އަދުގެ ޚާއްސަ

Print

ދެވަނަ ފުރުޞަތު (12)

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ވާހަކަ

އަސްމާ އަބޫބަކުރު، ހއ. ދިއްދޫ

(25 މެއި 2020 ގައި ޝާއިޢުކުރި ބަޔާ ގުޅޭ)

ޒަލާ ކޯޓުގައި އިންއިރު އެއްވެސް މީހަކާ ދިމާއަކަށް ނުބަލައެވެ. އިނީ އިސްޖަހައިގެންނެވެ. އަމިއްލަ ކުށް ޤަބޫލުކުރާ އުޞޫލުންނެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. ޒަލާއަށް ލޯ ހުޅުވޭން ފެށީ ޖަލުގެ ކުޑަގޮޅިއަށް އައި ފަހުންނެވެ. 

އެދުވަހުގެ ޝަރީޢަތުގެ މަޖުލިސް ނިންމީ ދެން އޮންނަ އަޑުއެހުމުގައި ޒަލާއަށް ފަހުގެ ފުރުޞަތު ދެމުންނެވެ. އޭގެ ފަހުން އޮންނާނީ ޙުކުމް އިއްވުން ކަމުގައި ޤާޟީ ވިދާޅުވިއެވެ.

ޒަހުވާ ކޯޓުން ނިކުންނަމުން ޙާމިދާ އާއި ވާހަކަ ދެއްކޭތޯ މަސައްކަތް ކުރިއެވެ. އެކަމަކު ޙާމިދާ އެފުރުޞަތު ޒަހުވާ އަކަށް ނުދިނެވެ. ޙާމިދާގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅުގެ ޤާތިކަލަކީ ޒަހުވާގެ ދަރިއަށް ވުމުންނެވެ. ދެ އެކުވެރީންގެ ދެމެދުގައި އުސްފާރެއް ލެވުނީއެވެ. މީގެ ކުރީން ޙާމިދާއަކީ އެހާ ހިތްހަރު މީހެއް ނޫނެވެ. އެހެންނަމަވެސް ދަރިފުޅުގެ މަރުގެ ސަބަބުން ޙާމިދާގެ އެ ކުޑަ ޢާއިލާ އެއްމޭޒު ކައިރީގައި ތިބެ މިއިން ދުވަހަކު ވެސް ކައި ހަދައިފައެއް ވެސް ނުވެއެވެ. ހައުލާއާއި ހައިމާ ވެސް ރަނގަޅަށް ނިދި ރެއެއް ވެސް ނޭނގެއެވެ. ޙާމިދާގެ އަރުން ރަނގަޅަށް ކާ އެއްޗެއް ދިރުވައި ނުލާތީ މީހާ އަނަރޫފަ ވަމުން ދަނީއެވެ. މާތްﷲ އެ މީހުންނަށް ދެއްވި ހެޔޮލަފާ ދީންވެރި ދަރިއެއް ގެއްލުމުގެ ހިތާމައިގައެވެ. 

ދަރިންނަކީ މާތްﷲ ދެއްވާ އަމާނާތެކެވެ. އެ ދަރީން ދުނިޔެއަށް އަންނަނީ ސާފު ޠާހިރުކަން މަތީގައެވެ. އެ ދަރީންނަށް ރަނގަޅު މަގު ދައްކާން ތިބި ބަޔަކީ މައިންބަފައިންނެވެ. އެދަރީން ޔަހޫދީއަކަށް ނުވަތަ މަޖޫސީއަކަށް ނޫނީ ނަޞްރާނީއަކަށް ހަދަނީ ވެސް މައިންބަފައިންނެވެ. އެއީ ޙާމިދާ ދެކޭ ގޮތެވެ. 

ޙާމިދާ ދަރީން ބޮޑެތި ކުރީ ލޮލުގެ ކޮއި ފަދައިންނެވެ. އެ ކުދީން އަޅާ ކޮންމެ ފިޔަވަޅެއް އަޅަނީ ވެސް ޙާމިދާއަށް އެނގިގެންނެވެ. އެހާ ވަރަށް ދަރީންގެ ކަންކަން ޙާމިދާ ބަލަމުން ގެންދިޔައެވެ. އެކުދިން ފަތިސް ނަމާދަށް ނަގަނީ ޙާމިދާއެވެ. ޙަސީނަށް ކޮންމެ ރެއަކު ފަތިހު ގޮވައިފައި އޭނާގެ ބައްޕައާއެކު މިސްކިތަށް ފޮނުވައިފައި ނޫނީ ޙާމިދާ ނަމާދަކަށް ނާރައެވެ. ދަރީންގެ ޢުމުރުން ހަތް އަހަރު ވުމާއެކު ރޯދައަށް ބަހައްޓައެވެ. މަޣުރިބު ނަމާދަށްފަހު ކުދިން ލައްވައި ޤުރުއާން ކިޔެވުމަށް އާދަކުރުވިއެވެ. ދީނީ ކަންކަމަށް ލޯބި ޖެއްސުމަށް ޓަކައި ދަރީން ނިންދަވާ ގަޑީގައި އިސްލާމީ ތާރީޚުގެ ވާހަކަތައް ކިޔައި ދެއެވެ. 

ޒަހުވާތޯއެވެ. ކިޔަވައިގެން ހުރި ތަންދޮރު ދަންނަ މަންމައެކެވެ. ދަރިފުޅު ބަލައި ބޮޑުކުރާން ޙަވާލުކުރީ ބިދޭސީ އާޔާ އަކާއެވެ. ފެން ފަދައިން ފައިސާ އޮތީމައެވެ. ދީނުގެ އެއްވެސް ކަމަކަށް ބާރެއް ނާޅައެވެ. އެންމެ ކުޑަމިނުން ޒަލާގެ މާމަ ނިޔާވި ފަހުން ޝަހާދަތް ކިޔައިދޭނެ މީހަކު ވެސް ނެތެވެ. ދުވަހަކު ރޯދަ ހިފާން، ނަމާދުކުރާން ޖެހޭނެ ކަމަކަށް ބުނެދީފައެއް ނުވެއެވެ. 

ދުނިޔޭގައި އުޅޭއިރު ލިބޭ ހުރިހާ އުފަލެއް ހޯދުމަށް ޓަކައި މަގު ތަނަވަސް ކޮށްދިނެވެ. އަންހެން ދަރިއަކަށް ވީތީ މިޒަމާނުގައި ފުރުޞަތު ހަނިކުރާން ނުޖެހޭނެ ކަމަށް ބުނެ ދަރިފުޅަށް ދޫދިނެވެ. ފުރާވަރު ޢުމުރަށް އެޅުމާއެކު ދަރިފުޅުގެ އަބުރު ވިއްކައިލުމުގެ ފުރުޞަތު ފިރިހެން ޓީޗަރެއް ގެއަށް ގެނެސްގެން ހޯދައިދިނެވެ. އަދި ޤައުމުން ބޭރަށް ދިއުމުގެ ފުރުޞަތު އިތުބާރާއެކު ދިނެވެ. ދަރިފުޅު ހޯދާ ފައިސާއަކީ ޙަލާލު ގޮތުގައި ހޯދާ ފައިސާތޯ ބަލައެއް ނުލައެވެ. 

ޒަހުވާ އާއި ފާހިމް އުޅުނީ ވެސް ރަސްމީ ދިރިއުޅުމެއްގެ ސިފައިގައެވެ. ކައިވެނި ކޮށްގެން ތިބި ކަމުގައި ވިއަސް ދެމަފިރީން އުޅުނީ އެމީހެއްގެ މަސައްކަތުގައެވެ. ދަރިފުޅާއެކު ވަގުތު ހޭދަކޮށްލާނެ ފުރުޞަތު ވެސް އެދެމަފިރީންނަކަށް ނުލިބެއެވެ. އަދި ދެމަފިރީން އެކުގައި ތަންތަނަށް ގޮސްލާނެ ފުރުޞަތެއް ވެސް ނުލިބެއެވެ. ފާހިމް ބަލަމުން ދިޔައީ އޭނާގެ ވިޔަފާރި ފުޅާ ކުރެވޭތޯއެވެ. ދަރަންޏަށް މީސްމީހުންގެ އަތުން އެތައްބައިވަރު ފައިސާއެއް ލޯނުގެ ގޮތުގައި ނެގިއެވެ. އެފައިސާއިން ރާއްޖޭގައިގައި ހުރި އެންމެ ބޮޑު މަހުޖަނަށް ވުމުގެ އުއްމީދުގައެވެ.

"ޒަހުވާ. ޒަލާ ޖަލަށް ގެންދިއުމާ، އަހަރެމެންގެ އެބޮޑު ވިޔަފާރި އަނދާ ހުލިވުމަކީ ބަޔަކު ދިން ލަނޑެއް ނޫންބާއޭ ހިތަށް އެބައަރާ." 

" އެއްޗެއް ގެއްލިގެން ދާނީ އެއެއްޗެއް ހޯދި ގޮތަކަށް." ފަހަތުން އައި އަޑަށް ޒަހުވާ އާއި ފާހިމް ބަލައިލިއިރު ޒަހުވާގެ ދެބެންގެ ދެދަރި ފާތުން އައިސް އެގެއަށް ވަންނަނީނެވެ.

" ފާހިމްބެ ތިހެން ބުނާއިރުވެސް އެނގޭނެ ވިޔަފާރި ފުޅާ ކުރުމަށް މީސްމީހުން އަތުން ނެގުނު ފައިސާ. އެއީ ބޭންކުން ނެގުނު ލޯނުގެ އިތުރުން ނެގިފައިސާ. އެއިން އެއްވެސް ފައިސާއެއް ދައްކަންތަ؟ ކުރީ ދުވަހު ބޭންކުން ލޯނު ނުދައްކާ މީހުންގެ ލިސްޓް ނެރުނުއިރު ފާހިމްބެގެ ނަން އޮތް." ޒަހުވާއާއި ފާހިމް ތިބީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ފާތުން އަށް އެ ކަހަލަ ވާހަކައެއް ބުނަން ކެރުނީތީއެވެ. 

"މިހާރު ތިޔަވިސްނަނީ އަހަރެން ކީއްވެހޭ ބެހެނީ މިގޭ ކަންކަމާ." ފާހިމްގެ ހިތަށް އެރީ ވެސް އެހެންނެވެ. 

"ފާއިތުވެ ދިޔަ ރޯދަމަހު އަހަރެން މި ގެއަށް އައިއިރު ޒަލާ އިނީ ރޯދަ ނުހިފައި ކާން. އެއީ ޒަހުވައްތަ އާއި ފާހިމްބެ ދިން ތަރުބިއްޔަތު. ބަލައިބަލަ ނިކަން ތިޔަ ދެމަފިރީންނަށް. ދުވަހަކު ވެސް ނުވޭ ގޭގައި މަޑުކޮށްލާނެ ވަގުތެއް. ލިބުނު އެންމެ ދަރިއެއް ތަރުބިއްޔަތު ކުރެވުނީ ރަނގަޅަށްބާއޭ ހިތަށް އަރާނެ މިހާރު. ފުރާވަރު ޢުމުރަށް އެޅިއިރު ވެސް ޒަލާއަށް ނަމާދާއި ރޯދަ އެއީ ދަންނަކަމަކަށްނުވި. ރަނގަޅަށް ކިޔަވައި ދެވުނީކީނޫން. އެންމެފަހުން ސެލޫންގެ ނަމުގައި ނާސި ގެއެއް ހުޅުވައިގެން އުޅެފައި އެދިޔައީ ޖަލަށް." ފާތުންގެ ވާހަކަ އެހާ ހިސާބަށް ދިޔައިރަށް ޒަހުވާ އަކަށް މަޑަކުން ނުހުރެވުނެވެ. އެމީހުންގެ ހުރި ހަމައެކަނި ދަރި ފަޟީޙަތް ކުރުމުގެ ޙައްޤު އެޢާއިލާގެ އެއްވެސް މީހަކަށް ނޯންނާނެއެވެ. ފާތުން އެދެއްކީ ކޮންކަހަލަ ހަމަނުޖެހޭ ވާހަކަތަކެއްހެއްޔެވެ. ފުރާވަރު ޢުމުރުގައި އެ ކުދީން އުޅޭނީ ސަކަރާތުގައިކަން އެންމެންނަށް ވެސް އެނގޭނެއެވެ.

"ފާތުން. ޒަލާގެ ބޮލުގައި ދޮގު ބަދުނާމް ނާޅުވާ." ޒަހުވާ ރުޅިއައިސްގެން ހުރެ ތަންކޮޅެއް ބާރަށް ބުންޏެވެ. ޒަލާ އަތުން މީހަކު މަރުވުމުން ފާތުން، ޒަލާ ބަދުނާމް ކުރަނީއެވެ.

"އަހަރެން ދޮގެއް ނުހަދަން. އަހަރެން ވެސް ޒަހުވައްތަގެ ޢާއިލާ މީހަކަށްވީތީ ރަނގަޅުވޭތޯ ޒަލާއަށް ވަރަށް ނަޞޭހަތް ދިނިން. އެކަމަކު ޒަލާއަށް ދައްތައާއި ބޭބެ ދީފައިވާ މިނިވަންކަމަކުން އެހެން އެވީ. ޒަލާގެ ކަންކަން ބަލައި ނުލެވޭއިރު އަންހެން ދަރިއަކަށް ދޭންވާ ވަރަށްވުރެ، މާބޮޑަށް މިނިވަންކަން ދިނީ." ފާތުން އެގެއިން ނިކުމެގެން ދިއުމުން ވެސް ޒަހުވާ އާއި ފާހިމް އެތައް އިރެއް ވަންދެން ވިސްނުމުގައި ތިއްބެވެ. 

ޖަލުގައި މިވީ ދުވަސްކޮޅުގެ ތެރޭގައި ޒަލާއަށް ވަރަށް ބޮޑު ބަދަލެއް އަތުވެއްޖެއެވެ. ކުރެވުނު ކުށްތަކާމެދު ވިސްނާ ވަރަކަށް ރޮވެއެވެ. މީގެ ކުރިން އުޅެވުނީ މުސްލިމަކަށްވެހުރެ ޣައިރު މުސްލިމަކު ނޫޅޭނެހާ ނުބައިކޮށެވެ. ޒަލާގެ ހިތަށް އެތައް ފަހަރަކު އަރައި ފައިބަމުން ދިޔަ ސުވާލެއް ވެއެވެ. 

(އަދި ނުނިމޭ)

އިދާރާ

އެނގޭތަ؟

ވާހަކަ