރިކަމަކީ އެއީއެވެ. 

"ހައުލާ ޤުރުއާން ކިޔެވިންތަ؟" ސަމީން ކޮންމެ ދުވަހަކު ވެސް ދަރީން މަޣުރިބް ނަމާދަށްފަހު ޤުރުއާން ކިޔަވައިތޯ ބަލައެވެ. އަދި ހުކުރު ދުވަހު ކަހަފް ސޫރަތް ކިޔެވުމަށް ދަރީންނަށް ހަނދާން ކޮށްދެއެވެ. ކުދިންނަކީ ކަންތައްތައް ހަނދާން ނެތޭ ބަޔަކަށް ވާތީއެވެ. 

"ޙަސީން އަށް އެއްވެސް ތާކުން ޚަބަރެއް ނުވޭތަ؟" ސަމީންގެ ސުވާލާއެކު ޙަސީންގެ ފޯން ރިންގުވާ އަޑު އިވުނެވެ. ފޯނު ނަގަމުން ޙަސީން ބައްޕަ އަށް ޖަވާބު ދިނީ އަދި ޚަބަރެއް ނުވާ ކަމަށެވެ.

"އައްސަލާމް ޢަލައިކުމް. ޥާހަކަ ދައްކަނީ ޙަސީން. އާދެ އާދެ. މާދަމާ އޭތޯ. އާދެ.. އޯކޭ.." ފޯން ނިންމާލުމަށް ފަހު ޙަސީން އަށް ވަޒީފާ ލިބުނު ވާހަކަ ޢާއިލާގެ އެންމެންނާ ޙިއްޞާ ކުރިއިރު އެކުޑަކުޑަ ޢާއިލާގެ އެންމެން ތިބީ ވަރަށް އުފާވެފައެވެ. ދިރިއުޅުމުގެ ޙާލު އިތުރަށް ރަނގަޅު ކުރެވޭނީ ގޭގެ އިތުރު މީހަކު ވަޒީފާ އަދާކޮށްގެންކަން އެންމެންވެސް ދަނެއެވެ." ދޮންބޭ. ކޮންތާކުންތަ ވަޒީފާ ލިބުނީ." ހައުލާގެ ސުވާލަށް އެންމެން ޙަސީން އާދިމާއަށް ބަލައިލިއެވެ.

"ދުވަހު ނޫހަކުން ރިޕޯޓަރެއްގެ ވަޒީފާ" ޙަސީން އެހެން ބުނާއިރަށް ހައުލާ އުފަލުން އަތްޖަހަން ފަށައިފިއެވެ. 

"ދޮންބެ ވަރަށް ރަނގަޅު ރިޕޯރޓް ލިޔަންވާނެ. އޭރުން ވަރަށް މަޝްހޫރު މީހަކަށް ދޮންބެވާނެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރަސްމާދޫ ޙަސީން އޭ ބުނާއިރަށް އެނގޭވަރު ކޮށްލާތި!" ހައުލާގެ ވާހަކައަށް އެންމެން ހޭންފަށައިފިއެވެ.

"ކިހިނެއްވީ. އެންމެން ހޭންފެށީ. އަހަރެންވެސް އޭލެވެލް ނިމޭއިރަށް ވާނީ ޕްރެޒެންޓަރަކަށް. އެންމެން ދަންނަ މީހަކަށް ވާނީ އޭރުން." ހައުލާގެ ވާހަކަ އަޑުއިވިފައި ސަމީން އަށްވެސް މަޑުން އިނދެވޭގޮތެއް ނުވިއެވެ.

"ދަރިފުޅު ތިއުޅެނީ މާ މަޝްހޫރު މީހަކަށް ނުވެވިގެން. އެކަމަކު އެންމެ ނުރައްކާ ބޮޑުވާނީ ގިނަފަހަރަށް މަޝްހޫރު މީހުންނަށް." ސަމީން ބޭނުންވަނީ ހައުލާ ކިޔަވައި ނިމިގެން ގޭގައި އިނދެގެން ކުރެވޭ ކަހަލަ މަސައްކަތެއް ދަސްކުރުމެވެ. އަންހެނުންނަކީ ގޭގައި ތިބެން ޖެހޭ ބައެއް ކަމުގައި ސަމީން ދެކެއެވެ. 

ސެލޫން ނިންމާފައި ޒަލާ ގެއަށް އައީ ރޭގަނޑު އެގާރަ  ޖެހިފަހުންނެވެ. ވެފައިހުރި ވަރުބައްޔާއެކު އެނދަން ވެއްޓިގެންފިއެވެ. ޒަލާއަށް މަންމަ އާއި ބައްޕަ ނުފެންނަތާ ދެދުވަސް ވެއްޖެއެވެ. ވާހަކައެއް ބުނަން ވެއްޖެނަމަ މެސެޖު ނުވަތަ ކޯލަކުން ފުއްދައިލެވޭތީއެވެ. އެކަކު އަނެކަކަށް ފާޑު ކިޔުމީ އެޢާއިލާ ތެރޭ ހިނގާ ކަމަކަށް ނުވެއެވެ. ހަމަ އެގޮތަށް ހެޔޮގޮތް ދަސްކުރުމަކީ ވެސް އޮތް ކަމެއް ނޫނެވެ. މައިންބަފައިން ދަރީންނަށް ހެޔޮމަގު ބުނެދީ ވިސްނައިދޭން ޖެހެއެވެ. އެގޮތަށް ދަރީންވެސް ހެޔޮވިސްނޭ ވަރުވުމުން އިސްލާމީ ރިވެތި އުޞޫލުގެ ބޭނުން ހިފަން ޖެހެއެވެ. މުސްލިމަކަށް ވީތީއެވެ. 

އާދުވަހަކަށް އިރުއެރުމާއެކު ފާހިމް އާއި ޒަހުވާ ތައްޔާރުވާން ފެށީ އެމީހުންގެ ބިޒީ ޝެޑިއުލާ އެކުއެވެ. ގެއިން ނިކުންނަމުން ޒަލާގެ ކޮޓަރި ހުޅުވާ ބަލާލިއިރު ޒަލާ ނިދާފައި އޮތްތަން ފެނުމުން ޒަހުވާ ހިނިތުންވެލާފައި ގެއިން ނިކުމެއްޖެއެވެ. އޭރު ވިޝާކާ އަވަދިނެތި މަސައްކަތުގައި އުޅެއެވެ. ޒަލާ  ނިދާ ހޭލައިގެން ގަޑިބަލާލިއިރު ހެނދުނު ނުވައެއް ޖަހާ ބޮޑުވެއްޖެއެވެ. ފުރަތަމަ ކަމަކަށް ޒަލާ ކުރިކަމަކީ ވައިބަރ އޮންކޮށްލުމެވެ. ފޯން އަތަށް ނެގީ މޯޅިއަކަށް ދެމިލާފައި ކަންނެއްކަމާއެކު އާފުރިލަމުންނެވެ. އޭރުވެސް ޒަލާ އޮތީ އިތުރަށް ނިދަން ބޭނުންވެފައެވެ. ވައިބަރ އޮންކޮށްލުމާއެކު ދެލޯ ބޮޑުވެއްޖެއެވެ. ނުދަންނަ ނަންބަރަކުން ފޮނުވާފައި ހުރި މެސެޖުތަކާއި ފޮޓޯތައް ފެނިފައެވެ. ރޭގައި ޒަލާ ސެލޫންގެ ކޮޓަރިއެއްގައި ކުރި ކަންތައް މީހަކު މިއޮތީ ވަގަށް ކެމެރާ ކޮށްފައެވެ. އަދި ފައިސާ ތަކަކަށް އެދިފައި ފޮނުވާފައިވާ މެސެޖުތަކުން ޒަލާގެ ބޯ އަނބުރައިގެންފިއެވެ. 

އަވަސް އަވަހަށް ޖަޒުލާން އަށް ގުޅައިފިއެވެ. ރިންގު ކެނޑުނުއިރުވެސް ފޯނެއް ނުނެގިއެވެ. ދެފަހަރު އަދި ތިންވަނަ ފަހަރުވެސް ގުޅައިފިއެވެ. އެތައް ފަހަރަކު ގުޅި ފަހުން ޖަޒުލާންގެ އަޑުއިވިއްޖެއެވެ.

"އަހަރެމެން ރޭގައި ކުރިކަންތައް ފަޅާ އަރައިފި. ނުދަންނަ ނަންބަރަކުން އެތައް ބައިވަރު ފޮޓޯތަކެއް ވައިބަރ ކޮށްފަ ހުރީ." ޒަލާގެ އަޑުގައި ކަންބޮޑުވުމުގެ އަސަރު ހުއްޓެވެ.

"ކީއްވެ ފޮޓޯ ނެގެންވީ ނުލާހިކު ސެކިއުރިޓީ ވަރުގަދަ ތަނެއްނުން" ޙައިރާންކަން އެކުލެވިފައިވާ އަޑަކުން ޖަޒުލާން ބުންޏެވެ.

"އެމީހަކު ބުނެފައި އެބޮތް އެއްލައްކަ ރުފިޔާ ދޭށޭ. އެހެންނޫނީ ފޮޓޯތައް ލީކުކޮށްލާނަމޭ." ޒަލާ ބުންޏެވެ.

"އެމީހަކު ފޮޓޯތައް ލީކުކޮށްލައިފިއްޔާ އަހަރެމެން ދެމީހުން ބަދުނާމްވާނީ. އެމީހަކު ޒަލާ ބްލެކްމެއިލް ކުރަން ދައްކާ ވާހަކަތީ. އަޅާލާނެ ކަމެއްނެތް. އެހެން ނޫނަސް އަހަރެމެން ކިހިނެއް އެހާ ގިނަފައިސާ ދޭނީ." ކަންބޮޑުވުން އެކުލެވޭ ރާގަކަށް ޖަޒުލާން ވާހަކަ ދައްކަމުން ދިޔައެވެ. 

"ނަންބަރ ފޮނުވާލާ އަހަރެން އެމީހަކަށް ގުޅާނަން. އެހެން ބްލެކްމެއިލް ކުރާކަށް ނުކެރޭނެ." ޖަޒުލާންގެ އަޑުއައެވެ. 

"ނޫން. އެމީހަކު ބުނެފައި އެބޮތް ތިންވަނަ މީހަކު މިކަމުގެ ތެރެއަށް ވައްދައިގެން ނުވާނޭ. އަހަރެން އެމީހަކަށް ފައިސާ ލިބޭގޮތް ހަދައިދޭނީ. އޭރުން ކަންނޭގެ ސަލާމަތްވާނީ." ޒަލާގެ ޚިޔާލު ކިޔައިދިނެވެ. 

ޒަލާގެ ފޯން ބޭއްވުމާއެކު ޖަޒުލާން އެއްމިޔަކަނުން ހީލިއެވެ. އެހާ ފަސޭހައިން ކުރަން އުޅުނު ކަންތައް ކާމިޔާބު ވީމައެވެ. ހަމައެވަގުތު ހަމްދާން އަށް ގުޅާފައި ރޭގައި ނެގި ފޮޓޯތައް ވަރަށް ކާމިޔާބު ކަމުގައި ބުންޏެވެ. އަދި ދެންހުރި ހުރިހާ ކަމެއް ޖަޒުލާން ކުރިއަށް ގެންދާނެ ކަމަށް ބުނެ ފޯން ކަނޑާލައިފިއެވެ.

ރޭގަނޑުގެ ވަގުތެވެ. ޒަލާ ކާރުގައި އެކަނި މާއެކަނި ގޮތްނޭނގޭ މީހާ ބުނި ހިސާބަށް ދަތުރު ކުރަމުން ދަނީއެވެ. އިރު އިރުކޮޅާ ފައިސާ އަޅާފައިވާ ފޮއްޓާ ދިމާއަށް ބަލާލެވެނީ ހިތްނުތަނަވަސް ވެފައި ހުރުމުންނެވެ. ހިތްތެޅެމުންދަނީ އިންތިހާއަށެވެ. ފޮޓޯތައް ލީކުވެދާނެ ކަމުގެ ބިރަށްޓަކައެވެ. އެމީހަކު ޔަޤީންކަން ދިނީ ބުނި ޢަދަދަށް ފައިސާ ދީފިނަމަ އެފޮޓޯތައް ލީކުނުކޮށް ޑިލީޓް ކުރާނެ ކަމެވެ. ޒަލާ ހިތަށް އަރަމުން ދިޔައީ އެގޮތްގޮތަށް ފޮޓޯނުނެގުނު ނަމައެވެ. ކޮންމެވެސް މީހަކު ޖެހި މަޅިއެއްގައި ބެދުނީއެވެ.

"އެމީހަކު އެބުނާ ވާހަކަތައް ޤަބޫލު ކުރަންވީބާ؟ ފައިސާ ދިނުމުން މިކަން ހުއްޓޭނެބާ؟" ޒަލާގެ ހިތުގައި ސުވާލު ތައް އުފެދެމުން ދިޔައެވެ. މިވަގުތު ޒަލާގެ ހިތުގައިވަނީ ހަމަ އެންމެ ކަމެކެވެ. ފައިސާދީގެން ނަމަވެސް ފޮޓޯތައް ލީކުވިޔަނުދީ ހުއްޓުވުމެވެ. އެކަހަލަ ވާހަކައަކަށް ވުމުން މަންމަ އާއި ބައްޕައަށްވެސް އަންގާކަށް ބޭނުމެއް ނުވިއެވެ. އަދި މަންމަ އާއި ބައްޕަ އަށް އެކަން އެނގިއްޖެ ނަމަ ހިތްހަމަ ނުޖެހިދާނޭ ޒަލާގެ ހިތަށް އެރިއެވެ. ފައިސާ ދިނުމުން ސަލާމަތް ވާނޭ ހިތަށް އެރުމާއެކު ހިތްހަމަ ޖައްސާލިއެވެ.

ކާނިވާ ސަރަޙައްދަށް އާދެވުމާއެކު އެހިސާބުގައި އިރުކޮޅަކު މަޑުކުރަން ޖެހުނެވެ. ނުދަންނަ މީހާގެ ފޯންކޯލަށެވެ. މާގިނަ އިރުތަކެއްނުވެ އެމީހާ ގުޅައިފިއެވެ.

"ހަލޯ.. އާން. ތިކަހަލަ ގަމީހެއްގައި ހުރި މީހަކު ފެނިއްޖެ. އޭނާއާއި މިޙަވާލިކުރަނީ" އެމީހަކު ބުނި ކަހަލަ ގޮތަކަށް ވިއްސާރަ ކޯޓެއްލައިގެން ހުރި މީހަކާ ފައިސާތައް ޙަވާލު ކުރުމަށްފަހު ޒަލާ ކާރު ދުއްވާލައިފިއެވެ. އަދި އެމީހާއަށް ގުޅައިފިއެވެ.

"ފޮޓޯތައް ލީކުވެގެން ނުވާނެ. ބުނި ވަރަށް ފައިސާ ދެވިއްޖެންނު." ޒަލާ ހިތްވަރު ކޮށްފައި ރުޅިވެރިކަން ދައްކަން މަސައްކަތް ކުރިއެވެ. އެކަމަކު އޭރުވެސް ޒަލާހުރީ ވަރަށް ބިރުންނެވެ. މޭތެޅެނީ އިންތިހާއަށެވެ. އެވާހަކަތައް ޖަޒުލާން އަށް ކިޔައިދިނުމަށް ޒަލާ ގެއަށް އައިސް ގުޅިއެވެ. އެކަމަކު ޖަޒުލާންގެ ފޯނެއް ނުނަގައެވެ.

ޖެހިގެން އައި ދެދުވަހެއްވަރު ޒަލާ ހޭދަކުރީ ގޭގައެވެ. ސެލޫންގެ ކަންކަން ކުރަންވާ ގޮތް ކިޔައިދެނީ ފޯނުންނެވެ. ގޭގައިވެސް ގިނަވަގުތު އޮންނަން ވުމުން ފޫހިވާން ފަށައިފިއެވެ. މަޖާކޮށްލާނެ ގޮތެއް އޮތްތޯ ވިސްނަން އޮވެފައި ސައުނާ އަށް ގުޅައިފިއެވެ.

"ހިނގާބަލަ ރިޒޯޓަކަށް ޖައްސާލަން. މިދުވަސްކޮޅު ވަރަށް ފޫހިވޭ." ޒަލާ ވާހަކަ ދައްކަމުން ދިޔައީ ސައުނާ އާއިއެވެ. އެކަމަށް ސައުނާ ވަރަށް އަވަހަށް އެއްބަސްވިއެވެ. 

"ކޮންބައެއް ދާނީ." ސައުނާގެ އެހިއެވެ. 

(ނުނިމޭ)

އިދާރާ

ވާހަކަ