އަދުގެ ޚާއްސަ

Print

ދެވަނަ ފުރުޞަތު (7)

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ވާހަކަ

އަސްމާ އަބޫބަކުރު، ހއ. ދިއްދޫ

(20 މެއި 2020 ގައި ޝާއިޢުކުރި ބަޔާ ގުޅޭ)

ޒަލާއަށް މަންމަ ގެއަށް އައިކަން އެނގުނީވެސް އެތައް އިރެއްވީފަހުންނެވެ. ވިޝާކާ އަށް ގޮވާފައި މަންމަ އަށް ކާނެ އެއްޗެއް ގެންގޮސް ދިނުމަށް ޒަލާ ބުންޏެވެ. ކައިނިމުމުން މަންމަ އަށް ބޭސް ދިނުމަށް ވިޝާކާއަށް ހަނދާން ކޮށްދިނެވެ. މަންމަގެ ބަލިޙާލާއިމެދު ޒަލާ އެހާ ކންބޮޑުވާހެންނެއް ހީއެއް ނުވެއެވެ.

ރޭގަނޑު އަށްގަޑިބައި ވެއްޖެއެވެ. އޭރުވެސް ޒަހުވާގެ ހުން މަޑެއް ނުވެއެވެ. ޒަލާ ވަލީމާއަށްދާން ތައްޔާރުވެގެން ކޮޓަރީން ނިކުންނަނިކޮށް ވިޝާކާ އަތުވެއްޖެއެވެ. 

"މެޑަމް މިއަދު ނުކައި އޮންނަނީ. ސޫޕް އެކަނި ބުއީ. މެޑަމް ހުން ވަރަށް ގަދަ." ވިޝާކާގެ ވާހަކަ އަޑުއިވުމުން ޒަލާ ބަލައިލީ ގަޑިއަށެވެ. ވަލީމާއަށް ދާން ބުނި ގަޑި ޖެހެނީއެވެ. ގްރޫޕްގެ އެހެން ކުދީން މިހާރު ތިބޭނީ ޒަލާގެ އިންތިޒާރުގައެވެ. އަވަސް އަވަހަށް މަންމަގެ ކޮޓަރިއަށް ގޮސް މަންމަގެ ނިތްކުރީގައި އަތްލިއެވެ. އެވަގުތު ހުން ވަރަށް ގަދަކަން ޒަލާއަށްވެސް އެނގުނެވެ.

"ބައްޕަ އަށް ގުޅަންވީ ކަންނޭގެ." ޒަލާ އެހެން ބުނެފައި ފާހިމްއަށް ގުޅައިފިއެވެ. މަންމަ ހުންއައިސް އޮތް ވާހަކަ ބުނުމަށްފަހު ޒަލާ ވިޝާކާ އަށް ގޮވާފައި ގެނެސް މަންމަ ގާތު މަޑުކުރުމަށް ބުންޏެވެ. ވަލީމާގެ ގަޑި ޖެހޭތީ ޒަލާ ދިޔައީ ޕާޓީއަށެވެ. މިރޭ މަންމަ އެހާ ބަލިކޮށް އޮއްވާވެސް ޒަލާއަށް މުހިއްމުވީ ވަލީމާއެވެ. 

ޒަލާ ގްރޫޕްގެ ހުރިހާ ކުދީން އެކީގައި ގޮސް ރިހާނާ އާއި ސަލާމް ކުރަންފެށިއެވެ. އެވަގުތު ޒަލާ ސިއްސައިގެން ދިޔައީ ރިހާނާ ގާތުގައި ހުރި ޖަޒުލާން ފެނުމުންނެވެ. ޒަލާގެ މޫޑް ކުއްލިއަކަށް ޚަަރާބު ވެއްޖެއެވެ. އެވަގުތު ސައުނާއަށް ބަލާލެވުނީ ޒަލާގެ މޫނަށެވެ. ވަލީމާގައި މާގިނަ އިރުތަކެއް ނުވެ ޒަލާ ބޭނުމީ އަވަހަށް އެތަނުން ނިކުންނާށެވެ. އެކަމަކު ރިހާނާ އަށް ޝައްކުވެދާނެތީ ޒަލާ ކުޑަވަގުތުކޮޅަކު މަޑުކޮށްލުމަށްފަހު ބޮލުގައި ރިއްސާތީއޭ ބުނެ އަވަހަށް ވަލީމާ ދޫކޮށް ގެއަށް ދިޔައެވެ.

"ވިޝާކާ ކޮބާ މަންމަ މިހާރު ކިހިނެއް؟" ޒަލާ ކޮޓަރިއަށް ދަމުން ވިޝާކާ ފެނިގެން އަހާލިއެވެ. 

"މެޑަމް ހޮސްޕިޓަލަށް ދިޔައީ" ވިޝާކާ ދިން ޖަވާބުން ޒަލާ ޙައިރާން ވެއްޖެއެވެ. އަނެއްކާ މަންމަ ހޮސްޕިަޓަލަށް ދިޔައީ މާ ހުންގަދަވީބާއޭ ހިތަށް އެރިއެވެ. ޒަލާ ކޮޓަރިއަށް ވަދެ އެއްޗެހި ބަދަލުކޮށްލުމަށްފަހު އެނދުގައި ޖައްސާލިއެވެ. ފޭސްބުކް ހުޅުވާލުމާއެކު އޮންގައި ތިބި މީހުންގެ ވާހަކައިގައި ޖެހިއްޖެއެވެ. މަންމަގެ މަތީން ޒަލާ ހަނދާން ނެތި، ނިދި އަންނަންދެން  އަލަށް ލިބުނު ރަޙުމަތްތެރިޔާއާ ޗެޓް ކުރުމުގައި ވަގުތު ހޭދަކުރިއެވެ. 

ޒަހުވާ އެޑްމިޓް ކުރީ ހުންގަދަ ކަމުންނެވެ. ފާހިމް ރޭގަނޑު ނުނިދައި ހޭލައި ހުރެގެން ފެން އުނގުޅުމުން ހެނދުނު ވީއިރު ހުން މަޑުވެއްޖެއެވެ. ޒަހުވާއަށް ލޯހުޅުވައިލެވުމާއެކު ޒަލާ ނާދޭހޭ އަހައިލިއެވެ. 

"ޒަލާ އަށް މުހިއްމުވީ ވަލީމާއަށް ދާން. ޒަހުވާ އެހާ ހުންގަދައިރު ވެސް ޒަލާ އަށް މަންމައަށް އަޅައެއް ނުލެވުނު." ފާހިމް ވަރަށް ދެރަވެފައި ހުރެ ބުންޏެވެ. މީހުން ދަރިން ބޮޑުކުރުމުން އެދަރީންގެ ފަރާތުން ބަލިވުމުން އަޅައިލުމާއި ލޯބި ލިބެއެވެ. އެކަމަކު ޒަލާގެ ފަރާތުން މައިމީހާއަށް އެއްވެސް އަޅައިލުމެއް ނުދެވެނެވެ. ދަރީންނަށް މާބޮޑަށް މިނިވަންކަން ދިނުމަކީ ރަނގަޅު ކަމެއް ނޫންކަން ފާހިމް އަށް މިއަދު ވިސްނުނެވެ. 

ދުވަސްތައް ފާއިތުވަމުން ދަނީ ހީވެސް ނުކުރާހާ އަވަހަށެވެ. ކަންކަމުގައި ވަގުތު ހޭދަކުރާ މީހުންނަށް ގަޑި ހިނގާލެއް އަވަސް ކަމަށް ފެނެއެވެ. އެ ގޮތުން ޒަލާއަށް ވެސް ދުވަސްތައް ފާއިތުވެ ދަނީ ހީވެސް ނުކުރާހާ އަވަހަށެވެ. ދުވާލުގެ ވަގުތު ތަކުގައި ނިދާފައި ހަވީރުވުމުން ސެލޫން އަށް ދެއެވެ. ރޭގަނޑު ގިނަވަގުތު ސެލޫންގައި ހޭދަކުރެއެވެ. އަދި ހަފުތާގެ ބަންދު ދެދުވަހު ޒަލާ ދަނީ ރިޒޯޓަށެވެ. ގިނަ ދުވަސް ދުވަހު މަންމަ އާއި ބައްޕަ ނުފެނި ދުވަސް ނިމިގެން ދެއެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ ބިޒީ ޝެޑިއުލްގައެވެ.

އެއްދުވަހެއްގެ ހެނދުނު ނިދައި ހޭލިއިރު ފާޑަކަށް މޭނުބައި ކޮށްފައި ހުންނަ ކަހަލަ ގޮތެއް ޒަލާއަށް ހީވިއެވެ. އެ ގޮތުގައި ދެ ދުވަހެއްވަރު ހޭދަ ވުމަށްފަހު ހޮޑުލެވެން ފެށިއެވެ. އަދި ހެނދުނު ނިދައި ހޭލާގަޑީގައި ބޯ އަނބުރާތީ އެނދުން ތެދުވާހިތް ނުވެފައި ވެސް އޮންނާން ޖެހެއެވެ. ޒަލާ އެ ވާހަކަތައް އެއްވެސް މީހެއް ގާތަކު ނުދައްކައެވެ. 

ހައުލާ އޭލެވެލް ނިމުނުތާ ދުވަސްކޮޅެއް ވެއްޖެއެވެ. އޭލެވެލް ގަދަ ދިހައެއްގައި ހައުލާ ހިމެނުމާއެކީ އެޢާއިލާ އެންމެން ވަރަށް އުފާކުރިއެވެ. އޭލެވެލް ގަދަ ދިހައެއްގެ ރަސްމިއްޔާތު ބާއްވާ ރެއަށް ރީތި ހެދުމެއް ފެހުމާ ގުޅޭ ގޮތުން މަންމަ އާއި ވާހަކަ ދައްކަމުން ހައުލާ ގެންދިޔައެވެ. މަންމައަށް މާ ގޮތްބޮޑުކޮށް ފަހާފައި ހުންނަ ހެދުންތައް ކަމުނުދާނެކަން ހައުލާއަށްވެސް އެނގެއެވެ. 

"މިފަހަރު ހެދުން ފަހާނީ މަންމަ ބޭނުންވާ ގޮތަށް. އަވަހަށް މަންމަ ބެނުންވާ ގޮތް ބުނޭ." ހައުލާ އެހެން ބުނުމުން ޙާމިދާއަށް ކަމުދާ ގޮތް ކިޔައިދިނެވެ.  

ޙާމިދާ ފަތިހު ހޭލުމަށްފަހު ފަތިސް ނަމާދަށް ހުރިހާ ކުދީންނަށް ގޮވިއެވެ. އޭރު ސަމީން އުޅެނީ ވުޟޫ ކުރާށެވެ. 

"ބައްޕަ ނިމެންވާއިރަށް ޙަސީން އަވަހަށް ތެދުވޭ!" ޙާމިދާގެ އަޑަށް ޙަސީން ލޯ އުނގުޅަމުން ތެދުވެއްޖެއެވެ. އެގޭގެ އެންމެން ފަތިހު ހޭލައިގެން ފަތިސް ނަމާދު ކުރުމަށްފަހު ޤުރުއާން ކިޔެވުމުގައި ވަގުތު ކޮޅެއް ހޭދަކުރެއެވެ. ހައެއް ޖެހުމުން ސަމީން ދަނީ އޭނާގެ މަސައްކަތަށެވެ. ޙާމިދާ ވަންނާނީ ބަދިގެއަށް ސައިތައްޔާރު ކުރާށެވެ. ހައުލާވެސް މަންމައަށް ބަދިގޭގެ މަސައްކަތުގައި އެހީތެރި ވެދެއެވެ. 

"މަންމާ. މިރެއަކީ އޭލެވެލްގެ ގަދަ ދިހައެއްގެ ޖަލްސާ އޮންނަރޭ." ހައުލާ ކާމޭޒު ކައިރީ ކޮފީތަށްޓެއް ހިފައިގެން އިނދެ ބުންޏެވެ. 

"މަންމަ ހަނދާން އެބަހުރި." ޙާމިދާ ރޮށިފިހަން ހުރެފައި ހައުލާއަށް ބުންޏެވެ. 

"މަންމަ ހަދާން ނެތޭނެތީއެއް ނޫނޭ މިހެން މިބުނީ. އަޞުލު މިރެއަށް ތައްޔާރުވާން ސެލޫން އަކަށް ގޮސް ކުޑަކޮށް މޫނު ސާފުކޮށްލާ ހަދާލަން ކަމަށް. ވަރަށްފަހުން ހުޅުވި ސެލޫން އެއް އެހުރީނުން. ޒަލާ ސެލޫން. މިގެއާވެސް އެހާ ދުރެއް ނޫން. އެތަނަށް ގޮސް މޫނު ރީތިކޮށްލަން ކަމަށް މި ވިސްނަނީ." ހައުލާ އެހެން ބުނި އަޑު ސައިބޯން މޭޒު ކައިރީ އިށީނދެ އިން ޙަސީން އަށް އިވުމާއެކު ސިއްސައިގެން ހިނގައްޖެއެވެ.

"ހައުލާ އެސެލޫން އަށް ދާނެ ކަމެއް ނެތް. ދޮންބެ އަޑުއެހިން އެސެލޫން އަކީ އެހާ ރަނގަޅު ތަނެއް ނޫންކަމަށް." ޙަސީން އެހެން ބުނުމުން ހައުލާ ތުން އޫކޮށްލައިފިއެވެ.

"އެހެން ވިއްޔާ އެހެން ސެލޫނަކަށް ގޮސްފާނަން." ހިތްހަމަ ނުޖެހި އިނދެ ހައުލާ ބުންޏެވެ. 

"ދޮންބެމެން ނޫހުން ވިސްނަމުން މިދަނީ އެސެލޫން އާއި ބެހޭގޮތުން ރިޕޯޓެއް ހަދަން. ދުވަސްކޮޅެއްގެ ތެރޭގައި އެސެލޫންގެ ޙަޤީޤަތް އެނގިގެންދާނެ. އަދި މިވާހަކަ އެއްވެސް މީހެއް ގާތު ނުބުނައްޗޭ." ޙަސީން އެހެން ބުނުމުން ހައުލާ އެއްބަސްވިއެވެ. ދޮންބެ އެހެން ބުނާނީ ވަރަށް ބަލައިފައި ކަން ހައުލާއަށްވެސް އެނގެއެވެ. 

ކޮންމެވެސް ވަރަކަށް ހާސްވެފައި ހުރެ ޒަލާ ނަންބަރަކަށް ޑައިލް ކޮށްލައިފިއެވެ. މިގަޑީގައި ފޯން ނަގާފާނެ ބާއޭ ހިތަށް އަރައި ހުރެ ގުޅައިފިއެވެ. ނަސީބަކުން ވަރަށް އަވަހަށް ސައިމް ފޯން ނެގިއެވެ.

"ހަލޯ.. ސައިމް. ވަރަށް ބޮޑު ވާހަކައެއް ބުނަންވެގެން. އަހަރެން.. ހެނދުނު ހޭލާއިރު ހުންނަނީ މޭނުބައި ކޮށްފަ. މިހާރު ހޮޑުވެސްލެވޭ. އަހަންނަށް ހީވަނީ އަހަރެން ޕްރެގްހެން" ޒަލާއަށް ބުނެވުނީ އެހާވަރަށެވެ. ދެރަވެފައި ހުރިވަރުން ވާހަކަ ދައްކަން އުނދަގޫ ވެގެން ހުއްޓާލައިފިއެވެ.

ފޯނުން ވާހަކަދައްކައި ނިމުނުއިރު ޒަލާ ހުރީ ކޮންމެވެސް ވަރަކަށް ހިތްހަމަ ޖެހިފައެވެ. އޭގެ ދެ ދުވަސްފަހުން ޒަލާ މަންމައާ ވާހަކަ ދެއްކިއެވެ. 

"މަންމާ. މިއުޅެނީ ރާއްޖޭން ބޭރަށް ޖައްސައިލާން. ސެލޫންއަށް ބޭނުންވާ ބައެއް ތަކެތި ހޯދައިލާން." ޒަލާގެ ވާހަކައަށް ޒަހުވާ ދެކޮޅެއް ނުހަދައެވެ. ހުރި ހަމައެކަނި ދަރިފުޅަށް ކުރެވޭ އިތުބާރެއްގެ ބޮޑުކަމުންނެވެ. ޒަހުވާ ބަލިވެ އުޅުނު ދުވަސްކޮޅު ކަންތައް ކުރިގޮތް މަތީން ހަނދާންވިއެވެ. އެހެން އެވީ ޒަލާގެ ޅަކަމުން ކަމުގައި ޒަހުވާ ހިތަށް ވިސްނައި ދިނެވެ. އަދި އެމީހުން އެހާލޯބިވާ ދަރިފުޅު ނުބައި މަގަކުން ނުހިނގާނެ ކަމުގެ ޔަޤީންކަށް ޒަހުވާ އަށް އޮވެއެވެ. އެ ޔަޤީންކަމުގެ ސަބަބުން ޒަލާ އެދޭ ކޮންމެ ކަމަކަށް ހުއްދަ ދިނުމަކީ ޒަހުވާގެ އުފަލަކަށް ހެދިއެވެ. އެހެން ކުދީންނާ ޚިލާފަށް ޒަހުވާ ދެކޭގޮތުގައި ޒަލާ ގިނަވަގުތު ހޭދަކުރަނީ ގޭގައެވެ. 

"ދަރިފުޅު ދަނީ ކާކާ އެކު؟" މަންމަ އެހެން އެހުމުން ޒަލާއަށް ޖެހުނީ ދޮގެއް ހަދާށެވެ. ކުރީގެ ކްލާސްމޭޓުން ތަންތަން ބަލައިލާން އިންޑިޔާއަށް ދާ ދަތުރެއްގައި ކަމަށް ބުނެއެވެ.

އާ ދުވަހަކަށް އިރުއެރީ ޒަލާ ހޭލައި ހުއްޓައެވެ. ޢާއްމުކޮށް ތަންކޮޅެއް ލަހުން ހޭލާ ޒަލާ މިއަދު އަވަހަށް ހޭލައި އުޅޭތީ ފާހިމް ސުވާލު ކުރަން ފެށިއެވެ.

"މިއުޅެނީ ރައްޓެހި ކުދީން ތަކަކާއެކު މަޖާ ޓްރިޕެއްގައި އިންޑިޔާއަށް ޖައްސައިލާން." ޒަލާ ދޮގު ތެދަށް ހަދައިގެން ވާހަކަ ދައްކަމުން ދިޔައެވެ. 

ހެނދުނު މޭނުބައި ކުރާނެތީ ޒަލާ ހުރީ ވަރަށް ކަންބޮޑުވެފައެވެ. މަންމަ އާއި ބައްޕައަށް ޝައްކެއް ވެދާނެތީއެވެ. ކަންތައްތައްވީ ޒަލާ ބޭނުންވާ ގޮތަށެވެ. މަންމަ އާއި ބައްޕަ ގޭގައި ތިބި ވަގުތުތަކުގައި މޭނުބައިކޮށެއް ނުހަދައެވެ. ހެނދުނު ހޭލިގޮތަށް ޒަލާ އަނގަޔަށް ކަރަންފުލެއް ލައިގެން އުޅުނީމަ ކަމަށް ވެސް ވެދާނެއެވެ. 

(ނުނިމޭ)

އިދާރާ

އެނގޭތަ؟

ވާހަކަ