އަދުގެ ޚާއްސަ

Print

ދިވެހި އަދަބުގައި ތަމްސީލު (3) (1945 - 2003މ.)

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ދިވެހި

މުޙަންމަދު ޝާހިދު ޙަލީމު

(19 މެއި 2020 ގައި ޝާއިއުކުރި ބައާ ގުޅޭ)

ދިވެހި އަދަބުގެ މި ޒަމާނުގެ ފެށުމަކީ މުޙަންމަދު އަމީން ހިންގަވަން ފެއްޓެވި އަދަބީ ޙަރަކާތްތަކެވެ. (1) މި ދައުރުގައި އިތުރުވެގެން ދިޔަ އަދަބީ ޙަރަކާތްތަކާ އެކު، ދިވެހި ލިއުންތެރިކަމަށް އަދަބީ ހައިސިއްޔަތު ލިބިގެން ދިއައެވެ. ކުރިން ދިވެހި އަދަބުން ފެންނަން ނެތް ބާވަތްތައް ދިވެހި އަދަބަށް އިތުރުވެގެން ދިއައެވެ. އޭގެ ތެރޭގައި ކުރުވާހަކައާއި ތަމްސީލު (2)ފަދަ ބާވަތްތައް ހިމެނެއެވެ.

ދިވެހި އަދަބު ގައި އެންމެ ފުރަތަމަ ލިއެވުނު ކުރުވާހަކައަކާ މެދުގައި ވެސް ލިއުންތެރީންގެ މެދުގައި ޚިޔާލު ތަފާތެވެ. ބައެއް ލިއުންތެރީން (މިސާލަކަށް: މުޙަންމަދު ޖަމީލު(3)) ލިއުއްވައިފައި ވާ ގޮތުގައި ދިވެހި ބަހުން ކުރުވާހަކަ ނުވަތަ ކުދި ވާހަކަ ލިއުމުގެ ބިންގާ އެޅުއްވީ ޙުސައިން ޞަލާޙުއްދީނެވެ.(4) އެއީ އޭނާ 1358ހ. (1939-1940މ.) ގައި ލިއުއްވައި، 1375ހ. (1955/1956މ.) ގައި ޗާޕުވެގެން ނުކުތް "ކުދި އަށާވީސް ވާހަކަ" މި ފޮތުންނެވެ. އަދި އޭނާ ލިއުއްވައިފައިވާ "ދިވެހީންގެ ކުދި ވާހަކަ"(5)އިންނެވެ. ޙުސައިން ޞަލާޙުއްދީން "ދިވެހީންގެ ވާހަކަ"އިގައި އެންމެ ފަހުން ލިއުއްވައިފައި ވާ ވާހަކަ ލިއުއްވައި ނިންމަވައިފައި ޖައްސަވައިފައި ވާ ތާރީޚަކީ 2 ޛިލްޙިއްޖާ 1363 (18 ނޮވެންބަރު 1944)އެވެ. ބައެއް ލިއުންތެރީން (މިސާލަކަށް: މުޙަންމަދު ވަޙީދު ނަދުވީ(6)) ލިއުއްވައިފައި ވާ ގޮތުގައި، ދިވެހި އަދަބުގައި ލިއެވުނު ފުރަތަމަ ކުރުވާހަކައެއް ކަމަށް ބެލެވެނީ މަލިމް މޫސާ މާފަތް ކަލޭގެފާނު(7) ލިއުއްވައި، 1947 (1366ހ.) ގައި ޝާއިޢުކުރެވިފައި ވާ "ހާޖަރާގެ ހިތާމަ"އެވެ. ދިވެހި ބަހުން ލިއެވިފައި އޮތް އެންމެ ފުރަތަމަ ކުރު ވާހަކައަކައަކީ ކޮބައިތޯ ބަލާއިރު، މުޙަންމަދު ފަރީދު ދީދީ(8) 1934މ. ގައި ލިއުއްވައި، 1935 ގައި ޗާޕުކުރެވިފައި އޮތް "ޑޮރޮޗީއޭ ކިއުނު އަންހެން ކުއްޖެއްގެ އުފާވެރިކަން" ކިއާ ވާހަކަ ވެސް ފެންނާން އޮވެއެވެ.

ބައެއް މުޙައްލިލުން ބުރަވާ ގޮތުގައި "ކުދި އަށާވީސް ވާހަކަ"އިގެ ވާހަކަތަކަކީ ބޭރު ބަހަކުން ކޮށްފައި ވާ ތަރުޖަމާއެކެވެ. އެ ގޮތަށް ބުރަވަނީ އެ ވާހަކަތަކަކީ ދުނިޔޭގެ އެކި ގައުމުގައި މާޒީގައި އުޅެފައި ވާ އެކިއެކި ރަސްރަސްކަލުންނާ ނުވަތަ ހިނގައިފައިވާ އެކިއެކި ހާދިސާއާ ގުޅުވައިފައި ވާ އެއިން އިބުރަތް ލިބިދޭ "ވާހަކަ" ކަމަށް ވާތީއެވެ. އަދި އޭގެ ބައެއް ވާހަކައާއި، "ދިވެހީންގެ ވާހަކަ" އަކީ، ތަޙްލީލީ ނަޒަރަކުން ބަލާ އިރު، ވާހަކައިގެ އާންމު މާނައިގައި ވާހަކައަށް ވިއަސް، ފަންނީ ގޮތުން ކުރުވާހަކައަކަށް ނުވެއެވެ. އެ ވާހަކަތަކަށް ބަލާ އިރު، އެއީ ވާހަކަ އެއިން އުފެދޭ ޕްލޮޓާއި، ކަރެކްޓަރުންނާއި، ވަގުތާއި ތަނަށް ސަމާލުކަން ދީގެން އެއް އަސަރެއް ލިއްބައިދޭ ގޮތަށް ލިއެފައި ވާ ކުރުވާހަކައެއް ނޫނެވެ. "ޑޮރޮޗީއޭ ކިއުނު އަންހެން ކުއްޖެއްގެ އުފާވެރިކަން" ކިއާ ވާހަކައާ މެދު ވެސް ބައެއް މުހައްލިލުން ދެކެނީ އެ ވާހަކައިގެ ނަމާއި އެ ވާހަކައިން ދޭހަވާ ގޮތުގައި އެ ވާހަކައަކީ އިނގިރޭސި ބަހުން އޮތް ވާހަކައެއްގެ ތަރުޖަމާއެއް ކަމުގައެވެ.

ދިވެހި އަދަބު ކުރިއެރުވުމަށް ރަސްމީ ގޮތުން ދެވެމުން އައި ސަމާލުކަން، މުޙަންމަދު އަމީނުގެ ދައުރު ނިމުމުން ފަނޑުވިއެވެ. މި ކަމުގެ ސަބަބުން ދިވެހި އަދަބަށް ހީނަރުކަމެއް ލިބުނަސް އަމިއްލަ ފަރުދުން އަދަބީ މަސައްކަތްތައް ކުރަމުން ގެނައެވެ.

ދިވެހި އަދަބު އަލުން ދިރުނީ މައުމޫން ޢަބްދުލްޤައްޔޫމުގެ ދައުރު ފެށުމުންނެވެ. 1978 ގައި މައުމޫން ޢަބްދުލްޤައްޔޫމު ރާއްޖޭގެ ވެރިކަމާ ޙަވާލުވެވަޑައިގަތުމާ އެކު، ދިވެހި އަދަބު ކުރިއެރުވުމަށް ރަސްމީ ގޮތުން ވަރަށް ބޮޑު ސަމާލުކަމެއް ދެއްވިއެވެ. ދިވެހި އަދަބު ކުރިއަރުވާނެ ރަސްމީ އިދާރާއެއް 1979މ. ގައި އުފެއްދެވިއެވެ. އެއީ ދިވެހި ބަހާއި އަދަބަށް ޚިދްމަތް ކުރާ މަޖްލިސް އެވެ. މި މަޖިލީހުގެ ހަރަކާތްތައް ފެށި، އެކިއެކި އަދަބީ މުބާރާތްތައް ބާއްވަން ފެށުމުން ދިވެހި އަދަބަށް ލިބިފައި ވާ ހީނަރުކަން ފިލައި، އަދަބު އިތުރަށް ކުރިއަރަން ފެށިއެވެ. އަދި އަދަބުގެ އުނިވެފައި ވާ ބާވަތްތައް ވެސް އިތުރުވަމުން އައެވެ.

މިހާރު ދިވެހި އަދަބުން ވަޒަންބަހުރުވައިގެ ތެރެއިން ޅެމާއި، ލަވައާއި، މަދުން ނަމަވެސް ރައިވަރު ފަދަ ބާވަތްތަކައި، ނަސްރުގެ ތެރެއިން ދިގު ވާހަކައާއި، ކުރު ވާހަކައާއި، މަޒުމޫނާއި، ތަމްސީލު ފަދަ ބާވަތްތައް ފެނެއެވެ. ނަމަވެސް އަދަބީ ފާޑުކިއުމުގެ ރޮނގަކީ އަދިވެސް ދިވެހި އަދަބުގައި އާންމު ބައެއް ނޫނެވެ. ކުޑަކުދީންގެ އަދަބު ވެސް ދިވެހި އަދަބުގެ ތެރެއަށް ވަނީ ވަރަށް ފަހުންނެވެ.

3- ދިވެހި އަދަބުގައި ތަމްސީލު

"މީހުން ނަކަލުކުރުމަކީ އިންސާނީ ޠަބީޢަތުގައި ވާ ކަމެކެވެ. މިއީ ޅަ އިރުއްސުރެން މީހުންގެ ގައިގައި ހުންނަ ކަމެކެވެ. މި ކަން ތަރައްޤީވުމުން އޭގެ ނަމަކީ ޑްރާމާއެވެ."(9) އާދޭހެވެ! މި ފަންނުގެ މާހިރުންގެ ނަޒަރުގައި ތަމްސީލަކީ އިންސާނުން ދުނިޔޭގައި އުޅެން ފެށީއްސުރެން އެ މީހުންގެ މެދުގައި އޮތް އެއްޗެކެވެ. ނަމަވެސް އެއީ އޭގެ ސާދާ ގޮތުގައެވެ.

ތަމްސީލަކީ ވެސް ވާހަކައެކޭ އެއްފަދައިން އިންސާނީ ޙަޔާތުން ހުށައަޅައިދޭ ހާދިސާތަކެކެވެ. ވާހަކައާ ތަމްސީލުގެ ތަފާތަކީ ތަމްސީލަކީ އިސްޓޭޖެއްގައި ކުޅެގެން ދައްކާ އެއްޗަކަށް ވާ ކަމެވެ. ތަމްސީލުގެ ތެރޭގައި ހަމައެކަނި ކިއުމުގެ ބޭނުމަށް ލިއެވޭ އަދަބީ ތަމްސީލު ހުރި ނަމަވެސް ތަމްސީލަކީ ޙަޤީޤަތުގައި ކުޅުމަށް ޓަކައި ލިއާ އެއްޗެކެވެ. އެހެންކަމުން ތަމްސީލެއްގެ މަޤުޞަދު ޙާޞިލުވާނީ އެ ތަމްސީލެއް އިސްޓޭޖުގައި ކުޅެވުމުންނެވެ. އެހެނީ ތަމްސީލުގެ އަސަރު ބެލުންތެރީންނަށް ރައްދުކުރެވޭނީ މުމައްސިލުންގެ ހަރަކާތާއި ޑައިލޯގުންނެވެ. ތަމްސީލެއް ލިއެފައި އޮންނަ އިރު އެއިން ހާމަނުވާ ކިތަންމެ އަސަރެއް ތަމްސީލު ކުޅުމުން ހާމަވެއެވެ.

ދިވެހި އަދަބުގައި އިސްކިރިޕްޓު ލިއެވިގެން، ފަންނީ ގޮތެއްގައި ތަމްސީލު ކުޅެވުނީ ހިޖުރައިން 1300 ގެ ދެ ވަނަ ފަންސާހުގެ (މީލާދީ ގޮތުން 1900ގެ ފުރަތަމަ ފަންސާހުގެ) އަހަރުތަކުގެ ތެރޭގައެވެ. އެއީ މުޙަންމަދު އަމީން ދިވެހި ދައުލަތް ހިންގެވި ދުވަސްވަރު އެ ކިލެގެފާނު ދިވެހި އަދަބަށް ކުރެއްވި ޚިދުމަތްތަކުގެ ތެރެއިންނެވެ. އެ ދުވަސްވަރު ދައުލަތް ހިންގެވުމުގެ އިތުރަށް ވަޒީރުލްމަޢާރިފު ކަން ކުރެއްވީ ވެސް އެ ކިލެގެފާނެވެ. މުޙަންމަދު އަމީން ތަމްސީލު ލިއުއްވަން ފެއްޓެވީ މަދަރުސާ ކުދީން ކުޅުމަށެވެ. އޭރު އެ ތަމްސީލުތަކުގެ މަޤްޞަދަކީ ޤައުމީ ހޭލުންތެރިކަން އުފެއްދުމެވެ.

ދިވެހިރާއްޖޭގައި ފުރަތަމަ ކުޅެވުނު ތަމްސީލަކީ "ފުރިފައި ހުރި އެއްޗެއް ގުޑުގުޑެއް ނާޅާނެ" ކަމުގައި ބައެއް ލިއުންތަކުގައި ލިއެވިފައި ހުރެއެވެ. ނަމަވެސް "ފުރިފައި ހުރި އެއްޗެއް ގުޑުގުޑެއް ނާޅާނެ"އަކީ ދިވެހި ތާރީޚުގައި ކުޅެވުނު ދެ ވަނަ ތަމްސީލެވެ.(10)

ދިވެހި ރާއްޖޭގައި އިސްކިރިޕްޓު ލިއެވިގެން އެންމެ ފުރަތަމަ ކުޅެވުނީ "އަބަދަށް ފެހި އޯކިޑު މަލެއްގެ މަންޒަރެއް"(11) (12) ކިއާ ތަމްސީލެކެވެ. މިއީ މަދްރަސަތުއް ސަނިއްޔާގެ އަންހެން ގޮތްޕަށް(13) 1 އަހަރު ފުރުނު ހަފުލާގައި ކުޅޭން މުޙަންމަދު އަމީން ލިއުއްވި ތަމްސީލެކެވެ. މި ތަމްސީލަކީ މުޙަންމަދު އަމީން ލިއުއްވައިފައި ވާ ވާހަކަ "އަބަދަށް ފެހި އޯކިޑް މަލެއް"ގެ މަންޒަރެއްގެ މައްޗަށް އިސްކިރިޕްޓު ލިއުއްވި ތަމްސީލެކެވެ. އެހެންކަމުން ބައެއް ލިއުންތަކުގައި މި ތަމްސީލަށް "އ.ގ.އ. އެކުލަވައިލައްވައިފައި ވާ 'އަބަދަށް ފެހި އޯކިޑު މަލެއް' މި ވާހަކައިގެ މަންޒަރެއް"(14)  މި ގޮތަށް ވެސް ލިއެވިފައި ވެއެވެ.

"އަބަދަށް ފެހި އޯކިޑު މަލެއްގެ މަންޒަރެއް" މި ތަމްސީލުގެ އިސްކިރިޕްޓު ޗާޕުކުރެވުނުކަން އެނގޭކަށް ނެތެވެ. ތަމްސީލު ޑައިރެކްޓުކުރެއްވީ ވެސް މުޙަންމަދު އަމީނެވެ. ތަމްސީލު ކުޅުނީ 11 ޛުލްޙިއްޖާ 1364 (17 ނޮވެންބަރު 1945) ގައި ނާދިއްތަމައްދުން (މިހާރު ކީރިތި ޤުރްއާނާ ބެހޭ މަރުކަޒު ހުންނަ ޢިމާރާތު) ގައެވެ. މިއީ އާންމުކޮށް ދެއްކި ތަމްސީލެއް ނޫނެވެ. ތަމްސީލު ދެއްކީ ސަނިއްޔާގެ އަންހެން ގޮފީގެ ދަރިވަރުންނަށާއި، އަންހެން ބެލެނިވެރީންނަށާއި، މުދައްރިސުންނަށެވެ.

މި ތަމްސީލުގެ މުމައްސިލާއިންގެ ތެރެއިން މިހައިތަނަށް އެނގިފައި ވަނީ ހާޖަރާ ޙަސަންމަނިކާއި، އާމިނަތު ފާއިޒާއާއި، އަމީނާ މުޙަންމަދު އަމީނާއި، ޢާއިޝަތު ޙަފީޡާއާއި،ގަސް ފާޠިމާ މަނިކެއާއި، ކާރުނޭޝަންމާގޭ ޢާއިޝަތު މޫސާއާއި، އުއްސަކުރު ފައުޒިއްޔާއާއި، ޢާއިޝަތު ޢަފީފާއި، ޖަމީލާ ޢަލީއާއި، ފާޠިމަތު ރިޟާއެވެ.

ދިވެހި ރާއްޖޭގައި އާންމުކޮށް ދެއްކި ފުރަތަމަ ތަމްސީލަކީ ދާރުލް އިޤާމާ(15)އަށް 1 އަހަރު ފުރުމުގެ މުނާސަބަތުގައި 7 ރަޖަބު 1365 ރޭ (6 ޖޫން 1946 ދުވަހުގެރޭ) ނާދިއްތަމައްދުން ގައި، ދާރުލް އިޤާމާގެ ކުދީން ކުޅުނު ތަމްސީލު "ފުރިފައި ހުރި އެއްޗެއް ގުޑުގުޑެއް ނާޅާނެ"އެވެ.

މި  ތަމްސީލުގެ މުމައްސިލުންގެ ތެރެއިން މިހައިތަނަށް އެނގިފައި ވާ މުމައްސިލުންނަކީ ޒަކަރިއްޔާ ޙަމީދާއި، ދިއްފުށީ ޙުސައިން ފިކުރީއާއި، ޢަބްދުﷲ ޞާދިޤާއި، ޢަބްދުލްކަރީމް (ފަހުން ޢަބްދުލްކަރީމް ކަލޭފާނާ)އި، ޔޫސުފް ޢަލީ ފުޅާއި، މުޙަންމަދު ޞާދިޤެވެ.

ދިވެހި ރާއްޖޭގައި އިސްޓޭޖުގައި ތަމްސީލު ކުޅެވެމުން އައި ގޮތުގެ މައްޗަށް މި މަޒުމޫނުގެ 4 ވަނަ ބައިގައި ބަލައިލައިފައި ވާނެއެވެ.

(ނުނިމޭ)

ހަވާސާ ނޯޓާއި ޙަވާލާތައް:

(1) މި ދައުރުގައި އެންމެ ފުރަތަމަ އުފެދުނީ "ވާހަކަ ކޮމެޓީ"އެވެ. މި ކޮމެޓީއަކީ އޭރު ދިވެހިބަހުން ލިއެވެމުންދާ ވާހަކަ ފާސްކުރުމަށް އުފެއްދި ކޮމިޓީއެކެވެ. އެ ކޮމިޓީ އުފެއްދީ މަޙްކަމަތުއްދާޚިލިއްޔާގެ ފަރާތުން ކަމަށް ހަނދުމަފުޅުވާ ކަމުގައި  މުޙަންމަދު ޖަމީލު އޭނާ ލިއުއްވި "ދިވެހި ބަހާއި އަދަބުގެ ޚިދުމަތުގައި" މި މަޒުމޫނުގައި ލިއުއްވައިފައި ވެއެވެ (ޖަމީލުގެ މަޒުމޫނުތައް 3، ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު، (1994)). "ވާހަކަ ކޮމިޓީ" ވީ ދިވެހި އަދަބަށް ލިބުނުދިރުމަކަށެވެ. މުޙަންމަދު ޖަމީލު އެ މަޒުމޫނުގައި ލިއުއްވައިފައި ވާ ގޮތުގައި މާ ގިނަ ދުވަހެއް ނުވެ އެ ކޮމިޓީގެ ފަރާތުން މަޖައްލާއެއް ނެރެން ފެށިއެވެ. އެއީ "އައްރަފީޤެ"ވެ. މިއީ އަތުން ލިއެގެން ނެރުނު މަޖައްލާއެކެވެ.

(2) ދިވެހި އަދަބުގައި އެންމެ ފުރަތަމަ ލިއެވުނު ތަމްސީލުގެ މަޢުލޫމާތު މި މަޒުމޫނުގެ 3 ވަނަ ބައިގައި ހިމަނައިފައި ވާނެއެވެ.

(3) މުޙަންމަދު ޖަމީލު. (1993). ވާހަކަ ލިއުން. ޖަމީލުގެ މަޒުމޫނުތައް 2 (ޞ. 187-191). މާލެ: ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.

(4) ޙުސައިން ޞަލާޙުއްދީނަކީ 1298-1367ހ(1881-1948މ.)އަށް އުޅުއްވި ދީނީ ޢިލްމުވެރިއެކެވެ. އަދީބެކެވެ. ޅެންވެރިއެކެވެ. ބައްޕައަކީ މާލޭ ބޮޑުގަލުގޭ މޫސާ ދީދީއެވެ. މަންމައަކީ ދަރަވަންދޫ ޙައްވާ ތުއްތުމަނިކެއެވެ. ޙުސައިން ޞަލާޙުއްދީނަކީ ދިވެހި ބަހުން ވަރަށް ގިނަ ފޮތްތައް ލިއުއްވި ބޭފުޅެކެވެ.

(5) މި ތާނގައި "ދިވެހީންގެ ކުދި ވާހަކަ" އޭ ލިއުއްވައިފައި މި ވަނީ "ދިވެހީންގެ ވާހަކަ" އަށް ކަމަށް ފެނެއެވެ. ޞަލާޙުއްދީން "ދިވެހީންގެ ކުދި ވާހަކަ" އޭ ކިއާ ފޮތެއް ލިއުއްވި ކަމެއް އެނގޭކަށް ނެތެވެ.

(6) މުޙަންމަދު ވަޙީދު ނަދުވީ. (2000). އަދަބީ ފާޑުކިއުން. ފަތްތޫރަ، 22 (4)، 36-33.

(7) މަލިމް މޫސާ މާފަތް ކަލޭގެފާނަކީ 1297-1390ހ. (1880-1970މ.) އަށް އުޅުއްވި ދީނީ ޢިލްމުވެރިއެކެވެ. އަދީބެކެވެ. ޅެންވެރިއެކެވެ. ބައްޕައަކީ ދޭވާނީ ކުޑަ ޙަސަން ތަކުރުފާނެވެ. މަންމައަކީ ދޮށިމޭނާގެ މޫސާ ކަލޭފާނުގެ އާމިނާ ފުޅެވެ. މަލިމް މޫސާ މާފަތް ކަލޭގެފާނުގެ ކުރު ވާހަކައެއް،"ހާޖަރާގެ ހިތާމަ" ނޫނީ ފެންނާކަށް ނެތެވެ. އަދި "ހާޖަރާގެ ހިތާމަ" ނޫން އެހެން ކުރުވާހަކައެއް ލިއުއްވި ކަމެއް ވެސް އެނގޭކަށް ނެތެވެ. ނަމަވެސް އޭނާ ދިވެހި އަދަބިއްޔާތުގެ އެހެން ބައެއް ރޮނގުތަކުގައި މަސައްކަތް ކުރައްވައިފައި ވެއެވެ. އޭނާ ދިވެހި ބަހުގެ ބަސްފޮތަކާއި، ދިވެހި-އަރަބި، އަރަބި-ދިވެހި ބަސްފޮތެއް ވެސް އެކުލަވައިލެއްވިއެވެ.

(8) މުޙަންމަދު ފަރީދު ދީދީއަކީ 1319-1389ހ. (1901-1969މ.) ގައި އުޅުއްވި ބޭފުޅެކެވެ. ބައްޕައަކީ ޢަބްދުލް މަޖީދު ރަންނަބަޑޭރި ކިލެގެފާނެވެ. މަންމާފުޅަކީ އިބްރާހީމް ނޫރުއްދީން ރަދުންގެ ދޮންގޮމައެވެ. މުޙަންމަދު ފަރީދަކީ ދިވެހިރާއްޖޭގައި އެންމެ ފަހުން ރަސްކަން ކުރެއްވި ރަދުންނެވެ. މުޙަންމަދު ފަރީދަކީ ލިއުންތެރިއެއް ނުވަތަ އަދީބެއްގެ ގޮތުން ފާހަގަކުރެވިފައި ވާ ބޭފުޅެއް ނޫނެވެ.

(9) އުރުސްޠޫއާ ޙަވާލާދެއްވައި، މުޙަންމަދު ވަޙީދު ނަދުވީ. (2003). ޑްރާމާ. ދަރިވަރުންނަށް ދިން ތަޤުރީރު. ފެކަލްޓީ އޮފް މެނޭޖްމަންޓް އެންޑް ކޮމްޕިއުޓިންގ، ދިވެހި ބަހުގެ ޑިގުރީ ކޯސް. މާލެ.

(10) އިބްރާހީމް ޝިހާބު. (1365ހ.). "ފުރިފައި ހުރި އެއްޗެއް ގުޑުގުޑެއް ނާޅާނެ". ސަރުކާރުގެ ޚަބަރު. ޝަޢުބާން 1365. 7.

(11) އާމިނަތު ފާއިޒާ. (1994). ހަނދާނާއި ތާރީޚުގެ ތެރެއިން އަމީނިއްޔާގެ ފުރަތަމަ ފަސް އަހަރު. އަމީނިއްޔާ 50 އަހަރުގެ ޚިދުމަތް. 57-70.

(12) ލިއުންތެރިއާ 2003 ސެޕްޓެންބަރު ގައި އާމިނަތު ފާއިޒާއާއި އަމީނާ މުޙަންމަދު އަމީނުގެ އަރިހުން ވަކިވަކިން ހޯދި ދެ ބަސްދީގަތުން.

(13) މަދްރަސަތުއް ސަނިއްޔާއަކީ ރާއްޖޭގައި ހުޅުވުނު ފުރަތަމަ ރަސްމީ މަދަރުސާއެވެ. މި މަދަރުސާ ހުޅުވުނީ 1345ހ. (1927މ.) ގައެވެ. މި މަދަރުސާގައި ފުރަތަމަ ކިޔަވައިދިނީ ހަމައެކަނި ފިރިހެން ކުދީންނަށެވެ. 1352ހ. (1933މ.) ގައި އެ މަދަރުސާގައި އަންހެން ކުދީންނަށް ވަކީން ކިޔަވައިދޭން ފެށުނެވެ. ނަމަވެސް އަންހެން ކުދީން މަދަރުސާއަށް ގެންގޮސްގެން ފިރިހެނުން އެކުދީންނަށް ކިޔަވައިދިނުން ރަނގަޅުނޫން ކަމަށާއި އަންހެން މުދައްރިސުން އުފެއްދެންދެން އަންހެން ކުދީންނަށް މަދަރުސާގައި ފިރިހެނުން ކިޔަވައިދިނުން ހުއްޓާލަން 1354ހ. (1935މ.) ގައި އޭރުގެ ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުން މަދްރަސަތުއް ސަނިއްޔާގައި އަންހެންކުދީންނަށް ކިޔަވައިދިނުން ހުއްޓައި ލެވުނެވެ. އެއަށް ފަހު މަދްރަސަތުއްސަނިއްޔާގެ އަންހެން ގޮފީގެ ނަމުގައި އަލުން އަންހެންކުދީންގެ މަދަރުސާ ހުޅުވުނީ 1363ހ. (1944މ.) ގައެވެ. މިއީ ފަހުން މަދްރަސަތުލް އަމިނިއްޔާ އަދި މިހާރު އަމީނިއްޔާ އިސްކޫލެވެ.

(14) އަމީނާ މުޙަންމަދު އަމީން. (1994). މަދްރަސަތުއް ސަނިއްޔާގެ އަންހެން ކުދީންގެ ފުރަތަމަ ތަމްސީލު. އަމީނިއްޔާ 50 އަހަރުގެ ޚިދުމަތް. 152-155.

(15) ދާރުލްއިޤާމާއަކީ ކިޔަވައިދިނުމަށް ސަރުކާރުން ރާއްޖޭގެ އަތޮޅުތަކުގެ ކުދީން މާލެ ގެންނަވައި، އެ ކުދީން ބައިތިއްބުމަށް 1364ހ. (1945މ.) ގައި ސަރުކާރުން އުފެއްދެވި ދަނާލެވެ.

(ނުނިމޭ)

ހަމަމިގަލަމުން

އިދާރާ

ވާހަކަ