އަދުގެ ޚާއްސަ

Print

ދެވަނަ ފުރުޞަތު (11)

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ވާހަކަ

އަސްމާ އަބޫބަކުރު، ހއ. ދިއްދޫ

(24 މެއި 2020 ގައި ޝާއިޢުކުރި ބަޔާ ގުޅޭ)

"ކަނދުރާގެ މަސާޖެއްދޯ ބޭނުންވަނީ. އަވަހަށް މި އެނދުގައި އޮށޯވޭ." ޒަލާގެ އަޑުއައީ ވަރަށް މައިތިރިކޮށެވެ. އެ ވަގުތު ވެސް އެހެން ކޮޓަރިތަކުން އަންހެން ކުދިންގެ އަޑު އިވިއިވި ހުއްޓެވެ. ޙަސީން ކޮޓަރިއަށް ވަނުމާއެކު އެކޮޓަރީގެ އަލި ކުރިއަށްވުރެ މަޑު ކޮށްލައިފިއެވެ. އަދި އެބައަންނަމޭ ބުނެފައި ޒަލާގޮސް އައީ ފަސްމިނިޓެއްހާއިރު ފަހުންނެވެ.  އެވަގުތު ޙަސީން އެތަނުގެ ދެތިން ފޮޓޯއެއް ފޯނުގައި ރައްކާކުރިއެވެ. އަދި ގުޅަންޖެހޭ މީހާއަށް ގުޅުމަށްފަހު އަޑު ރެކޯޑް ކުރުމަށްޓަކައި ފޯން މޭޒުމަތީ ބޭއްވިއެވެ. ކުރަންބޭނުންވި ކަންކަން ކޮށް ކިރިޔާ ނިމުނުއިރަށް އަންހެން ކުއްޖާ އައިސް ކޮޓަރިއަށް ވަދެއްޖެއެވެ. 

"އަހަރެންގެ ނަމަކީ ޒަލާ." ޒަލާ އަމިއްލައަށް ތަޢާރަފް ވިއެވެ. އޭރު ޒަލާ ލައިގެން ހުރި ހެދުމަށް ބަލާލުމުން ފޮތި ކައިވަތަކުން ފަހާފައިވާ ހެދުމެއްކަން ދޭހަވެއެވެ. އެހާވެސް ކުރެވެ. ކުރު ޓޮޕަކާއި އެހާމެ ކުރު ސްކާރޓެކެވެ. ޒަލަގެ ވާހަކައިން އެނގުނު ގޮތުގައި ސެލޫންގައި މަސައްކަތް ކުރާ މުވައްޒަފުން ޚާއްޞަ ހެދުމެއް ލާން ޖެހެއެވެ. އެއީ ކަސްޓަމަރުން ހިތްހަމަ ޖެއްސުމަށެވެ. އެތަނުގައި ހުންނަނީ ކަސްޓަމަރުން ޝައުޤުވެރިވާ ކަހަލަ ހުރިހާ ކަމެއް ފަރުވާތެރި ކަމާއެކު ކުރިއާލާ ރާވާފައެވެ. 

ބަލާލަން ރީތި ޒުވާން ފިރިހެން ކުއްޖަކު އައުމުން ޒަލާއަށް ހިތާހިތުން ތަޢުރީފް ކުރެވުނެވެ. ޙަސީންގެ ވާހަކަ ދެއްކުމުގައި ހުރި ކުޅަދާނަކަން ޒަލާއަށް ފާހަގަ ކުރެވުނެވެ. ޒަލާ މަސާޖު ކުރަން ފެށިގޮތުން ޙަސީންއަށް މަޑަކުން ނޯވެވުނެވެ. ޒަލާގެ ޢަމަލުތައް ހުރި ގޮތުން މިއީ އާދައިގެ މަސާޖެއް ނޫންކަން އެނގޭނެއެވެ. ސެލޫންގެ ނަމުގައި ހުޅުވައިގެން އުޅޭ ނާސިގެއެއްކަން އެންމެން އެކިޔަނީ ތެދެއްކަން ޙަސީންއަށް ޔަޤީން ވެއްޖެއެވެ. 

"މަޑުކޮށްބަލަ." ޒަލާގެ މަސާޖު ކުރުން ހުއްޓުވަމުން ޙަސީން އެނދުން ތެދުވިއެވެ. އަދި ޙަސީން އަކީ ނޫސް ރިޕޯރޓަރެއް ކަމާއި ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގައި މިކަހަލަ ތަންތަން ހުޅުވުމަކީ ޙަރާމް ކަމެއްކަން ޙަސީން ބުންޏެވެ. 

ޙަސީންގެ ވާހަކަތަކަށް ޒަލާއަށް އެއްބަހެއް ނުވެވުނެވެ. ޙަސީން ވިސްނައިދެމުން ދިޔައީ އެއްބަނޑު އަންހެން ކޮއްކޮއަކަށް ވިސްނައިދޭ އުޞޫލުންނެވެ. 

"އަހަރެންގެ މަސައްކަތަށް ގޮތްކިޔަން ތީކާކު؟ މިހާރު މިތަނުން ނިކުމޭ. އެހެންނޫނީ..." 

"އެހެން ނޫނީ ކީއްކުރާނީ. ޒަލާ ތިދެއްކި ހުރިހާ ވާހަކައަކާއި އަހަރެން ދެއްކި ވާހަކައެއް ވިއްޔާ މިހާރުވާނީ ރިކޯޑް ކުރެވިފައި. އަހަރެމެންގެ މަޤުޞަދަކީ މިކަހަލަ ކަންތައްތައް ހުއްޓުވުމަށް މަސައްކަތްކުރުން." ޙަސީން ހިނގައިގަންނަމުން ބުންޏެވެ. އެވަގުތު ޒަލާއަށް ހެދެން އޮތް ގޮތަކީ ޙަސީން ހުއްޓުވުމެވެ. އެހެން ނޫނީ ޙަސީންގޮސް ނޫހުގައި ލިޔުމުގެ ސަބަބުން ސެލޫން ބަދުނާމު ވެދާނެއެވެ. 

"ޙަސިން ބޭނުންވަނީ ކިހާ ފައިސާއެއް. އަހަރެން އެޢަދަދަކަށް ފައިސާ ދީފާނަން." ޒަލާގެ ވާހަކައަށް ޙަސީން ޖަވާބެއް ނުދީ ހިނގައިގަތެވެ. ޒަލާގެ ވާހަކަ ޙަސީން އަޑުނާހާނެކަން ޒަލާއަށް އެނގުނެވެ. ކުއްލިއަކަށް ވިސްނުމަށް އައީ މޭޒުމަތީ ހުރި މާ ވަށިގަނޑެވެ.

 ބަލާކަށް ނުހުރެ ބިއްލޫރި މާ ވަށިގަނޑު ނެގުމަށްފަހު ދުވެފައިގޮސް ދޮރުހުޅުވަ ހުޅުވާ ހުރި ޙަސީންގެ ބޮލުގައި ޖަހައިފިއެވެ. އައިސް ހުރި ރުޅިން ހެދޭ ނުހެދޭއެއްވެސް ޒަލާއަކަށް ނޭނގެއެވެ. ކަނޑާލި ރުއްގުޅިއެއްހެން ޙަސީން ވެއްޓުނީ ތަށިމުށިތަކުގެ މައްޗަށެވެ. ޙަސީންގެ ހަޅޭކުގެ އަޑަށް ސައުނާ ދުވެފައި އައެވެ. އޭރު ޒަލާހުރި ބިރުން ހަލާކުވާ ވަރުވެފައެވެ. ބަސްބުނާ ހިނދުން ސައުނާ ފުލުހުންނަށް ގުޅައިފިއެވެ. މިފަހަރު ޚިޔާލީ ދުނިޔެއިން ނުކުންނަން ޖެހުނީ ޒަލާ އާއި ބައްދަލު ކުރުމަށް މަންމަ އާއި ބައްޕަ އައުމުންނެވެ. މަންމަ ފެނުމުން ޒަލާގެ ލޮލުން ކަރުނަ ފައިބަން ފެށިއެވެ. ޒަހުވާ ހީކުރީ އެހާ މުއްސަނދި އަރާމު ދިރިއުޅުމެއްގައި އުޅުނު ކުއްޖަކަށް ޖަލުގެ ކުޑަގޮޅި އަކީ ކަށި ތަންމައްޗަކަށް ވާތީ ޒަލާ ދެރަވަނީ  ކަމަށެވެ. 

"ބައްޕަ ވަރަށް މަސައްކަތް ކުރޭ އެބަ ޒަލާ މިނިވަންވޭތޯ. ދަރިފުޅު ބޭނުންވަނީ ކޮންއެއްޗެއް؟" ޒަހުވާ އަށް ވެސް ރޮވެން ފެށިއެވެ. ޒަހުވާ ދެއްކި ވާހަކަތަކަކަށް ޒަލާ ޖަވާބެއް ނުދެއެވެ. ފާހިމް ވާހަކަ ދެއްކުމުންވެސް ޒަލާ ޖަވާބެއް ނުދެއެވެ. ޒަލާގެ މަންމަ އާއި ބައްޕަގެ ވަގުތު ހަމަވެއްޖެކަން ފުލުސް އޮފިސަރ ބުނުމުން ޒަލާ ބުނީ ހަމަ އެންމެ ޖުމްލަ އެކެވެ. އެޖުމްލަ އަޑުއިވުމުން ޒަހުވާ އާއި ފާހިމް ޙައިރާން ވިއެވެ.

"ބުރުގާ އަޅާ ކަހަލަ ދިގުކޮށް ހުންނަ އަބާޔާ ހެދުން ބޭނުން." ޒަހުވާ އާއި ފާހިމްއަށް އެކަކު އަނެކަކާ ދިމާއަށް ބަލައިލެވުނީ ޙައިރާންވެ ތިބެއެވެ. އެއީ ހަމަ ޒަލާ ބުނިއެއްޗެއް ބާއޭ ހިތަށް އަރައިފައެވެ. މަންމަ އާއި ބައްޕަ ދިއުމުން ޒަލާ ފެށީ ޤުރުއާން ކިޔަވާށެވެ. އެ ގޮތުގައި ދަންވަރު ދޭއްޖަހަންދެން އިނެވެ. އޭގެފަހުން ނިދިއަންނަން ފެށުމުން އޮށޯވެއްޖެއެވެ. ކޯޓަށް ދާންޖެހޭއިރަށް ކޮންމެވެސް ވަރަކަށް ނިދާލެވޭތޯ ޒަލާ މަސައްކަތްކުރިއެވެ. 

ކޯޓުތެރޭގައި ހަމަހިމޭން ކަމާއެކު ކޮންމެ މީހަކުވެސް ބަލަމުން ދިޔައީ ގޮނޑިއެއްގައި އިށީނދެވޭތޯއެވެ. އެންމެން އިށީނދެ ހަމަޖެހުމާއެކު ޝަރީޢަތުގެ މަޖްލިސް ފަށައިފިއެވެ.

 "ޢިއްޒަތްތެރި ޤާޒީ. ޙަސީން މަރާލީ ޒަލާކަން ކިތަންމެ ރަނގަޅަކަށްވެސް ޘާބިތުވޭ. އެއީ ޒަލާގެ ބަހުންނާ ފެންނަން ހުރި ހެކިތަކަށްވެސް ރިޢާޔަތް ކޮށްފައި. އެހެންވީމާ އަޅުގަނޑު އެދެނީ ޤާނޫނުގައިވާ ގޮތުން އެންމެ ހަރުކަށި އަދަބުދޭން. އޭނާއަށް އެންމެ އެކަށީގެންވަނީ  ދަންޖައްސައި މެރުން." ދައުލަތުގެ ވަކީލު ވަރަށް ފޯރީގައި ވާހަކަ ދެއްކެވިއެވެ. މަރަށްމަރު ތަންފީޛު ކުރަން ސަރުކާރުން ފެށި ދުވަސްވަރު ކަމުން ރާއްޖޭގެ ރައްޔިތުން އެދެމުން ދަނީ މަރަށްމަރު ތަންފީޒު ކުރަން ވާނެ ކަމުގައެވެ. 

"އެއީ އިއްތިފާޤީ މަރެއް ކަން ފެންނަން ހުރި ހެކިތަކުން ސާބިތުވޭ. އަންހެނެއްގެ އެންމެ އަގުހުރި ޖަވާހިރަކީ އެމީހެއްގެ ޢިއްފަތްތެރިކަން. ސެލޫންއަށް ގޮސް ޙަސީންގެ މަޤުޞަދަކަށްވީ ޒަލާ ރޭޕްކުރުން. ޙަސީންގެ އަތްދަށުން ސަލާމަތްވުމަށް ޒަލާއަށް އެހެން ގޮތެއް ނެތްކަމުން ޒަލާއަށް ޖެހުނީ އެގޮތަށް ޢަމަލުކުރަން. އަދި ޒަލާއަކީ މީގެ ކުރިން އެއްވެސް ކުށެއްކޮށަފައިވާ މީހެއް ނޫން. ޙަސީން ދިޔަ މަޤުޞަދު އެކަކަށްވެސް ނޭނގޭ." ޒަލާގެ ވަކީލް ފޯރީގައި ވަކާލާތު ކުރަމުން ދިޔައީ ޒަލާ ސަލާމަތްކުރުމަށެވެ. 

ކޯޓުގައި ދެޢާއިލާގެ މީހުން ތިބިއިރު ޙާމިދާ އިނީ ރޮވިފައެވެ. ސަމީން އިނީ ޙާމިދާގެ ކޮނޑުގައި ހިފަހައްޓައިގެންނެވެ. ޙާމިދާގެ ހިތުގައި ޒަހުވާ އަށް ނަފުރަތުގެ އަލިފާން ނޫން އެހެން އެއްޗެއް ނެތެވެ. 

ޒަލާ ކޯޓުގައި އިންއިރު އެއްވެސް މީހަކާ ދިމާއަކަށް ނުބަލައެވެ. އިނީ އިސްޖަހައިގެންނެވެ. އަމިއްލަ ކުށް ޤަބޫލުކުރާ އުޞޫލުންނެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. ޒަލާއަށް ލޯ ހުޅުވޭން ފެށީ ޖަލުގެ ކުޑަގޮޅިއަށް އައި ފަހުންނެވެ. 

އެދުވަހުގެ ޝަރީޢަތުގެ މަޖުލިސް ނިންމީ ދެން އޮންނަ އަޑުއެހުމުގައި ޒަލާއަށް ފަހުގެ ފުރުޞަތު ދެމުންނެވެ. އޭގެ ފަހުން އޮންނާނީ ޙުކުމް އިއްވުން ކަމުގައި ޤާޟީ ވިދާޅުވިއެވެ.

(ނުނިމޭ)

އިދާރާ

ވާހަކަ