އަދުގެ ޚާއްސަ

ކައު ރަސޫލާގެ ސީރަތުގެ މުތީތަކާއި ޝަޛާތަކުން (20)

. ހިމެނޭބަޔަކީ ސިޔަރަތު

އިބްރާހީމް ރަޝީދު މޫސާ

(ކުރީގެ ބަޔާ ގުޅޭ)

371. ދެން އަބޫ ސުފްޔާން އަވަސްއަވަހަށް މައްކާއަށް ގޮސް މައްކާގެ އަހްލުންނާ ބައްދަލުކޮށް މި ޚަބަރު ދިނެވެ. އެމީހުންގެ ކިބައިގައި ރަސޫލާ ﷺ އާ ކުރިމަތިލާނެ ބާރެއް ލިބިގެން ނުވާކަމަށް ބުންޏެވެ. އެމީހެއްގެ ގެއިން ބޭރަށް  ނުކުތް މީހަކަށް ސަލާމަތްކަން ލިބިގެން ނުވާކަމަށް ވެސް އަބޫ ސުފްޔާން ބުންޏެވެ. 

372. އެއަށްފަހު ރަސޫލާ ﷺ އެކަލޭގެފާނުގެ ލަޝްކަރަށް މައްކާއާ ދިމާއަށް ދަތުރު ފެށުމަށް އެންގެވިއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. [ތިޔަބައިމީހުންނާ ހަނގުރާމަ ނުކުރާ ބަޔަކާ ހަނގުރާމަ ނުކުރާށެވެ! އަދި ކުޑަ ކުދީންނާއި އަންހެނުން ޤަތުލު ނުކުރާށެވެ!] 

373. ރަސޫލާ ﷺ އެކަލޭގެފާނުގެ ފެހި ފައުޖާއިގެން މައްކާއަށް ވަދެވަޑައިގަތީ އެ ރަށުގެ އެންމެ އުސް ފަރާތް ކަމުގައިވާ [ކަދާއު] އިންނެވެ. އެއީ ހިޖްރައިން 8ވަނަ އަހަރުގެ ރަމަޟާން މަހުގެ 19 ވީ ހުކުރު ދުވަހުއެވެ. 

374. ރަސޫލާ ﷺ މައްކާއަށް ވަދެވަޑައިގަތީ އެކަލޭގެފާނުގެ [އަލް ޤަޞްވާއު] ޖަމަލުކޮޅު މަތީގައެވެ. މާތް ﷲއަށް ތަވާޟުޢުވެރިވެ ވަޑައިގަތުމުގެ ގޮތުން އެކަލޭގެފާނުގެ އިސްތަށިފުޅު ޖަމަލުކޮޅުގެ މަތީގައި ޖެހޭވަރަށް ތިރިކުރައްވައިގެންނެވެ. އެކަލޭގެފާނު ވަޑައިގަތީ އަލްފަތުޙު ސޫރަތް ބާރަށް ކިޔަވާ ވިދާޅުވަމުންނެވެ. މައްކާ މީހުން ގޭތެރޭގައި ތިބެގެން މި މަތިވެރި މަންޒަރު ބަލަމުން ދިޔައެވެ. 

375. އެކަލޭގެފާނު އަންގަވައިގެން ޚައިފު ސަރަޙައްދުގައި އެކަލޭގެފާނަށް ފޭލިގެކޮޅެއް ޖެހުނެވެ. އެކަލޭގެފާނު ފައިބާ ވަޑައިގަތީ މި ފޭލިގެކޮޅަށެވެ. 

376. އެ ވަގުތު ރަސޫލާގެ ފައިންޕުޅު ދެކެވަޑައިގަތުމަށް އަބޫ ޠާލިބުގެފާނުގެ ދަރިކަނބަލުން އުއްމު ހާނީ ވަޑައިގަތެވެ. ރަސޫލާ ﷺ އެކަމަނާއަށް މަރްޙަބާ ވިދާޅުވިއެވެ. އެކަމަނާ ދެންނެވިއެވެ. އަޅުގަނޑު މިވެނިއެވެނި މީހަކަށް ޙިމާޔަތް ދީފީމުއެވެ. އެހިނދު ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. [އޭ އުއްމު ހާނީއޭވެ! ކަމަނާ ޙިމާޔަތް ދެއްވި މީހަކަށް ތިމަންކަލޭގެފާނު ވެސް ޙިމާޔަތް ދެއްވައިފީމުއެވެ.] (متفق عليه)

377. އެއަށްފަހު ރަސޫލާ ﷺ އަލްމަސްޖިދުލް ޙަރާމަށް ވަޑައިގެންނެވިއެވެ. މުހާޖިރުންނާއި އަންޞާރުން އެކަލޭގެފާނު ވަށައިލައިގެން ތިއްބެވިއެވެ. އެބޭކަލުން ތަހްލީލާއި ތަކްބީރު ވިދާޅުވަމުން ގެންދެވިއެވެ. 

378. رسول الله ﷺ އަލްޙަޖަރުލްއަސްވަދު ކައިރިއަށް ވަޑައިގެން އެކަލޭގެފާނުގެ އަސާކޮޅުން އެއަށް އިސްތިލާމު ކުރެއްވިއެވެ. އެއަށްފަހު ޖަމަލުކޮޅު މަތީގައި ގެފުޅުގެ ވަށައިގެން 7 ފަހަރު ޠަވާފު ކުރެއްވިއެވެ. ގެފުޅުގައި ބަހައްޓާފައި ހުރި 360 ބުދުގެ ވަށައިގެން ބުރުޖައްސަވަމުން އެކަލޭގެފާނުގެ އަސާކޮޅުން ކޮންމެ ބުދަކަށް އިޝާރަތް ކުރައްވަމުން  [وَقُلْ جَاءَ الْحَقُّ وَزَهَقَ الْبَاطِلُ ۚ إِنَّ الْبَاطِلَ كَانَ زَهُوقًا] - ([އަދި ކަލޭގެފާނު ވިދާޅުވާށެވެ! حق ތެދުގޮތް އަތުވެއްޖެއެވެ. އަދި باطل ގޮތް ނެތި ފިލައިހިނގައްޖެއެވެ. ހަމަކަށަވަރުން، باطل އަކީ، ނެތިވެ ފިލައިދަނިވި އެއްޗެއްކަމުގައިވިއެވެ.]) (الإسراء:81). މި ބަސްފުޅު ވިދާޅުވަމުން ގެންދެވިއެވެ. އެކަލޭގެފާނުގެ އަސާކޮޅުން  އިޝާރަތްކުރެއްވި ކޮންމެ ބުދެއް ވެއްޓުނެވެ. ވެއްޓޭ ކޮންމެ ބުދެއް ޞަޙާބީން ތަޅުއްވައިލެއްވިއެވެ. މި ގޮތަށް އެތާނގައި ހުރި 360 ބުދު ތަޅުއްވައިލެއްވިއެވެ. 

379. އެއަށްފަހު ރަސޫލާﷺ ގެފުޅުގެ ބަނޑޭރި ޢުޘްމާނު ބިން ޠަލްޙަތު ގެންނަވައި ގެފުޅުގެ ދޮރުކޮޅު  ހުޅުވުމަށް އަމުރު ކުރެއްވިއެވެ. ގެފުޅު ހުޅުވުމުން ރަސޫލާ ﷺ ގެފުޅުތެރޭގައި ހުރި ފޮޓޯތައް ނެންގެވުމަށް ޢުމަރުގެފާނަށް ވިދާޅުވިއެވެ.

380. ދެން ރަސޫލާ ﷺ އުސާމަތުގެފާނާއި ބިލާލުގެފާނާއެކު ގެފުޅުތެރެއަށް ވަދެވަޑައިގެން ގެފުޅުގެ ދޮރުކޮޅު ލައްޕަވައިލެއްވިއެވެ. އެކަލޭގެފާނު ގެފުޅުތެރޭގައި ހުންނެވީ ގެފުޅުގެ ދެ ތަނބުކޮޅެއް ކަނާތްޕުޅު ފަރާތުގައި ވާތްޕުޅު ފަރާތުގައި އެއް ތަނބުކޮޅު އަދި ފަހަތްޕުޅުގައި ތިން ތަނބުކޮޅު ވާ ގޮތަށެވެ. އެ ދުވަސްވަރު ގެފުޅުގައި ހުރީ 6 ތަނބުކޮޅެވެ. އެ ތާނގައި ހުންނަވައި ދެ ރަކްޢަތް ކުރެއްވިއެވެ. އެއަށްފަހު ނުކުމެވަޑައިގެނނެވިއެވެ. އެ ވަގުތު މައްކާގެ އެންމެތަކުން ތިބީ އެ ތަނަށް ޖަމާވެފައެވެ. ރަސޫލާ އެމީހުންނާ މުޚާޠަބު ކުރައްވައި ޚުޠުބާއެއް ދެއްވިއެވެ. އެއަށްފަހު ޙަދީޘްކުރެއްވިއެވެ. [އޭ ޤުރައިޝު ވަންހައިގެ މީހުންނޭވެ! ތިމަންކަލޭގެފާނު ތިޔަބައިމީހުންނާމެދު ޢަމަލު ކުރައްވާނީ ކިހިނަކުން ކަމަށް ދެކެމުހެއްޔެވެ؟ އެބައިމީހުން ދެންނެވިއެވެ. ރަނގަޅަށެވެ. ކަލޭގެފާނަކީ ދީލަތި އަޚަކީމުއެވެ. ދީލަތި އަޚެއްގެ ބޭފުޅަކީމުއެވެ.]

381. ފަހެ ރަސޫލާﷺ ޙަދީޘްކުރެއްވިއެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނު ވިދާޅުވާނީ ޔޫސުފުގެފާނު އެކަލޭގެފާނުގެ އަޚުންނަށް ވިދާޅުވި ފަދައިންނެވެ.  [لَا تَثْرِيبَ عَلَيْكُمُ الْيَوْمَ]  (يوسف : 92) – ([މިއަދު ތިޔަބައިމީހުންގެ މައްޗަކަށް މަލާމާތެއް ދެރަބަހެއް ނެތެވެ.]) ދެން ވިދާޅުވިއެވެ. [اذهبوا فأنتم الطُّلَقاءُ] – ([ތިޔަބައިމީހުން ދާށެވެ! ފަހެ ހަމަކަށަވަރުން ތިޔަބައިމީހުންނަކީ މިނިވަނުންނީމުއެވެ.]) 

382. އެއަށްފަހު މިސްކިތުގައި އިށީނދެވަޑައިގަތެވެ. އެކަލޭގެފާނުގެ އަތްޕުޅުގައި ގެފުޅުގެ ތަޅުދަނޑިކޮޅު އޮތެވެ. އެހިނދު ޢަލީގެފާނު ދެންނެވިއެވެ. [އޭ ﷲގެ ރަސޫލާއޭވެ! އަޅުގަނޑުމެންނަށް ޙައްޖުވެރީންނަށް ފެންދިނުމާއި ގެފުޅުގެ ބަނޑޭރިކަން ދެއްވާށެވެ!]  

383. އެހިނދު ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ. ޢުޘްމާނު ބިން ޠަލްޙާ ކޮބައި ހެއްޔެވެ؟ އޭނާ އައުމުން ގެފުޅުގެ ތަޅުދަނޑިކޮޅު އޭނާއަށް ދެއްވައިފައި ޙަދީޘްކުރެއްވިއެވެ. [އޭ އަބޫ ޠަލްޙާގެ ދަރީންނެވެ! ދާއިމަށް އަބަދަށް ދަރިފަސްކޮޅުން ދަރިފަސްކޮޅަށް ތިޔަބައިމީހުންގެ އަތުގައި މި ތަޅުދަނޑިކޮޅު ބާއްވާށެވެ! އަނިޔާވެރިއަކު މެނުވީ ތިޔަބައިމީހުންގެ އަތުން މި ތަޅުގަނޑިކޮޅު އަތެއްނުލާނެތެވެ.] 

384. ކަންތައްތައް ހަމަޖެހުމުން މައްކާގެ އަހްލުވެރިން ރަސޫލާގެ އަރިހަށް އައިސް ބައިޢަތު ހިފަމުން ދިޔައެވެ. އެހިނދު އަބޫބަކްރުގެފާނު އެކަލޭގެފާނުގެ ބައްޕާފުޅު އަބޫ ޤުޙާފަތުގެފާނު ގޮވައިގެން ރަސޫލާގެ އަރިހަށް ވަޑައިގަތެވެ. އަދި އަބޫ ޤުޙާފަތުގެފާނު  އިސްލާމްވެވަޑައިގަތެވެ. 

385. އެއަށްފަހު މައްކާގެ އަންހެނުން ރަސޫލާ ﷺ އަށް ބައިޢަތު ހިފިއެވެ. 

386. އެއަށްފަހު ރަސޫލާ ﷺ އެތައް ފަތުވާތަކެއް ދެއްވިއެވެ. އޭގެ ތެރޭގައި: 

     ހ- ރާ ވިއްކުން ޙަރާން ކުރެއްވުން

     ށ- މުޅަތަކެތި ޙަރާން ކުރެއްވުން

     ނ- އޫރު ޙަރާން ކުރެއްވުން

     ރ- ބުދު ޙަރާން ކުރެއްވުން  ވެއެވެ. 

387. މައްކާ ފަތަޙަވެގެން ދިޔުމަކީ ޢަރަބީންގެ ނަފްސަށް އޭގެ އަސަރު ވަރަށް ބޮޑަށް ކުރި ޙާދިސާއެކެވެ. މުސްލިމުންނާއި ޤުރައިޝުންނާ ދެމެދުގައި ހިނގަމުން ދިޔަ ކުރިމަތިލުންތަކާއި ޙަމަލާތަކުގެ ނަތީޖާއަށް ޢަރަބިން ތިބީ އިންތިޒާރުކޮށްގެންނެވެ. 

388.رسول الله ﷺ އަށް ލިބިވަޑައިގަތް ނަޞްރާ ވިދިގެން ޢަރަބިކަރައިގެ ޤަބީލާތައް ފައުޖުފައުޖަށް އިސްލާމްދީނަށް ވަންނަން ފަށައިފިއެވެ. 

389.ރަސޫލާ ﷺ މައްކާގައި 19 ދުވަހު ހެންނެވުމަށްފަހު 6 ޝައްވާލުގައި ޙުނައިނަށް ވަޑައިގަތުމަށް ޓަކައި މައްކާއިން ނުކުމެވަޑައިގަތެވެ. އެއީ ޠާއިފު ކައިރީގައި އޮންނަ ވާދީއެކެވެ. 

(ނުނިމޭ)

 

 

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ