އަދުގެ ޚާއްސަ

Print

އެންމެ ޖުމުލައެއްގެ އެންމެ ފިއްޔަކާ މެދު.......

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ދިވެހި

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ދިވެހިބަސް ލިޔެ ކިޔުމުގައި ފިލި އަދާކުރާ ދައުރު ވަރަށް ބޮޑެވެ. އަޅުގަނޑު ފިއްޔޭ މި ދެންނެވީ ކުރު އަޑާއި، ދެމޭއަޑާއި، އެއް އަޑުގެ ތެރެއިން ފާޅުވާ އަނެއްއަޑު ހިމެނޭ ގޮތަށް ދިވެހިބަހުގައި ބޭނުންކުރާ ހުރިހައި ބާވަތެއްގެ 11 ފިލި ހިމެނޭ ގޮތުންނެވެ. މި ގޮތުގެ މަތީން ދިވެހިބަހުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރަނީ އައިބައިފިލިކަމުގައި އަޅުގަނޑު ބަހުސްކުރަމުން އަންނަތާ އެތައް އަހަރެއް ވެއްޖެއެވެ. ނަމަވެސް މި މައްސަލައިގެ ޙައްލު އަދި ވެސް ފެންނާކަށް ނެތެވެ.

އަޅުގަނޑު މި ވާހަކަ ފަށައިގަންނާން ވެގެން މި ދެންނެވި މައްސަލަ އަށް ޙައްލު ނާންނަ ސަބަބު ވެސް އެނގެއެވެ. އެ ސަބަބު ދަންނަވައިފި ނަމަ ވަރަށް ގިނަ ބޭފުޅުން އަޅުގަނޑު ދެކެ ކޯފާވާނެކަން ވެސް އެނގެއެވެ. ނަމަވެސް އަޅުގަނޑަކީ މީހެއްގެ ރުޅިއަކަށް ބޭފުޅެއްގެ ކޯފާއަކަށް ވިސްނައި، އަޅުގަނޑު ފާޅުކުރާން ބޭނުން ޚިޔާލެއް ފާޅު ނުކޮށް ހުންނާނެ މީހެއް ނޫނެވެ. ވީމާ މިހެން ދިމާވާ ސަބަބާއި އަދި އޭގެ ފަހަތުގައިވާ ސަބަބު ވެސް އަޅުގަނޑަށް ފެންނަ ގޮތަކަށް ދަންނަވައިނަމެވެ. ގަބޫލުފުޅުކުރައްވާން ބޭނުންފުޅު ނަމަ ގަބޫލުފުޅުކުރައްވާނީއެވެ. ނޫންނަމަ ނުކުރައްވާނީއެވެ.

އާދޭހެވެ! އައިބައިފިލީގެ ހަމައަށް ގިނަ ބަޔަކު ސަމާލުކަން ނުދެނީ އައިބައިފިލި ކިޔާ ގޮތާއި ލިޔާ ހަމަތައް އޮޅުން ފިލާ ވަރަށް އިސްކޫލުތަކުގައި ދަރިވަރުންނަށް ކިޔައި ނުދެއްވޭތީއެވެ. އޮޅުންފިލުވައި ނުދެއްވޭތީއެވެ. މިހެން ދިމާވަނީ އެއީ ގިނަ މުދައްރިސުން އައިބައިފިލީގެ ހަމައަށް ސަމާލުކަން ނުދެއްވާތީއެވެ. އައިބައިފިލީގެ މުހިއްމުކަން ގަބޫލުފުޅު ނުކުރައްވާތީއެވެ. ނުވަތަ އެކަމަށް ސަމާލުކަން ދެއްވާން ބޭނުންފުޅު ވެސް ނުވާތީއެވެ. މިހެން މި ދިމާވަނީ ދިވެހިބަހުން ޑިގްރީ ހައްދަވާ ބޭފުޅުންނަށް ވެސް މި ހަމަ ރަނގަޅަށް އޮޅުންފިލުއްވައި ނުދެއްވޭތީ ކަމަށް ވުން އެކަށިގެންވެއެވެ. ނުވަތަ އޮޅުންފިލުއްވައިދެއްވާން ބޭނުންފުޅުވާ ބޭފުޅަކު ކިޔަވައިނުދެއްވާތީއެވެ. ނުވަތަ (ތަންކޮޅެއް އާދައިގެ ގޮތަކަށް ދަންނަވާނަމަ)، [އަމާކީތި ފަރަށް ދާހެން] ދިވެހިބަހުގެ ގަވާއިދު ކިޔަވައި ދެއްވޭތީއެވެ. 

މިއަދު މިއީ ދިވެހިބަހާ ކުރިމަތިވެފައިވާ ވަރަށް ބޮޑު "ކާރިސާއަކަށް" ވެއްޖެއެވެ. އައިބައިފިއްޔާއި އާބާފިލީގެ ހަމަތައް އެނގޭ މީހުން ނުވަތަ އެ ކަމަށް ސަމާލުކަން ދޭ މީހުން ވަރަށް ވެސް މަދުވެއްޖެއެވެ. އެ މީހަކަށް ނޭނގޭ އެއްޗަކީ އެއްޗެއް ކަމަށް ގަބޫލުކުރާ މީހުން މިހައި މަދު ޒަމާނެއްގައި މި ކަމުގެ ނުރައްކާތެރިކަން ވަރަށް ބޮޑެވެ. އައިބައިފިއްޔާއި އާބާފިލީގެ ހަމަތަކަށް ސަމާލުކަން ދޭ މީހުން އެއީ މިއަދު [ވާރޭފެން ނުބުއި އެދުރުކަލޭފާނުން] ކަމުގައި ވަނީއެވެ.

ނަމަވެސް ދަންނަވަންތޯއެވެ! އައިބައިފިލީގެ ހަމަތަކަށް ސަމާލުކަން ނުދީ، އައިބައިފިއްޔާއި އާބާފިލި އޮޅި، މި ހަމަ ދިވެހީން ދޫކޮށްލައިފި ނަމަ، ދިވެހިބަހަށް ލިބޭ ގެއްލުން، ބެންކަކުން އެތައް ޓްރިލިއަން ޑޮލަރެއް ވަގަށް ނެގުމުން އެ ބެންކަށް ލިބޭ ގެއްލުމަށްވުރެ މާ ބޮޑުވާނެއެވެ. ބޭންކަކަށް ނަމަ، އިތުރު އިސްތިރާޖީއެއް ބޭނުންކޮށްގެން އެ ފައިސާއަށް ވުރެ އިތުރަށް ވެސް ފައިސާ ހޯދިދާނެއެވެ. ނަމަވެސް މިކަމުން ދިވެހިބަހަށް ލިބޭނީ ފޫނުބެއްދޭ ފަދަ ބޮޑު ގެއްލުމެކެވެ. 

މީގެ ކުރީން އަޅުގަނޑަށް ގިނައިން ފާހަގަކުރެވިފައިވަނީ އައިބައިފިލި ބޭނުންކުރާންޖެހޭ ތަންތާނގައި އާބާފިލި ބޭނުންކޮށްފައި ހުންނަ ތަނެވެ. ނަމަވެސް މިހާރަކަށް އައިސް އާބާފިލި ލިޔާންޖެހޭ ތަންތާނގައި އައިބައިފިލި ބޭނުންކޮށްފައި ހުއްޓަތީ ފެންނާން ފަށައިފިއެވެ. މިއީ އައިބައިފިއްޔަށް ސަމާލުކަން ދިނުންކަމަށް ވެދާނެއެވެ. ނަމަވެސް އާބާފިލީ ބޭނުންކުރާންޖެހޭ ތަންތާނގައި އައިބައިފިލި ބޭނުންކުރުމަކީ ވެސް މާނައަށް ވަރަށް ބޮޑު ބަދަލެއް އަންނަ ކަމެކެވެ. ކޮންމެއަކަސް މިއަދު މި މައުޟޫޢުގައި އަޅުގަނޑު ބޭނުންވީ "އެންމެ ޖުމުލައެއްގައި އޮތް އެންމެ ފިއްޔަކާ ބެހޭ ގޮތުން ވާހަކަދައްކައިލާށެވެ.

2020 މެއި 5 ވަނަ ދުވަހު އޮންލައިން ނޫހެއްގައި ޝާއިޢުކޮށްފައި އޮތް ޚަބަރަކުން އަޅުގަނޑަށް ފާހަގަވި ޖުމުލައެކެވެ. "އެންމެންނަށް ހެޔޮ ހިތުން މަރުހަބާ ކިޔައި، ހިތްހެޔޮކަމާއި ސާދާ ކަމުގެ މިސާލެއްގެ ގޮތުގައި މުޅި ދުނިޔެ ވެސް ބަލައި ދިވެހިންގެ ތެރޭގައި ބަޔަކަށް މި ހާލު ޖެހެންވީ ކީއްވެ ހެއްޔެވެ؟"  މި ޖުމުލައެވެ.  މި ޖުމުލައިގައި އަޅުގަނޑު ދަށުރޮނގު ދަމައިފައިވާ ދެ ލަފުޒުގައި އައިބައިފިލި ޖެހީމާ ހަގީގަތުގައި އެ ޖުމުލައިން މާނައެއް ދޭހައެއް ނުވެއެވެ. އެންމެންނަށް ހެޔޮ ހިތުން މަރުހަބާ ކިޔަނީ ކޮން ބަޔެއްތޯއެވެ؟ އެކަން މި ޖުމުލައިން ސާފެއް ނުވެއެވެ. ހިތްހެޔޮކަމާއި ސާދާ ކަމުގެ މިސާލެއްގެ ގޮތުގައި މުޅި ދުނިޔެ ވެސް ބަލާކަން ޖުމުލައިގެ ދެވަނަބައިން އެނގެއެވެ. ނަމަވެސް އެއީ ކާކަށް ނުވަތަ ކޮން ބަޔަކަށް ކަމެއް ނޭނގެއެވެ. ހަގީގަތުގައި މި ޖުމުލައިގައި މި ދެ ކަން ވެސް ބޭނުންފުޅުކުރައްވާން ލިޔުންތެރިޔާ ބޭނުންފުޅުވީ އެއީ ދިވެހީންގެ ސިފައެއްކަން ބަޔާންކުރައްވާންކަން މުޅި ލިޔުން ކިޔައިލުމުން ދޭހަވެއެވެ. 

ދަންނަވަންތޯއެވެ! ނަމުގެ ކުރިޔަށް އަންނަ ކަމުގެ ނިމޭ އަކުރުގައި އައިބައިފިލިޖެހީމާ ނަންއިތުރަކަށް ބަދަލެއް ނުވާނެއެވެ. އޭރުން ވާނީ އެކަކު ކުރި އެތައް ކަންތައްތަކެއް ބަޔާންކުރާން ޖުމުލައިގައި ގެންނަވައިފައިވާ ކަންތައްތަކެއް ކަމުގައެވެ. އެ ޖުމުލައިގައި ލިޔުންތެރިޔާ ބޭނުންފުޅުވީ ދިވެހީންނަކީ އެންމެންނަށް ވެސް ހެޔޮ ހިތުން މަރުޙަބާކިޔާ ބައެއް ކަމަށާއި ހިތްހެޔޮކަމާއި ސާދާ ކަމުގެ މިސާލެއްގެ ގޮތުގައި މުޅި ދުނިޔެ ވެސް ބަލާ ބަޔެއްކަން ބަޔާންކުރައްވާށެވެ. ދިވެހީންނަށް އިތުރު ސިފައެއް ނުވަތަ ބަޔާނެއް ގެންނަވާށެވެ. އެހެންކަމަމަށް ވާނަމަ، ނަމެއްގެ ކުރިޔަށް ނަންއިތުރެއްގެ ގޮތުގައި ކަމެއް ގެންނަވާނަމަ، އެ ކަމުގެ ނިމޭ އަކުރުގައި ޖެހޭނީ އާބާފިލި ޖައްސަވާށެވެ. ކަމެއް ނަންއިތުރަކަށް ބަދަލުވާނީ އެހެން ހައްދަވައިގެންނެވެ. ވީމާ އެ ޖުމުލަ މި ދަންނަވާ ގޮތަށް ބަދަލުކޮށްލެއްވިދާނެއެވެ. "އެންމެންނަށް ހެޔޮ ހިތުން މަރުހަބާ ކިޔާ، އަދި ހިތްހެޔޮކަމާއި ސާދާ ކަމުގެ މިސާލެއްގެ ގޮތުގައި މުޅި ދުނިޔެ ވެސް ބަލާ ދިވެހިންގެ ތެރޭގައި، ބަޔަކަށް މި ހާލު ޖެހެންވީ ކީއްވެ ހެއްޔެވެ؟"  ނުވަތަ މި ގޮތަށް ވެސް ލިޔުއްވިދާނެއެވެ. "އެންމެންނަށް ހެޔޮ ހިތުން މަރުހަބާ ކިޔާ، އަދި ހިތްހެޔޮކަމާއި ސާދާ ކަމުގެ މިސާލެއްގެ ގޮތުގައި މުޅި ދުނިޔެ ވެސް ބަލައި އުޅޭ ދިވެހިންގެ ތެރޭގައި ބަޔަކަށް މި ހާލު ޖެހެންވީ ކީއްވެ ހެއްޔެވެ؟" 

އާދޭހެވެ! މިއީ ހަމަ ކުޑަކުޑަ ވިސްނުންފުޅަކުން ރަނގަޅުކޮށްލެއްވިދާނެ ކުށެކެވެ. އަބަދުވެސް ހަނދުމަފުޅު ބަހައްޓަވާންވީ ނަމެއްގެ ކުރިއަށް ނަންއިތުރެއްގެ ގޮތުގައި ކަމެއް ގެންނަވާ ނަމަ، އެ ކަމެއްގެ ފަހު އަކުރުގައި އާބާފިލި ޖައްސަވާށެވެ. އެ ގޮތަށް ގެންނަވާ ކަމެއްގެ ފަހު އަކުރުގައި އައިބައިފިލި ޖައްސަވައިފި ނަމަ، އެއީ ކަމެއްގެ ގޮތުގައި ދެމި އޮންނާނޭ ކަމެވެ. އޭރުން ނަންއިތުރަކަށް ނުވާނޭކަމެވެ. ހަމައެކަނި މިވަރަށް ވިސްނުންފުޅު ބެހެއްޓެވިޔަސް މިކުށް ތަކުރާރެއް ނުވާނެއެވެ.

އަޅުގަނޑު މިވާހަކަ މި ލިޔުނީ ބަހަށް ހެޔޮ އެދޭ މީހެއްގެ ހައިސިއްޔަތުން އިޞްލާޙާއި ކުރިއެރުމަށް އެދޭތީއެވެ. ކޮން ނޫހެއްގައި ކާކު ލިޔުއްވި އެއްޗެއްކަމަށް ބަޔާންނުކުރީ ވެސް މި ލިޔުމަކީ ފާޑުކިޔުމަށް ޓަކައި ލިޔުނު ލިޔުމަކަށްނުވާތީއެވެ. 

ވީމާ އެންމެ ޖުމުލައެއްގެ އެންމެ ފިއްޔަކާ މެދު އަޅުގަނޑު މި ވާހަކަދައްކައިލީ އައިބައިފިއްޔަށް އަޅުގަނޑަށް ކުރެވޭ އިޙުތިރާމެއްގެ ބޮޑުކަމުންނެވެ. އެ ފިލި ދިވެހިބަހުގައި އަދާކުރާ ދައުރުގެ މުހުއްމުކަމުންނެވެ. މި ހަމަ ދިވެހިބަހުން ނެތިގެން ހިނގައްޖެ ނަމަ، ދިވެހިބަހުގެ މުއްސަނދިކަމުގެ ބައެއް ގެއްލިދާނެކަން އަޅުގަނޑަށް އިޙުސާސްކުރެވޭތީއެވެ. އަޅުގަނޑަކީ މިވާހަކަ ދައްކާން އެންމެ އެކަށީގެންވާ މީހާ ކަމަށް ނުވެދާނެއެވެ. ނަމަވެސް "ބުނާ މީހަކަށް ނުބަލާށެވެ! ބުނާ އެއްޗަކަށް ބަލާށެވެ!" އޮންނަ ހަރުބަހުގައި ވާ ފަދައިން އަޅުގަނޑު މި ދެންނެވި އެއްޗަކާ މެދު އިޚުލާޞްތެރި ނަޒަރަކުން ވިސްނަވާނެ ކަމަށް އުންމީދުކުރަމެވެ. 

________________________________ 

 

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ