www.fanvai.info

Print

ފަލަކީ ޢިލްމާއި ކީރިތި ޤުރުއާން

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ސައިންސް

ކެޕްޓަން މުޙައްމަދު ޝަރީފު، ހ. އެލިއަތުވިލާ

މި ހިނގާ 1441 ވަނަ އަހަރުގެ ފިޠުރު ޢީދުގެ ހަނދާ ގުޅޭ ގޮތުން ކުރެވުނު ހޫނު ބަޙުސަކީ ވަރަށް ޚުތޫރަތްތެރި ވަގުތެއްގައި ކުރެވުނު ބަޙުސަކަށްވެފައި ތިޔަ ޢިއްޒަތްތެރި ޢިލްމުވެރީންގެ ތެރެއިން ޢިއްޒަތްތެރި ބައެއް ޢިލްމުވެރީން ކޮންމެވެސް ވަރަކަށް އަޅުގަނޑުގެ ރައުޔު ހޯއްދަވަމުން ވެސް ގެންދެއްވުމާއި އަދި މި ދާއިރާގައި އަޅުގަނޑު ވަރަށް ކުޑަކުޑަކޮށް ނަމަވެސް ހޭކިލެވުމުގެ ހެޔޮނަސީބު الله سبحانه وتعالى މިންވަރު ކުރައްވައިފައި ވުމުން ކޮންމެސް ބަހެއް ދަންނަވާން ޤަސްދުކުރަމެވެ.

ފަހަރެއްގައި ވެސް ތިޔަ ޢިތްޒަތްތެރި ޢިލްމުވެރިންގެ ޢިލްމުވެރިކަމާމެދު އަދި ޢަޤީދާއާމެދު، އަޅުގަނޑުގެ ހިތުގައި އެއްވެސް ޝައްކެއް އޮތީއަކީ ނޫނެވެ. ނަމަވެސް ވިސްނުން ކޮށި މީހަކަށް ނުވަތަ ބަޔަކަށް އެފަދަ ގޮތަކަށް ވިސްނިގެން ހިނގައިދާނޭ ގޮތަކަށް ތިޔަ ފަދަ ޢިތްޒަތްތެރި ޢިލްމުވެރީންގެ ބަހުސް ނުދާނޭ ގޮތަކަށް ދީނީ އަދި ޢިލްމީ ދަލީލުތަކުގެ މައްޗަށް ބައްޓަންކުރުން ކިހިނެއްވާނެތޯ ދަންނަވައިލާން އަޅުގަނޑުގެ ހިތަށް އެރީއެވެ.

ފާހަގަކުރެވޭ ފުރަތަމަ ނުކުތާއަކީ މިކުރެވެމުންދާ (ހަނދާ ބެހޭ) ބަހުސަކީ الله سبحانه وتعالىގެ ކުޅަދުން ވަންތަ ކަމާމެދު ކުރަމުން ގެންދާ ބަހުސެއް ނޫން ކަމާއި ކުޅަދުންވަންތަ ކަމާމެދު، މުސްލިމަކަށްވެ ހުރެ، އެ ސީޣާއިން ސުވާލެއް ވެސް ނޫފެއްދޭނެކަމީ ތިޔަ ޢިއްޒަތްތެރި ޢިލްމުވެރީންނަށް ވަންހަނާވެގެން ވާނޭ ކަމެއްކަމަކަށް އަޅުގަނޑަކަށް ނުވިސްނެއެވެ.

އަނެއް ނުކުތާއަކީ الله سبحانه وتعالىގެ ޒާތުފުޅުގައި މުސްތަޙީލް ސިފަތަކެއް ވާކަމީ ވެސް ކޮންމެ މުސްލިމަކު ޤަބޫލު ކުރުން ވާޖިބު ސިފަފުޅުތަކެކެވެ. ވީމާ އަޢުރާފު ސޫރަތުގެ 54 ވަނަ އާތުގައި ވަޙީކުރައްވާފައި ވަނީ: [إِنَّ رَبَّكُمُ اللَّهُ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ فِي سِتَّةِ أَيَّامٍ ثُمَّ اسْتَوَىٰ عَلَى الْعَرْشِ يُغْشِي اللَّيْلَ النَّهَارَ يَطْلُبُهُ حَثِيثًا وَالشَّمْسَ وَالْقَمَرَ وَالنُّجُومَ مُسَخَّرَاتٍ بِأَمْرِهِ ۗ أَلَا لَهُ الْخَلْقُ وَالْأَمْرُ ۗ تَبَارَكَ اللَّهُ رَبُّ الْعَالَمِينَ] ([ހަމަކަށަވަރުން، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއީ، ހަ ދުވަހުގެ ތެރޭގައި، އުޑުތަކާއި ބިން ހެއްދެވި اللَّهއެވެ. އެއަށްފަހު، އެކަލާނގެ عرشގެ މައްޗަށް استواءވެ ވޮޑިގެންވިއެވެ. އަދި އެކަލާނގެ ރޭގަނޑުން ދުވާލު ފޮރުއްވާލައްވައެވެ. (އެއިން ކޮންމެ އެއްޗެއް) އަވަސްކަމާއެކު (އަނެކައްޗެއް) ހޯދައިގަނެއެވެ. އަދި އިރާއި، ހަނދާއި، ތަރިތައް، އެކަލާނގެ أمرފުޅަށް ކިޔަމަން ކުރައްވާފައިވާ ގޮތުގައި ހެއްދެވިއެވެ. ދަންނާށެވެ! ހެއްދެވުމާއި أمرކުރެއްވުންވަނީ، އެކަލާނގެއަށް خاصވެގެންނެވެ. عالمތަކުގެ ވެރި اللَّه މަތިވެރިވެ ވޮޑިގެންފިއެވެ.]) (سورة الأعراف:54)

އަދިވެސް އެކަލާނގެ ވަޙީކުރައްވައިފައިވެއެވެ. [أَلَمْ تَرَ أَنَّ اللَّهَ يُولِجُ اللَّيْلَ فِي النَّهَارِ وَيُولِجُ النَّهَارَ فِي اللَّيْلِ وَسَخَّرَ الشَّمْسَ وَالْقَمَرَ كُلٌّ يَجْرِي إِلَىٰ أَجَلٍ مُّسَمًّى وَأَنَّ اللَّهَ بِمَا تَعْمَلُونَ خَبِيرٌ] ([ހަމަކަށަވަރުން، ދުވާލުގެ ތެރެޔަށް ރޭގަނޑު ވައްދަވައި އަދި ރޭގަނޑުގެ ތެރެޔަށް ދުވާލު ވައްދަވައި އަދި އިރާއި ހަނދު، خدمةތެރި ކުރެއްވީ، اللَّهކަން ތިބާޔަކަށް ނޭނގޭހެއްޔެވެ؟ (އެއިން) ކޮންމެ އެއްޗެއް ކަނޑައަޅުއްވާފައިވާ މުއްދަތަކަށް ހިނގަހިނގާ ހުރެތެވެ. އަދި ހަމަކަށަވަރުން، اللَّهއީ، ތިޔަބައިމީހުން ކުރާ عملތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.]) (سورة لقمان:29)

އަދި މިފަދައިން ވެސް ވަޙީކުރައްވައެވެ. [وسَخَّرَ لَكُمُ اللَّيْلَ وَالنَّهَارَ وَالشَّمْسَ وَالْقَمَرَ ۖ وَالنُّجُومُ مُسَخَّرَاتٌ بِأَمْرِهِ ۗ إِنَّ فِي ذَٰلِكَ لَآيَاتٍ لِّقَوْمٍ يَعْقِلُونَ]  ([އަދި އެކަލާނގެ ރެއާއި، ދުވާލާއި، އިރާއި، ހަނދު، ތިޔަބައިމީހުންނަށްޓަކައި خدمة ތެރި ކުރެއްވިއެވެ. އަދި ތަރިތައްވެސް ވަނީ އެކަލާނގެ أمر ފުޅުން خدمة ތެރި ކުރައްވާފައެވެ. ހަމަކަށަވަރުން، އެ ހުރިހާ ކަންތަކުގައި ވިސްނާ ބަޔަކަށް ހެކިތަކެއްވާކަން ކަށަވަރެވެ.] (سورة النحل:12)

އަދިވެސް ވަޙީކުރައްވަތެވެ. [وَهُوَ الَّذِي جَعَلَ لَكُمُ النُّجُومَ لِتَهْتَدُوا بِهَا فِي ظُلُمَاتِ الْبَرِّ وَالْبَحْرِ ۗ قَدْ فَصَّلْنَا الْآيَاتِ لِقَوْمٍ يَعْلَمُونَ] ([އަދި އެކަލާނގެއީ، ތިޔަބައިމީހުންނަށްޓަކައި ތަރިތައް ލެއްވި ރަސްކަލާނގެއެވެ. (އެއީ) ތިޔަބައިމީހުން، އެއިން އެއްގަމާއި، ކަނޑުގައި (ރޭގަނޑުގެ) އަނދިރިކަމުގެ ތެރޭގައި، މަގު ދެނެގަތުމަށްޓަކައެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ آيةތައް ވަކިވަކިން ބަޔާންކޮށްދެއްވީ، ދަންނަ ބަޔަކަށެވެ.]) (سورة الأنعام:97).

އިރުހަނދާއި ތަރިތަކަކީ الله سبحانه وتعالى އަށް ކިޔަމަންކުރައްވައިފައި، އަދި އިންސާނިއްޔަތަށް ޚިދުމަތްތެރިކުރައްވާފައި ވާ ނިޒާމެކޭ ވަޙީ ކުރެއްވުމުން އެއްވެސް މުސްލިމަކު މި ކަމާ އިންކާރުކޮށް. އެއްދުވަހު އިރުހަނދު، ތަންކޮޅެއް ލަހުން ނުވަތަ އަވަހަށް ނުވަތަ އިރުއެރުއްވުން ވެސް ލަސްކުރެއްވުމަށް ވަޙީކުރައްވައިފާނެޔޭ ވިދާޅުވާނަމަ، އެއީ ހިތާމަކުރާންޖެހޭ ފަދަ ވިސްނުންފުޅެވެ. އަދި އޭރުން الله سبحانه وتعالىގެ ސުންނަތާމެދު ސުވާލުއުފެއްދުނީ ނޫންބާވައޭ ވެސް އަޅުގަނޑު ހިތަށް އަރައެވެ. އަދި މިކަމުގައި އޮތް އެންމެ ޞައްޙަ ގޮތް އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ވެސް ހަމަ ތިޔަ ޢިއްޒަތްތެރި ޢިލްމުވެރީންނަށް ކަމަށް ވެސް އަޅުގަނޑު ޤަބޫލުކުރަމެވެ. 

މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. "مَّا كَانَ عَلَى النَّبِيِّ مِنْ حَرَجٍ فِيمَا فَرَضَ اللَّـهُ لَهُ ۖ سُنَّةَ اللَّـهِ فِي الَّذِينَ خَلَوْا مِن قَبْلُ ۚ وَكَانَ أَمْرُ اللَّـهِ قَدَرًا مَّقْدُورًا ] ([اللَّه، ނަބިއްޔާއަށް ހުއްދަކޮށްދެއްވި ގޮތާމެދު، އެއްވެސް ކުށެއް ފާފަޔެއް  އެ ނަބިއްޔާއަކަށް ނުވެއެވެ. (އެއީ) އިސްވެދިޔަ ނަބިއްޔުންގެ ތެރޭގައި ވެސް اللَّه، ކަން ހިންގެވި ގޮތެވެ. އަދި اللَّهގެ امرފުޅު އެއީ، ކަނޑައެޅި ނިޔާކުރައްވައިފައިވާ ނިޔާއެއް ކަމުގައި ވެއެވެ.]) (سورة الأحزاب:38) 

އެހެން އާޔަތެއްގައި މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. [سُنَّةَ اللَّـهِ فِي الَّذِينَ خَلَوْا مِن قَبْلُ ۖ وَلَن تَجِدَ لِسُنَّةِ اللَّـهِ تَبْدِيلًا ] ([އެއީ އިސްވެދިޔަ މީހުންނާމެދު، اللَّه، ކަންހިންގެވިގޮތެވެ. އަދި اللَّه ކަންހިންގަވާ ގޮތަށް ބަދަލެއް އަންނާތީ ކަލޭގެފާނަކަށް ފެނިވަޑައެއް ނުގަންނަވާނެތެވެ.]) (سورة الأحزاب: 62)

ހަމަ މި މޭރުމުން އެހެން އާޔަތެއްގައި ވަޙީކުރައްވައިފައިވެއެވެ. [سُنَّةَ اللَّـهِ الَّتِي قَدْ خَلَتْ مِن قَبْلُ ۖ وَلَن تَجِدَ لِسُنَّةِ اللَّـهِ تَبْدِيلًا ] ([(އެއީ) މީގެކުރީން ވެސް اللَّه އެކަލާނގެ (އަޅުތަކުންނާމެދު) ކަންހިންގަވާފައިވާ ގޮތެވެ. އަދި اللَّه ކަންހިންގަވާ ގޮތަށް ބަދަލެއް އަންނާތީ ކަލޭގެފާނަކަށް ފެނިވަޑައެއް ނުގަންނަވާނެތެވެ.]) (سورة الفتح:23)

އިރާއި ހަނދު ހިނގަނީ އެއްވެސް ތަފާތެއް ނެތި ބަރާބަރު ޙިސާބެއްގެ މަތީންކަން ބަޔާންކުރައްވައި މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. [الشَّمْسُ وَالْقَمَرُ بِحُسْبَانٍ ] ([އިރާއި، ހަނދު، ބަރާބަރު ހިސާބެއްގެ މަތިންހިނގައެވެ.]) (سورة الرّحمن:5)

الله سبحانه وتعالى އިރާއި ހަނދު ބާރާބަރު ޙިސާބެއްގެ މަތީން ލައްވާފައި ވާހަކަ ވަޙީކުރެއްވުމުން އެ ކަމުގައި ފިސާރި ހަމަކަމެއް، ބަރާބަރު ކަމެއް، ހުންނާނެކަމީ ކޮންމެ މުސްލިމަކު ޤަބޫލުކުރުން ވާޖިބު ކަމެކެވެ. އަދި الله سبحانه وتعالىގެ ސުންނަތް ބަދަލު ނުކުރައްވާނެ ވާހަކަ ތަކުރާރުކުރައްވައި ވަޙީކުރެއްވުމުން ވެސް ހަމަ އެހެން ގޮތަކަށް ބަދުލުކުރައްވައިފާނެތޯ ނުވަތަ ނޫންތޯއޭ ސުވާލު އެފެއްދިދާނޭތޯ އަޅުގަނޑުގެ ހިތާއިހިތާ ސުވާލުކޮށްލަމެވެ. ތިޔަ ޢިއްޒަތްތެރި ޢިލްމުވެރީން ޖަވާބު ދެއްވާނެ ކަމާމެދަކު އަޅުގަނޑު ޝައްކެއް ނުކުރަމެވެ. 

ވީމާ الله سبحانه وتعالىގެ މިވަޙީ ބަސްފުޅާމެދު ސައިންޓިފިކް ގޮތުން ވިސްނައިލަމާތޯއެވެ!

ފަލަކީ ޢިލްމަކީ މުޅި އިންސާނިއްޔަތަށް ވަރަށް މުހިންމު އަދި އެހާމެ ބޭނުންތެރި ފައިދާ ކުރުވަނިވި ޢިލްމެއްކަމަށް ކީރިތި ޤްރުއާންގެ ސުރަތުލް ބަޤަރާ 164 އާޔަތުން ވެސް ވަރަށް ސާފުކޮށް އެނގޭން އޮވެއެވެ. 

[ފަލަކީ] މިލަފުޒު ނެގިފައި އޮތީ ޢަރަބި ބަހުގެ [ފަލަކު] މި ލަފުޒުންނެވެ. އަދި ޢަރަބި ބަހުގައި މި ލަފުޒުގެ ބޭނުންކުރާ އެއް މާނައަކީ އޯބިޓް ނުވަތަ ކައުނުގައިވާ ހެވެންލީ ބޮޑީއެއް ބުރުޖެހުމުގައި އެ އެއްޗެއްގެ ޒާތުގައި ނުވަތަ އެހެން އެއްޗެއްގެ ވަށައިގެން އެނބުރޭ އެނބުރުމަށް ކިޔާނަމެކެވެ. ވީމާ ޢަރަބި ބަހުގެ މިލަފުޒުގެ އިސްތިލާޙީ މާނައަށް ބަލާއިރު [ފަލަކީ ޢިލްމު]އަކީ ކައުނުގައި އިރު ހަނދާއި ތަރިތައް ދައުރު ކުރާ ގޮތުގެ ޢިލްމަށް ކިޔާ ނަމެކެވެ.

މީގެ އިތުރަށް، ފަލަކީ ޢިލްމަކީ، މި ބިމާއި އިރު ހަނދާއި ތަރިތައް، ޖައްވުގެ ތެރޭގައި ދަތުރުކުރާ ދުވެއްޔާއި، އެ ތަކެތި ދަތުރުކުރާ ފަލަކުގެ ކުޑަބޮޑުމިނާއި ބައްޓަމާއި، އެ ތަކެތި އެކަތި އަނެކައްޗާ ދެމެދުގައި ހުންނަ ދުރުމިނާއި، މިފަދަ ޢިލްމީ އެތައް ޙަޤީޤަތްތަކަކަށް ބިނާކޮށް، އިރާއި ހަނދު، އަރައި އޮއްސޭނެ ވަގުތާއި، މި ބިމާއި އިރާއި ހަނދު، އެކަތި އަނެކައްޗާ ހުރަސްވެ ނިވައިވާނެ (ކޭތަ ހިފާނެ) ވަގުތުތަކާއި، މި ބިމާއި އިރާއި ހަނދު އެއްއުއިވެ (الإقْتِرَانُ ނުވަތަ conjunction) ވާނެ ވަގުތުތަކާއި، މިފަދަ ޢިލްމީ ޙަޤީޤަތްތައް ބަޔާންކޮށްދޭ ޢިލްމެކެވެ. ނަމަވެސް ފަލަކީ ހިސާބުން ބުނާ ބުނުންތައް (ނަމާދު ވަގުތުތަކާއި، އިރާއި ހަނދު އަރައި އޮއްސޭ ވަގުތާއި، ކޭތަ ހިފާ ވަގުތުތައް) ބަރާބަރަށް ދިމާވަނީ އެކަމުގެ ހިސާބު ހަދާ މީހުންގެ މޮޅުކަމަކުން ނޫނެވެ. އެއީ ވެސް ﷲގެ ޤުދުރަތްތެރިކަމާއި ކަށަކުޅަދުންވަންތަކަމުގެ މަތިވެރިކަން ސާބިތުވާ ދަލީލުތަކެކެވެ. [الشَّمْسُ وَالْقَمَرُ بِحُسْبَانٍ ] ([އިރާއި، ހަނދު، ބަރާބަރު ހިސާބެއްގެ މަތިންހިނގައެވެ.]) (سورة الرّحمن:5)

ވީމާ، ވަގުތު ދެނެގަތުމުގެ އަސާސަކީ އިރުހަނދާއި ތަރިތައްކަން، ވަރަށް ސާފުކޮށް މުޅި އިންސާނިއްޔަތަށް، ވަރަށް ޞަރީޙަ ޢިބާރާތުން އަންގަވާފައި ވާކަން އެނގެއެވެ. މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. [فَالِقُ الإِصْبَاحِ وَجَعَلَ اللَّيْلَ سَكَنًا وَالشَّمْسَ وَالْقَمَرَ حُسْبَانًا ذَلِكَ تَقْدِيرُ الْعَزِيزِ الْعَلِيمِ] ([އެކަލާނގެއީ، ފަތިހުގެ އަލިކަން ނެރުއްވި ރަސްކަލާނގެއެވެ. އަދި ހަމަހިމޭންކަމުގެ ވަގުތެއް ކަމުގައި، ރޭގަނޑު ލެއްވި ރަސްކަލާނގެއެވެ. އަދި (ވަގުތު ދެނެގަތުމަށްޓަކައި) ހިސާބެއްކަމުގައި އިރާއި، ހަނދު ލެއްވި ރަސްކަލާނގެއެވެ. އެއީ، މޮޅަށް ދެނެވޮޑިގެންވާ، ގަދަފަދަވަންތަ ރަސްކަލާނގެ މިންވަރު ކުރެއްވުމެވެ.]) (سورة الأنعام:96).

އިރާއި، ހަނދާއި އަދި ދުނިޔޭގެ ދައުރު ކުރުމުގެ ހަމަކަމަށް ބަލާއިރު ދުނިޔެ އިރުވަށައިގެން ޖަހާ ބުރަށް ވިސްނައިލަމާތޯއެވެ! މި ގޮތުން ބަލާއިރު ދުނިޔެ އާއި އިރާއި ދެމެދު ދުނިޔެ އިރާއި އެންމެ ކައިރިވާ ދުރުމިނަކީ 149،341،078 ކިލޯ މީޓަރެވެ. އެއީ މީލާދީ ސަނަތުގެ ކޮންމެ  ޖެނުއަރީ މަހެއްގެ 3 ވަނަ ދުވަހެވެ. އަދި އިރު ދުނިޔެއާ އެންމެ ދުރަށް ދާނީ ކޮންމެ ޖުލައި މަހެއްގެ 4 ވަނަ ދުވަހުގައެވެ. ދުރުމިނަކީ 152،102،196 ކިލޯމީޓަރުވެސްމެއެވެ. މިފަދަ ބޮޑު ފަލަކެއްގައި ނުވަތަ ބުރު ޖެހުމުގައި ދުނިޔެ ހޭދަކުރަނީ 365 ދުވަހާއި 5 ގަޑިއާއި 48 މިނެޓާއި 45 ސިކުންތާއި 138 މިލި ސިކުންތެވެ. އެއްކޮޅަށް ކުޑަކޮށް އަނެއް ކޮޅަށް ބޮޑު ކޮށް އޮންނަ ފަލަކެއްގައި ދުނިޔެ ބުރުޖަހަމުން މިދަނީ އިންސާނުން ޙައިރާންވާ ދަރަޖައިގެ ހަމަ މިނެއްގައެވެ. އެ ބުރު ކޮންމެ ފަހަރަކު ވެސް ފުރިހަމަ ކުރުމަށް ޓަކައި ހޭދަވަނީ ހަމަ އިސްވެ ބަޔާން ކުރެވުނު ވަގުތެވެ. ސުބުޙާނަ الله އެވެ! ސިކުންތެއްގެ މިލިއަން ބައިކުޅަ ބަޔަކަށް ވެސް ތަފާތެއް ނާންނަ ކަމީ އިންސާނާ ޙައިރާންވެ އަންތަރީސް ކުރުވަނިވި ކަމެކެވެ.  މިއީ މި ނިޒާމު ދައުރު ކުރުމުގައި ހުރި ފުރިހަމަކަމެވެ. ނަމަވެސް މި ހަމަކަމުގެ ވާހަކަ الله سبحانه وتعالى ރަޙްމާން ސޫރަތުގެ 5 އާޔަތުގައި ވަޙީ ކުރައްވާފައި ވަނީ މީގެ 1400 އަހަރު ކުރީންނެވެ. މި އިލްމުގެ ފުރިހަމަ ކަން އިންސާނުން ނަށް އެނގުނީ ދާދިފަހުންކަމަށް ވީނަމަވެހެވެ. ﷲގެ ކުޅަދުންވަންތަކަމުގެ ބޮޑުކަމާއެވެ!  [الشَّمْسُ وَالْقَمَرُ بِحُسْبَانٍ ] ([އިރާއި، ހަނދު، ބަރާބަރު ހިސާބެއްގެ މަތިންހިނގައެވެ.]) (سورة الرّحمن:5)

އިރާއި ހަނދު ގެ ދައުރާނާ އަށް ކުޑަކުޑަ ބަދަލެއް އަޔަސް ހީނުކުރާ ކަހަލަ  ބޮޑެތި ކާރިސާތަކަކާ ކުރިމަތިވެ މުޅި އިންސާނީ ނަސްލު ވެސް ނެތިގެން ދާނެ ކަމީ މިޒާމާނުގެ ޢިލްމަށް ހާމަވެފައިވާ ސައިންޓިފިކް ޙަޤީޤަތްތަކެއްކަން ވެސް ވަނީ ހޯދިފައެވެ. الله سبحانه وتعالى މި ފުރިހަމަ ނިޒާމު ލައްވަވައިފައިވާ އެ ފުރިހަމަ ކަން ވެސް ދެނެގަތުމަށް ޓަކައި އިންސާނިއްޔަތަށް ތަކުރާރުކޮށް އަންގަވައިފައި ވާކަން ވެސް ޔޫނުސް ސޫރަތުގެ 101 ވަނަ އާޔަތުން ނާއި އާލްއިމްރާންގެ 190 ވަނަ އާޔަތުން އެނގެއެވެ. އަދި އެ ކަންކަމާމެދު، ބަލައި، ވިސްނައި، ހޯދާ މީނުންނަށް ތަޢްރީފުގެ ބަސް ފުޅު އާލްއިމްރާންގެ 191 ވަނަ އާޔަތުގައި ވަޙީކުރައްވާފައި ވާކަމީ ވެސް ފެންނާން އޮތް ޙަޤީޤަތެކެވެ. މި ގޮތުން ބަލައި ހޯދައި، ވިސްނައި ފިކުރުކުރުމުން، ޢިލްމުގެ އަލީގައި ހާމަވާ ޙަޤީޤތަކީ މިނިޒާމު މިހާ ފުރިހަޔަށް ދައުރު ވުމަށްޓަކައި الله سبحانه وتعالى ސަބަބު ތަކެއް ލައްވަވާފައި ވާކަމެވެ. އަންނަނިވި އާޔަތްތަކަށް ނަޒަރު ހިންގައިލަމާތޯއެވެ!  [اللَّـهُ الَّذِي رَفَعَ السَّمَاوَاتِ بِغَيْرِ عَمَدٍ تَرَوْنَهَا ۖ ثُمَّ اسْتَوَىٰ عَلَى الْعَرْشِ ۖ وَسَخَّرَ الشَّمْسَ وَالْقَمَرَ ۖ كُلٌّ يَجْرِي لِأَجَلٍ مُّسَمًّى ۚ يُدَبِّرُ الْأَمْرَ يُفَصِّلُ الْآيَاتِ لَعَلَّكُم بِلِقَاءِ رَبِّكُمْ تُوقِنُونَ ] ([اللَّهއީ، ތިޔަބައިމީހުންނަށް ފެންނަ ތަނބުތަކަކާ ނުލައި، އުޑުތައް އުފުއްލެވި ރަސްކަލާނގެއެވެ. ދެން عرشގެ މައްޗަށް އެކަލާނގެ استواءވެވޮޑިގަތެވެ. އަދި އިރާއި، ހަނދު خدمةތެރި ކުރެއްވިއެވެ. (އެއިން) ކޮންމެ އެއްޗެއް ކަނޑައެޅިގެންވާ މުއްދަތަކަށް ހިނގަހިނގާ ހުރެތެވެ. ހުރިހާ ކަމެއް އެކަލާނގެ تدبيرކުރައްވަތެވެ. آيةތައް تفصيلކޮށްދެއްވަތެވެ. (އެއީ) ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއާ ބައްދަލުވާނޭކަން، ތިޔަބައިމީހުން يقينކުރުމަށްޓަކައެވެ.]) (سورة الرّعد: 2)

އެހެން އާޔަތެއްގައި ވަޙީކުރައްވަނީ މިފަދައިންނެވެ. [خَلَقَ السَّمَاوَاتِ بِغَيْرِ عَمَدٍ تَرَوْنَهَا ۖ وَأَلْقَىٰ فِي الْأَرْضِ رَوَاسِيَ أَن تَمِيدَ بِكُمْ وَبَثَّ فِيهَا مِن كُلِّ دَابَّةٍ ۚ وَأَنزَلْنَا مِنَ السَّمَاءِ مَاءً فَأَنبَتْنَا فِيهَا مِن كُلِّ زَوْجٍ كَرِيمٍ]  ([ތިޔަބައިމީހުންނަށް ފެންނަ ތަނބުތަކަކާ ނުލައި، އެކަލާނގެ އުޑުތައް ހެއްދެވިއެވެ. އަދި ތިޔަބައިމީހުންނާއިގެން އެ ބިން ތެޅިފޮޅިގެންފާނެ ކަމަށްޓަކައި، ހަރުލައި ހުންނަ ފަރުބަދަތައް، ބިމުގައި އެކަލާނގެ ލެއްވިއެވެ. އަދި ހިނގާބިނގާ އުޅޭ އެންމެހާ ބާވަތްތަކުގެ ދިރޭ ތަކެތި އެބިމުގައި ފެތުރުއްވިއެވެ. އަދި ތިމަންރަސްކަލާނގެ އުޑުން ފެންވެއްސެވީމެވެ. ދެން އޭގެ ސަބަބުން އެ ބިމުގައި މަންފާ ގިނަ ރަނގަޅު ހުރިހާ ބާވަތަކުން، ގަސްގަހާގެހި ފެޅުއްވީމެވެ.]) ) سورة لقمان: 10)

މި ފަދަ އެހެން އާޔަތެއްގައި ވަޙީކުރައްވައިފައިވައިފައިވެއެވެ. [الَّذِي لَهُ مُلْكُ السَّمَاوَاتِ وَالْأَرْضِ وَلَمْ يَتَّخِذْ وَلَدًا وَلَمْ يَكُن لَّهُ شَرِيكٌ فِي الْمُلْكِ وَخَلَقَ كُلَّ شَيْءٍ فَقَدَّرَهُ تَقْدِيرًا ] ([އެކަލާނގެއީ، އުޑުތަކާއި، ބިމުގެ ވެރިކަން އެކަލާނގެއަށް ملكވެގެންވާ ރަސްކަލާނގެއެވެ. އަދި އެކަލާނގެ ދަރިކަލަކު ނުހިއްޕަވައެވެ. އަދި ވެރިކަމުގައި އެކަލާނގެއަށް އެއްވެސް ބައިވެރިޔަކު ނުވެއެވެ. އަދި އެކަލާނގެ ކޮންމެ އެއްޗެއް ހެއްދެވިއެވެ. ފަހެ، އެކަލާނގެ އެތަކެތި ވަރަށް ފުރިހަމަޔަށް މިންވަރު ކުރެއްވިއެވެ.]) (سورة الفرقان:2)

އަދިވެސް ވަޙީކުރައްވައިފައި ވެއެވެ. [إِنَّا كُلَّ شَيْءٍ خَلَقْنَاهُ بِقَدَرٍ] ([ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކޮންމެއެއްޗެއް ހައްދަވާފައިވަނީ، ކަނޑައަޅުއްވާފައިވާ ވަކިމިންވަރަކަށެވެ.]) (سورة القمر:49)

ވީމާ އިސްވެ ބަޔާން ކުރެވުނު 4 އާޔަތަށް ނަޒަރު ކޮށްލާއިރު ކައުނުގައި ވާނިޒާމްތައް ހިފެހެއްޓެއްވުމަށް ޓަކައި ނުފެންނަ ބާރުތަކެއް ލައްވަވައިފައިވާކަމާއި އަދި އެ ބާރުތައް ލައްވަވައިފައި ވަނީ ވަކި މިންވަރަކަށްކަން ވެސް ވަރަށް ޞަރީޙަ ޢިބާރާތުން ވަޙީކުރައްވައިފައި ވާކަން ހާމަވެއެވެ.

މި ގޮތުން މި ނިޒާމު އެއްވަރަކަށް ދައުރުވެ، އެކަތި އަނެކައްޗާއި މުޑިނާރައި، އެއް އިސްޕީޑެއްގައި ހިންގެވުމަށްޓަކައި ލައްވަވައިފައިވާ ބައެއް ބާރުތަކަކީ އިލެކްޓްރޯ މެގްނެޓިކް ފޯސް އާއި ގްރެވިޓޭޝަނަލް ފޯސް ކަން ޢިލްމަށްވަނީ ކަށަވަރުކުރެވިފައެވެ. މި ދެންނެވުނު ފޯސްތައް (ބާރުތައް) އިރާއި ހަނދާއި ދުނިޔޭގައި ލައްވަވައިފައި ވަނީ ތަފާތު މިންގަނޑަކަށް ކަން ވެސް، ޢިލްމަށް ވަނީ ކަށަވަރު ކުރެވިފައެވެ. އެ ގޮތުން މި މިންގަޑަށް ބަދަލު އަތުވެއްޖެ ނަމަ، ހަނދު ނުވަތަ ދުނިޔެ ވެސް ދައުރުކުރުމުގެ މިންގަޑަށް ބަދަލުއައިސް ލަސްވެ ނުވަތަ އަވަސް ވާނެއެވެ. ނަތީޖާއެއްގެ ގޮތުން ރޭދުވާލަށް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ. އަދި ހަނދު، ދުނިޔޭގެ ޖާޒުބިއްޔަތު ބާރުގެ ތެރެއަށް ދަމައިގަނެ، ނުވަތަ ދުނިޔޭގެ ފަޒާއިން ބޭރުވެގެން ހިގައި ދާނެއެވެ. އަދި މި ނިޒާމު، އޯފްބެލަންސް ވެއްޖެނަމަ (މާނައަކީ ދުނިޔޭގެ ޖާޒްބިއްޔަތުގެ ބާރަށް ކުޑަކޮށް ވެސް ބަދަލެއް އަތުވެއްޖެ ނަމަވެސް) ހަނދުގެ ހިނގުމަށް ބަދަލުއަތުވެދާނެއެވެ. ނަމަވެސް އެ ހިސާބަކުން އެކަން ނިކުނިއްޔަކީނޫނެވެ. ދުނިޔޭގެ ގްރެވިޓޭޝަނަލް ފޯސް އާއި މެގްނެޓިކް ފޯސް، މިހާރު މިހިރަ މިންވަރަށްވުރެ ކުޑަ ވެއްޖެނަމަ، އިރުގެ ގްރެވިޓޭޝަނަލް ފޯސް އަށް ދުނިޔެ ދަމައިއިގަނެގެން ދާނެކަމީ އިލްމަށް ހޯދިފައިވާ ޙަޤީޤަތެކެވެ. ނަތީޖާއަކީ މުޅިދުނިޔެ ފަނާވެގެން ދިޔުމެވެ. ހަމަ އެހެންމެ ދުނިޔޭގެ ގްރެވިޓޭޝަނަލް ފޯސް އިތުރު ވިޔަސް ހަނދު ހިނގާ މިންގަނޑަށް ބަދަލު އަންނާނެ އެވެ. އެކަމަކު އެހެންވެއްޖެ ނަމަ ދުނިޔެ އިރު ވަށައިގެން މިކުރާ ދައުރުވުމަށް ނިމުމެއް އައީއެވެ. ސޯލާސިސްޓަމުން ދުނިޔެ ބޭރުވެ ފަނާވެދާނެއެވެ. 

ނަމަވެސް (ﷲ ކަނޑައަޅުއްވައިފައިވާ މުއްދަތަކަށް) އެއްވެސް ބަދަލެއް ނާންނަ ގޮތުގައި ދާއިމަށް ހިނގަހިނގައި ހުނަވި ނިޒާމެއްގެ ގޮތުގައި  މި ނިޒާމު ވަނީ ލައްވައިފައެވެ. الله سبحانه وتعالى ވަޙީކުރައްވައި ވަނީ: [وَسَخَّرَ لَكُمُ الشَّمْسَ وَالْقَمَرَ دَائِبَيْنِ ۖ وَسَخَّرَ لَكُمُ اللَّيْلَ وَالنَّهَارَ] ﴿٣٣﴾ ([އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި، އިރާއި ހަނދު خدمة ތެރި ކުރެއްވިއެވެ. ކެނޑިނޭޅި ހިނގާގޮތުގައެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި، ރޭދުވާ خدمة ތެރި ކުރެއްވިއެވެ.]) (سورة إبراهيم: 33)

ވީމާ އަޅުގަނޑުމެންގެ ހިތަށް ފެންނަ ގޮތްތަކަށް މިކަހަލަ ދީނާއި ބަދަހި ގުޅުމަކުންގުޅިފައިވާ ޢިލްމީ ބޮޑެތި ވާހަކަތައް ދެކެވޭ އިރު، ތަންކޮޅެއް ބޮޑަށް ވިސްނާން ޖެހޭ ކަމަށް އަޅުގަނޑަށް ފެންނާތީވެ ތިޔަ ޢިތްޒަތްތެރި ޢިލްމުވެރީންގެ ސަމާލުކަމަށް ޓަކައި މިކަން ތިލަކޮށްލީމެވެ.

ބަޔަކު ނުވަތަ ސާޅީހަކަށް ފަންސާހަކަށް މީހަކު ދޭ ހެތްކެއްގެ ސަބަބުން الله سبحانه وتعالى ގެ ސުންނަތް (ޠަބީޢީ ޤާނޫނު)  ބަދަލު ވެގެން ނުދާނެ ކަމީ، ތިޔަ ފަދަ ޢިއްޒަތްތެރި ޢިލްމުވެރީންނަށް ވަންހަނާވެގެން ވާނޭކަމެއް ކަމަކަށް އަޅުގަނޑު ނުދެކެމެވެ.

ޖަމަލު ހަނގުރާއިމައިގައި ޢާއިޝާ (ރަޟިޔަﷲ ޢަންހާ) ހަބުވާބު ފެންގަޑާ ބެހޭ ގޮތުން ސުވާލުކުރެއްވުމުން ފަންސާހަކަށް ބޭކަލަކު ހެކި ނުދެއްވައިތޯއެވެ. ވީމާ މި އަސްލުގެ މައްޗަށް ވިސްނައިވަޑައިގަތުމުން ވެސް 40 މީހަކަށް ފެނުނު ހަނދުގެ ޙާލަތު ވެގެން އެ ދިޔައި ހަމަމިފަދައިން ނޫން ބާވައޭ ހިތަށް އަރައެވެ.

22/05/2020 ގެ ރޭގައި ސޯމާލިޔާ އާއި، އިތިއޯޕިއާއި، ކެންޔާ އާއި އަދި ޓެންޒޭނިޔާ އަށް ފަލަކީ ގޮތުން ހަނދު ނުލައްވާކަން 100 ޕަސެންޓް ސާބިތުވަނީ، މި 4 ޤައުމަށް އިރު އޮއްސުމުގެ 5 މިނެޓް އާއި 8 މިނެޓާއި ދެމެދުގެ ވަގުތެއްގައި އިރަށްވުރެ ކުރީން، ހަނދު އޮއްސޭކަން ފަލަކީ ޢިލްމުން ސާބިތުވާތީއާއި އިސްވެ ބަޔާންކުރެވުނު ދަލީލުތަކުގެ އަލީގައެވެ. އަދި އަނެއް ދަލީލަކީ މޮރޯކޯ އާއި ސެނަގޯލަށް ވެސް އިރު އޮއްސުމުގެ ކުރީން، ހަނދު އޮއްސޭކަން ފަލަކީ ޙިސާބަށް ސާބިތުވެއެވެ. ވީހިނދު، މޮރޯކޯއާއި، ސެނަގޯލްގެ އިރުމަތީގައި އޮންނަ އެއްވެސް ޤައުމަކަށް ހަނދު ފެނުމަކީ މުސްތަޙީލު ކަމެވެ. އަދި މިޞްރާއި މޯޒަންބީކަށް ވެސް ހަނދު ނުލައްވާކަމީ ފަލަކީ ގޮތުން އެނގޭން އޮތް ޙަޤީޤަތެކެވެ. 

މޮރޯކޯ އަކީ އެންމެ ޒަމާނީ ވަސީލަތްތައް ބޭނުން ކޮށްގެން ހަނދު ބަލަމުން ގެންދާ ޤައުމެކެވެ. ކޮންމެ މަހަކު ރަސްމީ ސިފައެއްގައި ހަނދުބަލާ އިސްލާމީ ޤައުމަކީ މަޣުރިބެވެ. އެ ޤައުމުގައި 270 ތަނެއްގައި ހަނދުބަލަމުން ގެންދަވަނީ ޤައުމުގެ ދިފާޢީބާރު މީހުންލައްވައެވެ. އެ މީހުންގެ ޒަމާނީ އާލާތްތަކަށް ވެސް ނުފެނުނު ހަނދެއް، އަދި އިރަށްވުރެ ކުރީން އޮއްސިފައި ހުރި ހަނދެއް އެފަދަ އެއްވެސް އާލާތެއް ބޭނުން ނުކޮށް ހަމަ ލޮލަށް ފެނުނު ކަމަށް އެއް މިލިއަން މީހުން ހެކި ދިނަސް އެކަމެއް، ޙަޤީޤަތަކަށް ނުވާނެއެވެ.

ފަހަރުގައި އެރޭ އެބޭފުޅުންނަށް ހަނދުގެ ސިފައިގައި ވީނަސް، ފެނުމަކީ އެކަށީގެން ވާ ކަމެކެވެ. އެހެނީ ވީނަސް ޕްލެނެޓަކީ ވަރަށް އަލިގަދަ ޕްލެނެޓެކެވެ. އިރު އޮއްސުނު ފަހުން އިރަށްވުރެ ތަންކޮޅެއް އުތުރުހުޅަގުން ވީނަސް ވަރަށް އަލިގަދަ ކޮށް ފެންނާން ހުންނާނެއެވެ. ވިލާގަނޑެއްގެ ސަބަބުން ކޫރުމެއް ނުވަތަ ހިލާލެއްގެ ސިފަ ކޮންމެވެސް ވަރަކަށް ޖެހި ހަނދު ހެން ހީވުމުގެ ފުރުޞަތު އެބައޮތެވެ. ވީމާ [ޕްލެނެޓް ވީނަސް] މި ދެންނެވި ގޮތަށް ފެނުމުން މީސްތަކުންނަށް އޮޅުން އެރުމަކީ އެކަށީގެން ވާކަމެކެވެ. ލޮލަށް ފެންނަ ފެނުމަކީ ޡަންނީ ކަމަކަށް ވަނީ މިކަހަލަ ކަން ކަން ދިމާވަމުން ދާތީއެވެ. 1984ވަނަ އަހަރު ސަޢޫދީ ޢަރަބިއްޔާގައި ރަމަޟާން މަހު 28 ރޯދަ ހިފުނީ ކީއްވެގެންތޯއެވެ. އެމީހުންނަށް ފެނުނީ ހަނދެއްނޫނެވެ. އެހެނަސް ޢާޠާރިދު (މާރކިޔުރީ)ޕްލެނެޓޭވެ. މި ޙާދިސާ އަށްވިސްނައިލާ އިރު، އެތައް މިލިއަން ބަޔެއްގެ ފަރުޟު ރޯދަ ގެއްލިގެން ދިޔައީ ހަމަ ޔަޤީނުން ވެސް ބަޔަކުދިން ހެކިބަހަކަށް ކަމީ ފާޅުކަން ބޮޑު ގޮތެއްގައި ފެންނަން އޮތް ޙަޤީގަތެކެވެ.

ފަލަކީ ޙިސާބުތައް ހަދަނީ، އިރު-ހަނދާއި ތަރިތައް ވެސް ދައުރުކުރުމުގައި ސިކުންތަކަށް ދައުރުކުރާ މިންވަރަށް ހަމަކޮށެވެ. ހަމަ އެފަދައިން ހަނދުކޭތައާއި އިރުކޭތަ ވެސް ހިފާގަޑި ބަލަމުން ގެންދަނީ ހަމަ މިހާ ހަމަކޮށް ބަރާބަރުކޮށެވެ. އަދި ދަންނަވަމެވެ. ކޭތަހިފާ ދުވަސްތައް 3000 އަހަރު ކުރިޔަށް ހަދައިފަހުރި ވާހަކަ ވެސް ތިޔަ ޢިތްޒަތްތެރި ޢިލްމުވެރީންގެ މަޢުލޫމާތަށްޓަކައި ދަންނަވައިލަމެވެ. އަދި ރާއްޖޭގައި ވެސް ކަލަންޑަރުގައި ކޭތަތައް ހިފާނެ ދުވަހާއި ގަޑި ދީފައި އެ ހުންނަނީ އެއް އަހަރު ކުރީންކަން ވެސް ފާހަގަކޮށްލަމެވެ. ވޭތުވެ ދިޔަ ދިގު މާޒީއަށް ބަލާއިރު، ކަލަންޑަރުގައި ކޭތަހިފާނެ ކަމަށް ބަޔާންކޮށްފައިވާ ގަޑިއަށް މިނެޓަށް އެ ކޭތައެއް ހިފައިފައި ވާކަމީ ފަލަކީ ހިސާބުގެ މުޢުތަބަރުކަމުގެ ކާފީ ހެތްތަކަކަށް ނުފުދޭތޯއެވެ! އަދި މުޅި ދުނިޔޭގެ އެންމެން ވެސް އެ ކޭތަތައް ބެލުމަށްޓަކައި ސަމާލުކަންދެމުން ގެންދާކަމީ ފާޅުކަން ބޮޑު ގޮތެއްގައި ފެންނާން ހުރި ދެބަސް ނުވެވޭނެ ޙަޤީޤަތެއްކަމާމެދު އެއްވެސް މީހަކު ދެބަހެއް ނުވާނެތެވެ. 

މިފަދަ މައުޟޫޢުތަކަށް ވާހަކަދައްކަވައި ޖަދަލުކުރައްވާއިރު، ކޮންމެވެސް ވަރަކަށް ފަލަކީ ޢިލްމުގެ ކޮންމެވެސް މިންވަރެއް އެނގިވަޑައި ގަންނަވާ ޢިލްމުވެރީންނަށް މި ދެންނެވި ކަންކަން ފަހުމުވެވަޑައިގަންނަވާނެއެވެ.

ވީހިނދު، އިރު ހަނދު ދައުރުކުރުމުގައި ތަފާތު ގޮތްގޮތް (އެއްފަހަރު ދައުރުވުން ލަސްވެ އަނެއްބައިފަހަރަށް އަވަސް) ވެދާނެ ކަމަށް ހީފުޅުވެވަޑައިގަންނަވާ ނަމަ، އެއީ ވަރަށް ވެސް ބޮޑު ކުށްހީއެކެވެ. އެކަން އިސްވެ ދެންނެވުނު ކީރިތި ޤްރުއާނުގެ މޫރިތި އާޔަތްތަކުގެ އަލީގައި އަދި ބަޔާންކުރެވުނު ސައިންޓފިކް ހެކިތަކުން ސާބިތުވާނެއެވެ.

ވީމާ އަޅުގަނޑުގެ އިޚުލާޞްތެރި އިލްތިމާސަކީ އިސްވެ ބަޔާންކުރެވުނު އާޔަތްތަކާމެދު، ތިޔަ ޢިއްޒަތްތެރި ޢިލްމުވެރީން ތަންކޮޅެއް ފުންކޮށް ވިސްނައިވަޑައިގެން، އަދި ސައިންޓިފިކް ގޮތުން ވިސްނިވަޑައިނުގަންނަވާ ނަމަ، އެ ކަން އެނގޭ ބަޔަކާ މަޝްވަރާކުރައްވައި މަޢުލޫމާތު ސާފުކުރައްވައިފި ނަމަ، މި ކަމުގެ ޙަޤީޤަތް ހާމަވެ އަލިވިލޭނެތީވެ، އެ ކަން މި ގޮތަށް ކުރެއްވެވުމެވެ. އޭރުން ހަމަ ޔަޤީނުންވެސް الله سبحانه وتعالى ތިޔަ ޢިއްޒަތްތެރި ޢިލްމުވެރީންނަށް މި ކަމުގައި ޝިފާއެއްދެއްވާނެ ކަމަށް އުންމީދުކުރެވެއެވެ.

އަޅުގަނޑުގެ އިޚުލާޞްތެރި ދުޢާއަކީ الله سبحانه وتعالى ތިޔަ ޢިއްޒަތްތެރި ޢިލްމުވެރީންނަށް ހެޔޮވިސްނުން މިންވަރުކުރައްވައި، ބައިބައިވުން ދުރުކުރައްވައި، ބަދަހިކަމާއެކު، އެއް އަސާސެއްގެ މަތީގައި ފައިތިލަތައް ސާބިތު ކުރެއްވުމުގެ ހެޔޮ ތައުފީޤު މާތް ﷲ މިންވަރު ކުރެއްވުމެވެ! އާމީން!

____________________________

www.fanvai.info