އަދުގެ ޚާއްސަ

Print

(2) ދިވެހި އަދަބުގައި ތަމްސީލު (1945 - 2003މ.)

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ މާދަރީބަސް

މުޙަންމަދު ޝާހިދު ޙަލީމު

(13 މެއި 2020 ގައި ޝާއިޢުކުރި ބައާ ގުޅޭ)

ދިވެހި އަދަބުގައި އެންމެ ކުރީގެ އަދަބީ އުފެއްދުންތަކަކީ ކޮބައިކަމެއް ކަނޑައެޅިގެން އެނގޭކަށް ނެތެވެ. އެއީ ބޯދާ ޒަމާނުގައި މީހަކު އަދަބީ އުފެއްދުމެއް ފަހަރެއްގައި އުފައްދައިފައި ވީ ނަމަވެސް، ޗާޕުކުރުމުގެ ވަސީލަތް ވެސް ނެތުމާ އެކު، ޗާޕުކޮށްގެން،(1) ނުވަތަ އަތުން ލިއެގެން ނަމަވެސް އެ އުފެއްދުމެއް ފަހުގެ ޖީލުތަކަށް ރައްދުވެފައި ނެތީމައެވެ.

 

ދިވެހީންގެ އެންމެ ކުރީގެ ދެ ލިއުމަކަށް ފެންނަން އޮތީ އިސްދޫ ލޯމާފާނާއި (1194މ.) ދަނބިދޫ ލޯމާފާނެވެ (1195މ.). ނަމަވެސް ލޯމާފާނަކީ އަދަބީ އުފެއްދުމެއް ނޫނެވެ. ބޯގަ ފަތްކޮޅެއް ފަދަ އެއްޗެކެވެ. ލޯމާފާނުގެ އިތުރަށް ދިވެހި ބަހުން ލިއެފައި ވާ އެންމެ ކުރީގެ ލިއުންތަކަކަށް ފެންނަން ހުރީ އެކިއެކި ރަސްރަސްކަލުންގެ އަމުރުފުޅަށް ލިއެފައި ވާ ބޯގަފަތްކޮޅުތަކާއި، އެކިއެކި މަހާނަގަލުގައި ލިއެފައި ހުރި ލިއުންތަކާއި، ގުރަންދައާއި، އަމިއްލަ އެކި މީސްމީހުން އަތުން ލިއެ ނަކަލުކުރަމުން އައި އެކިއެކި ފަންޑިތަ ފޮތް ފަދަ ފޮތްފޮތެވެ. ނަމަވެސް މި ފަދަ ފޮތްފޮތާއި، ބޯގަފަތްކޮޅުތަކާއި، މަހާނަގާތަކުގެ ލިއުންތަކާއި، ގުރަންދައާއި، ފަންޑިތަ ފޮތްފޮތް ފަދަ ލިއުންތަކަކީ ވެސް އަދަބީ އުފެއްދުމެއް ނޫނެވެ. މި ފަދަ ލިއުންތަކުން އެނގެނީ ދިވެހީންގެ ތެރޭގައި ލިއެކިއައި އުޅޭ ބަހެއް އޮތް ކަމެވެ. ދިވެހިބަހުގެ އަދަބިއްޔާތެއް އޮތް ކަމެއް ނޫނެވެ. އެ ލިއުންތަކަކީ އޭގައި ޚިޔާލުގެ ފުޅާކަން ހުރި އަދަބީ އުފެއްދުންތަކެއް ނޫނެވެ.

ކޮންމެ ބަހެއްގެ އަދަބުގައި ވެސް ނަސްރަށް ވުރެން އިހީ ވަޒަން ބަހުރުވައެވެ. ދިވެހި އަދަބުގައި ވެސް މި ކަން އޮތީ މި ގޮތަށެވެ. ދިވެހި ޅެންވެރިކަމަށް ބަލާ އިރު ޅެންވެރިކަން ފެށިފައި ވަނީ ކޮން ދުވަސްވަރެއްގައި ކަމެއް ކަނޑައެޅިގެން އެނގޭކަށް ނެތެވެ. އެހެންނަމަވެސް، ރާއްޖޭގައި މީހުން ވަޒަންވެރިވީއްސުރެން، ވަޒަން ބަހުރުވައިގެ ކޮންމެވެސް ވައްތަރެއް އެ މީހުން ބޭނުންކުރަމުން އަންނާނެ ކަމުގައި ގަބޫލުކުރެވެއެވެ. އެއީ، ޅެމަކީ އިންސާނާގެ ޖަޒުބާތާ ގުޅިފައި ވާ އެއްޗަކަށް ވެފައި، ޖަޒުބާތަކީ އިންސާނާއާ އެކުގައި އުފަންވާ އެއްޗެއް ކަމުގައި ވާތީއެވެ.

ދިވެހި ވަޒަން ބަހުރުވައިގެ ތެރެއިން އެންމެ އިހީ، ބަނދި ނުވަތަ ކާ ކަމާ މެދު މި ރޮނގުގައި ލިއުއްވައިފައި ހުރި ބޭފުޅުންގެ މެދުގައި ތަފާތު އެބަހުއްޓެވެ. ބޮޑުފެންވަޅުގޭ ސީދީ(2)އާއި މުޙަންމަދު ޖަމީލު ދީދީ(3) ލިއުއްވައިފައި ވަނީ އެއީ ބަނދި ކަމުގައެވެ. ޢަބްދުﷲ ޞާދިޤު(4) ލިއުއްވައިފައި ވާ ޅެންވެރިކަމުގެ ބާވަތްތަކުގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ ކަލެވެ. ދިވެހި ވަޒަން ބަހުރުވައިގައި ހެދިފައި ވާ އެންމެ ފުރަތަމަ ބަންޖަކީ އަދި އެންމެ ފުރަތަމަ ކަލަކީ ކޮބައިކަމެއް އެނގޭކަށް ނެތެވެ. ޢަބްދުލްޙަކީމު ޙުސައިން މަނިކު(5) ދެކެވަޑައިގަންނަވާ ގޮތުގައި ދިވެހިރާއްޖެ އިސްލާމްވުމުގެ ކުރީއްސުރެ ވެސް ކަލާއި ބަނދި ކިއައި އުޅެއެވެ.

ބަންޖާއި ކަލަށްފަހު ދިވެހި ވަޒަން ބަހުރުވައިގައި، ދެން އެންމެ ބޯދާ ބާވަތަކީ ރައިވަރެވެ. ރައިވަރު ވެސް އެންމެ ފުރަތަމަ ހެދީ ކާކު ކަމެއް އެނގޭކަށް ނެތެވެ. އެންމެ ކުރީގެ ރައިވަރުތަކުގައި ރައިވަރުގެ ބަހުގެ އަދަދު ވަކި ވަރަކަށް ހިފޭއްޓިފައެއް ނުހުރެއެވެ. ރައިވަރު ފުރަތަމަ ހަދަމުން އައި ގޮތާ ޚިލާފަށް، ރައިވަރުގެ ބަހުގެ އަދަދު ތިން ބަހާއި ހަ ބަހަށް ހިފެހެއްޓެވީ، މިހާ ތަނަށް ފެންނަން އޮތް ގޮތުގައި އެދުރު ޢުމަރު މާފަތް ކަލޭގެފާނު(6) އޭނާ ލިއުއްވި ބޮޑު ތާހީދު(7) ގައެވެ. އެދުރު ޢުމަރު މާފަތް ކަލޭގެފާނު މި ރައިވަރު ހައްދަވައިފައިވާ އަހަރަކާ މެދުގައި ލިއުންތަކުގައި ތަފާތު އެބަހުއްޓެވެ. ޙުސައިން ޞަލާޙުއްދީން(8) ވިދާޅުވެފައި ވަނީ، އަދި ދިވެހި އަދީބުން -1 ގައި(9) އޮންނަނީ އޭނާ އެ ފޮތް ލިއުއްވައި ފައި ވަނީ 1150ހ. (1737/1738މ.) ގައި ކަމުގައެވެ. އަޙްމަދު ޝަފީޤު(10) ބަޔާންކުރައްވައިފައި ވަނީ އޭނާ އެ ފޮތް ލިއުއްވީ 1740 ވަނަ އަހަރުގެ ތެރޭގައި ކަމުގައެވެ. މުޙަންމަދު ވަޙީދު ނަދުވީ(11) ވިދާޅުވެފައި ވާ ގޮތުގައި އޭނާ އެ ރައިވަރު ހެއްދެވީ 1100ހ. (1688މ.) ގައި ކަމަށް، ބޮޑު ތާހީދުގެ ޗާޕުނުވެ އޮތް ކޮޕީއެއްގެ ނިމޭ ތާނގައި ޖަހައިފައި އޮންނަ "ޣަނީމުގެ ހިޖުރީ އަހަރު"ން އެނގެއެވެ.

ބޮޑުފެންވަޅުގޭ ސީދީ(12) ލިއުއްވައިފައި ވާ ގޮތުގައި އެދުރު ޢުމަރު މާފަތް ކަލޭގެފާނަށް ވުރެން މާ ކުރީގެ ޒަމާނެއްގައި މީހަކު ހަދައިފައި ވާ ކަލާފާނު ރައިވަރުގައި ވެސް،އޭނާ ހަނދުމަފުޅުވާ ގޮތުގައި،ހަ ބަހަށް ވުރެން ގިނައިން ބަސް ހުރި އެންމެ ރައިވަރެއް ވެސް ނެތެވެ. ނަމަވެސް އެ ރައިވަރު ފޮތެއް އޭނާގެ އަތްޕުޅުގައެއް ފަހަކުން ނެތެވެ. އަދި އެ ފޮތް ފެނިދާނެ ތަނެއް ވެސް އެނގިވަޑައެއްނުގަންނަވައެވެ.

ރައިވަރަށް ފަހު ދެން އައީ ފަރިއްސާއި ޅެމެވެ. ދިވެހި ވަޒަން ބަހުރުވައިގައި ފުރަތަމަ ޅެމެއް ހައްދަވައިފައި ވަނީ ހުތް ޢަލީ ދީދީ(13)އެވެ. ހެންވޭރުގޭ މުޙަންމަދު ދީދީގެ  ތާރީޚީ ނޯޓުތަކަށް ހަވާލާދެއްވައި ޢަބްދުލްޙަކީމު ޙުސައިން މަނިކު(14) ލިއުއްވައިފައިވާ ގޮތުގައި ހުތް ޢަލީ ދީދީ ފުރަތަމަ ޅެން ހައްދަވައިފައި ވަނީ 1332ހ. (ގާތްގަނޑަކަށް 1913މ.) ވަނަ އަހަރުގައެވެ.

ލަވައަކީ ވެސް ދިވެހީންގެ ވަޒަން ބަހުރުވައިގެ ބާވަތެކެވެ. ރާއްޖޭގައި ފުރަތަމަ ކިއައި އުޅުނީ ފުރެއްދެ ލަވަ(15)އެވެ. ޙަޤީޤަތުގައި ދިވެހި ލަވައިގެ ފެށުމަކީ 1360ހ. (1941މ.) ގައި އޭރުގެ ވަޒީރުއްދާޚިލިއްޔާ ޙަސަން ފަރީދުގެ އަމުރުފުޅަށް ހަތަރު އަވަށުން ހެދި ދިވެހި ލަވަތަކެވެ.

ދިވެހި ވަޒަން ބަހުރުވައިގެ ތެރެއަށް އެންމެ ފަހުން އިތުރުވީ އާޅެމެވެ. މިހައި ތަނަށް ފެނިފައި ވާ އެންމެ ކުރީގެ އާ ޅެމަކީ ސަރުކާރުގެ ޚަބަރުގެ 1 މުޙައްރަމް 1374 (29 އޯގަސްޓް 1954)ގެ އަދަދުގައި "ކޮންމެ މަލެއްގެ ނިމުން" މި ސުރުޚީގެ ދަށުގައި، ނތ. ޙަސަން ދީދީ،(16) އ.ޅ.ގެ ރަމްޒުގައި ޝާއިޢުކުރައްވައިފައި ވާ އާޅެމެވެ.

ދިވެހި އަދަބުގައި އެންމެ ފުރަތަމަ ލިއެވުނު ނަސްރުގެ ބާވަތަކީ ދިގު ވާހަކައެވެ. ނުވަތަ ނާވިލެވެ. ދިވެހި އަދަބުގައި ދިގު ވާހަކަ ލިއެވެން ފެށީ ދިވެހި އަދަބުގެ ކުރީ ދައުރު(17)ގައެވެ. ފުރަތަމަ ލިއެވުނު ވާހަކައަކީ ރިވާޔަތު މޫސާ ވަ ޛުލައިޚާއެވެ. މި ވާހަކަ ލިއުއްވީ އަޙްމަދު ކާމިލު ދީދީ(18)އެވެ. އަޙްމަދު ކާމިލު ދީދީ ރިވާޔަތު މޫސާ ވަ ޛުލައިޚާ ލިއުއްވީ 1339ހ. (1921މ.) ގައެވެ. ފޮތް ޝާއިޢުކުރެވުނީ 1402ހ. (1982މ.) ގައެވެ. އޭގެ ފަހުން ޙުސައިން ޞަލާޙުއްދީން ހަމަ އެ އަހަރު (1339ހ. (1921މ.)) ދޮންބީފާނު ވާހަކަ ލިއުއްވިއެވެ. އޭގެ ދެ އަހަރު ފަހުން ބޮޑުފެންވަޅުގޭ ސީދީ (1341ހ. (1923މ.ގައި) ދިއްލީގޭ އިބްރާހީމް ދީދީގެ ވާހަކަ ލިއުއްވިއެވެ.

އަދި މި ދައުރުގައި ދިވެހި އަދަބަށް މަޒުމޫނު ވެސް އިތުރުވެގެން ދިޔައެވެ. އެއީ 1352ހ. (1933މ.) ގައި ޗާޕުކޮށްގެން ފުރަތަމަ ނެރުނު އަލްއިޞްލާޙު ކިޔާ މަޖައްލާއިންނެވެ. 1356ހ. (1937މ.) ގައި ޗާޕުކުރެވުނު، ޙުސައިން ޞަލާޙުއްދީނު ތަރުޖަމާކުރެއްވި ސިޔަރަތުއްނަބަވިއްޔާއަކީ ވެސް އެ ދައުރުގެ ވަރަށް މޮޅު އަދަބީ އުފެއްދުމެކެވެ.

                         (ނުނިމޭ)

ހަވާސާ ނޯޓާއި ޙަވާލާތައް:

(1) ޢަބްދުﷲ ޞާދިޤު ("އަމާޒު" 37 ގައި ލިއުއްވައިފައި ވާ "އަޅުގަނޑުމެންގެ އަދަބުގެ އެހާރާއި މިހާރުގެ މައްޗަށް އަވަސް ކަޅިއެއް" މި މަޒުމޫނުގައި) ލިއުއްވައިފައި ވާ ގޮތުގައި ދިވެހިބަހުން ޗާޕުކުރެވިފައި ވާ އެންމެ ކުރީގެ ލިއުމަކީ، 1350ހ. ގައި އަމީރިއްޔާ ޗަޕުޚާނާގައި ޗާޕުކޮށްފައި ވާ، ހާޖީ އެދުރު ކަލޭގެފާނުގެ ތުޙްފަތުލްވުލާތު ފީ އަޛްކާރިއްދަޢަވާތި އެވެ. މި ފޮތަކީ ޛިކުރުތަކަކާއި ދުޢާތަކެއްގެ މައްޗަށް އެކުލެވިފައި ވާ ފޮތެކެވެ. މި ފޮތަކީ އޭނާ އިބްރާހީމް އިސްކަންދަރު - 2 އަށް ލިއެދެއްވައިފައި ވާ ފޮތެއް ކަމަށް ވާތީ މި ފޮތް ލިއެވިފައި އޮންނާނީ 1720މ. އާއި 1750މ. އާ ދެމެދުގައި ކަމަށް ބެލެވެއެވެ. އިބްރާހީމް އިސްކަންދަރު - 2 ރަސްކަން ކުރެއްވީ 1163-1133ހ. (1750-1720މ.) އަށެވެ.

(2) ބޮޑުފެންވަޅުގޭ ސީދީ. (1992). ކަންޒުލް އަދަބު. މާލެ: ދިވެހި ބަހާއި ތާރީޚަށް ޚިދްމަތްކުރާ ޤައުމީ މަރުކަޒު.

(3) މުޙަންމަދު ޖަމީލު ދީދީ. (1986). ޅެމާއި ޅެންވެރިކަން. މާލެ: ދިވެހި ބަހާއި ތާރީޚަށް ޚިދްމަތްކުރާ ޤައުމީ މަރުކަޒު.

(4) ޢަބްދުﷲ ޞާދިޤު. (1975). ދިވެހި ޅެންވެރިކަމުގެ އެހާރާއި މިހާރުގެ މައްޗަށް އަވަސް ކަޅިއެއް. އަމާޒު، (40)، 11-13.

(5) ޢަބްދުލްޙަކީމު ޙުސައިން މަނިކު. (2002). ޞަލާޙުއްދީނުގެ ޅެންތައް. މާލެ: ނޮވެލްޓީ ޕްރެސް.

(6) އެދުރު ޢުމަރު މާފަތް ކަލޭގެފާނަކީ ހިޖުރައިން 12 ވަނަ ސައްތައިގައި ރާއްޖޭގައި އުޅުއްވި ދީނީ ޢިލްމުވެރިއެކެވެ. އަދި ޅެންވެރިއެކެވެ. އޭނާގެ ޢާއިލާއާ ބެހޭ މަޢުލޫމާތެއް އެނގޭކަށް ނެތެވެ. އަދި ބޮޑު ތާހީދު ނޫން އޭނާގެ އެހެން ލިއުއްވުމެއް ވެސް ފެންނާކަށް ނެތެވެ.

(7) ބޮޑު ތާހީދަކީ އިސްލާމީ ޢަޤީދާއާއި، ނަބީ ބޭކަލުންނާއި އަޞްޙާބުބޭކަލުންގެ ވާހަކައާއި ދީނީ ނަސޭހަތުގެ މައްޗަށް އެކުލަވައިލެވިފައި ވާ ރައިވަރު ފޮތެކެވެ. އެ ފޮތުގައި ހަތަރު ސަތޭކައެއް ހައި ރައިވަރު ހިމެނެއެވެ. ތާހީދި މި ލަފުޒަކީ އަރަބި ބަހުގެ ތައުޙީދުން ދިވެއްސަށް ގެނެސްފައި ވާ ލަފުޒެކެވެ.

(8) ޙުސައިން ޞަލާޙުއްދީން. (1999). ޝައިޚު ޒުބައިރު. މާލެ: ދިވެހި ބަހާއި ތާރީޚަށް ޚިދްމަތްކުރާ ޤައުމީ މަރުކަޒު.

(9) ދިވެހި ބަހާއި ތާރީޚަށް ޚިދްމަތްކުރާ ޤައުމީ މަރުކަޒު. (1993). ދިވެހި އަދީބުން - 1. މާލެ: ދިވެހި ބަހާއި ތާރީޚަށް ޚިދްމަތްކުރާ ޤައުމީ މަރުކަޒު.

(10) އަޙްމަދު ޝަފީޤު. (1997). ޢިލްމީ ޚިދުމަތްތެރިން - 1. މާލެ: މުދައްރިސުންގެ ތަޢުލީމީ މަރުކަޒު.

(11) މުޙަންމަދު ވަޙީދު ނަދުވީ. (2002). ދިވެހި އަދަބުގައި ވަޒަން ބަހުރުވައިގެ ކުލަސިކަލް އަދަބީ އުފެއްދުންތައް. ދަރިވަރުންނަށް ދިން ތަޤުރީރު. ފެކަލްޓީ އޮފް މެނޭޖްމަންޓް އެންޑް ކޮމްޕިއުޓިންގ، ދިވެހި ބަހުގެ ޑިގުރީ ކޯސް. މާލެ.

(12) ބޮޑުފެންވަޅުގޭ ސީދީ. (1992). ކަންޒުލް އަދަބު. މާލެ: ދިވެހި ބަހާއި ތާރީޚަށް ޚިދްމަތްކުރާ ޤައުމީ މަރުކަޒު.

(13) ހުތް ޢަލީ ދީދީ އަކީ 1291ހ. އިން 1351ހ. އަށް (1872މ. އިން 1932މ. އަށް) އުޅުއްވި ދީނީ ޢިލްމުވެރިއެކެވެ. ޅެންވެރިއެކެވެ. ބައްޕައަކީ ހުތް އިބްރާހީމް ދީދީއެވެ. މަންމައަކީ ޅ. ނައިފަރު ފާޠިމާއެވެ.

(14) ޢަބްދުލްޙަކީމު ޙުސައިން މަނިކު.(2002). ޞަލާޙުއްދީނުގެ ޅެންތައް. މާލެ: ނޮވެލްޓީ ޕްރެސް.

(15) ފުރެއްދެ ލަވައަކީ ދިވެހި ލަވައެއް ނޫނެވެ. ބޭރު ބަސްބަހުން ހަދައިފައި ހުންނަ ލަވައެވެ. ލަވަ ހަދައިފައި ހުންނަނީ އަރަބި ނުވަތަ ހިންދީ ލަފުޒުންނެވެ. ނަމަވެސް އޭގެ ފުރިހަމަ މާނައެއް ނޯވެއެވެ. މުޙަންމަދު އަމީން، ދިވެހި ލަވައިގެ ދީބާޖާ (1998؟) ގައި ލިއުއްވައިފައި ވާ ގޮތުގައި 1360ހ.ގެ ކުރިން ކިއައި އުޅުނު ދިވެހި ލަވަ ހުންނަނީ ދިވެހި ބަހަކުން ނޫނެވެ. އަދި އެ ހަދަނީ ބޭރު ބަހެއް ވެސް ނުދަންނަ މީހުން ކަމުގައި ވާތީ އެ ފަދަ ލަވަތަކުގައި މާނައެއް ވެސް ނޯވެއެވެ.

(16) ނތ. ޙަސަން ދީދީއަކީ ނޫމަރާ ގަނޑުވަރު ތުއްތު މަނިއްޕުޅާއި އާމިނާ ދީދީގެ ބޭފުޅެކެވެ. އުފަންވެ ވަޑައިގަތީ 13 ސެޕްޓެންބަރު 1924 ގައެވެ. ނތ. ޙަސަން ދީދީއަކީ އާޅެމާއި އާންމު ބާވަތުގެޅެން ހެއްދެވުމުގެ އިތުރަށް މަޒުމޫނު ވެސް ލިއުއްވާ ބޭފުޅެކެވެ.

(17) ދިވެހި އަދަބުގެ ދައުރުތައް ބަލައިފައި މި ވަނީ ދިވެހި އަދަބު ދެ ދައުރަކަށް ބައިކޮށްގެންނެވެ. އެއީ ދިވެހި އަދަބުގެ ކުރީގެ ދައުރާއި ދިވެހި އަދަބުގެ މި ޒަމާނެވެ. ދިވެހި އަދަބުގެ ކުރީގެ ދައުރަކީ ހިޖުރީ ގޮތުން 14 ވަނަ ޤަރުނުގެ ފަހުކޮޅު (މީލާދީން 20 ވަނަ ޤަރުނުގެ މެދާ) ހަމައިން ކުރީގެ ދައުރެވެ. އެއީ މުޙަންމަދު އަމީން ކިއަވައިވިދާޅުވެގެން މާލެވަޑައިގަތުމަށް ފަހު އޭނާގެ އަދަބީ ޙަރަކާތްތައް ފެށުނު ހިސާބުން ކުރިއެވެ. ދިވެހި އަދަބުގެ މި ޒަމާނަކީ ދެން އޭގެ ފަހުން ހިނގަމުން މި ދާ ޒަމާނެވެ. މިއީ މުޙަންމަދު ވަޙީދު ނަދުވީ 2001 ވަނަ އަހަރު ދިވެހިބަހުގެ ޑިގުރީ ކޯހަށް ދެއްވި ތަޤުރީރު "ލިއުންތެރިކަމުގެ ދައުރުތައް" މި ތަޤުރީރުގައި އޭނާ ވެސް ދިވެހި އަދަބުގެ ދައުރުތައް ބައިކުރައްވައިފައި ވާ ގޮތެވެ.

(18) އަޙްމަދު ކާމިލު ދީދީއަކީ ހިޖުރައިން 1309 ން 1380ށް (މީލާދީން 1892 އިން 1961 އަށް) އުޅުއްވި އަދީބެކެވެ. ބައްޕައަކީ ހެންވޭރުގޭ ޙަސަން ހަކުރާ މަނިކުފާނެވެ. މަންމައަކީ އެއްގަމުގޭ ދޮންދީދީއެވެ. އަޙްމަދު ކާމިލު ދީދީއަކީ ވާހަކައިގެ އިތުރަށް އަދަބީ މަޒުމޫނުތައް ވެސް ލިއުއްވި ލިއުންތެރިއެކެވެ. އޭނާއަކީ ރާއްޖޭގައި ޗާޕުވެގެން ފުރަތަމަ ނުކުތް މަޖައްލާ އަލްއިޞްލާޙުގެ މުޙައްރިރެވެ.

(ނުނިމޭ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ