www.fanvai.info

Print

ކޮރޯނާ ޖާއިހާގެ ސަބަބުން މުޅީން އައު އާންމުހާލަތެއް، އައު ދިރިއުޅުމެއް!!

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ އިޖުތިމާޢީ

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

އެއްވެސް ޝައްކެއް ނެތެވެ. [ކޮރޯނާ ވައިރަސް ބަލި – 2019] (ނުވަތަ ކޮވިޑް 19)ގެ ސަބަބުން ދުނިޔެއަށް ބޮޑު އިންޤިލާބެއް ގެނެސްފިއެވެ. އިޤްތިޞާދީ ގޮތުންނާއި މާލީ ގޮތުންނެވެ. ސަގާފީ ގޮތުންނެވެ. ސިޔާސީ ރޮނގުންނެވެ. އަދި ދީނީ ނަޒަރަކުން ބަލާއިރު ވެސް މެއެވެ. ޞިއްޙީ ދާއިރާގައެވެ. ބައިނަލްއަޤުވާމީ ގުޅުންތަކުގައެވެ. ޖުމުލަކޮށް އިޖުތިމާޢީ ދާއިރާގެ ހުރިހައި ދިމާއަކަށް މި އިންޤިލާބުގެ އަސަރު ފޯރައެވެ. އިޖުތިމާޢީ ދާއިރާއޭ އަޅުގަނޑު މި ދެންނެވީ މުޖުތަމަޢެއްގައި އެކުލެވޭ ހުރިހާ ދާއިރާއެއް ހިމަނައިގެންނެވެ.

އާދޭހެވެ! ހުރިހާ ދިމާއަކަށް ބެލިޔަސް ފެންނާނީ މުޅީން އާ ބަދަލުތަކެވެ. އެހެން ގޮތަކުން ބަލާނަމަ، މުޅި ދުނިޔެ އާކޮށްލީއެވެ. އަލުން ތާޒާކޮށްލީއެވެ. މުޅިން އާ ދިރިއުޅުމަކަށް ދުނިޔެ ތައްޔާރުވީއެވެ. މުޅީން އާ ފަތިހަކަށް އަލިވިލުނީއެވެ. މި ޒަމާނުގެ ފަންނިއްޔާތުގެ ބަހުރުވައިން ދަންނަވާ ނަމަ ދުނިޔެ ރިސެޓްކޮށްލީއެވެ.

ސަގާފީ ގޮތުން ބަލާއިރު ނުވަތަ ޤާނޫނީ ނަޒަރަކުން ވިސްނިޔަސް، އަސާސީ މިނިވަންކަމުގެ ޙައްޤު މިއަދު ނިގުޅައިގެންފައި މިވަނީ ކޮވިޑެވެ. ނަތީޖާއެއްގެ ގޮތުން އެންމެން މިވަނީ ކުށެއް ނެތި ގޭގައި ބަންދުވެފައެވެ. ދަތުރުފަތުރަށް ވަނީ ހުރަސްއެޅިފައެވެ. އެ ކަމުގެ ސަބަބުން ތިމާވެއްޓަށް ވަރަށް ބޮޑު ފައިދާއެއް ކޮށްފިއެވެ. ޖައްވަށް އަރައިގެންދާ ކާރބަންމޮނޮކްސައިޑްގެ ވިހައިން މާޙައުލު ސަލާމަތްކޮށްދެއެވެ.

ޞިއްޙީ ދާއިރާއަށް ބަލާއިރު ޞިއްޙީ ޚިދުމަތްތެރީން އިތުރަށް ތަމްރީނުވެއްޖެއެވެ. އާ އާލާތްތަކެއް އުފެދިއްޖެއެވެ. ބޭހާއި ވެކްސީން އުފެއްދުމުގައި ކާމިޔާބީތަކެއް ޙާޞިލުވެއްޖެއެވެ. ޞިއްޙީ ކަންކަމަށް ޢާއްމުންދޭ ސަމާލުކަން އިތުރުވެއްޖެއެވެ. ގައިދުރުކަމުގެ މުހިއްމުކަން އިޙުސާސްކުރެވިއްޖެއެވެ. ސާފުތާހިރުކަމަށް ދޭންވާ އިސްކަން އިތުރަށް ފާހަގަކުރެވިއްޖެއެވެ.

މާލީ އިޤްތިޞާދީ ދާއިރާއަށް ބަލާއިރު ނަގުދު ފައިސާ ގެންގުޅުމުގެ ބަދަލުގައި ފަންނިއްޔާތުގެ ބޭނުންކޮށްގެން ފައިސާގެ މުޢާމަލާތުކުރުން އިތުރުވެއްޖެއެވެ. ކިތަންމެ މުއްސަނދީންނެއް ފަގީރުވެއްޖެއެވެ. އާ ބަޔަކު މުއްސަނދިވެއްޖެއެވެ.

ދީނީ ގޮތުން ބަލާއިރު އަންހެނުންގެ ޢައުރަ ނިވައިކޮށް ބުރުގާ އަޅައިގެން އުޅޭން އިސްލާމް ދީނުގައި އަންގަވައިފައި އޮންނަ އޮތުމާ ދެކޮޅު ހެދި މީހުން މަދުވެ، ބައެއް މަތީންދާ ބޯޓުތަކުގެ ފަޅުވެރި އަންހެންކުދީން މުޅި ހަށިގަނޑު ނިވައިކޮށްގެން ތިބޭ ގޮތަށް ހަމަޖެހިއްޖެއެވެ. މިސްކިތަށް އަރައި ފިތި ބާރުވެގެން ފައިމައްޗަށް އަރައި ތިބޭ މީހުންނަށް ދުރުގައި ތިބެގެން ވެސް ނަމާދުކުރެވޭކަން ދަސްވެއްޖެއެވެ. މުސްލިމުންގެ އަޣުލަބިއްޔަތު ނެތް ޤައުމުތަކުގައި ވެސް މިސްކިތްތަކުގައި ބަންގި ގޮވުން ހުއްދަވެއްޖެއެވެ. އިސްލާމް ދީނަށް ވަންނަ މީހުން އިތުރުވެއްޖެއެވެ.

އިޖުތިމާޢީ ދާއިރާއަށް ބަލާއިރު ސަލާންކުރުމާއި ގުޅުންތައް ޤާއިމުކުރުމުގެ އުޞޫލަށް ބަދަލުއަތުވެއްޖެއެވެ. ވީ ވަރަކުން އެއްތާނުވެ ވޭތޯ ބެލޭންފަށައިފިއެވެ. އެހީތެރިކަމާއި އެއްބާރުލުން އިތުރުވެއްޖެއެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތަކާމެދު ހޭލުންތެރިވެވިއްޖެއެވެ.

ބައިނުލްއަޤުވާމީ ދާއިރާގައި ވެސް ހަތުރުވެރީންގެ މެދުގައި މަޑުމައިތިރި މުޢާމަލާތުތަކެއް ކުރެވޭން ފަށައިފިއެވެ. ކުރީގެ ހަތުރުންނަކީ އެހީތެރީން ކަމަށް ބަލައި މިތުރުންގެ ސަފަށް ގެނެވެން ފަށައިފިއެވެ.

މި ފަދަ އެތައް ބަދަލުތަކަކާއެކު މިއަދު އަޅުގަނޑުމެން މި ކުރިމަތިލަނީ މުޅީން އާ ދިރިއުޅުމަކާއެވެ. އިޖުތިމާޢީ އައު ޙާލަތަކާއެވެ. އައު ޢާއްމު ޙާލަތަކާއެވެ. މުޅިން އައު ވައްޓަފާޅިއަކާއެކީގައެވެ. މުޅީން އައު އާދަތަކެއް ބަލައިގަންނަމުންނެވެ. ޚާއްޞަ އައު ސުލޫކެއް ގަބޫލުކޮށްގެންނެވެ.

ވީމާ، ﷲގެ އިރާދަފުޅާއެކު ދިވެހީން ގޭބަންދުން، ފުރަބަންދުން މިނިވަން ވިޔަސް، އަޅުގަނޑުމެން ކުރިމަތިލާންޖެހޭ "އައު ޢާއްމުޙާލަތު"ގެ މަތީން ހަނދާން ނައްތައިލައިގެންނުވާނެއެވެ. އިޖުތިމާޢީ އައު ދިރިއުޅުމަށް ހޭނޭން ޖެހޭނެއެވެ. ދިރިއުޅުމުގެ އައު ވައްޓަފާޅިތައް ބަލައިގަންނާންޖެހެނެއެވެ. އިޖުތިމާޢީ އައު ސުލޫކުތަކެއް ގަބޫލުކުރާންޖެހޭނެއެވެ. ވީމާ، ކޮވިޑްގެ ޙާލަތަށް ފަހު، އައު ވައްޓަފާޅިއަކާއެކު އައު ދިރިއުޅުމަކާ ކުރިމަތިލާން އަޅުގަނޑުމެން ތިބޭންޖެހޭނީ ތައްޔާރުވެގެންނެވެ.

__________________________________

 

www.fanvai.info