އަދުގެ ޚާއްސަ

Print

ކޮރޯނާ ޖާއިހާއިން ތަނަވަސްވަމުން އަންނަ ފުރުޞަތުތައް

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ އިޖުތިމާޢީ

 އިބްރާހީމް ރަޝީދު މޫސާ

ކޮރޯނާ ޖާއިހާގެ ސަބަބުން މުޅި ދުނިޔެއަށް ވަނީ ބޮޑެތި މުޞީބަތްތަކެއް ބަރުދާސްތު ކުރަން ޖެހިފައެވެ. މި ވަބާ ފެތުރިފައިވާ ޤައުމުތަކަށް ދަނީ އަސާސީ ބަދަލުތަކެއް ގެންނަމުންނެވެ. މި ވަބާގެ ވަކިތަކުން ދުނިޔޭގެ މުޅި އާބާދީއާއި ވެހީން ދަނީ ޒަޚަމުވަމުންނެވެ. މި ވަބާއިން މިންޖުވެފައިވާ އެއްވެސް ގިންތިއެއް، ފަންތިއެއް، ޤިޠާޢެއް ނުވެއެވެ. މި ވަބާގެ ބިޔަ ބާނިތަކުގެ ސަބަބުން ސުނާމީ ދަނީ އަރަމުންނެވެ. މި ވަބާގެ ޒަޚަމުތަކުން ސަލާމަތް ވެގެންވާ ނިޒާމެއް ނުވާއިރު، މި ވަބާގެ ސަބަބުން ފުރުޞަތުތަކެއް ފަހިވާ ވާހަކަ ދެއްކުމަކީ ވަރަށް ޙައިރާންކުރަނިވި ކަމަކަށް ވެދާނެއެވެ. މި ވަބާގެ އާސާރުތައް ނައްސިވިޔަސް ފަރުދީ ފެންވަރުގައްޔާއި ޖަމާޢީ ފެންވަރުގައި ފުރުޞަތުތަކެއް ވެސް ތަނަވަސްވަމުން އަންނަ ކަމަށް ދިރާސާތައް ބުނެއެވެ. 

އެއްވެސް ޝައްކެއްނެތްގޮތުގައި ކޮރޯނާ ޖާއިހާގެ ސަބަބުން ޙަޔާތުގެ ތަފާތު މައިދާންތަކަށް ( ސިޔާސީ، އިޤްތިޞާދީ، އިޖްތިމާޢީ، ނަފްސާނީ މައިދާންތަކަށް) ވަނީ ނުބައި އަސަރުތަކެއް ކޮށްފައެވެ. ކޮރޯނާގެ ސަބަބުން ކޮށްފައިވާ ނުބައި އަސަރުތަކަށް ބަލާނަމަ އޭގެ ނުބައި އަސަރު ވަރަށް ފުންކޮށް ފޯރައިފައިވާ  މައިދާންތަކެއްވެއެވެ. 

އިޤްތިޞާދީ ގޮތުން ބަލާއިރު: ދުނިޔޭގެ ރައުސްމާލީ ނިޒާމަށް ވަނީ ބޮޑު ލޮޅުންތަކެއް އަރައިފައެވެ. 2008 ވަނަ އަހަރު ދުނިޔޭގެ އިޤްތިޞާދީ ނިޒާމަށް އެރި ލޮޅުންތަކުން އެ ނިޒާމު ސަލާމަތް ކުރުމަށް ޓަކައި ފިޔަވަޅުތައް އެޅި ފަދައިން ރައުސްމާލީ ނިޒާމު ސަލާމަތް ކުރެވޭތޯ އެތައް އިޖުރާއާތުތަކެއް މިހާރު ދަނީ އަޅަމުންނެވެ. 

ސަޤާފީގޮތުން ބަލާއިރު: ފަރުދީ މިނިވަންކަމަކީ އެއްވެސް ޤައިދެއް އިމެއްނެތި ދޫކޮށްލެވިގެންވާނެ ކަމެއް ނޫންކަން މިއަދު ވަނީ ކަށަވަރުވެފައެވެ. މުޖްތަމަޢުގެ މަޞްލަޙަތަށް ޓަކައި މި މިނިވަންކަން ހިފެހެއްޓެން ޖެހޭނެކަން މިއަދު ވަނީ ޤަބޫލުކޮށްފައެވެ. މިއަދު ވަނީ ޢާއްމުންނަށް ދަތުރުފަތުރު ކުރުން މަނާކުރެވިފައެވެ. ބައެއް ރަށްރަށުގައި މީހުން ތިބީ ފުރަބަންދުގައެވެ. ކުރި ކުށަކާނުލައި ގޭ ބަންދުގައެވެ. މިއީ މުޅިން ވެސް ފަރުދީ މިނިވަންކަމުގެ ގިއުގަނޑުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. ކޮރޯނާ އައިސް މި ވަނީ މި ކަންކަން ކުރަން މަޖުބޫރުކޮށްފައެވެ. މި ވަބާ ކޮންޓްރޯލުކުރެވެން އަންނަނީ ގައިދުރުކޮށްގެންނެވެ. އެކަކު އަނެކަކާ އެކަހެރިވެގެންނެވެ.

ސިޔާސީ ގޮތުންބަލާއިރު: ބައިނަލް އަޤްވާމީ ފެންވަރުގައި ނުވަތަ ސަރަޙައްދީ ފެންވަރުގައި އޮތް ބައެއް އެއްބާރުލުންތަކަށް ވަނީ ލޮޅުންއަރައިފައެވެ.މިސާލަކަށް ޔޫރަޕްގެ އިއްތިޙާދުން މިހާރު ދަނީ ޗައިނާއާއެކު އެއްބާރުލުން ޤާއިމުކުރުމާމެދު ވިސްނަމުންނެވެ.  ކޮރޯނާއާ ވިދިގެން ޗައިނާއިން ދެމުން ގެންދާ އެހީތައް ދަނީ ބަލައިގަންނަމުންނެވެ.  

ބައިނަލްއަޤަވާމީ މަސްރަޙަށް ބަލާއިރު: ހަތިޔާރު އުފެއްދުމުގެ ވާދަވެރިކަން އަލުން މުރާޖަޢާކޮށް އެކަމަށް ހޭދަކުރެވޭ ފައިސާގެ ކޮންމެ ވެސް މިންވަރެއް އިންސާނިއްޔަތުގެ ޚިދްމަތަށް ހޭދަކުރުމަށް ދަނީ ގޮވައިލެވެމުންނެވެ. މި ފަދަ ފައިސާތައް ސައެންސީ ދިރާސާތައް ( ޚާއްޞަކޮށް ޞިއްޙީ ދާއިރާއާ ބެހޭ ދިރާސާތައް) ކުރިއަށް ގެންދިޔުމަށް ޓަކައި ހޭދަކުރުމަށް ދަނީ އަޑު އުފުލެމުންނެވެ.

ޢަޤީދާގެ ގޮތުން ބަލާއިރު: ކޮރޯނާގެ ސަބަބުން އީމާންކަމުގެ ފިކްރު ވަނީ އަލުން ކެކިގެންފައެވެ. ހެއްދެވި ފަރާތެއް ވާކަން ޤަބޫލު ކުރުން ވަނީ އިތުރުވެފައެވެ. ﷲ ސުބްޙާނަހޫ ވަ ތަޢާލާ އިންސާނާގެ ފިޠުރަތުގައި ލައްވައިފައިވާ  ޚާލިޤަށް ބޯލެބުމަށް ގޮވައިލާގޮވައިލުމަށް  ދެވޭ އިޖާބަ ވަނީ އިތުރުވެފައެވެ.

އިޖްތިމާޢީ ގޮތުން ބަލާއިރު: ކޮރޯނާ ޖާއިހާއިން މީސްތަކުން އެންމެ އިސްކަން ދޭންވީ ޞިއްޙަތަށާއި ތަޢުލީމަށްކަން ހާމަވެގެން ދިޔައެވެ. އަދި މަދަނީ މުޖްތަމަޢުގެ ދައުރު ވަރުގަދަ ކުރަން ޖެހިފައިވާކަން ޔަޤީންކޮށްދިނެވެ. މީގެއިތުރަށް ބަހުގެ އަހައްމިއްޔަތުކަމާއި ޚަބަރުފަތުރާ ވަސީލަތްތަކުގެ ދައުރުގެ މުހިއްމުކަން ވެސް އެނގިގެން ދިޔައެވެ.

ކޮރޯނާގެ ސަބަބުން މި ފަދަ އަސަރުތަކެއް ކޮށްފައި ވިޔަސް މި ވަބާގެ ސަބަބުން ފުރުޞަތުތަކެއް ތަނަވަސްވެފައިވާ ކަމަށް ދިރާސާތައް އަންނަނީ ފާހަގަ ކުރަމުންނެވެ. އޭގެތެރެއިން 4 ފުރްޞަތެއްގެ ވާހަކަ އަޅުގަނޑު ފާހަގަކޮށްލާނަމެވެ.

1- ބައިނަލް އަޤްވާމީ ހިވާރަކަށް (ޑަޔަލޯގަކަށް) ގޮވައިލާ މީހުންނަށް އެކަމަށް ފުރުޞަތު ތަނަވަސްވުން: މިއީ ސިޔާސީ ފެންވަރުގައްޔާއި ސަޤާފީ ފެންވަރުގައި ބާއްވަން ޖެހޭ ސިންތާތަކެއް ކަމަށް މިކަމުގެ އިސްވާރުން ވިދާޅުވެއެވެ. އެބޭފުޅުން ވިދާޅުވާ ގޮތުގައި މިއަދު ދުނިޔެ ވަނީ ކުޑަކުޑަ ރަށަކަށް ވެފައެވެ. އަދި ކިއެއްތޯއެވެ؟ އެންމެ  ގެއަކަށް ބަދަލު ވެފައެވެ. ފަހަރެއްގައި އެންމެ ކޮޓަރިއަކަށް ވެސް ވެދާނެއެވެ. މި ގޭތެރެއަކީ ވަރަށް ސިންދަފާތު މާޙައުލެކެވެ. ތަފާތު އޮތަސް އެއްބާރުލުމުގެ ފުރްޞަތު މިހާރު މި އޮތީ ވަރަށް ބޮޑުވެފައެވެ. ތަޖްރިބާތައް ބަދަލުކޮށް ކުރެވޭ މަސައްކަތުގައި ބައިވެރިވުމުގެ ފުރްޞަތެވެ.

2- ތިމާވެށި ޙިމާޔަތްކުރުމަށް ގޮވައިލާ މީހުންނަށް ތަނަވަސްވި ފުރުޞަތު: ވެށްޓަށް ޢަދާވަތްތެރިވެ ވެށްޓާބެހޭ މިންގަނޑުތަކަށް ފައިން އަރައިގެން (ޚާއްޞަކޮށް ބަރު ޞިނާޢަތްތަކުގެ ވެރިން) މަޝްރޫޢުތައް ކުރިއަށް ގެންދިޔުމުގެ ސަބަބުން އިންސާނާއަށާއި މޫސުމަށް ވަނީ ނުބައި އަސަރުތަކެއް ކޮށްފައެވެ. މިކަމުގެ ސަބަބުން ބަލިތަކަށާއި ވައިރަސްތަކަށް މުއްސަނދި ވެށްޓެއް ލިބިގެންދިޔައެވެ. ފުރަބަންދުގެ ސަބަބުން މީހުން މަގުމައްޗަށް ނުކުތުން ހުއްޓައިލުމުން ދެކުނު ކެރޮލީނާގައި ކިބޫތައް އެއްގަމަށް އަރައި މަގުމަތީގައި މިނިވަންކަމާއެކު އުޅެމުންދާ ތަން ފެނުނެވެ. މިއިން އެނގެނީ މި ގުރަހައިގައި ދިރިއުޅޭ އިންސާނުންނާ މި ގުރަހައިގައި ހުރި ރޯ މާއްދާތަކާއި ދިރޭ އެއްޗެއްސާ ދެމެދުގައި ތިލަފަތް ހަމަވާފަދަ ޙަޔާތަކަށް ބޭނުންވާ ކަމެވެ. މީގެއިތުރަށް ދުއްވާ އެއްޗެއްސާއި ކާރުޚާނާތަކުގެ ގެނދަބުޅިތައް މަދުވުމުގެ ސަބަބުން ވިސަޑުވެފައިވާ ޖައްވު ސާފުވަމުން އަންނަ ތަން ފެނެއެވެ.  

3- އިޖްތިމާޢި ރައުސްމާލިއްޔަތަށް ގޮވައިލާ މީހުންނަށް ތަނަވަސްވި ފުރްޞަތެއް: މުދަލާމެދު މުދަލުގެ ލޮލުން ބެލުމަކީ ބަދުނަޞީބު ކަމެކެވެ. މުދަލުން އަދާކުރަން ޖެހޭ އެތައްއެތައް ވަޒީފާތަކެއްވެއެވެ. އެއިން އަދާކުރަން ޖެހޭ ޙައްޤުތަކެއް ވެއެވެ. މުސްލިމުންނަށް މި ކަން އެނގުނަސް ޣައިރު މުސްލިމު މިލިއަނޭރުންނަށާއި މަހުޖަނުންނަށް  މި ކަންކަމެއް ނޭގެއެވެ. އެމީހުން އެނގެނީ " ޤާރޫނުގެ ފަލްސަފާ " އެވެ.  ކޮރޯނާގެ ސަބަބުން އެތައް ބައެއްގެ ވަޒީފާ މި ވަނީ ގެއްލިފައެވެ. ދުވަހު ކުއްޔަށް މަސައްކަތްކުރަމުން ދިޔަ އަތްތައް މިއަދު ވަނީ ސަލާންޖަހަން ޖެހިފައެވެ. މި ކަމުގެ ސަބަބުން އެތައް މަޞްލަޙަތުތަކެއް ހިރާސަށް ހާސާވެގެންދާނެކަން ކަށަވަރެވެ.މިނިވަން އިޤްތިޞާދު ޒިންމާދާރު އިޤްތިޞާދަކަށް ހެދުމަށް ގޮވައިލާ އަޑުތަކަށް މި ވަބާގެ ސަބަބުން  އިޖާބަލިބުމަށް ފުރްޞަތު ތަނަވަސް ވެގެންދާނެ ކަމަށް ދިރާސާތައް ބުނެއެވެ.

4- ދީނީ ޚިޠާބަށް (ޚާޢްޞަކޮށް އިސްލާމީ ދީނީ ޚިޠާބަށް) ފުރުޞަތު އިތުރުވުން: އިންސާނާއަށް ބޮޑެތި މުޞީބާތްތައް  ކުރިމަތިވުމުން އޭނާ ކަންބޮޑުވެ، ހާސްވެ، ބިރާސްވެއެވެ. މި ކަމުގެ ސަބަބުން ބައެއް މީހުން އަމިއްލައަށް މަރުވާ ހިސާބަށް ވެސް ދެއެވެ. މުޞީބާތްތައް ކުރިމަތިވުމުން ދީނާމެދު މީހުން ފާޑުފާޑުގެ ވާހަކަތައް ދައްކަން ފަށައެވެ. ދީނީ ޢަޤީދާގެ މަލަތައް ވަންހަނާކޮށް ފޮރުވަން އުޅުނަސް އިންސާނާއަށް ބަދުނަޞީބު ކަމަކާ ކުރިމަތިވާ ހިނދު ދީނީ ނަސޭހަތާއިވަސޭހަތާ ދިމާއަށް އޭނާ އެނބުރިގަނެއެވެ. ދީނާ ، ޢަޤީދާއާ ބެހޭގޮތުން އިންސާނާގެ ހިތުގައި އުފެދޭ ސުވާލުތަކަށް ޖަވާބުދެވޭވަރުގެ ހަމައެކަނި ދީނަކީ އިސްލާމްދީނެވެ. އެ ދީން ދުނިޔެއާއި އާޚިރަތުގެ ދީން ކަމުގައއިވާތީއެވެ. ކޮރޯނާފަދަ ޖާއިހާ މެދުވެރިވުމުން ބައިނަލްއަޤްވާމީ ދީނީ ހޭލުންތެރިކަމަށް ވަނީ ބޭނުންވެއެވެ. މިއީ އިސްލާމްދީނުގެ ޢިލްމުވެރިންނަށް ތަނަވަސްވެގެންދިޔަ ވަރަށް ބޮޑު ފުރްޞަތެކެވެ.  

މިއީ، ގޮންޖެހުންތަކާއި  ޖަޒުބާތުތައް އޭގައި ޝާމިލުވެގެންވާ ފުރުޞަތުތަކެކެވެ. ނަޖާވެވޭނީ އެއާއެކު ރަނގަޅަށް މުޢާމަލާތު ކުރެވިގެންނެވެ.  

________________________________

 

 

 

ހަމަމިގަލަމުން

އިދާރާ

ވާހަކަ