އަދުގެ ޚާއްސަ

Print

ދެވަނަ ފުރުޞަތު (9)

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ވާހަކަ

އަސްމާ އަބޫބަކުރު، ހއ. ދިއްދޫ

(22 މެއި 2020 ގައި ޝާއިޢުކުރި ބަޔާ ގުޅޭ)

[ޒަހުވާގެ ތިޔަ ވާހަކައިން ދަރިފުޅަށް ކުރާ އިތުބާރު އެނގޭ. އެކަމަކު ޒަހުވާގެ ދަރިފުޅު ޒަލާއާ އެކުގައި އުޅޭ އެހެން ކުދީންނަށް އިތުބާރު ކުރެވޭތަ؟] ޙާމިދާގެ ވާހަކައަށް މި ފަހަރު ޒަހުވާ އަށް ޖެހުނީ ވިސްނައިލާށެވެ. 

[މިހާރު މާލަސްވެއްޖެ. ޙާމިދާ ވާނެ އަހަރެމެން ގެއަށްދާން. ގިނަގިނައިން ދިމާވާން ވާނެ. މިއަދު ދެން ގޮސްލަނީ.] ޒަހުވާ ގަޑިއަށް ބަލައިލުމަށްފަހު، ތެދުވިއެވެ. ގެއަށް ދިޔަ މަގުމަތީގައި ޒަހުވާއަށް ވިސްނެމުން ދިޔައީ ޙާމިދާ ދެއްކި ވާހަކަތަކަށެވެ. ޙާމިދާގެ ވާހަކައިގައި ހަރުދަނާކަން ހުއްޓެވެ. 

***

ގޭތެރެ ހަލަބޮލި ވެފައިވަނީ ފާހިމްގެ ޢާއިލާ އެންމެން ހަމަވެފައި ވުމުންނެވެ. ފާހިމްގެ އުފަން ދުވަހު އެޢާއިލާ އެންމެން އައީ ސަޕްރައިޒެއް ދިނުމަށެވެ. ފާހިމް ގެނައީ ވެސް ފޯނުން ގުޅައިގެން ކުއްލިއަކަށް ގެއަށް އަންނަން ބުނެގެންނެވެ. ފާހިމް ބިރުން އައީ ޒަހުވާ އަށް ކަމެއްވީ ކަމަށެވެ. ގެއަށް އައި އިރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ސިޓިންގރޫމް ހުރަސްކޮށް ކޮޓަރިއާއި ދިމާއަށް ދަނިކޮށް ކުއްލިއަކަށް އެންމެން އެއްފަހަރާ އުފަންދުވަހުގެ ތަހުނިޔާއިން ގޭތެރެ ހަލަބޮލި ކޮށްލައިފިއެވެ. އެހިސާބުން ވަލީމާ ފެށުނީއެވެ. ތަފާތު ވައްތަރުގެ ގިނަކާނާ އޯޑަރަށް ގެނެސްފައި ވެއެވެ. ކުއްލިއަކަށް ފެނުނީ ޒަލާ ގޭތެރެއަށް ވަދެގެން އަންނަ ތަނެވެ. 

"އެންމެ ރަނގަޅު ވަގުތަށް ދަރިފުޅަށް ތިޔަ އާދެވުނީ. ދަތުރު ކިހިނެއްތަ؟" ޒަލާ ގެއަށްވަނުމާއެކު ފާހިމް ބުނެލިއެވެ.

"މިވަގުތު ވަރަށް ވަރުބަލި ބޭނުންވަނީ ކުޑަކޮށް ޖައްސައިލާން." ޒަލާގެ މޫނުމަތީން ވަރުބަލި ކަމާއެކު ނިދިއައިސް ހުރި ކަހަލަ އަސަރުތަކެއް ފެންނާން ހުއްޓެވެ. އެހެންނޫނީ ޕާޓިއެއް އޮވެއްޖެ ނަމަ އެންމެ ފޯރިނަގާ ޒަލާ މިއަދު ހުރީ ނެގިމަޑުވެފައެވެ. މަޑުމަޑުން ހިނގައިފައި ގޮސް ކޮޓަރިއަށް ވަދެ ދޮރު ލައްޕައިލައިފިއެވެ. ޒަލާއަށް އޭނާގެ ހަށިގަނޑުގައި ބާރެއް ނެތްހެން ހީވަނީއެވެ. ގައިގައި ވެސް ވަރެއް ނެތެވެ. ޒަލާއަށް އިޙްސާސް ކުރެވެމުންދަނީ ހަށިގަނޑުގެ އެތެރޭގައި ހުރި މަސްތައް ކަހާފައި ހުރި ކަހަލަ އިޙުސާސެކެވެ. އެނދު ފެނުމާއެކު އެނދަށް ވެއްޓި ގަނެވިއްޖެއެވެ. މާގިނައިރުތަކެއް ނުވެ ޒަލާއަށް ނިދުނީއެވެ.

ޒަލާގެ ޚިޔާލީ ވާފަށް ކެނޑުނީ ފަތިސްނަމާދު ބަންގީގެ އަޑަށެވެ. އެވަގުތު ޒަލާގެ ލޯ ކަރުނައިން ތެމެން ފެށިއެވެ. އެތައް އަހަރެއް ފާއިތުވެ ދިޔައީ ނަމާދަކަށް ސަޖިދަ ޖެހުމެއްނެތިއެވެ. ބަންގީގެ އަޑަށް ފުރަތަމަ ފަހަރަށް ގައިން ހީބިހި ނަގައިގަތެވެ. ކުއްލިއަކަށް ހިތަށް ބިރުވެރިކަން ވަދެއްޖެއެވެ. 

"ޔާﷲ. މިއަޅާގެ ހިތުގައި އީމާންކަން ލާއްވައިފާނދޭވެ!" އެންމެ ކުޑަމިނުން ވުޟޫ ކުރާނެ ގޮތް ވެސް ނޭނގޭ ޒަލާގެ ހިތުގައި ނަމާދަށް ޝައުޤުވެރިކަން އުފެދިއްޖެއެވެ. މާމައާއެކު ނަމާދުކުރާން އުޅުނު ކުޑައިރުގެ ހަނދާން އާކުރަމުން ވުޟޫ ކުރިއެވެ. އެއަށްފަހު ފަތިސް ނަމާދު ކުރިއެވެ. ކިޔާނެ އެއްޗެއް ނޭނގުނަސް ފަތިސް ނަމާދުގައި ދެ ރަކުޢަތުގައި ކުރާ ޙަރަކާތް ކޮށް ނިންމައިލައިފިއެވެ. ނަމާދުކޮށް ނިމުމުން ބުނަންވެސް ނޭނގޭ ކަހަލަ ހިތްހަމަ ޖެހުމަށް ފުރަތަމަ ފަހަރަށް އިޙުސާސް ކުރެވުނެވެ. 

އަރައިގެން އައި އިރާއި، އެއިރުގެ ރަންދޯދި ނުފެނުނު ކަމުގައިވިއަސް މިއަދު ޒަލާ އެހުރީ އަލަށް ފަތިހު ހޭލައިގެންނެވެ. ޢުމުރުން ވިހި އަހަރު ފާއިތުވެ ދިޔައިރު ވެސް ފަތިހު ހޭލި ދުވަހެއް އެޙަޔާތަކަށް މިނޫނީ ނާދެއެވެ.

ހެނދުނުގެ ސައިގަޑީގައި ޒަލާ ޖަލުގެ އޮފިސަރާ ވާހަކަ ދެއްކީ ދީނީ ފޮތްކޮޅެއް ލިބޭތޯއެވެ. ޒަލާ އެދުނު ގޮތަށް ނަމާދު ކުރާން ދަސްކުރާ ފޮތާއި، ޒިކުރު ތަސްބީޙަ ފޮތްތަކެއް އޮފިސަރ ގެނެސް ދިނެވެ. ދީނުގެ ފޮތެއްގައި އަތްލައިގެން އެ ކިޔާހިތުން ކީ ފުރަތަމަ ފަހަރު ވަރަށް ޝައުޤުވެރި ކަމާއެކު ޒަލާ ފޮތްތައް ކިޔެވެ. ކުޑައިރު މާމަ އަނގަޔަށް އަޅައިގެން ކިޔަވައިދިން ޤުރުއާނުގެ ސަބަބުން މިއަދު ކޮށަކޮށައިގެން ޤުރުއާނާއި، ތަރުޖަމާ ކިޔޭތޯ މަސައްކަތް ކުރަން ފަށައިފިއެވެ. ތަރުޖަމާ ކިޔެވި ވަރަކަށް އިތުރަށް ކިޔަވާ ހިތްވާން ފެށިއެވެ. 

ޤުރުއާނުގެ ތަރުޖަމާ ކިޔަމުން ދިޔަ ވަރަކަށް ޒަލާގެ ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. އެންމެ ފަހުން ހުއްޓައިލީ ކަރުނަ ފައިބާވަރުން އަކުރުތައް ފުސްވާން ފެށުމުންނެވެ. އެތައް ފަހަރަކު ރުއިން ހުއްޓައިލެވޭތޯ ކުރެވުނު މަސައްކަތްވީ ބޭކާރެވެ. ޤުރުއާނުގެ އަކުރުތައް އުނދަގުލުން ނަމަވެސް ޒަލާ ކިޔޭތޯ ބެލިއެވެ.

އިރުކޮޅަކުން އަނެއްކާ ވެސް ކިޔާނީއޭ ހިތަށްއަރައި އޮށޯވެއްޖެއެވެ. އޮށޯތުމާއެކު މާޒީގެ ކަޅު ޞަފްހާ ތަކާމެދު ވިސްނާން ފެށުނެވެ. 

އިންޑިޔާއިން އައިސް ހަފުތާއެއްހާ ދުވަސްވުމުން ކުރިއެކޭ އެއްގޮތަށް އުޅެލެވޭ ވަރުވިއެވެ. ޒަލާގެ މަންމަ އަބަދު އޮށޯވެ އޮންނާތީ ސުވާލު ކުރުމުން މަސައްކަތާ ދުވަސްކޮޅަކަށް ދުރައް ޖެހިލީ ކަމަށް ބުނެ ބަހަނާ ދެއްކިއެވެ. 

ޙަޔާތުގެ މަޖާކުރުން ތަކުގެ ތެރެއިން ޚާއްޞަ ދުވަހެކެވެ. ޒަލާގެ އާލޯބިވެރިޔާ ނެގިތާ އޭރުވީ ހަފުތާއެކެވެ. ގްރޫޕް ހުރިހާ ކުދީންގެ އެދުމަކަށް ލޯބިވެރީންގެ ދުވަސް ފާހަގަ ކުރަން ޒަލާ ވެސް ބޭނުންވިއެވެ. މަންމަ އާއި ބައްޕަ ކައިރީ ބުނެގެން ގޭގެ އެންމެ މަތީ ފްލޯރ ހޯދިއެވެ. ފުރަތަމަ އޮތީ ހުރިހާކުދީންގެ މެދުގައި ތާސްބައި ކުޅުމުގެ ފޯރިއެވެ. ބޮނޑި ކުޅެގެން މޮޅުވާ މީހަކަށް ފައިސާ ލިބޭ ގޮތަށެވެ. ފައިސާ ހުސްވެއްޖެ ނަމަ ލާފައި ހުރި ހެދުން ނަމަވެސް ދޭންޖެހެއެވެ. އެ ކުޅިވަރުގައި އަންހެން ކުދީން ބަލިވާން ފަށައިފިއެވެ. ފުރަތަމަ ބަލިވީ ޒަލާއެވެ. އެ ވަގުތު އަތުގައި އޮތް ދެހާސް ރުފިޔާ ހުސްވުމުން ދެން ޖެހުނީ ލައިގެން ހުރި ހެދުން ދޭށެވެ. ހެދުން ބާލައިފައި ދިނުމާއެކު ފިރިހެން ކުދީންގެ ދަހިވެތި ބެލުންތައް އަމާޒުވިއެވެ. ދެން ނަސްވާގެ އަތުން ވެސް ލާރި ހުސްވުމުން ހެދުން ދޭން ޖެހިއްޖެއެވެ. ސައުނާއަށް ވެސް ވީ އެހެންނެވެ. ޖުވާކުޅުން ނިމުނީ އަންހެން ކުދިން އަތުން ދޭނެ އެއްޗެއް ނުލިބުމުންނެވެ. އެހާ ހިސާބަށް ދިއުމުން ފިރިހެންކުދީން ތިބީ ކުޅިވަރު ބަދަލު ވާނެ އިރެއްގެ އިންތިޒާރުގައި ކެތްތެރިކަން ކުޑަވެފައެވެ. ދެން ފެށުނީ ފާޑެއްގެ ނައިޓް ކްލަބުގެ ޙަރަކާތް ތަކެކެވެ. އެމީހުންނަށް އެންމެ ކަމުދާ ބުއިންތަކެވެ. ނެށުން އޮތީ ފަހަރަކު ފިރިހެން ކުއްޖަކާ އެކުއެވެ. ފަސްކުދިންގެ ޖޯޑު ހަމަކޮށް ތިބުމުން ޒަލާއަށް އެތައްފަހަރަކު ފިރިހެން ކުދީން ބަދަލު ކުރާނެ ފުރުޞަތު ލިބުނެވެ. ގައިގޯޅި ނެށުންތަކާއެކު ފެށުނު ވަލީމާ ނިމުނުއިރު އެކަކުވެސް ހަމަހެއަކު ނެތެވެ. މަސްތީ ޢާލަމެއްގައި ތިބެ ހޭވެރިކަންވީއިރު މެންދަމުން އަލިވެ ތިނެއް ޖަހައިފިއެވެ. 

ނިވާނުވާ ޙާލުގައި ތިބެ އެކުޅުނު ކުޅިވަރަކީ ޙަޔާތުގައި ކުރެވުނު އެންމެ އުފާވެރި އެއް ކުޅިވަރެވެ. އަދި އެ ރެޔަކީ ވެސް ޙަޔާތުގައި ވޭތުކުރެވުނު މަޖާރޭތަކުން އެންމެ މަޖާ އެއް ރެއެވެ. އެހެންނަމަވެސް ޒަލާއަށް ހުރެވެނީ ހިތްނުތަނަވަސް ވެފައެވެ. މަންމަ އާއި ބައްޕަ އެއްޗެއް ނުބުނާނެ ކަން އެނގޭ ޙާލު ވެސް މެއެވެ. 

ބަރަކާތްތެރި ރަމަޟާން މަހުގެ ދުވަހެކެވެ. ހެނދުނު ޒަލާ އެނދުން ހިތްލައިލީވެސް އެގާރާ ޖެހިފަހުންނެވެ. ފެންވަރައި ހަދައިގެން ސިޓިންގ ރޫމަށް ނިކުތެވެ. އަލަށް އެ ގެއަށް ގެނައި ބިދޭސީމީހާ ލައްވާ ބިސްގަނޑަކާއި ކޮފީ ތަށްޓެއް ހަދައިގެން ގެނެސް ޓީވީ ބަލަމުން ކާން ފެށި ވަގުތަކީ ޒަހުވާއާއެކު އޭނަގެ ދެބެންގެ ދެދަރި ކުއްޖެއް ކަމުގައިވާ ފާތުން އެގެއަށް އައިސް ވަންވަގުތެވެ. އެ މަންޒަރު ފާތުން އަށް ފެނުމާއެކު ޙައިރާން ވެއްޖެއެވެ. 

"ޒަހުވައްތާ. ވާހަކައެއް އަހާލަންތަ؟" ފާތުންގެ ހިތުގައިވާ އެއްޗެއް ބުނަން ފެށިއެވެ. 

"އާން ބުނެބަލަ." ޒަހުވާގެ ޖަވާބު އަޑުއިވުމުން ފާތުން ފެށިއެވެ. "އަންހެން ކުދިންނަކީ ރޯދަމަހު ކޮންމެވެސް ދުވަސްވަރެއްގައި ކާންޖެހޭ ކުދީންކަން އެންމެންނަށްވެސް އެނގޭ. އެކަމަކު އެހާ ފާޅުގައި މި ބަރަކާތްތެރި ރޯދަމަހު ކެއުން ރަނގަޅެއް ނުވާނެ." ފާތުންގެ ވާހަކަ ޒަލާއަށް ވެސް އަޑު އިވުނީ ފާތުން އެ ވާހަކަ ދެއްކިލެއް ތަންކޮޅެއް ބާރުވުމުންނެވެ.

"ކީއްވެ ވަކި ރޯދަމަހު ނުކާންވީ. އަހަރެމެންގެ އަތުގައި ކާނެ ބައިވަރު އެއްޗެތި ހުރެ، ބަނޑުހައި ވެގެން ތިބުމުގެ މާނައެއް ނެތް. އެހެން ނޫނަސް ނުފުދޭ މީހުން ރޯދަހިފަން މަޖުބޫރުވާނެ. އަހަރެމެން ބޭނުން ވަރަކަށް އެއްޗެހި ލިބޭ. ބަނޑުހައި ކަމުގެ ހަޅުތާލު ކުރާކަން އަހަރެމެން ނުޖެހޭނެ." ޒަލާގެ ރާގު ހުރިގޮތުން ފާތުންއަށް ލިބުނީ ކުއްލި ސިހުމެކެވެ. ޒަލާ ރޯދަމަހު އެއް ގޮތަކަށް ވެސް ރޯދަހިފައި ނަހަދާކަން ޒަލާގެ ވާހަކައިން ފާތުން އަށް ދޭހަވެއްޖެއެވެ.

ޒަހުވާ އެވަގުތު ވަރަށް ލަދުގަތެވެ. މީގެ ކުރީން މީހަކަށް ޒަލާ ރޯދަ ނުހިފާކަމެއް ނޭނގޭނެއެވެ. މިއަދު އެ ކަން ވެސް އެނގުނީ ޒަލާގެ ސަބަބުންނެވެ.

(ނުނިމޭ)

 

އިދާރާ

ވާހަކަ