އަދުގެ ޚާއްސަ

ކައު ރަސޫލާގެ ސީރަތުގެ މުތީތަކާއި ޝަޛާތަކުން (25)

. ހިމެނޭބަޔަކީ ސިޔަރަތު

އިބްރާހީމް ރަޝީދު މޫސާ

(24 މެއި 2020 ގައި ޝާއިޢުކުރި ބައާ ގުޅޭ)

483. ރަސޫލާ ﷺ މަދީނާގެ ރަށްބޭރާ ހަމައަށް ވަޑައިގެންނެވުމުން ޙަދީސް ކުރެއްވިއެވެ. [މިއީ ޠައިބާއެވެ. ނުވަތަ ޠާބާއެވެ.] ރަސޫލާ ﷺ އަށް އުޙުދު ފަރުބަދަ ފެނިވަޑައިގަތުމުން ޙަދީސް ކުރެއްވިއެވެ. [މިއީ އަހުރެމެންދެކެ ލޯބިވާ އަދި އަހުރެމެން އެ ތަން ދެކެ ލޯބިވާ ފަރުބަދައެކެވެ.] 

484. މަދީނާ މީހުންނަށް  ރަސޫލާ ﷺ ތަބޫކުން އެނބުރި  ވަޑައިގަންނަވާ ޚަބަރު ލިބުމުން ރަސޫލާއަށް މަރްޙަބާ ދެންނެވުމަށާއި އެކަމާމެދު އުފާފާޅު ކުރުމަށް ޓަކައި ރަށްބޭރަށް ނުކުތެވެ. އައްސާއިބު ބިން ޔަޒީދު ވިދާޅުވިއެވެ. [އަހުރެން ކުޑަކުދީންނާއެކު އެ ދުވަހު  ރަސޫލާ ﷺ ތަބޫކު ހަނގުރާމަ ނިންމަވައިފާ އެނބުރިވަޑައިގަންނަވާތީ އެކަލޭގެފާނަށް މަރްޙަބާ ދެންނެވުމަށް ނުކުތީމެވެ.]   (ރިވާކުރެއްވީ އަލްބުޚާރީ)

485. ތަބޫކު ހަނގުރާމައަށް ނުދިޔަ މީހުން ހަތަރު ބަޔަކަށް ބެހިގެން ވެއެވެ. އެއީ:-

   ހ- ރަސޫލާ އަމުރުކުރައްވައިގެން  ދަރުމަލިބިވަޑައިގަންނަވާ ގޮތަށް މަދީނާ ތިއްބެވި ބޭކަލުން: އެއީ ޢަލީ ބިން އަބޫ ޠާލިބުގެފާނާއި،  މުޙައްމަދު ބިން މަސްލަމަތުގެފާނާއި ޢަބްދުﷲ ބިން އުއްމު މަކްތޫމެވެ.

  ށ- ޢުޒުރުވެރިވުމުގެ ސަބަބުން ނުދެވުނު މީހުން: އެއީ ބަލިމީހުންނާއި ނިކަމެތީންނެވެ. 

    ނ- އުރެދުންތެރި ކުށްވެރީން: އެއީ ހަނގުރާމައަށް ނުކުތުމަށް ފަސްޖެހިވަޑައިގެން ތިން ޞަޙާބީންނެވެ.

    ރ- މަލާމާތްލިބި ފާފަވެރިވެފައިވާ މީހުން: އެއީ މުނާފިޤުންނެވެ.

486. އެއްވެސް ޢުޒުރެއްނެތި ތަބޫކު ހަނގުރާމައަށް ނުދާމީހުން ބޮއިކަޓްކޮށް އެމީހުންނަށް ފުރަގަސްދިނުމަށް  ރަސޫލާ ﷺ އަމުރު ކުރެއްވިއެވެ.  

487. ޢަރަބީންގެ ތެރޭގައި ހިމެނޭ ރަށްފުށުގެ ޢަރަބީންތަކެއް ރަސޫލާގެ އަރިހަށް އައިސް ޙަޤީޤަތެއްނެތް ޢުޒްރުތަކެއް ހުށައެޅިއެވެ. އެމީހުންގެ ޙަޤީޤަތް ރަސޫލާއަށް އެނގިވަޑައިނުގަންނަވާތީ ރަސޫލާ އެމީހުންގެ ޢުޒުރުތައް ޤަބޫލުކުރައްވައި،  އެމީހުންނަށް މާފުކުރެއްވިއެވެ. 

488. ތެދުވެރި 3 ޞަޙާބީންގެ މަސްއަލަ [ކަޢުބު ބިން މާލިކާއި، ހިލާލު ބިން އުމައްޔަތާއި، މުރާރަތު ބިނުއް ރަބީޢު]އާ މެދު  ރަސޫލާ ﷺ ވަކި ގޮތެއް ނުނިންމަވައި ފަސްކުރެއްވިއެވެ. މި ތިން ޞަޙާބީން އެބޭކަލުންގެ ޢުޒުރެއް ނެތްކަމަށް ރަސޫލާއަށް ތެދުބަހުން ދެންނެވިއެވެ. 

489. ރަސޫލާ ﷺ މި ތިންބޭކަލުންނާ ބޮއިކަޓް ކުރުމަށް މީސްތަކުންނަށް އެންގެވިއެވެ. މި ބޭކަލުން ތައުބާވެ ވަޑައިގެން އެބޭކަލުންގެ ތައުބާ  މާތް ﷲ ޤަބޫލު ކުރައްވައި އެކަން އަންގަވައިފުމަށް ދާންދެން މި ތިން ބޭކަލުން އުޅުއްވީ ވަރަށް އެކަހެރި ޙާލުކޮޅެއްގައެވެ.  

490. މާތް ﷲ އެބޭކަލުންނަށް ތައުބާލެއްވިކަން އަންގަވައި ވަޙީ ކުރެއްވިއެވެ. [وَعَلَى الثَّلَاثَةِ الَّذِينَ خُلِّفُوا حَتَّىٰ إِذَا ضَاقَتْ عَلَيْهِمُ الْأَرْضُ بِمَا رَحُبَتْ وَضَاقَتْ عَلَيْهِمْ أَنفُسُهُمْ وَظَنُّوا أَن لَّا مَلْجَأَ مِنَ اللَّـهِ إِلَّا إِلَيْهِ ثُمَّ تَابَ عَلَيْهِمْ لِيَتُوبُوا ۚ إِنَّ اللَّـهَ هُوَ التَّوَّابُ الرَّحِيمُ]  - ([އަދި ފަސްޖެހުނު ތިން މީހުންގެ މައްޗަށްވެސް (توبة ލެއްވި) މެއެވެ. ބިންގަނޑު ތަނަވަސްވެގެން ވުމާއެކުވެސް، އެއުރެންގެ މައްޗަށް އެ ބިން ދަތިވެ، އަދި އެއުރެންގެ އަމިއްލަ نفس ތައް އެއުރެންގެ މައްޗަށް ދަތިވި ހިނދުގައެވެ. އަދި اللَّه ގެ حضرة ން (އެބަހީ: އެކަލާނގެ ނުރުއްސެވުމުން) ސަލާމަތްވުމަށް، އެކަލާނގެ حضرة އަށް މެނުވީ ދާނޭ ތަނެއް ނެތްކަން އެއުރެންނަށް يقين ވީ ހިނދުގައެވެ. ދެން އެއުރެން توبة ވުމަށްޓަކައި އެކަލާނގެ އެއުރެންގެ މައްޗަށް توبة ލެއްވިއެވެ. ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން توبة قبول ކުރައްވާ رحيم ވަންތަ ރަސްކަލާނގެއެވެ.]) (التوبة : 118) 

491. ތަބޫކު ހަނގުރާމައިން  ރަސޫލާ ﷺ އެނބުރި ވަޑައިގަތުމުން ޢަރަބީންގެ ޤަބީލާތަކުން ވަފްދުތައް   ރަސޫލާ ﷺ ގެ އަރިހަށް އައިސް އިސްލާމްދީނަށް ވަންނަމުން ދިޔައެވެ. 

492. ހިޖްރައިން 9ވަނަ އަހަރު  ރަސޫލާ ﷺ ގެ ދަރިކަނބަލުން (ޢުޘްމާނުގެފާނުގެ އަނބިކަނބަލުން) އުއްމު ކުލްޘޫމުގެފާނު އަވަހާރަވިއެވެ.  

493. ހަމަ އެ އަހަރު މުނާފިޤުންގެ ޒަޢީމު ޢަބްދު ﷲ ބިން އުބައްޔު ބިން ސަލޫލު މަރުވިއެވެ.  

494. ހިޖްރައިން 9 ވަނަ އަހަރުގެ ޛުލްޤަޢިދާމަހު އަބޫބަކްރުގެފާނު ޙައްޖުވެރީންގެ އަމީރެއްގެ ގޮތުގައި ޙައްޖަށް ފޮނުއްވިއެވެ.  

495. އެ އަހަރަށް ފަހު މުޝްރިކުން ގެފުޅަށް ޙައްޖަށް ނުދިޔުމަށާއި އޮރިޔާމުން ތިބެ ޠަވާފު ނުކުރުމަށް މީސްތަކުންނަށް އިޢުލާން ކުރެއްވުމަށް ޢަލީ ބިން އަބީ ޠާލިބުގެފާނު މައްކާއަށް ޙައްޖަށް ފޮނުއްވިއެވެ.  

496. ހިޖްރައިން 10ވަނަ އަހަރުގެ ރަބީޢުލްއައްވަލު މަހުގައި  ރަސޫލާ ﷺ ގެ ދަރިކަލުން އިބްރާހީމުގެފާނު އަވަހާރަވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. [އިބްރާހީމުގެފާނަކީ ތިމަންކަލޭގެފާނުގެ ދަރިކަލެކެވެ. އޭނާ އެ މަރުވީ  ކިރުތުބުން ވީއްލުމުގެ ކުރިންނެވެ. އޭނާގެ ކިރުބުއިން  ފުރިހަމަކޮށް ދެއްވުމަށް ޓަކައި ސުވަރުގޭގައި އޭނާއަށް ދެ ކިރުމައިން ދެއްވާނެތެވެ.]   (ރިވާކުރެއްވީ މުސްލިމު)

497. އިބްރާހީމުގެފާނު ފަސްދާނު ލެވުނީ  ބަޤީޢު ޤަބްރުސްތާނުގައެވެ.  

(ނުނިމޭ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ