www.fanvai.info

Print

މިނިވަން ފިކުރާއި މަގުފުރެދުން

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ޢަޤީދާ

ތަރުޖަމާ: ކަނީރު ޢަބްދުއްރަޙީމް      

ޤުރުއާނާއި ސުންނަތުގެ އެއްވެސް ޙުކުމަކީ ސަލާމަތް ބުއްދިއާއި ފުށުއަރާ އެއްޗެއް ނޫނެވެ. އެކަމަކު ފުރަތަމަ ކަނޑައަޅާންޖެހެނީ ދުނިޔޭގައި އިންސާނުންގެ ބުއްދި އެކަކު އަނެކަކާ ތަފާތުވާ އިރު، ރަނގަޅު-ނުބައި ވަކި ކުރާން ހޮވާނީ ކޮން ބުއްދިއެއްކަމެވެ.

ދުނިޔޭގައި، މައްސަލަތައް ނިންމުމާއި ހުރިހާ ކަންތައްތައް، އެއްވެސް ދީނީ ނުފޫޒެއް ނެތް މިނިވަން ސިކުނޑިއާ ހަވާލުވެއްޖެ ނަމަ، މުޅި ދުނިޔޭގައި އޮންނާނީ އިންތިޒާމެއް ނެތް ވެރިކަމެކެވެ. ނަތީޖާއެއްގެ ގޮތުން އިންސާނުންގެ އިންސާނިއްޔަތު ހަލާކުވެ ނެތި ގެއްލިގެން ދާނީއެވެ. ސަބަބަކީ އިންސާނާގެ ވިސްނުމާއި ފިކުރަށް، ބުއްދިއަށް، އެއްވެސް އިމެއް ނެތި މިނިވަންކަން ލިބިއްޖެއްޔާ ނުވިސްނޭ ކުޑަ ކުއްޖާއަށްވާ ވަރު ވެސް ނުވާނެތީއެވެ.

ބަލައިލަމާ ހިންގަވާށެވެ!  

(އެއްވެސް މީހެއްގެ) ދައްތަ ނުވަތަ ކޮއްކޮއާ ބެހުމަކީ ކޮންފަދަ ނުރުހެވޭ ކުށެއް ހެއްޔެވެ؟ ދުނިޔޭގައި އެއްވެސް ބަޔަކު އެއްވެސް ހިސާބެއްގައި އެ ކަން ކުރުމަކާ އެއްބަހެއް ނުވެއެވެ. އެހެން ކާކު ކޮން ބަޔެއް ހެއްޔެވެ؟ ﷲ އާއި ރަސޫލާ ގަބޫލުނުކުރާ، އަދި ދީނެއް ނެތް މީހުން ވެސް މިއީ ވަރަށް ނުބައި ކުށްވެރި އަމަލެއްކަމުގައި ދެކެއެވެ. އެކަމަކު އެއްވެސް ނުފޫޒެއްނެތި މިނިވަން ފިކުރެއްގައި ބުއްދިކޮށްފިއްޔާ މާސިންގާ ސުވާލެއް މި ކަމުގައި ކުރިމަތިވެއެވެ. އެ ދައްތަ ބޭބެއަށް އަރާމު ދިނުމަށްޓަކައި ކައްކައިދެއެވެ. ނިދާ އެނދު އަޅައިދީ ބަލަހައްޓައެވެ. ހެދުން ރަފޫކޮށް ދޮވެ ސާފުކޮށްދެއެވެ. ބަލިވެއްޖެ ނަމަ، އެހީތެރިވެދީ ބޭނުންތައް ފުއްދައިދެއެވެ. ބޭބެއަށް އަރާމުކޮށްދޭން ދައްތަ ނުވަތަ ކޮއްކޮ ކުރާ މިފަދަ ހުރިހާކަމަކީ ވަށައިގެން ތިބޭ ތިބީންގެ ތާރީފާއި ހެޔޮ ރަނގަޅު ލިބޭ ކަންކަމެވެ. އެކަމަކު ހަމަ އެ ދައްތަ ނުވަތަ ކޮއްކޮ، ބޭބެގެ ޖިންސީ އަރާމަށްޓަކައި އޭނާގެ ހަށިގަނޑު ދިއްކޮށްލައިފިނަމަ، މުޅި ދުނިޔެ އޭނާއަށް ލައުނަތްދީ މަލާމާތްކުރަން ފަށައެވެ. ކޮންމެ ކަމަކާމެދު ގޮތް ނިންމަނީ މިނިވަން ބުއްދީންކަމުގައި ވާނަމަ ކަންތައް އޮންނަ ގޮތުން ސުވާލު އުފެދެނީއެވެ. އެ ސުވާލަކީ ބޭބެއަށް އޭނާގެ ދައްތަ ނުވަތަ ކޮއްކޮގެ ފަރާތުން އެހެން ހުރިހާ އަރާމެއް ލިބިގަނެވިފައި ޖިންސީ އަރާމު ލިބިގަތުން މަނާވަނީ ކީއްވެތޯ ކުރެވޭ ސުވާލެވެ. މި ސުވާލަކީ އާދަކާދަޔާއި އަޚުލާގު ކަނޑައަޅައިފައިވާ އިމުގެ ތެރޭގައި ވަރަށް ނުރުހެވޭ ސުވާލެކެވެ. އެކަމަކު އެއްވެސް ނުފޫޒެއް ބާރެއްނުފޯރާ ބުއްދި، އޭގެ ޖަވާބުގައި އެ ކަމަކީ އަޚުލާގީ ގޮތުން ކޮށްގެން ނުވާނޭ ކަމެކޭ ބުނުމަކުން ގަބޫލެއް ނުކުރާނެއެވެ. މިނިވަން ވިސްނުމާއި ބުއްދި، އެ ކަމުގައި އެއްވެސް ނުބައެއް ގޯހެއް އޮންނަ ކަމަކަށް އެއްބަހެއް ނުވާނެއެވެ. ދެން ވެސް ބުނެފާނެއެވެ. އެކަމުން ދަރިފަސްކޮޅު އޮޅިގެން ހިގައިދާނެތީއެވެ. އެހެން ބުނެފިނަމަ ފުރަތަމަ ޖަވާބަކަށްވާނީ ޚާއްސަކޮށް މި ޒަމާނުގައި ވިހެއުން ކޮންޓުރޯލު ކުރެވޭކަމަށްޓަކައި ތިޔައީ ސަބަބަކަށް ނުވެއޭ ބުނުމެވެ. އެއާއެކު ބުނެވޭނެ އަނެއް ވާހަކައަކީ ދަރިފަސްކޮޅު އޮޅުނިއްޔާ ވާނީ ކޮންނުބައެއްހެއްޔޭއެވެ. ވީމާ އެކަމަކީ ގޯސް ކަމެއްކަން މިނިވަން ފިކުރާއި ބުއްދީން ގަބޫލެއް ނުކުރާނެއެވެ. ބުނާނީ ތިޔައީ ދީނާއި މަޒުހަބުގެ ނުފޫޒުގައި ދައްކާވާހަކަތަކެކޭއެވެ. ވީމާ ދީނީ މަޒުހަބީ ހިލިހިލާތަކުން ހައްޔަރުނުވާ މިނިވަން ފިކުރާއި ބުއްދީގެ ނިންމުމަކަށްވާނީ ކަމެއް ނުބައި ކަމުގައި ސާބިތު ކުރެވޭނީ މިނިވަން ބުއްދީގެ ހެކިތަކާއެކުގައި ކަމަށްބުނުމެވެ.

އެއީ ވަރަށް ލަދު ހުތުރު ވިޔާނުދާ އަމަލެކޭ ބުނެވިދާނެއެވެ. ނުފޫޒެއް ނުފޯރާ މިނިވަން ބުއްދި، އޭގެ ޖަވާބު ދޭނެއެވެ. ތިޔަ ބުނާ "ލަދު ހުތުރު ވިޔާނުދާ" ތިއައީ މަޒުހަބާ ދީނާ އާދަކާދައިން އުފަންކުރުވާ ޖުމްލައެކެވެ. މިނިވަން ބުއްދި ހީފައި ބުނާނެއެވެ. އަޖައިބު ވެއްޖައީމެވެ. ނުވެސް ދެކޭ ބީރައްޓެއްސަކާ ދައްތަގެ ހަށިގަނޑު ހަވާލުކުރަނީ  އެއީ ލަދުވެތިކަމާއި މާތްކަމެވެ. ތިމާ ކުޑައިރުއްސުރެ އެކުގައި އުޅުނު ބޭބެއާއި ހަވާލުކުރުމަކީ ލަދެއްނެތް ވިޔާނުދާވުމެވެ. މި ވާހަކަ ދެކޮޅު ޖެހޭ ހެއްޔޭ މިނިވަން ބުއްދި ސުވާލުކުރާނެއެވެ. ދެން އޮތީ އިންސާނާގެ ޒަމީރު އެކަމާ ދެކޮޅުހަދައޭ ބުނުމެވެ. މިނިވަން ބުއްދި އޭގެ ޖަވާބުގައި ބުނާނީ ޒަމީރު ނުރުހެންވީ ސަބަބަކީ (ބުއްދީގެ ހެއްކަކީ) ކޮބައިހެއްޔޭއެވެ؟ ހަގީގަތަކީ މި ކަމަކީ އަންދުހު އަންޒަމާނުއްސުރެ، އެންމެންގެ މެދުގައި ނުބައިކަމެއްކަމުގައި ބެލެވެމުން އަންނަ ކަމަކަށްވުމެވެ. މިނިވަން ފިކުރާއި ބުއްދިކޮށްގެން މި ކަމަކީ އައިބުކަމަކަށް ނުފެންނާނެއެވެ. އެ ގޮތުން މި ސުވާލުގެ ޖަވާބުހޯދާން ގިޔާމަތާ ހަމައަށް މަސައްކަތް ކުރިޔަސް މައްސަލައިގެ ހައްލެއް ނުހޯދޭނެއެވެ.

މިކަހަލަ މިފަދަ އެންމެ ކަމެއް ނޫނެވެ. 

މި ޒަމާނުގައި މިނިވަން ބުއްދިން މިފަދަ އެތައްއެތައް މައްސަލަތައް ނެރެ، ސުވާލު އުފައްދައެވެ. ކުރީގައި ވެސް އުޅުނު މި ފަދަ މީހުން އެ މީހުންގެ މިނިވަން ބުއްދީން ހޯދައި ހާވައިގެން އުފައްދާ ސުވާލުތަކަށް މިނިވަން ބުއްދީގެ ޖަވާބުތައް ދިނުމުގައި އެކަހެރިވެ އެ މައްސަލަތަކުގެ އޮއިވަރުގައި ޖެހިގެންދިޔައެވެ. ޔަގީންކޮށްލާން އިސްލާމްދީނުގެ ތެރޭން އުފެދުނު ބައިތަކުންކުރެ "ބާޠިނިއްޔާ" އޭ ކިޔުނު ބައިގަނޑުގެ މައުލޫމާތު ހޯދައިލާށެވެ. އެމީހުންގެ އިސް އެކަކު ކަމުގައިވާ މަޝްހޫރު ލީޑަރ ޢުބައިދުﷲ ބުނުޙަސަން އަލް ޤިރުވާނީ ލިއުނު ފޮތް "އައްސިޔާސަތު ވަލްބަލާޣުލްއަކީދު ވަންނާމޫސުލް އަޢުޡަމް" ގައި އޮވެއެވެ. 

[މީހުން ބުއްދިވެރިންކަމުގައި ދައުވާ ކުރާއިރު މި ކަހަލަ މޮޔަކަންތައްތައް ކުރާކަމާމެދު އަޖައިބުވެ އަންތަރީސްވެވެއެވެ. އެމީހާގެ އަނބިމީހާއަށް ވުރެ މާރީތި މާފުރިހަމަ ދަރީން، ކޮއްކޮއިން، ދައްތައިން، އެ މީހާއާއެކު އުޅޭއިރު އެ ދަރި ނުވަތަ ދައްތަ/ކޮއްކޮ އެ ހަވާލުކުރަނީ ދުރު ހިލޭ މީހުނާއެވެ. މި ޖާހިލު ކަލޭގެ އޭނާގެ ބުއްދީގެ ބޭނުން ހިފާ ނަމަ، އެ ގެނެވޭ ދުރުހިލޭ މީހާއަށްވުރެ އެދަރީގެ، ނުވަތަ ދައްތަގެ، ނުވަތަ ކޮއްކޮގެ މައްޗަށް ހައްގުކަން ބޮޑީ އޭނާކަން އަމިއްލައަށް އިހުސާސް ކުރެވުނީހެވެ. ހަގީގަތުގައި މިހުރިހާ މޮޔަކަމެއްގެ ސަބަބަކީ އޭނާއަށްވުރެ ބާރުގަދަ ފަރާތަކުން އޭނާއަށް ދުނިޔޭގެ އަރާމު ޙަރާމްކުރުމެވެ.] މި އިބާރާތްތަކަށް އޭގެ ގޮތް ނެތްކަމާއި ލަދުހަޔާތެއްނެތްކަމުގެ މައްޗަށް ލައުނަތްދޭށެވެ. ހިތްފުރެންދެން ނަފުރަތުކުރާށެވެ. އެކަމަކު އެއާއެކު ފިކުރުކޮށްލާށެވެ! މިނިވަން އެއްވެސް ނުފޫޒެއް ނުފޯރާ ބުއްދިއެއްގެ ނަޒަރުން އެ ވާހަކަތަކާ އިދިކޮޅަށް ހޯދާނީ ކޮން ހެއްކެއްހެއްޔެވެ؟ ދުނިޔޭގެ ކަންކޮޅުތަކުގައި ތިބި މިނިވަން ބުއްދިވެރިން އެއްވެ، ހެނދުނާއި ހަވީރު، އެ މިނިވަންކަމުގައި ބުއްދިކުރިއަސް އެމީހުންގެ ވާހަކަތައް ދެކޮޅުޖައްސާނީ ކޮންފަދައަކުން ހެއްޔެވެ؟

ހަމަ މިފަދައިން ޒިނޭ ޙަރާމްކަން ވެސް މިނިވަން ބުއްދިން ސާބިތުކުރަން އުޅެބަލާށެވެ! އެއީވެސް ނުވާނެކަމެކެވެ. ސަބަބަކީ މިނިވަން ބުއްދީގެ ސުވާލަކަށްވާނީ އަންހެނަކާ ފިރިހެނަކާ ދެމީހުންގެ ރުހުމުގައި އެކަން ކުރުމުން އޭގެ ގެއްލުމަކީ ކޮބައިހެއްޔޭ އެހުމެވެ. ހުޅަނގުގެ ގާނޫނުތަކުގައި އެފަދަ ގުޅުން ނުވަތަ ޒިނޭއަކީ ކުށަކަށް ނުވަނީ އެހެންވެގެންނެވެ. އެ ގާނޫނުތައް ހަދާ މީހުންނަށް އެ ގޮތަށް ދެމީހުން ރުހިގެން ގުޅުން ބޭއްވުމުގައި އެއްވެސް ގެއްލުމެއް ނުފެންނާތީއެވެ. ދެ ފިރިހެނުން ވެސް ރުހިއްޖިއްޔާ ޖިންސީ ގުޅުން ހިންގުން ހުއްދަކުރާ ގާނޫނު އިނގިރޭސީންގެ ގާނޫނު ހަދާ މަޖިލީހުން ފާސް ކޮށްފައި، އެންމެންހެން އަތްތިލަބަޑިޖަހައި ތަރުހީބުދީ އުފާކުރީ ދާދި އިހަކަށްދުވަހުއެވެ. އެކަން އެގޮތަށް ފާސްވީ ވެސް އެ މީހުންގެ މިނިވަން ބުއްދިއަށް އެކަމަކީ އެއްވެސް ނުބައެއް އޭގައިވާ ކަމެއް ކަމުގައި ނުފެނިގެންނެވެ.

މިއީ އަޖައިބުވާވަރުގެ ކަމެއް ނޫނެވެ.

އިންސާނީ ވިސްނުމާއި ބުއްދީން ހަދާ ގާނޫނުތަކަށް ލާޒިމުވާ އެއްސިފައަކީ އެ ގާނޫނުތަކުން އިންސާނުން ތަރުބިއްޔަތުކުރެވި އަމާންކަމާއި ހަމަޖެހުން ލިބިދިނުމުގައި އަބަދުވެސް ފޭލުވުމެވެ. އަދި އޭގެ ސަބަބުން ބުއްދީގެ އަގު ވެއްޓި ދެކޮޅުނުޖެހޭކަން އިހުސާސުވަމުން ދިޔުމެވެ. އެ ވާ ގޮތަކީ ހަމައެކަނި ބުއްދީގެ އެހީގައި ގާނޫނު ހަދާއިރު، ހަމަ ކޮންމެ މީހެއްގައި ތަފާތު ބުއްދިއެއް އޮންނަކަމެވެ. އިއްޔެ ބަޔަކަށް އެއްބަސްވެވި ހެދުނު ގާނޫނުތައް މިއަދުގެ ބުއްދިތަކަށް ކަމުނުދަނީ އެހެންވެއެވެ. އެއް ދުވަސްވަރެއްގައި ބުއްދިކުރެވޭ ގޮތަށް އަނެއްބައި ދުވަހު ބުއްދިކުރެވޭ ގޮތްނުވާތީއެވެ. އެހެނީ އިންސާނުންގެ ބުއްދީގައި އެކައްޗެއް ކިޔައި އެއްބަސްވެވޭ ފަދަ ފެންވަރެއްނުހުރެއެވެ. އެހެން ނޫން ނަމަ، ބުއްދީގެ ބޭނުން އެކަނިކޮށްގެން (މިނިވަން ބުއްދިއަކުން) ރަނގަޅު ގާނޫނުތަކެއް ހެދުނީހެވެ.

ކޮންމެއަކަސް ދާދިފަހުގެ ގާނޫނީ މާހިރުން ވެސް ބުއްދިއާއި ވިސްނުމާއި ފިކުރުގެ މޮޅުކަމުގެ ވާހަކަދެއްކުމާއެކު އެތަކެއް އަހަރު ބަހުސްކޮށް ޖަލްސާކޮށް ދިރާސާތައް ކުރިއެވެ. ދެން ވެސް ބުނާންޖެހުނީ ގާނޫނު ހެދުމުގައި ދިމާވާ މައިގަނޑު މައްސަލާ އަހަރުމެންނަށް އަދިވެސް ހައްލުނުކުރެވޭ ވާހަކައެވެ. ގާނޫނުގައި ރަނގަޅާއި ނުބައި ކަނޑައަޅައި ނިންމާންވީ ކޮން ހިސާބަކުންކަން ނޭނގޭ ވާހަކައެވެ. މި ފަހުގެ އެންމެ މަޝްހޫރު ގާނޫނީ މާހިރުންގެ ތެރޭގައި ހިމަނައިލެވުނު އެކަކު ކަމުގައިވާ ޖޯޖް ވިޓީރޮސް ޕޭޓަން މި މައުލޫގައި ލިއުނު އޭނާގެ ފޮތް [އުސޫލު ގާނޫނު] ގައި އޮވެއެވެ. [ނަމޫނާ ގާނޫނެއްގައި ރައްކާތެރިވާންޖެހޭ ފައިދާތަކަކީ ކޮބައިހެއްޔެވެ؟ މިއީ މުޅި އެތި ގަބޫލުކުރުމުގެ ސުވާލެކެވެ. އޭގައި ގާނޫނުގެ ފަލްސަފާ އޭގެ ގޮތުގައި އޮންނާންޖެހެއެވެ. މައިގަނޑު ގޮތެއްގައި މި މައްސަލަ ނުކުންނަނީ ގުދުރަތީ ގާނޫނުގެ ސަބަބުންނެވެ. އެކަމަކު އެސުވާލުގެ ޖަވާބު، އަހަރެމެން ފަލްސަފާގެ ތެރޭން ހޯދާން ބަލާއިރު، މިހައި ފަލްސަފާއަކަށް އޭގެ ޖަވާބެއް ނުދެވެއެވެ. (އަދި މިހައި ވަރަކުން ނުވެއެވެ.) އެހެނީ މިހައިތަނަށް ވެސް އެ އެތި ގަބޫލުކުރެވެނީ ކިހައި ހިސާބަކުންތޯ ކަނޑައެއްނޭޅެއެވެ. އެހެން ވާގޮތަކީ އެދިމާއަށް ގޮސް އެކަން ކުރެވޭން އޮތީ ހަމައެކަނި މަޒުހަބުތަކުގެ ތެރޭންނެވެ. އެކަމަކު މަޒުހަބުގެ ހައްގުތައް ގަބޫލުކުރެވޭނީ އަޤީދާއިންނެވެ. ނުވަތަ އެ ވާގޮތް އޮޅުންފިލައިގެންނެވެ. ހަމައެކަނި ދައްކާ ވާހަކަތަކުން ލިބޭ ހެކިތަކަކުންނޫނެވެ.]   ހަމަ މި މޭރުމުން އޭނާ އިތުރަށް ލިޔެފައި ހުރި ބައެއްވާހަކަތަކާމެދު ވަރަށް ތަފާތު ރައްދުތަކާއި ވާހަކަތައް އެކިފެންވަރުގެ ގާނޫނީ މީހުން ދެމުން ލިޔަމުންގެނެއެވެ." ޖޯޖު ޕޭޓަން ލިޔެފައި އޮވެއެވެ.      

ގާނޫނުގެ ބޭނުމަކަށް ވާނީ ކޮންކަމެއްހެއްޔެވެ؟ މި ސުވާލުގެ ޖަވާބު ކިތަކަށް މީހުން ދީފައިވާނޭހެއްޔެވެ! އެ ފަދަ ކޮންމެ މީހަކު ލިޔެފައިވަނީ ގާނޫނު އޮންނަންވީ މިވެނިހެންވެގެންނޭ ބުނަމުންނެވެ. މިނިވަން ފިކުރާއި މިނިވަން ބުއްދިއަށް ކަންކަން ފެންނަލެއް ތަފާތުކަން މިލިޔުންތަކުން އެނގެއެވެ.

"ދި އޮތޮޑޮކްސް ނެޗުރަލް ލޯ ތިއަރީ ބޭސްޑް .........." 

[އެންމެ ގަބޫލުކުރެވޭ އާންމު ގާނޫނުތަކުގެ މައިގަނޑެއްކަމުގައި ވަނީ މަޒުހަބު ނުވަތަ ދީނުގެ ތެރޭން ލިބިފައި ހުންނަ ހައްގުތަކެވެ. އަހަރެމެން ގާނޫނުގެ މި އުސޫލު ދީނާ ވަކިކޮށްލައިފިއްޔާ އެއްބަސްވެވޭނެ ގޮތްތަކެއް (ގާނޫނެއް) ހޯދާނީ ކޮންތާކުންހެއްޔެވެ؟]

މާނައަކީ ﷲ ގެ ވަޙީ މުޅިން އެއްފަރާތްކޮށްލައި، ވިސްނުމާއި ފިކުރު މިނިވަންކޮށް،  ދޫކޮށްލެވިއްޖެނަމަ، ހެޔޮނުބައި ވަކިކުރެވޭނެ ބިންގަލެއް ނޯންނާނެކަމެވެ. އިންސާނާއަށް މަގުފުރެދުމާއި ބުއްދިނުކުރެވުމުގެ ފުންވަޅުގަނޑުތަކަށް ވެއްޓޭންޖެހޭނެކަމެވެ. އެއިން ވަޅުގަނޑެއްގައި ސަލާމަތާއި ތެދުމަގުގެ ކުޑަވެސް އުއްމީދެއްނުވާނެއެވެ. ސަބަބަކީ ވަޙީގެ އެހީއާ ނުލައި، އިންސާނާ އޭނާގެ ބުއްދީން ބޭނުންކުރުމަކީ މިނިވަންކަމާއެކު ނުފޫޒެއްނެތި ޚިޔާލާއި ފިކުރުކުރެވެނީ ކަމުގައި ގަބޫލުކުރިއަސް، ހަގީގަތުގައި އެހެން އެކަން ވުމުން އިންސާނާއަށް އެ ވެވެނީ އޭނާގެ ނަފުސުގެ އެދުންތަކުގެ އަޅަކަށެވެ. އެއީ ބުއްދި އަޅުވެތި ކުރެވުމުގެ މާ ނުބައި ގޮތެކެވެ. ކޮންމެކަމެއްގައި މިނިވަން ސިކުނޑިއަކުން ވިސްނުމުގެ މޮޅުވާހަކަ ދައްކައި، އެ ގޮތް ގަބޫލުކުރާ މީހާއަކީ ހަގީގަތުގައި އިންތިހާ ދަރަޖައިގެ އަމިއްލަ ނަފްސުގެ އަޅަކަށްވެފައި ހުންނަ މީހެކެވެ. އެ ފަދަ މީހުންނާ އަޅައިބަލާއިރު، ބޮޑަށް ހަގީގަތާ އެއް ގޮތަށް ވިސްނައި ހިތްވަރުލެވޭ މީހުންނަކީ، އަހަރެމެންގެ ސިކުނޑި މިނިވަނެއްނޫނޭ، އެ ސިކުނޑިއަކީ އެދުންތަކާއި ނަފުސުގެ އަޅެކޭ  ބުނާމީހުންނެވެ.

ގާނޫނީ ފަލްސަފާއާއި ބެހޭގޮތުން ވާހަކަދައްކާ  މި ޒަމާނުގެ [ބުއްދިވެރިން]ގެ ވާހަކަތައް މަޝްހޫރުވެފައިވަނީ [ނޮން ކޮގްނިވިސްޓް ތިއަރީ] (Non cognitivist theory) ގެ ނަމުންނެވެ. މިކަމުގެ އެއްމެ އިސް އެކަކުކަމުގައިވާ ޑަކުޓަރ ފްރެޑް ގެ ބަހުން މި ފަލްސަފާގެ ޚުލާސާ އޭނާ ލިޔަނީ މިހެންނެވެ. Reason is and ought only to ……………  

 [ބުއްދިއަކީ ހަގީގަތުގައި އިންސާނީ ޖަޒުބާތުގެ އަޅެކެވެ. އެ ވާންވާނީ ވެސް ހަމައެކަނި އެ ޖަޒުބާތުގެ އަޅަކަށެވެ. އޭގެ މަސައްކަތަކީ އެ ޖަޒުބާތަށް ކިޔަމަންވެ ހޭހަންކުރުން ނޫން އެހެންކަމަކަށް ވެގެންވެސް ނުވާނެއެވެ.]  އެ ފަލްސަފާގެ ނަތީޖާ ބަޔާންކުރަމުން އެ ޑަކުޓަރު ލިޔެއެވެ. [އަދި އޭގެ އިތުރަށް އެހެން ކޮންމެ އެއްޗެއް، – މިސާލަކަށް: އާދައިގެ ނިންމުމެއް، ލަދުވެތިކަމާއި ޖެހިލުންވުން، މޯޅިއަށް ދެމުން، ރަނގަޅު ނުބައި ނުވަތަ މިވެނިކަމެއް ވާންވާނެ، މިވެނިކަމެއް މިހެން ވާނެ ފަދަ ޖުމުލަތަކަކީ ވެސް އިންސާނާގެ އެދުމާއި ޖަޒުބާތުގެ އުފެއްދުންތަކެވެ. އިލްމާއި އަޚުލާގުގެ ކަންފުޅެއް ވެސް އެއަކާ އެކުލެވިފައެއް ނުވެއެވެ.] (ފްރެޑްމަން: ލީގަލް ތިއަރީ، ލަންޑަން 1967)

މި ބަހުސް އިހަށް ބާއްވައިލައިފައި އެ މީހުންގެ މި ވާހަކަތަކުގެ ރަނގަޅު-ނުބައި ބަލައިލާއިރު އެ ވާހަކަތަކަކީ މުޅިންމެ ތެދު ވާހަކައެވެ. އެހެނީ ހެއްދެވި ފަރާތުގެ ބަސްފުޅުތަކާ ދުރަށްޖެހި، އޭގެ ނުފޫޒާއި ވަކިވެއްޖެ ނަމަ، ބުއްދިއެއް ފިކުރެއް އަޚުލާގެއް ބޭނުމެއްނުވާނެއެވެ. އެއެއް ނޯންނާނެއެވެ. އެ ހިސާބުން އިންސާނާގެ ހުރިހާކަމަކަށް (އޭނާގެ އަމަލުތަކާއި ގޮތްތަކަށް) ބާރުފޯރުވާނީ އޭނާގެ ޖަޒުބާތާއި އެދުންތަކެވެ. އެ އެދުންތަކާއި ޖަޒުބާތުތައް އޭނާ ގެންދާ ކޮންމެތާކަށް އޭނާ ދާންޖެހެއެވެ. ދާނެއެވެ. އެއިން ކަމެއް އޭނާގެ ވިސްނުމާއި ފިކުރާ ފުށުއެރިއަސް އޭނާގައި އޭނާގެ އެދުންތައް ދުރުކޮށްލާނެ ކަނޑައެޅިފައިވާ ބިންގަލެއް، އިމެއް، ނޯންނާނެއެވެ. އިނގިރޭސި ވިލާތުގައި އެއްޖިންސުން ކައިވެނިކުރާން ހުއްދަކޮށްފައިވަނީ މިހާލަތުގައެވެ. ބައެއް [ބުއްދިވެރިން]ނަކަށް އެ ކަމަކާ ނުރުހެވެއެވެ. އަދި އެކަން ހުއްދަކޮށް ހަމަޖައްސާ މީހުންނަކީ ވެސް އެކަމާ ހިތްހަމަޖެހޭ ބަޔެއްނޫނެވެ. އެހެނެއްކަމަކު އެދުންތަކުގެ އަޅަކަށްވުމާއެކު ބުއްދިއަކަށް އެ ފަދަ ކަމެއް ނުކޮށް ދޫކޮށްލެވޭ ގޮތެއް ނޯވެއެވެ. އެމައްސަލާގައި އެ ކަމާ މެދު ވިސްނާން (ވުލްފެންޑަން ކޮމިޓީ އޭކިޔާ) ބަޔަކު ހަމަޖެހުނެވެ. މަޖިލީހުގައި އެ ކަން ފާސްވެގެން ދިޔައީ އެ ކޮމިޓީގެ ލަފައާ އެއް ގޮތަށެވެ. އެ ކޮމިޓީގެ ރިޕޯޓުގެ މި އިބާރާތްތައް ވަރަށް އިބުރަތްތެރިއެވެ.

[ޤާނޫނެއްގެ ހިޔަލުގައި އެކުއުޅޭ ބަޔަކު ދިރިއުޅުމުގައި ޤާނޫނާ ޚިލާފުވުމާއި ދީނާޚިލާފުވުމުގެ ކުށް ދެކެ ގަންނަ ބިރު، އެއްވަރު ނުވާހާ ހިނދަކު، އެ ބަޔެއްގެ ތެރޭގައި ނުފޫޒު ގަދަވާނީ އަމިއްލަ އެދުމާއި ބަދު އަޚުލާގީ ކަންތައްތަކެވެ. އެއީ ސާފުކޮށް ބުނާނަމަ ގާނޫނުތަކުގެ ބޭރުންނެވެ.]

އެކަމަކު ޤުރުއާން އިންސާނާ ބޭނުންހާ ގޮތަކަށް ހިތަށްއަރާހާ ކަމެއް ކުރާކަށް ޖާގައެއްނުދެއެވެ. އެ މާތް ފޮތުން ދައްކައިދެނީ ސާފުސީދާ ތެދުމަގުގެ އިމެވެ. އޭގައި ފައުޅުކޮށް ބަޔާންކޮށްދީފައި ވަނީ އިންސާނާގައި ރަނގަޅާއި ނުބައި އެކުލެވިފައިވާކަމެވެ. އެ އިންސާނާ އެ ނުބައި ކަންތައްތަކުގެ ތެރޭގައި އެކަނި ދޫކޮށެއްނުލެވެއެވެ. އެ މާތް ފޮތް ބުނެދޭ ގޮތުގައި ވަޙީގެ އަލީގައި ބަލާއިރު، މިނިވަން ބުއްދީގެ ނަމަކީ އަމިއްލައެދުންތަކެވެ.

މިކަމާ ގުޅޭ ބައެއް ފިލާވަޅު ކިޔައިލަމާ ހިންގަވާށެވެ!

]حق قرآن އެއުރެންގެ އެދުންތަކަށް تبعވީނަމަ، އުޑުތަކާއި، ބިމާއި، އެތާނގައިވާހާ ބަޔަކު ފާސިދުވެ، ނުބައިވެގެން ހިނގައްޖައީހެވެ.[ (سورة المؤمنون:71)

[ފަހެ، އެމީހެއްގެ ވެރިރަސްކަލާނގެ حضرةން އައި ސާފު ހެތްކެއްގެ މަތީގައިވާ މީހަކު، އެމީހެއްގެ ނުބައި عمل އެމީހަކަށް زينةތެރިކުރައްވައިފައިވާ މީހަކާއި، އެއުރެންގެ هوى نفسގެ އެދުންތަކަށް تبعވެގެންވާ މީހުންނާ އެއްފަދަވެގެން ވޭހެއްޔެވެ؟] (سورة محمد: 14)

[އަދި ތިމަންރަސްކަލާނގެ ހަނދުމަކުރުމުން، އެމީހެއްގެ ހިތް غافلކުރައްވައި، އަދި އެމީހެއްގެ އަމިއްލަ އެދުމަށް تبعވެ، އަދި އެމީހެއްގެ ކަންތައް (ނުބައިކަމުގައި)  ހައްދުފަހަނަޅައިފައިވާ މީހަކަށް، ކަލޭގެފާނު ކިޔަމަންވެ ވަޑައިނުގަންނަވާށެވެ!] (سورة الكهف: 28)

[ފަހެ، އެދުވަހަށް إيمان ނުވެ، އޭނާގެ هوى نفسއަށް تبعވެއްޖެމީހާ، ހަމަކަށަވަރުން، އެކަމުން (އެބަހީ: قيامةދުވަސް ހަނދުމަކުރެއްވުމުން) ކަލޭގެފާނު ދުރުކުރިޔަ ނުދޭހުށިކަމެވެ! އޭރުން ކަލޭގެފާނު ހަލާކުވެދާ ހުއްޓެވެ.] (سورة طه:16)

[ހަމަކަށަވަރުން، އެއުރެން އެ تبعވަނީ، ހަމައެކަނި އެއުރެންގެ (ނުބައި) އެދުންތަކަށެވެ. އަދި اللَّهގެ حضرةން ތެދުމަގަކާނުލައި، އެމީހެއްގެ އަމިއްލަ އެދުމަށް تبعވީ މީހަކަށްވުރެ މަގުފުރެދުންބޮޑީ ކާކުހެއްޔެވެ؟ ހަމަކަށަވަރުން، އަނިޔާވެރި ބަޔަކަށް اللَّه ތެދުމަގެއް ނުދައްކަވާނެތެވެ.] (سورة القصص:50)

[އެކަމަށްޓަކައި (ބައިބައިވުމުން ދުރުހެލިވެ، އެންމެން އެކަތިގަނޑަކަށްވުމަށް) ފަހެ، ކަލޭގެފާނު ގޮވައިލައްވާށެވެ! އަދި ކަލޭގެފާނަށް أمرކުރެއްވި ފަދައިން ސީދާވެވަޑައިގަންނަވާށެވެ! އެއުރެން އެދޭ باطلގޮތްތަކަށް ކަލޭގެފާނު تبعވެވަޑައިނުގަންނަވާށެވެ! އަދި ކަލޭގެފާނު ވިދާޅުވާށެވެ! اللَّه ބާވައިލެއްވި ކޮންމެ ފޮތަކަށް އަހުރެން إيمانވެއްޖައީމެވެ. އަދި އަހުރެންނަށް أمرކުރައްވާފައިވަނީ، ތިޔަބައިމީހުންގެ މެދުގައި عدلވެރިގޮތުގައި ކަންތައްކުރުމަށެވެ. اللَّهއީ، އަޅަމެންގެ ވެރިރަސްކަލާނގެއެވެ. އަދި ތިޔަބައިމީހުންގެވެސް ވެރިރަސްކަލާނގެއެވެ. ތިމަންމެންނަށް ތިމަންމެންގެ عملތަކެވެ. އަދި ތިޔަބައިމީހުންނަށް ތިޔަބައިމީހުންގެ عملތަކެވެ. ތިޔަބައިމީހުންނާ އަހުރެމެންނާދެމެދު ޖަދަލުކޮށް ޒުވާބުކުރުމެއްނެތެވެ. اللَّه، އަހުރެމެން އެންމެން (قيامةދުވަހުގައި) އެއްކުރައްވާނެތެވެ. އަދި އެނބުރިދިއުންވަނީ، އެކަލާނގެ حضرةއަށެވެ.] (سورة الشّورى:15)       

[...... ފަހެ، ތިޔަބައިމީހުންގެ نفسތައް ނޭދޭ ކަމަކާއިގެން ތިޔަބައިމީހުންގެ ގާތަށް رسولއަކު ވަޑައިގެންފި ކޮންމެ ހިނދެއްގައި (އެކަމަށް އިޖާބަނުދީ) ތިޔަބައިމީހުން ބޮޑާވެގަންނަނީ ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން އޭގެ ބަޔެއް رسولން ދޮގުކުޅައީމުއެވެ. އަނެއްބައި رسولން قتلކުޅައީމުއެވެ.] ( سورة البقرة:87)   

ޚުލާސާއަކީ މިއެވެ. އިސްލާމްގެ މައިގަނޑު ބިންގަލަކީ އަމިއްލަނަފްސުގެ އަޅެއްކަމުގައިވާ ބުއްދިއެއް ނޫނެވެ. އަދި އެއީ ﷲ ދެއްވި ތެދުމަގުން އެއްކިބާނުވެ، ތިމާއަށް އޮތް އިމުގައި ސާބިތުވެގެންވާ ބުއްދިއެވެ. ސަލާމަތް ބުއްދިއަކީ މިއީއެވެ. (ހަގީގަތުގައި [މިނިވަން ފިކުރު]ގެ ނަމުގައި މި ބޭނުންކުރާ ފިކުރަކީ ހަވާ ނަފުސަށް އަޅުވެތިވެފައިވާ އެއްވެސް މިނިވަންކަމެއް ނެތް ތާކުންތާކު ނުޖެހޭ ފިކުރެވެ. އެއީ އެ ފިކުރެއްގެ ސަބަބުން ދުނިޔެއާއި އާޚިރަތުގައި ވެސް ކާމިޔާބެއް ނެތް، އަދި އެ މީހެއްގެ އަމިއްލަ ނަފުސު ގެއްލުމާއި ހަލާކުގެ ތެރެއަށް ގެންދާ، އެއްވެސް ހަރުދަނާ ކަމެއް ނެތް ދޯދިޔާ ފިކުރެވެ. [މިނިވަން] ފިކުރޭ ކިޔަސް ހަގީގަތުގައި އަޅުވެތި ފިކުރަކީ އެއީ އެވެ. އެއީ ހަވާ ނަފުސުގެ އެދުންތަކަށް އަޅުވެތިވެފައިވާ ނަޖިސް ފިކުރެކެވެ.) * 

__________________________

www.fanvai.info