އަދުގެ ޚާއްސަ

Print

ދެވަނަ ފުރުޞަތު (13)

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ވާހަކަ

އަސްމާ އަބޫބަކުރު، ހއ. ދިއްދޫ

(26 މެއި 2020 ގައި ޝާއިޢުކުރި ބަޔާ ގުޅޭ)

ޖަލުގައި މިވީ ދުވަސްކޮޅުގެ ތެރޭގައި ޒަލާއަށް ވަރަށް ބޮޑު ބަދަލެއް އަތުވެއްޖެއެވެ. ކުރެވުނު ކުށްތަކާމެދު ވިސްނާ ވަރަކަށް ރޮވެއެވެ. މީގެ ކުރިން އުޅެވުނީ މުސްލިމަކަށްވެހުރެ ޣައިރު މުސްލިމަކު ނޫޅޭނެހާ ނުބައިކޮށެވެ. ޒަލާގެ ހިތަށް އެތައް ފަހަރަކު އަރާ ފައިބަމުން ދިޔަ ސުވާލެއް ވެއެވެ.

"މިހާ ޅަޢުމުރުގައި ކުރެވުނު ފާފަތައް އެހާގިނަ. މަޢާފް ކުރުން ޙައްޤުނުވާވަރަށް މިވަނީ ކުށްކުރެވިފައި. އަހަރެމެންގެ ދީނަކީ އިސްލާމް ދީނަށްވާއިރު، މީގެ ކުރީން އަހަރެން އަމިއްލައަށް ދީނާމެދު ވިސްނައިލެވިފައެއް ނުވޭ. ޔާﷲ މިއަޅާ ކުރި ކުށްތަކަށް މަޢާފް ދެއްވާނދޭވެ!" ޒަލާގެ ދެއަތް މައްޗަށް ނަގައިގެން ހުރެ ދުޢާކުރަމުން ދިޔައިރު ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. 

ދީނީ ފޮތްތައް ކީ ވަރަކަށް އިސްލާމްދީނުގެ ކަންކަން ޒަލާއަށް އޮޅުންފިލަމުން ދިޔައެވެ. އެންމެ ދެރަވީ މީހަކު މަރައިލެވުމާއެކު، ކައިވެންޏެއްގެ ކުރީން ޢިއްފަތްތެރި އަންހެނަކަށް ނުވެވުނީމައެވެ. އިސްލާމް ދިނާ ބެހޭ ގޮތުން ކުރީން އެއްވެސް އެއްޗެއް ދަސްކުރާން ނޫޅެވުނީތީ އެކަމާ ޒަލާ ހިތާމަކުރިއެވެ. މާދަމާއަކީ ޒަލާގެ އެންމެފަހުގެ އަޑުއެހުން ބާއްވާ ދުވަހެވެ. ޒަލާގެ ފަހުބަސް އިއްވުން ވެސް އޮންނަނީ އެއަޑުއެހުމުގައެވެ. ދަންޖައްސައި މަރާފާނެ ކަމަކަށް ޒަލާ ބިރެއް ނުގަނެއެވެ. އެހެންނަމަވެސް ދުނިޔޭގައި ކުރެވުނު ކުށްތަކަށް ތަޢުބާވާނެ ފުރުޞަތު ނުލިބޭތީ އެކަމާ ކޮންމެ ދުވަހަކު ވެސް ރޮއި ގިސްލެވެއެވެ. ޙަސީންގެ ޢާއިލާއެއް ޒަލާ ނުދަނެއެވެ. ޙާމިދާގެ ގޮތެއް ވެސް ޒަލާއަކަށް ނޭނގެއެވެ. ޙަސީނަކީ ޒަލާގެ މަންމަގެ ކުޑައިރުގެ އެކުވެރިޔާގެ ދަރިފުޅު ކަމެއް ވެސް ޒަލާއަކަށް ނޭނގެއެވެ. އެނގޭހައި ވެސް ކަމަކީ ޙަސިން ކިޔާ މީހަކު ޒަލާގެ ސެލޫނަށް އައި ކަމެވެ. އަދި އޭނާ މަސައްކަތްކުރީ ޒަލާއަށް ވިސްނައިދޭން ކަމެވެ. އެހެން މީހުން އުޅޭހެން ޙަސީން، ޒަލާގެ ގަޔަކު އިނގިލި ކުރި ވެސް ޖައްސައެއްނުލައެވެ. އެ ކަހަލަ މީހަކު އެ ސެލޫނަކަށް އޭގެ ކުރިއަކުން ނުވަދެއެވެ. އެހެން މީހުން ތިބެނީ އަންހެން ކުއްޖަކު ފެންނައިރަށް ދަހިވެތި ނަޒަރަކުން ބަލާށެވެ. 

އާ ދުވަހަކަށް އިރުއެރީ އެތައް ބަޔަކު ހެއްވަމުންނެވެ. ޒަލާއަށް ވިސްނެމުން ދިޔައީ ދުނިޔެ ކުޑަތަންވާ ކަމުގައެވެ. މިއަދު ނިޔާ އިއްވުމާ އެކީ ދުނިޔޭގައި އުޅެން ލިބޭނީ އެންމެ މަހެކެވެ. އެއީ ސަރުކާރުން ނިންމާން ހުރި ކަންކަމަށެވެ. ވިސްނާ ވަރަކަށް ޒަލާގެ ހިތަށް ތަދުވެ ރޮވެއެވެ. ދުނިޔޭގައި ދުވަސްތައް ބޭކާރު ދުވަސްތަކަށް ހެދުނީތީއެވެ. 

ކޯޓުގައި ޝަރީޢަތް ފެށިއްޖެއެވެ. ދެ ޢާއިލާގެ އެންމެން ތިބީ ހަމަހިމޭވެފައެވެ. ޙާމިދާއާއި ސަމީން އިންތިޒާރު ކުރަމުން ދިޔައީ ޒަލާއަށް މަރުގެ ޙުކުމް އިއްވާނެ ވަގުތަކަށެވެ. ފަހުބަސް އިއްވުމަށް ޒަލާއަށް ފުރުޞަތު ދީފިއެވެ. ޒަލާއަށް ބަލައިލެވުނީ ޙަސީންގެ ޢާއިލާއަށެވެ. ފުސްވެފައިވާ ދެލޮލުންނެވެ. ކަރުނަތަކުގެ ތެރެއިން މާ ރަނގަޅަކަށް މީހުން ވަކިވާ ގޮތެއް ނުވިއެވެ. އެހެންނަމަވެސް އެ ބަލަލުމުގައި ވަނީ އާދޭހެވެ. އެންމެ ފަހަރަކު ނަމަވެސް މަޢާފުދޭށޭ ބުނާކަހަލަ ގޮތަކަށެވެ.

[އަޅުގަނޑު އުޅެ ބޮޑުވީ ތަނަވަސްކަމުގެ ތަންމަތީގައި. ޢުމުރުން އެންމެ ދިހަ އަހަރު ވީއިރު މާމަ ނިޔާވުމަކީ އަޅުގަނޑު އެކަނިވާން މެދުވެރިވި ސަބަބު. މާމަ ނިޔާވުމާ އެކީ އަޅުގަނޑަށް މަގުއޮޅިއްޖެ. ދުނިޔޭގައި މަންމައާއި ބައްޕަ ތިބެމެ އެކަނިވެރިކަން އިޙްސާސް ކުރާންޖެހުނު. އަޅުގަނޑު ބަލާން ޙަވާލުވީ ބިދޭސީން. މައިންބަފައިން ދުނިޔޭގައި ތިބެ އެ ތަރުބިއްޔަތުން މަޙްރޫމްވުމަކީ އަޅުގަނޑު ރަނގަޅު މަގުން ކައްސައިލި ސަބަބު. އަޅުގަނޑަށް ކުރެވިފައިވާ ކުށްތަކަކީ މަޢާފު ޙައްޤު ކުށްތަކެއް ނޫން. ޢުމުރުން ދިހަ އަހަރުގެ ފަހުން މިހާތަނަށް އައިއިރު ނަމާދެއް ނުކުރަން. ކުރަން ނުވެސް އެނގޭ. ރޯދައެއް ދުވަހަކު ވެސް ނުހިފަން. ރޯދަ ހިފާން ހިތްވަރުދިނުމުގެ ބަދަލުގައި މައިންބަފައިންގެ ފަރާތުން ވެސް ރޯދަ ނުހިފާން ބާރުއެޅީ. ގްރޭޑް ދިހައެއްގައި އުޅެނިކޮށް ފިޒިކްސް ކިޔަވައިދޭން ގެނެވުނު ޓީޗަރ ދަސްކޮށްދިނީ އެހެން މަގެއް. ޖިންސީ އަރާމަކީ ކޮބައިކަން. އެ ކަމުގެ ސަބަބުން ކުޑައިރު ބޮޑުމީހަކަށްވެ ނިމިއްޖެ. މައިންބަފައިންނަށް އެ ކަމެއް ހިނގިކަމެއް ނުވެސް އެނގޭނެ. އެހާ މިނިވަންކޮށް އުޅެން ލިބުނީ. އޭގެ ފަހުން ސެލޫންގެ ނަމުގައި ހުޅުވީ މަސާޖުކުރާނެ ތަނެއް ނުވަތަ ނާސިގެއެއް. އެ ތަނުގެ ބޭނުމަކީ ފިޒިކްސް ޓީޗަރު ދަސްކޮށްދިން ހުނަރު ތަރައްޤީކުރުން. ރިޒޯޓްތަކަށް ގޮސް ނާޗަރަންގީ ކުޅުނިން. ރާވެސް ބުއިން. ނުވިތާކަށް ޖުވާ ވެސް ކުޅުނިން. އަންހެން ކުދީން ތިބެން ޖެހޭނީ ޢިއްފަތްތެރިކަން މަތީގައިކަން ވިސްނުނުއިރު ވަގުތު ފާއިތުވެއްޖެ. ގޯސްކޮށް އުޅުމުގެ ސަބަބުން ނުވެނުދާނެ އެއް ކަންތައް ވެއްޖެ. ނަހަލާލަށް ބަނޑުބޮޑުވެއްޖެ. އެކަން ސިއްރުކުރަން އެބޯޝަން ހެދީ ރާއްޖެއިން ބޭރަށްގޮސް. ފާފައެއްގެ މައްޗަށް ފާފައެއް ކުރަމުން ދާއިރު ކުރެވުނު ކަންކަމާމެދު ވިސްނައެއް ވެސް ނުލެވުނު. އެންމެ ފަހުން ސެލޫނަށް އައި، ވަރަށް މާތް އިންސާނަކު އަޅުގަނޑު އަތުން މަރައިލީން. އެއީ އޭނާ އުޅުނީ އަޅުގަނޑަށް ވިސްނައިދީ އެ ކަންތައް ހުއްޓުވަން. ނުހުއްޓައިފި ނަމަ އަޅުގަނޑުމެންގެ ސެލޫން ވާހަކަ ނޫސްތަކުގައި ލިޔާނަމޭ ބުނި. އެ ކަމުގެ ސަބަބުން އައިސްފައި ހުރި ރުޅީގައި ކުރެވުނު ކަމެއް އޭނާ މަރައިލުމަކީ. އަޅުގަނޑަށް ޙައްޤުވާ އަދަބަށް ތައްޔާރުވެގެން މި ހުރީ. އަޅުގަނޑު ކަހަލަ ވިޔާނުދާ އަންހެނަކަށް ޙައްޤު އަދަބަކީ މަރު. އަވަހަށް ނިޔާ ކަނޑައަޅުއްވާ."  ޒަލާގެ ވާހަކަ ނިމުނުއިރު އެތައް ބަޔަކު ލޮލުން ކަރުނަ އަތުވެއްޖެއެވެ. ޙަޤީޤަތުގައި ޒަލާއަށް އެހެން ދިމާވީ ކުޑައިރު ތެދުމަގު ދައްކާނެ ފަރާތެއް ނެތުމުންކަން ޒަލާގެ ވާހަކައިން އެނގެއެވެ. ޒަލާގެ އެންމެ ފަހު ޖުމްލަ ބުނެވުނު އިރު ގިސްލެވެއެވެ. އޭގެ ފަހުން އިސްޖެހި ގޮތަށް އިނީއެވެ.

ޙާމިދާއަށް ޒަލާ ފެނުނީ މައުޞޫމް ކުއްޖެއްގެ ގޮތުގައެވެ. އޭނާގެ ކަރުނަތައް އެކަމުގެ ހެތްކަކަށް ފުދެއެވެ. މިއަދު އޭނާ އެހުރި ކުރެވުނު ކުށް ޤަބޫލުކޮށްގެންނެވެ. ޒަލާގެ ތުންފަތް ތުރުތުރުއަޅާ ތަން ބަލާން އިން ޙާމިދާ ކުއްލިއަކަށް ތެދުވެއްޖެއެވެ. 

[އަޅުގަނޑު ޒަލާއަށް މަޢާފުކޮށްފިން. މިއަދު މަރަށްމަރު ހިފިއަސް އަޅުގަނޑުގެ ދަރިފުޅު އެނބުރިއެއް ނާންނާނެ. އޭގެ ބަދަލުގައި ޤާތިލަށް ދެވަނަ ފުރުޞަތެއް މި ދިނީ އޭނާ އިޞްލާހު ވުމަށްޓަކައި.] ޙާމިދާގެ އަޑު އިވުމާއެކު ޤާޟީ ވެސް ސިހުނެވެ. ޙާމިދާގެ އެ ބަސްތައްވީ މުޅި ކޯޓުގައި ތިބި ނޫސްވެރީން ވެސް ޙައިރާން ކުރުވި ބަސްތަކަކަށެވެ. އެތައް ބަޔަކަށް ޤަބޫލު ނުކުރެވިގެން ބަލާން ތިއްބެވެ. ޒަހުވާއާއި ފާހިމް ތިބީ އިސްޖެހިފައެވެ. ޒަލާގެ ބަދަލުގައި މިއަދު ޙުކުމް އިއްވަންވީ އެމީހުންނަށޭ ބުނާ ފަދައިންނެވެ. 

ޒަލާ މިނިވަންވެގެން ގެއަށް އަތުވެއްޖެއެވެ. ލިބުނު ދެވަނަ ފުރުޞަތަށް ޓަކައި މާތްﷲގެ ކިބަފުޅަށް ޙަމުދުކުރާ ޙާލުގައެވެ. ގެއަށް އައުމާއެކީ ނަމާދުކުރާނެ ގޮތް ދަސްކުރުމަށް ޓަކައި މީހަކު ގެނައެވެ. ގިނަގިނައިން ޤުރުއާން ކިޔަވައެވެ. ފުރިހަމަ ތަޢުބާއަކުން ތަޢުބާވިއެވެ. އިސްލާމް ދީނުގައި އަންގަވައިފައިވާ ގޮތަށް ހެނދުންއަޅައި ޢައުރަ ނިވައިކުރިއެވެ. މަންމައާއި ބައްޕައަށް މަޢާފުދީ، އެ މީހުންނަށް ހެޔޮކޮށްހިތައެވެ. މަގުމަތީން މުސްކުޅިއަކު ފެނިއްޖެނަމަ އެހީތެރިވެދެއެވެ. ކުރީގެ ރަޙުމަތްތެރީންނާ ދުރުވިއެވެ. ލިބުނު ދެވަނަ ފުރުޞަތު އެންމެ ހެޔޮ ގޮތުގައި ބޭނުން ކުރިއެވެ. 

ގޭގައި އިނދެގެން ފަހާން ދަސްކުރިއެވެ. މީހުންނަށް ހެދުން ފަހައިދީގެން ލިބުނު ފައިސާ އެއްކުރުމަށްފަހު ޙައްޖަށް ދިޔައެވެ. ޙައްޖުން އައުމަށްފަހު ޒަލާ ކައިވެނި ކުރީ ދީނީ ފޮތްތައް ދިން ފުލުސް އޮފިސަރާއެވެ. މިއަދު ޒަލާ އަކީ ލޯބިލޯބި ދެ ކުދީންގެ މަންމަ އެކެވެ. އެ ޢާއިލާއަކީ މިހާރު މުޖުތަމަޢު ބަލައިގަންނަ ދީންވެރި ޢާއިލާއެކެވެ. 

(ނިމުނީ)

އިދާރާ

އެނގޭތަ؟

ވާހަކަ