އަދުގެ ޚާއްސަ

ކައު ރަސޫލާގެ ސީރަތުގެ މުތީތަކާއި ޝަޛާތަކުން (26)

. ހިމެނޭބަޔަކީ ސިޔަރަތު

އިބްރާހީމް ރަޝީދު މޫސާ

(25 މެއި 2020 ގައި ޝާއިޢުކުރި ބަޔާ ގުޅޭ)

498. ހިޖްރައިން 10 ވަނަ އަހަރުގެ ޛިލްޤަޢިދާ މަހު ރަސޫލާ ﷺ ޙައްޖަށް ވަޑައިގަންނަވަން ގަސްތު ކުރައްވާކަން އިޢުލާން ކުރެއްވިއެވެ.

499. މި ކަމާ ވިދިގެން ވަރަށް ގިނަ ބަޔަކު ރަސޫލާގެ އަރިހުގައި ޙައްޖަށް ދިޔުމަށް މަދީނާއަށް އައެވެ. އެންމެން ވެސް ބޭނުންވީ ރަސޫލާގެ އިމާމުކަމުގައި ޙައްޖު ވުމަށެވެ. ޖާބިރުގެފާނު ވިދާޅުވިއެވެ. ޙައްޖަށް ދިޔުމަށް ކުޅަދާނަކަން ލިބިގެންވާ ހަމަ އެކަކުވެސް މަދީނާއަށް އައުމަށް ފަސްޖެހިގެން  ނުވެއެވެ. 

500. މި ޙައްޖަށް  ޙައްޖަތުލް ވަދާޢު ގެ ނަން ދެވުނެވެ. އެއީ މި ޙައްޖުގައި ރަސޫލާ މީސްތަކުންނަށް އަލްވަދާޢު ވިދާޅުވެފައިވާތީއާއި މިއީ ރަސޫލާ ކުރެއްވި އެންމެ ފަހު ޙައްޖު ކަމުގައި ވާތީއެވެ.

501. މި ބަރަކާތްތެރި ޙައްޖުގައި ރަސޫލާގެ އަރިހުގައި އެއްލައްކަ މީހުން ބައިވެރިވިއެވެ. 

502. ރަސޫލާ ﷺ ޛުލް ޙުލައިފާ މީޤާތަށް ވަޑައިގެން އިޙްރާމު ބެންނެވުމަށް ޓަކައި ނާނޭފުޅު ފިއްލެވިއެވެ.އެއަށްފަހު ޢާއިޝަތުގެފާނު ރަސޫލާގެ ގައިކޮޅުގައި ހުވަދު ތުރުކޮށްދެއްވިއެވެ. އެއަށްފަހު ރަސޫލާ ﷺ  އިޙްރާމު ބެންނެވިއެވެ. 

503. ޛުލް  ޙުލައިފާ ގައި އަބޫބަކްރުގެފާނުގެ އަނބިކަނބަލުން އަސްމާއު ބިންތު ޢުމައިސް އަބޫބަކްރުގެފާނުގެ މުޙައްމަދުގެފާނާއިގެން ރައްކައުވިއެވެ. ރަސޫލާ ﷺ އެކަމަނާއަށް ނާނޭފުޅު ފިއްލަވައި އިޙްރާމު ބެންނެވުމަށް އެންގެވިއެވެ. 

504. އެއަށްފަހު ރަސޫލާ ﷺ ތަލްބިޔާ ވިދާޅުވުމުން އެކަލޭގެފާނާއެކު މީސްތަކުން ތަލްބިޔާ ކިޔެވެ. އެހިނދު ޖިބްރީލުގެފާނު ވަޑައިގެން އަޑުހަރުކޮށް ތަލްބިޔާ ވިދާޅުވުމަށް އެންގެވިއެވެ. 

505. ސަރަފު ސަރަހައްދަށް ވަޑައިގެންނެވުނުތަނާ ޢާއިޝަތުގެފާނު ޙައިޟުވެ ވަޑައިގެންފިއެވެ. އެހިނދު ރަސޫލާ ﷺ ޠަވާފުނޫން އެހެން ހުރިހާ ކަމެއް ކުރެއްވުމަށް ޢާއިޝަތުގެފާނަށް ވިދާޅުވިއެވެ. 

506. ރަސޫލާ ﷺ އަށް މައްކާއަށް ވަޑައިގެންނެވުނީ ހިޖްރައިން 10ވަނަ އަހަރުގެ  ޛުލްޤަޢިދާ މަހުގެ ހަތަރުވަނަ ދުވަހުއެވެ. އެކަލޭގެފާނު އަލްމަސްޖިދުލް ޙަރާމަށް ވަދެވަޑައިގަތީ އާދީއްތަ ދުވަހުގެ ޟުޙާ ވަގުތުގައެވެ. އެކަލޭގެފާނު ވަދެވަޑައިގަތީ ބާބު ޢަބްދު މަނާފުން (ބާބު ބަނީ ޝައިބާއިން) ނެވެ. މިހާރު އެއީ ބާބުއްސަލާމެވެ. އެއަށްފަހު ޠަވާފު ކުރައްވައި ސަޢުޔު ކުރެއްވިއެވެ. 

507. އެ ކަންތައްތަކުން އަވަދިވެ ވަޑައިގަތުމުން  މައްކާގެ އިރުމަތީ ސަރަޙައްދެއް ކަމުގައިވާ އަބްޠަޙަށް ފައިބާވަޑައިގެންނެވިއެވެ. ދެން ޙައްޖުމަހުގެ 8ވަނަ ދުވަހު (ތަރްވިޔާ ދުވަސް) މިނާއަށް ވަޑައިގެންނެވިއެވެ. 

508. މިނާގައި މެންދުރާއި ޢަޞްރު،  މަޣްރިބާއި ޢިޝާ ކުރެއްވީ ޖަމްޢުކޮށް ޤަޞްރު ކޮށެވެ. ފަތިސް ނަމާދު ވެސް ކުރެއްވީ މިނާގައެވެ.

509. ޙައްޖުމަހުގެ 9 ވަނަ ދުވަހަށް އިރު އެރުމުން (އެއީ ހުކުރު ދުވަހެކެވެ.) ރަސޫލާ ﷺ ޢަރަފާތަށް ވަޑައިގަތުމަށް ދަތުރުފުޅު ފެށްޓެވިއެވެ. މެންދުރުވުމުން ޢުރަނާ ވާދީއަށް ވަޑައިގެންނެވިއެވެ.އެއީ ޢަރަފާތު ސަރަޙައްދުން ބޭރު ހިސާބެކެވެ.އެތާނގައި ރަސޫލާ ﷺ އެކަލޭގެފާނުގެ މަޝްހޫރު ޚުޠުބަތުލް ވަދާޢު ދެއްވިއެވެ. މި ޚުޠުބާ ދެއްވީ އަލްޤަޞްވާ ޖަމަލުކޮޅު މަތީގައި އިންނަވައެވެ. 

510. މި ޚުޠުބާގައި އިސްލާމްދީނުގެ އަސާސީ ބައެއް ޤަވާޢިދުތައް ބަޔަންކޮށް ދެއްވިއެވެ. އަދި ޖާހިލިއްޔަތުގެ ބައެއް ޤަވާޢިދުތައް މުގުރާލެއްވިއެވެ. 

511. މި ޚުޠުބާ ދެއްވައި ނިމިގެން މެންދުރު ނަމާދާއި ޢަޞްރު ނަމާދު ޖަމްޢުކޮށް ޤަޞްރުކޮށް ކުރެއްވިއެވެ. އެ ދެނަމާދުގެ ދެމެދުގައި އެހެން ނަމާދެއް ނުކުރައްވައެވެ. 

512. އެއަށްފަހު އަލްޤަޞްވާއަށް ސަވާރުވެވަޑައިގެން ޢަރަފާތަށް ވަޑައިގެންނެވިއެވެ. ދެން އެތާނގައި ބޮޑެތި ހިލަތައް ހުރި ތާނގައި ޤިބްލައަށް ކުރިމަތިފުޅު ލައްވައިގެން އިރުއޮއްސިއްޖައުމަށް ދާންދެން ދުޢާކުރައްވަން ހުންނެވިއެވެ. 

513. ރަސޫލާ ﷺ ޙަދީސް ކުރެއްވި [އެންމެ ރަނގަޅު ދުޢާއަކީ ޢަރަފާތު ދުވަހުގައި ކުރެވޭ ދުޢާއެވެ.] 

514. ޢަރަފާތުގައި ރަސޫލާ ﷺ ހުންނަވަނިކޮށް މި އާޔަތް ބާވައިލެއްވިއެވެ. [ٱلْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِى وَرَضِيتُ لَكُمُ ٱلْإِسْلَـٰمَ دِينًا]  -  ([މިއަދު، ތިޔަބައިމީހުންގެ دين، ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަންރަސްކަލާނގެ نعمة، ތިޔަބައިމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ.]) (المائدة:3)

(ނުނިމޭ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ