އަދުގެ ޚާއްސަ

Print

ކޮމްޕިއުޓަރގެ މަސައްކަތް އަވަސްކުރެއްވުމަށް އެޅުއްވިދާނެ ފަސް ފިޔަވަޅެއް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އައިޓީ


ޢަބްދުލްމުޢީދު ޙަސަން

ފުރަތަމަ ފިޔަވަޅު

Prefetch ފޯލްޑަރގައިވާ ފައިލްތައް ފޮހެލައްވާށެވެ. މިކަން ކުރެއްވުމަށްޓަކައި ހައްދަވަންވީ ގޮތް ތިރީގައި މިވަނީއެވެ.

1. Start އިން Run ނަންގަވާށެވެ.
2. ދެން Open ގައި prefetch ލިއުއްވާފައި Ok އަށް ކްލިކްކޮށްލައްވާށެވެ.
3. 2 ގައިވާ ގޮތަށް ހެއްދެވުމުން Prefetch ފޯލްޑަރ ހުޅުވޭނެއެވެ.
4. ދެން އެ ފޯލްޑަރގެ ތެރެއަށް ކްލިކްކޮށްލައްވާށެވެ. (އެހެން ތަނަކަށް ކްލިކް ނުކުރައްވާނަމަ، މިހެން ނުހައްދަވައި، 5 ވަނަ ފިޔަވަޅު ކުރިޔަށް ގެންދަވާށެވެ.)

5. ދެން Ctrl ފިތަށް ފިއްތަވާލައްވާފައި އެއިން އިނގިލި ދޫކޮށްނުލައްވާ، A ފިތަށް ފިއްތަވާލައްވާށެވެ. (މިހެން ހެއްދެވުމުން، Prefetch ފޯލްޑަރގައިވާ ހުރިހާ ފައިލެއް ސިލެކްޓްވާނެއެވެ.)
6. ދެން Shift ފިތަށް ފިއްތަވާލައްވާފައި އެއިން އިނގިލި ދޫކޮށްނުކޮށް ނުލައްވާ، Delete ފިތަށް ފިއްތަވާލައްވާށެވެ. މިހެން ހެއްދެވުމުން، Prefetch ފޯލްޑަރުގައިވާ ފައިލްތައް ފޮހެވިގެން ހިނގައިދާނެއެވެ.
މަދުވެގެން ކޮންމެ ހަފުތާއަކު އެއްފަހަރު، މިގޮތަށް Prefetch ފޯލްޑަރގައިވާ ފައިލްތައް ފޮއްސެވުމަކީ ބޭނުންތެރިކަމެކެވެ.

ދެވަނަ ފިޔަވަޅު

މިއީ Start މެނޫ، އަވަސްކުރެއްވުމަށްޓަކައި ކުރެއްވިދާނެ ކަމެކެވެ. ބައެއް ކޮމްޕިއުޓަރތަކުގައި  ސްޓާރޓް މެނޫ ފާޅުވުމަށް ވަގުތުކޮޅެއް ނަގައެވެ. އެހެންވާނަމަ، އެކަން ޙައްލުކުރެއްވުމަށްޓަކައި ހެއްދެވިދާނެ ގޮތެއް ތިރީގައި މިވަނީއެވެ.

1. Start އިން Run ނަންގަވާށެވެ.
2. ދެން Open ގައި regedit ލިއުއްވާފައި Ok އަށް ކްލިކްކޮށްލައްވާށެވެ.
3. މިހެން ހެއްދެވުމުން ވިންޑޯއެއް ހުޅުވޭނެއެވެ. މި ވިންޑޯ ވާނީ ދެކޮލަމަށް ބަހާލެވިފައެވެ. ވާތްފަރާތުގައިވާ ކޮލަމުން HKEY_CURRENT_USER ހޯއްދަވާށެވެ.
4. ދެން އޭގެ ވާތްފަރާތުގައިވާ (+) މި ނިޝާނަށް އެއްފަހަރު ކްލިކްކޮށްލައްވާށެވެ. ދެން Control Panel ހޯއްދަވާށެވެ.
5. ދެން Control Panel ގެ ވާތްފަރާތުގައިވާ (+) މި ނިޝާނަށް އެއްފަހަރު ކްލިކްކޮށްލައްވާށެވެ. ދެން އެއިން Desktop ހޯއްދަވާށެވެ.
6. ދެން Desktop އަށް އެއްފަހަރު ކްލިކްކޮށްލައްވާށެވެ. މިހެން ހެއްދެވުމުން، ކަނާތްފަރާގުގައިވާ ކޮލަމުގެ ތެރެއަށް ނަންތަކެއް އަންނާނެއެވެ. ދެން އޭގެ ތެރެއިން MenuShowDelay ހޯއްދަވާށެވެ.
7. ދެން MenuShowDelay ގެ މައްޗަށް، މައުސްގެ ކަނާތްފަރާތު ފިތުން ކްލިކްކޮށްލައްވާފައި، Modify ނަންގަވާށެވެ. މިހެން ހެއްދެވުމުން Edit String ވިންޑޯ ހުޅުވޭނެއެވެ. Modify ގެ މައްޗަށް ޑަބަލްކްލިކް ކޮށްލެއްވިޔަސް މި ވިންޑޯ ހުޅުވޭނެއެވެ.
8. ދެން Edit String ގައިވާ Value data ބަދަލުކޮށްލައްވާށެވެ. މިސާލަކަށް، އެތަނުގައި 400 ވާނަމަ، އެ ޢަދަދުގެ ބަދަލުގައި ސުމެއް ޖައްސަވާށެވެ.

ތިންވަނަ ފިޔަވަޅު

ނިކަން އަވަހަށް ކަމެއް ކޮށްލަން ޖެހޭ ދަނޑިވަޅެއްގައި، ކޮމްޕިއުޓަރ ހުޅުވާލާއިރު، މީހަކު ރުޅިއައިސްގެން ހަލާކުވާހާ ވަގުތު އެކަމުގައި ހޭދަވެދެއެވެ. މިހެން ކަންތައް ދިމާވި ފަހަރެއްގައި، ލޭމައްޗަށްދާ މީހަކު، ކޮމްޕިއުޓަރގެ މޮނިޓަރ ތަޅާލި ވާހަކައެއް ވެސް އަޑުއަހަމެވެ. ކޮންމެވެސް އެފަދަ ކަމެއް ނުކުރައްވާށެވެ. ކޮމްޕިއުޓަރަށްވުރެ ތިޔަ ބޭފުޅުންގެ ޞިއްޙަތު މާ މުހިންމެވެ. އަދި ތިޔަ ބޭފުޅުން ކޮމްޕިއުޓަރަށް އަޅުވެތިވެވަޑައިގެންނެވުމުގެ ބަދަލުގައި، ކޮމްޕިއުޓަރ ޖެހޭނީ ތިޔަ ބޭފުޅުންނަށް އަޅުވެތިވުމަށެވެ.

ހުޅުވާލާއިރު، ކޮމްޕިއުޓަރ ލަސްވަނީ، ބައެއް ސޮފްޓްވެއަރތައް ހިންގާލަން ވެގެންނެވެ. އެފަދަ ސޮފްޓްވެއަރތަކުގެ ތެރޭގައި، RealPlayer އާއި Messenger ހިމެނެއެވެ. އަދި ކޮމްޕިއުޓަރ ހުޅުވާލާއިރު އެނޫން މަސައްކަތްތައް ވެސް ކުރެއެވެ. އެ ކަންތައްތައް ކޮންޓްރޯލްކުރެއްވުމަށްޓަކައި ހައްދަވަންވީ ގޮތް ތިރީގައި މިވަނީއެވެ.

1. Start އިން Run ނަންގަވާށެވެ.
2. ދެން Open ގައި msconfig ލިއުއްވާފައި Ok އަށް ކްލިކްކޮށްލައްވާށެވެ.
3. މިހެން ހެއްދެވުމުން، System Configuration Utility ނަމަކަށް ކިޔާ ވިންޑޯއެއް ހުޅުވޭނެއެވެ.
4. ދެން އެވިންޑޯގެ މަތީގައި ބައިތަކުގެ ތެރެއިން Startup އަށް ކްލިކްކޮށްލައްވާށެވެ.
5. މިހެން ހެއްދެވުމުން، ކޮމްޕިއުޓަރ ހުޅުވޭއިރު ހިންގާލާ އައިޓަމްތައް (Startup Item) ފާޅުވާނެއެވެ.
6. ދެން، ކޮމްޕިއުޓަރ ހުޅުވޭއިރު ހިންގެވުމަށް ބޭނުންފުޅުނުވާ އައިޓަމްތަކުގެ ވާތްފަރާތުގައިވާ ގޮޅިން ހެޔޮ ފާހަގަ ފިލުވާލައްވާށެވެ. އެ ގޮޅިއަށް މައުސް އިން ކްލިކްކޮށްލެއްވުމުން ފާހަގަ ފިލާނެއެވެ. ފާހަގަ ފިލުވާލެއްވި ގޮޅިއެއްގައި އަލުން ފާހަގަ ލައްވަން ބޭނުންފުޅުނަމަ އަނެއްކާވެސް ކްލިކްކޮށްލައްވާނީއެވެ.



ހަތަރުވަނަ ފިޔަވަޅު

ވިންޑޯސް އެކްސްޕީ ބޭނުންފުޅު ކުރައްވާ ފަރާތުން އޭގެ ލަސްކަމުގެ ޝަކުވާ ކުރައްވައެވެ. އެކަން މެދުވެރިވަނީ، އެއަށް އިތުރުކުރެވިފައިވާ ގްރެފިކްސްގެ ސަބަބުންނެވެ. އޭގެ ތެރެއިން ބަޔެއް އުނިކޮށްލައްވައިފިނަމަ، ތަންކޮޅެއް އަވަސްވާނެއެވެ. ނަމަވެސް ވިންޑޯސްގެ ރީތިކަމަށް ލޯބިކުރައްވާބޭފުޅަކު މި ފިޔަވަޅުގައިވާ ކަންތައްތައް ނުކުރެއްވުން އެދެމެވެ. ވިންޑޯސް އަވަސްކުރެއްވުމަށް ބޭނުންފުޅު ބޭފުޅުން ހައްދަވަންވީ ގޮތް ތިރީގައި މިވަނީއެވެ.

1. Start އިން Control Panel ނަންގަވާށެވެ.
2. ދެން System އަށް ޑަބަލްކްލިކްކޮށްލައްވާށެވެ. މިހެން ހެއްދެވުމުން System Properties ނަމަކަށް ކިޔާ ވިންޑޯއެއް ހުޅުވޭނެއެވެ.
3. ހުޅުވުނު ވިންޑޯގައިވާ Advanced އަށް ކްލިކްކޮށްލައްވާށެވެ.
4. ދެން މިބައިގައިވާ Settings ބޭނުންފުޅު ގޮތަކަށް ބަދަލުކޮށްލައްވާށެވެ.
ލަސްވާން ދިމާވާ ސަބަބަކީ، މިބައިގައިވާ ހުރިހާ އިޚުތިޔާރުތައް ވިންޑޯސް އިޚުތިޔާރުކޮށްފައިވާ ކަމެވެ. ބައެއް އިޚުތިޔާރުތައް ދޫކޮށްލެއްވުމުން އަވަސްވާނެއެވެ. ކޮމްޕިއުޓަރ ބޭނުންފުޅުކުރެއްވުމަށް ފަރިތަވެވަޑައިގެންފައިނުވާ ބޭފުޅުންނަށް، މިބައިގެ Settings ބަދަލުކުރެއްވުމަކީ ފަސޭހަފުޅު ކަމަކަށް ނުވެދާނެއެވެ. ނަމަވެސް ކެތްތެރިކަމާއެކު މަސައްކަތްކޮށްލައްވައިފިނަމަ، އެހާ ދަތިފުޅު ކަމަކަށް ނުވާނެ އެވެ.

ފަސްވަނަ ފިޔަވަޅު

ސޮފްޓްވެއަރއެއް ހިންގަވާލައްވާ އިރު، އެކަމަށް ގިނަވަގުތު ނަގާތޯއެވެ؟ ނުވަތަ އިންޓަރނެޓް ބޭނުންކުރައްވާއިރު، ލަސްކަން ފާހަގަކުރެއްވޭތޯއެވެ؟ ތިރީގައި މިވަނީ، މި ދެ މައްސަލަ ޙައްލުކުރެއްވުމަށްޓަކައި ހެއްދެވިދާނެ ގޮތެކެވެ.

1. Start އިން Run ނަންގަވާށެވެ.
2. ދެން Open ގައި system.ini ލިއުއްވާފައި Ok އަށް ކްލިކްކޮށްލައްވާށެވެ. މިހެން ހެއްދެވުމުން system.ini ފައިލް ހުޅުވޭނެއެވެ.
3. ދެން، 4 ގައިވާ ފޮޅުވަތްތައް system.ini ގެ ފަހަތަށް އިތުރުކޮށްލައްވާށެވެ. އެ ފޮޅުވަތްތައް އިތުރުކުރައްވާއިރު، އެ ފޮޅުވަތްތަކުގެ ދެމެދުގައި ހުސް ފޮޅުވަތެއް ނުހިމަނުއްވާށެވެ.
4. system.ini ގެ ފަހަތަށް އިތުރުކުރައްވާނެ ފޮޅުވަތްތައް ތިރީގައި މިވަނީއެވެ.

page buffer=100000kbps
load=100000kbps
Download=100000kbps
save=100000kbps
back=100000kbps


މި ފޮޅުވަތްތައް އިތުރުކުރެއްވުމަށްފަހު، ކޮމްޕިއުޓަރ Restart ކޮށްލައްވަން ނުވަތަ އަލުން ހުޅުވާލައްވަން  ވާނެއެވެ.

ބަޔާންވެދިޔައީ، ކޮމްޕިއުޓަރ އަވަސްކުރެވިދާނެ ބައެއް ގޮތްތަކެވެ. މި ގޮތްތަކާމެދު، ޚިޔާލާއި ތަޖުރިބާ ހުށަހެޅުއްވުމަކީ، އެއިން އެހެން ބޭފުޅުންނަށް އިތުރު ފައިދާ ޙާޞިލުކުރެއްވޭނެ ކަމެކެވެ. އަދި ލިއުމުގެ ނުވަތަ މަޢުލޫމާތުގެ ކުށެއް ވާކަން އެއްވެސް ބޭފުޅަކަށް އެނގިވަޑައިގެންފިނަމަ، އިޞްލާޙުކޮށްދެއްވުން އެދެމެވެ. ހަމައެފަދައިން، މި މަޒުމޫނުގައި ބޭނުންކޮށްފައިވާ ޢިބާރާތެއްގައި ކުރަކިކަމެއް ވާނަމަ، އެކަން ފާހަގަކޮށް ދެއްވުމަށް ވެސް ދަންނަވަމެވެ. އޭރުން، މާތްﷲ ގެ ވާގިފުޅާއެކު، ދެން ލިޔާ ލިއުމެއްގައި އިޞްލާޙުކުރާނަމެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ