އަދުގެ ޚާއްސަ

ކައު ރަސޫލާގެ ސީރަތުގެ މުތީތަކާއި ޝަޛާތަކުން (22)

. ހިމެނޭބަޔަކީ ސިޔަރަތު

 

އިބްރާހީމް ރަޝީދު މޫސާ

(21 މެއި 2020 ގައި ޝާއިޢުކުރެވުނު ބަޔާ ގުޅޭ)

417. އެހިނދު މުސްލިމުން ކާފިރުންގެ ފަހަތުން ބައެއް މީހުން ޤަތުލުކުރަމުން އަނެއްބަޔަކު ހައްޔަރުކުރަމުން ދިޔައެވެ. ކާފިރުން އެ މީހުންގެ އަނބިދަރީންނާއި މުދާތައް ފަހަތަށް ދޫކޮށް، ފިލާން މަސައްކަތްކުރިއެވެ.

418. ކާފިރުންގެ ހުރިހާ ޣަނީމާތައް މުސްލިމުންގެ އަތަށް އެރިއެވެ. އެއީ ވަރަށް ބައިވަރު ޣަނީމާތަކެކެވެ. އޭގެތެރޭގައި:-

 

         ހ- 24 ހާސް ޖަމަލު 

         ށ- 40 ހާސް ކަންބަޅި

         ނ- ހަތަރު ހާސް އޫޤިޔާގެ  ރިހި (އޫޤިޔާ އަކީ ޖުމްހޫރުންގެ ބަހުގައި 201 ގްރާމެވެ.)

         ރ- އެތައް ސަތޭކަ އަންހެނުންނާއި ކުޑަކުދީންނެއް ވިއެވެ. 

419. ރަސޫލާ  ﷺ މި ހުރިހާ ޣަނީމާތަކެއް ޖިޢިއްރާނާ ސަރަހައްދަށް ޖަމާކުރުމަށް އަމުރު ކުރެއްވިއެވެ. އަދި އެ ތަކެތި ރައްކައުތެރިކަމާއެކު ބެލެހެއްޓުމަށް ފާރަވެރީންތަކެއް އިސްކުރެއްވިއެވެ. 

420. ޣަނީމާ މުދާތައް ނުބައްސަވައި ރަސޫލާ ﷺ އަމުރުކުރެއްވީ ޠާއިފަށް ގޮސް ކިއްލާތަކަށް ވަދެ ރައްކައުތެރިކަން ހޯދައިގެން ތިބި ކާފިރުންނާ ކުރިމަތިލުމަށެވެ. 

421. ޙަޤީޤަތަށް ބަލާއިރު ޠާއިފު ހަނގުރާމައަކީ ޙުނައިނު ހަނގުރާމައިގެ ބައެކެވެ. އެހެނީ ހަވާޒިން ޤަބީލާގެ ހަނގުރާމަވެރީންގެ ތެރެއިން ގިނަ ބަޔަކު ފިލާން ދިޔައީ ޠާއިފަށެވެ. 

422. ރަސޫލާ ﷺ ޠާއިފަށް ވަޑައިގެން އެ ރަށް ޙިޞާރު ކުރެއްވިއެވެ. އެ ރަށުގެ ކިއްލާތަކަކީ ވަރަށް ވަރުގަދަ ކިއްލާތަކެކެވެ. ރަސޫލާ އެ ރަށް ޙިޞާރު ކުރައްވައިގެން ހުންނަވަނިކޮށް ހުވަފެންފުޅެއް ފެނިވަޑައިގަތެވެ. އެކަލޭގެފާނަށް ޠާއިފު ފަތަޙަ ކުރެއްވުމުގެ  ހުއްދަ ދެއްވައިފައިނުވާކަމަށް މި ހުވަފެންފުޅުގައި ދެންނެވުނެވެ.

423. ރަސޫލާ އެކަލޭގެފާނުގެ ޞަޙާބީންނަށް މި ޚަބަރުދެއްވުމަށްފަހު ޠާއިފު ދޫކުރައްވައި އެކަލޭގެފާނުގެ ލަޝްކަރައިގެން ޖިޢިއްރާނާއަށް ވަޑައިގެންނެވިއެވެ. އެހިނދު މުސްލިމުން ރަސޫލާއަށް ދެންނެވިއެވެ. އެމީހުންގެ މައްޗަށް ދުޢާކޮށް ދެއްވާށެވެ! ފަހެ، ރަސޫލާ ދުޢާކުރައްވައި ވިދާޅުވިއެވެ. [ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! ޘަޤީފު ވަންހައިގެ މީހުންނަށް ހިދާޔަތު ދެއްވާނދޭވެ!] (ރިވާކުރެއްވީ އަޙްމަދު)

424. ރަސޫލާ ﷺ ޠާއިފުން ޖިޢިއްރާނާއަށް ވަޑައިގެންނެވި މަގުމަތީގައި ސުރާޤަތު ބިން މާލިކާ ބައްދަލުވެ ވަޑައިގެންނެވިއެވެ. އަދި ރަސޫލާގެ އަތްޕުޅު މައްޗަށް އޭނާ އިސްލާމްވެވަޑައިގަތެވެ.

425. ރަސޫލާ ﷺ ޖިޢިއްރާނާއަށް ވަޑައިގެން ޣަނީމަ މުދާތައް ބައްސަވަން ފެށްޓެވިއެވެ. އަބޫސުފްޔާނާއި ޢުޔައިނާ ބިން ޙިޞްނު ފަދަ ޢަރަބީންގެ ބޮޑުންނަށް ވަރަށް ދީލަތިކޮށް ދެއްވިއެވެ. އަބޫ ސުފްޔާނަށް 100 ޖަމަލު ދެއްވިއެވެ. އެކަލޭގެފާނު އެބައިމީހުންނަށް ގިނައިން ދެއްވީ އެމީހުންނަކީ އިސްލާމްދީނަށް އަލަށް ވަތް ބަޔަކަށް ވާތީ އެމީހުންގެ ހިތްތައް ދީނަށް ލެންބުވުމަށް ޓަކައެވެ. 

426. ރަސޫލާ ﷺ އަންޞާރުންނަށް މި ޣަނީމާތަކުން އެއްޗެއް ނުދެއްވައެވެ. މިހެންވެ އަންޞާރުން އެބޭކަލުންގެ ޒަޢީމު ސަޢުދު ބުނު ޢުބާދަތުގެފާނުގެ އަރިހަށް ވަޑައިގެން ޝަކްވާ ދެންނެވިއެވެ. 

427. ސަޢުދު ބިން ޢުބާދަތުގެފާނު ރަސޫލާގެ އަރިހަށް ވަޑައިގެން އަންޞާރުން ހިތްހަމަނުޖެހި ތިބިކަމަށް ރަސޫލާއަށް ދެންނެވިއެވެ. އެހިނދު އަންޞާރުން އެއްކޮށް ދެއްވުމަށް ރަސޫލާ ސަޢުދުގެފާނަށް ވިދާޅުވިއެވެ. އަންޞާރުން ޖަމާވެވަޑައިގަތުމުން އެބޭކަލުންގެ އަރިހަށް ރަސޫލާ ﷺ ވަޑައިގެން ވިދާޅުވިއެވެ. [އޭ އަންޞާރީންނޭވެ! ތިޔަބައިމީހުން މިވެނި އެވެނި ބަސްތަކެއް ބުނި ޚަބަރު ތިމަންކަލޭގެފާނަށް ލިބިވަޑައިގެންފިއެވެ. ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ އަރިހަށް އައީ މުގުފުރެދިފައިވާ ޙާލުގައި ނޫންހެއްޔެވެ؟ އެހިނދު ﷲ ތިޔަބައިމީހުންނަށް ހިދާޔަތު ދެއްވިއެވެ. ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ އަރިހަށް އައީ އަތްމަތި ދަތި ޙާލުގައި ނޫންހެއްޔެވެ؟ އެހިނދު އެކަލާނގެ ތިޔަބައިމީހުން ފުދުންތެރި ކުރެއްވިއެވެ. ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ އަރިހަށް އައީ ތިޔަބައިމީހުން ދުޝްމަނުން ކަމުގައި ތިބި ޙާލުގައި ނޫންހެއްޔެވެ. އެހިނދު އެކަލާނގެ ތިޔަބައިމީހުންގެ ހިތްތައް އެކުވެރިކުރެއްވިއެވެ. އެބޭކަލުން ދެންނެވިއެވެ. ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ﷲއާއި އެކަލާނގެ ރަސޫލާގެ ދީލަތިކަމާއި ފަޟްލުވަންތަކަން މާ ބޮޑެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަންޞާރުންނޭވެ! ތިޔަބައިމީހުން ތިމަންކަލޭގެފާނަށް އިޖާބަ ނުދޭނަން ހެއްޔެވެ؟ އެބޭކަލުން ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއޭވެ! އަޅުގަނޑުމެން ކަލޭގެފާނަށް އިޖާބަ ދޭންވީ ކޮންކަމެއްގައިތޯއެވެ؟  ހެވާއި ދަރުމަ ހުރީ ﷲއާއި އެކަލާނގެ ރަސޫލާއަށެވެ.  އެކަލޭގެފާނު ޙަދީސްކުރެއްވިއެވެ. ފަހެ ދަންނައެވެ! ތިޔަބައިމީހުން އެދޭނަމަ ތިޔަބައިމީހުންނަށް ބުނެވިދާނެއެވެ. ތިޔަބައިމީހުން ތެދުބުނެ ތިޔަބައިމީހުންގެ ބަސް ޤަބޫލުވެސް ކުރެވިދާނެއެވެ. ކަލޭގެފާނު އަޅުގަނޑުމެންގެ ގާތަށް ވަޑައިގެންނެވީ ދޮގުކުރެވިގެންވާ ޙާލުކޮޅުގައެވެ. އެހިނދު އަޅުގަނޑުމެން ކަލޭގެފާނު ތެދުކުރީމެވެ. ކަލޭގެފާނު އަޅުގަނޑުމެންގެ ގާތަށް ވަޑައިގެންނެވީ ނިކަމެތި ޙާލުކޮޅުގައެވެ. އެހިނދު އަޅުގަނޑުމެން ކަލޭގެފާނަށް ނަޞްރުދިނީމެވެ. ކަލޭގެފާނު އަޅުގަނޑުމެންގެ ގާތަށް ވަޑައިގެންނެވީ ފައްސައިލެވިފައިވާ ޙާލުކޮޅުގައެވެ. އެހިނދު އަޅުގަނޑުމެން  ކަލޭގެފާނަށް ހިޔާވަހިކަން އެރުވީމުއެވެ. ކަލޭގެފާނު އަޅުގަނޑުމެންގެ ގާތަށް ވަޑައިގެންނެވީ އަތްމަތި ދަތި ޙާލުކޮޅުގައެވެ. އެހިނދު އަޅުގަނޑުމެން ކަލޭގެފާނަށް ހަމްދަރްދީވީމުއެވެ. އޭ އަންޞާރީންނޭވެ! ދުނިޔޭގެ ކުޑައެތިކޮޅަކަށް ޓަކައި ތިޔަބައިމިހުން ހިތްބަރުކުރަނީ ހެއްޔެވެ؟ ބަޔަކު މީހުންނަށް އޭތިކޮޅު މި ދެއްވީ އެމީހުންގެ ހިތްތައް އެކުވެރިކުރެއްވުމަށް ޓަކައެވެ. ތިމަންކަލޭގެފާނު ތިޔަބައިމީހުންނާ މި ޙަވާލުކުރެއްވީ ތިޔަބައިމީހުންގެ އިސްލާމްވަންތަކަމެވެ. އޭ އަންޞާރުންނޭވެ! މީސްތަކުން ބަކަރިއާއި ޖަމަލު ހިފައިގެން ދާއިރު ތިޔަބައިމީހުން ތިޔަބައިމީހުންނާއެކު ﷲގެ ރަސޫލާ ގޮވައިގެންދާކަށް ނުރުހޭނަން ހެއްޔެވެ؟ އެ ފަރާތެއްގެ ބާރުގެ ދަށުގައި މުޙައްމަދުގެފާނުގެ ނަފްސު ވާ ފަރާތް ގަންދެއްވައި ވިދާޅުވަމެވެ. މީސްތަކުން ވަކި މަގަކުން ދާއިރު އަންޞާރުން އެހެން މަގަކުންދާނަމަ ތިމަންކަލޭގެފާނު ވަޑައިގަންނަވާނީ ޢަންޞާރުންގެ މަގުންނެވެ. ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އަންޞާރުންނަށާއި، އަންޞާރުންގެ ދަރީންނަށާއި، އަންޞާރުންގެ ދަރީންގެ ދަރިންނަށް ރަޙްމަތް ލައްވާނދޭވެ! މި އަސަރުގަދަ ޚުޠުބާގެ ސަބަބުން އަންޞާރުން ގަދަ އަޑުފުޅުން ކީރިތި ކުރެއްވިއެވެ. އެބޭކަލުންގެ ކަރުނަފޮދުތައް އެބޭކަލުންގެ ތުބުޅިފުޅުތަކުގެ ތެރެއިން ފައިބަމުން ދިޔައެވެ. އެބޭކަލުން ދެންނެވިއެވެ. ﷲގެ ރަސޫލާގެ ބެއްސެވުމާ އަޅުގަނޑުމެން ރުހި ޤަބޫލުވެއްޖައީމުއެވެ. އެއަށްފަހު ރަސޫލާ ﷺ ވަޑައިގަތުމުން އަންޞާރުން އެކި ދިމަދިމާއަށް ވަޑައިގަތެވެ.]   (أخرجه أحمد (١١٧٣٠) واللفظ له، وابن أبي شيبة (٣٣٠١٨)، وأبو يعلى (١٠٩٢))

428. ރަސޫލުﷲގެފާނު ޢަރަބީންގެ ބޮޑުންނަށް މި ޣަނީމާއިން ގިނައިން ދެއްވި ޙިކްމަތް އެކަލޭގެފާނުގެ ޞަޙާބީންނަށް ވިދާޅުވެ ދެއްވިއެވެ. އެއީ އެބައިމީހުން މުރްތައްދު ވެދާނެތީ ބިރުފުޅުންނެވެ.  

429. މި ކަން ބަޔާންކޮށް ދެއްވީ ރަސޫލާ ﷺ ވަކި ބަޔަކަށް ދެއްވައިފާ އަނެއް ބަޔަކަށް ނުދެއްވުމުން އެބައިމީހުން ފާޑު ކިޔުމުންނެވެ. އެކަލޭގެފާނު ޙަދީސް ކުރެއްވިއެވެ. ތިމަންކަލޭގެފާނު ދެއްވީ އެބައިމީހުންގެ ވަރުގަދަކަމުން އަނިޔާވެރި ވެދާނެކަމުގެ ބިރު އޮތް ބަޔަކަށެވެ. ތިމަންކަލޭގެފާނު އެބަޔަކަށް ނުދެއްވި މީހުންނަކީ އެބައިމީހުންގެ ހިތްތަކުގައި ހެޔޮކަމާއި ފުދުންތެރިކަން ﷲ ލައްވައިފައިވާ ބަޔަކެވެ.  (صحيح البخاري ٣١٤٥)

430. ރަސޫލާ  ﷺ  ޙުނައިނުގެ ޣަނީމަތައް ޖިޢިއްރާނާގައި  ބައްސަވައި ނިންމަވައިފައި  ޢުމްރާއަކަށް އިޙްރާމު ބެންނެވިއެވެ. މި ޢުމްރާއަށް ޖިޢިއްރާނާ ޢުމްރާއޭ ކިޔެއެވެ. 

431. އެއަށްފަހު ﷲގެ ތާއީދާއި ނަޞްރު ލިބިވަޑައިގެންވާ ޙާލުކޮޅުގައި މަދީނާއަށް އެނބުރި ވަޑައިގެންނެވިއެވެ. 

432. ހިޖްރައިން 8 ވަނަ އަހަރުގެ ޛުލްޤަޢިދާ މަހުގައި ޢާލިޔާ ސަރަޙައްދުގައި މާރިޔަތުގެފާނު ރަސޫލާ  ﷺ ގެ ދަރިކަލުން އިބްރާހީމުގެފާނާއިގެން ރައްކައުވިއެވެ. 

433. މާރިޔާއަކީ މިޞްރުގެ ޤިބްޠީންގެ ވެރިޔާ އަލްމުޤައުޤިސް ރަސޫލާއަށް ވެދުމަށް އެރުއްވި ޖާރިޔާއެކެވެ. 

434. މާރިޔާ ރައްކައުވުމުން ރަސޫލާ ﷺ ވިދާޅުވިއެވެ. މި ރޭ ތިމަންކަލޭގެފާނަށް ދަރިކަލަކު ލިބިވަޑައިގެންފިއެވެ. ތިމަންކަލޭގެފާނުގެ ބަފާކަލުން އިބްރާހީމުގެފާނުގެ ނަންފުޅުން އޭނާއަށް ނަންދެއްވީމެވެ.   (ރިވާކުރެއްވީ މުސްލިމު)

435. މާރިޔާއަކީ ކިރުފޮދު މަދު ބޭފުޅަކަށް ވާތީ އަންޞާރީ ޞަޙާބިއްޔާތުން އެ ދަރިކަލުންނަށް ކިރުފޮދު އެރުވުމުގެ ފުރްޞަތު ހޯއްދެވުމަށް ޓަކައި އަވަސްވެވަޑައިގަތެވެ. ރަސޫލާ ﷺ އެ ދަރިކަލުންނަށް ކިރުފޮދު އެރުމުވުމުގެ މަސައްކަތް ޙަވާލުކުރެއްވީ  އުއްމު ސައިފަށެވެ.   (އުއްމު ސައިފަކީ އަލްބަރާއު ބިން ޢާޒިބުގެ އަނބިކަނބަލުންނެވެ.)

436. މާތް ﷲ ރުއްސުންލެއްވި އަނަސުގެފާނު ވިދާޅުވިއެވެ. [ރަސޫލާ ﷺ އަށްވުރެ ދަރިންދެކެ ލޯބިވާ މީހަކު އަހުރެން ނުދެކެމެވެ. އެކަލޭގެފާނުގެ ދަރިކަލުން އިބްރާހީމުގެފާނުގެ އަރިހަށް ވަޑައިގެން އުރުފުޅުވަޑުވައިލައްވައިފައި  ދޮން ދެއްވައެވެ.]   (صحيح مسلم ٢٣١٦)

437. ރަސޫލާ ﷺ ގެ ދަރިކަލުން އިބްރާހީމުގެފާނު އެކަލޭގެފާނުގެ ޢުމުރުފުޅުން 18 މަހުގައި އަވަހާރަވެއްޖެއެވެ. އެކަލޭގެފާނު ފަސްދާނު ލެވުނީ ބަޤީޢުގައެވެ. އެ ދުވަހު  އިރުކޭތައެއް ހިފިއެވެ. މީސްތަކުން ހީކުރީ އެއީ އިބްރާހީމުގެފާނު އަވަހާރަވުމުން ހިނގި ކަމެއް ކަމުގައެވެ. އެހިނދު ރަސުލާ ﷺ ޙަދީސްކުރެއްވިއެވެ. [ކޭތަހިފުމަކީ ވަކި މީހެއްގެ މަރާ ނުވަތަ ވަކިމީހެއްގެ އުފަންވުމާ ގުޅިފައިވާ ކަމެއް ނޫނެވެ. އެއީ ﷲގެ ކުޅަދުންވަންތަކަމުގެ ޢަލާމަތެކެވެ. ތިޔަބައިމީހުންނަށް ކޭތަހިފައިފައި ވަނިކޮށް ފެނިއްޖެނަމަ ނަމާދު ކުރާށެވެ. (އެބަހީ ކޭތަނަމާދު ކުރާށެވެ.)]  (ރިވާކުރެއްވީ  ابن حبان ٢٨٣٨ والنسائي (١٤٧٨) وأحمد (١٤٤١٧))

438. ހިޖްރައިން 9ވަނަ އަހަރަށް ދެވިފައިވާ ނަމަކީ [عام الوفود] އެވެ. ނުވަތަ ވަފްދުތަކުގެ އަހަރެވެ. މި އަހަރު ޢަރަބީންގެ ތަފާތު ޤަބީލާތަކުން 60 ށްވުރެ ގިނަ ވަފްދު ރަސޫލާގެ އަރިހަށް އައެވެ. މި ވަފްދުތައް ރަސޫލާގެ ކުރިފުޅުމަތީގައި އިސްލާމްވިއެވެ. މި ވަފަދުތަކުގެ ތެރޭގައި:- 

         ހ- ބަނީ ތަމީމު

         ށ- ބަނީ އަސަދު 

         ނ- ބަޖީލާ 

         ރ- އަޙްމަސް ޤަބީލާ ފަދަ ޤަބީލާތައް   ހިމެނެއެވެ. 

439. ހިޖްރައިން 9ވަނަ އަހަރުގެ ރަޖަބު މަހުގައި ނަޖާޝީ އަވަހާރަވިއެވެ. އެކަލޭގެފާނު ނަޖާޝީގެ މައްޗަށް ޣާއިބަށް ކަށުނަމާދު ކުރެއްވިއެވެ. ޖާބިރު ބިން ޢަބްދުﷲގެފާނުގެ އަރިހުން ރިވާވެގެން ވެއެވެ. ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. [މިއަދު ޞާލިޙު ބޭކަލަކު އަވަހާރަވެއްޖެއެވެ. ތިޔަބައިމީހުން ތިޔަބައިމީހުންގެ އަޚާ އަޞްޙަމާ ގެ މައްޗަށް ނަމާދު ކުރާށެވެ!]

440. އަބޫ ހުރައިރަތުގެފާނު ވިދާޅުވިއެވެ. ރަސޫލާ ﷺ  ޙަބަޝާގެ ވެރިޔާ ނަޖާޝީ އަވަހާރަވި ދުވަހު އޭނާއަށް ހެޔޮ ދުޢާކޮށްދެއްވިއެވެ. އެކަލޭގެފާނު ޙަދީސްކުރެއްވިއެވެ. [ތިޔަބައިމީހުންގެ އަޚާއަށް ފާފަފުއްސަވައިދެއްވުން އެދި ދުޢާކުރާށެވެ!]

441. މާތް ﷲ އެދެބަފައިކަލުންނަށް ރުއްސުންލެއްވި ޖާބިރުގެފާނު ރިވާކުރެއްވިއެވެ. [ނަބިއްޔާ ﷺ ނަޖާޝީގެ މައްޗަށް ނަމާދު ކުރެއްވިއެވެ. އެކަލޭގެފާނުގެ ފަހަތްޕުޅުގައި ތިމަންބޭކަލުން ސަފުތައް ހެއްދެވީމެވެ. ތިމަންކަލޭގެފާނަށް ހުންނެވުނީ ދެވަނަ ނުވަތަ ތިންވަނަ ސަފުގައެވެ.] 

(ނުނިމޭ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ