އަދުގެ ޚާއްސަ

Print

މަނަދޫ ޢަބްދުއްސައްތާރުގެ ހަނދާނުގައި

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ޝަޚްޞިއްޔަތު

ޢަބްދުﷲ ސަޢީދު

އެއީ ފޯނު ގެންގުޅޭ ޒަމާނެއް ނޫނެވެ. ފަސޭހަފަސޭހައެއްކޮށް މާލެއާ ވާހަކައެއް ނުދެއްކެއެވެ. އަތޮޅުތަކުގެ ރައްޔިތުން ބަރޯސާވަނީ ރޭޑިޔޯއަށެވެ. އެހެން ނަމަވެސް މަނަދޫގައި އަލަށް އުފެއްދި ޖަމްޢިއްޔާއެއް ކަމަށްވާ [މަނަދޫ ޒުވާނުންގެ ގުޅުން] އިފްތިތާޙު ކުރި ޚަބަރު، އެ ޖަލްސާ ކުރިއަށް ދަނިކޮށް ވަގުތުން ރޭޑިޔޯއިން ފޮނުވުމަކީ އިއްތިފާގެއް ނޫނެވެ. އެއީ މާފަންނު މަނަދޫގޭ ޢަބްދުއްސައްތާރު އަބޫބަކުރު (މަނަދޫ ސައްތާރު) އެ ކަން ކުރައްވާން ބޭނުންފުޅުވި ގޮތެވެ. ޖަލުސާގައި ބައިވެރިވި ގިނަ ބަޔަކަށް ވެސް އެ ކަން އޭރު ވީ ބޮޑު ހައިރާން ކަމަކަށެވެ.

މަނަދޫ ސައްތާރަށް އަޅުގަނޑު ކިޔަނީ ސައްތާރުބެއެވެ. އަޅުގަނޑުގެ ބައްޕަ ވިދާޅުވަނީ އަސްތާރެވެ. އެއީ ދިވެހިރާއްޖޭގެ ވަރަށް ގިނަ ބަޔަކު ދަންނާނެ ބޭފުޅެކެވެ. ދިވެހި ނޫސްވެރިކަމުގައި ވަރުގަދަ ނަމެކެވެ. އާންމު ޚިދުމަތުގެ ޤައުމީ އިނާމާއި ނޫސްވެރިކަމުގެ ރަން ގަލަން ހާސިލުކުރެއްވިއެވެ. އެއީ މި ރާއްޖޭގައި މަޝްހޫރު އެތައް ނޫސްވެރިންނެއް އުފެއްދެވި އަދި މުޅި ހަޔާތް ކަހަލަ ގޮތަކަށް އެ ކަމަށް ވަގުފު ކުރެއްވި މުރާލި ހީވާގި ހިންގުންތެރި ނޫސްވެރިއެކެވެ. ސާދާ ބޭފުޅެކެވެ. އިސްކޫލު ދައުރުން ފެށިގެން ވެސް އުޅުއްވީ ނޫސްވެރިކަމުގައެވެ. [ސަރުކާރުން] މޫންލައިޓް ނެރުއްވިއިރު އުޅުއްވީ ސަންލައިޓް ނެރުއްވުމުގައެވެ. ސަރުކާރުގެ އިސް ބޭފުޅުން، ފަހަތުގައި ތިއްބަވައިގެން ހަވީރު ނެރުއްވިއިރު އާފަތިހުގައެވެ. 1 ޖޫން 1984 އިން ފެށިގެން ވިއްސަކަށް އަހަރު ވަންދެން އެ ނޫހުގެ އެޑިޓަރުކަން ކުރެއްވިއެވެ. އޭގެ ފަހުން ދުވަހު ނޫސް [މިއަދު]ގައި ވެސް އުޅުއްވިއެވެ. އުމުރުފުޅުން 58 އަހަރުގައި އަވަހާރަވީއިރު [އިރުވަރު] ނޫސް އޮތީ ސައްތާރުބޭގެ އެޑިޓަރު ކަމުގައި ރަޖިސްޓްރީކުރައްވައިފައެވެ. [ދުއްލިސާ] މަޖައްލާ ގެންދެވީ ނެރުއްވަމުންނެވެ.

އެހެން އުޅުއްވި ދުވަސްވަރު ދެ ފަހަރެއްގެ މަތިން އަރުވައިލެއްވިއެވެ. އެއް ފަހަރު މަކުނުދޫއަށެވެ. އަނެއް ފަހަރު އިހަވަންދޫއަށެވެ. އިހަވަންދޫއަށް އަރުވައިލެވުނީ ނޫހުގައި ޖެއްސެވި ޚިޔާލީ ވާހަކައަކާ ގުޅިގެންނެވެ. [ޚާދިމުކަލޭގެއަށް ބިން] މި ނަމުގައި އެ ވާހަކަ ނޫހުގައި ޖެއްސެވި ދުވަސްވަރަކީ ސަރުކާރުން ކޮންމެ ވެސް ބޭފުޅަކަށް މާލޭން ބޮޑު ބިމެއް ދެއްވި ދުވަސްވަރަށް ވީއެވެ. އެ ޒަމާނުގައި އެއީ ސަރުކާރުގެ ސިޔާސަތާ ބެހުމެވެ. އެއީ އޭރު ހުކުމްކޮށް އަރުވައިލާންޖެހޭ ބޮޑު ކުށެކެވެ.

ސައްތާރުބެއާއި މަނަދޫ އާ އޮތީ ކޮން ގުޅުމެއްކަން މިހާރުގެ ކުދިންނަށް ނޭނގިދާނެއެވެ. ސައްތާރުބޭގެ މަންމައާއި ބައްޕައަކީ މަނަދޫގައި ދިރިއުޅުއްވި މަނަދޫ ދެ ބޭފުޅުންނެވެ. އެ ދެކަނބަލުން މާލެއަށް ބަދަލުވެވަޑައިގަތީ ބޮޑު ތަދުގެ ތެރޭގައި ރަށުގައި ދިރިއުޅުއްވަން ދަތިފުޅުވެ އެކި މީހުން އެކި ރަށްރަށް ހިޖުރަކުރި ދުވަސްވަރުގައެވެ. އެ ދެކަނބަލުންގެ ގެ ހުރިތަނުގައި މިހާރު އެހެރީ މަނަދޫ ރީތިގަސްދޮށުގެ އެވެ. ކުޑަ އަގަކަށް ގޯތި ވިއްކައިލެއްވުމަށް ފަހު މާލެ ބަދަލުވިއިރު، ސައްތާރުބޭ ވަރަށް ކުޑައެވެ. ވިދާޅުވެފައި ވަނީ އެ ހަނދާން ނުހުންނަ ކަމަށެވެ. އެ ދެމަފިރިންގެ ދެވަނަ ދަރިފުޅު، ނަސީމާ ދައްތަ ލިބިވަޑައިގަތީ މާލޭގައެވެ.

ސައްތާރުބޭ ކިޔަވައިވިދާޅުވީ މަޖީދިއްޔާ ސްކޫލުންނެވެ. އޭރު އެކުވެރިން ކިޔަނީ ވައިކަރަދޫ ސައްތާރެވެ. ވައިކަރަދޫ ދޮންކަލޭފާނާއި އައިސައިދީއަށް ބޭފުޅަކު ލިބިވަޑައި ނުގަންނަވާތީ އެ ދެމަފިރިން ވައިކަރަދޫގޭގައި ސައްތާރުބޭ ގެންގުޅުއްވާތީއެވެ.

މާލޭން ސައްތާރުބޭގެ ބައްޕަ އަބޫބެއަށް ލިބުނު ގޯއްޗަށް ދިން ނަމަކީ މަނަދޫގެއެވެ. އެއީ ހަމަ ހަގީގަތުގައި ވެސް މަނަދޫ ގެއެކެވެ. ކުޑަސިޓީ ޒަމާނުގައާއި އޭގެ ކުރިންނާއި ފަހުން ވެސް މަނަދޫގެ އެތައް ބަޔަކު އެގެއަށް މާލެފައިބައި އުޅުނެވެ. ދަތުރުވަރުތަކުގައި އައިސް އުޅުނެވެ. ދިރިއުޅުނެވެ. ވަޒީފާއަށް ދާ މީހުން ތިއްބެއެވެ. ކިޔަވަން ތިއްބެވެ. އަޅުގަނޑުގެ އެންމެ ކުޑައިރުގެ ފޮޓޯއަކަށް އޮތީ އެ ގޭގެ ގޯތިތެރޭގައި މަންމައާއި އަޅުގަނޑުގެ އެއްބަޑު އެއްބަފާ ހަތަރު ފިރިހެން ބެއިން ނަގައިފައިވާ ކަޅާއިހުދުގެ ފޮޓޯއެކެވެ. ވަރަށް ކުޑަކޮށް އެ ދުވަސްވަރު ހަނދާންވެއެވެ.

މަނަދޫގެއަށް ސައްތާރުބޭ ބަދަލުވެވަޑައިގަތުމުން މަނަދޫ ސައްތާރު ކިޔަން ފެށީއެވެ. ސައްތާރުބެއަކީ މަނަދޫ އަބޫބަކުރުގެ ދަރިއެއްކަން މީހުންނަށް އެނގެންފެށީ އެ ހިސާބުންނެވެ. މަނަދޫ އަބޫބަކުރުގެ ހުންނާނީ މަނަދޫ ސައްތާރު ނޫންތޯއެވެ. އެއަށްވުރެ ބޮޑަށް މަނަދޫ ސައްތާރުގެ ނަން މަޝްހޫރުވީ ނޫސްވެރިކަމާއި ލިޔުންތެރިއެއްގެ ގޮތުގައި ގަލަމީ ނަމެއްގެ ގޮތުގައާއި ބައެއް ރަސްމީ ލިޔުންތަކުގައި ވެސް އުފަން ރަށުގެ ނަން އަމިއްލަ ނަމާއެކު ސައްތާރުބޭ ބޭނުން ކުރައްވަމުން ގެންދެވީމައެވެ. މިއީ މަނަދޫ ދެކެ ސައްތާރުބޭ ވެވަޑައިގަތް ލޯބިފުޅުގެ ދަލީލެކެވެ. ދެން ހުރީ އެކިއެކި ގޮތްގޮތުން ކޮށްދެއްވި ޚިދުމަތްތަކެވެ. ފަރުދާގެ ކުރިމަތީގައި އިސްވެ ހުންނަވައިގެންނާއި ފަރުދާގެ ފުރަގަހުގައި ހުންނަވައިގެންނެވެ. ވަކިވަކި ފަރުދުންނަށް ހެޔޮ ފޯރުވައިދެއްވުމުގެ ގޮތުން ވެދެއްވައިފައިވާ އެހީތަކާއި ރަށުގެ ތަރައްޤީއާއި ކުރިއެރުމަށާއި ޖަމާޢަތުގެ ފައިދާއަށް ކޮށްދެއްވައިފައިވާ ގިނަގުނަ ކަންތައްތަކެވެ.

އަޅުގަނޑު އިސްކޫލުގައި އުޅުނުއިރުގެ އެންމެ ދުރު އެއް ހަނދާނެވެ. އޭރު ދޭތެރެ ދޭތެރެއިން އިސްކޫލުން ފޮތް ފަންސުރު ބަހާނެއެވެ. ކުދިކުދި ދިވެހި ވާހަކަ ފޮތް ވެސް ބަހައެވެ. އެއީ ސައްތާރުބޭ ރަށަށް އައީއެވެ. އެއް ފަހަރަކު ޢައްމާރު ބިން ޔާސިރުގެ ވާހަކައަކާއި އުމަރު ބުން ޚައްޠާބު ކިޔާ ތުނި ދެ ފޮތެއް ލިބުނު ހަނދާން ވެއެވެ. އެއީ ސައްތާރުބޭ އިސްކޫލަށް ކުރައްވާ ހަދިޔާއެވެ.

މަނަދޫގައި ހުންނަ ނ. އަތޮޅު މަދަރުސާއިން ޗާޕުކޮށްގެން ނެރެމުން އައި ހަފުތާ ޚަބަރު ނޫސް މުޅި ރާއްޖޭގެ ހުރިހާ ސްކޫލުތަކެއްގެ ތެރެއިން އެއްވަނަ ހޯދި އަހަރެވެ. އެ ނޫހަށް ބޭނުންވާ އިސްޓެންސިލާއި ކައްޓާ އަދިވެސް ބައެއް އެހީތައް ދެއްވަން ނިންމެވިއެވެ. އަދި ގަވާއިދުން އެކަން ކޮށްދެއްވިއެވެ. އެ ނޫހުގެ ބޮލާއި އެކިއެކި ޚާއްޞަ ސަފުހާތަކާއި އެކިއެކި ބޭފުޅުންގެ ފޮޓޯގެ ބްލޮކު ހިލޭ ތައްޔާރުކޮށް ދެއްވަމުން ގެންދެވިއެވެ. ފޮތް ލިސްޓަށް ފޮތް ހޯދަން ދަތިވެގެން ބެލެނިވެރިން އުޅެން ފެށުމުން ފިނިވާގޭގައި ސަމަރުވައިޓް ޝޮޕް ހިންގި ތަނުގައި ސަންލައިޓް ބުކްޝޮޕް ހުޅުއްވައި އެ ޚިދުމަތް ދެއްވިއެވެ. ފަހުން އައްސޭރި ޝޮޕުގައެވެ.

މަނަދޫގައި ހިންގި ވަރަށް ހަރަކާތްތެރި ޖަމްޢިއްޔާއެއް ކަމަށްވާ "ޖަމްޢިއްޔަތުލް އިޢުތިލާފް" އަށް ފަހު މަނަދޫގައި އޮތީ އިޖުތިމާޢީ ގޮތުން ވަރަށް ބޮޑު ފަޅުކަމަކާއި ހުސްކަމެކެވެ. މަނަދޫގެ ރައްޔިތުންގެ މެދުގައި ޚާއްޞަކޮށް ޒުވާނުންގެ މެދުގައި އިޖުތިމާޢީ ހަރަކާތްތައް ހިންގާނެ އެންމެންނަށް ވެސް ހެޔޮވަރު މަންސައަކަށް އޮތީ ބޭނުންވެފައެވެ. ސައްތާރުބޭ އަޑީގައި ހުންނަވައިގެން ހިތްވަރުދެއްވައި މަގުދައްކަވައިގެން އުފެއްދެވި މަނަދޫ ޒުވާނުންގެ ގުޅުމުގެ ހަގީގީ ބާނީއަކީ އެއީއެވެ. އެ ޖަމުޢިއްޔާގެ އެއްވެސް މަގާމެއް ނުފުރުއްވިޔަސް ޖަމްޢިއްޔާ ފެށިގެންއައި އިރު އެ ޖަމްޢިއްޔާގެ ސިކުނޑިއަކީ އެއީއެވެ. އެ ދުވަސްވަރު އިޖުތިމާޢީ ބޮޑުކަމެއް ސައްތާރުބެއާ ނުލައެއް ނުހިނގައެވެ. ޖަޕާނު ސަރުކާރުގެ އެހީގައި މަނަދޫގައި އިމާރާތް ކުރެވުނު އިސްކޫލު، ނ. އަތޮޅު މަދަރުސާގެ ނަމުގައި ހުޅުވުމަށް ޓަކައި ބޭއްވި ކުލަގަދަ ރަސްމިއްޔާތުގެ ކަންތައްތައް އެއީ ވެސް ކަމެކެވެ. އިސްކޮށް އުޅުއްވާ ތަން އަޅުގަނޑު ދުށީ ސައްތާރުބެއާއި ހިޔަމަ ބަކުރުބެއާއި، އަލީމޫސަބޭގެ ޖަޢުފަރުބެއެވެ. ރަށުގެ މިސްކިތްތަކަށް އަޑުގަދަކުރާ ސެޓާއި އެފަދަ ބައެއް ސާމާނު ހަދިޔާކުރެއްވިއެވެ.

ފުޅި ބައްތީގެ އަލީގައި މަނަދޫ މީހުން ދިރިއުޅެމުން ދަނިކޮށް ކަރަންޓުގެ ޚިދުމަތް ތަޢާރަފުކޮށް ދެއްވި ބޭފުޅަކީ ވެސް އެއީއެވެ. ފަސް ކިލޯ ވޯޓުގެ ޖަނަރޭޓަރަކާއެކު ފެއްޓެވި ސަންލައިޓް އިންޖީނުގޭން މުޅި ރަށަށް ކަރަންޓް ދެއްވިއެވެ. އެއީ ރަށުގެ ކުދިބޮޑު އެންމެން އެއް ރޫޙެއްގައި ކުރި ބުރަ މަސައްކަތެކެވެ.

މަގުމަތީ ފުރަތަމަ ބައްތިޖެހީ ރަށުގެ ވަލުތެރެއިން ކަށިކެޔޮ ގަސް ކަނޑައިގެންނެވެ. އަޅޯ ކޮޅަށްޖަހައި އަޅޮލުގެ ކުރީގައި ހޮޅިބުރި ހަރުކުރަން ވަޑިފަތި ވާގޮތަށް ހުންނަ ލަކުނޑި ބަނދެގެންނެވެ. އެގޮތަށް ހުންނަ ކުރެދި ކެނޑީ އެއްދުއްފަރުންނެވެ.

މަނަދޫ ކުރިކީލަގޭގައި (ކެޔޮޅުބޭ ގޭގައި) ހެދި އެ އިންޖީނުގެއިން ޚިދުމަތް ދިނީ އިރުއޮއްސި ހަޔަކުން ރޭގަނޑު އެގާރައަށެވެ. އިންޖިނޭރަކީ އިންޖީނު ކުޑަބެއެވެ. ފަހުން އަވަށު ފޯރި ވަދެގެން އިރުއަލި އިންޖީނުގެ ފޫޅުމާގޭގައި ހަދައިފިއެވެ. ދެ އަވަށަށް ދެ އިންޖީނުގެއެވެ. އަޅުގަނޑުމެން ގޭގެ މަގުމަތީ ފާރުގައި ދެ އިންޖީނުގޭގެ ދެ ފިއުޒު ފޮށި ހުއްޓެވެ.

ސައްތާރުބެއަކީ ކަނޑަށް ވަރަށް ދެރަ ބޭފުޅެކެވެ. ކަނޑު ފާނޯވެފައި ނެތިއްޖާ ހޮޑުލައްވާނެއެވެ. އެކަމަކު އެއީ ރަށަށް ވަޑައިގަންނާން އޮންނަ ހުރަހަކަށް ނުހައްދަވައެވެ. ރަށަށް ވަޑައިގަންނަވާއިރު އަޅުގަނޑުގެ ބައްޕަ ރަށުގައި ހުންނެވިއްޔާ އެންމެ ފުރަތަމަ ވަޑައިގަންނަވާ ގެތަކުގެ ތެރޭގައި އަޅުގަނޑުމެންގެ ހިމެނޭނެއެވެ. ބައްޕަ އާއި ސައްތާރުބެއާ އޮންނަ ގުޅުމަކީ މަޖީދިއްޔާގައި އެކުގައި ކިޔަވަން އުޅުއްވި ދުވަސްވަރުއްސުރެ އޮންނަ ގުޅުމެކެވެ.

އެއް ފަހަރަކު ރަށުން މާލެއަށް ސައްތާރުބޭ ވަޑައިގެންނެވި ދަތުރެއްގައި އަޅުގަނޑު މާލެ އައިމެވެ. ހުޅުލެއާއި މާލެއާ ދޭތެރޭގައި އޭރު ދުއްވާ ކަހަލަ ސަތަރި ދޯންޏެއްގައެވެ. ކަނޑު ވެސް ގަދަ ދުވަހެކެވެ. ބާރަވަރަކަށް ގަޑިއިރުގެ އެ ދަތުރުގައި ސައްތާރުބޭ ބޯ ހިއްލައެއްނުލައްވައެވެ. ހޮޑަށް ލައްވާނެ އެއްޗެއް ނެތަސް އޯކާލައްވައެވެ. ކުރުނބާ ފެން ފޮދެއް އެއްޗެއް ވެސް ނުހިއްޕަވައެވެ.

އެއް ފަހަރަކު ރަށަށް ގޮސް އުޅުއްވަނިކޮށް ވަރަށް ބޮޑު އަނިޔާއެއް ސައްތާރުބެއަށް ލިބިވަޑައިގަތެވެ. އަތޮޅުތެރެއަށް ވަޑައިގެންނެވި ދަތުރެކެވެ. ދަތުރު ނިންމާލައްވައި ރަށަށް ފައިބައިވަޑައިގަންނަވާން ވެގެން ފުންމައިލެއްވީއެވެ. ރަށުގެ ފަސްގަނޑުގައި ފައި އެޅުއްވުނު ގޮތަކުން ކުޑަހުޅަށް ވަރަށް ބޮޑަށް އަނިޔާވިއެވެ. ވަރަށް ގިނަ ދުވަސްވަންދެން ބޭސްކުރެއްވިއެވެ. ފައިންޕުޅު ނޭޅުއްވިގެން ދަނޑިގަނޑު ޖައްސަވައިގެން އުޅުއްވިއެވެ. އަވަހާރަވުމާހަމައަށް ވެސް ހިންގެވުމުގައި އެކޮރު ހުއްޓެވެ.

އެންމެފަހުން އަޅުގަނޑާ ސައްތާރުބެއާ ބައްދަލުވީ މާވެޔޮ މިސްކިތުން ނަމާދުން ފައިބައި ވަޑައިގެންނެވި ތަނުންނެވެ. އާންމުކޮށް އެ ހުންނަވާ ސާދާ ގޮތެވެ. ސަލާން ކޮށްލައްވައި ބައްޕަ އާއި އާއިލާގެ ހާލު އޮޅުން ފިލުއްވިއެވެ. އެއީ ކިތަންމެ އަވަހަށް ބައްދަލު ވިޔަސް ސައްތާރުބޭގެ އާދައެވެ. ސައްތާރުބޭ ތިން ކައިވެންޏެއް ކުރެއްވިއެވެ. އަވަހާރަވީ އިރު 8 ބޭފުޅުން ތިއްބެވިއެވެ. އަނބިކަނބަލަކަށް އިންނެބީ ވަޙީދާ ދައްތައެވެ.

ސައްތާރުބެއަކީ ހިތްޕުޅުހެޔޮ، ހެޔޮލަފާ ބޭފުޅެކެވެ. ވަރަށް ސާދާ ދިރިއުޅުމެއް އުޅުއްވެވި ހިތްތިރި ބޭފުޅެކެވެ. ހަގީގަތަށް ލޯބިކުރައްވައި އިންސާފާއި ހަމަހަމަކަމަށް ވަކާލުކުރެއްވި ބޭފުޅެކެވެ. ސައްތާރުބޭ އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅެއްގައި 29 މާރިޗު 2006 ގައި އިންޑިއާގެ ތިރިވަނައްތަޕޫރަމް (ޓްރިވެންޑްރަމް)ގައެވެ.

ސައްތާރުބެއަށް އާޚިރަތުގެ ފުއްސެވުމާއި ރުއްސެވުން ލައްވައި ސުވަރުގޭ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި އެވެ! އިޚްލާޞްތެރިކަމާއެކު ޤައުމަށް ޚާއްޞަކޮށް މަނަދޫއަށް ކޮށްދެއްވި މަސައްކަތްޕުޅުތަކާއި ޚިދުމަތްތަކުގައި ބަރަކާތްލައްވާށިއެވެ! އާމީން!

___________________________

 

އިދާރާ

އެނގޭތަ؟

ވާހަކަ