އަދުގެ ޚާއްސަ

ކައު ރަސޫލާގެ ސީރަތުގެ މުތީތަކާއި ޝަޛާތަކުން (24)

. ހިމެނޭބަޔަކީ ސިޔަރަތު

އިބްރާހީމް ރަޝީދު މޫސާ

(23 މެއި 2020 ގައި ޝާއިޢުކުރި ބަޔާ ގުޅޭ)

468. ރަސޫލާ ﷺ ތަބޫކު ދަތުރުފުޅުގެ މަގުތައް ކަޑައްތު ކުރައްވައި ނިމިވަޑައިގަތުމުން އެކަލޭގެފާނުގެ ޞަޙާބީންނަށް ވިދާޅުވިއެވެ. [މާދަމާ އިރާދަކުރެއްވިއްޔާ ޢައިނު ތަބޫކު ފެންގަނޑު ކައިރިއަށް ތިޔަބައިމީހުންނަށް ދެވޭނެއެވެ. ތިމަންކަލޭގެފާނު ވަޑައިގަންނަވަންދެން އެ ފެންގަނޑުން ތިޔަބައިމީހުން ފެން ނުނަގާހުށިކަމެވެ!] 

469. މުސްލިމުންނަށް މި ފެން އާރުދޮށަށް ދެވުނުއިރު އޭގެ ފެންގަނޑުގައި ހުރީ ވަރަށް މަދު ފެންފޮދެކެވެ. ރަސޫލާ އެފެންގަނޑުން ފެން ނެގުން މަނާކުރައްވައިފައި ވަނިކޮށް ދެ މީހަކު އެ ފެންގަނޑުން ފެން ނެގިއެވެ.  

470. ރަސޫލާ ﷺ ގެ ކުރިން ދެ މީހަކު އެތަނަށް ގޮސް އެއިން ފެންނެގިކަން އެނގިވަޑައިގަތުމުންރަސޫލާ ﷺ  އެ ދެމީހުންނަށް [ما شاء الله] އޭ  ވިދާޅުވިއެވެ. އެއަށްފަހު ރަސޫލާ ﷺ މޫނުފުޅާއި ދެ އަތްޕުޅު ޢައިނު ތަބޫކުގެ ފެންގަނޑުން  ދޮންނެވިއެވެ.

471. އެއަށްފަހު ރަސޫލާ ﷺ މުޢާޛު ބިން ޖަބަލުގެފާނަށް ވިދާޅުވިއެވެ. [ކަލޭގެފާނު ދުނިޔޭގައި ހުންނަވާނެނަމަ މިތާނގައި ބަގީޗާތައް ހެދި ފެތުރިފައިވާތަން ކަލޭގެފާނަށް ފެނިވަޑައިގަންނަވާނެއެވެ. ]  (ރިވާކުރެއްވީ މުސްލިމު).

472. އެއަށްފަހު އެތާނގައި ރަސޫލާއަށް ޚާއްޞަ ފޭލިގެކޮޅެއް  ޖެހުނެވެ. ރަސޫލާ ﷺ ތަބޫކުގައި 20 ދުވަހު ހުންނެވިއެވެ. ޢަދުއްވުންނާ ބައްދަލު ކުރައްވާކަށް ޖެހިވަޑައެއް ނުގަންނަވައެވެ. އަދި އެއްވެސް ކަހަލަ ނުބައި ރޭވުމަކާ ވެސް ކުރިމަތިލައްވާކަށް ޖެހިވަޑައެއް ނުގަންނަވައެވެ.

473. އެއަށްފަހު ރަސޫލާ ﷺ ޝާމުކަރައިގެ ސަރަޙައްދީ ރޮގު ކައިރީގައި އުޅޭ ޤަބީލާތަކަށް ސަރިއްޔާތައް ފޮނުއްވިއެވެ. އަދި ރޫމީންގެ ރަސްގެފާނަށް ފަތްކޮޅެއް ވެސް ފޮނުއްވިއެވެ. 

474. ރަސޫލާ ﷺ އަޔިލާގެ އަހްލުންނާއި ޖަރްބާއުއާއި އަޛްރުޙުގެ ޔަހޫދީންނާއެކު ޞުލްޙަ ޤާއިމުކުރެއްވިއެވެ. 

475. ރަސޫލާ ﷺ  420 ހަނގުރާމަވެރީންނާއެކު ޚާލިދު ބުނުލް ވަލީދު ދޫމަތުލް ޖުންދަލަށް ފޮނުއްވިއެވެ. އެ ރަށުގެ ރަސްގެފާނު އުކަޔިދަރު ބިން ޢަބްދުލްމަލިކުލް ކިންދީ ރަސޫލާ ﷺ  އާ ޞުލްޙަވެ ވަޑައިގެން ޖިޒީ ދެއްވުމަށް ޤަބޫލުފުޅުވިއެވެ. އޭނާ ރަސޫލާއަށް ބަޣަލަކާއި ފެހިފަށުވިން ޖަރީކޮށްފައިވާ ޖުއްބާކޮޅެއް ވެދުމަށް އެރުއްވިއެވެ. 

476. ޞަޙާބީން މި ޖުއްބާގެ މަޑުކަމާއި ރީތިކަން ފެނިވަޑައިގެން އަޖައިބުފުޅުވިއެވެ. އެހިނދު ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. [لَمناديلُ سعدِ بنِ مُعاذٍ في الجنَّةِ أحسَنُ ممّا ترَوْنَ] – ([ސުވަރުގޭގައި ސަޢުދު ބިން މުޢާޛަށް ލިބިވަޑައިގެންފައިވާ ރުމާކޮޅު ތިޔަބައިމީހުން ތިޔަ ދެކޭ ޖުއްބާއަށްވުރެ މާ ރީތިކަން ކަށަވަރެވެ.]) (أخرجه موصولاً البخاري (٢٦١٥)، ومسلم (٢٤٦٩)، والترمذي (١٧٢٣)، والنسائي (٥٣٠٢) وأحمد (١٢٢٢٣)). 

477. އެއަށްފަހު ރަސޫލާ ﷺ ރޯމަނުންގެ ރަސްގެފާނު ޤައިޞަރުގެ އަރިހަށް ދިޙްޔަތުލް ކަލްބީ ފަތްކޮޅަކާއެކު ފޮނުއްވިއެވެ. ރަސޫލާ ﷺ ގެ  މި ފަތްކޮޅުގައި ތިން ކަމަކުންކުރެ ކަމަކަށް އިޖާބަ ދިނުމަށް ގޮވައިލެއްވިއެވެ. [އިސްލާމްވުމެވެ. ނުވަތަ ޖިޒީ ދިނުމެވެ. ނުވަތަ ހަނގުރާމައެވެ.] 

478. ޤައިޞަރު އޭނާގެ ބޮޑުން އެއްކޮށް މި ފަތްކޮޅު އިއްވިއެވެ. އެބައިމީހުން ﷲ ގަންދީ ބުންޏެވެ. އަހުރެމެން އެކަލޭގެފާނުގެ ދީނަކަށް ނުވަންނާނަމެވެ. އަދި އަހުރެމެން އެކަލޭގެފާނަށް ޖިޒީއެއް ނުދޭނަމެވެ. އަދި އަހުރެމެން އެކަލޭގެފާނާ ހަނގުރާމައެއް ވެސް ނުކުރާނަމެވެ.  

479. ރޯމަން އެމްޕެރަރު ޤައިޞަރު ރަސޫލާގެ ފަތްކޮޅަށް މި ޖަވާބުތައް ލިޔެފައި  ފޮނުވިއެވެ. މި  ޚަބަރު ޢަރަބިންނަށް ލިބުމުން ބުންޏެވެ. ރޯމަނުން ރަސޫލާ ﷺ އާ ހަނގުރާމަކުރަން ބިރުގަނެ ފަސްޖެހިއްޖެއެވެ. 

480. ރަސޫލާ ރަސޫލާ ﷺ ތަބޫކުގައި ވިހި ދުވަހު ހުންނެވުމަށްފަހު މަދީނާއަށް އެނބުރިވަޑައިގެންނެވިއެވެ. ވާދިލް ޤުރާއާ ހަމައަށް ވަޑައިގެންނެވުމުން ރަސޫލާ އެކަލޭގެފާނު އަޞްޙާބުންނަށް ވިދާޅުވިއެވެ. [ތިމަންކަލޭގެފާނު މަދީނާއަށް އަވަހަށް ވަޑައިގަންނަވަން ބޭނުންފުޅުވެއެވެ. ތިޔަބައިމީހުންގެ ތެރެއިން ތިމަންކަލޭގެފާނާއެކު އަވަހަށް ދާން އެދޭ ބަޔަކު ތިމަންކަލޭގެފާނާއެކު އަންނާށެވެ!]

481. ރަސޫލާ ﷺ ޛީ އަވާނާ ހަމައަށް ވަޑައިގެންނެވިތަނާ ﷲގެ ވަޙީ ބަސްފުޅު ބާވައިލައްވައި މުނާފިޤުން  [ޟިރާރު މިސްކިތް] ބިނާކުރި ޚަބަރު ދެއްވައިފިއެވެ. އަދި އެ މިސްކިތް ތަޅައިލެއްވުމަށް މާތްﷲ އެކަލޭގެފާނަށް އަމުރު ކުރެއްވިއެވެ.

482. އެއަށްފަހު ރަސޫލާ ﷺ އެކަލޭގެފާނުގެ ޞަޙާބީންނަށް ވިދާޅުވިއެވެ. [ތިޔަބައިމީހުން ކަޑައްތުކުރި ކޮންމެ ރާސްތާއެއްގައި، އަދި ތިޔަބައިމީހުން ކަޑައްތު ކުރި ކޮންމެ ވާދީއެއްގައި ތިޔަބައިމީހުންނާއެކުގައި ތިބި ބަޔަކު މަދީނާގައި ތިބިކަން ކަށަވަރެވެ.]

(ނުނިމޭ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ