އަދުގެ ޚާއްސަ

ކައު ރަސޫލާގެ ސީރަތުގެ މުތީތަކާއި ޝަޛާތަކުން (21)

. ހިމެނޭބަޔަކީ ސިޔަރަތު

އިބްރާހީމް ރަޝީދު މޫސާ

(20 .05. 2020 ގައި ޝާއިޢުކުރި ބަޔާ ގުޅޭ)

390. ރަސޫލާ ﷺ ޙުނައިނަށް ވަޑައިގެންނެވީ އެކަލޭގެފާނު މައްކާގައި ހުންނަވަނިކޮށް ހަވާޒިން ޤަބީލާގެ މީހުން ރަސޫލާއާ ދެކޮޅަށް ހަނގުރަމާކުރުމަށް ފައުޖުތައް ޖަމާ ކުރަމުންދާ ޚަބަރު ލިބިވަޑައިގަތުމުންނެވެ. 

391. ހަވާޒިނުން ރަސޫލާއާ ދެކޮޅަށް 20 ހާސް މީހުން ޖަމާ ކުރިއެވެ. އެމީހުން ރަސޫލާއާ ދެކޮޅަށް ނުކުތީ އަންހެނުންނާއި ކުޑަކުދީންނާއި އެމީހުންގެ ޖަމަލުތަކާއި ގެރިބަކަރިތައް ފަދަ މުދާތަކާއެކުގައެވެ. ހަވާޒިނުންގެ ވެރިއަކަށް ހުރީ މާލިކު ބިން ޢައުފެވެ. 

392. ރަސޫލާ ﷺ މައްކާއިން ނުކުމެވަޑައިގަތީ 12 ހާސް ހަނގުރާމަވެރީންނާއެކުގައެވެ.އޭގެތެރެއިން 10 ހާސް މީހުންނަކީ ރަސުލާގެ އަރިހުގައި މައްކާއަށް އައި މީހުންނެވެ. އަނެއް 2 ހާސް މީހުންނަކީ މައްކާ މީހުންނެވެ. 

393.ރަސޫލާ ﷺ މައްކާއިން ނުކުމެވަޑައިގަތީ އެ ރަށުގެ އަމީރުކަމަށް ޢައްތާބު ބިން އުސައިދު އިސްކުރައްވައިފައެވެ. 

394. ޙުނައިނަށް ވަޑައިގެން މަގުމަތީގައި  ވަރަށް ބިޔަ ކުންނާރު ގަހެއް ކައިރިއަށް ވަޑައިގެންނެވުނެވެ. ޖާހިލީ ޒަމާނުގައި ޢަރަބިން އެ ފަދަ ބޮޑު ކުންނާރު ގަހަކަށް އަޅުކަންކޮށް ބަރަކާތް ޙާޞިލުކުރުމަށް ޓަކައި  އޭގައި ކަނޑި އެލުވައި،  އެ ގަހުގައި ބޮސްދީ ހަދައިފައިވެއެވެ. މި ގަހަށް ]ޛާތު އަންވާޠު[ އޭ ކިޔުނެވެ. އެންމެ ފަހުން އިސްލާމްދީނަށް ވަތް ބައެއް މީހުންނަށް މި ގަސް ފެނުމުން  ރަސޫލާއަށް ދެންނެވިއެވެ. ]އެމީހުންނަށް ޛާތު އަންވާޠެއް ލިބިގެންވީ ގޮތަށް އަޅުގަނޑުމެންނަށް  ވެސް  ޛާޠު އަންވާޠެއް  ހަމަޖައްސަވާދެއްވާށެވެ.[ އެހިނދު ރަސޫލާ ﷺ ވަރަށް ބޮޑަށް ކޯފާ އިސްކުރައްވައި ޙަދީސް ކުރެއްވިއެވެ. ]މާތް ﷲ ގަންދެއްވައި ވިދާޅުވަމެވެ. ތިޔަބައިމީހުން ޔަހޫދީން މޫސާގެފާނަށް ދެންނެވިފަދައިން ބަސް ބުނެފީމުއެވެ. ޔަހޫދީން މޫސާގެފާނަށް ދެންނެވިއެވެ. [اجْعَل لَّنَا إِلَـٰهًا كَمَا لَهُمْ آلِهَةٌ ۚ قَالَ إِنَّكُمْ قَوْمٌ تَجْهَلُونَ ﴿١٣٨﴾ إِنَّ هَـٰؤُلَاءِ مُتَبَّرٌ مَّا هُمْ فِيهِ وَبَاطِلٌ مَّا كَانُوا يَعْمَلُونَ] - މާނައީ : [އެއުރެންނަށް إله ންތަކެއް ވާފަދައިން، ތިމަންމެންނަށްވެސް إله އެއް ލައްވައި ދެއްވާށެވެ! އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންނީ (حق ގޮތް) ނޭނގޭ ބަޔެކެވެ. (138) ހަމަކަށަވަރުން، އެގޮތެއްގެ މަތީގައި އެއުރެންތިބި ގޮތަކީ، ހަލާކުވެ އުވިގެންދާނޭ ގޮތެކެވެ. އަދި އެއުރެން ކޮށްއުޅުނު عمل ތައް، باطل ވެގެންވެއެވެ.] (الأعراف  : 138- 139).

395. ރަސޫލާ ﷺ ޙުނައިނު ވާދީއަށް ވަޑައިގެން އެ ރޭ ދަންވަރު އެކަލޭގެފާނުގެ ލަޝްކަރު ހަނގުރާމައަށް ތައްޔާރުކުރެއްވިއެވެ. ދިދަތައް ބަންނަވައި ސިފައިންގެ ސަފުތައް އެތުރުއްވިއެވެ. 

396. އަސްވާރުންގެ ވެރިކަމަށް ރަސޫލާ ﷺ އިސްކުރެއްވީ ޚާލިދު ބުނުލް ވަލީދެވެ. ކެތްތެރިކަންމަތީ ސާބިތުވެ ތިބެއްޖެނަމަ މުސްލިމުންނަށް މާތް ﷲ ނަޞްރުދެއްވާނެކަމުގެ ހެޔޮ ޚަބަރު ރަސޫލުﷲގެފާނު ދެއްވިއެވެ.

397. އިސްލާމީ ލަޝްކަރުގެ ބައެއް މީހުންނަކީ މައްކާއިން އަލަށް އިސްލާމްވި މީހުންނެވެ. މުސްލިމުންގެ ޢަދަދު ގިނަކަމުން އެކަމާ އެމީހުން އަޖައިބުވެ މިއަދު އެމީހުންގެ ޢަދަދު މަދުވެގެން  ބަލިނުވާނެކަމަށް ބުންޏެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. [وَيَوْمَ حُنَيْنٍ ۙ إِذْ أَعْجَبَتْكُمْ كَثْرَتُكُمْ فَلَمْ تُغْنِ عَنكُمْ شَيْئًا وَضَاقَتْ عَلَيْكُمُ الْأَرْضُ بِمَا رَحُبَتْ ثُمَّ وَلَّيْتُم مُّدْبِرِينَ]   - ([ އަދި حُنين (ހަނގުރާމައިގެ) ދުވަހު، ތިޔަބައިމީހުންގެ ބައިގިނަކަމުގެ ސަބަބުން، ތިޔަބައިމީހުން ހެއްލުންތެރިވީހިނދު، ހަނދުމަކުރާށެވެ! ފަހެ، އެ ބައިގިނަކަން، ތިޔަބައިމީހުންނަށް އެއްވެސްކަމެއް ފުއްދައެއްނުދިނެވެ. އަދި (އެހިނދު) ތަނަވަސްކޮށް އޮތް ބިން، ތިޔަބައިމީހުންނަށް ދަތިވެގެންދިޔައެވެ. ދެން ތިޔަބައިމީހުން، ފުރަގަސްދީ، ފިލާން ދުއްވައިގަތީމުއެވެ.]( التوبة : 25).

398. މުސްލިމުން ޙަމަލާ ދިނުމަށް ޓަކައި ޙުނައިނު ވާދީއަށް ފައިބަން ފެށިއެވެ. ޙުނައިނު ވާދީ އަކީ ވަރަށް ކަތި ބޮޑު ފައިބަން ވަރަށް އުނދަގޫ ވާދީއެކެވެ. ހަވާޒިނުގެ މީހުން ވާދީގެ ތިރީގައި ޙަމަލާ ދިނުމަށް ތައްޔާރުވެގެން ފިލައިތިބިކަން މުސްލިމުންނަކަށް ނޭނގެއެވެ. މުސްލިމުން ވާދީއަށް ފޭބުމުން ހަވާޒިނުންގެ ފައުޖުތަކުން ކުއްލިއަކަށް މުސްލިމުންނަށް ޙަމަލާ ދިނެވެ. އެމީހުން އެއްފަހަރާ އެއް އެތިފަހަރަކުން މުސްލިމުންނަށް ޙަމަލާދިނެވެ. 

399. ޚާލިދުގެފާނު ވަރަށް ބޮޑަށް ޒަޚަމުވެ ވަޑައިގަތެވެ.

400. މުސްލިމުންނާއެކުގައި ތިބި ބަނީ ސުލައިމު ވަންހައިގެ އަސްވާރުން ފުރަގަސްދީ ފިލަން ދުއްވައިގަތެވެ. މި ތަން ފެނުމުން މައްކާއިން އަލަށް އިސްލާމްވި މީހުން ވެސް އެމީހުންނާއެކު ފިލަން ދުއްވައިގަތެވެ. މިކަމުގެ ސަބަބުން މުސްލިމުންގެ ފައުޖުތަކަށް ސިހުން ލިބި އެކި ދިމަދިމާއަށް ފިލަން ދުއްވައިގަތެވެ. 

401. އަލްބަރާއު ބިން ޢާޒިބު ވިދާޅުވިއެވެ [މުސްލިމުންނަށް ކުރިމަތިލާން ޖެހުނީ ދުނިދަނޑިތަކުގެ ހަނގުރާމަވެރީންނާއެވެ. އެމީހުން އޮށްގައު އުކާ ގޮތަށް މުސްލިމުންގެ މައްޗަށް ތީރުތައް އޮއްސާލިއެވެ.]

402. ރަސޫލާ ﷺ އެކަލޭގެފާނު ކަނާތް ފަރާތަށް ބައްލަވާލެއްވިއެވެ. އެކަލޭގެފާނުގެ އަރިހުގައި މުހާޖިރުންނާއި އަންޞާރުންގެ މަދު ބޭކަލުންކޮޅަކާއި އެކަލޭގެފާނުގެ އަހްލު ބައިތުންނާއި އަބޫބަކްރުގެފާނާއި އުމަރުގެފަނާއި އަލީގެފާނު ސާބިތުވެ ތިއްބެވިއެވެ.

403. މުސްލިމުންގެ ތެރެއިން ފިލަން ދުވާ މީހުންނަށް ރަސޫލާ ގޮވައިލެއްވިއެވެ. [ﷲގެ އަޅުތަކުންނޭވެ! ތިމަންކަލޭގެފާނުގެ އަރިހަށް އަންނާށެވެ! ތިމަންކަލޭގެފާނުގެ އަރިހަށް އަވަހަށް އަންނާށެވެ! ތިމަންކަލޭގެފާނަކީ ﷲގެ ރަސޫލާއެވެ. ތިމަންކަލޭގެފާނަކީ މުޙައްމަދުގެފާނެވެ.]

404. އެކަކު ވެސް މި އަޑެއް ނާހައެވެ. އެއަށްފަހު ރަސޫލާ އެކަލޭގެފާނުގެ ބަޣަލުކޮޅު މަތީގައި މުޝްރިކުންނާ ދިމާއަށް ވަޑައިގަންނަވަން ފެށްޓެވިއެވެ. އެކަލޭގެފާނު ވިދާޅުވަމުން ގެންދެވީ [أنا النبي لا كذب، أنا ابن عبد المطلب] – ([ތިމަންކަލޭގެފަނަކީ ނަބިއްޔާއެވެ. މި ބަހުގައި ދޮގެއް ނެތެވެ. ތިމަންކަލޭގެފާނަކީ ޢަބްދުއް މުއްޠަލިބުގެފާނުގެ ދަރިކަލުންނެވެ.]) 

405. ޢައްބާސުގެފާނު ރަސޫލާގެ ބަޣަލުކޮޅުގެ ލަގަނުގައި ހިއްޕަވައިގެން ހުންނެވިއެވެ. އެކަލޭގެފާނުގެ ބޮޑުބޭބޭފުޅުގެ ދަރިކަލުން އަބޫ ސުފްޔާނުލް ޙާރިޘް  ރަސޫލާގެ ސަވާރީކޮޅު ދުއްވަން އިންނެވިއެވެ. ރަސޫލާ ދުޝްމަނުންނާ ދިމާއަށް ބާރަށް ވަޑައިގަންނަވަމުން ދިޔައެވެ.

406. އެއަށްފަހު ރަސޫލާ ﷺ ބަޣަލުކޮޅުމަތިން ފައިބާ ވަޑައިގެން ނަޞްރު ދެއްވުމަށް އެދި ވަޑައިގެން ދުޢާފުޅު ކުރައްވަން ފެށްޓެވިއެވެ. ރަސޫލާގެ ދުޢާފުޅުގައި ވެއެވެ. [اللهم نَزِّل نصرك، اللهم إنْ تشأ لا تُعبد بعد اليوم] – ([އަޅުގެ ވެރި ރަސްކަލާކޮ! އިބަރަސްކަލާނގެ ނަޞްރު ބާވައިލައްވާނދޭވެ! އަޅުގެ ވެރި ރަސްކަލާކޮ! އިބަރަސްކަލާނގެ އިރާދަފުޅު ކުރައްވައިފިނަމަ މިއަދަށްފަހު އިބަރަސްކަލާނގެއަށް އަޅުކަންކުރާނެ މީހަކު ނުހުންނާނެތެވެ.])

407. މިހެން ދުޢާކުރައްވާ ރަސޫލާ ﷺ ހަނގުރާމަ ކުރައްވަން ފެށްޓެވިއެވެ. އަދި ރަސޫލާގެ އަރިހުގައި ތިއްބެވި ޞަޙާބީން ވެސް ހަނގުރާމަ ކުރެއްވިއެވެ. ޞަޙާބީން ރަސޫލާ ﷺ ގެ ހިތްވަރުފުޅާއި ސާބިތުކަން ދެކެވަޑައިގެން އެކަލޭގެފާނުގެ ކިބައިން ރައްކައުތެރިކަން ހޯއްދެވިއެވެ. 

408. ޢަލީ ބިން އަބީ ޠާލިބުގެފާނު ވިދާޅުވިއެވެ. [كنّا إذا احْمَرَّ البأسُ، ولقيَ القومُ القومَ، اتَّقَينا برسولِ اللَّهِ صلّى اللَّهُ عليهِ وسلَّمَ، فما يَكونُ منّا أحدٌ أدنا مِنَ القومِ منهُ]  – ([ބިރުވެރިކަން ބޮޑުވެގެންދިޔަ ވަގުތު  އަހުރެމެން ރަސޫލާގެ ކިބައިން ރައްކައުތެރިކަން ހޯދައިގަތީމެވެ. އަހުރެމެންގެ ތެރެއިން ހަމަ އެކަކުވެސް ރަސޫލާއަށްވުރެ  ދުޝްމަނުންނާ ގާތުގައި ނުވަމުއެވެ.]) (مسند أحمد ٢/٣٤٣) 

409. އެއަށްފަހު رسول الله ﷺ އެކަލޭގެފާނުގެ ބޮޑުބޭބޭފުޅު އައްބާސުގެފާނަށް ވިދާޅުވިއެވެ. ޢައްބާސުގެފާނަކީ އަޑުފުޅު ވަރަށް ވަރުގަދަ ބޭކަލެކެވެ. [އޭ ޢައްބާސުގެފާނޭވެ! ސަމްރަތުގެ ވެރީންނަށް  ގޮވައިލައްވާށެވެ.] (އެއީ ބައިޢަތުއް ރިޟްވާނުގެ ބޭކަލުންނެވެ. އެބޭކަލުން އަވަހާރަވެއްޖައުމަށް ދާންދެން ދުޝްމަނުންނާ ހަނގުރާމަ ކުރައްވަން ރަސޫލާއަށް ބައިޢަތު ހިއްޕެވީ " ސަމްރަތު" ގަހެއްގެ ދަށުގައެވެ.)

 

410.އެހިނދު ޢައްބާސުގެފާނު ސަމްރަތު ގަސްދަށުގައި ރަސޫލާއަށް ބައިޢަތު ހިއްޕެވި ޞަޙާބީންނަށް ހަރުއަޑުފުޅުން ގޮވައިލެއްވިއެވެ. އެކަލޭގެފާނުގެ އަޑުފުޅު އިވިވަޑައިގަތުމުން ޞަޙާބީން ރަސޫލާ ﷺ ގެ އަރިހަށް ވަޑައިގެންނެވިއެވެ. އެބޭކަލުން ((ލައްބައިކަ )) އޭ ވިދާޅުވަމުން ރަސޫލާގެ އަރިހަށް އަވަސްއަވަހަށް ވަޑައިގަންނަވަން ފެށްޓެވިއެވެ. ބައެއް ބޭކަލުން ސަވާރީ ވެސް ދޫކޮށްލެއްވިއެވެ. 

411.ޢައްބާސުގެފާނު ވިދާޅުވިއެވެ. މާތް ﷲ ގަންދެއްވާ ވިދާޅުވަމެވެ. ތިމަންކަލޭގެފާނުގެ އަޑުފުޅު އިވިވަޑައިގަތުމުން ގެރިއެއް އޭތީގެ ދަރިންނަށް ގޮވައިލީމާ އަންނަގޮތަށް އެބޭކަލުން ތިމަންކަލޭގެފާނުގެ އަރިހަށް އައެވެ.

412.ރަސޫލާ ﷺ އެކަލޭގެފާނުގެ ބަޣަލުކޮޅުމަތީގައި އިންނަވައި އެބޭކަލުންނާ ކުރިމަތިލައްވައި ވިދާޅުވިއެވެ. [މިހާރު ހަނގުރާމަ ހޫނުވެއްޖެއެވެ.] އެއަށްފަހު ރަސޫލާ ވެލި މުށެއް ނަންގަވައި ކާފިރުންގެ މޫނުމައްޗަށް އަމާޒު ކުރައްވައި އެއްލެވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. [މޫނުތައް ކުނިވެއްޖެއެވެ.] މި ގޮތަށް ރަސޫލާ ﷺ ވެލި މުށް އެއްލެވުމުން ކާފިރުންގެ ލޯތަކާއި އަނގަތައް މި ވެލިން ފުރިގެން ދިޔައެވެ. 

413.އެއަށްފަހު ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. [ގެފުޅުގެ ވެރިރަސްކަލާނގެ ގަންދެއްވައި ވިދާޅުވަމެވެ. އެބައިމީހުން ބަލިވެއްޖެއެވެ. އެބައިމީހުން ބަލިވެއްޖެއެވެ.] 

414.އެއަށްފަހު މާތް ﷲ އެކަލާނގެ ރަސޫލާއަށާއި މުއުމިނުންނަށް ވާގިދެއްވުމަށް ޓަކައި މަލާއިކަތުން ފޮނުއްވިއެވެ. ނަމަވެސް މަލާއިކަތުން ޙުނައިނު ހަނގުރާމައިގައި ހަނގުރާމައެއް ނުކުރައްވައެވެ. އެބޭކަލުން ހަގުރާމަ ކުރެއްވީ ހަމައެކަނި ބަދްރު ހަނގުރާމައިގައެވެ. މަލާއިކަތުން ފައިބާވަޑައިގަތީ ކާފިރުން ބިރުގެންނެވުމަށާއި އެމީހުންގެ ހިތަށް ބިރުވެރިކަން ވެއްދެވުމަށް ޓަކައެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. [لَقَدْ نَصَرَكُمُ اللَّـهُ فِي مَوَاطِنَ كَثِيرَةٍ ۙ وَيَوْمَ حُنَيْنٍ ۙ إِذْ أَعْجَبَتْكُمْ كَثْرَتُكُمْ فَلَمْ تُغْنِ عَنكُمْ شَيْئًا]  - ([ހަމަކަށަވަރުން، އެތައްއެތައް ތަނެއްގައި، اللَّه ތިޔަބައިމީހުންނަށް نصر ދެއްވިއެވެ. އަދި حُنين (ހަނގުރާމައިގެ) ދުވަހު، ތިޔަބައިމީހުންގެ ބައިގިނަކަމުގެ ސަބަބުން، ތިޔަބައިމީހުން ހެއްލުންތެރިވީހިނދު، ހަނދުމަކުރާށެވެ! ފަހެ، އެ ބައިގިނަކަން، ތިޔަބައިމީހުންނަށް އެއްވެސްކަމެއް ފުއްދައެއްނުދިނެވެ.]) (التوبة : 25)

415.މަލާއިކަތްބޭކަލުން ފައިބާވަޑައިގަތުމުން ކާފިރުން އެކި ދިމަދިމާއަށް ބިރުން ފިލަން ދުއްވައިގަތެވެ.

416. ރަސޫލާ ﷺ ޚާލިދު ބުނުލް ވަލީދު ކޮބައިތޯ ސުވާލު ކުރެއްވިއެވެ. މީސްތަކުންނަށް އެކަލޭގެފާނު ފެނުނީ އެކަލޭގެފާނުގެ ސަވާރީކޮޅު މަތީގައި ޒަޚަމުވެ ވަޑައިގެން ޙަރަކާތެއް ނެތި އޮންނަވަނިކޮށްނެވެ. ރަސޫލާގެ އަރިހަށް އެކަލޭގެފާނު ގެނައުމުން ޚާލިދުގެފާނުގެ ޒަޚަމުތަކަށް ފުންމަވައި އަތްޕުޅު ބީއްސަވަމުން ގެންދެވިއެވެ. ވަގުތުން އެ ޒަޚަމުތައް ފަސޭހަވެގެން ދިޔައެވެ. މިއީ މާތްﷲ ރަސޫލާގެ އަތްޕުޅު މަތިން ފާޅު ކުރެއްވި މުޢުޖިޒާތެކެވެ.

(ނުނިމޭ)

 

 

ހަމަމިގަލަމުން

އިދާރާ

ވާހަކަ