އަދުގެ ޚާއްސަ

Print

ދެވަނަ ފުރުޞަތު (10)

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ވާހަކަ

އަސްމާ އަބޫބަކުރު، ހއ. ދިއްދޫ

(23 މެއި 2020 ދުވަހު ޝާއިޢު ކުރި ބަޔާ ގުޅޭ)

ހުވާ އެވަގުތު ވަރަށް ލަދުގަތެވެ. މީގެ ކުރީން މީހަކަށް ޒަލާ ރޯދަ ނުހިފާކަމެއް ނޭނގޭނެއެވެ. މިއަދު އެ ކަން ވެސް އެނގުނީ ޒަލާގެ ސަބަބުންނެވެ. 

"ޒަލާ ކޮއްކޯ! އަހަރެމެން މުސްލިމުން ރޯދަ ހިފަނީ ކާއެއްޗެތި ނުލިބޭތީކީ ނޫން. އެއީ މާތްﷲ ފަރުޟު ކުރައްވާފައިވާ ކަމަކަށްވާތީ. އަދި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ތިބި ފަޤީރުންނާ ނިކަމެތީންގެ  ޙާލު އަހަރެމެންނަށް އިޙުސާޞު ކުރެވޭނީ ރޯދަ ހިފުމުން. ރާއްޖޭގެ އެއްވެސް މީހަކު ކާން ނުލިބިގެންނޫނޭ ރޯދަ މިހިފަނީކީ. އެންމެންނަށްވެސް ކާންލިބޭ." ފާތުންގެ ވާހަކަ އަޑުއިވުމުން ޒަލާ ފޫހިވެގެން ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ.

"ޒަހުވައްތަ އޭނަ ރޯދައަށް ނުބަހައްޓަނީ ކީއްވެތަ؟ މިހާރު ޒަލާއަކީ ވެސް ކިޔަވައިގެން ހުރި ތަންދޮރު ދަންނަ ކުއްޖެއްނުން." ފާތުން ހުރީ ހިތްހަމަ ނުޖެހިފައެވެ. 

"ޒަލާ އަކަށް ރޯދަ ހިފާކަށް އަހަރެމެން މަޖުބޫރެއް ނުކުރަން. އެއީ އޭނަ ބަނޑުހައި ވެދާނެތީ. ތަންކޮޅެއް ކުރީން ދެތިން ދުވަހަކު ރޯދައަށް ބެހެއްޓީމާ މެންދުރުވާއިރަށް ރޯންފަށަނީ. އެހެންވެ ނުކެރޭ ބަހައްޓާކަށް. ޒަލާ ދެރަވާ ކަހަލަ ކަމެއް ކުރާކަށް އަހަރެން ހިތްހަމަ އެއް ނުޖެހޭ." ޒަހުވާގެ ވާހަކަ އަޑުއިވުމުން ފާތުން ހިތުގައި އެތައް ސުވާލެއް އުފެދުނެވެ. 

"ދައްތަ އަށް މާތްﷲ ދެއްވި އެންމެ އަގުހުރި ޖަވާހިރެއް. އޭގެ އެއްވެސް އަގެއް ނެތް ގޮތުގައި ތިގެންގުޅެނީ. އާޚްރަތް ދުވަހުން ދައްތައަށް އަންނަ ސުވާލަށް ޖަވާބު ދެވޭނެތަ؟ ދަރީން ބަލާ ބޮޑު ކުރުމުގެ ޒިންމާ އެދަރީންގެ މައިންބަފައިންގެ ބޮލުގައި އެޅިފައިވަނީ ހާދަ ބޮޑު ޙައްޤެއްގެ ގޮތުގައޭ." ފާތުން ހިތަށް އެރި ކިތަންމެ  އެއްޗެއް ހުރި ނަމަވެސް މާގިނަ ވާހަކަތަކެއް ނުދައްކާ އެގެއިން ނިކުތީއެވެ. 

ޒަލާ ކޮޓަރިއަށް ވަދެފައި ކިއުޓެކްސް ފުޅި ނަގައިގެން ނިޔަފަތީގައި ކުލަޖައްސަން ފެށިއެވެ. މިއަދު ފާތުން ދައްތަ ދެއްކި ވާހަކަތައް ހަނދާން ނައްތާލުމުގެ ގޮތުންނެވެ.

" މީހުން ހީކުރަނީ ކީކޭ ކަމަށްތަ؟ އަހަރެން މައިންބަފައިން އަހަންނަށް މަޖުބޫރު ނުކުރާ ކަމެއް އެހެންމީހުން ކީއްވެބާ ވިސްނައިދެން މަސައްކަތް ކުރަނީ. ދީނީ ކަންކަން ބޮލުގައި އަޅައިގެން އުޅޭނީ އަހަރެންވެސް މުސްކުޅި ޢުމުރަށް ދިޔައިމާ ނޫންތަ؟ އޭރުން އަހަރެން މުސައްލަ މަތީން ނުތެދުވެ އޮންނާނަން. މިދުވަސްވަރަކީ އުފަލާ މަޖަލުގެ ދުވަސްވަރު. ދެނެއް ޒުވާން ދުވަސްވަރެއް ނުލިބޭނެ. ދަތްހުރި ދުވަހު ކާށި ކެވޭނީ." ޒަލާ ހިތާހިތުން އެތައް ވާހަކައެއް ދެއްކިއެވެ. 

ޒަލާ ކޮޓަރި ދޮރުހުޅުވޭ އަޑަށް ބަލައިލިއެވެ. ދޮރުމަތީގައި ހުރީ މަންމައެވެ. މަންމަ ފެނުމާއެކު ޒަލާ މޫނު ކުނިކޮށްލިއެވެ. އެއީ މަންމަގެ ޢާއިލާ މީހުން ޒަލާގެ ކަންތަކާ ބެހޭތީއެވެ. ޒަލާ މިހާރު މައިން ބަފައިންނަށްވެސް އެއްވެސް އިޙުތިރާމެއް ނުކުރެއެވެ.

" ދަރިފުޅާ. ފާތުން ދައްތަ ވާހަކަ އެދެއްކީ ދަރިފުޅަށް ރަނގަޅަކަށް. އެކަމާ އެހާ ހިތްބުރަ ނުކުރައްޗޭ." ޒަހުވާ، ޒަލާ އާއި ދިމާއަށް އަންނަމުން ވަހަކަ ދައްކަން ފެށިއެވެ.

"އެހެންމީހުން ކީއްވެގެންތަ އަހަރެމެންގެ ކަންކަމާ ބެހެނީ އަހަރެންވެސް އެހެން މީހުންގެ ކަންކަމާ ބެހިއެއް ނުހަދަން. މަންމަވެސް ބުނީ ރޯދަ ނުހިފިއަސް ރަނގަޅުވާނެ ކަމަށް. އެމީހަކު އުޅޭނެ ގޮތެއް އެނގޭނީ އެމީހަކަށް." ޒަލާ މަންމަ ކުރީން ދައްކާފައި ހުރި ވާހަކަތައް ހަނދާން ކުރަމުން ބުންޏެވެ. 

އެންމެ ދަރިއަކު ހުރީތީ ޒަހުވާގެ ދެމަފިރީން އެދަރިފުޅު ބަލައި ބޮޑުކުރީ ވަރަށް ލޯބިންނެވެ. ޒަލާއަށް ދެރައެއް ލިބޭނެ އެއްވެސް ކަމެއް ނުކުރަން ޢަޒުމު ކަނޑައަޅައިގެންނެވެ. އެކަމުގެ ސަބަބުން އެދަރިފުޅަށް ދެވުނީ ކަނު ލޯތްބެވެ. ދޫކޮށްލެވުނީ ބިދޭސީންގެ އަތްމައްޗަށެވެ. ދެވުނީ ކްރިސްޓިއަން ތަޢުލީމެވެ. ދޫދިނީ ދެމީހުންގެ އިޚްތިޔާރުގައެވެ. ޒަލާއަށް ކުރެވުނު އިތުބާރުގެ ނާޖާއިޒު ފައިދާ ނެގިއިރު އެންމެ ކުޑަމިނުން ޒަލާ ކުރި ފާހިޝް އެތައް ކަމެއްގެ ނިޝާނެއްވެސް ޒަހުވާ އާއި ފާހިމް އަކަށް ރެއަކާ ނުލައެވެ. އެދެމަފިރީންގެ ނަޒަރުގައި ޒަލާ އަކީ ހުދު ފޮތިކޮޅެކެވެ. އަމުދުން ޒަލާ އަކީ ކުޑަކުއްޖަކަށްވާއިރު އެއްވެސް ގޯސްކަމެއް ނުކުރާނެއެވެ.

ހުރިހާ ކަމެއް ފަޅާއެރީ ކުއްލިއަކަށެވެ. މީޑިޔާ ތަކުން ކިޔަންފެށި އަވަސް ޚަބަރުންނެވެ. ރޭގަނޑު އެގާރަ ޖަހާ އެހާކަން ހާއިރެވެ. ޒަހުވާ އައިސް ގެއަށް ވަނުމަށް ފަހު ޓީވީ ހުޅުވާލިއެވެ. އެވަގުތު ޒަހުވާ ޓީވީ ހުޅުވަނީ ކޮންމެވެސް މުޒާހަރާއެއް އަންނާތީ އެބަލާލުމަށެވެ. އެކަމަކު އެރޭ ދެލޯ ބޮޑުވެގެން ދިޔައީ ކިޔަންފެށި ޚަބަރަކުންނެވެ. 

"ޒަލާ ސެލޫންގެ ތެރެއިން މީހަކު މަރާލާފައި އޮއްވާ ފެނިއްޖެ. އެމީހަކީ ނޫސް ރިޕޯރޓަރެއް ކަމުގައިވާ އަޙުމަދު ޙަސީން. މިކަމާ ގުޅިގެން ޒަލާ ސެލޫންގެ ވެރިޔާ އާމިނަތު ޒަލާ ފާހިމް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް." ޒަހުވާއަށް ހަތަރު އުދަރެސް ފެނުޖެހުނު ކަހަލަ އެވެ. ޒަލާ އެކަހަލަ ކަމެއް ނުކުރާނެ ކަމުގެ ފުރިހަމަ އިތުބާރު ޒަހުވާ އަށް އޮތެވެ. އެވާނީ ކޮންމެވެސް މީހަކު ޒަލާއަށް ލަނޑެއް ދިނުމަށް ރޭވި ރޭވުމަކަށެވެ. ފާހިމް އަށް ގެއަށް އާދެވުނީ އެރޭ ތަންކޮޅެއް ލަހުންނެވެ. ސްޕަރމާރޓްގައި ރޯވި އަލިފާން ނިއްވާލެވުމުންނެވެ. ގެއަށް އައިސް ވަނުމާއެކު ޒަހުވާ ދިން ޚަބަރަކީ ބޮމެއް ގޮވުން ކަހަލަ ޚަބަރެކެވެ. އަތުގައި ކިތަންމެ ފައިސާއެއް ހުއްޓަސް ހިތްހަމަ ޖެހިލައިގެން އުޅެވެނީއެއް ނޫނެވެ. އަބަދުވެސް ކޮންމެވެސް ކަހަލަ ބޮޑުކަމެއް އޮންނަނީ ޖެހިފައެވެ.

ޙަސީންގެ މަރުގެ ޚަބަރާއެކު ޙާމިދާ ހޭނެތިގެން ވެއްޓިއްޖެއެވެ. ހައުލާ އާއި ހައިމާ ރޮއިރޮއި ދެލޯ ދުޅަވެއްޖެއެވެ. ސަމީންގެ ބަސްހުއްޓިއްޖެއެވެ. އެގޭ ހަމަހިމޭން ވެއްޖެއެވެ. އެގޮތުގައި ދެތިން ދުވަސްވީއިރުވެސް ގޭތެރެ ހަމައަކަށް އެޅޭވަރެއް ނުވެއެވެ. ދެމަފިރީންގެ ހުރި ހަމައެކަނި ފިރިހެންދަރި މަރުވުމުން ހިތްދަތިވެފައި ޙާމިދާ އިންނަން ފަށައިފިއެވެ. ޙާމިދާގެ ކުޑައިރުގެ މިތުރު ހަތުރަށްވެ ނިމިއްޖެއެވެ.

ޤުރުއާން ކޮށަކޮށައިގެން ކިޔަވަން ޒަލާ މަސައްކަތް ކުރަމުން ދިޔަ ވަރަކަށް ކިޔަވަން ފަސޭހަވެއެވެ. ޖަލުގައި ހޭދަވާ ދުވަސްތައް ބޭކާރު ނުކޮށް ގިނަވަގުތު ޤުރުއާން ކިޔަވަން ޒަލާ ޤަޞްދު ކުރިއެވެ. ދީނީ ފޮތްތައްވެސް ކިޔާހިތުން ކިޔަންފެށިއެވެ. މަޑުމަޑުން ދީނުގެ ތެރެއަށް ވަދެވޭން ފަށައިފިއެވެ. ޤުރުއާނުގެ ދިވެހި ތަރުޖަމާ ކިޔަމުން ދިޔަވަގުތެވެ. އައްނިސާ ސޫރަތުގެ 93 ވަނަ އާޔަތުގެ މާނަ ކިޔަން ފެށުމާއެކު ޒަލާގެ ލޯ ކަރުނުން ތެމެންފަށައިފިއެވެ. 

"ޤަޞުދުގައި މުއުމިނަކު ޤަތުލުކޮށްފި މީހާ ދަންނާށެވެ! ފަހެ، އެމީހާގެ ޖަޒާއަކީ ނަރަކަޔެވެ. އެތާނގައި އަބަދަށް ދެމިހުންނަނިވި ގޮތުގައެވެ. އަދި، ﷲ، އެމީހާގެ މައްޗަށް ކޯފާލައްވައި،  ލަޢުނަތް ލައްވައެވެ. އަދި، ބޮޑުވެގެންވާ  ޢަޛާބު  އެ މީހާއަށް ތައްޔާރު ކުރެއްވިއެވެ." ޒަލާއަކަށް އިތުރަކަށް ކުރިއަކަށް ނުގެންދެވުނެވެ. ރޮވޭވަރުންނެވެ. ގިސްލެވޭ ވަރުންނެވެ. ޒަލާގެ ޚިޔާލަށް އައީ ޙަސީން މަރުވި ރޭގެ ކަންތައް ހިނގައި ދިޔަ ގޮތެވެ. 

ސެލޫންއަށް ރޭގަނޑު އަށެއް ޖެހިތަނާ ޒަލާ ހިނގައްޖެއެވެ. އޭރު އެހެން ކުދީން އެމީހުންގެ މަސައްކަތުގައި އަވަދިނެތި އުޅެއެވެ. ދެން އަންނަ މީހަކީ ޒަލާގެ ކަސްޓަމަރ އަށް ވުމާއެކު އެކަމަށް ޒަލާ ހުރީ ތައްޔާރު ވެގެންނެވެ. 

ޙަސީން ކައުންޓަރަށް ދައްކަން ޖެހޭ ޢަދަދަށް ފައިސާ ދެއްކުމަށްފަހު ކައުންޓަރގައި އިން ކުއްޖާ ދެއްކި ރޫމަށް ދިޔައެވެ. ދޮރުގައި ޓަކި ޖަހާލާފައި ދޮރުހުޅުވާ ލުމާއެކު ޒަލާ ބަލާލިއެވެ. ޙަސީން ފޮނުވި ނޫސްވެރީން ބުނި ގޮތުގައި މި ސެލޫންގައި މަސައްކަތް ކުރަނީ ތައިލެންޑް ކުދީންނެވެ. ދިވެހި އަންހެން ކުއްޖެއް ފެނުމުން ޙަސީން ޙައިރާންވިއެވެ. 

"ކަނދުރާގެ މަސާޖެއްދޯ ބޭނުންވަނީ؟ އަވަހަށް މި އެނދުގައި އޮށޯވޭ!" ޒަލާގެ އަޑުއައީ ވަރަށް މައިތިރިކޮށެވެ. އެ ވަގުތު ވެސް އެހެން ކޮޓަރިތަކުން އަންހެން ކުދިންގެ އެކި ފާޑުގެ އަޑުއަޑު އިވިއިވި ހުއްޓެވެ. ޙަސީން ކޮޓަރިއަށް ވަނުމާއެކު އެ ކޮޓަރީގެ އަލި ކުރިއަށްވުރެ މަޑު ކޮށްލައިފިއެވެ. އަދި އެބަ އަންނަމޭ ބުނެފައި ޒަލާގޮސް އައީ ފަސް މިނިޓެއްހާއިރު ފަހުންނެވެ.  އެ ވަގުތު ޙަސީން އެތަނުގެ ދެތިން ފޮޓޯއެއް ފޯނުގައި ރައްކާކުރިއެވެ. އަދި ގުޅަންޖެހޭ މީހާއަށް ގުޅުމަށްފަހު އަޑު ރެކޯޑް ކުރުމަށްޓަކައި ފޯން މޭޒުމަތީ ބޭއްވިއެވެ. ކުރަންބޭނުންވި ކަންކަން ކޮށް ކިރިޔާ ނިމުނުއިރަށް އަންހެން ކުއްޖާ އައިސް ކޮޓަރިއަށް ވަދެއްޖެއެވެ. 

(ނުނިމޭ)

އިދާރާ

ވާހަކަ